13 ސެޕްޓެމްބަރ 2011 -
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށް ދިއުމުގެ ބިރު އުފެދިފައިވާތީ، އެފަދަ ކަމެއް މެދުވެރި ވެއްޖެ ނަމަ ރާއްޖޭގެ އާބާދީގެ ކޮންމެ ވެސް ބައެއް އިންޑިޔާ އަށް ގެންދިއުމަށް ޓަކައި އިންޑިޔާ އިން ބިން ގަތުމަށް ދިވެހި ސަރުކާރުން ވިސްނަމުންދާ ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސް އިން އިއްޔެ ބުނެފި އެވެ.ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ހަވާލާދެއްވައި، ހިންދުސްތާން ޓައިމްސްގައި އިއްޔެ ބުނެފައި ވަނީ ރާއްޖެ ދޫކޮށް ދާން ބޭނުންވާ މީހުންނަށް ދެވޭނެ ގޮތެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށާއި ދިވެހި ރާއްޖޭގެ ޒިންމާދާރު ކޮންމެ ސަރުކާރަކުން ވެސް އެކަމުގައި އެފަދަ ގޮތަކަށް ވިސްނާނެ ކަމަށެވެ.
"ބިންގަތުމާ މެދު އަޅުގަނޑުމެން އިންޑިޔާ ސަރުކާރާއި އަދި ރަސްމީ ގޮތުން ވާހަކައެއް ނުދައްކަން. އެހެން ނަމަވެސް އަހަރެމެންނަށް އިންޑިޔާ އިން ބިން ގަނެވޭ ގޮތަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށް އަޅުގަނޑުމެން މިއަންނަނީ އަބަދު ވެސް އިންޑިޔާގެ އޮފިޝަލުންނަށް ދަންނަވަމުން،" ރައީސް ނަޝީދު ވިދާޅުވި ކަމަށް ހިންދުސްތާން ޓައިމްސްގައިވެ އެވެ.
އެ ނޫހުގައި އިތުރަށް ބުނެފައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބައެއް އަޑިއަށް ގޮސް ބައެއް ރައްޔިތުން އެހެން ގައުމަކަށް ހިޖުރަކުރަން ޖެހުމަކީ ރައީސް ނަޝީދު ބޭނުންފުޅު ވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަތީ ފެންވަރުގެ ކެމްޕޭނެއް އެމަނިކުފާން ކުރައްވަމުން ގެންދަވަނީ އެހެންވެ ކަމަށް ވެސް އެނޫހުގައިވެ އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަޑިއަށް ހިނގައިދާނެތީ ދުނިޔޭގެ އެހެން ގައުމަކުން ބިން ގަތުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ދުނިޔޭގެ މީޑިޔާތަކުގައި ކުރިން ވެސް އަޑު ފެތުރުނެވެ.
0 comments:
Post a Comment