ވަޙީއަކީ އެއްވެސް ޙާލެއްގައި ރަސޫލުންގެ ޒާތީ ތަޖުރިބާއެއްގެ މައްޗަށް ބިނާކޮށް އެބޭކަލުން އަމިއްލައަށް ގެންނަވާ ވާހަކަތަކެއްނޫނެވެ. އަދި ވަޙީގެ ޙާލަތަކީ މެޑިޓޭޝަންފަދަ ރޫޙާނީ ކަސްރަތުތައްކޮށްގެން ޙާޞިލްކުރެވިދާނެ ދަރަޖައެއްނޫނެވެ.
އެއާޚިލާފަށް ވަޙީއަކީ ދެފަރާތެއްގެ ދެމެދުގައި ގުޅުވައިދޭ މުއާސަލާތެކެވެ. އެތަނުން އެއްފަރާތަކީ މުޚާޠަބު ކުރައްވާ، އަމުރުކުރައްވާ އަދި ދެއްވާ ފަރާތެވެ.
އަނެއް ފަރާތަކީ މުޚާޠަބުކުރެވޭ، އަމުރުވެވޭ، އަދި ލިބޭ ފަރާތެވެ. އެއްވެސް ޙާލެއްގައި މުޙައްމަދުގެފާނަށް ނުވަތަ އެހެން އެއްވެސް ރަސޫލަކަށް އެއްކައުވަންތަ ފަރާތާއި އަމިއްލަ ޒާތާއި އޮޅިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނުވެސް، އެހެނިހެން އިންސާނުންނެކޭ ވެސް އެއްފަދައިން، މާތްﷲގެ ޙަޟްރަތުގައި ތަވާޟުޢުވެރިވަޑައިގަންނަވައެވެ. އަދި އެކަލާނގެއަށް އުރެދިވަޑައިގެންފިނަމަ އަތުވެދާނޭ ކޯފާއަކާމެދު ބިރުފުޅުވަޑައިގަންނަވައެވެ. އަދި އެކަލާނގެ ރަޙްމަތަށް އުންމީދުކުރުވައެވެ.
އެކަލޭގެފާނު ކަންކަމުގައި މާތްﷲގެ ޙަޟްރަތުން މަދަދަށް އެދިވަޑައިގަންނަވައެވެ. އަދި ކުރުމަށް އަމުރުކުރެއްވޭކަންކަން ކިޔަމަންތެރިކަމާއެކު އަދާކުރައްވައެވެ. އަދި ބައެއްފަހަރު ޚުދު އެކަލޭގެފާނާމެދު އިންޒާރުގެ ބަސްފުޅު ޤުރުއާނުގައި އައިސްފައިވެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ، އެކަލޭގެފާނަށް ޤުރްއާނުގެ އެންމެ އަކުރަކަށްވެސް ބަދަލުގެންނަން ނުކުޅެދިވަޑައިގަންނަވާކަމަށް އިޢުތިރާފުވެވަޑައިގަންނަވާފައެވެ. ޔޫނުސް ސޫރަތުގެ 15-16 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.
وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ لاَ يَرْجُونَ لِقَاءنَا ائْتِ بِقُرْآنٍ غَيْرِ هَذَا أَوْ بَدِّلْهُ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِن تِلْقَاء نَفْسِي إِنْ أَتَّبِعُ إِلاَّ مَا يُوحَى إِلَيَّ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ . قُل لَّوْ شَاء اللّهُ مَا تَلَوْتُهُ عَلَيْكُمْ وَلاَ أَدْرَاكُم بِهِ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِّن قَبْلِهِ أَفَلاَ تَعْقِلُونَ
މާނައީ: އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނެތެވެ. ތިޔަނޫން އެހެން ޤުރްއާނެއް ގެނެސްދެއްވާށެވެ! ނުވަތަ އެޤުރްއާންއަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެބަދަލުކުރެއްވުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަށް މެނުވީ، ތިމަންލޭގެފާނު ތަބަޢުވެވަޑައެއް ނުގަންނަވަމެވެ.
ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޒާބަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެޑައިގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެއާޔަތްތައް ތިޔަބައިމީހުންނަށް ވިދާޅުވެއެއް ނުދެއްވީމުހެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެއާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފެހެ، މީގެކުރިން ތިޔަބައިމީހުންގެ ތެރޭގައި އެތައްދުވަހެއް ވަންދެން (އެބަހީ: ސާޅީސް އަހަރުވަންދެން) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހުންނެވީމެވެ. (މިބާވަތުގެ ވާހަކައެއް ނުދައްކަވަމެވެ.) ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
(މިއާޔަތުން ޞިފައިގެ ގޮތުންނާއި އެކުލެވުމުގެ ގޮތުން، ޚާލިޤާއި ޚަލްޤުތަކާއި ހުރި ތަފާތު އެނގިގެންދެއެވެ.)
މާތް ރަސޫލާގެ ވާހަކަފުޅުތަކާއި (ޙަދީޘް) މާތްﷲގެ ސީދާ ވަޙީބަސްފުޅަކީ ވަޙީގެ ނަތީޖާއަށްވާ ހިނދުވެސް އެދޭތި ފަރަޤުކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.އެގޮތުން ނަބީކަމުގެ ކުރީކޮޅު ޤުރުއާންފިޔަވާ އެކަލޭގެފާނު ވިދާޅުވާ އެހެނިހެން ތަކެތި ލިޔުއްވުންމަނާ ކުރެއްވިއެވެ. މިކަމުގެ ސަބަބުން އިންސާނުންގެ ވާހަކަތަކުން ސަލާމަތްވެގެންވާގޮތެއްގައި، މާތް ﷲގެ ބަސްފުޅު ވަކިވެ ފާހަގަވެގެންދިޔައެވެ.
މީގެއިތުރުން މާތްރަސޫލާ އެކަލޭގެފާނުގެ އަމިއްލަ ޚިޔާލުފުޅުތަކާއި ބަސްފުޅުތަކާއި މާތްﷲގެ ޙަޟްރަތުން ލިބިވަޑައިގަންނަވާ ވަޙީއާ ފަރަޤުކުރައްވައެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަކީވެސް ތިޔަބައިމީހުންފަދައިން އިންސާނެކެވެ. (ތިމަންކަލޭގެފާނުގެ) ޚިޔާލުތައް ރަނގަޅުވެ އަދި ނުރަނގަޅުވެސް ވެދާނެއެވެ. އެކަމަކު ދަންނާށެވެ! މާތް ﷲއަށް ނިސްބަތްކޮށް ތިމަންކަލޭގެފާނު ދޮގު ނުވަތަ ނުރަނގަޅު ވާހަކައެއް ވިދާޅެއްނުވާނަމެވެ."
މާތް ރަސޫލާއަށް ލިބިވަޑައިގަންނަވާ ވަޙީގައި އެކަލޭގެފާނުގެ އެއްވެސްބާރެއް ނުވެއެވެ. ވަޙީއަކީ އެކަލޭގެފާނުގެ ހަށިކޮޅާމުޅިން އެކަހެރި ބާރެކެވެ. އެކަލޭގެފާނަކަށް އެވަޙީއަށް ބަދަލުގެނެސް އުނިއިތުރުކުރުމުގެ ބާރެއް ލިބިވަޑައިގެނެއްނުވެއެވެ. މިކަމަށް ބާރުދޭ އެއްހެއްކަކީ، ބައެއްފަހަރު މާތް ރަސޫލާއަށް ނުވަތަ އެކަލޭގެފާނުގެ އަޞްޙާބުންނަށް އަވަސް ޙައްލެއްބޭނުންވާ ޒާތުގެ މުޞީބާތެއް ކުރިމަތިވެދާނެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި އެކަމުގެ ޙައްލެއްގެ ގޮތުން ކިޔަވާވިދާޅުވާނެ އާޔަތެއް ޤުރުއާނުން އެކަލޭގެފާނަށް ފެނިވަޑައިނުގަންނަވާފާނެއެވެ. އެކަލޭގެފާނަށް މިފަދަ ޙާލަތްތަކުގައި ޖެހިވަޑައިގަންނަވަނީ މާތްﷲ އެކަލާނގެ މަތިވެރި ޙިކްމަތުގެ ދަށުން ވަޙީ ބާވައިލައްވަންދެން ކެތްތެރިކަމާއެކު ހަނުހިމޭނުން ހުންނެވުމަށެވެ.
މިފަދަ އެއްމިސާލަކީ އިފްކުގެ ވާހަކައެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ދޮގުތުހުމަތުން ބަރީއަވެގެންވާ ހާލު، މުނާފިޤުން އެކަމަނާއަށް އެކަމުންތުހުމަތު ކުރަމުން ގެންދިޔައެވެ. އަދި މީހުން މާތް ރަސޫލާގެ ހިތްޕުޅަށް ދަތިވާނޭޒާތުގެ ވާހަކަތައް ދައްކަމުން ގެންދިޔައެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅު އުދާސްތަކުން ކެކިއުތުރިއަރަމުން ދިޔައިރުވެސް އެކަމެއް މަނައެއް ނުކުރެއްވުނެވެ.
އެކަލޭގެފާނަށް ވިދާޅުވެވުނު ހަމައެކަނި ބަސްފުޅަކީ: "އޭ ޢާއިޝާއެވެ! ތިމަންއެކަލޭގެފާނު އެކަމެއް ނުވަތަ މިކަމެއްގެ ޚަބަރު އައްސަވައިފީމުއެވެ. ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ މާތް ﷲ އެކަން ހާމަކޮށްދެއްވާނެއެވެ. އަދި ކަމަނާ ކުށަކަށް އަރާވަޑައިގަންނަމަ، މާތްﷲގެ މަޣްފިރަތަށް އެދިވަޑައިގަންނަވާށެވެ."
މިގޮތަށް ފުރިހަމަ މަސްދުވަސް ވޭތުވެދިޔަމަށްފަހު، އެކަމަނާ އެތުހުމަތުކުރެވޭ ކަމުން ބަރީއަވެގެންވާކަމާއި މާތް ރަސޫލާގެ އަހުލުބައިތުންގެ ޢިއްފަތްތެރިކަން ހާމަކޮށްދޭ ވަޙީބާވައިލެއްވުނެވެ.
ކުރުކޮށްދަންނަވަނީނަމަ، ވަޙީއާ އެވަޙީ ބައްވާއިލެއްވޭ ފަރާތުގެ އެދުންތަކާއި ނިންމާގޮތްތަކާއި އެއްވެސް ގުޅުމެއްނުވެއެވެ. އެއީ އެކަހެރިކޮށް ހިންގާ އާދަޔާ ޚިލާފު ކަމެކެވެ. އެއީ ޢިލްމުން ބާރުލިބިގެންވާ ޢިލްމު ގެނެސްދޭ ވަސީލަތެކެވެ. އެއީ ކުށްތަކުން މިންޖުވެގެންވާ އެއްޗެކެވެ. އެއަންނަނީ ހަމައެކަނި ޙައްޤާއިގެންނެވެ. އަދި އެއިން މަގުދައްކައިދެނީ ހަމައެކަނި ޙައްޤަށެވެ.
މަލާއިކަތުންނާއި ރަސޫލުންނަށް ވަޙީބާވައިއިލެއްވޭ ގޮތް:
ޤުރުއާނުން އެނގޭ ގޮތުގައި މާތް ﷲ މަލާއިކަތުންނަށް ބަސް ވަޙީކުރައްވައެވެ. އަންފާލް ސޫރަތުގެ 12 ވަނަ އާޔަތުގައި އެކަލާނގެ މާތް ﷲ ވަޙީކުރެއްވިއެވެ.
إِذْ يُوحِي رَبُّكَ إِلَى الْمَلآئِكَةِ أَنِّي مَعَكُمْ فَثَبِّتُواْ الَّذِينَ آمَنُواْ
މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބޭކަލުންނާ އެކުގައެވެ. ފަހެ އީމާންވި މީހުންނަށް ސާބިތުކަން ދެއްވާށެވެ!
މަލާއިކަތުންނަށް ވަޙީއިއްވަވަނީ މާތްﷲ އެބޭކަލުންނަށް ބަސްވަޙީކުރެއްވުމުންނެވެ. އަދި އެބޭކަލުންނަށް އެވަޙީކުރެއްވިބަސް އިވިވަޑައިގަތުމުންނެވެ.
އިންސާނުންގެ ތެރެއިން އެކަލާނގެ އިޚްތިޔާރު ކުރައްވާފައިވާ ރަސޫލުންނަށް ވަޙީއަންނަނީ މެދުވެރިއަކާނުލާ ސީދާކޮށް ނުވަތަ މެދުވެރިއަކާއެކު ނުސީދާކޮށެވެ. މެދުވެރިއަކާއެކު ވަޙީއަންނަ ހިނދު، އެވަޙީއާއިގެން ވަޑައިގަންނަވަނީ ޖިބްރީލް އަމީނެވެ. ދެގޮތަކަށް މިގޮތުން ވަޙީ ބާއްވާލެއްވިއެވެ.
1. ވަޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާ ރަނގަބީލުގެ އަޑުފައްގަނޑުފަދަ އަޑަކާއިގެން ވަޑައިގަންނަވައެވެ. މިއީ ކީރިތި ރަސޫލާއަށް ވަޙީ ބާއްވައިލައްވަވާއިރު އެންމެ އުނދަގޫގޮތެވެ. މިފަދަ ބާރު ގަދަފަދަ އަޑަކުން މުޚާޠަބު ކުރެވޭ ފަރާތުގެ ފުރިހަމަ ސަމާލުކަން އަތުލައިގަނެއެވެ. މިގޮތަށް ވަޙީއަންނަ ހިނދު މާތްރަސޫލާގެ ނަފްސަށާއި އެހެނިހެން ކަންކަމަށް ބުރަބޮޑުވެގެންދެއެވެ.
2. ވާޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާ އިންސާނެއްގެ ސިފައިގައި ވަޑައިގަންނަވައެވެ. މިއީ ކުރިން ދެންނެވި ގޮތަށްވުރެއް ފަސޭހަ ގޮތެކެވެ. އެހެނީ އޭރުން މަލަކޫތީ ރަސޫލާއާ އިންސާނީ ރަސޫލާ މުޢާމަލާތުކުރަން ފަސޭހަވާނެތީއެވެ.
އަލްޙާރިޘް އިބްން ހިޝާމް ވަޙީ އަންނަގޮތާ ބެހޭގޮތުން ސުވާލުކުރެއްވި ހިނދު މާތްރަސޫލާ ވަނީ މިދެގޮތުގެ ވާހަކަ ކިޔައިދެއްވާފައެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ބައެއްފަހަރު އެކަލޭގެފާނު (ވަޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާ) ރަނގަބީލުގެ އަޑުފައްގަނޑު ފަދައިން ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވައެވެ. މިއީ ތިމަންކެލޭގެފާނަށް އެންމެ ދަތި އަދި ބުރަ ގޮތެވެ. ދެން އެކަލޭގެފާނު ވިދާޅުވެދެއްވާ އެއްޗެއް ދަސްކުރައްވަމުއެވެ. އަދި ބައެއްފަހަރު އިންސާނެއްގެ ސިފައިގައި އެމަލާއިކަތާ ވަޑައިގަންނަވައެވެ. އަދި ތިމަންކަލޭގެފާނާ ވާހަކަދައްކަވާ ހެއްދެވުމުން އެވިދާޅުވެދެއްވި އެއްޗެއް ދަސްކުރައްވަމުއެވެ."
ސީދާކޮށް ވަޙީއަންނަނީ ދެގޮތަކަށެވެ.
1. ސީދާތެދު ހުވަފެނެއް: އެގޮތުން ޢާއިޝަތުގެފާނު ރިވާކުރައްވާފައިވެއެވެ. "އެކަން (ވަޙީ) ފެށުނީ ނިދުމުގެ ތެރޭގައި ފެންނަ ސީދާތެދު ހުވަފެނަކުންނެވެ. އެކަލޭގެފާނަށް ހުވަފެނެއް ފެނިވަޑައިގެންފިނަމަ އެފެނިވަޑައިގަތްގޮތަށް، ދުވާލުހާ ސާފުކޮށް، އެކަމެއް ހިނގައެވެ."
މިއީ މާތް ރަސޫލާ ހޭލާ ހުންނަވައިގެން ވަޙީލިބިވަޑައިގަތުމަށް ތައްޔާތުކުރެއްވުމުގެ ގޮތުންދެވޭ ފެށުމެކެވެ. މުޅިޤުރުއާން ބާވައިއިލެއްވުނީ އެކަލޭގެފާނު ހޭލާހުންނަވަނިކޮށެވެ.
ރަސޫލުބޭކަލުންނަށް ފެނިވަޑައިގަންނަވާ ހުވަފެނަކީ އެއާއެއްގޮތަށް އަމަލުކުރައްވަންޖެހޭ ވަޙީގެ ބައެއްކަން އަންގައިދޭ އެންމެ ރަނގަޅު އެއްމިސާލަކީ އިބްރާހީމްގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން ޤުރުބާންކުރެއްވުމަށް އަމުރުފުޅެކެވެ. ޞާއްފާތު ސޫރަތުގެ 101-111 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.
كَذَلِكَ نَجْزِي الْمُحْسِنِينَ . إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
މާނައީ: ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި) ޙިލްމުވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނަށް ދެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެދަރިކަލުން މަސައްކަތް ކުރައްވައު އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެއެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެދަރިކަލުން ދެންނެވިއެވެ. އޭބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.
ފެހެ އެ ދެބަފައިކަލުން (ﷲއަށް) ބޯލަނބައި ކިޔަމަންވެ، އެދަރިކަލުން ނިތްކުރިވަތަށް ބޭއްވިހިނދު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ! އޭ އިބްރާހީމްގެފާނޭވެ! ހަމަކަވަރުން، ކަލޭގެފާނު ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިހާނެއްކަން ކަށަވަރެވެ. އަދި ޤަދަރު ބޮޑުވެގެންވާ ޛަބީޙެއް (އެބަހީ: ކަތިލައްވާނޭ ކަންބަޅިއެއް) ދެއްވައި ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި ފަހުން އަންނަނިވި އުންމަތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ. އިބްރާހީމްގެފާނުގެ މައްޗަށް ސަލާމް ހުށްޓެވެ. އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، އަކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ މުއުމިނުއަޅުންގެ ތެރެއިންނެވެ.
އެހުވަފެންފުޅަކީ އެއަށް ތަބަޢަވެވަޑައިގަންނަވަންޖެހޭ ވަޙީއެއްކަމުގައި ނުވާނަމަ އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޤުރުބާންކުރައްވަން ނުއުޅުއްވީސްކަން ކަށަވަރެވެ. ނަމަވެސް އެކަލޭގެފާނު އަކަލޭގެފާނުގެ ދަރިކަލުން ޤުރުބާން ކުރައްވަން ޤަޞްދުކުރެއްވިއެވެ. އަދި އެކަން ހުއްޓަވާލައްވާ އެހެން އެއްޗެއް ޤުރުބާންކުރެއްވީ މާތް ﷲ އެގޮތަށް ކަންކުރެއްވުމަށް އަމުރުކުރެއްވީމައެވެ.
ސީދާ ރަނގަޅު ހުވަފެން ފެންނަނީ ހަމައެކަނި ރަސޫލު ބޭކަލުންނަކަށް ނޫނެވެ. މުއުމިނުންނަށްވެސް ރަނގަޅު ހުވަފެން ފެނިދާނެއެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ވަޙީއެއްނޫނެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ނަބީކަމުގެ އަސަރުތަކުގެ ތެރެއިން ހެޔޮ ޚަބަރުތައް ފިޔަވާ އެހެން އެއްޗެއް އިތުރަކަށް ނުވެއެވެ." އެހެޔޮ ޚަބަރުތަކަކީ ކޮބައިތޯ ސުވާލުކުރެވުމުން ޙަދީޘްކުރެއްވިއެވެ. "ހުވަފެނެވެ."
2. ދެވަނަ ގޮތަކީ ފަރުދާއެއްގެ އަނެއްފަރާތުން މާތް ﷲ އެކަލޭގެފާނަށް ސީދާބަސް ވަޙީކުރެއްވުމެވެ. މާތް ﷲ މިގޮތަށް މޫސާގެފާނަށްވެސް ބަސް ވަޙީކުރެއްވިއެވެ. އަޢްރާފް ސޫރަތުގެ 143 ވަނަ އާޔަތުގައި އެކަލާނގެ މާތް ﷲ ވަޙީކުރެއްވިއެވެ.
وَلَمَّا جَاء مُوسَى لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِي أَنظُرْ إِلَيْكَ قَالَ لَن تَرَانِي وَلَكِنِ انظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي فَلَمَّا تَجَلَّى رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ موسَى صَعِقًا فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَاْ أَوَّلُ الْمُؤْمِنِينَ
މާނައީ: ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް މޫސާގެފާނު ވަޑައިގެންނެވުމުން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް ވަޙީކުރެއްވިއެވެ.
އަދިވެސް ނިސާ ސޫރަތުގެ 164 ވަނަ އާޔަތުގައި އެކަލާނގެ މާތް ﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا النَّاسُ قَدْ جَاءكُم بُرْهَانٌ مِّن رَّبِّكُمْ وَأَنزَلْنَا إِلَيْكُمْ نُورًا مُّبِينًا
މާނައީ: އަދި (މެދުވެރިއެއްނެތި) މޫސާގެފާނަށް ﷲ ބަސް ވަޙީކުރެއްވިއެވެ.
މިގޮތަށް މާތް ﷲ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަސްވަޙީކުރެއްވި އެއްޙާދިޘާއަކީ އިސްރާއާއި މިޢުރާޖުގެ ޙާދިޘާއެވެ. އެރޭ އަކަލޭގެފާނު މަލަކޫތީ ޢާލަމަށް ގެންދެވުނެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ސީދާ ބަސްވަޙީކުރެއްވިއެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައިވަނީ ވަޙީބާވައިލެއްވުމުގެ މިދެންނެވި ގޮތްގޮތް ބަޔާކޮށްދެއްވާފައެވެ. އެގޮތުން ޝޫރާ ސޫރަތުގެ 51 ވަނަ އާޔަތުގައި އެކަލާނގެ މާތް ﷲ ވަޙީކުރެއްވިއެވެ.
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاء حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاء إِنَّهُ عَلِيٌّ حَكِيمٌ
މާނައީ: ވަޙީއަކުން (އިލްހާމަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ މަލާއިކަތަކު ފޮނުއްވައި، އެކަލާނގެ އިޒުނަފުޅާއަކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ވަޙީކުރެއްވުމުންމެނުވީ އެއްވެސް އާދަމުގެ ދަރިއަކަށް މާތް ﷲ ބަސްވަޙީކުރެއްވުމެއް ނުވެއެވެ. އެކަލާނގެއީ، މަތިވެރިވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
0 comments:
Post a Comment