Sunday, October 16, 2011

ބަނގުރަލާއި އޫރުމަހުގައި ޖަހާނީ ކޮން ޓެގެއްބާ!

     ރާއްޖޭގައި އުފައްދާ ބާވަތްތަކަށް ޙަލާލުސެޓްފިކެޓް ދޫކުރަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްއިން ދާދިފަހުންވަނީ ހާމަކޮށްފައެވެ. އަދި މުސްތަޤްބަލުގައި ރާއްޖެއަށް އެތެރެކުރާ މުދަލަކީވެސް ޙަލާލް ސެޓްފިކެޓް ހުރި އުފެއްދުންތޯ ބެލުމަށް ހަމަޖެހިފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.


މިހާހިސާބުން އުފެދޭ ސުވާލަކީ ރާއްޖެއަށް އެތެރެކުރާ ބަނގުރަލާއި އޫރުމަހުގައި ޖަހާނީ ކޮންޓެގެއްބާއެވެ. ޙަލާލު ޓެގުބާއެވެ. ނުވަތަ ޙަރާމް ޓެގުޖަހައި ރާއްޖެ އެތެރެނުކުރާނީ ބާއެވެ. މީގެ ކުރީގައިވެސް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކުރުމަށް ދޫކުރެވޭ ލައިސަންސްގައި ބިސްމި ﷲ ލިޔެފައި ދޫކުރާތީ އެކަމާ އެތައްބަޔަކު ޖޯކުޖަހައި ހެދިއެވެ. ނަމަވެސް ބަނގުރާ އެތެރެކުރުން ހުއްޓުވާލުމުގެ ކަންބޮޑުވުމާއިހެދި، ދިވެހިރާއްޖޭގެ ރިސޯޓުތަކުގެ ވެރިންނާއި މަހުޖަނުންގެ ލޯތަކަށް ހަމަނިދި ނުލިބެއެވެ.

ޔޫރަޕު މީހުން ފަރުވާކުޑަކޮށްލައިފިނަމަ ދިވެހިރާއްޖޭގެ އެންމެން ނެތިފަނާވެ ހަލާކުވެދާނެކަމާމެދު މިއަދު މިރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސްނަޝީދު ނުހަނު ކަންބޮޑުވެއެވެ. މިޤައުމު ސަލާމަތުން ދެމިއޮތުން ގުޅިފައިވަނީ ޔޫރަޕުގެ ގައުމުތަކުގެ އަތްމަތީގައި ކަމުގައިވަނީ ހާމަކޮށްފައެވެ. މިފަދަ ވިސްނުމެއްގައި މަސައްކަތްކުރާ ބަޔަކު ބަނގުރާ އެތެރެކުރުން ހުއްޓައިލާނޭކަމާމެދު ސުވާލު އުފެދެއެވެ؟

ރާއްޖެ އަންނަ ފަތުރުވެރިން މިރަށްތަކަށް އައުމުގެ މައިގަނޑު ބޭނުމަކީ މަސްތުވުންކަމުގައި ޓޫރިޒަމް އިންޑަސްޓްރީގެ ބޮޑުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރެއެވެ. އެހެންކަމުން ޙަލާލު ލޯގޯ ޖަހައިގެން ނުވަތަ ޙަރާމް ލޯގޯ ޖަހައިގެންނަމަވެސް ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކުރާނޭކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. މީގެ މިސާލަކީ، ސިނގިރޭޓު ފޮށީގެ ބޭރުގައި "ސިނގިރޭޓަކީ ކެންސަރު ބައްޔާއި ނުރައްކާތެރި އެތައް ބަލިތަކެއް ޖައްސާ އެއްޗެއް" މިހެން ލިޔެގެންވެސް އެވިއްކަނީއެވެ. މެޑިކަލް ޑޮކްޓަރުންވެސް ސިނގިރޭޓު ބުއިމުގެ ނުރައްކާތެރިކަން ހާމަކޮށް ބަލިމީހުންނަށް ކިޔައިދިނުމަށްފަހު، އިންޓަރވަލްގަޑީގައި އޭނާވެސް ނުކުމެ ސިނގިރޭޓެއް ބޯލާ އުޞޫލުންނެވެ. ނަމަވެސް ފިހަރައެއްގައި ހުންނަ މުދަލެއް މުއްދަތުހަމަވެފައި ހުއްޓާ އޮޅިގެންވެސް ވިއްކައިފިނަމަ އެޖެހުނީ ބޮޑުތާއެވެ. ފާޑުފާޑުގެ މިނިސްޓްރީތަކުން އައިސް ފިހާރައިގެ ވެރިފަރާތް ހަމަ ކުދިކުދި ކޮށްލާނެއެވެ.

އާދެ! ކާބޯތަކެތި ޙަލާލުތޯ އެޓެސްޓުކުރުމުގައި ދުނިޔޭގެ ބާޒާރުގައި އެންމެ ކުރީގައި އުޅެނީ މެލޭޝިޔާއެވެ. ވަކީން ޚާއްޞަކޮށް އިސްލާމީ ޤައުމުތަކަށް އެތެރެކުރެވޭ އެއްގަމު މަހުގެ ބާވަތްތަކަކީ ޙަލާލު އެއްޗެތިތޯ އެޓެސްޓުކުރުމުން، ބާޒާރުގައި އެތަކެތި ވިއްކުމަށް ލިބޭ މާކެޓް ރަނގަޅުވެގެންދާކަމުގައި އެފަރާތްތަކުން ހާމަކުރެއެވެ. ޙަލާލު ސެޓްފިކެޓް ދޫކުރެވޭ ކާބޯތަކެތީގެ ބާވަތްތަކުގައި ޞާފުޠާހިރުކަމުގައި އިތުރު ސުވާލެއް ނުއުފެދޭތީ ބައެއް ޤައުމުތަކުގައި ކާފަރުންވެސް ޙަލާލު ލޯގޯ ޖަހާފައިހުންނަ ކާބޯތަކެއްޗަށް ސަމާލުކަމެއްދެއެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގައި މިފަދަ ދުނިޔޭގެ ނަންމަޝްހޫރު އިސްލާމީ ޤައުމުތަކުގައި ބެލޭ މިންވަރަށްވެސް މިކަންކަން ބެލިފައި ނުހުންނާތީއެވެ. މީގެ އިތުރުން އެހެން ޤައުމުތަކުގައި މުސްލިމުން އެމީހުންގެ ދީނަށްދޭ ސަމާލުކަން، މިފަދަ އިސްލާމީ މުޖްތަމަޢެއްގައި ނުފެނުމަކީ ވަރަށް ހިތާމަހުރިކަމެކެވެ.
 
އަލްއިމާމް އަޙްމަދުބުނު ޙަންބަލް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ބަނގުރަލުގެ ސަބަބުން 10 ފަރާތަކަށް ﷲ ލަޢުނަތްލެއްވިއެވެ.
އެ 10 ފަރާތަކީ:
1. ބަނގުރާ ތައްޔާރުކުރުމަށް ދިޔަފެލާ ހަދާމީހާ
2. ދިޔަފެލައި ދެވުނު (އެކަމަށް) އެދުނު ) މީހާ
3. ބަނގުރާ ބޯމީހާ
4. ބަނގުރާ އުފުލައިދިން މީހާ
5. ބަނގުރާ އުފުލައިދެވުނު (އެކަމަށް އެދުނު )ފަރާތް
6. ބަނގުރާ ބޯންދޭމީހާ
7. ބަނގުރާ ވިއްކައިގެން އޭގެ ވިޔަފާރިކުރާ މީހާ
8. ބަނގުރަލުގެ ވިޔަފާރިއާއި ބަނގުރަލުގެޚިދުމަތުން ލިބޭފައިސާ ބޭނުންކުރާމީހާ
9. ބަނގުރާ ބުއިމަށް ނުވަތަ ވިއްކުމަށް ޙަވާލުވި ފަރާތް (ވަކީލު)
10. ބަނގުރާ ގަނެދިނުމަށް ޙަވާލުކުރި މީހާ (މުވައްކިލު)

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons