Saturday, December 26, 2015

ކީރިތި ގުރްއާން

ކީރިތި ގުރްއާނަކީ މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެ އަލިކަމަށް ނެރުއްވުމަށްޓަކައި މުޙައްމަދު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލެއްވުނު ފޮތެވެ. ސޫރަތުލް ޙަދީދްގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (هو الذي ينزل على عبده آيات بينات ليخرجكم من الظلمات إلى النور) މާނައަކީ: " އެކަލާނގެއީ، ބަޔާންވެގެންވާ آية ތަކެއް، އެކަލާނގެ އަޅާގެ މައްޗަށް ބާވައިލައްވާ ރަސްކަލާނގެއެވެ. (އެއީ) އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ.



އަދި ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންނާމެދު ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ". 
ކީރިތި ގުރްއާނުގައި އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ވާހަކަ ތަކާއި މުސްތަގްބަލުގައި ވާނޭ ބައެއް ކަންތައް ތަކުގެ ޚަބަރުތައް އައިސްފައިވެއެވެ. އަދި ޙަލާލު ޙަރާމާއި، ރިވެތި އަޚްލާގާއި، އަޅުކަމުގެ ޙުކުމްތަކާއި މުޢާމަލާތާއި، ނަބީބޭކަލުންނާއި ޞާލިޙުންގެ ޚަބަރުތަކާއި، މުއިމިނުންނަށް ދެއްވާނޭ ހެޔޮ ޖަޒާ އަދި ކާފިރުވީ މީހުންނަށް ދެއްވާނޭ ޢުގޫބާތުގެ ވާހަކަތައް، އަދި ސުވަރުގެ އާއި ނަރަކަ ބަޔާން ކުރައްވާ، މިނޫންވެސް ހުރިހާ އެއްޗެއް ބަޔާންކޮށްދެނިވި އެއްޗެއް ކަމުގައިވެއެވެ.


 ސޫރަތުއް ނަޙްލުގެ 89 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ونزلنا عليك الكتاب تبياناً لكل شيء وهدى ورحمة وبشرى للمسلمين) މާނައަކީ: " އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ". 

ކީރިތި ގުރްއާނުގައި މާތް ﷲ ގެ އިސްމުފުޅުތަކާއި ޞިފަ ފުޅުތައް، އަދި ﷲ އަށާއި މަލާއިކަތްބޭކަލުންނަށް، އަދި ބާވާލެއްވުނު ފޮތްތަކަށް، އަދި ފޮނުއްވުނު ރަސޫލުބޭކަލުންނަށް، އަދި އާޚިރަތްދުވަހަށް އީމާންވުމަށް އަމުރުކުރައްވާފައިވެއެވެ. ސޫރަތުލް ބަގަރާގެ 285 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (آمن الرسول بما أنزل إليه من ربه والمؤمنون كل آمن بالله وملائكته وكتبه ورسله لا نفرق بين أحد من رسله وقالوا سمعنا وأطعنا غفرانك ربنا وإليك المصير )


 މާނައަކީ: " رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ". 
ގިޔާމަތްދުވަހުގެ ޚަބަރުތަކާއި، މަރުވުމަށްފަހުގައި ކަންތައްވާނެގޮތާއި، އަލުން ދިރުއްވުމާއި، ޙިސާބުބެއްލެވުމާއި، ޞިރާޠުމަގާއި، ތިލަފަތުގެވާހަކަ އަދި ގިޔާމަތްދުވަހުން މީސްތަކުން އަލުން ދިރުއްވާނެކަން ވަނީ އަންގަވާފައެވެ. ސޫރަތުއް ނިސާގެ 285 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (الله لا إله إلا هو ليجمعنكم إلى يوم القيامة لا ريب فيه ومن أصدق من الله حديثاً )


 މާނައަކީ: " اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކުނުވާ ރަސްކަލާނގެއެވެ. قيامة ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު شك އެއް ނެތެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟".

މިކައުނުގައިވާ މާތް ﷲ ގެ އާޔަތްތަކަށް ބަލާ ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވެއެވެ. ސޫރަތު ޔޫނުސް ގެ 101 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (قل انظروا ماذا في السماوات والأرض)


މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ!". އަދި ސޫރަތު މުޙައްމަދުގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أفلا يتدبرون القرآن أم على قلوب أقفالها)

މާނައަކީ: " ފަހެ، قرآن އާމެދު އެއުރެން ވިސްނައި فكر ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟".

ކީރިތި ގުރްއާނަކީ އެންމެހާ މީސްތަކުންނަށް ހިދާޔަތެއް ކަމުގައި ބާވާލެއްވުނު ފޮތެއްކަން އަންގަވާ ސޫރަތު ޒުމަރުގެ 41 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (إنا أنزلنا عليك الكتاب للناس بالحق فمن اهتدى فلنفسه ومن ضل فإنما يضل عليها وما أنت عليهم بوكيل )


މާނައަކީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި حق ތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެމީހެއްގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި ކަލޭގެފާނު ނުވެއެވެ". 
ކީރިތި ގުރްއާނަކީ ކުރިންބާވާލެއްވުނު ފޮތްތަކުގައިވާ ޚަބަރުތައް ތެދުކޮށް، އަދި އެފޮތްތަކުގެ މައްޗަށް ހެކި ކުރުވަނިވި ފޮތެކެވެ.


 ސޫރަތުލް މާއިދާގެ 48 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( وأنزلنا إليك الكتاب بالحق مصدقاً لما بين يديه من الكتاب ومهيمناً عليه )

މާނައަކީ: " އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ".

ގުރްއާން ބާވާލެއްވުމަށްފަހުގައި އެފޮތަށް އީމާންނުވީ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ ޢަޛާބު ދެއްވާނެކަން އަންގަވާ ސޫރަތުލް އަންޢާމްގެ 49 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (والذين كذبوا بآياتنا يمسهم العذاب بما كانوا يفسقون)


މާނައަކީ: " ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسق ވެ އުޅުނު ކަމަށްޓަކައި عذاب އެއުރެންގައި ބީހޭނެތެވެ". 

ގުރްއާނާއި އެއްފަދަ އާޔަތެއް ނުވަތަ ސޫރަތެއްވެސް ނުގެނެވޭނެކަމަށް މާތް ﷲ ވަނީ އިންސީންނާއި ޖިންނީނަށް ޗެލެންޖު ކުރައްވާފައެވެ. ސޫރަތުލް އިސްރާގެ 88 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (قل لئن اجتمعت الإنس والجن على أن يأتوا بمثل هذا القرآن لا يأتون بمثله ولو كان بعضهم لبعض ظهيراً )


 މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ".

ކީރިތި ގުރްއާނަކީ ސަމާވީ އެންމެ ފުރިހަމަ، އެންމެ މާތް، އަދި އެންމެ ފަހުގެ ފޮތް ކަމުގައިވާތީވެ އެފޮތް އެންމެހައި މީސްތަކުންނަށް އަންގަވައި އުނގަންނަވައި ދެއްވުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ. ސޫރަތުލް މާއިދާގެ 67 ވަނަ އާޔަތުގައި ވަޙި ކުރައްވައެވެ. (يا أيها الرسول بلغ ما أنزل إليك من ربك و إن لم تفعل فما بلغت رسالته و الله يعصمك من الناس)


މާނައަކީ: " އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ".

މިފޮތުގެ މުހިންމު ކަމަށްޓަކައި، އަދި މީސްތަކުން މިފޮތަށް ބޭނުންޖެހިފައިވާލެއް ބޮޑުކަމަށްޓަކައި މާތް ﷲ ވަނީ މިފޮތް ރައްކާތެރި ކުރައްވާނެކަން އަންގަވާފައެވެ. ސޫރަތުލް ޙިޖްރިގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إنا نحن نزلنا الذكر وإنا له لحافظون) "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ". 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons