Thursday, October 6, 2011

ބާރަށް ބިސްމި އާއި ފަތިސްނަމާދުގައި ޤުނޫތު ކިއުމަށް އައްޑުއަތޮޅު މީދޫގެ 2 އިމާމުން ލައްވާ ސޮއެކުރުވައިފި.

     ޖަހުރިއްޔަ (ބާރަށް ކިޔެވޭ) ނަމާދުތަކުގައި ބާރަށް ބިސްމިކިއުމަށާއި، ފަތިސްނަމާދުގައި ޤުނޫތު ކިއުމަށް އައްޑުއަތޮޅު މީދޫގެ 2 އިމާމުންނަށްލައްވައި އިއްޔެ ސޮއެކުރުވައިފިއެވެ.

ސްޓޭޓް މިނިސްޓަރު ހުސެއިންރަޝީދު އަމިއްލައަށް ހެދި މިޤަވާޢިދުގެ ދަށުން ވަޒީފާގެ ބިރުދެއްކުމަށްފަހު އިއްޔެ ސޮއެކުރުވާފައިވާ 2 އިމާމުންނަކީ ސ.މީދޫ މަސްޖިދުލް ޒައިނުލް ޢާބިދީންގެ އިމާމު އަލްއަޚް އަޙްމަދު ދީދީ، މަލިކުރުވާގެ އަދި މަސްޖިދުލް މަޖުދުއްދީންގެ އިމާމު އަލްއަޚް އަޙްމަދު ނަޖީބު އެވެ.

މި 2 އިމާމުންފިޔަވައި އެހެނިހެން އިމާމުންނަށްވެސް މިހާރުވަނީ ސޮއެކުރުމަށް އަންގާފައެވެ. ނަމަވެސް ބައެއް އިމާމުން އޭގައި ސޮއެކުރުމަށްވަނީ ދެކޮޅުހަދާފައެވެ.

އެއިރެއްގައިތިބޭ ވެރިން ބޭނުންވާގޮތަށް މީހުން ލައްވާ ނަމާދުކުރުވުމަކީ ރާއްޖޭގައި އާ ކަމެއްނޫނެވެ. މިދިޔަ 30 އަހަރުގެ ދިގުވެރިކަމުގައި މައުމޫނު ޢަބްދުލް ޤައްޔޫމުވެސް އޭނާ އެދޭ ގޮތަށް އަޅުކަން ބަދަލުނުކުރި އެތައް އިމާމުންނަކަށްވަނީ ޖަލުގެ ހިތިރަހަ ދައްކާފައެވެ.ނަމަވެސް ހިތާމައަކީ އެ ހުރިހައި ބަލާވެރިކަމަކުން މިންޖުވުމަށްޓަކައި ދިވެހިންނުކުމެ އޭނާގެ ވެރިކަން ވައްޓާލައި، އަޑުހަރުކޮށް މިނިވަންކަމަށް ގޮވާ ބައެއްގެފަރާތުން ހަމަ އެއްކަމެއް ތަކުރާރުވީތީއެވެ.

ލަފާކުރެވޭގޮތުގައި ބާރަށް ބިސްމިކިއުމަށާއި، ފަތިސްނަމާދުގައި ޤުނޫތުކިއުމަށް މިކުރަމުންދާ އަމުރަށް ތަބާނުވެއްޖެނަމަ އެއިމާމުންގެ ވަޒީފާ ގެއްލިގެންދާނެއެވެ.

މިޖެހުނީ އަޅެފަހެ ކޮންތާކު ހެއްޔެވެ.

ދީނީ މިނިވަންކަމުގެ ވާހަކައަކީ މައުމޫނު ވެރިކަމުން ވައްޓާލުމަށް މުޙައްމަދުނަޝީދު ދިވެހިންނަށް އެންމެގިނައިން ވިއްކި ޖުމްލައެވެ. ދީނީ މިނިވަންކަމުގެ ވާހަކައެވެ. ދީނީ މީހުންނަށް ދީނީ ކަންތައްތައް ޙަވާލުކުރާނެކަމުގެ ވާހަކައެވެ. ނަމަވެސް ކަންތައްތައްދަނީ ދިމާ އިދިކޮޅަށެވެ. އަޅުގަނޑުގެ މި ލިޔުމުގައި ފާހަގަކޮށްލާނީ ހަމަ އެންމެކަމަކަށެވެ. ހަމަސީދާ މިވަގުތު ހިނގަމުންދާ އެންމެ ކަމަކަށެވެ.

ރަށްރަށުގެ އިމާމުން އޮފީހަށް ގެންގޮސް ގަދަކަމުން ސޮއެކުރުވަމުން އެބަގެންދޭ.
ޖަހުރިއްޔަ (ބާރަށް ކިޔެވޭ) ނަމާދުތަކުގައި ބާރަށް ބިސްމިކިއުމަށާއި، ފަތިސްނަމާދުގައި ޤުނޫތު ކިއުމަށް ރަށްރަށުގެ އިމާމުން އެރަށްރަށުގެ އޮފީސްތަކަށްގެންގޮސް ގަދަކަމުން ސޮއެކުރުވަމުން އެބަގެންދެއެވެ. ދީނީމިނިވަންކަމުގެ ޝިޢާރު ބޯމައްޗަށްލައިގެން އުޅޭ މީހުންގެ ޢަމަލުތައް މިހުންނަނީ އެބައިމީހުންގެ އަނގައިންބޭރުކުރާ ބަސްތަކާއި ދިމާއިދިކޮޅަށެވެ. މައުމޫނު ޢަބްދުލް ޤައްޔޫމު އެޅި ފިޔަވަޅަކަށް ފިޔަވަޅެއް އެޅުމަށް ފައިނަގައިގެންހުރި ހުސެއިންރަޝީދުގެ އެންގުމަށް އިމާމުން ލައްވާ ކުރުވަމުންގެންދާ ސޮޔަކީ އެއްވެސް ޤާނޫނަކުން ނުވަތަ އެއްވެސް ޤަވާޢިދަކުން ކުރުވޭނެކަމެއްނޫނެވެ.

ނަމަވެސް މިކަން ނޭނގޭ "ރާއްޖެތެރޭގެ" އިމާމުން ލައްވައި ސޮއެކުރުވަނީ އެކިއެކި ދޮގުބަހަނާ ދައްކައިގެންނެވެ.

އޭ އިމާމުންނެވެ. ހުޝިޔާރުވާށެވެ. ކަލޭމެންލައްވައި ކުރުވަމުންގެންދާ ސޮޔަކީ ޤާނޫނީ އެއްވެސް ބުރަދަނެއްހުރި އެއްޗެއްނޫނެވެ. ﷲއަށް ކުރަންޖެހޭ އަޅުކަމަކީ އެ ކުރަންޖެހޭގޮތް އަންގަވާފައިވާ އެއްޗެކެވެ. އެނޫން ގޮތަކަށް ކުރާ އެއްވެސް އަޅުކަމެއް ހަމަހިލާ ﷲ ޤަބޫލެއްނުކުރައްވާނެކަން ޚުދު ކަލޭމެންވެސް ޤަބޫލުކުރާނެއެވެ. އަދި ބުނެ ނަޞޭޙަތްތެރިވަމެވެ. ތިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ހުސެއިންރަޝީދެއްނޫނެވެ. ސޮއެކުރަމުންދާ އިމާމުންވެސް އާޚިރަތްދުވަހުން ތިކަމުގެ ޒިންމާ ނަގަންޖެހޭނެކަން ހަނދާންކުރާށެވެ.

ޙުސެއިންރަޝީދެވެ. ﷲއަށް ބިރުވެތިވާށެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons