Wednesday, October 19, 2011

ޤުރުއާން ރައްކާތެރިކުރެއްވުން



މާތްﷲ ޤުރުއާން ބާވައިލެއްވީ ހުރިހާކަމެއް އޭގައި ހިމެނިގެންވާ އެކަލާނގެ އެންމެ ފަހުގެ އިލާހީ ޤާނޫނުގެ ގޮތުގައެވެ. މިޤުރުއާނަށްފަހު އެކަލާނގެ އެހެން ފޮތެއް ބާވައިނުލައްވައެވެ.މިކަމުގެ ސަބަބުން އެޤުރުއާންވަނީ އިންސާނުން އެއަށް ގެނެސްފާނެ އުނިއިތުރަކުން ޙިމާޔަތްކުރައްވާފައެވެ. މިޙިމާޔަތް ޤުރުއާން އެންމެ ފުރަތަމަ ބާވައިލެއްވުނު ދުވަހުން ފެށިގެން އަދާހަމަޔަށްވެސްވެއެވެ.

އަދި މާތްﷲ މިޢާލަމުގައިވާ ހުރިހާ އެއްޗެއް އެކަލާނގެ ޙަޟްރަތަށް އެއްތަންކުރައްވަދެން މިޙިމާޔަތް ދެމިގެންދާނެއެވެ. ޤުރުއާނުގައި އެއްވެސް އުނިއިތުރެއް ނުވެއެވެ. ޤުރުއާން އަޅުގަނޑުމެންނާ ޙިސާބަށް އައިސްފައިވަނީ ތަވާތުރުގެ އެތައްސިލްސިލާއަކުންނެވެ. މިސިލްސިލާތަކުގައި ހިމެނިވަޑައިގަންނަވާ ބޭކަލުން ގުޅިގެން އިތުރުފުޅެއް ހައްދަވާފާނޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޤުރުއާންވަނީ އެތައް ގޮތަކަށް ލިޔެވި އެތައް ބަޔަކު ހިތުދަސްކޮށްފައެވެ.

ޤުރުއާނުގެ އެންމެ ބަސްފުޅަކަށްވެސް މިހާޒަމާންވީއިރު ބަދަލެއްއައިސްފައެއް ނުވެއެވެ. ޤުރުއާން ހިތުދަސްކޮށްފައިވާ ބައެއް މީހުންނަށް ޢަރަބިބަސް ނޭނގުނުކަމުގައިވިޔަސް އެޤުރުއާން ބާވައިލެއްވުނުގޮތަށް އެއްވެސް ބަދަލެއްނުގެނެސް އެކިޔަވައެވެ.

މާތްﷲ ވަނީ ޤުރުއާން ރައްކާތެރިކޮށްދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ.ޙަޖްރު ސޫރަތުގެ ވަނަ އާޔަތުގައި އެކަލާނގެ އެކަލާނގެ ވަޙީކުރެއްވިއެވެ.
لَقَالُواْ إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ
މާނައީ: ހަމަކަށަވަރުން، ޤުރުއާން ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަދ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.

އަދިވެސް އަންޢާމް ސޫރަތުގެ 115 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ. وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلاً لاَّ مُبَدِّلِ لِكَلِمَاتِهِ وَهُوَ السَّمِيعُ الْعَلِيمُ
މާނައީ: އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ ކަލިމަފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ޤުރުއާނާ ޚިލާފަށް، ކުރިން ބާވައިލެއްވުނު ފޮތްތައް ބާވައިލެއްވިފައިވަނީވަކި މުއްދަތަކަށެވެ. އަދި އެފޮތްތައް ޙިމާޔަތްކުރުމުގެ ޒިންމާ މާތްﷲ ޙަވާލުކުރައްވާފައިވަނީ އިންސާނުންނަށެވެ. އަދި އެއިންސާނުންވަނީ އުނިއިތުރު ގެނައުމުންނާއި ބަދަލުކުރުމުންނާއި ވަންހަނާކުރުމުން އެފޮތްތަކުގެ އަޞްލު ގެއްލުވާލައިފައެވެ. މާއިދާ ސޫރަތުގެ 44 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.

إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُواْ لِلَّذِينَ هَادُواْ وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُواْ مِن كِتَابِ اللّهِ وَكَانُواْ عَلَيْهِ شُهَدَاء
މާނައީ: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތައުރާތު ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ރައްބާނިއްޔުން (އެބަހީ: ޔަހޫދީންގެ އަޅުވެރިން) ނާއި ޔަހޫދީންގެ ޢިލްމުވެރިން، އެފޮތް ޔަހޫދީންގެ މައްޗަށް ޙުކުމު ކުރައްވަތެވެ. (އެއީ) ﷲގެ ފޮތް ރައްކާތެރިކުރުމުގެ އަމާނާތް އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ.

ޤުރުއާންވަނީ އެބާވައިލެއްވުނު ގޮތަށް ރައްކާތެރިކުރެވިފައެވެ. މިއީ އެޤުރުއާން ދިރާސާކުރައްވާ ޢިލްމުވެރިން އިއްތިފާޤުވެލައްވާ ޙަޤީޤަތެކެވެ. މިޢިލްމުވެރިންގެ ތެރޭގައި މުސްލިމުންނާއި ޣައިރު މުސްލިމުން ހިމެނެއެވެ.

ޤުރުއާން ރައްކާތެރިކުރުން ޙާޞިލްކުރެވިފައިވަނީ އެތައް ގޮތަކުންނެވެ. ރަސޫލު ޒަމާނުގައި ޤުރުއާން ރައްކާތެރިކުރުވެމަށް ބާރުއަޅައިދިން ސަބަބުތަކަކީ:

1.                  ކީރިތި ރަސޫލާއަށް ވަޙީ ބާވައިލެއްވުނީ ހިތުދަސްކުރައްވަން ފަސޭހަވާނޭފަދަ ގޮތަކަށެވެ. ވަޙީ އަންނަގޮތާ ބެހޭގޮތުން ސުވާލު ދެންނެވުނު ހިނދު މާތްރަސޫލާ ޙަދީޘްކުރެއްވިއެވެ. "ބައެއްފަހަރު އެކަލޭގެފާނު (ވަޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާ) ރަނގަބީލުގެ އަޑުފައްގަނޑު ފަދައިން ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވައެވެ. މިއީ ތިމަންކެލޭގެފާނަށް އެންމެ ދަތި އަދި ބުރަ ގޮތެވެ. ދެން އެކަލޭގެފާނު ވިދާޅުވެދެއްވާ އެއްޗެއް ދަސްކުރައްވަމުއެވެ. އަދި ބައެއްފަހަރު އިންސާނެއްގެ ސިފާގައި އެމަލާއިކަތާ ވަޑައިގަންނަވައެވެ. އަދި ތިމަންކަލޭގެފާނާ ވާހަކަދައްކަވާ ހެއްދެވުމުން އެވިދާޅުވެދެއްވި އެއްޗެއް ދަސްކުރައްވަމުއެވެ."

2.                  ވަޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާ މާތް ރަސޫލާއާއެކު ޤުރުއާން މުރާޖަޢާ ކުރައްވައެވެ. މިކަން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގައި ހިންގަމުންދިޔައެވެ. އެގޮތުން ޖިބްރީލް ރަމަޟާންމަހުގެ ކޮންމެ ރެއަކު އެކަލޭގެފާނުގެ އަރިހަށްވަޑައިގެން ޤުރުއާނުން ކިޔަވާ ވިދާޅުވެދެއްވާނެއެވެ. އަދި އެކަލޭގެފާނުގެ ސުވަރުގެއަށް ވަޑައިގެން އަހަރު ދެފަހަރު ރަމަޟާންމަސްތެރޭ ޤުރުއާން މުރާޖަޢާކޮށްދެއްވިއެވެ. މިހުރިހާ ކަމެއެއްވެސް ކުރެވިފައިވަނީ ޤުރުއާނުގެ ރައްކަލަކަށެވެ.

3.                  ކީރިތި ޤުރުއާން ލިޔެވި އަދި އެލިޔެވުނު ތަކެތި މުރާޖަޢާކުރެވުނެވެ. ވަޙީއައުމުން އެވަޙީލިޔުއްވާނެ ކާތިބުން މާތް ރަސޫލާ ޢައްޔަންކުރެއްވިއެވެ. އަދި އެކާތިބުން އެލިޔުމުން އެލިޔުއްވި އެއްޗެއް އެކަލޭގެފާނަށް ކިޔަވާދިނުމަށް ވިދާޅުވާނެއެވެ. އަދި އެލިޔެވިފައިވާ ލިޔުމުގައި ކުށެއްވާނަމަ އިޞްލާޙްކޮށްދެއްވާނެއެވެ.

4.                  ރަސޫލުކަމުގެ ކުރީކޮޅު މާތް ރަސޫލާގެ ޙަދީޘާއި ޤުރުއާނުގެ ތަފްސީރުފަދަ ތަކެތި ލިޔުންވަނީ މަނާކުރައްވާފައެވެ. އެއީ މީހުންނަން ޤުރުއާނާއި އެހެނިހެންތަކެތިއޮޅި މަސްހުނިވެދާނެތީއެވެ. ނަމަވެސް ޤުރުއާންވަކި އެއްޗެއްގެ ގޮތުގައި ފާހަގަކުރެވި، ކަނޑައެޅި، އެހެން އެއްޗަކާ މަސްހުނިވުމުގެ ފުރުޞަތު ނެތިދިޔުމުން އެހެނިހެންތަކެތި ލިޔުމުގެ ހުއްދަ ދެއްވިއެވެ.

5.                  ޤުރުއާން ދަސްކުރުމަށާއި އުނގަންނައިދިނުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން މާތް ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނަށް ޤުރުއާން ދަސްކުރުމަށާއި އުނގަންނައިދިނުމަށާއި އެއްބޭކަލަކު އަނެއް ބޭކަލަކަށް ދަސްކުރުމުގައި އެހީތެރިވުމަށްވަނީ އިރުޝާދުދެއްވާފައެވެ. އަދި އިމާމުވެ ނަމާދުކުރުމުގެ އިޒުނަދެއްވުމުގަޔާއި ލަޝްކަރުގެ ވެރީން ޢައްޔަންކުރެއްވުމުގައި ޤުރުއާންގެ ޢިލްމުބޮޑަށް ދެނެލައްވާ ބޭކަލުންނަށް އިސްކަންދެއްވިއެވެ. މީގެ އިތުރުން ނަމާދުކުރާއިރުގައި ތަކުރާރުކޮށް ޤުރުއާން ކިޔަވަންޖެހުމާއި ޢާއްމު ދިރިއުޅުމުގައި ޤުރުއާނުން ޙުކުމުނަގަންޖެހުން ވެގެންދިޔައީ ޤުރުއާން ދަސްކުރުމަށް ބާރުއަޅައިދިން ސަބަބަކަށެވެ.

6.                  ޢަރަބީންނަކީ ވަރަށް ހަނދާންގަދަ ބަޔެކެވެ. އަދި ޤުރުއާން ހަނދާނުގައި ބެހެއްޓުމަށް އެމީހުން ޚާއްޞަ ސަމާލުކަމެއްދިނެވެ. މީގެ އިތުރުން ޤުރުއާން ދަސްކުރުމަށް އެމީހުން އިތުރަށް ޝައުޤުވެރިކުރުވި އަނެއްސަބަބަކީ ޤުރުއާން ބަލާޣަތާއި ފަޞާހަތުގެ އެންމެ ރިވެތި އަދަބީ އުސްލޫބުން އައިސްފައިވުމެވެ. ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ޤުރުއާން ހިތުންދަސްކޮށް އަދި ލިޔެފައިވެއެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންނާއި ބަދަވީންގެ ތެރެއިން އެތައްބަޔަކު ޤުރުއާން ހިތުދަސްކޮށްފައިވެއެވެ.

މާތް ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހުވެސް އެކަލޭގެފަނުގެ ޞަޙާބީން ޤުރުއާން ދަސްކުރުމުގައާއި ރައްކާކޮށް ޙިމާޔަތްކުރުމުގައި ދެމިތިއްބެވިއެވެ. މިކަމަށް ހެކިދޭ ދެތާރީޚީ ހާދިސާތަކެއްވެއެވެ. އެއީ:

1.                  މުސްލިމުންގެ ފުރުތަމަ ޚަލީފާ އަބޫބަކުރުއް ޞިއްދީޤުގެ ޚިލާފަތުގައި ޤުރުއާން ހިތުދަސްކުރައްވާފައިވާ އެތައްބޭކަލަކު ހަނގުރާމަތަކުގައި ޝަހީދުވެގެންދިޔައެވެ. އެކަލޭގެފާނާއި އަދިވެސް ކުރިޔަށް ތިއްބެވި ބަޔެއް ޞަޙާބީންނަށް، ޤުރުއާން ހިތުދަސްކުރައްވާފައިވާ ބޭކަލުން ޝަހީދުވެ ނުވަތަ އަވަހާރަވަމުންދާކަމުގައިވާނަމަ ޤުރުއާން ނެތިހިނގައިދާނޭކަމުގެ ބިރު ހީފުޅުވާން ފަށައިފިއެވެ. އެހެންވެ އެކަލޭގެފާނު ޤުރުއާން ޖަމާކުރެއްވުމަށް އަމުރުކުރެއްވިއެވެ. އެގޮތުން އޭރު ލިޔެވިފައިވާ ޤުރުއާނުގެ އެކި ނުޞްޚާތައް ބަލާހެދުނެވެ. އަދި ފިލާކޮޅުކޮޅުގައްޔާއި ހަންހަމުގައި ލިޔެވިފައިވާ އެތިއެތިކޮޅަށް ދާންދެން ބަލާހެދުނެވެ. އަދި ޤުރުއާން ހިތުދަސް ހުރިހާ ބޭކަލުންނާ ސުވާލުކުރެވުނެވެ. އަދި އެއަށްފަހު ޤުރުއާން ފޮތެއްގެ ޞިފައިގައި ތައްޔާރުކުރެވި ޚަލީފާއާއި އެކަލާގެފާނުގެ ފަހުން ވަޑައިގަންނަވާނޭ ޚަލީފާއިންގެ ބެއްލެވުމުގެ ދަށުގައި އެބޭއްވުނެވެ.

2.                 މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަރަބީންނަށް ފަސޭހަވާނޭހެން އެމީހުންގެ އެކިއެކި ބަހުރުވަތަކުން އެކިއެކި ޤިރާއަތްތަކަށް ޤުރުއާން ކިޔެވުމުގެ އިޒުނަވަނީ ދެއްވާފައެވެ.

ނަމަވެސް ޢުޘްމާންގެފާނުގެ ޚިލާފަތުގެ ދުވަސްވަރު މިކަމުގެ ސަބަބުން ބަޔެއް މުސްލިމުންގެ މެދުގައި އޮޅުންއެރުންތަކެއް އުފެދިގެންދިޔައެވެ. މިކަމެއްގެ ޙައްލެއްގެ ގޮތުން، ހުރިހާ މުސްލިމުން އެއްޤިރާއަތަކަށް ޤުރުއާން ކިޔެވުމަށް އެކަލޭގެފާނު ކަނޑައެޅުއްވިއެވެ. އެކަނޑައެޅުއްވި ޤިރާއަތަކީ ޢަރަބީންގެ އެންމެ މަޝްހޫރު ޤަބީލާ، ޤުރައިޝުންގެ ބަހުރުވައިގެ ޤިރާއަތެވެ. އަދި އެއަށްފަހު އެކަލޭގެފާނު ޤުރުއާނުގެ ނުސްޚާތަކެއް ހެއްދެވުމަށްފަހު ބޮޑެތި ޝަހަރުތަކުގެ އެކިއެކި ސަރަޙައްދުތަކަށް އެބެއްސެވިއެވެ.

ކުރީގެ ބައެއް ޢިލްމުވެރިން ޢުޘްމާންގެފާނު ތައްޔާރުކުރެއްވި މުޞްޙަފުތަކުގެ އަޞްލު ނުވަތަ ކޮޕީތައް އިސްލާމީ ދުނިޔޭގެ އެކިއެކި ރަށްތަކުގައިވަނިކޮށް ބެއްލެވިކަން މުސްތަޝްރިޤުންވަނީ ޔަޤީންކޮށްދެއްވާފައެވެ. މީގެތެރެއިން އެންމެ މަޝްހޫރުމީސްމީހުންގެ ތެރޭގައި ގުއަޓްރޮމިއަރ ފާހަގަކޮށްލެވެއެވެ. އެއީ ބާރގެސްޓްރެސަރ އާއި ޕެރެޓްޒެލް އިޝާރާތްކުރައްވާ ފަދައިންނެވެ.

މަޝްހޫރު ސައްޔާޙް އިބްނު ބަޠޫޠާ އޭނާގެ ދަތުރުތަކުގައި ޢުޘްމާނީ މުޞްޙަފުތަކެއް ކަމަށްބުނެވޭ ލިޔުންތަކެއް ޣަރުނާޠާ، މާއްރަކެޗް، ބަޞްރާ އަދި މިނޫންވެސް ތަންތަނުން ދެކެލެއްވިކަމަށްވެއެވެ.

އަދި ދިމިޝްޤުގެ ޢިލްމުވެރިއެއްކަމުގައިވާ އިބްނުކަޘީރު (ހިޖްރީގޮތުން 8 ވަނަ ޤަރުނު) ސީރިޔާއަށް ފޮނުވުނު ޢުޘްމާނީ މުޞްޙަފްގެ ލިޔުމެއް ދެކެވަޑައިގެންކަމަށްވެއެވެ. އެކަލޭގެފާނުގެ އިތުރުން އިބްނުލްޖަޒާއިރީ އަދި އިބްނުފަޟްލުﷲ އަލްޢުމައިރީ މިޝަރަފުގައި ޙިއްޞާވެލައްވައެވެ. ދިރާސާކުރައްވާ ބައެއްބޭފުޅުން ވިދާޅުވާގޮތުގައި އެއަށްފަހު މިލިޔުން (މުޞްޙަފް) ރަޝިޔާގެ ޓްސާ(މިހާރުގެ ލެނިންގްރަޑް)އަށް ފޮނުވުނެވެ. އަދި އެއަށްފަހު އިނގިރޭސިވިލާތަށް ގެންދެވުނެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާ ގޮތުގައި އެލިޔުން ދިމިޝްޤުގެ މައިމިސްކިތް 1310 ވަނަ އަހަރު އަނދަދެން އެމިސްކިތުގައި އޮތެވެ.

ޤުރުއާންނޫން ފޮތަކަށް މިހާ އަޅާލުމާއި ރައްކާތެރިކަން ލިބިފައިނުވާކަމަށާއި މިހާގިނަ ޞައްޙަ ގޮތްގޮތުން އައިސްފައިވާ އެހެން ފޮތެއްނުވާކަމަށް ދިރާސާކުރައްވާ ހުރިހާ ބޭފުޅުންވެސް ޤަބޫލުކުރައްވައެވެ.

ޗެވާލިއާ ވިދާޅުވާފަދައިން، ޤުރްއާނަކީ "...މީހަކު ހީކުރާވަރަށްވުރެއް ފުރިހަމަ އަދި ތަފްޞީލީ" ފޮތެކެވެ.
މިއީ ޢަޖާއިބުވާންވީ ކަމެއްނޫނެވެ. އެހެނީ މިއީ މާތްﷲގެ ފޮތެވެ. ފުއްޞިލަތު ސޫރަތުގެ 42 ވަނަ އާޔަތުގައި އެކަލާނގެ އެކަލާނގެ ވަޙީކުރެއްވިއެވެ.
لَا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ
މާނައީ: "އެފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް ބާޠިލްކަމެއް ނާންނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ."

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons