Monday, October 24, 2011

ޞާލިޙް އަންހެނެއްގެ ކެއްތެރިކަން


ޤަތަފާން ޤަބީލާގައި އުންމު ޝުރައިކު ނަމަކަށް ކިޔާ އަންހެނަކު ދިރި އުޅުނެވެ. މިއަންހެނާ އަކީ ޤުރެއިންޝީއެއް ނޫނެވެ. އެހެނަސް އޭނާގެ ފިރިމީހާއަކީ ޤުރެއިޝީ އެއްކަމުން، ފިރިމީހާޔާ އެކުގައި ދިރިއުޅުނީ މައްކާގައެވެ. އުންމު ޝުރައިކް އަކީ ޤަތަފާންއަށް ނިސްބަތް ވާ މީހެކެވެ. އެއީ މައްކާއާއި ކައިރީގައިވާ ރަށެކެވެ.


އުންމު ޝުރައިކު އިސްލާމް ވިއެވެ. އަދި ﷲ ގެ މަގަށް މީސްތަކުންނަށް ގޮވާލުމަކީ ތިމާގެ ވެސް ކޮނޑުގައި އެޅިފައިވާ މަސްޢޫލިއްޔަތެއް ކަމުގައި ދެކުނެވެ. އެހެންކަމުން އުންމު ޝުރައިކު ޤުރައިޝުންގެ އެކިއެކި އަންހެނުންނާ ބައްދަލުކޮށް އިސްލާމްދީނުގެ ދަޢުވަތު ސިއްރިއްޔާތުގައި ދޭން ފެށިއެވެ. އުންމު ޝުރައިކު ގެ ދަޢުވަތުގެ ސަބަބުން އޭގެ ތެރެއިން ބައެއް އަންހެނުން އިސްލާމްދީން ޤަބޫލުކޮށް އިސްލާމް ވިއެވެ.

އުންމު ޝުރައިކު، އިސްލާމްދީނުގެ ދަޢުވަތު ފަތުރަމުންދާކަމާއި، ބައެއް އަންހެނުން އޭނާގެ ދަޢުވަތަށް އިޖާބަދީފި ކަމުގެ ޚަބަރު މައްކާގެ ޤުރައިޝުންނަށް ލިބުނެވެ. މިކަން އެނގުމުން މުޝްރިކުން މިކަމާ ވަރަށް ބޮޑަށް ނުރުހުންތެރިވެ ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. ކަލޭ (އުންމު ޝުރައިކު) އަކީ ތިމަންނަމެންނާއި އެކު ޞުލްޙައިގެ އެއްބަސްވުމެއްގައިވާ ޤަތަފާންއަށް ނިސްބަތް ނުވާ އަންހެނެއްނަމަ ކަލޭ މިހާރު ޤަތުލު ކުރާނަމެވެ.“
އުންމު ޝުރައިކު އަކީ ޤަތަފާން އަށް ނިސްބަތްވާ މީހެއްކަމުން އޭނާ ޤަތުލުކޮށެއް ނުލައެވެ. އެހެންކަމުން އޭނާ މަރާލުމުގެ ބަދަލުގައި ޖަމަލަކަށް އަރުވައިގެން އޭނާ ދުއްވުމަށް އެމީހުން ނިންމިއެވެ. އަދި އެޖަމަލުގެ އިށީންނަން ހަދާފައިވާ ސީޓު ނުބަހަށްޓަން ނިންމިއެވެ. ބުނެވޭގޮތުގައި މިފަދައިން އިށީންނާނެ ތަނަކާނުލައި މީހަކު ޖަމަލެއްގެ މައްޗަށް ހުހަށް ސަވާރުވެ ގިނަ ވަގުތުތަކެއް ވަންދެން ދުއްވައިފި ނަމަ އޭގެމަތީގައި އޭނާ ވަރަށް ބޮޑު ތަޙައްމަލެއް ކުރަން ޖެހިދެ އެވެ.

އަދި އޭނާ އެގޮތުގައި މަރުވެދެ އެވެ. މައްކާގެ ޤުރައިޝުންގެ ވެސް ބޭނުމަކީ އޭނާއަށް މިގޮތުގައި ވަރުގަދަ ތަކުލީފަކާއި ތަޙައްމަލު ކުރަން ދަތި ކަންތައްތައް ޖެއްސުމެވެ. އެހެންކަމުން އެމީހުން އޭނާ ގަދަ އަވީގައި ޖަމަލު މަތީ ދުއްވުމަށް މަޖުބޫރު ކުރުވި އެވެ. މިރަޙުމްކުޑަ އަނިޔާވެރިންތައް ގަދަ އަތްވަށް ޖަމަލު ދުއްވުމަށް ދޫކޮށް ހިޔަލުގައި އަރާމުކޮށް ނިދާލުމަށް ދެއެވެ. މި އަންދާލާ ފަދަ ގަދަ ހޫނުގައި އެމީހުން އޭނާ މުޅި ތިން ދުވަސްވަންދެން ޖަމަލު ދުއްވުމަށް މަޖުބޫރު ކުރުވިއެވެ. އަދި އޭނާއަށް ކާނޭ އެއްޗެއް އަދި ބޯފެނެއް ވެސް ނުދީ ތިން ދުވަސް ވަންދެން ތިއްބެވެ.

މި އަނިޔާވެރި ޖަރީމާ ހިންގުމަށް ފަހު މިބައިމީހުން އޭނާ އަނބުރާ އޭނާގެ ޤަބީލާ މީހުން ގާތަށް ގެންދިއުމަށް ނިންމިއެވެ. ނަމަވެސް ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން އިންތިހާއަށް ގޮސްފައިވާ މި ނިކަމެތި އަންހެނާގެ ޙާލަކީ ކޮބައިތޯއެވެ؟. އޭނާގެ ޙާލު ދެރަކަމުން ދެންމެ ދެންމެ ނޭވާ ހުސްވެގެން ވެއްޓިދާނެހެން ވެސް ހީވަމުން ދިޔައެވެ. މައްކާގެ ޤުރައިޝުން އޭނާ ގޮވައިގެން އެނބުރި އައިސް މަގުމަތީގައި ގަސްތަކެއްކައިރީ ހިޔަލުގައި މަޑުކޮށްލުމަށްޓަކައި އެމީހުންގެ ޖަމަލުތަކުން ފޭބިއެވެ. އުންމު ޝުރައިކު އެގަދަ އަވީގައި ބަނދެފައި ބައިންދާފައި އެބައިމީހުންގެ ކެއުމާއި ބުއިމާއިގެން އުޅެންފަށައިފިއެވެ. އޭރު އުންމު ޝުރައިކު ވަނީ ބަނޑުހައިކަމާ ކަރުހިއްކުމުގެ ސަބަބުން މަރުވާން ކައިރި ވެފައެވެ.

އުންމު ޝުރައިކު ކިޔައިދީފައި ވެއެވެ. ވަރަށް ޢަޖައިބު ކަމަކާ އެހިނދު އަހައްނަށް ކުރިމަތި ލާން ޖެހުނެވެ. މި އަނިޔާވެރި ޙާލުގައި އޭނާ ވަނިކޮށް ކުއްލިއަކަށް އޭނާއަށް ފިނި ފެނުންވާ ބާލިދީއެއް އޭނާގެ ދެ ތުންފަތުގައި ޖެހިފައި ވާ ކަމުގެ އިޙްސާސް ކުރެވުނެވެ. އެހިނދު އޭނާ އޭގެން ފެންބުއިއެވެ. އެއަށްފަހު އެ ބާލިދީ އުފުލުނެވެ.

 ދެން އަނެއްކާ ވެސް އޭގެން ފެން ބުއިމަށްޓަކައި އޭނާގެ ތުންފަތުގައި އެ ބާލިދީ ޖެހުނެވެ. ހަމަ ކުރިއެކޭ ވެސް އެއްގޮތަށް އޭނާ އޭގެން ފެން ބުއިމުން ބާލިދީ މައްޗަށް އުފުލުނެވެ. މިގޮތަށް ތިންވަނަ ފަހަރުވެސް ތަކުރާރު ވިއެވެ. ފަހެ ﷲ އޭނާއަށް ދެއްވި ނިޢުމަތް ނިކަން ދެކެބަލާށެވެ. ﷲ އޭނާއަށް ކޯވަރު ކޯވަރުން ފެން ބޯންދެއްވެވީ އެވެ. މީހަކު ވަރަށް ބޮޑަށް ފެންބޮވައިގެންފައި ވާނަމަ ނުވަތަ ފެން ނުލިބި ގިނަ އިރުތަކެއް ހޭދަ ކުރުމަށްފަ ފެނަށް މަރުވާން ކައިރިވެފައި ވާ މީހެއްނަމަ އޭނާ ފެން ލިބުމުން އޭނާ އެއްފަހަރާ އެފެން އެތި އެއްކޮށް ވެސް ބޯލަފާނެއެވެ. އަދި އެއީ ސިއްޙީގޮތުން ވަރަށް ގެއްލުން ލިބޭވެސް ކަމެކެވެ. ކޮންމެކަސް އޭނާގެ ކަރުހިއްކުން ފިލާ ދަންދެން މިގޮތުގައި މިބާލިދީން އޭނާއަން ފެން ލިބެމުން ދިޔައެވެ.

 ދެން އެއަށްފަހު އުންމު ޝުރައިކު އޭނާގެ ބަނދެވިފައިވާ ދެއަތުގެ ކައިރިއަށް ބާލިދީ ގާތް ކޮށްލިއެވެ .އަދި އޭނާގެ މުޅިހަށިގަނޑަށް ފެން އޮއްސައިލިއެވެ. އެގަދަފަދަ ހޫނުން އަނދަމުންދާ ހަށިގަނޑަށް ފިނިކަމެއް ލިއްބައި ދިނުމަށްޓަކައެވެ. މުޝްރިކުންނަށް ހޭލެވުނު ހިނދު އެބައި މީހުންނަށް އުންމު ޝުރައިކުގެ ޙާލު ވަރަށް ބޮޑަށް ރަނގަޅުވެފައި ވަނިކޮށްނާއި މުޅިންހެން ތާޒާވެފައި ވަނިކޮށް ފެނުނެވެ. އަދި އޭނާ އަޅައިގެން ހުރި ހެދުން އެއްކޮށް ތެމިފޯވެފައްޔާއި، ބިންމަތީގައި ފެން އެޅިފައި ވަނިކޮށްވެސް ފެނުނެވެ. އެހެންކަމުން އުންމު ޝުރައިކު އެމީހުން ބަނދެފައިވާ ވާގަނޑު މޮހެލައިގެން ގޮސް އެމީހުންގެ ފެންކަންވާރުތައް މޮހެ އޭގެއިން ފެންބުއީކަމުގައި އެމީހުން ހީކުރިއެވެ. ނަމަވެސް އޭނާ މިކަމާ އިންކާރުކޮށް ބުންޏެވެ. ”ކަލޭމެން އަހަރެންގެ އަތުގައި ބަނދެފައި މިވާ ވާ މޮހާލުމުގެ ކުޅަދާނަކަމެއް އަހަންނަށް ލިބިގެނެއް ނުވެއެވެ.

 އަދި އަހަރެން ކަލޭމެން ތިޔަ ހީކުރާ ފަދައިން ކަލޭމެންގެ ކަންވާރުތަކުން ފެނެއްވެސް ނުބޮމެވެ.“ ދެން އެމީހުން އޭނާ ފެންބުއިގޮތަކާއި ބެހޭގޮތުން އޭނާޔާ ސުވާލުކުރަން ފަށައިފިއެވެ. އެވަގުތު އޭނާއާ ދިމާވި މި ޢަޖައިބުކުރުވަނިވި ޙާދިޘާގެ ވާހަކަ އޭނާ އެބައިމީހުންނަށް ކިޔައިދިނެއެވެ. އެމީހުން އޭނާގެ މިވާހަކަ ޤަބޫލު ނުކޮށް އެމީހުންގެ ފެންކަންވާރުތައް ބަލާ ޗެކްކުރަންދިޔަ އެވެ. އަދި އެއްވެސް މީހަކު އެމީހުންގެ ފެންކަންވާރުތަކުގައި ބީހިފައި ވެތޯ ބެލުމަށް ވެސް އޭނާ އެމީހުން ގާތު އެދުނެވެ.

 އެގޮތުން އެމީހުން އެމީހުންގެ ފެން ކަންވާރުތައް ބަލާ އޭގެން އެންމެ ފެންތިއްކެއްހާ މިންވަރުވެސް މަދުވެފައި ނުވުމުން އެކަމައި ވަރަށް ޢަޖައިބުވެއްޖެ އެވެ. އަދި އޭނާގެ ދީނަކީ އެހެން ހުރިހާ ދީންތަކަށްވުރެ މާ މަތިވެރި ދީނެއްކަމާއި ޙައްޤު ދީން ކަމުގައި އެމީހުންނަށް ވިސްނުނެވެ. އެހިނދު ﷲ ނޫން އެހެން އިލާހަކު ނުވާކަމަށް ހެކިކޮށް އީމާން ވެއްޖެ އެވެ. އަދި މުޙަންމަދުދެފާނީ ﷲ ގެ ނަބިއްޔާކަމަށް ވެސް އީމާން ވެއްޖެ އެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons