ރޯދަވެރިޔާގެ މައްޗަށް ވާޖިބު ބައެއް އަދަބުތައް
1- އީމާންކަމާއި، އިޚުލާސްތެރިކަމާ އެކުގައި ﷲގެ ވަޖުހުފުޅަށްޓަކައި ތަޤުވާގެ ސިފަ ލިބިގެންވާ ހާލު ރޯދަހިފުމެވެ. އިތުރު އެކަލޭގެފާނު ހަދީޘް ކުރައްވާފައި ވެއެވެ. ((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައަކީ: "އީމާންކަމާއި ޘަވާބުގެ ނިޔަތުގައި ﷲ ގެ ވަޖުހުވުފުޅަށްޓަކައި ރަމްޟާން މަހުގެ ރޯދަ ހިފައިފި މީހެއްގެ އިސްވެގޮސްފައިވާ ފާފަތައް ހަމަކަށަވަރުން ފުހެވިއްޖެ އެވެ." [البخاري ومسلم]
2- ﷲ ސުބްޙާނަހޫ ވަތަޢާލާ ވާޖިބު ކުރައްވާފައިވާ އެއްމެހާ އަޅުކަމެއް ފުރިހަމަޔަށް އަދާކުރުމެވެ. އެގޮތުން އެއްމެ އިސްކަމަކީ ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. ނަމާދާއި ނުލައި އަޅުކަމެއްގެ ފައިދާއެއް ނުވެއެވެ.
3- ﷲ ތަޢާލާ ހަރާމް ކުރައްވާފައިވާ އެއްމެހާ ކަންތައްތަކުން ދުރުހެލިވުމެވެ. ތިމާގެ ލޮލާއި ދުލާއި ކަންފަތާ އަދި އަތްފައި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ރައްކާތެރި ކުރުމަކީ ރޯދަވެރިޔާގެ ވާޖިބެކެވެ. އިތުރު އެކަލޭގެފާނުން ހަދީޘް ކުރައްވާފައި ވެއެވެ. (( مَنْ لَمْ يَدَعْ قَوْلَ الزُوْرِ وَالْعَمَلَ بِهِ وَالْجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ)) "ދޮގުހެދުމާއި ޣީބަ ބުނުމާއި އެފަދަ ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެތި ގޮވައި އެފަދަ ކަންތައްތައް ކުރުން ހުއްޓާ ނުލައިފި މީހަކު ކެއުމާއި ބުއިމުން ދުރުހެލިވުމުގެ ބޭނުމެއް މާތް ﷲ އަކަށް ނުވެއެވެ." [البخاري]
4- ރޯދައިގެ ހުކުމްތައް ދަސްކުރުމެވެ. އެއީ ރޯދަ ފާސިދު ވެދާފަދަ ކަންތައްތަކުން ރައްކާތެރިވެ ހުރުމަށްޓަކައެވެ. ކޮންމެ ޢަޅުކަމެއް ކުރުމުގެ ކުރިން އެކަމުގެ ޟަރޫރީ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ޢައިނިއްޔަ ފަރުޟެކެވެ.
5- ފިޠުރު ޒަކާތް ދިނުމެވެ. ގޮދަން ނުވަތަ ހަނޑޫ ފަދަ އެ ގައުމެއްގައި މައިގަނޑު ކޮށްތެއްގެ ގޮތުގައި ބޭނުންކޮށް އުޅޭ އެއްޗަކުން، އާއިލާގެ ކޮންމެ ބޮލަކަށް ސޯއެއްގެ (3 ކިލޯގެ) މިންވަރު ޢީދު ނަމާދުގެ ކުރިން ފަގީރަކަށް ދިނުމަކީ ވާޖިބެކެވެ.
((فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ عَلَى كُلِّ عَبْدٍ أَوْ حُرٍّ صَغِيرٍ أَوْ كَبِيرٍ)) "ފިޠުރު ޒަކާތުގެ ގޮތުގައި ކަދުރު ނުވަތަ ގޮދަނުގެ ޞާއެއްގެ މިންވަރު އަޅުންނާއި މިނިވަނުންނާއި ކުދި ބޮޑު އެއްމެންގެ ފަރާތުން ނެރުމަށް ރަސޫލު ﷲ ވަނީ ފަރުޟު ކުރައްވާފައެވެ." [البخاري ومسلم]
ބައެއް މުސްތަހައްބު އަދަބުތައް
1- ހާރުކެއުމާއި ވީހައި ލަސްކޮށް ހާރު ކެއުމެވެ. ((تَسَحَّرُوا فَإِنَّ فِي السُّحُورِ بَرَكَةً)) "ހާރު ކާށެވެ! ހަމަކަށަވަރުން ހާރު ކެއުމުގައި ބަރަކާތް ވެއެވެ." [البخاري ومسلم]
2- އިރު އޮށްސުމާއެކުގައި ކޯދޮވުން އަވަސްކުރުމެވެ. ރޯކަދުރު ނުވަތަ ހިކިކަދުރު ނުލިބިއްޖެ ނަމަ ރޯދަވީއްލާނީ ފެނުންނެވެ. ((لَا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ)) "ރޯދަވީއްލުން އަވަސް ކުރާހައި ހިނދެއްގައި މީސްތަކުން ވާނީ ހެޔޮކަމެއްގައެވެ." [البخاري ومسلم]
3- ރޯދަ ވީއްލާ ވަގުތު ދުޢާކުރުމެވެ. ހަދީޘްގައި ވެއެވެ. ތިން މީހެއްގެ ދުޢާ ރައްދު ނުކުރެވޭހުއްޓެވެ. އޭގެ ތެރެއިން އެކަކީ ((وَالصَّائِمُ حِينَ يُفْطِرُ)) " ރޯދަ ވީއްލާ ވަގުތުގައި ރޯދަވެރިއާގެ ދުޢާއެވެ." [الترمذى]
4- ރޯދަވީއްލުމަށް ފަހުގައި (( ذَهَبَ الظَّمَأُ، وابْتَلَّتِ الْعُرُوْقُ، وَثَبَتَ الأَجْرُ إِنْ شَاءَ اللهُ )) މިފަދައިން ކިޔުމެވެ. [صحيح أبي داود]
5- ރޯދަމަހުގެ ކޮންމެ ރެއަކު ރޭއަޅުކަން ނުވަތަ ތަރާވީޙް ކުރުމެވެ. (( مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) "އީމާންތެރިކަމާއި ޘަވާބުގެ ނިޔަތުގައި ރޯދަމަހު ރޭގަނޑުގައި ޤިޔާމު ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަ ފުހެވިގެން ވެއެވެ." [البخاري ومسلم]
6- ގިނަގިނައިން ޤުރުއާން ކިޔެވުމާއި ޛިކުރު އަޛްކާރާއި ދުޢާ ކުރުމާއި ދީނީ ފޮތް ކިޔުމެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖިބްރީލްގެ ފާނާއި އެކުގައި ރަމްޟާން މަހުގައި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެއެވެ. އަދި އެކަލޭގެފާނުންގެ އަޞްހާބުންނާއި ޞާލިޙުން ރަމްޟާންމަހުގައި ކީރިތި ޤުރްއާން ކިޔެވުން އިތުރު ކުރައްވައެވެ.
7- ގިނަގިނައިން ޟަދަގާތް ކުރުމާއި ކާންދިނުމެވެ. "މީސްތަކުން ކުރެ އެއްމެ ދީލަތި މީހާ ކަމުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވެއެވެ. ((وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ)) "އަދި އެކަލޭގެފާނު އެއްމެ ދީލަތިވެ ވަޑައިގަންނަވަނީ ރަމްޟާންމަހުގައި ޖިބްރީލްގެ ފާނާއި ބައްދަލުވެވަޑައިގަންނަވާ ހިނދުގައެވެ." [البخاري ومسلم] - See more at: http://www.raajjeislam.com/?file=15991#sthash.5y46MvYm.dpuf
0 comments:
Post a Comment