Wednesday, November 4, 2015

ތައުޙީދަކީ އަހަރެމެންގެ ޢަޤީދާއެވެ


ބަހުގެ ގޮތުން ތައުޙީދު މި ބަހަކީ (ވައްޙަދަ، ޔުވައްޙިދު) މި ފިޢުލުގެ މަސްދަރެވެ. އެހެންކަމުން ﷲ ތަޢާލާގެ ވަޙުދާނިއްޔަތުކަމަށް އީމާންވާ ނުވަތަ އެއްކައުވަންތަކުރާ މީހާއަކީ މުވައްޙިދެކެވެ. އަދި މުޝްރިކުން ﷲ ތަޢާލާގެ ޒާތުފުޅާއި ސިފަފުޅުތަކުގައި ބައިވެރިކުރާ އަދި ވައްތަރުކުރާ ތަކެތިން އެއިލާހު އެއްކައުވަންތަކުރާ މީހާއަކީވެސް މުވައްޙިދެކެވެ.

ޢަރަބި ބަހުގައި ވާޙިދު، އަޙަދު، އަދި ވަޙީދުވެސް ކިޔައި އުޅެއެވެ. މިހުރިހާ ބަހެއްގެ މާނަޔަކީވެސް މުޚާތަބުކުރެވޭ ފަރާތަކީ އެއްފަރާތެއްކަން ބުނެދިނުމެވެ. ﷲތަޢާލާއަކީ އަންދާދު ނުވަތަ ބުދުތަކާއި އަދި މުޝްރިކުން ޝިރުކު ކުރަންބޭނުން ކުރާ އެއްވެސް އެއްޗަކާއި އަދި އެއްވެސް ޝަކްލަކާއި އެއްވެސް ޙާލަތެއްގައި އެއްފަދަވެގެންނުވާ އަދި ވައްތަރުވެގެންނުވާ އެއްކައުވަންތަ އިލާހުއެވެ. އެހެންކަމުން ތައުޙީދުގެ މާނައަކީ ﷲ ތަޢާލާއަކީ އެކައުވަންތަ އިލާހު ކަމާއި އެއިލާހާއި އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވާކަން ދަތުމެވެ. އަދި މިކަން ނޭގޭމީހާ ނުވަތަ އެއިލާހަށް ޝަރީކު ކުރެވޭތަކެތިން އެއިލާހު އެއްކައުވަންތަ ނުކުރާ މީހާއަކީ ޢައިރު މުވައްޙިދެކެވެ.

އަދި ޝަރުޢީގޮތުން ތައުޙީދުގެ މާނައަކީ تعريفه في الاصطلاح فهو : إفراد الله تعالى بما يختص به من الألوهية والربوبية والأسماء والصفات . މާނައީ: “ﷲ ތަޢާލާއަށް ޚާއްސަވެގެންވާ އެއިލާހުގެ އުލޫހިއްޔަތާއި އެއިލާހުގެ ރުބޫބިއްޔަތާއި އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަން ކުރުން” އަދި އެހެން ގޮތަކަށް ބުނާނަމަ ތައުޙީދަކީ ﷲ ތަޢާލާގެ ރުބޫބިއްޔަތާއި އުލޫހިއްޔަތާއި އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ވެގެންވާކަމަށް އިޢުތިޤާދު ކުރުމޭވެސް ބުނެވިދާނެއެވެ.

އާދެ “ތައުޙީދު” މި އިޞްތިލާހު އިލްމުވެރިން ނަގާފައިވަނި ޤުރްއާނާއި ސުންނަތުންނެވެ. އެހެންކަމުން މިކަމަށް އެބޭކަލުން ގެންނަވާ ބައެއް ދަލީލްތައްވެސް އެބަހުއްޓެވެ. ކީރިތި ގުރްއާންގެ އަލް-އިޚްލާޞް ސޫރަތުގައި ﷲ ތަޢަލާ ވަޙީކުރައްވާފައިވެއެވެ. ( قل هو الله أحد … الخ السورة ) . “ވިދާޅުވާށެވެ. އެއިލާހަކީ އެއްކައުވަންތަ އެއްފަރާތެވެ”.

 އަދި ބަޤަރާ ސޫތަރުގެ 163 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَإِلَهُكُمْ إِلَهٌ وَاحِدٌ لا إِلَهَ إِلا هُوَ الرَّحْمَنُ الرَّحِيمُ ) البقرة/163މާނައީ ” އަދި ތިޔަބައިމީހުންގެ އިލާހުއީ، އެއްކައުވަންތަ އިލާހުއެވެ. އެއިލާހުގެ މެނުވީ إله އަކު ނުވެއެވެ. އެއީ رحمن ވަންތަ رحيم ވަންތަ އިލާހުއެވެ. (163)) އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ( لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلاثَةٍ وَمَا مِنْ إِلَهٍ إِلا إِلَهٌ وَاحِدٌ وَإِنْ لَمْ يَنْتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ ) المائدة/73 މާނައީ ” ހަމަކަށަވަރުން، اللَّه އީ، ތިން إله އިންގެ މައްޗަށް އުފެދިވައިވާ إله އެކޭ ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އެއްކައުވަންތަ إلهމެނުވީ، އެހެން إله އަކު ނުވެއެވެ. އެއުރެން އެބުނާ ބުނުން ހުއްޓާނުލިނަމަ، ހަމަކަށަވަރުން، އެއުރެންގެ ތެރެއިން كافر ވި މީހުންނަށް ވޭންދެނިވި عذابލިބޭނެކަން ކަށަވަރެވެ. (73) އަދި މި މާނާއިގައި ﷲ ތަޢާލާ ބާވައިލައްވާފައިވާ އާޔަތްތައް ވަރަށްވެސް ގިނައެވެ.

في صحيح البخاري (7372 ) ومسلم ( 19 ) عن ابن عباس رضي الله عنهما قال : ” لَمَّا بَعَثَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُعَاذَ بْنَ جَبَلٍ إِلَى نَحْوِ أَهْلِ الْيَمَنِ قَالَ لَهُ : ” إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ فَإِذَا صَلَّوْا فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ وَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ “ 

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މުޢާޒު ބުން ޖަބަލް ޔަމަނަށް ފޮނުއްވުއިރު ޙަދީޘް ކުރެއްވިއެވެ. ” ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ އަހުލުކިތާބީންގެ ތެރެއިންވާ ބަޔަކު ތިބި ގައުމަކަށެވެ. އެހެންކަމުން އެންމެ ފުރަތަ ކަލޭގެފާނުގެ މައްޗަށްވަނީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަށް އެބައިމީހުންނަށް ގޮވާލުމެވެ. އަދި އެބަމީހުން މިކަން ގަބޫލްކޮށްފިނަމަ އެބަމީހުންގެ ދުވާލުގެ ވަގުތުގަޔާއި ރޭގަނޑުގެ ވަގުތުގައި ކޮންމެ ދުވަހަކު ކުރުމަށް 5 ނަމާދު އެބަމީހުންގެ މައްޗަށް ފަރުޟު ވެގެންވާކަމުގައި އެބައިމީހުންނަށް އަންގަވާށެވެ. އަދި އެބައިމީހުން ނަމާދުކުރާނަމަ ދެން އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާ ޒަކާތް ފަރުޟު ކުރައްވާފައިވާކަމުގެ ޚަބަރުދެއްވާށެވެ. މި ޒަކާތަކީ އެބައިމީހުންގެ މުއްސަންދިންގެ މުދަލުންނެގި އެބައިމީހުންގެ ފަޤީރުނަށް ރައްދުކުރެވޭ އެއްޗެކެވެ. އެބައިމީހުން މިކަމަށް އިގުރާރު ވެއްޖެނަމަ ޒަކާތް ނަންގަވާށެވެ. އަދި އެބައި މީހުންގެ މޮޅު މުދާތަކަށް ރައްކާތެރިވާށެވެ.”

في صحيح مسلم ( 16 ) عن ابن عمر رضي الله عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( بُنِيَ الإِسْلامُ عَلَى خَمْسَةٍ : عَلَى أَنْ يُوَحَّدَ اللَّهُ ، وَإِقَامِ الصَّلاةِ وَإِيتَاءِ الزَّكَاةِ وَصِيَامِ رَمَضَانَ وَالْحَجِّ )އިބްނު ޢުމަރު ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އިސްލާމްދީން ބިނާވެގެންވަނީ 5 ކަމެއްގެ މައްޗަށެވެ: ﷲ ތަޢާލާ އެއްކައުވަންތަކުރުމާއި، ނަމާދުޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހުގެ ރޯދައާއި ޙައްޖުގެ މައްޗަށެވެ.”

އެހެންކަމުން މި ބަޔާންވެދިޔަ ޤުރްއާން އާއި ސުންނަތުގެ ހުރިހާ ނައްޞަކުންވެސް ބަޔާންކޮށްދެނީ ޝަހާދަތުގެ ދެކަލިމައިގެ ޙަޤީޤީ މާނައެވެ. އަދި ލޮބުވެތި ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވުނު މި އިސްލާމްދީނަކީ ޙައްޤު ދީންކަން ދަލީލްކޮށްދެއެވެ. އަދި ޤުރުއާންއާއި ސުންނަތުގައި މިދަލީލްތައް އެއްމާނައެއްގައި ތަފާތު ގޮތްގޮތަށް ރިޕީޓްވެގެންވެސް އައިސްފައިވެއެވެ.

ބާޔާންވެދިޔާ ދަލީލްތަކުން ދާލީލްކޮށްދޭ ގޮތުގައި ތައުޙީދަކީ ޝަހާދަތުގެ ދެ ކަލިމައިގެ ޙަޤީޤީ މާނައެވެ. އަދި އިސްލާމްދީނަކީ ﷲ ގެ ނަބިއްޔާއަށް އެ އިލާހު ބާވައިލައްވައި މުޅި ޘަޤަލައިން އަށް ނުވަތަ އިންސީންނާއި ޖިންނީންނަށް ބާވައިލެއްވި ދީންކަން ދަލީލުކޮށްދެއެވެ. އަދި މި ދީން ފިޔަވައި އެހެން ދީނެއް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެކަންވެސް އެނގިގެންދެއެވެ.

ﷲ ތަޢާލާ އާލް-ޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތުގައި ވާޙީ ކުރައްވާފައިވެއެވެ. ( إِنَّ الدِّينَ عِنْدَ اللَّهِ الإسلام ) آل عمران/19 މާނައީ ” ހަމަކަށަވަރުން ﷲ ގެ ޙަޞުރަތުގައި ދީނަކީ އިސްލާމްދީނެވެ”
އަދިވެސް އެއިލާހު ޖައްލަ ޝައުނުހް ވާޙި ކުރައްވާފއި ވެއެވެ. ( وَمَنْ يَبْتَغِ غَيْرَ الإسلام دِيناً فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ ) آل عمران/85 . މާނައީ” دينއެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”

ދެން ތިޔަބޭފުޅުނަށް އެގިލައްވަންވީ ޢިލްމުވެރިން ތައުޙީދު 3 ބަޔަކަށް ބައްސަވާކަމެވެ. އާދެ މި 3 ބަޔަކީ ތައުޙީދުއް ރުބޫބިއްޔާ، ތައުޙީދުލް އުލޫހިއްޔާ އަދި ތައުޙީދުލް އަސްމާއި ވައް ސިފާތިއެވެ. މި ތިން ބައެވެ.

ތައުޙިދުއް ރުބޫބިއްޔާ އަކީ ﷲ ތަޢާލާ ކުރައްވާ ކަންތައްތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. އޭގެ މިސާލަކީ މަޚްލޫގުން ޚަލްޤު ކުރެއްވުމާއި އެއިލާހުގެ ވެރި ކަމާއި ކަންތައް ތަދުބީރު ކުރެއްވުމާއި މަޚްލޫގުން ދިރުއްވުމާއި މަރުގެންނެވުންފަދަ ކަންތައްތަކެވެ. އަދި ތައުޙީދުއް ރުބޫބިއްޔާއަށް ދަލާލަތު ކުރާ ވަރަށްގިނަ ދަލީލްތައް ޤުރްއާނާއި ސުންނަތުގަ އިއިސްފަވެއެވެ.

އެހެންކަމުން ﷲ ފިޔަވައި ޚަލްޤު ކުރައްވާ ފަރާތެއް ވާކަމަށާއި އެއިލާހު ފިޔަވައި މި ކާއިނާތުގެ ވެރިފަރާތެއްވާކަމަށާއި އެއިލާހު ފިޔަވައި ކަންތައްތައް ރާއްވަވާއި ހިންގަވާ އެހެންފަރާތެއްވާކަމަށް އިޢުތިޤާދު ކޮށްފިމީހާ ނުވަތަ ގަބޫލްކޮށްފި މީހާ ﷲ ތަޢާލާގެ ރުބޫބިއްޔަތަށް އީމާންވުމުން އެކަހެރި ވެއްޖެކަން ކަށަވަރެވެ. އަދި އޭނާ ﷲ ތަޢާލާއަށް ކާފަރު ވެއްޖެކަން ކަށަވަރެވެ.

މައްކާގެ މުޝްރިކުންވެސް ޖުމްލަގޮތެއްގައި ތައުޙީދުއްރުބޫބިއްޔާއަށް އީމާންވިއެވެ. އަދި މިކަމަށް ދަލީލްކުރާ ވަރަށްގިނަ އާޔަތްތަކެއް ކީރިތި ޤުރްއާނުގައިވެއެވެ.

އަލް ޢަންކަބޫތް ސޫރަތުގެ 61 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.( وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُون َ) العنكبوت/61 ” މާނައީ “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު خدمة ތެރިކުރެއްވީ ކާކުހޭ، އެއުރެން ކުރެން (އެބަހީ: مشرك ން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟”

އަލް-ޢަންކަބޫތު ސޫރަތުގެ 63 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَلَئِنْ سَأَلْتَهُمْ مَنْ نَزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الأَرْضَ مِنْ بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ ) العنكبوت/63 “ އަދި ހަމަކަށަވަރުން، އުޑުން ފެންބާވައިލައްވައި، ބިން މަރުވެފައި އޮތުމަށްފަހު، އެ ފެނުން ބިމަށް ދިރުން ދެއްވީ ކާކުހޭ އެއުރެން ކުރެން ކަލޭގެފާނު އައްސަވައިފިނަމަ، ހަމަކަށަވަރުން، އެއުރެން اللَّهއޭ ދަންނަވާނެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އޭގެތެރެއިން ގިނަމީހުންނަކަށް (އެކަމެއް) ނުވިސްނެތެވެ.”

އަދި އައް ޒުޚްރުފު ސޫރަތުގެ 87 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ ) الزخرف/87 “ ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟”

މި އާޔްތްތަކުންވެސް އެނގިގެންދަނީ ކާފަރުންވެސް ﷲ ތާޢަލާއަކީ ޚަލްޤު ކުރައްވާ ފަރާތްކަމާއި ކާއިނާތުގެ ވެރި ފަރާތްކަމާއި އަދި ކަންތައްތައް ތަދުބީރު ކުރައްވަނީ އެއިލާހުކަމަށް އީމާންވާކަމެވެ. އަދި މިޔާއެކުވެސް އެބައިމީހުންގެ އަޅުކަންތަކުގައި ﷲ ތަޢާލާ އެއްކައުވަންތަ ނުކުރުން ވެގެންދިޔައީ އެބައިމީހުންގެ އެންމެ ބޮޑު ފާފައަށެވެ. އަދި އެބަމީހުންގެ ވިސްނުމުގެ އެންމެ އުނިކަންކަމުގައި މިކަން ވެގެންދިޔައެވެ. ސަބަބަކީ ބުއްދީގެ އަހުލުވެރިން ކަމުގައި އެބައިމީހުންވީނަމަ ރުބޫބިއްޔަތުގެ މަތިވެރި ސިފަތަކުން އެބައިމީހުން މަތިވެރި ކުރި ﷲއަށް އަޅުކަންތައް ކުރުމުގައި އެއިލާހު އެއްކައުވަންތަ ކުރަންއެނގުނީހެވެ. އެހެން ނަމަވެސް އެއިލާހުވަނީ މުޝްރިކުންގެ ހުރިހާ ޝިރުކަކުން ހުސްތާހިރުވަންތަވެ ވޮޑިގެންނެވެ. އެހެންކަމުން ﷲ ތަޢާލާގެ ރުބޫބިއްޔަތަށް އީމާންވާ ކޮންމެ މީހަކަށްވެސް ލާޒިމްވެގެންވަނީ އެއިލާހުގެ އުލޫހިއްޔަތުގައިވެސް އެއިލާހު އެއްކައުވަންތަ ކުރުމަށެވެ.

ދެން އޮތީ ތައުޙީދުލް އުލޫޙިއްޔާއެވެ. މީގެ މާނައަކީ ހުރިހާ ވައްތަރެއްގެ އަޅުކަންތަކެއްގައިވެސް އެއިލާހު އެއްކައުވަންތަ ކުރުމެވެ. އެއީ ފާޅުގަ ފެންނަގޮތަށް ކުރެވޭ އަޅުކަންތަކާއި ނުފެންނަ ގޮތަށް ކުރެވޭ އަޅުކަންތަކުގައިވެސްމެވެ. އަދި ބަހުންނާއި ޢަމަލުން ވެސްމެވެ. އަދި އެއީ ކޮންމެ ފަރާތެއްކަމުގައި ވިޔަށް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންކުރުމުން ދުރުހެލިވުމުންނެވެ. ﷲ ތަޢާލާ އަލް-އިސްރާއު ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފއިވެއެވެ. ( وقضى ربك ألا تعبدوا إلا إياه ) الإسراء/23 “އެއިލާހު ފިޔަވައި އެހެންފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރުމަށް ތިޔަބައިމީހުންގެ ރައްބު ކަނޑައަޅުއްވައިފިއެވެ.” އަދި އައް ނިސާ ސޫރަތުގެ 36 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ( واعبدوا الله ولا تشركوا به شيئا ) النساء/36 “ ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެއިލާހަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! ” ތައުޙީދުލް އުލޫޙިއްޔަތަކީ އަޅުކަންތަކުގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުމޭވެސް އަޅުގަނޑުމެންނަށް ބުނެވިދާނެއެވެ.

އަދި ތައުޙީދުގެ މިބަޔަށް ތައުޙީދުލް އުލޫހިއްޔާއޭ ކިޔޭ ސަބަބަކީ މިބައިގައި ﷲ ތަޢާލާއަށް އިލާހުވަންތަކަން ޚާލިސް ކުރުމާއި އަޅުކަންތައް ޚާލިސް ކުރމާއި ލޯބިވެތިވުން އެއިލާހަށް ޚާލިސް ކުރުމާއި މަތިވރިކުރުން ހިމެނިގެންވާތީއެވެ.

ތައުޙީދުގެ މިބަޔަށް ތައުޙީދުލް ޢިބާދާއޭވެސް ކިޔެއެވެ. މީގެ ސަބަބަކީ އަޅާ ﷲ އަށް އަޅުވެތިވެ އެއިލާހުގެ އަމުރުތައް ތަންފީޒުކޮށް ނަހީކުރެއްވި ކަންތަކުން ދުރުހެލިވުން މިބައިގައި ހިމެނިގެންވާތީއެވެ.

އަދި މިޔަށް ތައުޙީދުއް ޠަލަބު ވަލްޤަސްދު ވަލް އިރާދަތި އޭވެސް ކިޔެއެވެ. ސަބަބަކީ މި ގޮތަށް ﷲ އެއްކައުވަންކުރާ އަޅާ ﷲ ގެ ހަޟްރަތުން މެނުވީ ކަމަކަށް އެދި ގަސްދު ނުކުރާނެއެވެ. އަދި އޭނާކުރާ ހުރިހާ އަޅުކަމަކުންވެސް އޭނާ އެދޭނީ ހަމައެކަނި ﷲ ތަޢާލާގެ މޫނުފުޅަށެވެ.

އާދެ ތައުޙީދުލް އުލޫޙިއްޔަތަކީ ތައުޙީދުގެ ބައިތަކުގެ ތެރެއިން މީސްތަކުން މަގުފުރެދުނު ބައެވެ. ﷲ ތަޢާލާ ރަސޫލުން ފޮނުއްވެވީ ތައުޙީދުލް އުލޫޙިއްޔަތަށްޓަކައެވެ. އަދި ފޮތްތައް ބާވައިލެއްވީ މިޔަށްޓަކައެވެ. އަދި މަޚްލޫޤުން ހެއްދެވީވެސް މިޔަށްޓަކައެވެ. އަދި ޝަރީޢަތުގެ ހުކުމްތައް ޝަރުޢު ކުރެއްވީވެސް މިޔަށްޓަކައެވެ. ނަބީބޭކަލުންނާއި އެބޭކަލުންގެގެ ގައުމުތަކުގެ މީސްތަކުންނާއި ދެމެދު ހިނގި ހުރިހާ ކުރިމަތިލުމެއްވެސް ހިނގާފައިވަނީ މިޔަށްޓަކައެވެ. އަދި މީގެ ސަބަބުން ދެކޮޅުވެރިވެގަތް މީހުން ހާލާކުކުރައްވައި މިޔަށް އީމާންވީ މުއުމިނުންނަށް ސަލާމަތްކަން ލިބުނެވެ. މިއިންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ތައުޙީދުލް އުލޫޙިއްޔަތުގެ މުހިއްމުކަމެވެ.

އެހެންކަމުން އަޅުކަންތަކުގެ ތެރެއިން އެއްވެސް މިންވަރެއްގައި ﷲ ތަޢާލާއާއި އެހެންފަރާތަކައި ބައިވެރިކޮށްފިމީހާ އިސްލާމްދީނުގެ މިއްލަތުން ބޭރުވެގެންދާނެއެވެ. އަދި އޭނާ އެ ވެއްޓިގެންދަނީ ބޮޑު ފިތުނަޔެއްގެ ތެރެޔަށެވެ. އަޅުގަނޑުމެން ﷲ ގެ ޙަޟުރަތުން ސަލާމަތްކަމަށް އެދެމެވެ.

އާދެ ދެން އޮތީ ތައުޙީދުލް އަސްމާއި ވައްސިފާތި މިބައެވެ. މާނައީ ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެންމެ ފުރިހަމަ ގޮތުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި އަޅާގެ ހިތުގައި ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހާއި އެއްވެސްފާރާތާކައި އެއްގޮތްވެގެން ނުވާކަމަށް އިޢުތިޤާދު ކުރުމެވެ. ތައުޙީދުލް އަސްމާއި ވައްސިފާތި ބިނާވެގެންވަނީ 2 އަސާސެއްގެ މައްޗަށެވެ:

އެއްވަނަ އަސާސަކީ: އަލް އިޘްބާތު ނުވަތަ ޘާބިތު ކުރުން. މާނައީ ﷲ ތަޢާލާގެ ނަންފުޅު ތަކާއު ސިފަފުޅުތައް އެއިލާހުގެ ފޮތުގައި ޘާބިތުކޮށްދެއްވާފައިވާ ގޮތަށް ޘާބިތު ކުރުމާއި އެ އިލާހުގެ ނަބިއްޔާ އެއިލާހުގެ ނަންފުޅުތަކައި ސިފަފުޅުތައް އެކަލޭގެފާނުގެ ސުންނަތުގައި ޘާބިތު ކޮށްދެއްވާފައިވާ ގޮތަށް ޘާބިތު ކުރުމެވެ. މިގޮތަށް ޘާބިތުކުރުމުގައި އެއިލާހުގެ މަތިވެރިވެގެންވާ ނަންފުޅުތަކާއި ސިފަފުޅުތަކަށް ބަދަލުގެނެސް އޭގެ މާނަ ތައުވީލުކޮށް އޭގެ ޙަޤީޤަތއް އޮޅުވާލައި އޭގެ ކައިފިއްޔަތު ބަޔާންކުރުން ހުއްދަވެގެންނުވޭ.

ދެވަނަ އަސާސަކީ: އައްތަންޒީހު (ހުސްތާހިރުވަންތަ ކުރުން): ﷲ ތަޢާލާއަކީ ހުރިހާ އުނިކަމަކާއި ޢައިބުތަކުން ހުސްތާހިރުވަންތަވެ ވޮޑިގެންވާއިލާހުއެވެ. އަދި އެއިލާހު އެއިލާހުގެ ނަފުސުފުޅު އެ ސިފަތަކަކުން ބަރީއަކުރެއްވި ސިފަތަކުން އެއިލާހު ހުސްތާހިރުވަންތަކުރަންޖެހެއެވެ. މީގެ ދަލީލަކީ ކީރިތިޤުރްއާންގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މިބަސްފުޅެވެ. ( ليس كمثله شيء وهو السميع البصير ) މާނައީ “އެއިލާހާއި އެއްފަދަވެގެންވާ އެކައްޗެއްވެސް ނުވެއެވެ. އެއިލާހުއީ އައްސަވާވޮޑިގެންވާ ބައްލާވާވޮޑިގެންވާ އިލާހުއެވެ.” މި އާޔަތުގެ ފުރަތަމަ ބައިގައި ﷲ ތަޢާލާވަނީ އެހެން ފަރާތްތަކާއި އެއްފަދަވުމުން އެއިލާހުގެ ޒާތުފުޅު ހުސްތާހިރުވަންތަ ކުރައްވާފައެވެ. އަދި އޭގެފަހުގައި އެންމެ ފުރިހަމަވެގެންވާ ގޮތުގައި އެއިލާހަށް ލާއިޤުވެގެންވާގޮތަށް އެއިލާހަށް ސިފަތަކެއް ޘާބިތުކުރައްވާފައެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons