އިންސާނުން ދުނިޔޭގައި ލެއްވި ދުވަހުންފެށިގެން ޙައްޤާއި ބާޠިލުގެ ދެމެދުގައި ހަނގުރާމަ ވަނީ ފެށިފައެވެ. މިހަނގުރާމައިގެ ފެށުމަކީ އަހަރެމެންގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް ސުވަރުގެ ވެއްދުމުން ޝައިޠާނާ އެކަމާ ޙަސަދަވެރިވެ އާދަމްގެފާނު މަގުފުރެއްދުމަށް ކުރި ހަނގުރާމައެވެ. މިހަނގުރާމަ ދުނިޔެ ޤިޔާމަތް ވާންދެން ދެމި އޮންނާނެއެވެ. ޝައިޠާނާގެ ޕާޓީތަކުން ބާޠިލުގެ މަގަށް މީހުން ގެންދިޔުމަށް މަސައްކަތް ކުރަމުން ދަނީ ހީވެސް ނުކުރާހާ ވަރުގަދަ ގޮތެއްގައެވެ. ތަފާތު ވަސީލަތް ތަކުގެ ބޭނުން ހިފައިގެންނެވެ. ހަމަ އެހެންމެ ޙައްޤުގެ އަހުލުވެރިންވެސް މީސްތަކުން އެބައިމީހުންގެ ވެރިރަސްކަލާނގެ މަގަށް ގެންދިޔުމަށް ރެޔާދުވާލު މަސައްކަތް ކުރަމުން ދެއެވެ.
މިގޮތުގައި މި ހަނގުރާމަ ހިނގުމުގެ މަޤުޞަދަކީ މީސްތަކުންގެ ތެރެއިން ﷲ ގެ މަގު އިޚްތިޔާރުކުރަނީ ކާކުތޯ ބެއްލެވުމަށް ޓަކައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ( وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ ) الأنبياء: ٣٥ މާނައީ " ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމުގެގޮތުން ނުބައިކަމާއި ހެޔޮކަންތައް ތިޔަބައި މީހުންނަށް ދައްކަވަމުއެވެ. އަދި ތިޔަބައިމީހުން އެނބުރި އައުން ވަނީ ތިމަން ރަސްކަލާނގެ ޙަޟްރަތަށެވެ."
މިތަނުގައި އަޅުގަނޑު ބަލާލާނީ ބާޠިލުގެ އަހުލުވެރިން، މީހުންގެ ބުއްދިއަށް އެބައިމީހުންގެ ބާޠިލު ވެއްދުމަށް ބޭނުންކުރާ ވަސީލަތްތަކާބެހޭގޮތުންނެވެ. އެއީ އެބައިމީހުންގެ ދަންތުރައިގައި ނުޖެހި ތިބުމަށްޓަކައެވެ.
މިގޮތުން މީސްތަކުންގެ ހިތްތަކަށް ބާޠިލު ވެއްދުމަށްޓަކާ ބޭނުންކުރާ ފުރަތަމަ ގޮތަކީ :
ބާޠިލުގޮތް މީސްތަކުންގެ ހިތްތަކުގައި ޒީނަތްތެރި ކުރުން :
މިއީ ބާޠިލުގެ އަހުލުވެރިން މީހުންގެ ހިތްތަކަށް ބާޠިލު ވެއްދުމަށް ޓަކައި ބޭނުންކުރި އެންމެ ފުރަތަމަ ވަސީލަތެވެ. އެހެނީ އާދަމް ޢަލައިހިއްސަލާމް މާތް ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރި ކުރުވުމަށް ޝައިޠާނާ ބޭނުން ކުރި ވަސީލަތަކީ މިއީއެވެ. ބާޠިލު ރީތި ފޮނި އެއްޗެއްކަމުގައި ދެއްކީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِنْ سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَذِهِ الشَّجَرَةِ إِلَّا أَنْ تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ (20) وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ ) الأعراف: ٢٠ - ٢١ މާނައީ " ދެން އެދެކަނބަލުންގެ ޢައުރައިން އެދެކަނބަލުންނަށް ފޮރުވިގެންވާ އެއްޗެއް ދެއްކުމަށްޓަކައި އެދެކަނބަލުންނަށް ޝައިޠާނާ ވަސްވާސް ދިނެވެ. އަދި އެދެކަނބަލުންނަށް އޭނާ ދެންނެވިއެވެ. މަލާއިކަތުންގެ ބަޔަކަށް ނުވަތަ ދާއިމަށް ދެމިތިދޭނޭ ބަޔަކަށް ތިޔަދެކަނބަލުން ވެދާނެކަން ފިޔަވައި ތިޔަދެކަނބަލުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް މިގަހާއި ގާތްވެވަޑައިގަތުން މަނާކުރެއްވި ކަމުގައި ނުވެއެވެ. އަދި އޭނާ އެދެކަނބަލުންނަށް ދަންނަވާ ހުވާކުރިއެވެ. ހަމަކަށަވަރުން ތިމަން މިއީ ތިޔަ ދެކަނބަލުންނަށް ލަފާގެ ގޮތުގައި ނަޞީޙަތްތެރިވާ މީހަކީމެވެ. "
އިސްވެ ދިޔަ ދެ އާޔަތުން އެނގެނީ ޝައިޠާނާ އެދެކަނބަލުންނަށް މާތްﷲ އަށް އުރެދުން ޒީނަތްތެރިކޮށްދިން ކަމެވެ. އަދި ހެޔޮ އެދޭ ނަޞީޙަތްތެރިޔަކު ކަމުގައި ދެއްކިކަމެވެ.
މިއީ ހަމަ މިހާރުވެސް ބާޠިލުގެ އަހުލުވެރިންގެ ގޮތެވެ. އެމީހުން ނުބައިފާފަތައް އެއީ ޒީނަތްތެރި ރަނގަޅު ތަކެތިކަމުގައި ދައްކައި މީހުން ހައްލުވައެވެ. އެދުންވެރި ކުރުވައެވެ. ތަފާތު ގޮތްތަކުންނެވެ. ބައެއްފަހަރު ވަނަ ހޮވައިގެންނެވެ. އަނެއްބައިފަހަރު އެވޯޑު ދީގެންނެވެ. އަނެއްބައިފަހަރު ގައުމީ ޚިދުމަތުގެ އިނާމު ދީގެންނެވެ. މިގޮތުން ޔަހޫދީން އެމީހުންގެ ބާޠިލު ޢަޤީދާ ޒީނަތްތެރި ކުރިއެވެ. އަދި ނަޞާރާއިންނާއި ބުދު ދީނުގެ އަހުލުވެރިންވެސް އެމީހުންގެ ބާޠިލު ޢަޤިދާ އެއީ ރީތި ރަނަގަޅު އެއްޗެއް ކަމުގައި ދެއްކިއެވެ. ރިބާ ކާމީހުން ރިބާ ހުއްދަކަމުގައި ހެދިއެވެ. އަދި އެއީ ވިޔަފާރި ކަމުގައި ހަދާ ރިބާގެ ބޭރުން މަކަރުގެ ފަރުދާ ދަމައި ޒީނަތްތެރި ކުރިއެވެ. މިހެންގޮސް ކޮންމެ ބާޠިލެއްވެސް ވަނީ އޭގެ އަހުލުވެރިން ޒީނަތްތެރިކޮށްފައެވެ.
2- ބާޠިލުގެ އަހުލުވެރިންނަށް ތަޢްރީފާއި ޘަނާ ކިޔުން ؛
މީހުންގެ ތެރޭގައި ވަކި ފިކުރެއް ފަތުރަން ވެއްޖެނަމަ ފުރަތަމަ މިބައިމީހުން އެ ފިކުރުގެ އަހުލުވެރިނަށް ޘަނާ ކިޔައި އެމީހުންނަކީ ދީނާއި ގައުމު އަދި މީސްތަކުންގެ ސަލާމަތަށްޓަކައި މަސައްކަތް ކުރާ ޞާލިޙު ތަޤުވާވެރިން ކަމުގައި ދައްކައެވެ. އެމީހުންނަށް ޘަނާ ކިޔުމަށް އެމީހުންގެ ވެރިކަމުގެ ހުރިހާ އިދާރާއަކުން ކުރެވެން ހުރި ހުރިހާކަމެއް ކުރެއެވެ. ޓީވީ އާއި ރޭޑިއޯއެވެ. ނޫސްތަކާއި ތަފާތު ޖަލްސާތަކާއި އަދި އެހެނިހެން މުނާސަބާތު ތަކުގައެވެ. ފިނޑި މީހުން ބަޠަލުންކަމުގައި ދައްކައެވެ. ދަހިމީހާ ދީލަތި މީހާކަމުގައެވެ. އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހާ ޢަދުލުވެރިޔާކަމުގައެވެ.
ހެޔޮނުބައި ވަކިނުވާ މީހުން އެއީ ބުއްދިވެރިންކަމުގައެވެ. ތަން ފަސާދަ ކުރާ މީހާ އިޞްލާޙުކުރާ މީހާގެ ނަމުގައެވެ. އަދި އެހެން މީހުން ޘަނާ އާއި ތައުރީފު ކުރުގެ ބަދަލުގައި އެފަދަ މީހުން އަމިއްލަ ނަފްސަށް ތަޢުރީފު ކުރެއެވެ. ތިމާ އަކީ ދުނިޔެ ޤަބޫލުކުރާ މީހެއްކަމަށް ދަޢުވާ ކުރެއެވެ. މިކަމުގައި އެފަދަ މީހުންގެ އެދުރަކީ ފިރުޢައުނެވެ. އެހެނީ ފިރުޢައުނުވެސް ބުނީ " ތިމަން މިއީ މަތިވެރިވެގެންވާ ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއެވެ. " " ތިޔަބއި މީހުންނަށް ތިމަން ފިޔަވާ އިލާހަކުވާކަމެއް ތިމަން ނުދެނެހުރީމެވެ"
މިގޮތުން އެފަދަ މީހުން މޮޅުކޮށް މީސްތަކުންގެ ހިތްތަކަށް އެފަދަ މީހުން މެދުވެރިކޮށް ބާޠިލު ވައްދައި މީހުން މަގުފުރައްދައެވެ. ނަމަވެސް އެފަދަ މީހުން ގާތުގައި ޙައްޤުގެ އަހުލުވެރިން "މީހުންގެ ދީނާއި ޢަޤީދާ ފަސާދަ ނުކުރާށޭ!"
ކިޔައި ނަޞީޙަތް ދީފިނަމަ އެމީހުން ބުނަނީ މުނާފިޤުންގެ ބަހެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ( وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ) البقرة:11 ) މާނައީ " އަދި އެބައިމީހުން ގާތު ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާށޭ! ބުނެވިއްޖެނަމަ އެބައިމީހުން ބުނެއެވެ. ހަމަކަށަވަރުން އަހަރެމެންނީ އިޞްލާޙުކުރާ މީހުންނެވެ.
أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَكِنْ لَا يَشْعُرُونَ البقرة : 12 މާނައީ : " އަދި ކިއެއްތަ ހަމަކަށަވަރުން ފަސާދަކުރާ މީހުންނަކީ ހަމަ އެބައި މީހުންނެވެ. ނަމަވެސް އެބައި މީހުންނަކަށް އެކަމެއް ނޭނގެއެވެ. "
ބާޠިލުގެ އަހުލުވެރިން އެމީހުންގެ ބާޠިލު ފެތުރުމުގައި ތިން ވައްތަރެއްގެ ބަޔަކު ބޭނުން ކުރެއެވެ.
1- މުދަލާއި ފައިސާގެ އަހުލުވެރިން:
އެހެނީ މިސްތަކުންކުރެ ބާޠިލު މަގު އިޚްތިޔާރުކުރާ އެންމެ ފުރަތަމަ ބަޔަކީ މުދަލާއި ފައިސާގެ ސަބަބުން ހިތްތަކަށް ޣާފިލުކަން ވަދެފައިވާ މީހުންނެވެ. އަދި ޙައްޤު ދަޢުވަތާއި ޙައްޤު ފާޅުވުމަށް އެންމެ ނުރުހުންތެރި ވަނީވެސް ހަމަ އެބައިމީހުންނެވެ. އެހެނީ އެމީހުން ބޭނުންވާ ޒާތުގެ ފާޙިޝްކަންތައްތަކާ ޙައްޤުގެ އަހުލުވެރިން ދެކޮޅު ހަދާތީއެވެ.އަދި މީސްތަކުން އެމީހުންގެ އަޅުވެތިކަމުގެ ދަށުން ނެރުމަށް ހައްޤުގެ އަހުލުވެރިން މަސައްކަތް ކުރާތީއެވެ. އަދި ތަފާތު ކުޅިވަރާއި މަޖަލުގައި ވަގުތު ބޭކާރު ކުރުމާއި މުދާ އިސްރާފުކުރުންފަދަ ކަންކަމުގައި މިމީހުންގެ އަވާގައި ނުޖެހުމަށް ހައްޤުގެ އަހުލުވެރިން ނަޞީޙަތްތެރިވާތީއެވެ.
އެއީ ހުރިހާ ރަސޫލު ބޭކަލުންގެ ޢަދާވާތްތެރިންނެވެ. ކޮންމެ ޤައުމަކުންވެސް މާތް ﷲ ގެ ރަސޫލުންނާ އިދިކީލަވެ ބޮޑާވެރިވަނީ އެގައުމެއްގެ ވެރީންނާއި މުދާވެރިންނެވެ.
މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްހެ މާނައިގައި ވެއެވެ. " އެރަށަކަށް ރަސޫލުން ފޮނުއްވޭހިނދު" ހަމަކަށަވަރުން ތިޔަ ރަސޫލުން އެކަމަކައިގެން ފޮނުއްވުނު ކަންތަކަށް ،ހަމަކަށަވަރުން، ތިމަންމެން މިތިބީ ކާފިރުވެގެންނ" . މިހެން އެރަށެއްގައި ތަނަވަސްކަން ލިބިގެން ތިބޭ މީހުން ނުބުނާ އެއްވެސް ރަށަކަށް ތިމަން ރަސްކަލާނގެ ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ރަސޫކަމައިގެން ނުފޮނުއްވަމެވެ. " ( އެބަހީ ، ތިމަންރަސްކަލާނގެ ކޮންމެ ރަށަކަށް ކޮންމެ ބައެއްގެ ތެރެއަށް ރަސޫލަކު ފޮނުއްވިޔަސް އެރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިން އެބޭކަލަކާ ދެކޮޅުވެރިވެ ، ކާފިރުވެ،ތިޔަބޭކަލެއްގެ ބަސްފުޅު ތިމަންމެން ތެދެއް ނުކުރަމޭ ބުނެ ހަދަތެވެ.) وَقَالُوا نَحْنُ أَكْثَرُ أَمْوَالًا وَأَوْلَادًا وَمَا نَحْنُ بِمُعَذَّبِينَ ) سبأ: ٣٥ " އަދި އެބައިމީހުން ބުނެތެވެ. މުދަލުގެ ގޮތުންނާއި ދަރީންގެ ގޮތުން ތިމަންމެން މާގިނައެވެ. އަދި ޢަޛާބު ދެއްވޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ."
ފިރްޢައުނާ ހާމަނާއި ޤާރޫނު އަދި އުބައްޔު ބިން ޚަލަފް އާއި އަބޫލަހަބާއި، އަބޫޖަހުލުފަދަ މީހުންނީ މީގެ މިސާލުތަކެވެ.
2- ނުބައި ޢިލްމުވެރިން :
މިބައި މީހުންނީ މިސްތަކުން މަގުފުރެއްދުގެ މައިދާނުގައި ނުރައްކަލުގެ ގޮތުން ނުރައްކާކަން އެންމެ ބޮޑުމީހުންނެވެ. އެހެނީ އެބައިމީހުންގެ ނުބައި ވާހަކަތަކުން ހަނގުރާމަކުރަނީ މީސްތަކުންގެ ހިތްތަކާއެވެ. އެއީ ދީނުގެ ނަމުގައެވެ. ޤައުމުގައި ހުރި އެންމެ ބޮޑު ޢިލްމުވެރިޔާގެނަމުގައެވެ. ބޭނުން ޙަދީޘެއް ޞައްޙަކޮށްފައި ބޭނުން ޙަދީޘެއް ޟަޢީފުކޮށްފައެވެ.
ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާނަ އޭނާގެ ހަވާނަފްސުގެ އެދުން ތަކާއި އެއްގޮތަށް ބަދަލުކޮށްގެންނެވެ. އަޞްޙާބުންގެ ތަފްސީރަކަށް ނުބަލައެވެ. އަޞްޙާބު ބޭކަލުނަކީވެސް އޭނާ ދެކޭގޮތުގައި ހަމަ އޭނާކަހަލަ މީހުންނެވެ. ޢަބްދުﷲ ބިން ޢައްބާސާއި އޭނާއާއި ޤުރްއާން ތަފްސީރުކުރުމުގައި އޭނާ ދެކޭ ގޮތުގައި އެއްވެސް ތަފާތެއް ނެތެވެ. އުންމަތުގެ ސަލަފުންގެ ބޮލުގައި ޖާހިލުކަމުގެ އިލްޒާމު އަޅުވާފައެވެ.
އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގައި ކޮޅުފައިން ޖަހާފައެވެ. ވަކި ގޮތެއް ޤަބޫލު ކުރުމަށް ފަހު ޝަރުޢީ ދަލީލުތައް އެގޮތަށް ލަންބަން މަސައްކަތް ކުރަނީއެވެ. މިގޮތުން ހައްޤު އެއީ ބާޠީލުކަމުގައި، ބާޠިލު އެއީ ހައްޤުކަމުގައި މިބައިމީހުން މީސްތަކުންނަށް ދައްކައި ޙައްޤާއި ބާޠިލު އޮޅުވައެވެ.
އަދި މި ނުބައި ފަތުވާ ތަކުގެ ސަބަބުން މުޖުތަމަޢު ފިތުނަ އާއި ފަސާދަ އަށް ހުށައެޅެއެވެ. މީހުންގެ ގާތުގައި ދީނުގެ އަގު ވެއްޓެއެވެ. މިފަދަ މީހުންނަށް ޓީވީއާއި ރޭޑީއޯ އަދި މިސްކިތްތަކުގެ މެންބަރުތައް މިނިވަންކަމާއެކު ހުޅުވާލެވެއެވެ. ދީނީ ދަރުސް ދިނުމަށް އެފަދަ މީހުންނަށް ވަކި ހުއްދައެއް ނަގާކަށް ނުޖެހެއެވެ. މިފަދަ މިނިވަން ގޮތަކަށް މީސްތަކުންނާ ހަމަޔަށް މިފަދަ މީހުންގެ ފަސާދަ ފޯރުކޮށްދެވޭއިރު ޙައްޤުގެ އަހުލުވެރިންނަށް ވަނީ އެވަސީލަތްތައް ބޭނޫން ކުރުމުން މަހްރޫމް ކުރެވިފައެވެ. އެވަސީލަތްތަކުގެ ބޭނުން ހިފައިގެން މީސްތަކުންނަށް ޙައްޤު ފޯރުކޮށްދިނުމުގެ ބަދަލުގައި މިވަސީލަތްތައް ބޭނުން ކުރެވެވެނީ ޙައްޤުގެ އަހުލުވެރިންގެ އަގު ވައްޓާލުމަށެވެ.
ދީނަށް ފުރައްސާރަ ކުރުމަށެވެ. މުޅި މުޖުތަމަޢު ފާޙިޝްކަންތަކަށް ލަންބުވައި ،މީހުންގެ އަގުހުރި ވަގަތުތައް ބޭކާރު ގޮތުގައި ނަގާލުމުގައެވެ. އަންހެނެއްގެ ބަރަހަނާކަން ނުދައްކާ އެންމެ ކުޑަވެގެން މޮހޮރެއްވެސް އިޝްތިހާރުކުރެވޭކަމުގައި ނުވެއެވެ. މައިދަރީން ތިބޭތަނެއްގައި އެންމެ ކުޑަވެގެން ޚަބަރުވެސް ބަލާލަންކެރޭ ވަރެއްނޫނެވެ. ކުރާހާވެސް ކަމަކީ ނުބައި ފާޙިޝްކަންތައްތައް މުޖުތަމަޢުގައި ފަތުރާ މީހުންނަށް ހިއްވަރުދިނުމެވެ.
އިސްލާމްދީން އޮޅުވާ ނުބައި ޢިލްމުވެރިންގެ އެދުރުންނަކީ ޔަހޫދީންނާއި، ނަޞާރާއިންގެ ޢިލްމުވެރިންނެވެ. އެހެނީ އެބައިމީހުން މާތްﷲ ގެދީން އޮޅުވާލިއެވެ. ޙަރާމް ކަންތައްތައް ޙަލާލުކުރިއެވެ. އަދި އަމިއްލަ އަތުން ލިޔުނު ތަކެތި އެއީ މާތް ﷲ ގެ ވަޙީ ކަމުގައި އެމީހުން ބުންޏެވެ. މާތް ﷲ އެބައިމީހުންގެ ނުބައި ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެއެވެ.