މާތް ﷲ ވަޙީކުރެއްވިއެވެ. "އެއުރެންގެ (ޔަޙޫދީންނާއި ނަޞާރާއިން) ޢިލްމުވެރީންނާއި، ފާދިރީންނާއި، މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙް (ޢީސާގެފާނު) އަކީ ﷲ ފިޔަވައި އިލާހުންކަމުގައި އެއުރެން ހެދޫއެވެ..." (ތައުބާ ސޫރަތުގެ 31 ވަނަ އާޔަތް)
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަ މިއާޔަތް ކިޔަވާވިދާޅުވި އަޑުއައްސަވަން އިންނަވާފައި އަދިއްޔު އިބުން ހާތިމް ވިދާޅުވިއެވެ. "އެކަމަކު އެބައިމީހުން އެފަރާތްތަކަށް އަޅުކަމެއް ނުކުރެއެއްނޫންތޯއެވެ." ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަ ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. "އާއެކެވެ. އެކަމަކު އެބައިމީހުން މާތްﷲ ޙަރާމްކުރެއްވި ކަންތައްތަކެއް ހުއްދަކުރިއެވެ. އަދި މީސްތަކުން މިކަންތައްތައް ޤަބޫލުކުރިއެވެ. އަދި އެބައިމީހުން މާތްﷲ ހުއްދަކުރައްވާފައިވާ ކަންތައްތަކެއް މަނާކުރިއެވެ. އަދި މީސްތަކުން މިކަންތައްތައް ވެސް ގަބޫލުކުރިއެވެ. އަދި މިއީ އެފަރާތްތަކަށް އަޅުކަންކުރުންފަދަ ކަމެކެވެ." (އައްތިރުމިޒީ 3095، މިއީ އަލްބާނީ ޙަސަން ދަރަޖާގައި ދަރަޖަކުރައްވާފައިވާ ޙަދީޘެކެވެ)
މާތްﷲ ވަޙީކުރެއްވިއެވެ. "ކަލޭނގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުންނަށް ބާވައިލެއްވި ރިޒުޤާ މެދު ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ފަހެ، ތިޔަބައިމީހުން އޭގެ ބައެއް ތަކެތި ޙަރާމް ތަކެއްޗަށް އަނެއްބައިތަކެތި ޙަލާލް ތަކެއްޗަށް ހެދީމުއެވެ. ކަލޭނގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުންނަށް (އެކަމަށް) އިޒުނަ ދެއްވީ ހެއްޔެވެ؟ އަދި ކިއެއްތަ! ﷲ އާމެދު ތިޔަބައިމީހުން ހަދައިގެން ދޮގެއް ބުނަނީއެވެ؟" (ޔޫނުސް ސޫރަތުގެ 59 ވަނަ އާޔަތް)
މާތްﷲ ވަޙީކުރެއްވިއެވެ. " ﷲ އާމެދު ހަދައިގެން ދޮގުބުނާ މީހުން، ޤިޔާމަތް ދުވަހު، ހީކުރަނީ ކީކޭހެއްޔެވެ؟ ހަމަކަށަވަރުން ﷲ މީސްތަކުންގެ މައްޗަށް ފަޟުލަވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން ޝުކުރެއް ނުކުރެތެވެ." (ޔޫނުސް ސޫރަތުގެ 40 ވަނަ އާޔަތް)
ހަމަކަށަވަރުން އަޅުތަކުންގެ މައްޗަށް އޮތީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އެންގެވި އެއްޗަކަށް ތަބާވެ އެކަންތައްތައް ހަމައެގޮތަށް މީސްތަކުުންނަށް އަންގައިދިނުމެވެ. އަދި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައަލަމަ ގެންނެވިހައި ކަމެއްގައި ހިފައި އެކަންތައްތަކަށް މީސްތަކުންނަށް ވަޞިއްޔަތްކޮށް އެހެނިހެން ކަންތައްތައް ދޫކޮށް އެގޮތުގެ މަތިން ނަސޭހަތްތެރިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ." (ޢަޞްރު ސޫރަތުގެ ފަހު ދެއާޔަތް) - See more at: http://www.raajjeislam.com/?file=14751#sthash.mkUlqkM4.dpuf
0 comments:
Post a Comment