ޙަސަން އަލް ބަސަރީ ރަޙިމަޙުﷲ އަކީ އިސްލާމީ ދުނިޔޭގައި މަޝްހޫރު ޢިލްމުވެރިޔެކެވެ. ހިޖުރައިން 21 ވަނަ އަހަރު އުފަންވެ ވަޑައިގެންނެވި މި ޢިލްމުވެރިޔާގެ މުޅިޙަޔާތް ހޭދަކޮއްފައިވަނީ އިސްލާމްދީން ކުރިއަރުވައި ހިދުމަތްކުރުމުގައެވެ. އެރޮނގުން ޙަސަން އަލް ބަސަރީ ރަޙިމަޙުﷲ އަކީ ﷲގެ ރަސޫލާގެ ވަރަށްގިނަ ޞަޙާބީންނާވެސް ބައްދަލު ކޮށްފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ އެދުވަސްވަރުއިން އެންމެ ތަޤުވާވެރި އަދި ދީނުގެ ޢިލްމީ ގޮތުންވެސް އެޒަމާނުގައި ހުރި އެންމެ ފާހަނގަ ކޮއްލެވޭ އެއްޝަޙްޞިއްޔަތެވެ
އެކަލޭގެފާނަކީ އަބަދުވެސް ނަރަކައިގެ ބިރުވެރި ޢަޒާބާއި މަރުމަތިން ހަނދާނުގައި ބަހައްޓައިގެން އުޅުއްވި ބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނު ފާހަގަވެފައިވަނީ ވަރަށްވެސް ހީސަމާސާކުރުމާއި ދުރު ބޭކަލެއްގެ ގޮތުގައެވެ. އެއްދުވަހަކު ޙަސަން އަލް ބަޞަރީ ރަޙިމަޙުﷲ ބޭރަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް ޒުވާން ފިރިހެން ކުއްޖަކު ދެކެވަޑައިގެންނެވިއެވެ. އެވަގުތު މިޒުވާނާ ހުރީ ހީސަމާސާ ކުރުމުގައި ޣާފިލު ވެގެންނެވެ. އެވަގުތު އޭނަހުރީ މަސްތެއްގައިޖެހި ވާނުވާ ނޭނގޭ ހާލުގައިހެން ހީވިކަހަލައެވެ. ޙަސަން އަލް ބަޞަރީ އެޒުވާނާ ކައިރިޔަށް މަޑުޖެހިލުމަށްފަހު އަހާލިއެވެ.
ހަސަން އަލް ބަޞަރީ ރަޙިމަޙުﷲ : އޭ ޒުވާނާ ! ތިބާއަށް ޞިރާތު މަގު ހުރަސް ކުރެވުނީތަ ؟ ތިބާއަށް ތިބާ ދާންއޮތީ ސުވަރުގެއަށްކަން ނުވަތަ ނަރަކައަށްކަން އެނގުނީތަ ؟
ޒުވާނާ : ނޫން !
ހަސަން އަލް ބަޞަރީ ރަޙިމަޙުﷲ : ދެން ކީއްވެގެންތަ ތިހާވަރަށް ތިހެނީ؟
އޭގެ ފަހުން މި ޒުވާނާ ހޭންހުރި މަންޒަރު އެއްވެސް މީހަކަށް ފެނިފައި ނުވެއެވެ. އަދި އެ ޒުވާނާޔަށް މި ދުނިޔޭގެ ދިރިއުޅުމުގެ ޙަގީގަތްވެސް އެނގުނެވެ. އަޅުގަނޑުމެން ގިނަމީހުންނަށް މިދުނިޔެވީ ޙަޔާތަށް ނަޒަރެއް ހިންގާލާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ ގިނަބަޔަކު އެބައިމީހުންގެ ދިރިއުޅުމުގެ ގިނަވަގުތުތަކާއި ދުވަސްތައް ހޭދަ ކޮށްލަނީ ހީސަމާސާކުރުމާއި މަޖާކުރުމުގައެވެ. އެކަމުން ދަލީލުކޮށްދޭކަމަކީ އަޅުގަނޑުމެންވަނީ އާޚިރަތް މަތިން ހަނދާންނެތި ޣާފިލުކަމުގެ ގަދަ ނިދީގައި ކަމެވެ. ހަމަ އެހެންމެ އަޅުގަނޑުމެންނަށް އާޚިރަތުގެ ޙަޔާތަށް ދޭންޖެހޭ އަޙައްމިއްޔަތުކަން ނުދެވޭކަމެވެ. އަޅުގަނޑުމެންގެ ސަލަފުއްޞާލިޙުން ކަންތައްކުރެއްވީ މިފަދައިންތޯ އަޅުގަނޑުމެން ވިސްނާލަމާ ހިނގާށެވެ.
ﷲ ރަސޫލާގެ މާތްޞަޙާބީން އެބޭކަލުންގެ މުޅި ދުވަސް ހޭދަ ކުރައްވަނީ ހެޔޮ ޢަމަލުތައްކުރުންމަތީގައެވެ. އެހެން ނަމަވެސް އެބޭކަލުން ރޭގަނޑުގެ ވަގުތު ހޭދަކުރަނީ ދެލޮލުން ކަރުނަ އޮހޮރެމުންދާ ހާލު ﷲގެ ޙަޟްރަތަށް ކުއްތަންވެ ދުޢާކުރުން މަތީގައެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ކަންތައްކުރަމުންދަނީ މިއާ މުޅިން ތަފާތުކޮށެވެ. ދުވާލު ހޭދަކުރަނީ އެކި ކަހަލަ ފާފަތައް ކުރުމުގައްޔާއި މަޖާކުރުމުގައެވެ. އަދި ރޭގަނޑުވުމުން އަޅުގަނޑުމެންގެ ހިތްތަކަށް އެކައްޗެއްވެސް ނާރައެވެ.
0 comments:
Post a Comment