Monday, October 17, 2011

މޫނު ބުރުގާއެޅުމުގެސަބަބުން ޖޫރިމަނާ ދައްކަންޖެހޭ އަންހެނުންނަށް 1 މިލިއަންޔޫރޯގެ ފަންޑެއްހުޅުވައިފި.

     މޫނު ބުރުގާއެޅުމުގެސަބަބުން ޖޫރިމަނާ ދައްކަންޖެހިއްޖެ އަންހެނެއްގެ ޖޫރިމަނާ ދައްކައިދިނުމުގެ ގޮތުން ހިލޭ އެހީދޭ ފަންޑެއް ހުޅުވައިފިއެވެ.


މޫނު ބުރުގާ މަނާކުރެވިފައިވާ ކޮންމެ ގައުމަކުން ޖޫރިމަނާކުރިކަމުގައިވިޔަސް، އާންމު ތަންތާނގައި އިސްލާމީ އުޞޫލުން މޫނުބުރުގާއަޅާ އަންހެނުންގެ ޖޫރިމަނާ ދައްކައިދިނުމަށް ހުޅިވިފައިވާ ފަންޑު ހަދާފައިވަނީ ފްރާންސްގެ ވިޔަފާރިވެރިއެކެވެ.

ފުރާންސްފަދަ އާންމު ތަންތާނގައި މޫނުބުރުގާއެޅުން މަނާކުރުމާއިބެހޭގޮތުން ޤަވާޢިދު ތަންފީޛުކުރަމުންދާ ޤައުމުތަކުގައި، ފުރިހަމައަށް ޙިޖާބުވެ އިސްލާމީ ހެދުމުގައި ތިބުމަށް އިޚްތިޔާރުކުރާ އަންހެނުން، އެކަމުގެ ސަބަބުން ޖޫރިމަނާ ދައްކަންޖެހިއްޖެނަމަ އެޖޫރިމަނާދައްކައި ދިނުމުގެގޮތުން ހުޅުވާފައިވާ މިފަންޑަކީ އެއްމިލިޔަން ޔޫރޯގެ ފަންޑެކެވެ.

ރާޝިދު ނެއްކާޒް 38، އަކީ ޕެރިސްގެ ވިޔަފާރިވެރިއެކެވެ. އޭނާވަނީ މިދިޔަ ބުދަދުވަހު ބެލްޖިޔަމްގައި ޖޫރިމަނާ ދައްކަންޖެހުނު ދެއަންހެނެއްގެ ފަރާތުން 100 ޔޫރޯގެ ޖޫރިމަނާ ދެއްކުމުގެ ގޮތުން ބެލިޖިއަމްއަށް ދަތުރުކޮށް އެފައިސާ ދައްކައިދީފައެވެ. މިއީ ބެލްޖިއަމްގައި މޫނުބުރުގާ އަޅާ މީހުންނާ ދެކޮޅަށް ގާނޫނެއް ފާސްކުރެވުނުފަހުން އެންމެފުރަތަމަ ޖޫރިމަނާ ދައްކަންޖެހުނު ދެ އަންހެނުންނެވެ. ހަމައެދުވަހު ފްރާންސްގެ އިރުދެކުނު ޓައުން އެއްކަމުގައިވާ ރޯބިއަޒްގައި ޖޫރިމަނާ ދައްކަންޖެހުނު އަންހެނެއްގެ ފަރާތުން 75 ޔޫރޯވެސް އޭނާ ދައްކާފައިވެއެވެ.

"އަހަރެން މިގޮވާލަނީ މަދަނީ ބަސްނޭހުމަކަށް" ފްރާންސް 24 ޗެނަލްގައި އޭނާ ބުންޏެވެ. "އަހަރެން މިބުނަނީ އަންހެނުންގާތުގައި، މޫނުބުރުގާ އަޅާގައިގެން ބޭރަށް ނުކުތުމަށް ބިރުނުގަންނާށޭ! އެމީހުންގެ ޖޫރިމަނާ ދައްކައިގެން އަހަރެން އެޤާނޫނު ހަމަޖައްސައިދެނީމި، އެޤާނޫނުގެ ބޭނުމެއްނެތްކަމާއި އޭގައި އެއްވެސް މާނައެއްނެތްކަން އަހަރެން މިހާމަކޮށްދެނީ. އަދި އެޤާނޫނު މަސައްކަތެއް ނުކުރާނެކަން. މިކަން ވެގެންދާނީ ސިޔާސީ ފަރާތްތަކަށްހުރި ފަޞީޙަތްވުމަކަށް"ރާޝިދު ނެއްކާޒް ހާމަކުރިއެވެ.

ނެއްކާޒު ބުނާގޮތުގައި ފުރާންސާއި ބެލްޖިޔަމްގައި މޫނުބުރުގާ އެޅުން މަނާކޮށްފައިވަނީ ސިޔާސީ ބޭނުމަކަށެވެ. އޭގެފަހަތުގައިވަނީ ފުރާންސްގެ ރައީސް ނިކޮލަސް ސާކޯޒީ ކުރިޔަށްއޮތް ދައުރަށް އިންތިޚާބުވުމަށްޓަކައި ބޭނުންވާ ކަނާތުފިޔާގެ ހައްދުފަހަނައަޅާފައިވާ މީހުންގެ ވޯޓު ހޯދުމެވެ. މިފަދަ ގާނޫނެއް އޮތުމީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއްކަން ސާކޯޒީއަށް ރަނގަޅަށް އެނގޭނޭކަމުގައިވެސް އޭނާ ތުހުމަތު ކުރެއެވެ.

ނެއްކާޒްވަނީ ފްރާންސާއި ބެލްޖިޔަމްގައި ގާނޫނީ ޗެލެންޖެ އުފައްދައިފައެވެ. އޭނާގެ އުންމީދަކީ European Court of Human Rights ޔޫރަޕުގެ އިންސާނީ ޙައްޤުތަކާބެހޭ ކޯޓަށް މިމައްސަލަ ހިފައިގެން ދިޔުމެވެ.
 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons