އިންސާނާ ދުނިޔޭގައި ވޭތިކުރާ ޙަޔާތަކީ އުފާވެރި، ހަމަޖެހޭ ޙަޔާތަކަށް ހެދުމަކީ ކޮންމެ މީހެއްގެވެސް އެންމެ މުޙިއްމު އެއް މަޤުޞަދެވެ. އެގޮތުން އިންސާނުން ހިތްހަމަޖެހުން ހޯދުމަށްޓަކައި ތަފާތު އެތަށް ކަމެއް ކުރަމުން ގެންދެއެވެ. ބައެއް މީހުން އެނގި ހުރެ ﷲ ޙަރާމް ކުރެއްވި ކަންތައްތަކުން ހިތްހަމަޖެހުން ހޯދަމުންދާއިރު އަނެއްބަޔަކު ދަނީ ނޭނގިތިބެ ނަމަވެސް އެފަދަ ކަންކަމުން އުފާ ޙާސިލް ކުރަމުންނެވެ. ބައެއް މީހުން ސިއްރުގައި މިފަދަ އުފާތައް ހޯދަމުންދާއިރު އަނެއް ބަޔަކު ފާޅުގައި، ﷲ ޙަރާމް ކުރެއްވި ކަންތައްތަކަށް، ދަނީ އަރައިގަންނަމުންނެވެ.
އެއްބަޔަކު ﷲ އަށް ބިރުވެތި ވުމެއްނެތި މިފަދަ މުންކަރާތްތަކަށް އަރައިގަންނަމުންދާއިރު، ތިމަންނަމެން ނުދެނަހުރީމޭބުނެ ފާފަތަށް ކުރަމުންދާ މީހުންވެސް މަދެއްނޫނެވެ. މިއީ މިއަދުގެ ދުނިޔޭގެ ޙާލަތު ކަމުގައި ވާއިރު، އަޅުގަނޑުމެން ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށް ދަޢުވާ ކުރަމުން ގެންދާ މީހުންގެ ވެސް ޙާލަކީ މިއީއެވެ.
ޒިނޭ ކުރުމާއި، އެއްޖިންސުން ގުޅުންހިންގުމާއި، ބަދުއަޚުލާގީ އަމަލު ހިންގުމަކީ ފާފައެއްކަން ނޭނގޭ މީހުން މިމުސްލިމް ޤައުމުގައި އުޅެނީތޯއެވެ؟ މިހެން ދަންނަވާލަން މިޖެހުނީ ޒިނޭއާއި ބަދުއަޚުލާގީ މައްސަލަތައް މިދިވެހިރާއްޖޭގައި ޢާއްމުވެފައިވާ މިންވަރު ފެނުމުން، އެކަހަލަ އެއްޗެއް އަޅުގަނޑަށް ސިފަވީމައެވެ. އެއްދުވަހު ކުޑަކުއްޖަކާ، އަނެއް ދުވަހު މުސްކުޅިއަކާ، އެހެން ދުވަހަކު މީހެއްގެ އަންބަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގައިގެން އުޅޭ ޚަބަރެވެ. އެއްދުވަހު ޢާއިލީ ގޮތުން ގާތް މީހަކު، އަނެއް ދުވަހު ރައްޓެއްސަކު، އެހެން ދުވަހަކު ބިދޭސީއެއްގެ ފަރާތުން އަނިޔާ ލިބޭ މީހުންގެ ޚަބަރެވެ. ޢާއިލާ ތެރޭގައި މިފަދަ މައްސަލަތަށް ހިނގާޢަދަދު މިދަނީ މިހާރަކަށް އައިސް އިތުރު ވަމުންނެވެ. ބައްޕައިންނާއި ދޮންބައްޕައިންގެ ފަރާތުން އަނިޔާލިބޭ އަންހެން ކުދިން މިދަނީ އިތުރުވަމުންނެވެ. ނަމަވެސް މާތް ﷲ ވަނީ ޖިންސީ އެދުން ހޯދުމަށްޓަކައި ކައިވެނި ޙަލާލު ކުރައްވާފައިކަމެއް މިބައި މީހުން ނުދަނެއެވެ.
ރާބުއިމާއި މަސްތުވުމަކީ ސްޓްރެސް ފިލުވާލާ، ހިތްހަމަޖައްސާލުމަށްޓަކައި ކުރާ ކަމެއްކަމުގައި އެބޭނުންކުރާ މީހުން ބުނެތެވެ. ނަމަވެސް ދުނިޔެ ދަންނަ ހަޤީޤަތަކީ މިއީ އެއްވެސް ލައްޒަތެއް ލިއްބައިދޭ އެއްޗެއް ނޫންކަމެވެ. ކަންކަންމައްޗަށް ވެއްޓި، ޖަނަވާރުން ފަދައިން މަގުމަށްޗަށް ގިނަވެ، އެހެން އިންސާނުނާއި އަމިއްލަ ނަފްސަށް ގެއްލުންދޭ، ދުނިޔެއާއި އާޚިރަތުގެ އަބާއްޖަވެރިކަން އެބޭނުންކުރާ މީހުނަށް ލިއްބައިދޭ އެއްޗެއްކަމުގައި ނޫނީ މިތަކެތި ނުވެއެވެ. އިސްލާމްދީންވަނީ މިތަކެތި ޙަރާމް ކުރައްވާފައެވެ.
އަދި މީގައި އެއްވެސް ލައްޒަތެއް، ޝިފާއެއް ނުވާނެ ކަމުގައި އަންގަވާފައެވެ. އަދި ސުވަރުގެ ލިބިއްޖެ މީހާއަށް ރަލުގެ ކޯރުތަކެއް ވާކަމަށް ވަނީ އަންގަވާފައެވެ. އަދި އެރަލަކީ އެއްވެސް ގެއްލުމެއްނެތް، ބޯއެނބުރުމެއް ނުވާ، ލައްޒަތާއި އަރާމު އޭގެ އެންމެ މަތީ ދަރަޖައިގައި ލިއްބައިދޭ ރާ ކަމުގައިވެސް ވަނީ އަންގަވާފައެވެ. އަދިއަސްހާބު ބޭކަލުން އެރަލުގެ ދަހިވެތި ކަމުގައި، ބަނގުރަލާ ގާތްނުވުމަށް އެންގެވި ވަގުތުން ފެށިގެން އަނގައިގައި ހުރި ރާފޮދުވެސް އަދި ގޭގައި ރައްކާކޮށްފައި ހުރި ރާފޮދުވެސް އުކާލެއްވިއެވެ. ހަޤީޤީ މުޢުމިނުންނަކީއެއީއެވެ. ކާމިޔާބު ލިބިގެންވާ މީހުންނަކީވެސް ހަމަ އެބައިމީހުންނެވެ.
ލަވަޔާއި މިޔުޒިކަކީ އަޅުގަނޑުމެން ހިތްހަމަޖެހުން ހޯދުމަށްޓަކައި ބޭނުންކުރާ އެއް ވަޞީލަތެވެ. ކީރިތި ޤުރުޢާނުގެ ނައްސުން ލަވަޔާއި މިޔުޒިކް ޙަރާމްކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. ރަސޫލާz ގެ އަރިހުން ލަވަޔާއި މިޔުޒިކް ޙަރާމްކަމަށް ދަލީލުކުރާ އެތަށް ސައްޙަ ހަދީޘްތަކެއް ޢިލްމުވެރިން ގެނެސްފައިވެއެވެ. އިހުގެ ޢިލްމުވެރިންނާއި ފަހުގެ ޢިލްމުވެރިން އެއްބަސްވެލައްވާ ގޮތުގައި އެއީ ޙަރާމް އެއްޗެކެވެ. ނަމަވެސް އަޅުގަނޑުމެން އާދައިގެ އިންސާނުން މިދަނީ މިކަންކަން ހުއްދަ ކުރަމުންނެވެ. އަދި މިއީ ހިތައް ފިނިކަން ލިއްބައިދޭ، އަރާމު ލިއްބައިދޭ ކަމެއް ކަމުގައިވެސް މިދަނީ ބުނަމުންނެވެ. އޭ މިހިރަ ނިކަމެތި އިންސަނާއެވެ!
ލަވަޔާއި މިޔުޒިކުގެ ތެރޭގައި އަމިއްލައަށް މަރުވީ ކިތަށް މީހުން ހެއްޔެވެ؟ އަޅެ އެމީހުންގެ ހިތަށް ހިތްހަމަޖެހުން ލިބޭކަމުގައި ވާނަމަ އަމިއްލައަށް މަރުވާނެ ހެއްޔެވެ؟ އަދި އެއީ ހަރާމް ކަމެއްކަން އެނގުމުން އެކަން ދޫކޮށްލީ ކިތަށް މީހުންތޯއެވެ؟އުފަލާއި އަރާމު ލިބޭކަމެއް ނަމަ އެކަމުގެ އެންމެ އުސްމިނުގައި ހުރެފަ، އެއްވެސް ސަބަބެއް ނެތި އެމީހުން އެކަން ދޫކޮށްފައި އިސްލާޙުގެ މަގަށް ރުޖޫޢަ ވާނެ ހެއްޔެވެ؟ އެއްޗެއް ވިސްނޭނީ ވިސްނަން އުޅޭ މީހަކަށެވެ.
އޭތް ނިކަމެތި އިންސާނާއެވެ! ކަލޭ ހެއްދެވި ފަރާތުން ކަލޭގެ ހިތައް ހަމަޖެހުން ލިބޭނީ އެކަލާންގެ ހަނދުމަކުރުމުންކަމުގައި އަންގަވާފައިވާއިރުވެސް، އެކަމާ ދެކޮޅުހަދަނީ ހެއްޔެވެ؟މާތްﷲ ކީރިތި ޤުރުޢާނުގައި ވަޙީކުރައްވާފައިވަނީ أَلابِذِكْرِاللَّهِتَطْمَئِنُّالْقُلُوبُ (الرعد:28) މާނައީ: "ދަންނާށެވެ. ހިތްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ."އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.
فَاذْكُرُونِيأَذْكُرْكُمْ (البقرة:152) މާނައީ: "ތިޔަބައިމީހުން ތިމަން ﷲގެ މަތިން ހަނދުމަކުރާށެވެ. އޭރަށް ތިމަން ﷲ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރާހުށީމެވެ".އަދިވެސް ދަންނާށެވެ. އެއިލާހަކީ ނެތުމުގެ ތެރެއިން އަހަރެމެން އުފެއްދެވި އިލާހެވެ. އެއިލާހު އަހަރެމެންގެ މައްޗަށް ހަރާމް ކުރައްވާފައިވަނީ މަދު، އެހެނަސް ގެއްލުން ހުރި ކަންކަމެވެ. އަދި ފައިދާހުރި، ގިނަ ކަންތައްތައް ވަނީ އަހަރެމެންގެ މައްޗަށް ހުއްދަ ކުރައްވާފައެވެ. ހިތްތަކަށް ހިތްހަމަޖެހުން ލިބޭނީ ހުއްދަކަންކަން ކުރުމުންކަން ކަށަވަރެވެ.
0 comments:
Post a Comment