Wednesday, November 16, 2011

މުއުމިނުންގެ އަމީރ



މުސްލިމުން އެއްޚިލާފަތެއްގެ ދަށުގައި އުޅުނު ދުވަސްވަރެވެ. މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އާދައިގެ މަތިން އޭނާގެ މަޖިލީހުގައި، މުސްތަޝާރުންނާއި ވާހަކަ ދައްކަވަން ހުންނެވި ވަގުތެކެވެ. ކުއްލިއަކަށް މަޖިލީހުގައި ތިބި އެންމެންގެ ލޯތައް ހުއްޓުނީ އޭޝިޔާއިން އައި މީހަކާ ދިމާލަށެވެ.

 ޚަލީފާއަށް ސަލާމްގޮވުމަށްފަހު، އޭނާ ބުންޏެވެ. ” އޭ މުއުމިނުންގެ އަމީރެވެ. އަޅުގަނޑު މި އައީ ޢައްމޫރިއްޔާއިންނެވެ. އެތަނުގެ ބާޒާރުން އަޅުގަނޑަށް މުސްލިމު އަންހެނަކު ފެނުނެވެ. އެއަންހެންމިހާ ރޫމީންގެ މީހެއްގެ އަތުން އެއްޗެއް ގަތުމަށްޓަކައި އޭނައާއި ވާހަކަދައްކަމުން ދިޔައެވެ.

 ނަމަވެސް ރޫމީކަލޭގެ، އެ އަންހެންމީހާގެ ވާހަކައަށް އެހާބޮޑު ސަމާލުކަމެއް ނުދީ އެއްޗިހި ގޮވަންފެށިއެވެ. އެއަންހެން މީހާވެސް އޭނާ ގޮވަމުންދިޔަ އެއްޗިއްސަށް ޖަވާބު ދެމުން ދިޔައެވެ. ދެން އެ ރޫމީކަލޭގެ، އެއަންހެންމީހާގެ ކޯތާފަތްމަތީ، ދަތްތައްވެސް ބިންދައިގެންދާފަދަ އެތިފަހަރެއް ޖެހިއެވެ. އެހިނދު އެއަންހެން މީހާ ބާރުއަޑުން ‘އޭ މުޢުތަޞިމެވެ!’ ކިޔާ ގޮވިއެވެ.

 އެވަގުތު ރޫމީކަލޭގެ އެ ނިކަމެތި އަންހެންމީހާއަށް މަލާމާތްކުރަމުން ބުންޏެވެ. މުޢުތަޞިމަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ އޭނާއަށް އަހަންނާހަމައަށް އާދެވޭނީ ކިހިނެއްހެއްޔެވެ؟ އޭ މިހިރަ މޮޔަމީހާއެވެ. މުޢުތަޞިމް ކަޅާއި ހުދުގެ އަހެއްގައި އައިސް ކަލެއަށް ނަޞްރުދީ އެހީތެރިވަންދެން އޭނާގެ އިންތިޒާރުގައި ހުންނާށެވެ. “

އެ މިހާ މިވާހަކަތައް ކިޔާދީ ނިމުމުން، މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އޭނައާއި ސުވާލުކުރިއެވެ. އެވަގުތު ކަލޭ ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟ ޖަވާބުގައި އޭނާ ބުންޏެވެ. އެނުލަފާމީހާގެ ބޯ އޭނާގެ ކަނދުރާއިން ވަކިކުރުމަށްޓަކާ އަޅުގަނޑުގެ ކަނޑި އުރައިން ދެމީމެވެ. ނަމަވެސް ރޫމީންތައް އައިސް އަޅުގަނޑު ވަށާލިއެވެ. ދެން އެއަންހެންމީހާ ކައިރިއަށް ގޮސް، އޭނާގެ އަޑު މުއުމިނުންގެ އަމީރަށް ފޯރުކޮށްދިނުމަށް ވަޢުދުކުރީމެވެ. އެވަގުތު ރޫމީންތައް އަޅުގަނޑުމެންނަށް މަލާމާތް ކުރަމުން ދިޔައެވެ. އެމީހުން ހީކުރަމުންދަނީ އެމީހުންގެ ކިއްލާތަކުގެ އެހީގައި، އަމީރުލް މުޢުމިނީންގެ ހަމަލާތަކުން އެމީހުންނަށް ސަލާމަތްވެވޭނެކަމަށެވެ.

އޭނާގެ ޖަވާބު އަޑުއެހުމަށްފަހު މުޢުތަޞިމުގެ މޫނު ރަތްވިއެވެ. އަދި ޢައްމޫރިއަޔާއާ ވީ ދިމާލަށް ބެލުމަށްފަހު ބުންޏެވެ. އާދޭހެވެ. އޭ މިނިވަން މުސްލިމު އުޚްތާއެވެ. އިޖާބައަކަށްފަހު އިޖާބައެއްދެމެވެ. ތިބާގެ ހަޅޭކުގެ އަޑު މުޢުތަޞިމަށް އިވިއްޖެއެވެ. އަދި ތިބާއަށް އިޖާބަދީފިއެވެ.

 މިކަން ރޫމީންނަށް އެނގިގެންދާނެއެވެ. އެހެންބުނުމަށް ފަހު މަޖިލީހުގައި ތިބި މުސްތަޝާރުންގެ މަޝްވަރާއަކަށް އެދުނެވެ. އެމީހުންވެސް ތިބީ މުޢުތަޞިމުފަދައިން އެއަންހެންމީހާގެ ގޮވުމަށް އިޖާބަދިނުމަށް ޢައްމޫރިއްޔާއަށް ދިޔުމަށް ތައްޔާރަށެވެ. އެހިނދު 12000 ކަޅާއި ހުދުގެ އަސްތަކުގައިވާ 12000 މީހުންގެ ލަޝްކަރެއް ތައްޔާރުކުރުމަށް މުޢުތަޞިމު އަމުރުކުރިއެވެ.

މުޢުތަޞިމު ލަޝްކަރާއިގެން ޢައްމޫރިއްޔާއަށް ގޮސް، އެތަން ފަތަޙަކުރިއެވެ. އަދި އެ އަންހެންމީހާ ޙާޟިރުކުރިއެވެ. އެއަންހެންމީހާ މުޢުތަޞިމަށް ޝުކުރުއަދާކޮށް އޭނާއަށްޓަކައި ކާއިނާތުގެ ވެރި އިލާހަށް ދުޢާކުރިއެވެ. އެހިނދު މުޢުތަޞިމު ބުންޏެވެ. ތިޔަ އުޚްތާއަށް މުޢުތަޞިމު އިޖާބަދީފިހެއްޔެވެ؟ ޖާވާބުގައި އެ އަންހެންމީހާ ބުންޏެވެ. އާދޭހެވެ.



وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّـهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَـٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرًا ﴿ النساء ٧٥﴾

އަދި ﷲ ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) دعاء ކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން نصر ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!

މިއީ އެދުވަސްވަރު، މުސްލިމުންގެ ހައިބަތާއި ޤުއްވަތު ހުރި މިންވަރެވެ. މުސްލިމު އަންހެނެއްގެ ހަޅޭކުގެ އަޑަށް އަޅުގަނޑުމެންގެ ސަލަފުން ދީފައިވާ އިޖާބައެވެ. ނަމަވެސް މިއަދު ޢިރާޤާއި ފަލަސްޠީނާއި އަދި އެހެންޤައުމުތަކުގައި އުޅޭ މުސްލިމު އުޚްތުންގެ ހަޅޭކުގެ އަޑަށް އިޖާބަދެނީ ފަހެ ކާކުހެއްޔެވެ؟ މިއަދު މުސްލިމުން މިދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަތިލެވެމުންނެވެ. މުސްލިމު ކުޑަކުދީންތައް މިދަނީ ޔަތީމުވަމުންނެވެ. 

އުޚްތުންތައް މިދަނީ ހުވަފަތް ވަމުންނެވެ. ޢާއިލާގެ ހުރިހާ އެންމެންގެ ކުރިމަތީގައި އުޚްތުންގެ ޢިއްފަތްތެރިކަން މިދަނީ ފޭރެމުންނެވެ. މުސްލިމުން މިފަދަ ޙާލަތަކަށް ވެއްޓުނީ ފަހެ ކީއްވެތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. މުސްލިމުން އެބައިމީހުންގެ ދީނާއި ދުރަށް ދިޔުމުގެ ސަބަބުންނެވެ.

 ﷲއާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަށް ދޫކޮށް، ހަވާނަފްސަށް ތަބަޢަވުމުގެ ސަބަބުންނެވެ. އެބައިމީހުން އެކަކު އަނެކަކަށް ހަނގުރާމަކުރަން ފެށުމުގެ ސަބަބުންނެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. وَأَطِيعُواْ اللّهَ وَرَسُولَهُ وَلاَ تَنَازَعُواْ فَتَفْشَلُواْ وَتَذْهَبَ رِيحُكُمْ وَاصْبِرُواْ إِنَّ اللّهَ مَعَ الصَّابِرِينَ(سورة الأنفال:46)

 ” އަދި ﷲއާއި އެއިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުން ނުވާށެވެ. (ދެބަސްވެ އަރައިރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތިގެން ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ.”

އެހެންކަމުން މިއުންމަތުގެ ހައިބަތާއި ޤުއްވަތު އަނުބުރާ ގެންނަން ބޭނުންނަމަ އަޅުގަނޑުމެންނަށް އޮތީ ދީނަށް ރުޖޫޢަވުމެވެ. ﷲއާއި އެއިލާހުގެ ރަސޫލާއަށް، ބަހާއި ޢަމަލުން ތަބާވެ އެއިލާހުގެ ދީނަށް ނަޞްރުދިނުމެވެ.ﷲތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ (سورة محمد: 7) ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ(ގެ ދީނަށް) ނަޞްރުދޭކަމުގައިވަނީނާމަ، އެއިލާހު ތިޔަބައިމީހުންނަށް ނަޞްރުދެއްވަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތުކޮށްދެއްވަވާނެއެވެ.”

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons