ކީރިތި ރަސޫލާގެ ޒަމާނުއްސުރެވެސް ބަޤީޢް އަކީ މުސްލިމުންގެ ހިތާއި ސިނކުޑީގައި ޚާއްޞަ މަޤާމެއް ދެވިފައިވާ އިޙްތިރާމް ކުރެވޭ ތަނެކެވެ. އެއީ، އިސްލާމީ އުއްމަތަށް ގިނަ ގުނަ ޚިދުމަތްތަކާއި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ އެތައް ބޭފުޅުންތަކެއް އެތާގައި ފަސްދާނުލެވިފައިވާތީއެވެ. އެގޮތުން މި ތަން ވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުން ޙައްޖަށް ދާ މީހުންނާއި ޙިޖާޒު ކަރައިގެ މީހުންވެސް ޒިޔާރަތް ކުރަން ނުހަނު އެދޭ މުޤައްދަސް ދަރަޖައެއް ދެވިފައިވާ ތަނެކަށެވެ.
"އަލްބަޤީޢް" ނުވަތަ ބަޤީޢް އަކީ، ކީރިތި ރަސޫލާގެ ޒަމާނުއްސުރެ މަދީނާގެ މީހުން މަރުވުން ވަޅުލެވޭ ޤަބުރުސްތާނެވެ. އަދި މިއީ މިހާރު މަސްޖިދުއް ނަބަވީ އާއި އެންމެ ކައިރީގައި ހުރި ތާރީޚީ (ކީރިތި ރަސޫލާގެ ޒަމާނުއްސުރެ ބޭނުން ކުރި) ތަނަކީވެސް މިއީއެވެ. މި ތަން އޮންނަނީ މަސްޖިދުއް ނަބަވީގެ ދެކުނު ފަރާތުގެ ފާރާއި ދިމާއަށް ވާ ފަރާތުގައެވެ.
މި މަޤްބަރާ ފުޅާ ކުރުމުގެ ގޮތުން ކައިރީގައިވާ އެހެން ހުސް ބިންތަކެއްވެސް ވަނީ ތާރީޚީ މަޤްބަރާ ތެރެއަށް ވެއްދިފައެވެ. އަދި ވަށައިގެން ސަންގުމަރުމަރު ހިލަ ޖަހާފައިވާ އުސްފާރެއްވެސް ލެވިފައިވެއެވެ. މިހާރު މިތަނުގެ ބޮޑުމިނުގައި ސަތޭކަ އައްޑިހަ ހާސް އަކަ މީޓަރު ހުރެއެވެ.
ބަޤީޢްގައި މަދީނާގެ އެތަކެއް ހާސް ބަޔަކު ވަޅުލެވިފައިވެއެވެ. އަދި އެތަނަށް ޒިޔާރަށް ކުރާ މީހުންނާއި ކައިރި ހިސާބުތަކުގެ މީހުންވެސް މި މަޤްބަރާގައި ވަޅުލެވިފައިެވެއެވެ. ލިސްޓުގެ އެންމެ ކުރީގައި ވަނީ ﷲ ރުއްސުން ލެއްވި ޞަޙާބީންނެވެ. ބުނެވޭ ގޮތުގައި މި މަޤްބަރާގައި ދިހަ ހާހެއްހާ ޞަޙާބީން ފަސްދާނު ލެވިފައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ އަނބިކަނބަލުންގެ ތެރެއިން، އުއްމުލް މުއުމިނީން ޚަދީޖަތުގެފާނާއި އުއްމުލް މުއުމިނީން މައިމޫނާގެފާނު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުން ވެސް ފަސްދާނުލެވިފައިވަނީ މިތާނގައެވެ.
ހަމަ އެހެންމެ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ ދަރިކަނބަލުން ފާޠިމަތުއް ޒަހްރާ، ދަރިކަލުން އިބްރާހީމް، ބޮޑުބޭބޭފުޅު ޢައްބާސްގެފާނު، ބޮޑު ދައިތާފުޅު ޞަފިއްޔާ، ކާފަ ދަރިކަލުން ޙަސަންގެފާނު ހިމެނިވަޑައިގަންނަވައެވެ.
ތާރީޚީ މަޞްދަރުތައް ބުނާ ގޮތުން މި މާތް ބިމުގައި އެންމެ ފުރަތަމަ ފަސްދާނުލެވުނީ، މާތް ޞަޙާބީ ބޭކަލެއް ކަމުގައިވާ ޢުޘްމާން ބިން މަޡްޢޫން އެވެ. އޭނާ ފަސްދާނުލެއްވުމުގައި ސީދާ ކީރިތި ރަސޫލާ ބައިވެރިވެވަޑައިގަތެވެ. އޭރު އަތަނަކީ ގަސްތަކެއް ހުރި ބަގީޗާއެއް ކަމަށް ވެއެވެ. ދެން މިއަށް ފަހު ކީރިތި ރަސޫލާގެ ދަރިކަލުން އިބްރާހީމް ވެސް ފަސްދާނުލެވުނީ މިތާގައެވެ. އޭގެ ފަހުން މުސްލިމުން އެންމެންވެސް އެތާގައި މީހުން ފަސްދާނުލާން ސަމާލުކަން ދިނެވެ. އެ ގޮތުން ބިން ތަނަވަސް ކުރުމުގެ ގޮތުން އެތާގައި ހުރި ގަސްތައް ކަނޑާލެވި، މަޤްބަރާއެއްގެ ގޮތުގައި ބޭނުން ކުރަން ފެއްޓުނެވެ.
ބަޤީޢް ގެ މާތް ކަމާއި ބޭހޭ ގޮތުން ވަރަށް ގިނަ ޙަދީޘްފުޅުތަކެއް ވަނީ އައިސްފައެވެ. އަދި ކީރިތި ރަސޫލާ އެތަނަށް ވަރަށް ގިނައިން ވަޑައިގެން އެތާގައި ފަސްދާނުލެވިފައި ތިއްބެވި ޞަޙާބީންނަށް ހެޔޮ ދުޢާ ކުރެއްވިއެވެ. ޢާއިޝަތުގެފާނު ރިވާ ކުރެއްވި ، ޞަޙީޙް މުސްލިމް ގައިވާ ޙަދީޘެއްގައި ވެއެވެ.
عَنْ عَائِشَةَ أَنَّهَا قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى الْبَقِيعِ فَيَقُولُ السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ اللَّهُمَّ اغْفِرْ لِأَهْلِ بَقِيعِ الْغَرْقَدِ
މާނައަކީ :"ރޭގަނޑުގެ ފަހުގެ ވަގުތުގައި، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ބަޤީޢް އަށް ނުކުމެވަޑައިގަންނަވައެވެ. އަދި ޙަދީޘް ކުރައްވައެވެ. "މުއުމިނުންގެ މަޤްބަރާގެ އަހުލުވެރިންނަށް، ސަލާމަތް ހުއްޓެވެ! މާދަމާ އަންނާނެ ކަމަށް، ތި ތިބާމެންނަށް ވަޢްދު ކުރެވުނު ކަންތައް ކޮންމެވެސް ވަރަކަށް ލަސްވުމަށްފަހު ނަމަވެސް އައިސްފިއެވެ. އަދި ﷲ އިރާދަފުޅު ކުރެއްވިއްޔާ އަހަރެމެން ތިބާ މެންނާއި އެބަ ގުޅެމެވެ. (ސުވަރުގެ ވަޑައިގަތުމަށް ފަހު). އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! ބަޤީޢުލް ޣަރްޤަދުގެ އަހުލުވެރިންނަށް ފާފަ ފުއްސަވާފާނދޭވެ!"
ޞަޙީޙް މުސްލިމްގެ ބާބުލް ޖަނާޒާގެ، މަޤްބަރާތަކަށް ވަދެ ދުޢާ ކުރުމުގައި ބުނާނެ އެއްޗެއްސާ ބެހޭ ފަޞްލުގައި ވާ އެހެން ޙަދީޘެއްގައިވެސް ވާ ގޮތުން، އެއް ރެއަކު ޢާއިޝަތުގެފާނުގެ ގެ ކޮޅުގައި ކީރިތި ރަސޫލާ އޮންނަވާފައި ދަންވަރު ނިކުމެވަޑައިގަތެވެ. އަދި ޢާއިޝަތުގެފާނު ފަހަތްޕުޅުން ވަޑައިގެން ބެއްލެވި އިރު، ކީރިތި ރަސޫލާ ބަޤީޢްއަށް ވަޑައިގެން އަތްޕުޅު ނަންގަވައިގެން ހުންނަވައިގެން ދުޢާ ކުރެއްވިއެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގެ ފަހުގެ ދުވަސްތަކުގައި ބަޤީޢް އަށް ކުރައްވާ ޒިޔާރަތްފުޅު ގިނަ ކުރެއްވި ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
ބަޤީޢް އަށް ޒިޔާރަތް ކުރާއިރު، ވަކި ޞަޙާބީއެއް ނުވަތަ ވަކި އުއްމުލް މުއުމިނީން އެއް ގެ މަހާނަފުޅު ހޯދަން އުޅުން އެއީ މަހާނައަށް ޒިޔާރަތް ކުރުމުގެ އަދަބާ ޚިލާފު ކަމެއްކަމަށް ޢިލްމުވެރިން ދެކެލައްވައެވެ. އޭގެ ބަދަލުގައި އެތަނަށް ގޮސް މަތީގައިވާ ޙަދީޘްގައި ހިމެނޭ ދުޢާ ކިއުން ސުންނަތް ވެގެންވެއެވެ. އެހެނީ އެތާ ފަސްދާނު ލެވިފައި ތިބީ، ހުސް އިޙްތިރާމް ކުރުން ޙައްޤު، ހެޔޮ ދުޢާ ކުރުން ޙައްޤު ބޭކަލުންނާއި ބޭކަނބަލުންނެވެ.
0 comments:
Post a Comment