އިސްލާމްދީނުގެ ޢަގީދާ އާއި ޙުކުމްތައް އަދި މަގްޞަދުތައް ނެގިފައިވަނީ ދެ އަޞްލަކުންނެވެ. އެއީ ކީރިތި ގުރްއާނާއި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތެވެ. އެއީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމުގައި ކަނޑައަޅުއްވާފައިވާ ގޮތެވެ. އިސްލާމްދީނުގެ ރުކުންތައްވަނީ ރައްކާތެރި ކުރެވިފައެވެ. އެގޮތުން ދީނުގެ އެއްވެސް ކަމެއް ޘާބިތުވާނީ އުޑުންބާވާލެއްވިފައިވާ މަޢުޞޫމް ނައްޞެއްގެ މައްޗަށެވެ. އެއީ ކީރިތި ގުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތެވެ.
އިމާމް ޝާފިޢީ- ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
"ﷲ ގެ ފޮތުން ނުވަތަ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުން މެނުވީ ދީނުގެ އެއްވެސް ކަމެއް ޘާބިތެއް ނުކުރެވޭނެއެވެ. އެހެންތަކެއްޗަކީ އެޔާއި ގުޅިފައިވާ ތަކެއްޗެވެ".
ދެން ޢިލްމުވެރިން މިދެމަޞްދަރުގެ މައްޗަށް ބިނާކޮށް ދީނުގެ ޙުކުމްތައް އޭގެ މައްޗަށް ބިނާކުރާނެ އަޞްލު ތަކެއް އުފެއްދެވިއެވެ. އެ އަޞްލުތަކަށްވެސް ބައެއް ޢިލްމުވެރިން "އިސްލާމްދީނުގެ މަޞްދަރުތަކޭ" ކިޔާ އުޅެއެވެ. އެއީ އިޖްމާޢު އާއި ގިޔާސް އެވެ.
އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވިއެވެ.
"އެއްވެސް ކަމެއްގައި ޙަލާލޭ ނުވަތަ ޙަރާމޭ ބުނެވޭނީ ޢިލްމެއްގެ މައްޗަށް ބިނާކޮށެވެ. އެޢިލްމަކީ ގުރްއާނާއި ސުންނަތް، ދަންނަބޭކަލުންގެ އިޖްމާޢު އަދި ގިޔާސް އެވެ.
ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ- ރަޙިމަހުﷲ- ވިދާޅުވިއެވެ.
"ގުރްއާނާއި ސުންނަތް އަދި އިޖްމާޢު ގެ މަދްލޫލަކީ އެކައްޗެކެވެ. ގުރްއާނުގައިވާ ކޮންމެ އެއްޗަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަކާ އެއްބަސްވެ ވަޑައިގަންނަވާ ކަންތަކެވެ. އަދި ޖުމްލަގޮތެއްގައި މުޅިއުއްމަތްވެސް މިކަމަށް އެއްބަސްވެއެވެ. ކީރިތި ގުރްއާނަށާއި މާތް ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތަށް ތަބަޢަވުމަކީ ވާޖިބެއް ކަމުގައި ނުދެކޭ އެއްވެސް މުސްލިމަކު ނުވެއެވެ. ހުރިހާ މުއިމިނުން އެކަމަށް އިޖްމާޢުވެއެވެ. ހުރިހާ މުއިމިނުން އިޖްމާޢުވާ ކަންތަކަކީ އެއީ ޙައްގު ގޮތެވެ. ގުރްއާނާއި ސުންނަތާއި އެއްގޮތަށް އައިސްފައިވާ ކަންތަކެވެ".
އެހެންކަމުން އިސްލާމްދީނުގެ މަޞްދަރުތަކޭ ބުނެވޭ ބަހުގެ މާނައަކީ ދީނުގެ ޙުކުމްތައް އެއެއްޗަކުން ނެގޭ ތަކެތީގެ ވާހަކައެވެ. ދީނުގެ ޙުކުމްތައް ނެގެނީ ﷲ ގެ ވަޙީ ބަސްފުޅުތަކުންނެވެ. އެއީ ކީރިތި ގުރްއާނުގެ އާޔަތެއް ކަމުގައިވީނަމަވެސް ނުވަތަ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘް ފުޅެއް ކަމުގައިވީނަމަވެސް އެވެ. އެހެނީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘަކީވެސް ވަޙީ އެވެ. އެހެންކަމުން އިސްލާމްދީނުގެ މަޞްދަރުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ
1. އަޞްލީ މަޞްދަރުތައް: އަޞްލީ މަޞްދަރޭ ބުނެވެނީ ކީރިތި ގުރްއާނާއި ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތަށެވެ.
2. ތަބަޢީ މަޞްދަރުތައް: ތަބަޢީ މަޞްދަރޭ ބުނެވެނީ ގުރްއާނާއި ސުންނަތުން އިރްޝާދު ދެއްވާފައިވާ އިޖްމާޢަށާއި ގިޔާސަށެވެ. މާނައަކީ އިޖްމާޢާއި ގިޔާސްގައި ޙުކުމްތައް ނެގިފައިވަނީ ގުރްއާނާއި ސުންނަތަށް ރިޢާޔަތް ކުރެވިގެންނެވެ.
މިއީ ހުރިހާ ޢިލްމުވެރިން އިއްތިފާގްވެވަޑައިގަންނަވާ އިސްލާމްދީނުގެ ހަތަރު މަޞްދަރެވެ. މިނޫންވެސް ބައެއް މަޞްދަރުތައް ހުރެއެވެ. ނަމަވެސް އެމަޞްދަރުތަކަކީ އެއީ ޙުއްޖަތެއްތޯ ނުވަތަ ނޫންތޯ، އެއިން ޙުކުމް އިސްތިންބާޠު ކުރެވޭނެތޯ ނުވަތަ ނޫންތޯ މިކަންކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންކަމެވެ. މިޘާލަކަށް: ޞަޙާބީ އެއްގެ ބަސް، ސައްދުއްޛަރީޢާ، އިސްތިޙްސާން، އިސްތިޞްޙާބް، ޢުރްފު(ޢާދަކާދަތައް)، ކުރީގެ އުންމަތްތަކުގެ ޝަރީޢަތް، މަޞާލިޙުލްމުރްސަލާ ފަދަ މަޞްދަރުތަކެވެ.
ފުރަތަމަ މަޞްދަރު: ކީރިތި ގުރްއާން:
ކީރިތި ގުރްއާނުގެ ތަޢުރީފް:
ގުރްއާނަކީ މާތް ﷲ ގެ ނަބިއްޔާ މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ މައްޗަށް ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރިކުރައްވާ ބާވާލެއްވި، އެކިޔެވުމުން ދަރުމައާއި ޘަވާބުލިބޭ، އަދި އެފޮތާއި އެއްފަދަ ފޮތެއް ނުގެނެވޭނެކަމުގެ ޗެލެންޖު ކުރައްވާފައިވާ، އެކަލާންގެ ކަލާމްފުޅެވެ.
ގުރްއާނާއި ބެހޭ ގޮތުން މާތް ﷲ ފުއްޞިލަތް ސޫރަތުގެ 41 އަދި 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَإِنَّهُ لَكِتَابٌ عَزِيزٌ لا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ وَلا مِنْ خَلْفِهِ تَنْزِيلٌ مِنْ حَكِيمٍ حَمِيدٍ) މާނައަކީ: "ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ. އެފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެ ފަހަތަކުންވެސް އެފޮތަކަށް ބާޠިލް ކަމެއް ނާންނާނެތެވެ، އެއީ ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަ އިލާހްގެ ޙަޟްރަތުން ބާވާލެއްވުނު ފޮތެކެވެ".
ހޫދު ސޫރަތުގެ އެއްވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ) މާނައަކީ: "މިފޮތުގެ އާޔަތްތައްވަނީ އޮޅުމެއްނެތި މާނަ ސާފުކޮށް އެގޭގޮތުގައި ފުރިހަމަ ނިޡާމަކުން ތަރްތީބު ކުރައްވާފައެވެ. އަދި ފޮތުގައިވާ ހުރިހާ ތަކެއްޗެއް ވަނީ ތަފްޞީލު ކޮށް ބަޔާންކުރައްވާފައެވެ".
ކީރިތި ގުރްއާނަކީ ގިޔާމަތާއި ހަމައަށް ދާންދެން އެޔަށް އެއްވެސް ބަދަލެއް ނައިސް އޮންނާނެ އެއްޗެއް ކަމުގައި މާތް ﷲ ވަނީ ލައްވާފައެވެ. ޙިޖްރު ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ) މާނައަކީ: "ހަމަކަށަވަރުން ގުރްއާން ބާވާލެއްވީ، ތިމަން ﷲ އެވެ. އަދި ހަމަކަށަވަރުން، ތިމަން ﷲ އެ ގުރްއާން ރައްކާތެރި ކުރައްވާހުށީމެވެ".
އިންސާނުންނަށް އެންމެ ސީދާވެގެންވާ ގޮތަށް މަގުދައްކާ އިންސާނީ ޙަޔާތް ބާއްޖެވެރިވާނޭ ގޮތް މިފޮތުގައި ބަޔާން ކުރައްވާފައިވެއެވެ. އަލްއިސްރާ ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا) މާނައަކީ: "ހަމަކަށަވަރުން މި ގުރްއާން، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ޞާލިޙް ޢަމަލުތައްކުރާ މުއިމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވައެވެ".
މި ގުރްއާން ބާވާލެއްވިފައިވަނީ މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެ އަލިކަމުގެތެރެއަށް ނެރުއްވުމަށްޓަކައެވެ. އިބްރާހީމް ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا) މާނައަކީ: "އެފޮތް ކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ބާވާލެއްވީ، އެބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހުގެ އިޛްނަފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. ޢަޒީޒް ވަންތަ، ޙަމްދުލިބިވޮޑިގެންވާ އިލާހް ދެއްކެވި މަގަށެވެ".
ކީރިތި ގުރްއާނަކީ މާތް ﷲ ބާވާލެއްވި އެހެނިހެން ފޮތްތަކަށްވުރެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ފޮތެކެވެ. އަދި ކީރިތި ގުރްއާން ބާވާލެއްވުމުން އެހެން ހުރިހާ ފޮތްތަކެއް މަންސޫޚުވެގެން ދިޔައީ އެވެ. ޒުޚްރުފް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ ) މާނައަކީ: "އަދި ހަމަކަށަވަރުން ތިމަން ﷲ ގެ ޙަޟްރަތުގައިވާ މައިފޮތުގައި (ލައުޙުލް މަޙްފޫޡުގައި) އެފޮތްވަނީ މަތިވެރިވެގެންވާ ޙިކްމަތްތެރި ފޮތެއްކަމުގައެވެ".
އަލްމާއިދާ ސޫރަތުގެ 48 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ) މާނައަކީ: "އަދި ތިމަން ﷲ ޙައްގުގޮތުގައި ކަލޭގެފާނަށް ފޮތް ބާވާލެއްވީމެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރުވަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްކަމުގައެވެ".
ގުރްއާން ބާވާލެއްވުން:
މައްކާގެ އަހްލުވެރިން ބުދަށް އަޅުކަންކުރާތީވެ އެކަމާ ހިތްޕުޅަށް ނުތަނަވަސްކަންލިބިވަޑައިގެން މީސްތަކުންނާއި ދުރުހެލިތަނެއްގައި ހުންނެވުމުގެ ބޭނުމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- "ހިރާ" އޭ ކިޔުނު ފަރުބަދަ އެއްގެ ހޮހޮޅަ އަކަށް ވަޑައިގަންނަވައެވެ. އެކަލޭގެފާނަށް ބޭނުންވާނެ ކާބޯތަކެތިވެސް އެތަނަށް ގެންދަވައެވެ. އަދި އެތަނުގައި ދުވަސްތަކެއްވަންދެން ހުންނަވައެވެ. މިކައުނު ހެއްދެވީ ކޮންފަރާތަކުންތޯ ވިސްނާ ފިކުރު ކުރެއްވުމުގައެވެ. މިގޮތަށް ދުވަސްތައް ވޭތުވަމުން ދަނިކޮށް ރަމަޟާން މަހެއްގެ ދުވަހެއްގައި އުޑާއި ބިން ހެއްދެވީ ކޮންފަރާތަކުންތޯ ފިކުރުކުރައްވަން ހުންނަވަނިކޮށް ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް ފައިބައިވަޑައިގަތެވެ. އަދި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. "ކިޔަވާށެވެ". އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަވާބު ދެއްވިއެވެ. "ތިމަންކަލޭގެފާނަކީ ކިޔަވާ ބޭކަލެއް ނޫނެވެ"، ޖިބްރީލް ޢަލައިހިއްސަލާމް ތިންފަހަރަށް ތަކްރާރުކޮށް ކިޔެވުމަށް އަމުރުކުރެއްވިއެވެ. ކޮންމެ ފަހަރަކުވެސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަވާބުގައި ވިދާޅުވަނީ "ތިމަންކަލޭގެފާނަކީ ކިޔަވާވިދާޅުވާ ބެކަލަކީމެއް ނޫނެވެ" މިފަދައިންނެވެ. އެންމެ ފަހުންފަހަރު ޖިބްރީލް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. "ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާޙުގެ އިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ، އެކަލާނގެ އިންސާނާ ހެއްދެވީ ގަނޑުލޭކޮޅަކުންނެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އަދި ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހަކީ އެންމެ ދީލަތިވަންތަ އިލާހެވެ. އެކަލާނގެއީ ގަލަމްގެ ޛަރީޢާ އިން އުނގަންނައިދެއްވި އިލާހެވެ".
މިއީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކެވެ. އެކަލޭގެފާނު އެއާޔަތްތައް ހިތުން ދަސްކުރެއްވިއެވެ.
އެކަލޭގެފާނު ބިރުފުޅުގަނެފައިވާ ޙާލު ތުރުތުރުއަޅަމުން އަނބިކަބަލުން ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "ރަޖާއަޅާ ތިމަންކަލޭގެފާނު ފޮރުއްވާ ދެއްވާށެވެ. ރަޖާ އަޅާ ތިމަންކަލޭގެފާނު ފޮރުއްވާ ދެއްވާށެވެ". އެކަލޭގެފާނުގެ ހިތްޕުޅުން ބިރުވެތިކަން ފިލައިގޮސް ހަމަޖެހިލެއްވީމާ ކަންތައްވީ ގޮތް އަނބިކަބަލުން ޚަދީޖާ- ރަޟިޔަﷲ ޢަންހާ އަށް ކިޔައިދެއްވިއެވެ. އެކަމަނާ އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. އަދި ވިދާޅުވިއެވެ. އޭ ބޮޑުބޭބެގެ ދަރިޔާއެވެ. އުފާ ކުރައްވާށެވެ. ކަލޭގެފާނަކީ މިއުއްމަތުގެ ނަބިއްޔާކަމުގައި ވުމަށް ތިމަންކަމަނާ އުއްމީދު ކުރައްވަމެވެ".
ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ގުރްއާން ބާވާލެއްވުނު އިރު ޢުމުރުފުޅަކީ 40 އަހަރެވެ.
ގުރްއާން ބާވާލެއްވުނު ގޮތް:
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّا أَنْزَلْنَاهُ فِيْ لَيْلَةِ الْقَدْرِ) މާނައީ: "ހަމަކަށަވަރުން ތިމަން ﷲ ގުރްއާން ބާވާލެއްވީ ލައިލަތުލްގަދްރި ވިލޭރެއެއްގައެވެ". މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ތިރީގައި މިވަނީ އެވެ.
1. ލައުޙުލްމަޙްފޫޡުން ދުނިޔޭގެ އުޑަށް ބާވާލެއްވުމެވެ. އެއީ މުޅިގުރްއާން އެއްކޮށެވެ. އޭގެ ފަހުން ތޭވީސް އަހަރުތެރޭ އެކިފަހަރު އެކި އާޔަތް ތައް ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލެއްވުމެވެ.
2. ދުނިޔޭގެ އުޑުތަކަށް ގުރްއާން ބާވާލެއްވުނީ ވިހި ލައިލަތުލް ގަދްރި ވިލޭރެއިންނެވެ. އެއިން ކޮންމެ ރެއެއްގައި އެއަހަރެއްގެ ތެރޭގައި ބާވާލައްވާ އާޔަތްތައް ދުނިޔޭގެ އުޑަށް ބާވާލައްވައެވެ. އެއަށް ފަހު އެކިފަހަރުމަތިން އެކި އާޔަތް ތައް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލައްވައެވެ.
3. ގުރްއާން ބާވާލައްވަން ފެއްޓެވީ ލައިލަތުލްގަދްރިވިލޭރެ އެއްގައެވެ. އެއަށްފަހު އެކިފަހަރު މަތިން އެކި އާޔަތް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލެއްވުނެވެ.
އެކިފަހަރުމަތިން ގުރްއާންބާވާލެއްވުމުގެ ޙިކްމަތްތައް:
އެހެނިހެން ރަސޫލު ބޭކަލުންގެ މައްޗަށް ފޮތްތައް ބާވާލެއްވީ އެއްފަހަރާ އެވެ. ނަމަވެސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް އެއްފަހަރާ ގުރްއާން ބާވާލެއްވުމުގެ ބަދަލުގައި އެކިފަހަރު މަތިން ބާވާލެއްވުމުގައި ވަރަށް މަތިވެރި ޙިކްމަތްތަކެއްވެއެވެ.
1. އެހެނިހެން ރަސޫލުބޭކަލުންނާއި ތަފާތުކޮށް އިތުރު އެކަލޭގެފާނަކީ ލިޔަންކިޔަން ނުދަންނަ އުއްމިއްޔަ ބޭކަލެކެވެ. އެހެންކަމުން އެއްފަހަރާ ގުރްއާން ބާވާލައްވައިފިނަމަ އެކަލޭގެފާނަށް ގުރްއާން ދަސްކުރައްވަން ދަތިފުޅުވެދާނެއެވެ. އެހެންކަމުން އެކަލޭގެފާނުގެ މައްޗަށް އެކިފަހަރުމަތިން ގުރްއާންބާވާލެއްވުނީ އެވެ. އަލްފުރްގާން ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وقال الذين كفروا لولا نزل عليه القرآن جملة واحدة كذلك لنثبت به فؤادك ورتلناه ترتيلا) މާނައަކީ: "ކާފިރުވީ މީހުންބުންޔެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ ގުރްއާން ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ތިމަން ﷲ ގުރްއާން ބާވާލެއްވީ އެފަދައިން ބައިބަޔަށެވެ. އެއީ ތިމަން ﷲ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ޘާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަން ﷲ އެ ގުރްއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ".
2. ގުރްއާނުގެ ބައެއް އާޔަތްތަކަކީ މީސްތަކުން ކުރާ ސުވާލެއްގެ ޖަވާބެވެ. ނުވަތަ މީހަކު ބުނިބަހެއްގެ ރަގަޅު ގޮތާއި ނުރަގަޅު ގޮތް ބަޔާންކޮށް ދެއްވުމުގެ ގޮތުން ބާވާލެއްވުނު އާޔަތްތަކެވެ. އަލްފުރްގާން ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ولا يأتونك بمثل إلا جئناك بالحق وأحسن تفسيرا) މާނައަކީ: "އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިޘާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަން ﷲ ކަލޭގެފާނަށް ޙައްގުބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ".
3. އިސްލާމްދީނުގެ ބައެއް ޙުކުމްތައް ބާވާލައްވާފައިވަނީ އެކިފަހަރުމަތިން ކަމަށްވާތީވެ، އެކަންތައް މީސްތަކުންނަށް ބަޔާންކޮށްދެއްވާ، ދަސްކޮށްދެއްވުމަށް ފަސޭހާވާނީ އެކިފަހަރުމަތިން ގުރްއާންބާވާލެއްވުމުން ކަމަށް ވުން. އުންމުލްމުއިމިނީނަ ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. (إنما نزل أول ما نزل سورة من المفصّل فيها ذكر الجنة والنار ، حتى إذا ثاب الناس إلى الإسلام نزل الحلال والحرام ، ولو نزل أول شيء : لا تشربوا الخمر ، لقالوا : لا ندع الخمر أبدًا ، ولو نزل : لا تزنوا ، لقالوا لا ندع الزنى أبدً) މާނައަކީ: "ކީރިތި ގުރްއާނުގައި ފުރަތަމަކޮޅު ބާވާލެއްވުނީ މުފައްޞަލް ސޫރަތްތަކު ތެރޭގައި ހިމެނޭ ސޫރަތެއްގެ އާޔަތެކެވެ. އޭގައިވަނީ ސުވަރުގެ އާއި ނަރަކައިގެ ވާހަކައެވެ. މީސްތަކުންނަށް އިސްލާމްދީނުގެ ތެރެއަށް ރަގަޅަށް ވަދެވުމުން، ޙަލާލު ޙަރާމް ގެ ކަންތައް ބާވާލައްވަން ފެއްޓުނެވެ. އެންމެ ފުރަތަމަވެސް ރާނުބޯށޭ ބާވާލެއްވިނަމަ މީސްތަކުން ބުނީހެވެ. ތިމަންމެން ރާބުއިން ދުލެއްނުކުރާހުށީމެވެ. ޒިނޭ ނުކުރާށޭ ބާވާލެއްވިނަމަ މީސްތަކުން ބުނީހެވެ. ޒިނޭ ކުރުން ދުލެއް ނުކުރާ ހުށީމެވެ".
ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘް ތަކަށް ނަޡަރު ހިންގައިލައިފިނަމަ ފެނިގެންދަނީ ކީރިތި ގުރްއާން ބާވާލެއްވުނީ އެއިރަކަށް ބޭނުންވާ އާޔަތެއް ބޭނުންވެއްޖެ ހިނދެއްގައި ކަމެވެ. ބައެއް ފަހަރު ފަސްއާޔަތެވެ. އަނެއްބައި ފަހަރު ދިހަ އާޔަތެވެ. ބައެއް ފަހަރު އެއަށްވުރެ އިތުރެވެ. އަނެއްބައިފަހަރު އެއަށްވުރެ މަދެވެ. އާޔަތެއްގެ އެއްބައިކަމުގައިވާ (غير أولي الضرر) އެކަނިވެސް އެއްފަހަރަކު ބާވާލެއްވިކަމަށް ޞައްޙަމަގުން އައިސްފައިވެއެވެ.
ގުރްއާން ރައްކާ ކުރެއްވުން.
ކީރިތި ގުރްއާނަށް އުނިއިތުރު ކުރުމާއި ގެއްލިގެން ދިޔުން ފަދަ ކަންތަކުން މާތް ﷲ ވަނީ އެފޮތް ރައްކާތެރިކޮށްދެއްވާފައެވެ. އަދި ގުރްއާނުގައިވާ ޙުކުމްތައްވެސް ގެއްލިގެން ދިޔުމން މާތް ﷲ ވަނީ ރައްކާތެރި ކުރައްވާފައެވެ. ޙިޖްރު ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ) މާނައަކީ: "ހަމަކަށަވަރުން އެގުރްއާން ބާވާލެއްވީ ތިމަން ﷲ އެވެ. އަދި އެގުރްއާން ރައްކާތެރި ކުރައްވާނީވެސް ތިމަން ﷲ އެވެ".
ފުއްޞިލަތް ސޫރަތުގެ 41 އަދި 42 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ . لَا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنْزِيلٌ مِنْ حَكِيمٍ حَمِيدٍ) މާނައަކީ: "ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ. އެފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެ ފަހަތަކުންވެސް އެފޮތަކަށް ބާޠިލް ކަމެއް ނާންނާނެތެވެ، އެއީ ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަ އިލާހްގެ ޙަޟްރަތުން ބާވާލެއްވުނު ފޮތެކެވެ".
އަލްކަހްފު ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَاتْلُ مَا أُوحِيَ إِلَيْكَ مِنْ كِتَابِ رَبِّكَ لَا مُبَدِّلَ لِكَلِمَاتِهِ وَلَنْ تَجِدَ مِنْ دُونِهِ مُلْتَحَدًا) މާނައަކީ: "ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހް ގެ ފޮތުން، ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ. އެކަލާނގެ ކަލިމަ ފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ".
އަލްޢަންކަބޫތު ސޫރަތުގެ 48 އަދި 49 ގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَا كُنْتَ تَتْلُو مِنْ قَبْلِهِ مِنْ كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ إِذًا لَارْتَابَ الْمُبْطِلُونَ . بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ) މާނައަކީ: "
އިސްވެދިޔަ އާޔަތްތަކުން ދޭހަވަނީ މާތް ﷲ ވަނީ ކީރިތި ގުރްއާން ރައްކާތެރި ކުރައްވާފައި ކަމެވެ. އެހެންކަމުން އޭގައިވާ އެއްވެސް އެއްޗަކަށް އުނިއިތުރުކޮށް ހެދުމަކީ އެއްވެސް ފަރާތަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫނެވެ.
މާތް ﷲ ބާވާލެއްވި އެހެނިހެން ފޮތްތައް ރައްކާތެރި ނުކުރައްވާ ހަމައެކަނި ކީރިތި ގުރްއާން ރައްކާތެރި ކުރެއްވުމުގެ ސަބަބަކީ:
1. އެއީ އެންމެ ފަހުގެ ނަބިއްޔާ ގެ މައްޗަށް ބާވާލެއްވުނު އެންމެ ފަހުގެ ފޮތްކަމުގައިވުން.
2. ހުރިހާ ޝަރީޢަތްތަކެއް އެފޮތުގައި ހިމެނިފައިވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الاسلام دينا) މާނައަކީ: "
އަދިވެސް ވަޙީ ކުރައްވައެވެ. (وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ فَاحْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَ لَكِنْ لِيَبْلُوَكُمْ فِي مَا آَتَاكُمْ فَاسْتَبِقُوا الْخَيْرَاتِ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ) މާނައަކީ: "
3. ކީރިތި ގުރްއާނަކީ އެންމެހައި މީސްތަކުންގެ މައްޗަށް ބާވާލެއްވުނު ފޮތެއް ކަމުގައިވުން. އަދި އާޚިރަތާއި ހަމައަށް ވެސް ދެމިގެންވާ ޝަރީޢަތެއް ކަމުގައި މި ޝަރީޢަތްވުން. ސަބައު ސޫރަތުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ) މާނައަކީ: "
އަލްގަޞަޞް ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَا كَانَ رَبُّكَ مُهْلِكَ الْقُرَى حَتَّى يَبْعَثَ فِي أُمِّهَا رَسُولًا يَتْلُوا عَلَيْهِمْ آيَاتِنَا وَمَا كُنَّا مُهْلِكِي الْقُرَى إِلَّا وَأَهْلُهَا ظَالِمُونَ) މާނައަކީ: "
އަލްއަންޢާމް ސޫރަތުގެ 131 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (ذَلِكَ أَنْ لَمْ يَكُنْ رَبُّكَ مُهْلِكَ الْقُرَى بِظُلْمٍ وَأَهْلُهَا غَافِلُونَ) މާނައަކީ: "
ކީރިތި ގުރްއާނުން ޙުކުމްތައް ނެގުމުގައި ތަބާވާން ޖެހޭ ކަންކަން:
1. މައްކީ ސޫރަތާއި މަދަނީ ސޫރަތްތައް ދެނެގަތުން. އަދި ކުރިން ބާވާލެއްވުނު އާޔަތާއި ފަހުން ބާވާލެއްވުނު އާޔަތް ދެނެގަތުން. ދެ އާޔަތެއްގައި ބޭރުފުށަށް ފެންނަ ފެނުމުގައި ތަޢާރުޟު އުޅޭކަމަށް ވަނީނަމަ މައްކީ މަދަނީ އެނގުމުން ނުވަތަ ކުރިން ބާވާލެއްވުނު އާޔަތާއި ފަހުން ބާވާލެއްވުނު އާޔަތް އެނގުމުން ނާސިޚް މަންސޫޚު ދެނެގަތުމަށް ފަސޭހަވެގެންދެއެވެ. މިގޮތުން ފަހުން ބާވާލެއްވުނު އާޔަތަކީ ނާސިޚް ކަމަށާއި އަދި ކުރިން ބާވާލެއްވުނު އާޔަތަކީ މަންސޫޚު ކަމަށް ނިންމޭނެއެވެ.
ބައެއްފަހަރަށް މައްކީ ސޫރަތެއްގައި މަދަނީ އާޔަތެއްވެސް ހުރެދާނެއެވެ. އަދި މަދަނީ ސޫރަތެއްގައި މައްކީ އާޔަތެއްވެސް ހުރެދާނެއެވެ. މިޘާލަކަށް ސޫރަތުލް އަޢުރާފް ގެ 163 ވަނަ އާޔަތް ފިޔަވާ އެހެން ހުރިހާ އާޔަތަކީ މައްކީ އާޔަތް ތަކެވެ. އެހެންނަމަވެސް، 163 ވަނަ އާޔަތަކީ މަދަނީ އާޔަތެކެވެ. ސޫރަތުލް ޙައްޖަކީ މަދަނީ ސޫރަތެކެވެ. ނަމަވެސް އެސޫރަތުގެ 52 ވަނަ އާޔަތަކީ މައްކީ އާޔަތެކެވެ. އެހެންކަމުން ކުރިން ބާވާލެއްވުނު އާޔަތާއި ފަހުން ބާވާލެއްވުނު އާޔަތް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
2. ޙުކުމް ހޯދުމަށް މަސަތްކަތްކުރާ މައުޟޫޢުގެ ހުރިހާ އާޔަތްތަކެއް ބަލާ ދިރާސާކުރަންވާނެއެވެ. ބައެއްފަހަރު އެއް އާޔަތުން އަނެއް އާޔަތުގެ ތަފްސީރު ލިބެއެވެ. މިޘާލަކަށް ސޫރަތުލް ބަގަރާގެ 37 ވަނަ އާޔަތް (فتلقى آدم من ربه كلمات) މި އާޔަތުގެ ތަފްސީރު ލިބެނީ ސޫރަތުލް އަޢްރާފްގެ 23 ވަނަ އާޔަތުންނެވެ. (قالا ربنا ظلمنا أنفسنا وإن لم تغفر لنا وترحمنا لنكونن من الخاسرين).
3. ނާސިޚް މަންސޫޚް ދެނެގަތުމަކީ ވެސް ޙުކުމް ތައް އިސްތިންބާޠު ކުރުމުގައި ބަލަން ޖެހޭ ކަމެކެވެ. ފިރިމަރުވެފައިވާ މީހާގެ ޢިއްދާ އެއްކަމުގައި އިސްލާމްދީނުގެ ކުރީކޮޅުގައި އޮންނަނީ އެއް އަހަރުވަންދެން ގެއިން ނުނިކުމެ ހުރުމެވެ. އެކަން އެނގެނީ ސޫރަތުލް ބަގަރާގެ 240 ވަނަ އާޔަތުންނެވެ. ވަޙީ ކުރައްވާފައިވެއެވެ. (والذين يتوفون منكم ويذرون أزواجا وصية لأزواجهم متاعا إلى الحول غير إخراج) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެއުރެންގެ އަނބިން ގެއިން ނެރެނުލުމަކާއިނުލައި، އަހަރުދުވަހަށް ދާންދެން ބޭތިއްބުމަށް މާތް ﷲ ވަޞިއްޔަތް ކުރެއްވިއެވެ". ނަމަވެސް މިއާޔަތުގައި މިވާ ޙުކުމް ވަނީ މަންސޫޚު ވެފައެވެ. އެކަން އެނގެނީ ސޫރަތުލް ބަގަރާގެ 234 ވަނަ އާޔތުންނެވެ. ވަޙީ ކުރައްވައެވެ. (والذين يتوفون منكم ويذرون أزواجا يتربصن بأنفسهن أربعة أشهر وعشرا) މާނައަކީ: "އަދި ތިޔަބައިމީހުންގެތެރެއިން އަނބިންދޫކޮށް މަރުވެދާމީހުންގެ އަނބިން، އެކަނބަލުންގެ ނަފްސުތަކާއިގެން ހަތަރުމަހާއި ދިހަދުވަހު ޢިއްދާގައި ހުންނާށެވެ". މިއާޔަތުން ދޭހަވަނީ ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާ އަކީ ހަތަރުމަހާއި ދިހަދުވަސް ކަމެވެ. އަދި އަހަރުވަންދެން ގޭގައި ބަންދުވެފައި ހުންނަން ޖެހޭ ޙުކުމް ވަނީ މަންސޫޚު ވެފައިކަމެވެ.
4. އާޔަތް ބާވާލެއްވުނު ސަބަބު ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. ފަހަރުގައި އެއް އާޔަތެއް ބާވާލެއްވުމުގައި ތަފާތު ސަބަބުތައް ހުރެދާނެއެވެ. މިކަން އެނގުމުން އާޔަތުގެ މަފްހޫމު ދެނެގަތުމަށް ފަސޭހަވެގެންދެއެވެ. މިޘާލަކަށް ސޫރަތުލް ބަގަރާގެ 158 ވަނަ އާޔަތް (إن الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما) މާނައަކީ: "ހަމަކަށަވަރުން، ޞަފާ އާއި މަރްވާ ވަނީ ﷲ ގެ ޝިޢާރު ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް ޙައްޖުވާ މީހާ ނުވަތަ ޢުމްރާވާ މީހާ، އެތަނުގައި ހިނގާ ސަޢްޔު ކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ". މި އާޔަތުގައި "ކުށެއްނެތެވެ" މިހެން އޮތުމުން ބޭރުފުށަށް ދޭހަވަނީ ސަޢްޔު ކުރުމަކީ ޙައްޖާއި ޢުމްރާގެ ފަރްޟެއް ނޫންކަމަށެވެ. ނަމަވެސް މީގެ ޙަގީގަތް އެނގިގެން ދަނީ އާޔަތް ބާވާލެއްވުނު ސަބަބު ދެނެގަތުމުންނެވެ. އުންމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޢުރްވާ ބިން އައްޒުބައިރަށް ވިދާޅުވިއެވެ. މިއާޔަތުގައި މިވަނީ މުސްލިމުންގެ ހިތުގައި އުފެދިފައިވާ ވަހުމެއް ސާފުކޮށްދީފައެވެ. ސަބަބަކީ ޖާހިލިއްޔަ ޒަމާނުގައި ޞަފާ ފަރުބަދަމަތީގައި "އިސާފް" އޭ ކިޔުނު ބުދެއް ހުރެއެވެ. އަދި މަރްވާ ފަރުބަދަ މަތީގައި "ނާއިލާ" އޭ ކިޔުނު ބުދެއް ހުރެއެވެ. އެމީހުން އެބުދުތަކުގައި އަތްކާއްތާ އުޅެއެވެ.
5. މުޙްކަމް މުތަޝާބިހް ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. އޭގެ ސަބަބުން މުތަޝާބިހް އާޔަތް ތަކުގެ މާނަ މުޙްކަމް އިން ދޭހަވެގެންދެއެވެ. މިޘާލަކަށް ސޫރަތުލް ފަތްޙުގެ 7 ވަނަ އާޔަތުގައިވެއެވެ. (يد الله فوق أيديهم) މާނައަކީ: "ﷲ ގެ އަތްޕުޅުވަނީ އެބައިމީހުންގެ އަތްތަކުގެ މަތީގައެވެ"، މި އާޔަތުގައި ﷲ އަށް އަތެއްވާ ކަމަށް ދޭހަކޮށްދެއެވެ. ނަމަވެސް ޝޫރާ ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (ليس كمثله شيئ) މާނައަކީ: "ﷲ އާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ". މިހެން އޮތުމުން ﷲ ގެ އަތަކީ އިންސާނުންގެ އަތްފަދަ އަތެއް ނޫންކަން އެނގިގެންދެއެވެ. ﷲ ގެ އަތެއްވާކަމާއި އެއަތުގެ ޞިފައަކީ ނޭގޭ އެއްޗެއްކަމަށް އީމާންވުމަކީ އަހްލުއްސުންނަތުގެ ޢަގީދާއެވެ.
6. ކީރިތި ގުރްއާނުގައި ޖުމްލަގޮތެއްގައި ތަފްޞީލް ނުކުރައްވާ ބަޔާން ކުރައްވާފައިވާ ތަންތަން ތަފްސީރު ކުރުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިޘާލަކަށް ގުރްއާނުގައި އަންގަވާފައިވަނީ ނަމާދު ގާއިމް ކުރުމަށެވެ. ނަމަވެސް ކިތައް ނަމާދު ކަމެއް، ކޮންމެ ނަމާދެއްގައި ކިތައް ރަކްޢަތް ކަމެއް އެނގޭކަށް ނެތެވެ. އެކަން އެނގެނީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުންނެވެ.
7. ގިރާއަތްތައް ދެނެގަތުމަކީ ވެސް ޙުކުމް އިސްތިންބާޠު ކުރުމުގައި މުހިންމު ކަމެކެވެ. މިޘާލަކަށް: ސޫރަތުލް ބަގަރާގެ 222 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (ولا تقربوهن حتى يطرهن) މި އާޔަތުގައި ދެ ގިރާއަތެއްވެއެވެ. އެއް ގިރާއަތަކީ (يطرهن) އެވެ. އަނެއް ގިރާއަތަކީ (يتطهرن) އެވެ. ފުރަތަމަ ގިރާއަތުން ދޭހަވަނީ އަންހެނާ ޙައިޟުގެ ލޭކެނޑުމާއި އެކު ފެންނުވެރި ކަމުގައިވީނަމަވެސް ފިރިމީހާ އާއި އެކު އެއްދާން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ދެވަނަ ގިރާއަތުން ދޭހަވަނީ ލޭކެނޑުމުގެ އިތުރުން ޠާހިރުވާން ޖެހޭ ކަމަށެވެ. އެގޮތުން ލޭކެނޑުމަށްފަހުގައި ފެންވަރަން ޖެހެއެވެ. ފެންވަރައިގެން ނޫނީ ފިރިމީހާ އާއި އެއްދާން ކުރުން ހުއްދަވެގެންނުވެއެވެ. މި ޙުކުމް ދެނެގަނެވުނީ އާޔަތުގައި ހިމެނޭ ތަފާތު ގިރާއަތްތައް ދެނެގަތުމުންނެވެ.
8. ގުރްއާން އެބަހަކުން ބާވާލެއްވިފައިވާ ބަސްކަމުގައިވާ ޢަރަބި ބަސް ދެނެގަތުމަކީ ވެސް ޙުކުމް އިސްތިންބާޠު ކުރުމުގައި މުހިންމު ކަމެކެވެ. ޢަރަބި ބަހުގައި އެއް ލަފްޡަކުން ތަފާތު މާނަ ދޭހަވެއެވެ. މިޘާލަކަށް (الفتنة) މި ލަފްޡުގެ ތަފާތު މާނަތައް ހުރެއެވެ. ބައެއްފަހަރު "ކުފްރު" ގެ މާނާގައި އާދެއެވެ. ސޫރަތުލް ބަގަރާގެ 91 ވަނަ އާޔަތުގައިވެއެވެ. (والفتنة أشد من القتل) މި އާޔަތުގައި (الفتنة) މި ލަފްޡު ބޭނުން ކުރެވިފައިވަނީ "ކުފްރު" ގެ މާނާގައެވެ. ބައެއްފަހަރު (الفتنة) "ޢަޛާބު" ގެ މާނާގައިވެސް އައިސްފައިވެއެވެ. މިޘާލަކަށް (ذوقوا فتنتكم هذا الذي كنتم به تستعجلون)، ބައެއްފަހަރަށް "އިމްތިޙާނު" ގެ މާނާގައިވެސް އައިސްފައި ހުރެއެވެ. މިޘާލަކަށް (ونبلوكم بالشر والخير فتنة).
ހަމަ އެފަދައިން (قروء) މި ލަފްޡު ޢަރަބި ބަހުގައި ދެގޮތަކަށް ބޭނުން ކުރެއެވެ. ޠުހުރަށާއި ޙައިޟަށް މި ބަސް ބޭނުން ކުރެއެވެ.
ބައެއްފަހަރު އެއް މާނައެއް ދޭހަވާ ތަފާތު ލަފްޡު ތައްވެސް ހުރެއެވެ. މިޘާލަކަށް (الطلاق) ގެ މާނައަކީ "ވަރި" އެވެ. ހަމައެފަދައިން (السراح) ގެ މާނައަކީ ވެސް "ވަރި" އެވެ. އަދި (الفراق) ގެ މާނައަކީވެސް "ވަރި" އެވެ. މި ހުރިހާ ލަފްޡު ތަކުން ކީރިތި ގުރްއާނުގައި އައިސްފައިވެއެވެ.
އެހެންކަމުން ޢަރަބި ބަސް ރަގަޅަށް އެނގުމަކީ ގުރްއާނުން ޙުކުމް ހޯދުމުގައި ވަރަށް މުހިންމު ކަމެކެވެ.
9. ޙުކުމް ތައް އިސްތިންބާޠު ކުރުމުގެ ގަވާޢިދު ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މިޘާލަކަށް މަންސޫޚުގެ މައްޗަށް ނާސިޚު އިސްކުރުން، މުޠްލަގްކޮށް އައިސްފައިވާ ތަނެއް މުގައްޔަދު ކުރުން، ޢާއްމަކާއި ޚާއްޞެއް އަތުވެއްޖެނަމަ ޚާއްޞު އިސްކުރުން، މުތަވާތިރު ނޫން ގިރާއަތުގެ މައްޗަށް މުތަވާތިރު ގިރާއަތް އިސްކުރުން، އަދި މިނޫންވެސް ޢާއްމު ގަވާޢިދުތައް ދެނެގަތުން މުހިންމެވެ. މިޘާލަކަށް، ޝައްކެތްގެ މައްޗަށް ބިނާކޮށް ޔަގީންކަން ފިލައިގެން ނުދާނެކަން، ދެނުބައި އެއްވެއްޖެނަމަ ކުޑަނުބައިގައިހިފުން، ޟަރޫރީ ކޮންމެ ކަމެއްވެސް ޟަރޫރީ މިންވަރަށްވުރެ އިތުރު ނުކުރެވޭނެކަން، މިނޫންވެސް ޢާއްމު ގަވާޢިދު ތަކެވެ.
އިސްވެ ބަޔާން ކުރެވުނު ކަންތައް އެމީހެއްގެ ކިބައިގައި ފުރިހަމަ ވެފައިވާ މީހާ ގުރްއާނުން މައްސަލަތަކުގެ ޙުކުމްތައް އިސްތިންބާޠު ކުރުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ތަންކޮޅަކީ ކޮންމެ މީހަކީވެސް ކުށްކުރެވޭނެމީހެއް ކަމެވެ. ކިތަންމެ މޮޅު މީހަކަށްވެސް ކުށެއްކުރެވިދާނެއެވެ. އެކަން އެނގިއްޖެނަމަ އަވަހަށް ޙައްގަށް ރުޖޫޢަވާންވާނެއެވެ.
އިސްވެބަޔާންކުރެވުނު ޞިފަތައް އެމީހެއްގެ ކިބައިގައި ހަމަނުވާ މީހުންނަށް އޮތީ ދަންނަމީހުންކުރެ އަހާ އޮޅުންފިލުވުމެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (فاسألوا أهل الذكر إن كنتم لا تعلمون) މާނައަކީ: "ތިޔަބައިމީހުންނަށް ނޭގޭ ކަމަށް ވަނީނަމަ ދަންނަ މީހުންކުރެ އަހާ އޮޅުންފިލުވާށެވެ"، އަދި ވީވަރަކުން ޢިލްމު އުގެނުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ޢިލްމު ހޯދުމަށް މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ޙަދީޘް ކުރައްވައެވެ. (من يرد الله به خيرا يفقه في الدين) މާނައަކީ: "މާތް ﷲ މީހަކާމެދު ހެޔޮގޮތެއް މެދުވެރިކުރައްވައިފިނަމަ ދީނުގެ ޙުކުމްތައް ދެނެގަތުމުގެ ކުޅަދާނަކަން އެމީހަކަށް ދެއްވައެވެ"، އަދިވެސް ޙަދީޘް ކުރައްވައެވެ. (من سلك طريقا يلتمس فيه علما سهل الله له طريقا إلى الجنة) މާނައަކީ: "ޢިލްމު ހޯދުމަށް މަގެއް ކޮށައިފިމީހަކަށް ސުވަރުގެއަށް ދިޔުމުށް މަގެއް މާތް ﷲ ފަސޭހަކޮށްދެއްވައެވެ".
ދެވަނަ މަޞްދަރު: ނަބަވީ ސުންނަތް
އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ-ޞައްލަﷲޢަލައިހި ވަސައްލަމަ- ގެ ސުންނަތެވެ.
ބަހުގެ ގޮތުން ސުންނަތް ކިޔެނީ "ގޮތަށެވެ". ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (فمن رغب عن سنتي فليس مني) މާނައަކީ: "ތިމަންކަލޭގެފާނުގެ ސުންނަތާއި ދުރަށްގޮސްފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިންވާ މީހެއް ނޫނެވެ". މިތަނުގައި "ސުންނަތޭ" ބުނެވުނު ބަހުގެ މާނައަކީ "ގޮތެވެ"، މާނައަކީ "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އުޅުއްވި ގޮތެވެ".
ފިގްހުވެރިންގެ ގާތުގައި ސުންނަތުގެ މާނައަކީ: ކުރުމުން ޘަވާބުލިބޭ ނުކޮށް ދޫކޮށްލުމުން ޢަޛާބު ނުލިބޭ ކަންތަކެވެ. މިޘާލަކަށް: ސުންނަތް ރޯދަހިފުން.
ޙަދީޘް ޢިލްމުވެރިންގެ ގާތުގައި ސުންނަތުގެ މާނައަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތްކުރެވޭ ބަހެއް، ޢަމަލެއް، ޞިފައެއް، ނުވަތަ އެކަލޭގެފާނުގެ އަރިހުގައި ކަމެއް ހިނގިއިރު އެކަމަކަށް އިންކާރުނުކުރައްވާ ދޫކުރައްވާފައިވާ ކަންތަކެވެ.
ޙަދީޘް ގެ ޢިލްމުވެރިންގެ ގާތުގައި ސުންނަތަށް "ޚަބަރު" ނުވަތަ "ޙަދީޘް" އޭ ވެސް ކިޔެއެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވޭ ބަހެއްގެ މިޘާލު: އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (إنما الأعمال بالنيات) މާނައަކީ: "ޢަމަލުތައް ބިނާވެގެންވަނީ ނިޔަތަށެވެ".
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވޭ ޢަމަލެއްގެ މިޘާލަކީ: އެކަލޭގެފާނާއި ބެހޭގޮތުން އައިސްފައިވެއެވެ. (كان رسول الله صلى الله عليه وسلم أجود الناس) މާނައަކީ: "މީސްތަކުންގެ ތެރޭގައިވާ އެންމެ ދީލަތި އެންމެ ހެޔޮބޭފުޅަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ".
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވޭ ޞިފަ އެއްގެ މިޘާލަކީ: ( كان رسول الله صلى الله عليه وسلم أحسن الناس وجها وأحسنهم خلقا ليس بالطويل الذاهب ولا بالقصير البائن) މާނައަކީ: "މީސްތަކުންގެ ތެރެއިން އެންމެ މޫނުމަތި ރިވެތި ބޭފުޅަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ. އަދި އެންމެ ޚުލްގު ހެޔޮބޭފުޅަކީވެސް އެއީ އެވެ. އެކަލޭގެފާނަކީ މާބޮޑަށް ދިގު ނޫން، އަދި މާބޮޑަށް ކުރުވެސް ނޫން ބޭފުޅެކެވެ".
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ކަމެއް ހިނގާ އެކަމަކަށް އިންކާރު ނުކުރައްވާ ދޫކުރައްވާފައިވާ ކަމެއްގެ މިޘާލަކީ: ޞަޙާބީންގެ ފަރާތުން ރިވާވެގެންވެއެވެ. (كنا نصلي ركعتين بعد غروب الشمس وقبل صلاة المغرب وكان رسول الله صلى الله عليه وسلم يرانا فلم يأمرنا ولم ينهنا) މާނައަކީ: "އިރުއޮއްސުމަށްފަހު މަޣްރިބް ނަމާދުގެ ކުރިން ދެރަކްޢަތް، ތިމަންމެން ކޮށް އުޅުނީމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް އެތަން ފެނިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް މިކަމަކަށް އެކަލޭގެފާނު އަމުރެއް ނުކުރައްވައެވެ. އަދި މަނައެއްވެސް ނުކުރައްވައެވެ".
ސުންނަތުގެ ޙުއްޖިއްޔަތު:
ސުންނަތަކީ ޙުއްޖަތެއްކަމާއި، އެއީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކީރިތި ގުރްއާނުންނާއި އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުން، އަދި ޞަޙާބީންނާއި ސަލަފުއްޞާލިހުންގެ ޢަމަލުފުޅުތަކުން، އަދި އުއްމަތުގެ އިޖްމާޢިން އެގެއެވެ. ނަމަވެސް ޚަވާރިޖުންނާއި ރާފިޟީންގެ ބަޔަކު ސުންނަތަކީ ޙުއްޖަތެއް ނޫންކަމަށް ދަޢްވާކޮށް އުޅެއެވެ. ނަމަވެސް މިއީ ޝާޛް ބަލިކަށި ރައުޔެކެވެ.
ސުންނަތަކީ ޙުއްޖަތެއް ކަމަށް ކީރިތި ގުރްއާނުގައި އައިސްފައިވާ ދަލީލުތަކުގެ ތެރޭގައި:
1. ސޫރަތުއް ނިސާގެ 59 ވަނަ އާޔަތް: (يا أيها الذين ءامنوا أطيعوا الله وأطيعوا الرسول وأولي الأمر منكم) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށާއި ﷲ ގެ ރަސޫލާ އަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ވެރިންނަށް ކިޔަމަންތެރިވާށެވެ".
2. ސޫރަތުލް ޙަޝްރިގެ 7 ވަނަ އާޔަތް: (وما ءاتاكم الرسول فخذوه وما نهاكم عنه فانتهوا) މާނައަކީ: "ތިޔަބައިމީހުންގެ ގާތަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެނެސްދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ނަހީ ކުރެއްވި ކަންތަކުން ތިޔަބައި މީހުން ދުރުހެލިވެ ރައްކާތެރިވާށެވެ".
3. ސޫރަތު އާލުޢިމްރާންގެ 31 ވަނަ އާޔަތް (قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم) މާނައަކީ: "ކަލޭގެފާނުވިދާޅުވާށެވެ. ތިޔަބައިމީހުން މާތްﷲ ދެކެ ލޯބިވާކަމަށްވަނީނަމަ، ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ. އޭރުން މާތް ﷲ ތިޔަބައިމީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ".
4. ސޫރަތުއް ނޫރުގެ 63 ވަނަ އާޔަތް (فليحذر الذين يخالفون عن أمره أن تصيبهم فتنة أو يصيبهم عذاب أليم) މާނައަކީ: "ފަހެ އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވެ ރައްކާތެރިވާހުށިކަމެވެ".
5. ސޫރަތުއް ނިސާގެ 65 ވަނަ އާޔަތް (فلا وربك لا يؤمنون حتى يحكموك فيما شجر بينهم ثم لا يجدوا في أنفسهم حرجا مما قضيت ويسلموا تسليما) މާނައަކީ: "އެހެންނަކުން ނޫނެވެ. ފަހެ، ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެއެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ".
6. ސޫރަތުލް އަޙްޒާބްގެ 21 ވަނަ އާޔަތް (لقد كان لكم في رسول الله أسوة حسنة لمن كان يرجوا الله واليوم الآخر وذكر الله كثيرا) މާނައަކީ: "ﷲ އާއި ބައްދަލުކުރަން އުންމީދުކުރާ އަދި އާޚިރަތްދުވަސް އަންނާނެކަން ގަބޫލުކޮށްގެންހުރި، ގިނަގިނައިން ﷲ ހަނދުމަކުރާ މީހުންނަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ ކިބައިގައި ރިވެތިވެގެންވާ ނަމޫނާތަކެއްވެއެވެ".
7. ސޫރަތުއް ނަޙްލުގެ 44 ވަނަ އާޔަތް (وأنزلنا إليك الذكر لتبين للناس ما نزل إليهم) މާނައަކީ: "ތިމަންﷲ ކަލޭގެފާނަށް ގުރްއާން ބާވާލެއްވީ، އެއުރެންނަށް ބާވާލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ".
8. ޝޫރާ ސޫރަތުގެ 52 ވަނަ އާޔަތް: (وإنك لتهدي إلى صراط مستقيم) މާނައަކީ: "އަދި ހަމަކަށަވަރުން ކަލޭގެފާނު މަގުދައްކަވާކަން ކަށަވަރީ އެންމެ ސީދާވެގެންވާ މަގަށެވެ".
މިނޫންވެސް އެތަށް އާޔަތެއްވެއެވެ.
ސުންނަތަކީ ޙުއްޖަތެއް ކަމަށް ދަލީލު ލިބޭ ކީރިތި ރަސޫލާގެ ޙަދީޘް ތައް:
1. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (عليكم بسنتي وسنة الخلفاء الراشدين) މާނައަކީ: "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓާށެވެ. އަދި ތިމަންކަލޭގެފާނުގެ ޚަލީފާއިންގެ ސުންނަތުގައި ހިފަހައްޓާށެވެ".
2. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إني تركت فيكم ما إن تمسكتم به فلن تضلوا بعدي، كتاب الله وسنتي) މާނައަކީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ދެކަމެއް ދޫކުރެއްވީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެއެވެ. ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ".
3. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (صلوا كما رأيتموني أصلي) މާނައަކީ: "ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ފެނުނު ގޮތަށް ނަމާދު ކުރާހުށިކަމެވެ".
4. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (خذوا عني مناسككم) މާނައަކީ: "ތިޔަބައިމީހުން ޙައްޖުގެ ކަންތައްތައް ތިމަންކަލޭގެފާނުގެ ގާތުން ދަސްކުރާށެވެ".
5. މުޢާޛް ބިން ޖަބަލް-ރަޟިޔަﷲ ޢަންހު- ޙާކިމެއްގެ ގޮތުގައި ޔަމަނަށް ފޮނުއްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ ކުރިމައްޗަށް މައްސަލައެއް އަތުވެއްޖެނަމަ ޙުކުމް ކުރައްވާނީ ކިހިނަކުންތޯއެވެ؟"، ވިދާޅުވިއެވެ. "ﷲ ގެ ފޮތުންނެވެ"، ޙަދީޘް ކުރެއްވިއެވެ. "ގުރްއާނުން ނުފެނިއްޖެނަމަ ދެން ހަދާނީ ކިހިނަކުންހެއްޔެވެ؟"، ވިދާޅުވިއެވެ. "ﷲ ގެ ރަސޫލަގެ ސުންނަތުންނެވެ"، ޙަދީޘް ކުރެއްވިއެވެ. "އެއިންވެސް ނުފެނިއްޖެނަމަ ދެންހަދާނީ ކިހިނަކުން ހެއްޔެވެ؟"، ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އިޖްތިހާދު ކުރައްވާނީއެވެ، އަދި އެކަމުގައި ފަރުވާކުޑަ ނުކުރާނަމެވެ"، އެހިނދު މުޢާޛްގެ މޭފުޅޫގައި ޖައްސަވާފައި ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ ރަސޫލާގެ ރަސޫލަ އަށް، ﷲއާއި އެކަލާނގެ ރަސޫލާ ރުހިވޮޑިގަންނަވާ ގޮތުގައި ހިފުމުގެ ތައުފީގް ދެއްވި ﷲ އަށް ޙަމްދުކުރަމެވެ".
6. ގުރައިޝްވަންހާގެ މީހުން ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް އަށް ކީރިތި ރަސޫލާގެ ފަރާތްޕުޅުން އިވިވަޑައިގަންނަވާ ތަކެތި ލިޔުން މަނާކުރުމުން ޙަދީޘް ކުރެއްވިއެވެ. (اكتب, فو الذي نفسي بيده ما خرج مني إلا الحق) މާނައަކީ: "ލިޔާށެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ޙައްގުނޫން އެއްޗެއް ނުނިކުންނާނެއެވެ".
7. އިމާމް ޛަހަބީ އެކަލޭގެފާނުގެ ފޮތް ތަޛްކިރަތުލް ޙުއްފާޡް ގައި ލިޔުއްވާފައިވެއެވެ. "އަބޫބަކުރު- ރަޟިޔަﷲ ޢަންހު- ގެ ޒަމާނުގައި މާމަ އަކު އޭނާގެ ވާރުތަ މުދާ ހޯދުމަށް އައެވެ. އެހިނދު އަބޫބަކްރު-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ﷲ ގެ ފޮތުގައި ކަމަނާއަށް އެއްޗެއް އޮތް ކަމަކަށް ނުފެނެއެވެ، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ފަރާތްޕުޅުންވެސް ތިކަމުގައި އެއްޗެއް އައިސްފައިވާ ކަމެއް ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންފައެއް ނުވެއެވެ. ދެން އެކަލޭގެފާނު އެކަމާއި ގުޅޭގޮތުން ޞަޙާބީންނާ ސުވާލުކުރެއްވުމުން މުޣީރާ ރަޟިޔަﷲ ޢަންހު- ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަނާއަށް(މާމައަށް) ހަބައިކުޅައެއްބައި ދެއްވި ކަމަށް ތިމަންކަލޭގެފާނު އަޑުއެހީމެވެ"، އަބޫބަކުރު-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ކަލޭގެފާނާއި އެކު އެހެންމީހަކު އެބަހުރިހެއްޔެވެ؟"، އެހިނދު މުޙައްމަދު ބިން މަސްލަމަތު -ރަޟިޔަﷲ ޢަންހު- އެކަމަށް ހެކިވެވަޑައިގެންނެވިއެވެ. ދެން އަބޫބަކުރު- ރަޟިޔަﷲ ޢަންހު- ވެސް އެގޮތަށް ޙުކުމްކުރައްވާ އެކަން ތަންފީޛު ކުރެއްވިއެވެ.
ސުންނަތުގެ މައިގަނޑު ބޭނުން:
ނަބަވީ ސުންނަތުގެ ދެބޭނުމެއްވެއެވެ. އެއީ:
1. ގުރްއާނުގައިވާ އެއްޗެއް ބަޔާންކޮށްދިނުން،
2. ގުރްއާނުގައި ނައްޞު އައިސްފައިނުވާ އެއްޗެއްގެ ޙުކުމް ބަޔާންކޮށްދިނުން.
ގުރްއާނުގައިވާ އެއްޗެއް ބަޔާންކޮށްދިނުމުގައި ބައިވަރު ގޮތްތަކެއްވެއެވެ. އެގޮތުން:
ގުރްއާނުގައި މުޖްމަލްކޮށް އައިސްފައިވާ ޙުކުމެއް އިތުރަށް ތަފްޞީލުކޮށް ދިނުން، ނުވަތަ މުޝްކިލްކޮށް އޮތް ތަނެއް ތައުޟީޙުކޮށް ދިނުން، މުޠްލަގްކޮށް އޮތްތަނެއް މުގައްޔަދުކޮށްދިނުން، ޢާއްމުކޮށް އޮތްތަނެއް ތަޚްޞީޞްކޮށްދިނުން ހިމެނެއެވެ. މިކަމުގެ މިޘާލުތައް ބައިވަރެވެ. ރެއަކާއި ދުވާލު ފަރްޟު ވެގެންވަނީ ފަސްނަމާދުކަން ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ. ކޮންމެ ނަމާދެއްގެ ރަކްޢަތްތަކުގެ ޢަދަދު ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ. އަލްއަންޢާމް ސޫރަތުގެ 82 ވަނަ އާޔަތް(الذين ءامنوا ولم يلبسوا إيمانهم بظلم) މިއާޔަތުގައި އެވާ (ظلم) ގެ މުރާދަކީ (ޝިރްކު) ކަން ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ.
ޒިނޭކުރާ އަންހެނުންގެ ޙުކުމް އިސްލާމް ދީން ފެށިގެން އައިތާ ކައިރީގައި އޮންނަ ގޮތަކީ ހަތަރު ހެކިން އެކަމަށް ހެކިދީފިނަމަ، އެކަނބަލުން މަރުވެއްޖައުމަށް ދާންދެން، ނުވަތަ އެކަނބަލުންނަށް މާތް ﷲ މަގެއް ދައްކަވައިފުމަށް ދާންދެން ގޭގައި އެކަނބަލުން ބަންދުކުރާށެވެ. އައްނިސާ ސޫރަތުގެ 15 ވަނަ އާޔަތުގައި އެވަނީ އެވާހަކައެވެ. މިއާޔަތުގައި މިވާ (އެކަނބަލުންނަށް މާތް ﷲ މަގެއް ދައްކަވައިފުމަށް ދާންދެން) މިބައިގެ ތަފްސީރު ލިބެނީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (خذوا عني خذوا عني خذوا عني، قد جعل الله لهن سبيلا: البكر بالبكر جلد مأة وتغريب عام، والثيب بالثيب جلد مأة والرجم) މާނައަކީ: "ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ﷲ އެކަނބަލުންނަށް މަގެއް ދައްކަވައިފިއެވެ. ބިކުރުވެރި ކުއްޖެއްނަމަ ސަތޭކަ އެތިފަހަރުން ޖަހައި އެއްއަހަރަށް އަރުވާލުމެވެ. ޘައްޔިބެއްނަމަ ސަތޭކައެތިފަހަރުން ޖެހުމާއެކު ރަޖަމް ކުރުމެވެ".
ތިންވަނަ މަޞްދަރު: އަލްއިޖްމާޢު
ޢަރަބި ބަހުގައި "އިޖްމާޢު" މި ލަފްޡު ދެގޮތަކަށް ބޭނުންކުރެއެވެ.
އެއްގޮތަކީ ކަމެއްކުރުމަށް ގަދަޔަށް ޢަޒުމްކޮށް ނިޔަތްގަތުމެވެ. ރަސޫލާގެ ޙަދީޘްގައި އައިސްފައިވެއެވެ. (لا صيام لمن لا يجمع الصيام من الليل) މިޙަދީޘްގައި (يَجْمَعُ) ގެ މާނައަކީ ޢަޒުމްކޮށް ނިޔަތްގަތުމެވެ.
ދެވަނަ ގޮތަކީ: އިއްތިފާގްވުން. ފިގްހުވެރިން "އިޖްމާޢު" ގެ މާނާގައި "އިއްތިފާގް" ވެސް ބޭނުންކުރެއެވެ. "މުޙައްމަދުގެ ފާނުގެ އުއްމަތުގެ ހުރިހާ ޢިލްމުވެރިން އިއްތިފާގްވެޔޭ" ބުނެވޭ ބަހުގެ މާނައަކީ "އިޖްމާޢު" ވުމެވެ.
ޟަރޫރީ ގޮތުން ދީނުގައި އެނގެން ހުރި ކަންތައް ފިޔަވާ އެހެނިހެން ކަންތައްތަކުގައި ޢިލްމުވެރިންނަށް އިޖްމާޢު ވެވިދާނެކަމާއި މެދުގައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. މިޘާލަކަށް ފަރުޟު ފަސްނަމާދުވާކަން، ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއްކަން، ނުވަތަ މިނޫންވެސް ޟަރޫރީ ގޮތުން ދީނުގައި އެނގެން ހުރި ކަންތައްތަކުގައި އިޖްމާޢުވުމެއް ނެތެވެ. މިނޫންކަންތައްތަކުގައި އިޖްމާޢު ވެވިދާނެކަމަށް ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ޞަޙާބީންގެ ޒަމާނުގައި ބައެއް ކަހަލަ ކަންތައްތަކުގައި އެބޭކަލުން އިޖްމާޢުވެލައްވާފައި އެބަހުއްޓެވެ. މިޘާލަކަށް ގުރްއާން ޖަމަޢަ ކުރެއްވުމުގެ ކަންތަކުގައި ޞަޙާބީންވަނީ އިޖްމާޢުވެލައްވާފައެވެ. ނަމަވެސް ޞަޙާބީންގެ ޒަމާނަށްފަހުގައި މުސްލިމް ޢިލްމުވެރިން ކަމަކާއި މެދުގައި އިޖްމާޢުވެދާނެކަމާއި މެދުގައި ބައެއް ޢިލްމުވެރިން އިޚްތިލާފްވެލައްވައެވެ. ސަބަބަކީ ޢިލްމުވެރިން އެކި ތަންތަނަށް ބެހިގެންގޮސް އެކަކު އަނެކަކާއި ބައްދަލުނުވުމުގެ ސަބަބުންނެވެ. އެހެންކަމުން، އަނެއް މީހާގެ ރައުޔު ނުވަތަ ޚިޔާލު ހުރީ ކިހިނަކުންކަން ދެނެގަތުން އުނދަގޫވާނެތީވެއެވެ. އަދި ބައެއް ޢިލްމުވެރިން ކުރީގެ ރައުޔު ދޫކުރެއްވުމުގެ އިޙްތިމާލުވެސް އޮތުމާއެކުގައެވެ. އެހެންކަމުން އިމާމް އަޙްމަދު-ރަޙިމަހުﷲ- ވިދާޅުވާކަމަށްވެއެވެ. "އިޖްމާޢުވެއްޖެ ކަމަށް ދަޢްވާކުރާމީހާ އެހަދަނީ ދޮގެކެވެ، ފަހަރުގައި ބައެއް ޢިލްމުވެރިން އެކަމާ އެއްބަސްވެވަޑައި ނުގެންނެވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަން އެންމެންނަށް ނޭގި ހިނގައިދާނެއެވެ. އެހެންކަމުން ބުނާށެވެ. ތިމަންނާއަށް އެނގިފައިވާ ގޮތުން އެއްވެސް ޢިލްމުވެރިޔަކު މިމައްސަލާގައި އިޚްތިލާފު ވެވަޑައިގެންފައިނުވެއެވެ".
އިޖްމާޢުގެ ޙުއްޖިއްޔަތު:
އިޖްމާޢަކީ ޙުއްޖަތެއްކަމުގައްޔާއި އެއީ އިސްލާމީ ޝަރީޢަތުގެ ތިންވަނަ މަޞްދަރުކަމުގައި ޢިލްމުވެރިން އިއްތިފާގްވެލައްވައެވެ. މިކަމާއި އިންކާރުކުރަނީ ހަމައެކަނި ޚަވާރިޖުންނާއި މުޢްތަޒިލާއިންގެ ތެރެއިން އައްނިޡާމް އާއި ޝީޢީންނެވެ.
އިޖްމާޢަކީ ޙުއްޖަތެއްކަމުގެ ދަލީލުތައް:
1. ކީރިތި ގުރްއާނުން ލިބެން ހުރި ދަލީލުތައް:
1. އައްނިސާ ސޫރަތުގެ 115 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا) މާނައަކީ: "އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާޔާއި ދެކޮޅުވެރިވެ، މުއިމިނުންގެ މަގު ނޫން މަގަކަށް ތަބަޢަ ވާމީހާ ދަންނާށެވެ. އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަން ﷲ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަން ﷲ އެމީހާ ނަރަކައަށް ވައްދަވައިހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ".
މިއާޔަތުން ދޭހަވާ ގޮތުގައި އިޖްމާޢާއި ޚިލާފްވާ މީހަކީ މުއިމިނުންގެ މަގަށް ތަބަޢަވާ މީހެއް ނޫނެވެ.
2. އަލްބަގަރާ ސޫރަތުގެ 143 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وكذلك جعلناكم أمة وسطا لتكونوا شهداء على الناس ويكون الرسول عليكم شهيدا) މާނައަކީ: "އަދި ހަމައެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަން ﷲ ތިޔަބައިމީހުން ލެއްވީމެވެ. އެއީ ގިޔާމަތް ދުވަހުން މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިއެއް ކަމުގައި ރަސޫލާ ވެވަޑައިގަތުމަށްޓަކައެވެ".
މުހައްމަދުގެފާނުގެ އުއްމަތުގެ މީހުންނަކީ އެންމެ ޢަދްލުވެރި މީހުންނެވެ. އަދި އެއީ މެދުމިނުގެ އުއްމަތުގެ އަހްލުވެރިންނެވެ. އެހެންކަމުން މުހައްމަދުގެފާނުގެ އުއްމަތުގެ މީހުންގެ އިޖްމާޢުވާނީ ޙުއްޖަތަކަށެވެ.
މިނޫންވެސް އެތައް އާޔަތްތަކަކުން އިޖްމާޢަކީ ޙުއްޖަތެއްކަން ދޭހަވެއެވެ.
2. ކީރިތި ރަސޫލާގެ ސުންނަތުން ލިބެން ހުރި ދަލީލުތައް:
1. މިއުއްމަތުގެ މީހުން ނުބައިކަމެއްގެ މައްޗަށް އިޖްމާޢުނުވާނެކަމަށް ދޭހަވާ އެތަށް ޙަދީޘެއްވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ أُمَّتِي لا تَجْتَمِعُ عَلَى ضَلالَةٍ) މާނައަކީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ނުބައިކަމެއްގެ މައްޗަށް އިޖްމާޢެއް ނުވާނެއެވެ".
2. އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (ما رآه المسلمون حسنا فهو عند الله حسن) މާނައަކީ: "މުސްލިމުންނަށް ރަގަޅުކަމަށް ފެނުނު ކޮންމެ ކަމަކީ ﷲ ގެ ޙަޟްރަތުގައި ރަގަޅު ކަމެކެވެ".
3. އަދިވެސް ޙަދީޘް ކުރެއްވިއެވެ. (فإن يد الله على الجماعة) މާނައަކީ: "ހަމަކަށަވަރުން މާތްﷲ ގެ އަތްވަނީ ޖަމާޢަތާ އެކުގައެވެ"،
4. އަދިވެސް ޙަދީޘް ކުރައްވައެވެ. (من خالف الجماعة قدر شبر فقد مات ميتة جاهلية) މާނައަކީ: "ކައިވަތެއްގެ މިންވަރަށް ނަމަވެސް ޖަމާޢަތާއި ޚިލާފުވެ ހުއްޓާ މަރުވެއްޖެނަމަ އެމީހާ އެމަރުވީ ޖާހިލިއްޔަ މަރަކުންނެވެ".
މިނޫންވެސް އެތައް ޙަދީޘްފުޅުތަކެއް މިކަމާއި ބެހޭގޮތުން އައިސްފައިވެއެވެ.
ހަތަރުވަނަ މަޞްދަރު: އަލްގިޔާސް
ބަހުގެ ގޮތުން ގިޔާސްގެ މާނައަކީ މިންވަރުކުރުން ނުވަތަ އެއްވަރު ކުރުމެވެ.
އުޞޫލުފިގްހުގައި ގިޔާސްގެ މާނައަކީ: މައްސަލައެއްގެ ޙުކުމެއް އެހެން މައްސަލައެއްގެ ޙުކުމާއި ޢިއްލަތުގެ ގޮތުން އެއްގޮތްވާތީވެ ގުޅުވާލުމެވެ. ނުވަތަ ކުރީމައްސަލަ އަށް ދިން ޙުކުމް ފަހު މައްސަލައަށްވެސް ދިނުމެވެ. އެއީ ދެމައްސަލައިގެވެސް ޢިއްލަތަކީ އެކައްޗަކަށްވީތީވެއެވެ.
ޢިއްލަތުގެ މާނައަކީ: އެކަމަކާއިހުރެ މައްސަލައިގެ ޙުކުމް އަންނަން ޖެހުނު ކަމެވެ. މިޘާލަކަށް ރާ ޙަރާމްކުރެއްވީ މަސްތުވާތީވެއެވެ. އެހެންކަމުން ކޮންމެ މަސްތުވާ އެއްޗެއް ރަލަށް ގިޔާސް ކުރުމަށްފަހު ބުނެވޭނީ އެއީ ޙަރާމް އެއްޗެއް ކަމަށެވެ. ޢިއްލަތަކީ މަސްތުވުމެވެ.
ގިޔާސް އަކީ އިސްލާމީ ޝަރީޢަތުގެ ހަތަރުވަނަ މަޞްދަރެވެ. އެއިން އިސްލާމްދީނުގެ ޙުކުމްތައް ނެގޭނެ އެއްޗެކެވެ. އެކަމުގެ ދަލީލުތަކަކީ:
ކީރިތި ގުރްއާނުގެ ދަލީލުތައް:
1. ޝޫރާ ސޫރަތުގެ 17 ވަނަ އާޔަތް، މާތް ﷲ ވަޙީ ކުރައްވައެވެ. (اللَّهُ الَّذِي أَنْزَلَ الْكِتَابَ بِالْحَقِّ وَالْمِيزَان) މާނައަކީ: "ޙައްގު ގޮތުގައި ފޮތާއި ޢަދުލު އިންޞާފު ބާވާލެއްވީ ﷲ އެވެ. ގިޔާމަތްވުމުގެ ވަގުތު ގާތްވެގެންވާކަން، ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟". މިއާޔަތުގައި މިވާ (الْمِيزَان) އަކީ ކަންކަން މިންވަރު ކުރަން ގެންގުޅޭ ތިލަފަތެވެ.
2.އަލްއަންބިޔާ ސޫރަތުގެ 104 ވަނަ އާޔަތް، މާތް ﷲ ވަޙީ ކުރައްވައެވެ. (كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُه) މާނައަކީ "އެންމެ ފުރަތަމަ އުފެއްދެވި ފަދައިން، އެތަކެތި އަލުން އިޢާދަ ކުރައްވާ ހުށީމެވެ"،
3. ފާޠިރު ސޫރަތުގެ 9 ވަނަ އާޔަތް، ވަޙީ ކުރައްވައެވެ. (وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ فَتُثِيرُ سَحَاباً فَسُقْنَاهُ إِلَى بَلَدٍ مَيِّتٍ فَأَحْيَيْنَا بِهِ الْأَرْضَ بَعْدَ مَوْتِهَا كَذَلِكَ النُّشُورُ) މާނައަކީ: "އަދި ﷲ އީ، ވައިރޯޅި ފޮނުއްވި އިލާހެވެ. ފަހެ، އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި މަރުވެފައިވާ ރަށަކަށް، ތިމަން ﷲ އެވިލާތައް ގެންދެވީމެވެ. ފަހެ، ބިންގަނޑު މަރުވެފައި އޮތުމަށްފަހު، އެ ވިލާތަކުގެ ފެނުން ތިމަން ﷲ އެ ބިން ދިރުއްވީމެވެ. ގިޔާމަތް ދުވަހުން އަލުން ދިރުއްވައި ފޮނުއްވުންވަނީވެސް އެފަދައިންނެވެ"
އިސްވެދިޔާ ދެއާޔަތަށް ބަލައިލައިފިނަމަ ފުރަތަމަ އާޔަތުގައި ޚަލްގުތަކުން އިޢާދަ ކުރެއްވުން ވައްތަރު ކުރައްވާފައިވަނީ އެތަކެތި އުފެއްދެވުމާއެވެ. އަދި މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވުން ވައްތަރު ކުރައްވާފައިވަނީ ބިންގަނޑު ދިރުއްވުމާއެވެ. މިގޮތަށް ވައްތަރު ކުރެއްވުމަކީ ގިޔާސް އެވެ.
ސުންނަތުގެ ދަލީލުތައް:
1. މަރުވެފައިވާ މަންމަ އަށް ނުހިފި ދޫކޮށްލެވިފައިވާ ރޯދަތަކާއި ބެހޭ ގޮތުން ކީރިތި ރަސުލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލުވެވުމުން ޙަދީޘް ކުރެއްވިއެވެ. (أرأيتِ لو كان على أمك دين فقضيته؛ أكان يؤدي ذلك عنها"؟ قالت: نعم. قال: "فصومي عن أمك) މާނައަކީ: "ކަމަނާގެ މަންމަގެ މައްޗަށް ދަރަންޏެއްވާކަމަށް ވަނީނަމަ އެދަރަނި އަދާކުރާނަން ހެއްޔެވެ. އެކަމަނާ ދެންނެވިއެވެ. އާދޭހެވެ. ޙަދީޘް ކުރެއްވިއެވެ. އެހެންވީމާ މަންމަގެ މަތިން ރޯދަ ހިފާށެވެ".
2. މީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާއަށް ކަޅުކުއްޖަކު ލިބިއެއްޖެއެވެ. ޙަދީޘް ކުރެއްވިއެވެ. ކަލޭގެ ޖަމަލެއްވޭ ހެއްޔެވެ؟ ޙަދީޘް ކުރެއްވިއެވެ. އެޖަމަލުގެ ކުލަތަކަކީ ކޮބައިތޯއެވެ. އެމީހާ ޖަވާބުގައި ދެންނެވިއެވެ. ރަތްކުލައެވެ. ޙަދީޘް ކުރެއްވިއެވެ. އޭގައި ލައްގަނޑުތަކެއް ހުރޭހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. އާއެކެވެ. ޙަދީޘް ކުރެއްވިއެވެ. އެއީ ކިހިނެއްވީ ކަމެއްހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. ކައިރީގައި ހުރި އެހެން ޖަމަލުތަކުގެ އަޘަރު ކުރީ ކަމަށް ވެދާނެއެވެ. ޙަދީޘް ކުރެއްވިއެވެ. ކަލޭގެ ދަރިފުޅު ކަޅުވެފައި ހުރީވެސް އެކުއްޖާ މަންމަ ބަލިވެއިން ދުވަސްވަރު ކައިރީގައި އުޅުނު އެހެން މީހުންގެ އަޘަރުކޮށްގެން ކަމަށް ވެދާނެއެވެ".
މިފަދައިން ކަންކަމުގައި މިޘާލު ޖައްސަވާ ގުރްއާނާއި ޙަދީޘްގައި އައިސްފައިވާ ހުރިހާ ތަންތަނަކީ ގިޔާސްގެ މިޘާލުތަކެވެ. އެހެންކަމުން ގިޔާސަކީ ޙުއްޖަތެއް ކަމަށް ދަލީލު ލިބެއެވެ.
ދަންނަބޭކަލުންގެ އިޖްމާޢު:
ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް މިއުއްމަތުގެ އިތުބާރު ހިފޭހުރިހާ ދަންނަ ބޭކަލުން ގިޔާސަކީ ޙުއްޖަތެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވައެވެ.
ގިޔާސް ގެ ޝަރްޠުތައް:
1. އެޔަށްވުރެ ވަރުގަދަ ދަލީލަކާ ތަޢާރުޟު ނުވުން. ނައްޞަކާ ނުވަތަ ދަންނަބޭކަލުންގެ އިޖްމާޢާއި ނުވަތަ ޞަޙާބީ އެއްގެ ބަހަކާ ތަޢާރުޟުވާ ކަމަށް ވަނީ ނަމަ ގިޔާސަކީ މުޢްތަބަރު އެއްޗަކަށް ނުވާނެއެވެ. މިޘާލަކަށް: ބުއްދި ފުރިހަމަވެފައިވާ އަންހެނާ ވަލީއަކާއި ނުލައި އޭނާގެ މުދާވިއްކުން ހުއްދަވީތީ އެކަމަށް ގިޔާސްކޮށް އޭނާ ވަލީއާއި ނުލައި ކައިވެނި ކުރުމަކީ ހުއްދަކަމެކޭ ބުނާ ބުނުން. މި ގިޔާސަކީ ފާސިދު ގިޔާސެކެވެ. ސަބަބަކީ ޞައްޙަ ނައްޞަކާ ތަޢާރުޟުވާތީވެއެވެ. ޙަދީޘް ގައި އައިސްފައިވެއެވެ. (لا نكاح إلا بولي) މާނައަކީ: "ވަލީ އާއި ނުލައި ކައިވެންޔެއް ނުވެއެވެ".
2. ގިޔާސް ކުރެވޭ އަޞްލު ޙުކުމަކީ ޞައްޙަ ނައްޞަކުން ނުވަތަ ދަންނަބޭކަލުންގެ އިޖްމާޢިން ޘާބިތު މައްސަލައަކަށް ވާންޖެހޭނެއެވެ. އަޞްލު ޙުކުމަކީ ގިޔާސަކުން ޘާބިތުކޮށްފައިވާ ޙުކުމެއްނަމަ އޭގެ މައްޗަށް ގިޔާސްކޮށް އިތުރު ޙުކުމެއް ޘާބިތެއް ނުކުރެވޭނެއެވެ. މިޘާލަކަށް: ހަނޑުލަކީ ރިބާގެ ބާވަތެއް ކަމަށްވާތީވެ އެޔަށް ގިޔާސްކޮށް ޒުވާރި އަކީވެސް ރިބާގެ ބާވަތެއްކަމުގައި ބުނުން، އަދި ހަނޑުލުގައި ރިބާހިމެނެނީ ގޮދަނުގައި ހިމެނޭތީކަމަށްބުނުން. މި ގިޔާސަކީ ރަގަޅު ގިޔާސެއް ނޫނެވެ. އެހެންނަމަވެސް މިތަނުގައި ބުނަން ޖެހޭނީ ޒުވާރީގައި ރިބާހިމެނިގެންވަނީ ގޮދަނަށް ގިޔާސްކޮށެވެ.
3. ގިޔާސްކުރެވޭ އަޞްލު ޙުކުމް ގައި އެނގެން އޮތް ޢިއްލަތެއް އޮންނަންވާނެއެވެ. ޢިއްލަތް އެގެން ނެތްނަމަ ގިޔާސެއް ނުކުރެވޭނެއެވެ. ނުވަތަ އަޞްލު ޙުކުމަކީ ނައްޞަކުން ވަކިގޮތަކަށް ކަނޑައެޅިފައިވާ ޙުކުމެއްނަމަ އޭގެ މައްޗަށް ގިޔާސް ކުރުމެއް ނެތެވެ. މިޘާލަކަށް: ޖަމަލުމަސް ކެއުމުން ވުޟޫކުރަން ޖެހޭތީ އެކަމަށް ގިޔާސްކޮށް ޖަމަލާއި ވައްތަރުކަމަށްޓަކައި ނަޢާމާ ގެ މަސްކެއުމުންވެސް ވުޟޫކުރަން ޖެހޭނެކަމަށް ބުނުން. މި ގިޔާސަކީ ޞައްޙަ ގިޔާސެއް ނޫނެވެ. ސަބަބަކީ ގިޔާސްކުރެވުނު އަޞްލު މައްސަލާގައި ޢިއްލަތެއް ނެތުމެވެ. ޖަމަލުމަސް ކެއުމުން ވުޟޫކުރަން ޖެހެނީ ޙަދީޘްގައި އެގޮތަށް އަމުރުކުރައްވާފައިވުމުންނެވެ. އެހެން އެއްވެސް ސަބަބެއް އޮވެގެންނެއް ނޫނެވެ.
4.ޝަރީޢަތުގެ ގަވާޢިދުތަކަށް ފެތޭފަދަ ޙުކުމާއި މުނާސިބު ޢިއްލަތެއް އޮތުން. މިޘާލަކަށް ބަނގުރާ ހަރާމްވުމުގެ ޢިއްލަތަކީ މަސްތުވުން ކަމަށްވުން.
5. އަޞްލު މައްސަލާގައިވެސްވީ ފަދައިން ފަރްޢީ މައްސަލާގައިވެސް ޢިއްލަތެއްވުން. މިޘާލަކަށް މައިންބަފައިން ގައިގައި ޖެހުމުން އެމީހުންނަށް ގޯނާވާފަދައިން އުއްފު ބުނުމުންވެސް ގޯނާވުން. ފަރްޢީ މައްސަލާގައި ޢިއްލަތެއް ނުވާނަމަ ގިޔާސެއް ނުކުރެވޭނެއެވެ. މިޘާލަކަށް: ގޮދަނަކީ ރިބާގެ ބާވަތެއް ކަމުގައިވީ އެޔަކީ މިނެކިރާ އެއްޗެއް ކަމުގައިވުމުން، އެޔަށް ގިޔާސްކޮށް އާފަލަކީވެސް ރިބާގެ ބާވަތެއް ކަމުގައި ކަނޑައެޅުން. މިގިޔާސަކީ ރަގަޅު ގިޔާސެއް ނޫނެވެ. ސަބަބަކީ ފަރްޢީ މައްސަލަ(އާފަލު) ގައި ޢިއްލަތް ނެތުމެވެ. އެހެނީ އަފަލަކީ މިނެކިރާ ވައްތަރުގެ ބާވަތެއް ނޫނެވެ.
ގިޔާސްގެ ވައްތަރުތައް:
ގިޔާސްގެވަނީ ދެވައްތަރެކެވެ. އެއީ:
1. ގިޔާސް ޖަލީ: ގިޔާސް ޖަލީ އަކީ ނައްޞަކުން ނުވަތަ އިޖްމާޢިން ނުވަތަ އަޞްލާއި ފަރްޢުގައި ތަފާތެއް ނެތުމުން ޢިއްލަތު އެނގެން އޮތް ކަންތަކެވެ. މިޘާލަކަށް: ރުޅިއައިސްގެން ހުރެ ޙުކުމް ކުރުން ވަނީ ގާޟީ އަށް މަނާ ކުރައްވާފައެވެ. އެޔަށް ގިޔާސްކޮށް ބަނޑުހައިވެފައިހުންނަ ގާޟީވެސް ޙުކުމް ކުރުން މަނާކުރެވެއެވެ. ސަބަބަކީ އެގަޑީގައި އޭނާގެ ސިކުނޑި ރަގަޅަށް މަސައްކަތް ނުކުރާނެތީވެއެވެ. މި ޢިއްލަތަކީ ދަންނަބޭކަލުންގެ އިޖްމާޢިން ޘާބިތު ޢިއްލަތެކެވެ.
- See more at: http://www.raajjeislam.com/?file=15585#sthash.cwPgZdb6.dpufއިމާމް ޝާފިޢީ- ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

0 comments:
Post a Comment