ދިވެހިންނަކީ ޤައުމިއްޔަތަށް ލޯބިކުރާ ޤައުމިއްޔަތަށްގޮސް ހުސްވެފައިތިބި ބައެކެވެ. ނަމުން ސައްތައިން ސައްތަ މުސްލިމުންނެވެ. މި "މުސްލިމް" ޤައުމިއްޔަތުގެ އަހުލުވެރިންނަށް ހިތާމައިން ފުރިގެންވާ ދުވަސްތަކެއް މިވަނީ ދާދި ފަހުން ކުރިމަތިވެފައެވެ. އެއީ ﷲގެ އިރާދަފުޅެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.
إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ ( يس 82 )
" އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ އަމުރުފުޅުވާކަން ކަށަވަރީ އެކަމަށް، "ވާށޭ" ވަޙީ ކުރެއްވުމުން ދެން އެކަމެއް ވެދެއެވެ. "
އާދޭހެވެ. 9/9/2011 ވީ ހުކުރުދުވަހު ކ.ހުރާގައި ހިނގައިދިޔަ ޙާދިސާއަކީ މި ހިތާމައިގެ މަލަމަތި ކަމުގައި ވަނީ ވެފައެވެ. މި ހިތާމައިގެ ތެރެއިން "ކައުންސިލިންގް" އޭ ކިޔާ ދުނިޔަވީ ބޭހެއް މި ޙާދިސާ ތަޖުރިބާ ކުރި ކުދިންނަށް ވަނީ ދޭންފަށައިފައެވެ. މި ކުދިންނަށް ވަނީ ނަފްސާނީ ގޮތުން ގެއްލުން ވެފައިޔޯލައެވެ.
ނަމަވެސް މި ޝައިޠާނީ މަޤްޞަދު ވަރަށްވެސް ސާފެވެ. އެއީ މަރު މަތިން ހަނދާންނައްތާލައި ދުނިޔޭގެ އުފަލާއި މަޖަލުގައި އެ ކުދިން ޝާމިލް ކުރުމެވެ. މިކަމުގައި މިބައިގަނޑު ޙަރަކާތްތެރިވާލެއް ނުހަނު އަވަހެވެ. ހިލޭސާބަހަށް މަސައްކަށްކޮށްދޭ އެކުވެރިންތައްވެސް އެހާމެ ގިނައެވެ.
މި ބޭސްދެނީ ނިޔާވި 5 މީހުންގެ މަރުގެ ސަކަރާތް ފެނިފައިތިބި ކުދިންނަށެވެ. މިފަދަ ޙާދިސާއެއް ލޮލަށްފެނި އެކަމުގެ ތަޖުރިބާ ކުރެވިފައިވާ ޅަ ސިކުނޑި ތަކަށް ވިސްނެންފެށި، ދުނިޔެއަށް ފޮނުއްވުމުގެ ބޭނުން ވިސްނިދާނެކަމުގެ ބިރު މިހާރު މިޤައުމިއްޔަތަށް މިވަނީ ހީވެފައެވެ. ކޮންމެ ވަގުތެއްގައި ކޮންމެތަނެއްގައި ވަނިކޮށްވެސް މަރު ތިމާއާއި ބައްދަލު ކޮށްފާނޭކަން ހިތައްވެރިވެ އިޞްލާޙްވެ ތަޢުބާ ވުމަށް އުޅުން ގައިކަން މިބައިގަނޑު ރަނގަޅަށް ދަނެއެވެ.
ތާރީޚް ހެކިދޭގޮތުގައި މިފަދަކަންތައްތައް ތަޖުރިބާކޮށްފައިވާ އެތަކެއް މީހުންނެއް ވަނީ ﷲގެ އިރާދަފުޅާއިއެކުގައި ދީނަށް ރުޖޫޢަވެފައެވެ. އަދި މި މީހުންގެ ސާބިތުކަމާއި އަޤީދާ މާވަރުގަދައެވެ. އެއީ އަމިއްލައަށް އެކަންތައްތައް ތަޖުރިބާ ކުރެވިފައިވާތީއެވެ. މި ޤައުމިއްޔަތުގައި ގިނައީ އެކަން ދަންނަ، އެއާ އިދިކޮޅަށް މަސައްކަތްކުރާ ވަސްވާހުން ފުރިފައިވާ "މުސްލިމުން"ނެވެ. ނަމަވެސް ﷲ ހިދާޔަތު ދައްކަވައިފި އަޅަކު މަގުފުރެއްދޭނޭ އިތުރު އެއްވެސް ފަރާތެއްނުވެއެވެ. އަދި ﷲ މަގުފުރައްދައިފި އަޅަކަށް ހިދާޔަތް ދައްކަވާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ދުޢާ އަކީ ﷲ އަޅަމެންނަށް ހިދާޔަތުދައްކަވައި އެމަގުގައި ސާބިތުކޮށް ދެއްވުމެވެ. އާމީން!
ކ.ހުރާގެ ހިތާމަވެރި ޙާދިސާއަށް ފަހު މިޤައުމިއްޔަތައް ހަމަ އެހަފްތާ ތެރޭގައިވަނީ ތަފާތު އެކި ޙާދިސާތައް ކުރިމަތިވެފައެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބްރަތްތަކެއް ޙާޞިލްވާނެއެވެ. ހުރާ ޙާދިސާއަށް ފަހުގައި ހުޅުމާލޭގައި އެކަކު މަރުވެ ސީރިއަސް ޙާލަތަކަށް ދެވަނަ މީހާ ދިއުމާއި، މާލޭ ގެއެއްގައި ރޯވެ ކުއްޖަކު މަރުވުމާއި، ދޯންޏެއް ފަރަށް އަރައި އެ ދޯންޏަށް ގެއްލުންވެ، ތެޔޮބޯޓެއް ރޯވެ އޭގައި ތިބި ތިން މީހުން ފިހުން ހިމެނެއެވެ. މިއީ އިމްތިޙާންނެކެވެ. ﷲގެ އަޅުތަކުން އެކަލާނގެ އަށް ކިޔަމަން ގަންނަނީ ކިހާވަރަކަށްތޯ ބެއްލެވުމައްޓަކައެވެ. މިފަދަ ކުދި ކޮންމެ ޙާދިސާ އަކީ ބޮޑު ޙާދިސާ އަކަށް ދެމުންދާ އިންޒާރެއްކަން ދަންނާށެވެ.
މިޤައުމިއްޔަތުގެ އަހުލުވެރިންނަށް މިއީ ވަރަށް ބޮޑު ޙާދިސާތަކެއް ކަމުގައި ވެއްޖެއެވެ. އެހެންނަމަވެސް މިއީ ވަރަށް ކުދި ކުދި ޙާދިސާތަކެކެވެ. ކޯފާގެ ވަރަށް ކުޑަ މިންވަރެކެވެ. މިއަށްވުރެއް މާ ނިކަމެތި ޙާލުގައި އުޅޭ އަހަރެމެންގެ މުސްލިމް ބައްޕައިންނާއި މަންމައިން، އަޚުންނާއި އުޚްތުން ވާކަން އަހަރެމެން ދަންނަންޖެހެއެވެ. އެބައިމީހުންވަނީ އެބައިމީހުންގެ އަމިއްލަ ގެދޮރުން ބޭރުކުރެވިފައެވެ. އެބައިމީހުންވަނީ ޖައްބާރުންގެ އަޅުވެތިކަމުގައެވެ. އެއީ އެބައިމީހުންނަށް ލިބިފައިވާ ހިތްދަތިކަމެކެވެ. ނިކަމެތި ކަމެކެވެ. ވީ އިރު އަމިއްލަ ގެދޮރުގައި "މިނިވަންކަމާއެކު" ނާޗަރަންގީ ކުޅެމުން ދާ މި ދިވެހި ޤައުމިއްޔަތުގެ އަހުލުވެރިންނަށް މި ދިމާވީ ބޮޑު ހިތާމަތަކެއް ތޯ އެވެ؟ ނުވަތަ ޢިބުރަތް ލިބިގަންނަންވީ ޙާދިސާތަކެއް ތޯ އެވެ؟
މި ބިމުގައިވަނީ ޤައުމީ ހިތާމައެވެ. އުމްމަތްވަނީ ހަނދާން ނައްތާލާފައެވެ. ހަޤީޤަތުގައި ޅަ ސިކުނޑި ތަކަށް ފޮރުވާފައެވެ. އަދި ވިސްނާދެމުން ދަނީ އުމްމަތް އެއީ ނުވާ ބައެކެވެ. އުންމަތައްޓަކައި އަހަރުމެންގެ ޒިންމާއެއް ނުވެއެވެ. އަދި އުންމަތަށްޓަކައި ހަނގުރާމަ ކުރަމުންދާ މުޖާހިދުންނަކީ ޓެރަރިސްޓުން ކަމުގައެވެ. ﷲ އަސީރުންނަށް ކެއްތެރިކަން ދެއްވައި، މުޖާހިދުންނަށް ނަސްރުދެއްވައި ސާބިތުކުންދެއްވާށިއެވެ. އާމީން!
އޭ އަޚުންނާއި އުޚްތުންނެވެ! ތިބާ މިއަދު ތިވަނީ ހެޔޮ ހާލުގައެވެ. ފުރިހަމަ މިނިވަންކަމާއެކުގައެވެ. ތިބާއަށް މަޖުބޫރުކަމެއް ނެތެވެ. ވީ އިރު ތިމާފަދަ މުސްލިމު، ނިކަމެތިންނަށް އެހީގެ އަތްތައް ފޯރުކޮށްދިނުމަށް ފަސްޖެހެންވީ ކީއްވެގެންތޯއެވެ؟ ތިބާ ޖާހިލުކަމުގައިވާއިރު ﷲގެ ކޯފާއެއް ޢަޛާބެއް ނާންނަކަމީ ތިބާ އެކަލާނގެއަށް ޝުކުރުކުރުން ޙައްޤުކަމެކެވެ. ތިބާ ތަޢުބާވެ ހެޔޮޢަމަލުކުރާށެވެ. މަރު ތިބާއަށް އަބަދުވެސް ކަޅި އަޅާކަން ތިބާ ދަންނާށެވެ.
މަރު ތިބާ އަތުލައިގަންނާނީ ކޮން ވަގުތެއްގައި ކަމެއް ޚުދު އެކަކަށް ވެސްނޭންގެއެވެ. އެހެން ކަމުން ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.
وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ ( لقمان 34 )
"އަދި އެއްވެސް ނަފްސަކަށް، އެނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭންގެއެވެ. އަދި އެއްވެސް ނަފްސަކަށް އެނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭންގެއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."
ﷲ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވެ ވޮޑިގެންވެއެވެ. އަދި ތަޢުބާ ވުމަށް ފުރުޞަތުދެއްވައެވެ. މިފަދަ ޙާދިސާތަކަކީ ތަޢުބާވުމަށް ފުރުޞަތެކެވެ. ވިސްނާ ފިކުރުކޮށް ތިބާގެ އަޤީދާ ވަރުގަދަ ކުރާށެވެ. ތިބާ ނަޞޫޙް ތަޢުބާއެއް ވުމަށްފަހުގައި ތިބާމައްޗަށްކުށެއް ނުވެއެވެ. އަދި ދެން ތިބާ ﷲގެ ދީނުގައި ފުރިހަމައަށް ސާބިތުވާށެވެ. ޤައުމިއްޔަތުގެ ބަދަލުގައި އުމްމަތް ދެކެތިބާލޯބިވާށެވެ.
އަދި އެކި ކަންކޮޅުތަކުގައިވާ މުސްލިމުންނަކީ ތިބާގެ އަޚުންނާއި އުޚުތުންކަމުގައި ތިބާދެކޭށެވެ. އަދި ތިބާއަށް އުންމަތައްޓަކައި ކޮށްދެވޭނީ ކޮންކަންތައްތަކެއްތޯ ބަލާ ހޯދާށެވެ. ސަލާމަތްކަން އޭރުން ތިބާއަށް ﷲ އިރާދަކުރެއްވިއްޔާ ލިބޭނެއެވެ.
وَاللّهُ يَدْعُو إِلَى دَارِ السَّلاَمِ وَيَهْدِي مَن يَشَاء إِلَى صِرَاطٍ مُّسْتَقِيمٍ ( يونس 25 )
" ﷲ ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެނަވާ ތެދުމަގަށް އެކަލާނގެ މަގުދައްކައެވެ."
0 comments:
Post a Comment