" އެއުރެންފަދަ
ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ
ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ
އެންމެހާތަކެތި ހައްދަވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މާތްﷲ
އީ ހުރިހާކަމަކަށް އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ
ކުޅަދުން ވަންތަކަމުގެ ހެކިތައް ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި
ކަމުގައިވިޔަސް މިހިރަގެން ދަނީ ފެންނަމުންނެވެ. މި ލިޔުމުގައި މި ބަލާލަނީ
އެފަދަ ބައެއްކަންކަމަށެވެ.
= ކޮންމެ ދިރޭ އެއްޗެއް ހައްދަވާފައި ވަނީ ފެނުން:
ތިރީގައި
މި ބަޔާން ކުރާ ޤުރުއާނުގެ އާޔަތުގައި މިކަން މާތް ﷲ
ބަޔާންކޮށްދެއްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އެކަލާނގެ ވަހީ
ބަސްފުޅުގެ މާނައިގައި ވެއެވެ. " ހަމަކަށަވަރުން އުޑުތަކާއި ބިން އެކަތި
ގަނޑަކަށް ވެފައިވަނިކޮށް ފަހެ، ތިމަން ރަސްކަލާނގެ އެދޭތި ވަކި
ކޮށްލެއްވިކަން، ކާފިރުވީ މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަން
ރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ އެއުރެން
އީމާން ނުވަނީ ހެއްޔެވެ؟" ( ސޫރަތުލް އަންބިޔާއު- 30)
މިއަދުގެ
ސައިންސަށް ބަލާލުމުންވެސް އަހަރެމެންނަށް އެނގިގެންދަނީ ސެލްގެ މުހިންމު
ބައެއް ކަމުގައިވާ ސައިޓޮޕްލާޒަމް ގެ 80 ޕަސެންޓަކީ ފެންކަމެވެ. އަދި މީގެ
އިތުރުން ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި އިންސާނާގެ ހަށިގަނޑުގެ
މުހިންމު ބައިތަކަށް 50 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އަދަދަކަށް ފެން
ބޭނުންވެއެވެ. އަދި ކޮންމެ ދިރޭ އެއްޗެއްވެސް ދިރި ހުރުމަށްޓަކާ ފެނަކީ
ވަރަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.
މި ފަދަ ހޯދުންތައް
ސައިސްވެރިންނަށް ހޯދިފައިވަނީ މިއަދު ކަމުގައިވިޔަސް، މީގެ ސާދަ ސަތޭކަ
އަހަރުކުރިން ބާވާލެއްވި ކީރިތި ޤުރްއާނުގައި މިވާހަކަތައް
ބަޔާންކޮށްދެއްވާފައި ވުމުން މި ޤުރްއާނުގެ ވެރި ރަސްކަލާނގެ
ކުޅަދުންވަންތަ ވެރިކަމާމެދު ޝައްކު ކުރެވޭނެ ޖާގަ އެބައޮތްތޯއެވެ؟
މިކަމުން އަހަރެމެންނަށް ދޭހަވަނީ މާތް ﷲގެ ކުޅަދުންވަންތަ ވެރިކަމެވެ.
އަންނަނިވި
އާޔަތްތަކާއި މެދު ވިސްނާލައްވާށެވެ. އެކަލާނގެ ވަހީ ބަސްފުޅުގެ
މާނައިގައި ވަނީ މިފަދައިންނެވެ. " އަދި ކޮންމެ ދިރޭ އެއްޗެއް ﷲ ފެނުން
ހައްދަވާފައި ވެއެވެ. ފަހެ ބަނޑުލައި ލޫދެމުން ހިނގާތަކެތި އޭގެ ތެރޭގައި
ވެއެވެ. އަދި ދެފައިން ހިނގާ ތަކެތިވެސް އޭގެ ތެރޭގައި ވެއެވެ. އަދި
ހަތަރެސްފައިން ހިނގާ ތަކެތިވެސް އޭގެ ތެރޭގައި ވެއެވެ. ﷲ އެކަލާނގެ އިރާދަ
ކުރައްވާ އެއްޗެއް ހައްދަވަތެވެ. ހަމަ ކަށަވަރުން ﷲ އީ ހުރިހާ ކަމަކަށް
ކުޅަދުންވަންތަ ރަސްކަލާނގެއެވެ." ( ނޫރު ސޫރަތް:45).
އަދިވެސް
އެކލާނގެ ވަހީ ކުރައްވާފައި ވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " އަދި
އެކަލާނގެއީ ފެނުން ( އެބަހީ: މަނި ފޮދަކުން) އިންސާނާ ހެއްދެވި
ރަސްކަލާނގެއެވެ. ފަހެ އެކަލާނގެ އެ އިންސާނާގައި ނަސަބާއި ޅިޔަން ފަހަރި
ކަމުގެ ގުޅުން ލެއްވިއެވެ. އަދި ކުޅަދުންވަންތަ ކަލަކު ކަމުގައި ކަލޭގެ
ފާނުގެ ވެރިރަސްކަލާނގެ ވޮޑިގެން ވެއެވެ." ( ފުރްޤާން ސޫރަތް:54).
މި
އާޔަތްތަކުން އެނގިގެންދަނީ ﷲ ސުބުހާނަހޫ ވަތަޢާލާ އަހަރެމެން
އިންސާނުންނާއި އަދި ޖަނަވާރުން އުފައްދަވާފައި ވަނީ ފެނުންކަމެވެ. އަދި
އެކަލާނގެ ކުޅަދުންވަންތަވެރިކަމެވެ.
= ގަސްގަހާގެހި އަދި މޭވާގެ ތެރޭގައިވެސް ދެ ޖިންސުގެ ތަކެތި ލައްވާފައިވުން:
ގަސްގަހާގެހީ
އަދި މޭވާގެ ތެރޭގައި ދެ ޖިންސުގެ ތަކެތި ވާކަމެއް ކުރިއަކުން
އިންސާނުންނަކަށް އެނގިފައެއް ނުވެއެވެ. ނަމަވެސް ސައިންސްގެ އެހީގައި
އިންސާނުން ވަނީ އެކަން ހޯދާފައެވެ. ސައިންސްވެރިންނަށް އެކަން ހޯދުނީ ދާދި
މިދާކަށް ދުވަހުއެވެ. އެހެން ނަމަވެސް މީގެ ސާދަސަތޭކަ އަހަރުން ކުރިން
މާތް ﷲ ވަނީ މިވާހަކަ ޤުރުއާނުގައި ބަޔާން ކޮށްދެއްވާފައެވެ.
ގަސްގަހާގެހީގައި
އަންހެން ފިރެހެން ދެޖިންސް ވާކަން ބަޔާންކޮށްދެއްވާ މާތް ﷲ ވަހީ
ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ މި ފަދައިންނެވެ. " އަދި
އެކަލާނގެ އުޑުން ފެން ވެއްސެވިއެވެ. ދެން އެފެނުގެ ސަބަބުން ތިމަން
ރަސްކަލާނގެ ފަތްޕިލާވެލީގެ ތަފާތު ބާވަތްތަށް ނެރުއްވީމެވެ"( ތޯހާ
ސޫރަތް:53). މޭވާގެވެސް ދެޖިންސު ވާކަން ބަޔާން ކުރައްވާ މާތްﷲ ވަހީ
ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ " އަދި އެއީ ހުރިހާ ބާވަތެއްގެ
މޭވާތައް ޖޯޑުޖޯޑަށް ( ދެވައްތަރުން ދެވައްތަރުން) ލެއްވި
ރަސްކަލާނގެއެވެ.
" (ރަޢުދު ސޫރަތް:3).
މީގެ
އަހަރެމެންނަށް އެނގިގެން ދަނީ އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާ
ގެއްސާއި އަދި މޭވާގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައިވެސް ދެ ޖިންސް
ލައްވާފައިވާކަމެވެ. އެ ތަކެއްޗަކީ މިހާރު އިންސާނުންނަށް ހޯދިފައި ނުވާ
ތަކެތި ކަމުގައި ވިޔަސް ކުރިއަށް އޮތްތާ އެތަކެތި ފެނުމަކީ އެކަށީގެންވާ
ކަމެކެވެ. މިފަދަ ކަންތައްތައް މާތްﷲ ލައްވާފައި ވަނީ އިންސާނުން ވިސްނާ
ފިކުރު ކުރުމަށްޓަކައެވެ. ވިސްނާ ފިކުރު ކުރާމީހަކަށް މިފަދަ ކަންކަމުގައި
އިބުރަތްތަކެއް ވާކަން ކަށަވަރެވެ.
0 comments:
Post a Comment