Tuesday, October 4, 2011

ދީނީ ޚިޔާލު ތަފާތުވުން ކުޑަކުރުމަށް ދީނީ މަހާސިންތާއެއްގެ ބޭނުން ބޮޑުވެފައި

     މުސްލިމުންގެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ސިފަކުރައްވައި ރާއްޖޭގެ މަޝްހޫރު އަދީބު އަދި ޅެންވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބޭ) މީގެ އެތައް އަހަރެއް ކުރިން ވިދާޅުވެފައިވެ އެވެ؛ "އެންމެން ކިޔެވީ އެއް ފޮތަކުންނޭ، ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ، ނެތް ނުކުރާކަ ކަމެއް މަ ދަރިންނޭ، ދެން ވެސް ކިޔަނީ އިސްލާމުންނޭ"،



 "ބޭރުން މީހުން ގުޅެނީ ދީނާ، ފޭވާން މިއުރެން އުޅެނީ ދީނާ، ހޭގާ ތިބެ ފޮށެނީ މާތް ދީނާ، ދެން ވެސް ކިޔަނީ އިސްލާމުންނޭ."

ރާއްޖެ ވެސް މިހާރު އޮތީ ހަމަ އެ ހާލަތުގަ އެވެ. ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިން ވެސް ދީނުގެ ހުކުމްތަކުގެ އަސްލެއްގެ ގޮތުގައި ކިޔަވާވިދާޅުވެފައިވަނީ ކީރިތި ގުރްއާނާއި މާތް ރަސޫލާގެ ސުންނަތެވެ. ނަމަވެސް އެ ބޭފުޅުން ދައްކަވާ ވާހަކަތަކުންނާއި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވާ ރައްދުތަކުން، އެއިން ކޮންމެ ބޭފުޅަކު އުނގެނިވަޑައިގަތީ މުޅިން ތަފާތު އެއްޗެހިތަކެއް ކަމަށް ބެލެވެ އެވެ.
ބައެއް ޝައިޚުންނަށް އަނެއް ޝައިޚެއްގެ ފަހަތުގައި ނަމާދު ސައްހައެއް ނޫނެވެ. އެކަކު ހެދުން އަޅުއްވާ ގޮތް އަނެކަކަށް ހުއްދައެއް ނޫނެވެ. އެއް ބަޔަކަށް ފަގުޑި އާއި ކުރުތާ ނޫނީ ހުއްދަނުވާ އިރު، އަނެއް ބަޔަކަށް ކޮންމެ ހެދުމެއް ވެސް ހަމަ ބަރާބަރެވެ. އެއް ޝައިޚެއްގެ ކުރިމަތީގައި އަނެއް ޝައިޚަކީ ބިދުއަވެރިއެކެވެ. ތުނބުޅި މަތިމަހާއި ބޮލުގެ އިސްތަށިގަނޑުގެ މައްސަލައިގައި ވެސް ތަފާތުތައް އެހާމެ ބޮޑެވެ. އެންމެ ހައިރާންކުރުވަނީ، އަޅުގަނޑުމެންގެ މުސްލިމް ބައެއް އިލްމުވެރިން ވެސް އަނެއް ބޭފުޅަކު "ކާފަރު"ކުރައްވާތީ އެވެ. އެއީ އަދި މާ ފަސޭހަ ކަމެކެވެ. މިއީ ގަބޫލުކުރަން ބޭނުން ނުވިޔަސް ހަގީގަތެވެ.
މުޖްތަހިދު އިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްލާމް ދީނުގެ ބައެއް ހުކުމްތަކުގައި ހުރި ތަފާތުތަކަކީ، ދީނުގެ އަހުލުވެރިންނަށް ހުރި ލުއި ފަސޭހައެކެވެ. ފަހަރެއްގައި ވެސް އެއީ މުސްލިމުންގެ މައްޗަށް ހުރި ތުރާލެއް ނޫނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަ ގޮތުގައި ދީނީ ތަފާތުތައް ވެފައިވަނީ، މުސްލިމުން ބައިބައިކުރުވާ ފިތުނަ ފަސާދަ އުފައްދާ އަދި މުޖްތަމައުގެ ބަދަހިކަން ނެތިކޮށްލާ ކަމަކަށެވެ.
މިހެން މިކަން ވުމުގައި ވެސް ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، ދީނީ ގޮތުން ފުރިހަމަ އަށް ތައުލީމު ނުލިބި، ހަމައެކަނި ފޮތެއް ނުވަތަ ފޮތްތަކެއް ކިޔައިގެން އެއަށް ތަބާވުމެވެ. މިހެންވުމުން، އިސްލާމް ދީނުގައި ހުރި ތަފާތުތަކަކީ ކޮބައިކަމާއި، ސަހާބީންނާއި ތާބިއީން އަދި ސަލަފުންގެ މެދުގައި އެ ތަފާތުތަކާ މެދު އަމަލުކުރެވިފައި ހުރި ލުއި ފަސޭހަ ގޮތްތައް ނޭނގެ އެވެ. އޭގެ ބަދަލުގައި އެފަދަ މީހުންނަށް ވިސްނެނީ، އެ ތަފާތުތަކުގެ ތެރެއިން އެންމެ ސައްހަ ގޮތަކީ ތިމާ އެ މީހެއްގެ ބަސް އަހާ ޝައިޚަކު ގަބޫލުކުރާ ގޮތް އެކަނި ކަމަށެވެ. އަދި އަނެއް ގޮތަކީ ބާތިލު ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް ހުސައިން ރަޝީދު އަހްމަދު ވިދާޅުވި ގޮތުގައި ދީނީ ގޮތުން ހުރި ތަފާތުތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ބައިބައިވުން އުފައްދަނީ، ދީނުގައި ހުރި ކަމަކަށް ނުވާ ކަހަލަ ކުދިކުދި ތަފާތުތައް، ބައެއް މީހުން މާ ބޮޑުކޮށްލައިގެން އުޅޭތީ އެވެ.
"މިސާލަކަށް ދީނުގެ އިލްމުވެރިންގެ މެދުގައި އެއްވެސް އަގެއް ނެތް ޝާޒް މައްސަލަތައް ނަގައިގެން ބަޔަކު މީހުން އެބައުޅޭ. މިސާލަކަށް އިޖުމާއުން ސާބިތުވާ މައްސަލައެއްތާ ހުކުރު ނަމާދަށް ދެ ބަންގިއަކީ. ސަހާބީންގެ އިޖުމާއުން ފެށިގެން އަދާ ހަމައަށް މިއޮތީ މުޅި އުންމަތް 1400 އަހަރުވެފައި އޮތީ އެއްވެސް އިޚުތިލާފެއް ނެތި ހުކުރަށް ދެ ބަންގި އެބަ ގޮވާ. އެއާ އިދިކޮޅަށް ބަޔަކު މީހުން އެބަ އުޅޭ. އެއޮތީ ހުރިހާ އިލްމުވެރިން އެއްބަސްވާ މައްސަލައެއް. މި ކަހަލަ ބައެއް މައްސަލަތައް އެބަހުރި،" ޝައިޚް ހުސައިން ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ ހުރިހާ އިލްމުވެރިން ގުޅިން މިފަދަ ކުދިކުދި އަދި ކަމަކަށް ނުވާ ކަހަލަ މައްސަލަތަކަށް ވާހަކަދައްކައި ރައްޔިތުން ހޭލުންތެރިކުރުވައި އެފަދަ މައްސަލަތަކުގައި ހިފައިގެން އުޅޭ މީހުންނާ ވެސް ވާހަކަދައްކައި އެ މީހުން ހޭލުންތެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެ ތަފާތުތަކުގެ އިތުރުން ދެން ފެންނަ ކަމަކީ، އިލްމު އުނގެނޭ ތަނުގެ ތަފާތަށް ނިސްބަތްކޮށް އުފެދޭ ތަފާތުތަކެވެ. ތަފްސީލުކޮށް ދަންނަވާ ނަމަ، ވެއަތުވެ ދިޔަ ތަނުގައި ވެސް، މިސްރުގެ އަޒްހަރު ޔުނިވަސިޓީން ކިޔަވައިގެން ވަޑައިގަންނަވާ އިލްމުވެރިންނާއި އެ ނޫން ތަންތަނުން ވަޑައިގަންނަވާ އިލްމުވެރިންނާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެ އެވެ. ސައޫދީ، ޕާކިސްތާން އަދި އިންޑިއާ ފަދަ ގައުމުތަކުން ދީން އުނގެނޭ ބޭފުޅުންނާއި މިސްރުން ދީން އުނގެނޭ ބޭފުޅުންނާ މެދު ބޮޑެތި ތަފާތުތަކެއް ހުންނަ އިރު، އެ ދެ ބައިގެ މެދުގައި ދެނެގަތުން ކުޑަކަން ފާހަގަކުރެވެ އެވެ.
ރައީސް މައުމޫންގެ ސަރުކާރުގެ ވެރިކަމުގައި ދީނީ ކަންކަމުގައި އިސްވެ އުޅުއްވީ އަޒްހަރުގެ އިލްމުވެރިންނާއި ސައޫދީ އަދި ޕާކިސްތާނުން ކިޔެވި އިލްމުވެރިންގެ ތެރެއިން ކުރީގެ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރެއްވި ވަރަށް މަދު އިލްމުވެރިންކޮޅެކެވެ. މިއަދު އެ މަންޒަރު ފެންނަނީ ހަމަ އެ ގޮތަށް އޭގެ އަނެއް ކޮޅަށެވެ. މިއަދު ދީނީ ކަންކަމުގައި އިސްވެ އުޅުއްވަނީ މުޅިންހެން ސައޫދީ، ޕާކިސްތާން ފަދަ ތަންތަނުން ދަރިވަރުވި އިލްމުވެރިންނެވެ. އަޒްހަރުގެ އިލްމުވެރިން އެއް އަތުގެ އިނގިލިން ގުނާލެވޭހާ މަދެވެ.
ޝައިޚް ހުސައިން ރަޝީދު ވިދާޅުވީ މިސްރުގެ އިލްމުވެރިންނާއި ސައޫދީ އިލްމުވެރިންނާ ދެމެދު މިނިސްޓްރީން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. އެހެން ނަމަވެސް ދީނީ ކަންކަމުގައި އުޅުއްވާނެ ބޭފުޅުންގެ ދަތިކަން ވަރަށް ބޮޑު ކަމަށް ހުސައިން ވިދާޅުވި އެވެ.
އޭނާ ވެސް ފާހަގަކުރެއްވި ގޮތުގައި ދީނީ ޚިޔާލު ތަފާތުވުންތައް ކުޑަކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ، ތަފާތު ރައުޔުގެ ދީނީ އިލްމުވެރިން އެއް ތަނެއްގައި ތިއްބަވައިގެން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމެވެ. ދީނީ އިލްމުވެރިންގެ މެދުގައި ނައްތާނުލެވޭނެ ތަފާތުތަކެއް ވެސް ހުރި އިރު، އެ ތަފާތުތަކުގެ ސަބަބުން ބައިބައިވުމާއި ފިތުނަ އުފެދުނަ ނުދިނުމަށްޓަކައި އެ ފަދަ ކަންކަމުގައި އަމަލުކުރާނެ ސިޔާސަތެއް ކަނޑައެޅުމަކީ އިލްމުވެރިން ވާހަކަދައްކައިގެން ކުރެވިދާނެ ކަމެއް ކަމަށް ވެސް ޝައިޚް ހުސައިން ވިދާޅުވި އެވެ.
"މިސާލަކަށް އިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުންނަ ކަންތައްތައް ވެރިޔާ އެ ކަމަށް ވަކި ގޮތަކަށް ނިންމެވީމާ އެއަށް ތަބާވުމުގެ އުސޫލު، ރުހުން އޮންނަން އެބަޖެހޭ. ދެ ގޮތަކަށް ކަމެއް ނުކުރެވޭނެ. މިސާލަކަށް ދުނިޔޭގެ އެއްވެސް މިސްކިތެއް އެއްވެސް ގައުމެއް ނޯންނާނެ ވަކި ގޮތެއް ކަނޑަނާޅާ، ވަކި މަޒްހަބެއް ނެތް. މިސްރުގައި ވަރަށް މަސްހުނި މަޒްހަބުތަކެއް އޮތް ތަނެއް. އެ ތަނުގައި ވެސް ސަރުކާރުގެ މައި ސިޔާސަތު މި އޮންނަނީ ހަނަފީ މަޒްހަބަށް. ހާއްސަކޮށް މުއާމަލާތުގެ މައްސަލަތައް. ގަލްފުގައި މުޅިން އެ އޮތީ ހަންބަލީ މަޒްހަބު. ޢުންމާންގައި އެ އޮތީ ޝާފިއީ މަޒްހަބު. އެތާނގައި ]މިސްކިތުގައި އިމާމުވެ[ އެހެން ގޮތަކަށް ނަމާދެއް ނުކުރާނެ. އެ އޮތީ ސަރުކާރުން އެ ކަނޑައެޅިފައި އޮންނަ ގޮތް،" ޝައިޚް ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި މިފަދަ އުސޫލުތައް ގެންގުޅުނު ނަމަވެސް، ރާއްޖޭގައި މި އުސޫލުތައް ގަބޫލުނުކޮށް އެ މީހަކަށް ފެންނަ ގޮތަކަށް ކަންތައްކުރަން ބޭނުންވާ ބަޔަކު އުޅޭ ކަމަށެވެ. އަދި އެކަން ހައްލުކުރެވޭނީ ދީނީ އިލްމުވެރިންގެ މެދުގައި މަޝްވަރާކޮށްގެން ކަމަށް ވެސް ޝައިޚް ހުސައިން ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ކުރީގެ ރައީސް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތައިލުމަށް އެންމެ މުހިންމު ކަމަކީ ދީނީ އިލްމުވެރިން އެއް ތަނެއްގައި ތިބެ މަޝްވަރާކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ. އަދި ދީނީ އިލްމުވެރިންގެ މެދުގައި މަހާސިންތާއެއް ބޭއްވުމަށްޓަކައި އެ ފަދަ ތަފާތުތަކާ ބެހޭ ގޮތުން ދިރާސާކޮށް ކަރުދާސް ތައްޔާރުކުރުމަށް ބައެއް އިލްމުވެރިންނާ ވަނީ ހަވާލުކުރެވިފަ އެވެ.
"އަޅުގަނޑުމެން ]އިސްލާމިކް މިނިސްޓްރީން[ ގަސްދުކޮށްފައި އޮތީ މި ސްކޫލް ބަންދަށް ފަހު، އެ ކަހަލަ މަހާސިންތާއެއް ބާއްވަން. ރާއްޖޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަޅުގަނޑުމެން އެ ޕޭޕަރު ލިޔަން ހުށަހަޅައިގެން އުޅޭތާ ވެސް ލައްކަ ދުވަސްވެއްޖެ. އެ ވަރަށް ތައްޔާރުނުވެގެން އަދި ނުބޭއްވި މިހާ ލަސްވީ ވެސް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އެންމެ ރަނގަޅު ގޮތް ދީނީ އިލްމުވެރިންގެ ބޮޑު މަހާސިންތާއެއް ބޭއްވުން،" މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޑރ. މަޖީދު ހަވީރަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެ ކަހަލަ ކަންތައް ކުރާ ގޮތް އެއީ. އެ ކަހަލަ ޚިޔާލު ތަފާތުވުންތަކެއް ހުންނަ ކަމަށްވަންޏާ ]ދީނީ އިލްމުވެރިންގެ މެދުގައި[ ވާހަކަ ދައްކައިގެން އެންމެނަށް ގަބޫލުކުރެވޭ ނޫނީ އެންމެ ކައިރިކުރެވޭ ރައުޔަކާ ހަމައަށް ދެވެނީ."
މަޖީދު ވިދާޅުވީ އެފަދަ މަހާސިންތާއެއްގައި، ދީނީ އިލްމުވެރިންގެ މެދުގައި މަޝްވަރާކޮށް ޚިޔާލުތައް އެއްގޮތްކުރެވުނު ވަރަކަށް، ދީނީ ކަންކަމުގައި ތަފާތު ރައުޔުތައް ފާޅުކުރުން ވެސް މަދުވާނެ ކަމަށެވެ.
"އެވާ ގޮތަކީ ]ދީނީ ކަންކަމާ ބެހޭ ގޮތުން[ ވާހަކަ ދައްކަވާ ބޭފުޅުން އެއް ތަނެއްގައި ތިބެގެން ވާހަކަދެއްކީމާ، ކޮންމެ ބަޔަކަށް އެ ބަޔަކު ދެކޭ ގޮތް އެއީ ކީއްވެގެން ކަމާއި އެ ކަމުގެ ސަބަބާ އެކުގައި ބުނެދީފައި ވާހަކަދެއްކީމާ އަނެއް ބޭފުޅަކަށް ވެސް އޭގެ ޖަވާބުގައި ދަލީލެއް އޮތިއްޔާ ދަލީލު ދައްކާ ނުވަތަ އެ މީހަކު ދައްކާ ވާހަކައެއް ރަނގަޅު ކަމަށްވަންޏާ ގަބޫލުކުރާނެ، އެއީތާ އޭގެ އަސްލު ގޮތަކީ،" ޑރ. މަޖީދު ވިދާޅުވި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނެއް އޮވެ އެވެ. އެ ގާނޫނުގެ ދަށުން ދާދި ފަހުން ވަނީ ގަވާއިދެއް ވެސް ހަދައިފަ އެވެ. އެ ގާނޫނާއި ގަވާއިދުގައި، ދީނީ އެއްބައިވަންތަކަމަށް ރިއާޔަތްކުރެވިފައި ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ބައެއް އިލްމުވެރިން ވަނީ ވިދާޅުވެފަ އެވެ.
އެކަން އެހެން އޮތް އިރު، ދީނީ ބައިބައިވުމަށް ފާޅުގައި ފުރުސަތު ދެވޭ މަންޒަރު މިހާރު ވެސް ފެނެ އެވެ. މާލޭގެ މިސްކިތެއްގައި މިހާރު ވެސް ވަކިން ޖަމާއަތް ހަދައިގެން ހުކުރުކުރާ އިރު، އިސްލާމިކް މިނިސްޓްރީ އަށް އެކަން ހުއްޓުވޭ ކަމަކަށް ނުވެ އެވެ. އެ ގޮތަށް ހުކުރުކުރަނީ ވެސް ދީނީ ތަފާތު ރައުޔެއްގެ މައްޗަށް ބިނާކޮށެވެ.
ޝައިޚް ހުސައިން ރަޝީދު ވިދާޅުވި ގޮތުގައި ހުކުރު ދުވަހު މެންދުރު ގަޑީގައި ދެ ބަންގި (މެންދުރު ނަމާދަށާއި ހުކުރު ނަމާދަށް) ގޮވުމަކީ އިސްލާމް ދީނުގެ އިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް، އެކަން ގަބޫލުނުކުރާ ބަޔަކު، ނުވަތަ މެންދުރު ނަމާދު ވަގުތު ވަނުމާ އެކު ހުކުރު ކުރަންޖެހޭނެ ކަމަށް ގަބޫލުކުރާ ބަޔަކު މިހާރު ވެސް މާލޭގެ މިސްކިތެއްގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރުކުރެ އެވެ.
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވެސް ވިދާޅުވީ ދީނީ ޚިޔާލު ތަފާތުވުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ދީނީ އިލްމުވެރިންގެ މަހާސިންތާއެއް ބޭއްވުން ވަރަށް މުހިންމު ކަމަށެވެ. އަދި އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވުނު ވެސް ކަމެއް ކަމަށް ޝައިޚް އިމްރާން ވިދާޅުވި އެވެ.
"ވަރަށް ގިނަ ބޭފުޅުން ތާއީދު ވެސް ކުރައްވާ ކަމެއް އެއީ. އިރާދަކުރެއްވިއްޔާ ތި ކަހަލަ މަސައްކަތެއް ހަމަ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ކުރިއަށް މި އޮތް ދުވަސްކޮޅުގެ ތެރޭގައި ފެށެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ހަގީގަތުގައި މި ހުރިހާ ބޭފުޅުން އެއް ތަނަކަށް އެއްވެ ވާހަކަދައްކައިގެން، ޚާއްސަކޮށް ޚިޔާލު ތަފާތުވުން ހުރި ބޮޑެތި މައްސަލަތަކާ ދޭތެރޭ ވާހަކަދެކެވިއްޖެ ނަމަ، އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ ވަރަށް ބޮޑު ބައެއް ލުއިވެގެންދާނެ ކަމަށް. ބައެއް ކަހަލަ ބޮޑެތި މައްސަލަތަކަކީ އެންމެން ވާހަކަދައްކައިފިއްޔާ ލުއި ގޮތްތަކެއް ފެނިގެންދާނެ ކަންތައްހެން އަޅުގަނޑަށް ހީވަނީ،" އިމްރާން ވިދާޅުވި އެވެ.
"މިހާރު އެންމެ ބޮޑަށް ދީނީ ކަންތަކުގައި އިސްނަގައިގެން އުޅޭ ފަރާތްތައް ކަމަށް މި ފެންނަނީ އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާ އާއި އިސްލާމިކް ފައުންޑޭޝަނާއި ދެން ވެސް ހުރި ބައެއް ޖަމިއްޔާތައް، މުސްލިމުންގެ ގުޅުމާ. އެހެންވީމާ އެ ހުރިހާ އެންމެންގެ މެދުގައި ވާހަކަދެކެވިގެން އެ ކަހަލަ ބައްދަލުވުމެއް އިންތިޒާމުކުރެވިއްޖެއްޔާ ވަރަށް ގިނަ ކަންތަކުގައި ރަނގަޅު ލުއި ހައްލެއް ލިބިގެންދާނެ،" ޝައިޚް އިމްރާން ވިދާޅުވި އެވެ.
ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އިލްމުވެރިން ކިތަންމެ ވަރަކަށް މަޝްވަރާކުރި ކަމުގައި ވިޔަސް ދީނީ ތަފާތު ރައުޔުތައް އެއްގޮތް ނުކުރެވޭނެ ކަމެވެ. އެއީ ކީރިތި ރަސޫލާ އަށް ފަހުގައި ސަހާބީންނަށް ވެސް އަދި އޭގެ ފަހުގައި ތާބިއީންނަށް ވެސް ނުކުރެއްވުނު ކަމެކެވެ. އެހެން ނަމަވެސް އެ ބޭފުޅުން ހިއްޕެވި މަގަކީ އެ ތަފާތުތަކަކީ ދީނީ ގޮތުން އޮތް ލުޔެއް ކަމުގައި ގަބޫލުކުރައްވައި ފިތުނަވެރިކަމުން ދުރުހެލިވުމުގެ މަގެވެ.
އަހުމަދު އަބުދުﷲ ސައީދު
ހަވީރު ނިއުސް ސާވިސް، 04 އޮކްޓޯބަރ 2011

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons