Tuesday, December 8, 2015

لاإله إلاالله ގެ މާނަ އާއި މުރާދު ދެނެ ގަތުން

ތައުޙީދުގެ މިކަލިމަ لاإله إلاالله ގެ މާނަ އާއި މުރާދު ދެނެ ގަތުމުގައި އެއަށް ދޭންޖެހޭ ޙައްޤުތަކަކާއި ޝަރުތު ތަކެއްވާކަމަށް ވެސް ދަންނަބެކަލުން ވަނީ ބަޔާން ކޮށްދެއްވާފައެވެ. އެހެނީ އެޙައްޤުތަކާއި ޝަރުތުތަކާއި ނުލާއި ހަމައެކަނި ދުލުން ބުނާ މީހަކަށް އެހެން ބުނުކަމުކުން އެއްވެސް ލާބައެއް މަންފާއެއް ނެތެވެ

ޞަޙިހުލް ބުޚާރީގެ "باب فى الجنائز ومن كان آخر كلامه لاإله إلاالله " ގައި ރިވާވެގެންވެއެވެ. އެއްދުވަހެއްގައި وهب بن منبه އަށް ބުނެވުނެވެ. " لاإله إلاالله އަކީ ސުވަރުގޭގެ ތަޅުދަނޑިއެއް ނޫން ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވި އެވެ. "ނޫނެކެވެ. އެހެނެއްކަމަކު އެއީ އޭގައި ދަތްތަކެއްވާ ތަޅުދަނޑި އެކެވެ. ތިބާ ދަތްތައްވާ އެތަޅުދަނޑި އާއި އެކު އަތުވެއްޖެ ނަމަ ތިބާއަށް އެދޮރު (ސުވަރުގޭގެ ދޮރު) ހުޅުވޭނެއެވެ. ނޫނީ އެ ދޮރު ހުޅުވުމެއްނެތެވެ. " އެހެންކަމުން ސުވަރުގެއަށް ވާސިލް ކޮށްދޭ ވަޞީލަތަކަށް މި ކަލިމަ ހެދުމަށްޓަކައި އަހަރެމެންނަށް ލާޒިމްވެގެންވަނީ އޭގެ މާނައާއި މަފްހޫމް ދެނެގަނެ އެކަލިމަ ވާޖިބުކުރާ ކަންތައްތަކަށް އަމަލުކޮށް އޭގެ ޝަރުތުތަށް ފުރިހަމަ ކުރުމެވެ. لاإله إلاالله ގެ ޝަރުތު ތަކަކީ ކޮބާ؟
لاإله إلاالله ގެ ޝަރުތުތައް ހަތެކެވެ.

1. العلْم المُنافي للْجهلِ : ޖާހިލުކަން ނަފީކުރާ ޢިލްމު. އެބަހީ ކަލިމައިގެ މާނައާއި މަފްހޫމު ދެނެގަނެ، އެއަށް ޖާހިލުވެ ނުހުރުން. الله تعالى ވަޙިކުރައްވާފައި ވެއެވެ. فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ (محمد 19) މާނައީ" ފަހެ الله تعالى ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަދާއިގަންނަވާށެވެ."

2. اليقين المُنافي للشك : ޝައްކުކަން ނަފީކުރާ ޔަޤީންކަން. އެބަހީ ކަލިމަ ކިޔުމަށް ފަހު الله تعالى ތަޢާލާގެ އުލޫހިއްޔަތާއި ދޭތެރޭ އެއްވެސް ޝައްކެއް ނުކުރުން. އަދި ކިއެއްތަ! އެއިލާހުގެ އުލޫހިއްތާއި ދޭތެރޭ ޔަޤީން ކުރުން.

الله تعالى ވަޙިކުރައްވާފައި ވެއެވެ. إِنَّمَا الْمُؤْمِنُونَ الَّذِينَ آَمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ أُولَئِكَ هُمُ الصَّادِقُونَ (الحجرات 15) މާނައީ" މުއުމިނުން ކަމުގައި ވާކަން ކަށަވަރީ الله تعالى އަށާއި އެކަލާނގެރަސޫލާއަށް އީމާންވެ، ދެން (އެއީމާންކަމާއި މެދު) ޝައްކު ނުކުރާމީހުންނެވެ. އަދި އެއުރެންގެ މުދާތަކާއި ނަފްސުތަކުން الله تعالى ގެ މަގުގައި ޖިހާދު ކުރާ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ."

3. القَبول المُنافي للرد: ރައްދު ކުރުން ނަފީ ކުރާ ޤަބޫލުކުރުން. އެބަހީ ކަލިމަ ކިޔުމަށްފަހު އޭގެ މާނަ ހިތުން ޤަބޫލުކުރުން އަދި ދުލުން ކިޔައި ހިތުން ރައްދު ނުކުރުން.

الله تعالى މުޝްރިކުންނާއި ބެހޭގޮތުން ވަޙީކުރައްވާފައި ވެއެވެ. إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ () وَيَقُولُونَ أَئِنَّا لَتَارِكُوا آَلِهَتِنَا لِشَاعِرٍ مَجْنُونٍ (الصافات35،36) މާނައީ" ހަމަކަށަވަރުން الله تعالى ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އެއުރެންނަށް ބުނެވިއްޖެނަމަ އެއުރެން ބޮޑާވެ ގަންނަކަމުގައިވޫއެވެ. އަދި އެއުރެން ބުނެތެވެ. މޮޔަވެފައިވާ ޅެންވެރިއެއްގެ ބަހަށް ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟"

4. الانقياد المُنافي للترك : ދޫކޮށްލުން ނަފީކުރާ ބޯލަނބައި ކިޔަމަން ގަތުން. އެބަހީ ކަލިމަ ކިޔުމަށްފަހު ކަލިމަ ވަޖިބު ކުރާ ކަންތައްތަކަށް ބޯލަނބައި ކިޔަމަންގަތުން އަދި ކަލިމަ ދުލުން ކިޔައި ކަލިމަ ވާޖިބު ކުރާކަންތައްތައް ދޫކޮށްނުލުން. الله تعالى ވަޙިކުރައްވާފައި ވެއެވެ. وَمَنْ يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى وَإِلَى اللَّهِ عَاقِبَةُ الْأُمُورِ (لقمان 22) މާނައީ "ﷲ އެއްކައުވަންތަ ކުރާ ހާލު الله تعالى އަށް ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ.) ފަހެ އޭނާ އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. އަދި ކަންކަމުގެ ނިމުންވަނީ الله تعالى ގެ ޙަޟުރަތަށެވެ."

5. الإِخلاَص المُنافي للشرك : ޝިރުކު ކުރުން ނަފީކުރާ އިޚްލާޞްތެރިކަން. އެބަހީ ކަލިމަ ކިޔުމަށް ފަހު الله تعالى އާ އެއްވެސް އެއްޗެއް ޝަރީކު ނުކުރުން. އަދި ކިއެއްތަ! އެންމެހާ އަޅުކަމެއް އެ އިލާހަށް ޚާލިޞްކުރުން. الله تعالى ވަޙިކުރައްވާފައި ވެއެވެ. فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ (الزمر 2) މާނައީ " الله تعالى އަށް ދީން ޚާލިޞްކުރާ ހާލު ކަލޭގެފާނު އެއިލާހަށް އަޅުކަންކުރަށެވެ."

6. الصدق المُنافي للْكَذبِ : ދޮގުވެރިކަން ނަފީކުރާ ތެދުވެރިކަން.އެބަހީ ކަލިމަ ކިޔުމަށް ފަހު އޭގެ މާނައަށާއި މަފްހޫމަށް ތެދުވެރިވުން އަދި ދޮގުވެރި ނުވުން الله تعالى ވަޙިކުރައްވާފައި ވެއެވެ. أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آَمَنَّا وَهُمْ لَا يُفْتَنُونَ () وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ (العنكبوت 3،2) މާނައީ "މީސްތަކުން ތިމަންމެން އީމާންވެއްޖައީމެ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވާ ދޫކޮށްލައްވާނެ ކަމަށް ހީކުރީހެއްޔެވެ؟ އަދި ހަމަ ކަށަވަރުން އެއުރެންގެ ކުރީގެ (އުންމަތްތަކުގެ) މީހުން، ތިމަން އިލާހު އިމްތިޙަނުކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން الله تعالى ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން ދޮގުވެރިންވެސް އެ އިލާހު ދެނެވޮޑިގެންވެއެވެ."

7. المَحبُة: ލޯބިވުން. އެބަހީ ކަލިމައިގެ މާނަ އަށާއި މަފްހޫމަށް ރުހުން. الله تعالى ވަޙިކުރައްވާފައި ވެއެވެ. وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آَمَنُوا أَشَدُّ حُبًّا لِلَّهِ (البقرة 165) މާނައީ " الله تعالى ފިޔަވައި އެކަލާނގެއާ އެކަލާނގެއާ އެއްފަދަ ޝަރީކުންތަކެއް ބަލައިގަންނަބަޔަކު މީސްތަކުންގެ ތެރެއިންވެއެވެ. الله تعالى ދެކެ ލޯބިވާފަދައިން އެޝަރީކުންތައްދެކެ އެބައިމީހުން ލޯބިވެއެވެ. އަދި އީމާންވި މީހުން الله تعالى ދެކެ މާބޮޑަށް ލޯބިވެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ! لاإله إلاالله އަކީ ތައުޙީދުގެ ބުންޔާދެވެ. އެކަލިމައެއްގެ މައްޗަށް ހުރިހާ އަމަލުތަކެއް ބިނާ ކުރަންޖެހޭ ކަލިމައެވެ. ކަލިމައިގެ މަނައާއި މަފްހޫމާއި މުރާދު ދެނެގަނެ އޭގެ ޝަރުތުތައްފުރިހަމަކޮށްފިނަމަ ކަލިމައިގެ މައްޗަށް ބިނާކުރާ ޢަމަލުތައް ޞައްޙަވުމައި މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ކިއެއްތަ! އެފަދަ މީހަކީ ޙަޤީޤަތުގައިވެސް ނަޞީބު ވެރިއެކެވެ. الله تعالى ތަޢާލާ އަޅުގަނޑުމެންނަކީ ފުރިހަމަ މުއައްޙިދުން ކަމުގައި ލައްވައި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުގެ އަހުލުވެރިންގެ ތެރެއިން ލައްވާށި. އާމީން!
- See more at: http://www.raajjeislam.com/?file=15592#sthash.ANbN54we.dpuf

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons