Tuesday, October 25, 2011

ޝުބުހާތައް ނުވަތަ އޮޅުންއަރާ ކަންތައްތަކާ ދުރުހެލިވުން


މާތް ﷲ ގެ ރަޙްމަތްފުޅުގެ މަތިވެރިކަމުން، ޙަލާލަކީ ކޮބައިކަން، އަދި ޙަރާމަކީ ކޮބައިކަން ނޭނގި، ޖާހިލުކަމެއްގެ ތެރެއަށް އިންސާނުން ދޫކޮށްނުލައްވައެވެ. އެކަލާނގެ ވަނީ، ޙަލާލަކީ ކޮބައިކަން ބަޔާންކޮށްދެއްވާފައެވެ.
އަދި ޙަރާމަކީ ކޮބައިކަން ތަފްޞީލުކޮށްދެއްވާފައެވެ. މާތްﷲ ވަޙީކުރައްވާފައިވަނީ: وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ
އާޔަތުގެމާނަ: ''ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަރާމްކުރެއްވި ތަކެތި ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.'' {އަލްއަންޢާމް: 119}
ވީމާ، އެއީ ޙަލާލް ކަމެއްކަން ބަޔާންވާ ކަންތައްތައް ކުރުމަކުން، މައްސަލައެއް ނެތެވެ. އަދި އެއީ ޙަރާމް ކަމެއްކަން ބަޔާންވާ ކަންތައްތައް، އިޚްތިޔާރު އޮއްވާ، ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
އެކަމަކު، އޭގެ ޙަލާލްކަން ބަޔާންވެފައިވާ ކަންތައްތަކާއި، އޭގެ ޙަރާމްކަން ބަޔާންވެފައިވާ ކަންތައްތަކާ ދެމެދު، މެދުގައި އޮންނަ ސަރަހައްދެއް ވެއެވެ. މިއީ ޝުބުހާތަކުގެ ސަރަހައްދެވެ. ބައެއް މީހުންނަށް، މި ސަރަހައްދުގެ ތެރޭގައިވާ ކަންތައްތަކުގެ ޙަލާލްކަމާއި ނުވަތަ ޙަރާމްކަމާ މެދު ޝައްކުއުފެދޭގޮތްވެއެވެ. ސަބަބަކީ ފަހަރެއްގައި، އޭގެ ދަލީލާމެދު އޮޅުންއަރާގޮތްވުން، ނުވަތަ އޮތް ނައްޞު، ކުރިމަތީގައިވާ ވަކިހާލަތަކަށް ނުވަތަ ވަކިއެއްޗަކަށް، ފެއްތުމުގައި އޮޅުންއެރުން ކަމަށްވެސް ވެދާނެއެވެ.
އިސްލާމްދީން ދެކެނީ، މިފަދަ ޝުބުހާތައް ނުވަތަ އޮޅުންއަރާ ކަންތައްތަކާ ދުރުވެހުރުމަކީ، ވަރަޢްވެރިކަމުގެ ތެރެއިންވާ ކަމެއްކަމުގައެވެ. އެއީ މިފަދަ ކަންތައްތައް ކުރަމުންގޮސް، ސީދާ ޙަރާމް ކަންތައްތައް ކުރުމާ ހަމައަށް އޭނާއަށް ދެވުނަ ނުދިނުމަށްޓަކައެވެ. މިއީ ކުރިން އަހަރެމެން ވާހަކަދައްކާފައިވާ، ޙަރާމްކަންތަކަށް ދެވޭ މަގު ބަންދުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މީގެ އިތުރަށް، މިއީ އިންސާނުންގެ ޠަބީޢަތާއި މިޙަޔާތުގެ ޙަޤީޤަތްތައް އެނގި، ކުރިމަގަށްޓަކައި އެކަށައެޅޭ ދުރުވިސްނޭ ތަރުބަވީ ފިޔަވަޅެއްވެސް މެއެވެ.
މިދެންނެވި ތަރުބަވީ ފިޔަވަޅުގެ އަސްލަކީ، ކީރިތި ރަސޫލާގެ މި ޙަދީޘްފުޅެވެ: الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ وَبَيْنَ ذَلِكَ أُمُورٌ مُشْتَبِهَاتٌ لَا يَدْرِي كَثِيرٌ مِنْ النَّاسِ أَمِنْ الْحَلَالِ هِيَ أَمْ مِنْ الْحَرَامِ فَمَنْ تَرَكَهَا ‏ ‏اسْتِبْرَاءً ‏ ‏لِدِينِهِ وَعِرْضِهِ فَقَدْ سَلِمَ وَمَنْ وَاقَعَ شَيْئًا مِنْهَا يُوشِكُ أَنْ يُوَاقِعَ الْحَرَامَ كَمَا أَنَّهُ مَنْ ‏ ‏يَرْعَى حَوْلَ ‏ ‏الْحِمَى ‏ ‏يُوشِكُ أَنْ يُوَاقِعَهُ أَلَا وَإِنَّ لِكُلِّ مَلِكٍ ‏ ‏حِمًى ‏ ‏أَلَا وَإِنَّ ‏ ‏حِمَى ‏ ‏اللَّهِ مَحَارِمُهُ [1]
''ޙަލާލްކަންތައް ވަނީ ބަޔާންވެގެންނެވެ. އަދި ޙަރާމްކަންތައް ވެސް ވަނީ ބަޔާންވެގެންނެވެ. އަދި މި ދެމެދުގައި އޮޅުންއަރާ (ޝުބުހާއުފެދޭ) ކަންތައްތަކެއް ވެއެވެ. ގިނަ މީހުންނަށް، އެއީ ޙަލާލްކަމެއްތޯ ނުވަތަ ޙަރާމްކަމެއްތޯ ނޭނގެއެވެ. ފަހެ މިފަދަ ކަމެއް، އޭނާގެ ދީނަށް ނުވަތަ އަބުރަށް ރައްކާތެރިވެ ސަލާމަތްވުމަށްޓަކާ، ނުކޮށް ދޫކޮށްފިނަމަ، ސަލާމަތްކަން ހޯދައިފިއެވެ. އަދި މިފަދަ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިއްޔާ، އޭނާއަށް ޙަރާމް ކަމެއް ކުރެވުން ގާތެވެ.
އެއީ، ޙިމާގެ ކައިރީގައި (ޙިމާއަކީ، ހަމައެކަނި ރަސްގެފާނުގެ ސޫފިތައް ހުއިހެއްޕުމަށް ޚާއްޞަކުރެވިފައިވާ، އެހެންމީހުން އެތަނަށް ވަނުން މަނާކުރެވިފައިވާ ވިނަދަނޑު) އަމިއްލަ ޖަނަވާރު ހުއިހައްޕަން އުޅޭ މީހަކަށް، އެތާ ތެރެއަށް ވަދެވުން ގާތްވާ ފަދައިންނެވެ. ދަންނާށެވެ. ކޮންމެ ރަސްކަލަކަށް ވެސް އޭނާގެ ޚާއްޞަ ޙިމާއެއް ވެއެވެ. ފަހެ ހަމަކަށަވަރުން، ﷲ ގެ ޙިމާއަކީ، އެކަލާނގެ ޙަރާމްކުރައްވާފައިވާ ކަންތަކެވެ.''

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons