އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ނިކަމެތިކަން މިއަދު ކުރިމަތިވެފައިވަނީ ކޮންބައެއްގެ ސަބަބުންހެއްޔެވެ؟
އެއީ އިސްލާމް ދީނުގައި ހުރި، އުނި ކަމެއްގެ ސަބަބުންހެއްޔެވެ؟ ނޫނީ އެ ދީނަށް ތަބާވެގެން ތިބި މީހުންގެ ސުލޫކުގައި ހުރި އުނިކަމެއްގެ ސަބަބުންހެއްޔެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި ސުވާލުގެ ޖަވާބަކީ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އަހަރެމެން މުސްލިމުންގެ އުޅުމާއި ސުލޫކު ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވާ ގޮތާއި ދުރަށް ދިއުމެވެ.
ނަމަވެސް އަދިވެސް އަހަރެމެންގެ ނަފްސުތަކުގައި ހުރި ބައެއް ކަންތައް ރަނގަޅު ކޮށްފިއްޔާ، މި އުއްމަތަށް ކުރީގައިވެސް ލިބިފައި އޮތް އާރާއި ބާރު ލިބި، އަހަރެމެންނަކީ އެހެން މީހުން ކުރިމަތީގައި އަގު ހުރި ބަޔަކަށް ވާނެއެވެ.
މި އަދުގެ ކުޑަ ކުއްޖާގެ ގައިގައި އަދި ވަރެއް ނެތެވެ. މުސްކުޅިއާ އެހެރީ ކައްވަޅަށް ދާން ތައްޔާރަށެވެ. ވީމާ މި ބޮޑު މަސްއޫލިއްޔަތު އުފުލަން ޖެހެނީ މި އުއްމަތުގެ ޒުވާނުންނެވެ. އެއީ ކުރީގައި އިސްލާމް ދީން ކުރިއަރައި ބާރު ގަދަވެފައިވަނީވެސް، އޭރު ތިބި ޒުވާނުންގެ ސަބަބުންނެވެ. އާދެ ! ކީރިތި ރަސޫލާގެ އަތްޕުޅުގައި އެކަލޭގެފާނު އަތްޕުޅު މައްޗަށް ތަރުބިއްޔަތު ކުރެވިފައިތިބި ހިތްވަރުގަދަ، ތަޤުވާވެރި، ޢިލްމަށް ލޯބި ކުރާ، ތެދުވެރި ޒުވާނުންތަކެއްގެ ސަބަބުންނެވެ.
މިއަދު މުސްލިމް ޒުވާނުންގެ ވާޖިބަކީ ކޮބައި ؟
ޒުވާން ފިރިހެން ކުދިންނާ އަންހެން ކުދިންނަކީވެސް، މަތިވެރި އަޚްލާޤެއްގެ ވެރި މަސްއޫލިއްޔަތު އުފުލާ ބަޔަކަށް ވާންޖެހެއެވެ. ދަނޑުވެރިކަމާ، އުފެއްދުންތެރިކަމާ، އިންޖިނޭރިންގ، ޑޮކްޓަރީކަން، ފަންނު ފަދަ ދާއިރާތަކުގައި ޒުވާނުން ކުރިއަރައި މޮޅެތިވާން އެބަޖެހެއެވެ. ތަރައްޤީގެ އަގު ދައްކާ ޗެކަކީ އަމިއްލަވަންތަކަމާއި، ޘަޤާފަތް ކަތިލުން ކަމުގައި ހެދުން ހުއްޓާލަން ވެއްޖެއެވެ. ބަލި މީހުން އަބަދުވެސް ގަދަ މީހާއަށް ތަބާވާނޭ ބުނާ އުސޫލު މުގުރާލަންވެއްޖެއެވެ.
ސައުވީސް ގަޑި އިރު މުނިފޫހި ފިލުވުމާއި، ދުވާލު މަސައްކަތް ކުރާ ގަޑީގައި، ނިދުމުގެ އާދަ ދޫކޮށް ފަތިހު ތެދުވާން ފަރިތަކުރަންވެއްޖެއެވެ. މި އުންމަތުގައި ބަރަކާތް ލެއްވިފައިވަނީ، ހެނދުނުގެ ވަގުތުގައި ކަމަށް ރަސޫލާ އަންގަވާފައިވެއެވެ.
ވަޒީފާ އަދާނުކޮށް، ގޭ މީހުން ދިނީމާ ކައިގެން މުޖްތަމަޢަށް ހުރި ބުރައެއްގެ ބަދަލުގައި، ޒުވާނުން ވާންޖެހޭނީ މުޖްތަމަޢު ބިނާ ކުރުމުގައި ބޮޑު ހިއްސާއެއްވާ ބަޔަކަށެވެ. އަމިއްލަ އަތްދަނޑިން މަސައްކަތް ކޮށްގެން ކާ ބަޔަކަށެވެ. މަގުމަތީގައި ކުރާނެ ކަމެއް ނެތިފައި މީހުންނާ ބެހެން ތިބުމުގެ ބަދަލުގައި ޒުވާނުން މަޝްޣޫލްވާން ޖެހޭނީ، އަޅުކަން ކުރުމާ ، މަސައްކަތާ، އިޖްތިމާޢީ ޚިދުމަތުގައެވެ.
ޒުވާނުން ވާންޖެހޭނީ، އަމިއްލަ ޙައްޤު ހޯދަން އަޑުގަދަ ކުރުމުގެ ކުރިން، އެހެން މީހުންގެ ޙައްޤުތައް އަދާ ކުރާ ބަޔަކަށެވެ. އޭރުން އެންމެންނަށްވެސް އެބައެއްގެ ޙައްޤު އޮންނާނީ ލިބިފައެވެ.
ޒުވާނުން ވާންޖެހޭނީ، މަތިވެރި އަޚްލާޤެއްގެ މަތީގައި ތިބި، ދީނާއި މެދު ފަޚްރުވެރިވާ، އެ ދީން ރަނގަޅު ގޮތުގައި އެނގިފައި ތިބި ބަޔަކަށެވެ. މަންމަ ވިހެއި ވަގުތު ކަންފަތް ދޮށުގައި ބަންގި ގޮވީތީ މުސްލިމަކަށް ވުމުގެ ބަދަލުގައި، އެ ދީން އަމިއްލައަށް ދަސްކޮށް އީމާންކަން ގަދަކުރުން އެއީ މުހިއްމު ކަމެކެވެ. ދީނުގައި ފަރުވާ ކުޑަ ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުމަކީ އެއްގޮތަކަށްވެސް، މުސްލިމް ޒުވާނުން ކޮށްގެންވާނެ ގޮތެއް ނޫނެވެ.
ޒުވާނުން ބިނާ ކުރެއްވުމަށް ރަސޫލާ ދެއްވާފައިވާ ބައެއް އިރުޝާދު :
1- ﷲ އަށް ކިޔަމަންތެރިވެ އަޅުވެތިވާށެވެ. އެކަލާނގެ އެންގެވިކަންތައް ފަސް ޖެހުމަކާއި ނުލައި ކުރުމަށްފަހު، ނަހީ ކުރެއްވި ކަންތަކާ ކައިރި ނުވާށެވެ. އެ ގޮތުން ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ الْإِمَامُ الْعَادِلُ وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ
މާނައަކީ: ''ﷲގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، ﷲގެ ހިޔާވަހިކަން ދެއްވާ ހަތް މީހެއްވެއެވެ.( އެއީ) ޢަދުލުވެރި ވެރިއާއާއި، ﷲ އަށް އަޅުކަން ކުރުމުގައި ބޮޑުވާ ޒުވާނާއާއި، މިސްކިތްތަކުގައި އޭނާގެ ހިތް އެލިފައިވާ މީހާއާއި (ފަރުޟު ނަމާދުތައް ޖަމާޢަތުގައި މިސްކިތުގައި ކުރުން)، ﷲ އަށްޓަކައި ދެމީހަކު ލޯބިވެ އެކުވެއުޅެ އަދި އެގޮތުގައި ދެމިތިބެ ވަކިވާ ދެމީހުންނާއި، ޙަސަބުވެރި ރީތި އަންހެނަކު ޙަރާމް ގުޅުމަކަށް ދައުވަތު ދިނުމުން، އަހަރެން ﷲ އަށް ބިރުވެތިވަމޭ ބުނާ މީހާއާއި، ކަނާއަތުން ދޭ ޞަދަޤާތް ވާއަތަށް ނޭގޭ ފަދައިން (ހޭދަ ކުރީ ކިހާވަރެއްކަން މީހުންނަށް ނޭނގުން) ޞަދަޤާތް ކުރާ މީހާއާއި، އަދި އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ.''
2- ޢުމުރަކީ ކުރުއެއްޗެކެވެ. ފާއިތުވެދާ ސިކުންތަކީ އަނބުރާ ލިބޭނެ އެއްޗޭއް ނޫނެވެ. ގެއްލިދާ ފުރުޞަތަކީ ގެއްލުކެވެ. އެހެންވެ ދީނީ ގޮތުންނާއި ޖިސްމާނީ ގޮތުން، އަޚްލާޤީ ގޮތުންނާއި ޢިލްމީ ގޮތުން ތިމާގެ ޝަޚްޞިއްޔަތު ބިނާ ކުރުމަށްޓަކައި ޒުވާން ޢުމުރުގެ ބޭނުން ހިފާށެވެ.
ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: إِغْتَنمْ خَمْساً قَبْل خَمْس: حَيَاتك قَبْل مَوْتك ، وَ صحتك قَبْل سَقْمك ، وَ فَرَاغك قَبْل شغْلك ، وَ شَبَابكَ قَبْل هَرَمكَ ، وَ غنَاكَ قَبْل فَقْركَ
މާނައަކީ: ''ފަސްކަމެއް ކުރިމަތިވުމުގެ ކުރިން ފަސް ކަމެއް ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާން ކަމުގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިންޞިއްޙަތުގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ. އަވަދިނެތުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ. މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ.''
3- ޒިނޭ ކުރުމާއި ޝަހުވާނީ އެދުންތަކުގެ އަޅަކަށް ނުވެ، ހިތް ސާފު ޒުވާނަކަށް ވާށެވެ. ފަރުޖު ރައްކާތެރި ކުރާށެވެ. ޖިންސީ އެދުންވެރިކަން ހެޔޮ ގޮތުގައި ފުއްދާށެވެ. ޙަލާލް ނޫން ގޮތެއްގައި ލިބިގަން އުފަލަކީ ލިބޭ ޢަޛާބެކެވެ. ޙަލާލް ގޮތުގައި ލިބިގަންނަ އުފަލަކީ އެއީ އެކަމުންވެސް ޘަވާބު ލިބޭ ކަމެކެވެ.
ކައިވެނި ކުރުމުގެ ކުޅަދާނަ ކަން ލިބިގެންވާ ޒުވާނުންނަށް ރަސޫލާ ދެއްވާފައިވާ އިރުޝާދަކީ ، މީހުންނާއި އިނުމެވެ. ފަހަރެއްގައިވެސް ނަހަމަ ޖިންސީ ގުޅުން ހިންގުމާއި، ދޮން ދިނުމެއް ނޫނެވެ. އަދި ހަނ ގޯޅި ގޯޅީގައި ދަންވަރު ގަޑީގައި ތިބުމެއްވެސް ނޫނެވެ. އެގޮތުން ރަސޫލާ ޙަދީޘް ކުރައްވަނީ:
قَالَ : رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا مَعْشَرَ الشَّبَابِ مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَنْكِحْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَا فَلْيَصُمْ فَإِنَّ الصَّوْمَ لَهُ وِجَاءٌ
މާނައަކީ: ''އޭ އެންމެހައި ޒުވާނުންނޭވެ. ކަލޭމެންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު، ކައިވެނި ކުރާށެވެ. ފަހެ އެއީ ލޯ ތިރި ކުރުމަށް އެހީވެދޭ، ފަރުޖު ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ކުޅަދާނަވެގެން ނުވާ މީހަކަށް އޮތީ ރޯދަ ހިފުމެވެ. ފަހެ އެކަމުން ޝަހުވަތްތެރިކަން ކުޑަވެއެވެ. (ރަވާހު ބުޚާރީ ، މުސްލިމް )
4- ސަންދޯކަކަށް ލުމުގެ ކުރިން ތިމާއަށް އުޅެވެނީ ކިހިނެއްތޯ ވިސްނައި، ކުރެވޭ ކަންތައް އަލުން ބަލާ މުރާޖަޢާ ކުރާށެވެ. ލިބިފައި ތިހިރަ ޒުވާން ކަމާއި ޗާލުކަން، ދެއްވި ފަރާތުގެ އަމުރުތަކަށް ޙުރުމަތްތެރިކޮށް ހިތޭ ތޯ ބަލާށެވެ. ޒުވާން ޢުމުރުގައި ބަލިވެ މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ނު ހިނގި ތިބީ ކިތައް ޒުވާނުން ހެއްޔެވެ؟ ނުފެންނަނީ ކިތައް ޒުވާނުންނަށް ހެއްޔެވެ؟ އެފަދަ މީހަކަށް ކަލޭ ނުވިކަން މައްޗަށް ޝުކުރުކޮށްބަލާށެވެ. އަދި ނަފްސު ހިސާބު ކޮށްފައި ތައުބާވާށެވެ. ކުރެވޭ ކުށަށް އޮތް ހަމަ އެކަނި ބޭހަކީ ތައުބާއެވެ.
ރަސޫލާ ޙަދީޘް ކުރައްވަނީ:
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَ فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ وَعَنْ جِسْمِهِ فِيمَ أَبْلَاهُ
މާނައަކީ: ''މީހާގެ ޢުމުރު ހޭދަ ކުރި ގޮތާއި، ލިބިފައި ހުރި ޢިލްމުގެ ބޭނުން ހިފީ ކޮން ގޮތެއްގައި ކަމާއި، މުދާ ހޯދީ ކޮން ގޮތަކުންތޯއާއި، އަދި އެ ހޭދަ ކުރީ ކޮން ކަމެއްގައިތޯއާއި ހަށިގަނޑުގެ ބާރު ދުއްވާލީ ކޮންކަމެއްގައިތޯ (ޒުވާންކަން)، ސުވާލު ކުރެވުމުގެ ކުރިން ޤިޔާމަތް ދުވަހު އަޅާގެ ފިޔަވަޅު ހުރިތަނުން ނު ހިއްލޭ ހުއްޓެވެ.'' (ރިވާ ކުރެއްވީ: އައްތިރްމިޛީ، ޤިޔާމަތް ދުވަހުގެ ސިފަ މި ބާބުގެ ޙިސާބާއި ޤިޞާޞް ބައިގައި)
5- ތެދުމަގުގައި ހިގައި އެ މަގުގައި ދެމި ހުންނާށެވެ. ކޮންމެ މީހަކަށްވެސް އެއް ދުވަހު ނަމާދު ކުރެވިދާނެއެވެ. އެއް ދުވަހު ޙަރާމް އެއްޗެއް ނުކައި ހުރެވިދާނެއެވެ. މުދަލާއި އަންހެނުންގެ ފިތުނައިގައި ނުޖެހި ހުރެވިދާނެއެވެ. ފިރިހެން ކުދިންގެ އެ ގޮތުގައި ސާބިތު ވުމެވެ. ރަސޫލާ ޙަދީޘް ކުރައްވަނީ :
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْتِي عَلَى النَّاسِ زَمَانٌ الصَّابِرُ فِيهِمْ عَلَى دِينِهِ كَالْقَابِضِ عَلَى الْجَمْرِ
މާނައަކީ: ''އަނަސްބިން މާލިކް ވިދާޅުވިއެވެ. ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އޭނާގެ ދީނުގައި ކެއްތެރިކަން މަތީ ހިފަހައްޓައިގެން ހުރުން، އަނގުރު ގަނޑެއްގައި ހިފަހައްޓައިގެން ހުރުން ފަދަ، ޒަމާނެއް މީސްތަކުންނަށް އަންނާނެއެވެ.'' (ރިވާ ކުރެއްވީ އައްތިރްމިޛީ ، ފިތުނަތައް މި ބާބުގައި)
މީގެ މާނައަކީ ފަހު ޒަމާނުގައި ނުކިޔަމަންތެރި މީހުން ގިނަ ވުމާއި، ދީން ދެކެ ލޯތްބެއް ނެތް މީހުން ޢާއްމު ވުމާއި، ފާސިޤުކަމާއި، ޙަރާމް މަގުތަކުގެ ދަޅަތައް ގިނަ ވުމުން، ނިކަން ކެތްތެރިއަކަށް ނޫނީ ދީނުގައި ސާބިތުވެ ނުހުރެވޭނެ ވާހަކައެވެ.
ޤުރުއާނުގައި ޒުވާނުން :
ޤުރުއާނުގައި މިސާލު ޖައްސަވާފައިވާ ޒުވާނުންނަކީ ސީދާ ތެދުމަގުގައި ސާބިތުވެ ތިބި، އީމާންތެރި ޞާލިޙް ޒުވާނުންތަކެކެވެ. ނުރައްކަލާ ނުވަތަ މަލާމާތާ ކުރިމަތިވިޔަސް ދީނުގައި ހިފަހައްޓައިގެން ތިބި ބައެއްގެ ގޮތުގައެވެ. މާތް ﷲ ވަޙީ ކުރައްވަނީ:
إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى* وَرَبَطْنَا عَلَى قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَنْ نَدْعُوَ مِنْ دُونِهِ إِلَهًا لَقَدْ قُلْنَا إِذًا شَطَطًا
މާނައަކީ: ''ހަމަ ކަށަވަރުން އެބައި މީހުންނީ އެބައި މީހުން ހެއްދެވި ރަސްކަލާނގެއަށް އީމާންވެ، އެ މީހުންނަށް ތިމަން ރަސްކަލާނގެ ތެދުމަގު އިތުރު ކުރައްވާފައިވާ ޒުވާނުންތަކެކެވެ. * އެ މީހުން ތެދުވެ އަންނަނިވި ބަސްތައް ބުނި ހިނދު އެ މީހުންގެ ޢަޒުމް މަތިވެރި ކުރައްވާ، އެ މީހުންގެ ހިތްތައް ތިމަން ރަސްކަލާނގެ ގަދަފަދަ ކުރެއްވީމެވެ. ތިމަންނާމެން ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާގެ އެއީ އުޑުތަކާއި ބިމުގެ ވެރި ރަސްކަލާނގެއެވެ. ތިމަންނާމެން އެކަލާނގެ ނޫން އެހެން އިލާހަކަށް އަޅިކަމެއް ނުކުރާނޫއެވެ. ތިމަންނާމެން އެހެން ފަރާތަކަށް އަޅުކަން ކޮށްފިނަމަ، ތިމަންނާމެން އޭރުން އެ ބުނީ އަނިޔާވެރިކަމާއި ކުފުރުގެ ނިހާޔަތަށް ގޮސްފައިވާ ބަހެކެވެ.''
ޤުރުއާނުގައި މިސާލު ޖައްސަވާފައިވާ ޒުވާނުންނަކީ ޝަހުވަތްތެރިކަމުގެ ކުރިމަތީގައި، ބަލިކަށި ނުވާ މީހުންނެވެ. ނުބައި ކަންތަކަށް މަގުފަހިވެފައި އޮތަސް އެ ޒުވާނުންގެ ބަހަކަށް ވާނީ ''އަޢޫޛް ބިއްﷲ'' އެވެ. ނިކަން ޔޫސުފް ސޫރަތުގެ 23 ވަނަ އާޔަތް ބަލާލަ ބަލާށެވެ. ޔޫސުފްގެ ފާނުގެ ތެދުވެރިކަމާއި އީމާންކަން ވަރުގަދަކަން ދެކި ޢިބްރަތް ލިބިގަންނާށެވެ. ބުއްދިވެރިންނަކީ ޢިބްރަތް ލިބިގަންނަ މީހުންނެވެ.
وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَنْ نَفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ قَالَ مَعَاذَ اللَّهِ إِنَّهُ رَبِّي أَحْسَنَ مَثْوَايَ إِنَّهُ لَا يُفْلِحُ الظَّالِمُونَ
މާނައަކީ: '' ދެން އެކަލޭގެފާނު (ޔޫސުފްގެފާނު)، އެ ކަނބުލޭގެ ގޭގައި ހުންނެވި އަންހެނާ (ޒުލައިޚާ)، މަކަރުން އެ ކަލޭގެފާނު އެ ކަނބުލޭގެ ޝަހުވަތުގެ އެދުމަށް އަތުލަން އުޅުނެވެ. އަދި ދޮރުތައް ލައްޕައި އެ ކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު ތިމަންނާގެ ގާތަށް ވަޑައިގަންނަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަކަމުން ދުރުކުރެއްވުމަށް މާތްﷲގެ ކިބަފުޅުން އެދެމެވެ. ޚިޔާނާތްތެރިވާން ކަނބުލޭގެ ތިޔަ އެދޭ މީހާ އެއީ، ތިމަންކަލޭގެފާނުގެ ސާހިބާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ މާތް ރަނގަޅު ގޮތުގައެވެ. ފަހެ އަނިޔާވެރި ފާފަ ކުރާ މީހާއަށް މޮޅުކަމެއް ނުލިބޭ ހުއްޓެވެ.''
ބުރު ސޫރަ ރިވެތިކަމުގެ ދެވަނައެއް ނެތްފަދަ، ރީތިކަމެއް މާތް ﷲ ވަނީ ޔޫސުފަށް ދެއްވާފައެވެ. ފާޙިޝްކަމަކަށް އެދުނު އަންހެނާއަކީ، މުއްސަނދި ޗާލު މީހެކެވެ. ޔޫސުފަކީ ގެންގުޅޭ އަޅެކެވެ. ދަޢުވަތު ދިނީ ސާހިބާއެވެ. ދޮރުތައް ލައްޕައިގަތެވެ. ނަމަވެސް ޔޫސުފްގެފާނު ބެއްލެވީ ވަގުތީ އުފަލަކަށް ނޫނެވެ. ބެއްލެވީ ﷲގެ ރުއްސެވުން ލިބޭނެ ގޮތަށެވެ. ޒުވާންކަން ހޭދަ ކުރެއްވީ، ޝަހުވަތުގެ އަޅުދާސްތުވެގެނެއް ނޫނެވެ. އަޅުކަމުގައެވެ. ދީނަށް ގޮވައިލުމުގައެވެ.
މި ވާހަކައިގައި ޔޫސުފްގެފާނު، މި ނުބައި ފާޙިޝް ޢަމަލު ހަމައެކަނި، އިންކާރު ކުރެއްވީއެއްވެސް ނޫނެވެ. ކިއެއްތަ ؟ ވިދާޅުވީ، ތިމަން ކަލޭގެފާނު ޖަލަށް ވަނުންވެސް ތިޔަ ކަމަށްވުރެ ލޯބި ކުރާކަމަށެވެ.
ޤުރުއާނުގައި މިސާލު ޖައްސަވާފައިވާ ޒުވާނުންނަކީ ޤުރުބާންވާން ތައްޔާރަށް ތިބިބައެކެވެ. ﷲ އެންގެވި ކޮންމެ ކަމަކަށް ވަގުތުން ބޯ ލަނބައިގެން ތިބި ބައެކެވެ. މައިންބަފައިންނަށް ކިޔަމަންތެރި ބައެކެވެ. ނިކަން ސޫރަތުއް ޞާއްފާތިގެ 102 ވަނަ އާޔަތް ބަލައިލަ ބަލާށެވެ.
މާނައަކީ: ''ދެން އެ ދަރިކަލުން (އިސްމާޢީލްގެފާނު) އެކަލޭގެފާނުގެ (އިބްރާހީމްގެފާނު) އަރިއަހުގައި މަސައްކަތްކުރައްވާ ފުރާވަރަށް އައި ހިނދު އިބްރާހީމްގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ. އަހަރެން ކަލޭ ޤުރުބާން ކުރާތީ ހުވަފެނުގައި ފެނިއްޖެއެވެ. ކަލެއަށް އެކަމާމެދުގައި ފެންނަ ގޮތެއް ވިސްނާ ބަލާށެވެ. އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާފުޅާއެވެ. ކަލޭގެފާނަށް އަމުރުވެވޭ ކަންތައް ކުރައްވާށެވެ. މާތްﷲގެ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުވަނީ ކެއް ކުރާ މީހުންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ.''
އިސްމާޢީލްގެފާނު އެކަލޭގެފާނުގެ ޒުވާންކަމާއި، ޒުވާންކަމުގެ ފޮނި ހުވަފެންތަކާއި، ކައިވެންޏާއި، މަސައްކަތާއި، މުސްތަޤްބަލް ބޭއްވީ ޤުރުބާން ކުރެވޭ ތަނުގައެވެ. ފަހަރެއްގައިވެސް ބަހަނާތަކެއް، ފަސް ޖެހުމެއް، ކިއެއްތަ ނުރުހުމުގެ ގޮތުން ޗުއްޕެއްވެސް ވިދާޅު ނުވެއެވެ.
ޤުރުއާނުގައި މިސާލު ޖައްސަވާފައިވާ ޒުވާނުންނަކީ، ނުބައިކަންތައް ތަކުން މީހުން އެކަހެރިވުމަށް ގޮވާލާ ޒުވާނުންނެވެ. ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލާ ޒުވާނުންނެވެ. ކާބަފައިން ނުވަތަ ރައްޓެހިން ނުވަތަ މުޖުތަމަޢުގެ ބަޔަކު މީހުން އަނދރިރި ކަމާއި، މަގުފުރެދުމުގައި ތިއްބަސް އެއީ ތިމަންނަ އުޅެންވީ ގޮތް ނޫންކަން ދަންނަ ޒުވާނުންނެވެ. މީގެ މިސާލަކީ އިބްރާހީމްގެފާނެވެ.
އިބްރާހީމްގެފާނުގެ ބައްޕައަކީ ބުދަށް އަޅުކަން ކުރާ ބުދު ހަދާ މީހެކެވެ. ނަމަވެސް އިބްރާހީމްގެފާނު އެކަމުގައި ބައިވެރިވެ ނުލައްވައެވެ. ކިއެއްތަ ކަނޑައެޅިގެން އެކަން އިންކާރު ކުރެއްވިއެވެ. އަދި އެ ޤައުމުގެ މީހުންނަށް ހުއްޖަތާއި ދަލީލި ދައްކައިގެން، ތެދުމަގު ދެއްކެވޭތޯ އިންތަހާއަށް މަސައްކަތް ކުރެއްވިއެވެ.
އަހަރެމެންގެ އުޅުމާ ސުލޫކު، މި މިސާލުތަކާ އެއް ގޮތް ވަނީ ކިހާ ވަރަކަށް ހެއްޔެވެ؟ މާކުސް ދެންޏާ އަހަރެމެންނަށް ލިބޭނީ ސަތޭކައަކުން އެކެއް ހެއްޔެވެ؟ ދޭއް ހެއްޔެވެ؟ އެންމެން އެއް ގޮތެއް ނޫނެވެ. މަތިން ލިބޭ މީހުންނާއި ދަށުން ލިބޭ މީހުން ތިބޭނެ ކަމީ އެނގިފާޅު ކަމެކެވެ. އާއެކެވެ. އެއީ ނަބީ ފަހު ތިން މިސާލުގައި ވަނީ ނަބީ ބޭކަލުންނެވެ. އެއީ މަޢްޞޫމް ބޭކަލުންނެވެ. އެހެން ނަމަވެސް އެ މިސާލުތަކަކީ އެއީ އަހަރެމެން ތަބާވާން ޖެހޭ މިސާލުތަކެވެ. ނަމޫނާއަކަށް ބަލަން ޖެހެނީ އެ ބޭފުޅުންނެވެ. ހެޔޮ މިސާލަކީ އެއީއެވެ. ހެޔޮ ނަމޫނާއަކީ އެއީއެވެ. ހެޔޮ މަގަކީ އެއީއެވެ. އަދި ހެޔޮ ނިމުން އޮތީ އެ ގޮތުގައެވެ.
ސިޔަރަތުގައި ޒުވާނުން :
* ރަސޫލާ ޙަދީޘް ކުރައްވާފައިވަނ: أوْصِيْكم بِالشَّباب خيْرا فإنهم أرَق أفْئِدَة، ألاَ وَإنَّ الله بَعَثنِي بِالحَنِيفية السَمْحَة فَحَالفَنِي الشَّبَاب وَخَالفَنِي الشُّيوخَ
މާނައަކީ: ''ޒުވާނުންނަށް ހެޔޮކޮށް ހިތުމަށް އަހަރަން ވަޞިއްޔަތް ކުރަމެވެ. ފަހެ އެ މީހުން އެ ނުން މީހުންނަށްވުރެ ހިތްހެވެއެވެ. ހަމަ ކަށަވަރުން މާތް ﷲ އަހަރެން ފޮނުއްވީ، ފަސޭހަވެގެންވާ އިސްލާމްދީނާއިގެންނެވެ. އަހަރެންނާއި އެއްބައި ވީ ޒުވާނުންނެވެ. އަދި ޚިލާފުވެގަތީ މުސްކުޅިންނެވެ.''
އާދެ! އަބޫބަކުރުގެފާނު އިސްލާމްވެ ވަޑައިގަތީ 37 އަހަރުފުޅުގައެވެ. ޢުމަރުގެފާނު އިސްލާމްވެ ވަޑައިގަތީ 31 އަހަރުފުޅުގައެވެ. ޢުޘްމާނުގެފާނު އިސްލާމްވެ ވަޑައިގަތީ 35 އަހަރުފުޅުގައެވެ. ޢަލީގެފާނު އިސްލާމްވެވަޑައިގަތީ އަހަރުފުޅުގައެވެ.
ޒުވާނުންގެ ނަމޫނާ:
މުސްލިމް ޒުވާނުންގެ ޤުދުވާއަކީ ފިލްމީ ތަރިންނާއި ލަވަ ކިއުންތެރިން ކަމުގައި ވާހާ ދުވަހަކު މުސްލިމުންނަށް ކުރި އެރުމެއް ލިބުން ނެތެވެ. މުސްލިމް ޒުވާނުންގެ އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު އަނބުރާ ނުގެންނަހާ ދުވަހަކު، މި އުންމަތް ފައި މައްޗަށް ތެދުވާނެ ދުވަހެއް ނާންނާނެއެވެ.
ޒުވާނުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ނަމޫނާއަކީ، ހުޅަނގު ކަމުގައި ބަލާހާ ދުވަހަކު އަހަރެމެން ތިބެން ޖެހޭނީ އެ މީހުންގެ ކުރިމަތީގައި 'ކުޑަ' ވެގެންނެވެ. އެ މީހުން ނަކަލު ކުރީމާ، އެ މީހުންގެ މީހަކަށް ވެވުނީކަމަށް ހީ ނުކުރައްޗެވެ. ކައިރީގައި ހުންނަ އިރު ވިލާތު މީހާ ކަލެއާ ހިތް ހެޔޮކޮށް ވާހަކަ ދެއްކިއަސް، ނަކަލު ކުރާ މީހުންނަށް، އެމީހުންވެސް އިޙްތިރާމެއް ނުކުރާނެއެވެ. އެއީ އަމިއްލަ ނަފްސަށް އިޙްތިރާމް ނުކުރާ މީހަކަށް އެހެން މީހުންވެސް އިޙްތިރާމް ނުކުރާނެތީއެވެ.
އަހަރެމެންނަކީ މުސްލިމުންގެ ގޮތުގައި ތިބޭ ބައެއްވިއްޔާ، ނަމޫނާއަކަށް ބަލަން ޖެހޭނީ އެންމެ ހެޔޮ ނަމޫނާ، އެންމެ މާތް އިންސާނާ، އެންމެ އަޚްލާޤު މަތިވެރި މީހާ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު މުޙައްމު ރަސޫލުއްﷲ އެވެ. އަހަރެމެންނަށް ފޮނުއްވުނު ރަސޫލާ މުޙައްމަދު ބިން ޢަބްދުއްﷲ އަކީ، އެކަލޭގެފާނުގެ ތުއްޕުޅު އިރުވެސް ނަމޫނާއެކެވެ. ފުރާވަރު ޢުމުރުފުޅުގައިވެސް ނަމޫނާއެކެވެ.
ޒުވާން ޢުމުރުފުޅާއި މުސްކުޅި ޢުމުރުފުޅުގައިވެސް ނަމޫނާއެކެވެ. ހަމަ އެހެންމެ އެ ކަލޭގެފާނަކީ، ކެތްތެރި ކަމާއި، ސާބިތުކަން، ތެދުވެރިކަމާއި އަމާނާތްތެރިކަން، ޢާއްމު ދިރިއުޅުވުމުގައްޔާއި ޚާއްޞަ ދިރިއުޅުއްވުމުގައި، އިޖްތިމާޢީ ގުޅުންތަކުގައްޔާއި ސިޔާސީ ގުޅުންތަކުގައި، ހަނގުރާމައިގެ ވަގުތާއި ޞުލްޙައިގެ ވަގުތުގައި، އުފާފުޅާއި ހިތާމަފުޅުގައި ވެސް ނަމޫނާއެކެވެ.
ރަސޫލާގެ ޙަޔާތްޕުޅުގެ ކޮންމެ ޞަފްޙާއަކީ ނަމޫނާއެކެވެ. އުފަންވެވަޑައިގަތުމުގެ ކުރިން، ބައްޕާފުޅު އަވަހާރަވެ، ތުއްޕުޅު އިރު މަންމާފުޅު އަވަހާރަވެ، ވިޔަފާރި ކުރައްވައި، ޒުވާން ޢުމުރުފުޅުގައި ކައިވެނި ބައްލަވައިގަނެ، ބޮޑުބޭބެއެއްގެ ރައްކާތެރިކަން ލިބިވަޑައިގަނެ، ތިމާގެ މީހުންގެ ޢަދާވާތްތެރިކަން ލިބިވަޑައިގަނެ، ރަށުން ނެރެލެވި، ނުދަންނަ ބައެއްގެ ހިމާޔަތް ލިބިވަޑައިގަނެ، އިސްލާމީ އުންމަތުގެ ބިންގާ އަޅުއްވައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އެ ދީން ފެތުރިގެން ދިޔަ ބޭފުޅަކީ، މާތް ނަބިއްޔާއެވެ.
ވީމާ ކުޑަ ކުއްޖަކު ނަމޫނާއަކަށް ބަލަން ބޭނުމިއްޔާ އެނބުރެންވީ ކީރިތި ރަސޫލާއަށެވެ. ޒުވާނުންނާއި މުސްކުޅިންވެސް ހެޔޮ ނަމޫނާއެއް ހޯދަން ބޭނުމިއްޔާ ރަސޫލާގެ ސިޔަރަތުން އެކަން ނަގާށެވެ. އަނބިންނާއި ފިރިން، އުފާވެރި ދިރިއުޅުމެއް ހޯދަން ބޭނުމިއްޔާ ބަލަންވީ ރަސޫލާގެ ކައިވެނީގެ ޙަޔާތްޕުޅަށެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ހޯދަން ބޭނުން މީހަކު ތަބާވާން ޖެހޭ ހަމައެކަނި މީހަކީ ކީރިތި ރަސޫލާއެވެ.
ރަނގަޅު ނޫން ވިސްނުންތައް:
ބައެއް ޒުވާނުން ހީ ކުރާ ގޮތުގައި ޒުވާން ކަމަކީ ހައްދެއް ނެތް މިނިވަން ކަމެވެ. ހަވާ ނަފުސަށް ތަބާވުމެވެ. އަޅުކަންތައް ދޫކޮށްލުމެވެ. ހުކުރު ދުވަހު ނޫނީ ސަޖިދައެއް ނުކުރުމެވެ. މީހުންނަށް އުނދަގޫ ކުރަމުން، އަންހެނުންނާއި ބެހެމުން މަގުތަކަށް ގިނަވެފައި ތިބުމެވެ. ނޫނީ މީހުންގެ ސަމާލުކަން ލިބޭނެ، ވީހާވެސް 'ރީތި' ހެދުމެއް ލައިގެން މަގުގެ އެއްކޮޅު ހުސްވީމައި އެނބުރިލާފައި އަނެއް ކޮޅަށް ހިނގައިގަތުމެވެ.
ހިންދީ ފިލްމާއި ސިލްސިލާ ފިލްމުތަކުން ފެންނަ ލޯބީގެ ފޮނި ވާހަކަތަކާއި، އިނގިރޭސި ކޮލެޖް ފިލްމުތަކުގައި އުޅޭ ޒުވާނުން އެ އުޅޭ މިނިވަން ކަމާއި، މަސްއޫލިއްޔަތު ކުޑަކަމާއި، ކަންކަމާމެދު އަޅާލާ އަޅާލުން ކުޑަކަން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ބައެއް ޒުވާނުންނަށް ހީވެއެވެ. ނަމަވެސް ޙަޤީޤަތަކީ އެ ފިލްމުތަކުގައި އެ ދައްކަނީ އެއީ މަދު ބައެއްގެ ދިރިއުޅުމެވެ. އެންމެން އެހެން އުޅޭނަމަ، އެ މީހުންނަށް މިއަދު ދުނިޔޭގެ އެންމެ ބޮޑު އެއް ސޮފްޓްވެއާރ އިންޑަސްޓްރީ އާއި ހަނަދަކަށް ދިއުމުގެ މަޤާމް ނުލިބުނީހެވެ.
ގޯސް ކޮންމެ ކަމެއް ކޮށްފައި ބައެއް ޒުވާނުން ބުނާ އަޖާއިބުވެ އަންތަރީސްވާ ވަރުގެ ވާހަކައެއް އޮވެއެވެ. އެއީ ''ކާށިކެވޭނީ ދަތް ހުންނަ އިރު'' ކަމަށެވެ. މިފަދަ ޒުވާނުން ދެކޭ ގޮތުގައި، ކުޑައިރު ނުކުރެވުނު ނުލަފާ ކަންތަކާއި، މުސްކުޅިވެ ވަރު ދެރެވީމައި ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ޒުވާން އިރު ކޮށްލަން ޖެހޭނެއެވެ. މީހަކާއި އިނީމައި ބޭނުން ގޮތަކަށް އަންހެން/ ފިރިހެނުންނާ އެކީ ނުއުޅެވޭނެތީވެ، މިނިވަންކަމާ އެކީ އުޅޭ ދުަވަސްވަރަކީވެސް ޒުވާން ޢުމުރެވެ.
ޔުނިފޯމާއި އެކު ދިގުކުރުން މަނާ ދިގުކޮށް، ކުލަ ޖެއްސުން މަނާ އިސްތަށި ގަނޑު ކުލަ ޖައްސާލަން ލިބޭ ފުރުސަތަކީވެސް ޒުވާން އިރެވެ. ނަމާދު ކުރާނީވެސް ފަހުންނެވެ. ދޮގޮ ހެދުން ހުއްޓާލާނީވެސް ފަހުންނެވެ. މަސްތުވާތަކެތިވެސް ކުޑަކޮށް ބޭނުން ކޮށްލުން އެއީ ޒުވާން ކަމުގެ ޖޯޝަށް ލިބޭ ފުރިހަމަ ކަމެކެވެ. ރޭގަނޑު ގެއަށް ނާންނަނީވެސް ޒުވާނަކަށް ވީމައެވެ. އަނގައިން ހަޑި ހުތުރު އެއްޗެހި ކިޔަނީވެސް ޒުވާނަކަށް ވީމައެވެ. އަބަދުވެސް ނެށިނެށި ލަވައެއް ކިޔާލަ ކިޔާލަ ހުރެވެނީވެސް ޒުވާނަކަށް ވީމައެވެ. މުސްކުޅިވީމާ ޙައްޖަށް ދާނީއެވެ!
ޒުވާން މުސްލިމް ބައެއް ނަމޫނާތައް:
ޤުސްޠަންޠީނިއްޔާ ފަތަޙަ ކުރި މުޙައްމަދު ފާތިޙް، އެތަން ފަތަޙަ ކުރުމުގެ ހުވަފެން ދެކެންފެށީ، އެ ބޭފުޅާ ތުއްޕުޅު އިރު ކިޔަވައިދިން އުސްތާޛެއް، ފަހު ޒަމާނުގައި ޤުސްޠަންޠީނިއްޔާ ފަތަޙަ ކުރާނެ އަމީރެއްގެ ވާހަކަ އޮންނަ، ރަސޫލާގެ ޙަދީޘެއް ކިޔައި ދީފައި، މުޙައްމަދުލް ފާތިޙް އެއީ އެ އަމީރަށް ނުވާންވީ ވަކި ކީއްވެހޭ ސުވާލު ކުރުމުންނެވެ.
އެ ވަގުތުން ފަށިގެން ކުޑަ ކުޑަ މުޙައްމަދުގެ ހިތްޕުޅުގައި ޤުސްޠަންޠީނިއްޔާ ފަތަޙަ ކުރުމުގެ ޝައުޤު އުފެދުނެވެ. އަދި އެއީ ޙަޔާތުގެ ލަނޑު ދަނޑި ކަމަށް ނިންމިއެވެ. ޞަޙާބީންނާ، ބޮޑެތި ބޮޑެތި ޢަސްކަރީ ޤާއިދުންނަށް ނުކުރެވިފައިއޮތް ކަމެއް، ޢުމުރުން އެންމެ 21 އަހަރުގައި މުޙައްމަދު ކުރެއްވިއެވެ. އާދެ ޤުސްޠަންޠީނިއްޔާ ފަތަޙަ ކުރައްވައި މުޙައްމަދުލް ފާތިޙްގެ ލަޤަބު ހޯއްދެވިއެވެ.
އިމާމް ބުޚާރީ، އަސްލު ނަމުން ބުނާނަމަ މުޙައްމަދު ބިން އިސްމާޢީލް ، ޞަޙީޙް ބުޚާރީ ލިއުއްވަން ފެއްޓެވީ ޢުމުރުން އެންމެ 21 އަހަރުފުޅުގައެވެ. ހުވަފެނެއްގައި މުޙައްމަދު ބިން އިސްމާޢީލް އަށް ފެނުނީ، ރަސޫލާ ފައިންޕުޅު އަޅުއްވަމުން ދިޔަ ތަނުގައި އަމިއްލަ ފިޔަވަޅު އަޅަމުން ފަހަތުން ދިޔަތަނެވެ. އަދި މި ހުވަފެނުގެ ތަފްސީރަކީ ކޮބައިތޯ އުސްތާޛު އަރިއަހުން އެއްސެވުމުން، ޞަޙީޙް ޙަދީޘާއި އެ ނޫން ޙަދީޘް ވަކިކޮށްފައި ލިޔެ، ސުންނަތަށް ޚިދުމަތް ކުރާނެ މީހަކު ވާނެނަމަ ކިހާ ރަނގަޅުތޯ އުސްތާޛް ވިދާޅުވިއެވެ. އެހިނދު ބުޚާރީ ވިދާޅުވީ ''އެއީ އަހަރެން'' ކަމުގައެވެ. އަދި ޤުރުއާނަށް ފަހު އެންމެ ޞައްޙަކަން ބޮޑު ފޮތް ލިޔެ ޖަމާ ކުރެއްވިއެވެ.
ޚައިބަރުގެ ކިއްލާތައް ފަތަޙަ ކުރި ލަޝްކަރުގެ ދިދަ އުފުއްލެވީ، ޢުމުރުން ހަނގު ނަމަވެސް އީމާންކަން ގަދަ ، ﷲ އެ ބޭފުޅެއްދެކެ ލޯބިވެވޮޑިގަންނަވާ، އަދި އެބޭފުޅެއް ﷲ ދެކެ ލޯބިވާ ކަމަށް ރަސޫލާ ޙަދީޘް ކުރެއްވި ޢަލީގެފާނެވެ.
ތަރުޖަމާނުލް ޤުރުއާންގެ މަތިވެރޮ ލަޤަބު ލިބިވަޑައިގަތީ، ޒުވާން އިބްނު ޢައްބާސަށެވެ. ކީރިތި ޤުރުއާން އެއްކޮށް ޖަމާ ކުރެއްވުމުގެއި ބުރަކޮށް އުޅުއްވީ ޒުވާން ޒައިދްބިން ޘާބިތުއެވެ. ސައިފުލް އިސްލާމް ޚާލިދު ބިން އަލްވަލީދް ކޮބައި ހެއްޔެވެ؟
ރަސޫލާ ހިޖުރަ ކުރެއްވި ސަވާރީ ތައްޔާރު ކޮށްދެއްވައި، ސުފުރާ ތައްޔާރު ކުރައްވައި، ރުޅި އައިސްފައި ހުރި އަބޫޖަހުލުގެ އެކަމަނާގެ މޫނުފުޅުގައި ޖެހީމައިވެސް ، ރަސޫލާ އާއި އަބޫބަކުރު ވަޑައިގެންނެވި ތަނެއް ވިދާޅު ނުވި، އަސްމާ ބިންތު އަބީބަކުރު އެއީ ޒުވާނުންނަށް ހުރި މިސާލެކެވެ.
އުއްމުލް މުއުމިނީން ޢާއިޝާ އެއީ، ޒުވާނުންނަށް ހުރި ނަމޫނާއެކެވެ. އެ ކަމަނާއާއި ބެހޭ ގޮތުން އިތުރު ވާހަކައެއް ނުލިއުނަސް ފުދެއެވެ.
މިއީ ހަމަ މިސާލެކެވެ. މިތާގައި ގެނެސް ދެވިފައި މިވަނީ ހުރިހާ އެންމެންނެއް ނޫނެވެ. ޞަޙީބީން، ތާބިޢީން، އަދި އޭގެ ފަހުގެ ދުވަސްތަކުގައި، އަދި މިއަދުވެސް ރަނގަޅު ޒުވާނުން އެބަތިއްބެވެ. ހުރިހާ ޤައުމުތަކެއްގައި ހުރިހާ ރަށެއްގައިވެސް އެބަތިއްބެވެ. ޞާލިޙް، ޢިލްމުވެރި މީހުން އެބަތިއްބެވެ. މައްސަލައަކީ، މުޖްތަމަޢެއް ބިނާ ކުރެވޭ ވަރަށް އެ މީހުން ގިނަ ނޫނީއެވެ.
ކުރުކޮށް:
* އިންސާނާގެ ކަޑައްތުކުރާ، ތަފާތު ޢުމުރު މަރުޙަލާތަކުގެ ތެރެއިން އެންމެ އަގު ހުރި އަދި އެންމެ ނިޢްމަތް ބޮޑު ޢުމުރަކީ ޒުވާން ޢުމުރުކަން އެނގޭ އެއްކަމަކީ، ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީވެސް ޒުވާން ޢުމުރަށް ވުމެވެ. އަދި ހުރިހާ ޙޫރުލްޢީނުންވެސް ތިއްބަވަނީ އެންމެން އެއް ޢުމުރެއްގައެވެ. މިކަމަށް އިޝާރާތް ކުރައްވާފައިވާ އެއް އާޔަތަކީ އަލްވާޤިޢަތު ސޫރަތުގެ 35-36 ވަނަ އާޔަތެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެ ކަނބަލުން ތިއްބަވަނީ 33 އަހަރުގައެވެ.
* ކައްޗަށް އެޅުނު ބިންގާ ކެއްޗާ ހަމައަށް ދިޔައަސް ތެދެއް ނުވާނެ.
* ޒުވާން ޢުމުރު މަގު ނާޅައި، ހެޔޮ ގޮތުގައި ކަޑައްތު ކުރެވިއްޖެއްޔާ އޭނާގެ މުސްޤްބަލުގެ ދެން ބާކީ އޮތް ބައި އަމާން ކަމުގެ އައްސޭރިއަކަށް ގެންދެވިދެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
* ހިތްވަރުގަދަ، ރަސޫލާ ދެކެ ލޯބިވާ، ދީނަށް ޣީރަތްތެރި އެހެން މިސާލެއް ބުނެލާނަމެވެ. މިވާހަކަ އަކީ ޢަބްދުއްރަޙްމާން ބިން ޢައުފް ރިވާކުރެއްވި، ޞަޙީޙް ބުޚާރީގެ ''ޚުމްސު ފަރުޟު ކުރެވުން'' މި ބާބުގައި އައިސްފައިވާ ޙަދީޘެކެވެ.
ބަދުރު ހަނގުރާމައިގެ ސަފުގައި ޢަބްދުއްރަޙްމާން ބިން ޢައުފް ހުނަނަވަނިކޮށް، ހަށިގަނޑު ވަރުގަ ދެ ޒުވާނަކު ކައިރިވެލާފައި، މުޝްރިކުންގެ ތެރެއިން އަބޫޖަހުލު ކޮބައިތޯ ސުވާލު ކުރިއެވެ. ދެން އެއީ ކޮން ބޭނުމަކަށްތޯ ޢަބްދުއްރަޙްމާން ބިން ޢައުފް ސުވާލު ކުރެއްވުން ވިދާޅުވީ، އަބޫ ޖަހުލު ކީރިތި ރަސޫލާއަށް ހަޑިއެއްޗެހި ކިޔާވާހަކަ އަޑު އެހި ކަމަށާއި، އެހެންވީމާ ހަނގުރާމައިގައި އަބޫ ޖަހުލު ފެނިއްޖެނަމަ، އަމިއްލަ ފުރާނަ ހުރިހާ ހިނދަކު އޭނާ މަރާ ނުލާ ދޫ ނުކޮށްލާނެކަމަށް ހުވާ ކުރިއެވެ. ދެން އެހެން ޒުވާނަކުވެސް މިފަދައިން ސުވާލު ކުރިއެވެ. އަދި ހަމަ މިފަދައިން ޖަވާބު ދިނެވެ.
ކޮންމެ އަކަސް ޢަބްދުއްރަޙްމާން ބިން ޢައުފް، އަބޫ ޖަހުލު އެހެރީ ކަމަށް ވިދާޅުވެ ދެއްކުމުން، މި ދެ ޒުވާނުން ދިޔަ ގޮތަށް ގޮސް އަބޫޖަހުލަށް ހަމަލާދީ މަރައިލިއެވެ. މި އުއްމަތުގެ ފިރުޢައުނު މަރާލީ ޅަ ފުރައިގެ ނަމަވެސް ހިތްވަރުގަދަ އީމާންކަން ގަދަ، ދެ ޒުވާނުންނެވެ. އެއީ މުޢާޛް ބިން ޢަފްރާއު އާއި މުޢާޛް ބިން ޢަމްރޫ ބިން އަލްޖަމޫޙްއެވެ.
* ރަބީޢް ބިން ޚުޘައިމްގެ އަޅުވެރިކަމާ ތަޤުވާވެރިކަމާ ހެދި މުޝްރިކުންނަށް ކަންބޮޑުވެގެން އޭނާގެ އީމާންކަން ގުޑުވާލާނެ މޮޅު ގޮތެއް ހޯދިއެވެ. ފިރިހެނެއްގެ ހިތް އެންމެ ފަސޭހަކޮށް ތަޅުވާލެވޭނީ އަންހެނެއްގެ ބޭނުންކޮށްގެން ކަން އެނގޭތީ، މުޝްރިކުންގެ ތެރެއިން ރީތި ކަމަށް މިސާލުޖެހޭ، އެންމެގެ ހުވަފެނެއް ކަމުގައިވާ އަންހެނަކަށް ފައިސާދީގެން، އޭނާގެ ދަންތުރައިގައި ރަބީޢު ޖެއްސުމަށް ހަމަ ޖެހުނެވެ.
އަދި މި އަންހެން މީހާ، ރަބީޢް އެކަނި ދަނިކޮށް އޭނާގެ ޖާދޫ ދެއްކުމުން ރަބީޢް ވިދާޅުވީ ކީކޭތޯއެވެ؟ ވިދާޅުވީ ކަލޭ މަރު ވުމަށްފަހު ތި ރީތި މޫނު ވެއްޔަށް ވެގެންދާ އިރު ހަދާނީ ކިހިނެއްހެއްޔެވެ؟ ކައްވަޅުގައި ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ޤަބުރުގައި ތި ރީތި ލޯ، ފަނިތައް އައިސް ކާލާއިރު ވާނީ ކިހިނެއްހެއްޔެވެ؟ އެންމެފަހުން ސިހުރު ސިހުރުވެރިއާއަށް ޖެހެއޭ ބުނާ އުސޫލުން، މި އަންހެން މީހާ ރޮވެ ކުރެވުނު ކަންތަކަށް ހިތާމަކުރިއެވެ.
0 comments:
Post a Comment