Monday, October 3, 2011

މިނިސްޓަރުކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވައިފި

     ޑރ. މަޖީދު ވިދާޅުވީ މިނިސްޓްރީ ހިންގުމަށް ސަރުކާރުގެ އެއްބާރުލުން ދިން ކަމަށާއި އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ނިންމުމަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށް. އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ ބަޔާނެއްގެ މައްސަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި.


އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ކޯލިޝަން ރޫޅާލައި، އަދާލަތު ޕާޓީގެ މެމްބަރުން ސަރުކާރުން އިސްތިއުފާ ދޭން އެ ޕާޓީން ގޮވާލައިފައި ވަނިކޮށް އިސްލާމިކް މިނިސްޓަރު ކަމުން ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


ވަޒީރު ކަމުގައި ތިން އަހަރެއްހާ ދުވަހު ހުންނެވުމަށް ފަހު، އިސްތިއުފާ ދެއްވިކަން "ހަވީރަ"ށް ކަށަވަރުކޮށްދެއްވަމުން ޑރ. މަޖީދު ވިދާޅުވީ އިސްތިއުފާގެ ސިޓީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.


މަޖީދު ސަރުކާރުން ވަކިވެވަޑައިގެންފައި މި ވަނީ ދީނާ ގުޅޭ ކަންކަން ހިންގަވައި ލަފާދެއްވުމުގަ އާއި ސިޔާސީ ގޮތުން ވެސް ސަރުކާރަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ރައީސް ތައުރީފް ކުރައްވައި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައި ވަނިކޮށެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމަށް ފަހު، ސަރުކާރުން ވެސް ވަކިވެވަޑައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރާ އެކު އަދާލަތު ޕާޓީން ހަދާފައިވާ ކޯލިޝަން އުވާލައި، ސަރުކާރުގެ އެއްވެސް މަގާމެއް އަދާލަތު ޕާޓީ ތަމްސީލުކުރާ މީހަކު ނުހުންނާނެ ކަމަށް ނިންމި ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.


"ޕާޓީން އިސްތިއުފާ ދިނުމަށް އަޅުގަނޑަށް އެދިފައިވާތީ އެ ނިންމުމަށް އިހްތިރާމްކުރަން ބޭނުންވޭ. އެހެންވެ އަޅުގަނޑު އިސްތިއުފާ ދިނީ،" ޑރ. މަޖީދު ވިދާޅުވި އެވެ.


ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، އަދާލަތުން މިދިޔަ ހަފްތާގައި ކޯލިޝަން ރޫޅާލުމަށް ފަހު، މަޖީދާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝޭހު ހުސެއިން ރަޝީދު އަހްމަދު އިސްތިއުފާ ދެއްވުމަށް އެދި ސިޓީ ފޮނުވައިފައިވެ އެވެ. ނަމަވެސް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެ ކަމަށް ޝޭހް ހުސެއިން ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މެންދުރު ފަހު ވިދާޅުވީ މަޖީދުގެ ސިޓީއެއް ލިބިވަޑައިގެންނެވި ކަމަށާއި އެކަމަކު ރައީސަށް އެ ސިޓީ ބައްލަވާލެއްވުމުގެ ފުރުސަތެއް އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ.


އޭނާ ވިދާޅުވީ މިނިސްޓަރު ކަމުގައި ހުންނަވައި ކެތްތެރިކަމާ އެކު އިލްމީ މަސައްކަތްތަކެއް ޑރ. މަޖީދު ވަނީ ކޮށްދެއްވާފަ އެވެ. ރައީސުލް ޖުމްހޫރިއްޔާ ވެސް އެކަން ފާހަގަކުރައްވާ ކަމަށާއި މަޖީދުގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
"ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގަވާއިދަކީ ވެސް އެމަނިކުފާނު އިސްކޮށް ހުންނަވައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ގަވާއިދެއް، އެ ނޫން ވެސް ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ގެންދެވުމަށް މަސައްކަތްތައް ކުރައްވާފައިވޭ،" ޒުހެއިރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީ ހިންގެވުމަށް ދީނީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ގޮންޖެހުންތައް ސަރުކާރުން ކުރިމަތިކުރުވާ ކަމަށް އަދާލަތު ޕާޓީން ތުހުމަތުކޮށްފައިވީ ނަމަވެސް މަޖީދު ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މިނިސްޓްރީގެ އެއްވެސް ކަމެއްގައި ދައްޗެއް ކުރިމަތިވެވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.


"އަޅުގަނޑަށް މިނިސްޓްރީ ހިންގުމަށް ދައްޗެއް ކުރިމަތި ނުވޭ. ރާއްޖޭގެ ދީނީ ގޮތުން ހިޔާލު ތަފާތުވެފައި އޮތް މުޖުތަމައުގައި އަޅުގަނޑުމެންގެ މަސައްކަތުން ފުދޭވަރަކަށް ބޮޑަށް މީހުންގެ ރައުޔުތައް އެއްގޮތް ކުރެވި ހިޔާލުތައް ކައިރިކުރެވި ވަރަށް ބޮޑު ހަމަޖެހުމެއް މުޖުތަމައަށް ގެނެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މަޖީދު ވިދާޅުވި އެވެ.


ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު ޖުމްލަކޮށް ރަނގަޅު ކަމަށް ވިދާޅުވި އިރު އަދާލަތުން އެ ގަވާއިދުން މުހިއްމު ބައިތަކެއް އުނިކޮށްފައިވާ ކަމަށް ބުނެ ފާޑުކިޔައި ބަޔާން ނެރުނު ބައްދަލުވުމުގައި މަޖީދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. މަޖީދު ވިދާޅުވީ އެ ގަވާއިދުގެ ހުރިހާ ކަމެއް ކަމުނުދާ ކަމަށް ޕާޓީން ބުނި ނަމަވެސް ޖުމްލަކޮށް ބޭނުންވާ މުހިންމު ބައިތައް ހުރުމުން ގަވާއިދު ރަނގަޅު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.


އެ ގަވާއިދުން އުނިކޮށްފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ބައިތައް އިދާރީ އެހެން ގަވާއިދެއްގެ ތެރެއިން ނެރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.


އަދާލަތު ޕާޓީގެ ނިންމުމުގެ މަތިން މިނިސްޓަރުކަމުން ވަކިވެވަޑައިގެންނެވި އިރު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިސްތިއުފާ ދެއްވީ ކީއްވެގެންތޯ ދެންނެވުމުން މަޖީދު ވިދާޅުވި ގޮތުގައި އިލްމުވެރިންގެ މަޖިލީހުގައި އޭނާ އެދިވަޑައިގެންނެވި ގޮތާ ހިލާފަށް ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން ފަތިސް ނަމާދުގައި ދާއިމީ ގޮތެއްގައި ގުނޫތު ކިޔުމާއި އިމާމުން ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން ވަކި ބަޔާނެއް ނެރެފައި ވަނީ އޭނާ އަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވި އެވެ. އެ ބަޔާން ނެރުމުން ޝޭހް ހުސެއިން ރަޝީދު ވަނީ ޑރ. މަޖީދާއި އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.


"އަޅުގަނޑު ބުނެފައި އޮންނާނީ އެކަމާ ]އަޑު ހަރުކޮށް ބިސްމި ކިއުމާއި ގުނޫތު ކިއުމާ[ ގުޅޭ ބަޔާނެއް ނެރެން ނުފެންނަ ކަމަށް. އަޅުގަނޑު އެހެން ބުނެފައި އޮއްވައި ބަޔާން ނެރުނީ. އެ މައްސަލާގައި އަޅުގަނޑު ]އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަމުން[ ދުރުވީ،" މަޖީދު ވިދާޅުވި އެވެ.


މަޖީދު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް އޭނާ އަދި ނުނިންމަވަ އެވެ.
"އަޅުގަނޑު އިތުރަކަށް ނުވިސްނަން. އަޅުގަނޑު ކުދިންނާ އެކު ގޭގައި މަޑުކޮށްލައިގެން ހުރީ،" މަޖީދު ވިދާޅުވި އެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons