Sunday, November 22, 2015

ހިތާމަތަކާއި ކަންބޮޑުވުންތަކުން ސަލާމަތްވާނީ ކިހިނެތް؟


ދުނިޔޭގެ ޙަޔާތުގައި އިންސާނާއަށް އެތައް އިމްތިޙާންތަކަކާ، މުޞީބާތްތަކަކާއި ކުރިމަތިލާންޖެހެއެވެ. މިފަދަ މުޞީބާތްތަކުން ނިކަމެތި އިންސާނާއަށް ކުރިމަތިވާ ހިތާމަތަކާއި ނިކަމެތިކަމުން އޭނާ ސަލާމަތްވާނެމަގު މާތް ވެގެންވާ އިސްލާމްދީނުގައި ވަނީ އެންމެ ފުރިހަމަ ގޮތުގައި ބަޔާން ކޮއްދެއްވާފައެވެ.


ޝައްކެއްނެތް ގޮތުގައި އިންސާނާގެ ޙަޔާތަށް ވެރިވެގަންނާނެ އެންމެ ބޮޑު އަނދިރިކަމަކީ ﷲ ތަޢާލާއަށް އީމާންނުވުމާއި ޝިރްކާއި ކުފުރުގެ ތެރޭގައި އުޅެވުމެވެ.

ޢިލްމުވެރިން ވަނީ ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންނާއި ރަސޫލުﷲ - صلى الله عليه وسلم - ގެ ސުންނަތުން އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ދަތިއުނދަގޫތައް ދުރުކޮށްދޭނެ ގޮތްތައް ބަޔާންކޮށްދެއްވާފައެވެ. މިގޮތުން ތައުހީދުގެ ކަލިމައިގެ މަތީގައި ޘާބިތުވެ ހުރުމަކީ އެފަދަ ކަންކަމުން ސަލާމަތްވެވޭނެ އެންމެ މުހިއްމު މަގެވެ.

ތައުޙީދު
ތައުޙީދުގެ އެންމެ އަސާސީ މާނައަކީ ﷲ ސުނުޙާނަހޫ ވަތަޢާލާ އެއީ ހުރިހާ ޢާލަމްތަކުގެ ވެރި ފަރާތް ކަމުގައި އެނގިހުރެ ހަމައެކަނި އެކަލާނގެއަށް އަޅުކަންތައް ޚާލިސް ކޮށް ކީތިރި ޤުރުއާނާއި އެކަލާނގެ ނަބިއްޔާ - صلى الله عليه وسلم - ގެ ސުންނަތުން ވާރިދުވެފައިވާ އެކަލާނގެ އެންމެހާ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އުނިއިތުރުކަމެއް ގެނައުމަކާ ނުލައި ޙައްޤު ގޮތުގައި އީމާންވުމެވެ.
ﷲ ތަޢާލާ އެކަލާނގެއަށް އީމާންވާ މުސްލިމް މީހާއާއި އެކަލާނގެއަށް ޝިރްކުކުރާ ކާފަރު މީހާއާ ދެމެދު ފަރަގުކުރައްވައެވެ. ތައުޙީދުގެ މަތީގައި ޤާއިމްވެ ހުރި މުސްލިމް އަޅާ، އޭނާ އަޅުކަން ޚާލިސްކުރަންވީ ކޮން ފަރާތަކަށް ކަމާމެދު އޭނާގެ ހިތުގައި އެއްވެސް ޝައްކެއް އަދި އޮޅުމެއް ނުވެއެވެ. އެހެންނަމަވެސް ޝިރްކުގެ ތެރޭގައި ގެނބިފައިވާ މީހާ، އޭނާ ޙައްޤު ގޮތުގައި ކަންކަމުގައި އެދެންވީ ކޮން އިލާހަކަށް ކަމާމެދު އޭނާގެ ހިތުގައި ޝައްކު އުފެދެއެވެ. މި އޮޅުންގަނޑުގެ ތެރެއިން އޭނާ ސަލާމަތްވުމަށްޓަކައި އޭނާއަށް ތަބާވެވެނީ އޭނާގެ އަމިއްލަ ނަފްސުގެ އެދުންތަކަށާއި ޝައިޠާނުންނަށެވެ.

ޔޫސުފް - عليه السلام - ގެ ވާހަކައިގައި އެކަލޭގެފާނުގެ އަރިހަށް ހުވަފެނުގެ ތަޢުބީރާއި މެދު ސުވާލުކުރުމަށް އައި ދެމީހުން ތިބީ ކަންބޮޑުވުމާއި މާޔޫސްކަމެއްގައެވެ. އެކަލޭގެފާނު އެދެމީހުންނާ އެންމެ ފުރަތަމަ މުޚާތަބުކުރައްވައި ވިދާޅުވީ ކޮން ވާހަކަތައެއްތޯއެވެ؟ އެދެމީހުންނަށް ޚަބަރުދެއްވީ އެވާހަކައިން އެދެމީހުންގެ ހިތްތަކަށް ވަގުތުން ހިތްހަމަޖެހުން ގެނުވައިދިން ވާހަކައަކުންނެވެ. އެއީ ﷲ ތަޢާލާ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަން ވެވޭ އިލާހެއް ނުވާ ކަމުގެ ވާހަކައެވެ. އާދެ! ތައުޙީދުގެ ވާހަކައެވެ.

އެހެންކަމުން ތައުޙީދުގެ މަތީގައި ޤާއިމްވެ ހުރި މީހާގެ ހިތާމަތަކާއި އުނދަގޫތައް ﷲ ތަޢާލާ ދުރުކޮށްދެއްވައެވެ. ކީރިތި ޤުރުއާނުގައި މިކަމަށް ބާރުދޭ ވަރަށް ގިނަ އާޔަތްތައް ވެއެވެ. އޭގެ ތެރޭގައި ޔޫނުސް - عليه السلام - ގެ ވާހަކަ ހިމެނެއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުން އެބައިމީހުން އިޖާބަ ނުދިނެވެ. މިހެންވެ އެކަލޭގެފާނު އެކަމާ އުއްމީދު ކަނޑުއްވާލައްވާ އެބައިމީހުން ދޫކުރައްވައި ވަޑައިގަތެވެ. ދެން އެކަލޭގެފާނާއި ބޮޑު އިމްތިހާނެއް ކުރިމަތިވެވަޑައި ގަތެވެ. އެކަލޭފާނު ދަތުރުކުރެއްވި ނައު ގެ މީހުން އެކަލޭގެފާނު ކަނޑަށް އެއްލަވާ ލެއްވިއެވެ. ކަން ދިމާ ކުރި ގޮތުން ﷲ ތަޢާލާ އެކަލޭގެފާނު ބޮޑު މަހެއްގެ ބަނޑުގައި ލެއްވެވިއެވެ.

އަނދިރިކަމުގެ މައްޗަށް އަނދިރިކަން އެކަލޭގެފާނު ވަށާލިއެވެ. އެއީ އެބޮޑު މަހުގެ ބަނޑު ތެރޭގައި ތަޙައްމަލްކުރެއްވި އަނދިރިކަމެވެ. އަދި ކަނޑުގެ ފުންކަމާއި އަނދިރިކަމެވެ. އަދި ޜޭގަނޑުގެ އަނދިރިކަމެވެ.

އެކަލޭގެފާނު އެމުޞީބާތުން ސަލާމަތް ކޮށްދެވޭނެ ހަމައެކަނި ފަރާތް ކަމުގައިވާ ﷲ ތަޢާލާއަށް ތައުޙީދުގެ މަތިވެރި ކަލިމަ ބޭނުން ކުރައްވާ ދުޢާ ކުރެއްވިއެވެ. އަދި ހަމަ އެވަގުތު ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރައްވައި ސަލާމަތުގެ އައްސޭރިއަށް އެކަލޭގެފާނު ފޯރޮކޮށްދެއްވިއެވެ.
 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons