ބޭޖިން (ނޮވެމްބަރު 5) - ޗައިނާގައި ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއެއް ހޯދުމުގެ ސިޔާސަތަށް އަމަލުކުރަން ފެށި ފަހުން އާބާދީން ބައި ބިލިއަން މަދުވެފައި ވާނެ ކަމަށް އަންދާޒާކުރެވެ އެވެ. އެކަމަކު މި ސިޔާސަތުގެ ސަބަބުން ޗައިނާގެ އާބާދީގެ އުމުރުފުރާތައް ބެހިގެންވާ ގޮތަށް ބޮޑު ބަދަލެއް އައިސް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާން ފަށައިފަ އެވެ.
ދުނިޔޭގެ އާބާދީ ހަތް ބިލިއަނަށް އަރާފައި ވާއިރު ޗައިނާގައި މިހާރު އާބާދީ އިތުރުވާ ރޭޓް ހުރީ ކޮންމެ އަންހެނަކަށް 1.5 ގަ އެވެ. އެއީ ކޮންމެ ދެމަފިރިއަކަށް ހޯދޭނީ އެންމެ ކުއްޖެއް ކަމަށް 1979 ވަނަ އަހަރު ކަނޑައެޅި ފަހުން ދަށްވެފައިވާ މިންވަރެވެ.
އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ ޗައިނާގައި މިހާރު 1.34 ބިލިއަން މީހުން އުޅޭއިރު އެ ގައުމުގައި އާބާދީ ކޮންޓްރޯލްކުރުމަށް އެހެން އެއްވެސް ގައުމަކުން ފިޔަވަޅު އަޅާފައި ނުވާހާ ވަރުގަދަޔަށް ކަންތައް ކޮށްފައި ނެތް ނަމަ ބިޔަ އާބާދީގައި މިހާރަށް ވުރެ އިތުރަށް އެތައް މިލިއަނެއް އުޅޭނެ އެވެ.
އެކަމަކު ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއެއް ހޯދުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން ސިޓީތަކާއި ކުދި އަވަށްތަކުގައި ވެސް އެބޯޝަން ހެދުން ފަދަ ކަންތައް ވަރަށް ބޮޑަށް ވަނީ އާންމުވެފަ އެވެ. އެގޮތުން ބަނޑަށް އެތައްމަހެއްވާ ފަހުން އެބޯޝަން ހެއްދުން ފަދަ ކަންތައް ވެސް ދަނީ ކުރަމުންނެވެ. ބަނޑަށް އަށް މަސް އަދި އެއަށް ވުރެ ވެސް ގިނަ ދުވަސްވާ ފަހުން ވެސް އެބޯޝަން ހެއްދުމުގެ މައްސަލަތައް ގިނަ އެވެ. މީގެ އިތުރުން ލިބޭ ދަރިއަކީ ފިރިހެން ކުއްޖަކަށް ވުމަށް ބޭނުންވާ މީހުން ގިނަވުމުން ތުއްތު އަންހެން ކުދިން އުފަންވާ ތަނުން އެއްލާލުމާއި މަރާލުން ފަދަ ކަންތައް ވެސް ކުރެ އެވެ.
މިފަދަ އަމަލުތައް ބައެއް މީހުން ހިންގަމުން ދަނީ އެންމެ ދަރިއަކު ހޯދުމަށް ކަނޑައަޅާފައިވާ އުސޫލަށް ތަބާ ނުވެއްޖެ ނަމަ އެތައް މަހެއްގެ މުސާރަ ހިފެހެއްޓުމާއި ސަރުކާރުގެ ބައެއް ހިދުމަތްތަކުން މަހްރޫމްވުން އަދި ބައެއް ފަހަރު ޖަލަށް ދާންޖެހުން ފަދަ އަދަބުތައް ވެސް ލިބޭތީ އެވެ. އެންމެ ދަރިއަކަށް ވުރެ އިތުރަށް ހޯދާ ދަރިފުޅު "ބްލެކް ޗިލްރެން"ގެ ގޮތުގައި ސިފަކުރާއިރު އެ ކުދިންނަށް ޗައިނާގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނޯވެ އެވެ.
މި ހަރުކަށިކަމުން ސަލާމަތްވަނީ އާބާދީ މަދު ދަރިކޮޅުތަކުގެ ފަގީރު ދަނޑުވެރިންނެވެ. އެ މީހުންގެ ދެމަފިރިއަކަށް ލިބޭ ފުރަތަމަ ދަރިއަކީ އަންހެން ކުއްޖަކަށްވާ ނަމަ އިތުރަށް ދަރިއަކު ހޯދިދާނެ އެވެ. އަދި ބައެއް ހިސާބުތަކުގައި ދެމަފިރިންނަކީ ވެސް އެ މީހެއްގެ މަންމަ އާއި ބައްޕަގެ ހަމައެކަނި ދަރިފުޅު ކަމަށްވާ ނަމަ ދެ ވަނަ ކުއްޖަކު ހޯދުމުގެ ހުއްދަ އޮވެ އެވެ.
އެންމެ ދަރިއަކު ހޯދުމުގެ ސިޔާސަތަށް އަމަލުކުރަން ފެށި ފަހުން 30 އަހަރު ވެފައި ވާއިރު އާބާދީއާ ބެހޭ ތަޖުރިބާކާރުން ގެންދަވަނީ މިކަމުގެ ސަބަބުން ޗައިނާ އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ޗައިނާ އަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން، މުއްސަނދި ގައުމެއްގެ ދަރަޖަ އަށް ބަދަލުވުމުގެ ކުރިން މުސްކުޅިންގެ އާބާދީ އަށް އަޣުލަބިއްޔަތު ލިބޭ ހަމަ އެކަނި ގައުމަށް ވެދާނެ ކަމަށެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި މަސައްކަތްކުރައްވާ އާބާދީއާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ކްރިސްޓޮފާ ގުލިމޯޓޯ ވިދާޅުވީ އާބާދީގައި މުސްކުޅިންގެ އަދަދު އިތުރުވުމުގައި، ޔޫރަޕްގެ އެންމެ ތަރައްގީ ގައުމުތަކަށް ވުރެ ވެސް ޗައިނާގެ ރޭޓް ނިސްބަތުން ހަލުވި ކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރު ތެރޭ ޗައިނާގެ އާބާދީގައި އުމުރުން 60 އަހަރުން މަތީގެ މީހުންގެ އަދަދު 178 މިލިއަނުން 221 މިލިއަނަށް އަރާނެ އެވެ. މިއީ އާބާދީގެ 13.3 ޕަސެންޓުން 16 ޕަސެންޓަށް އިތުރުވުމެވެ.
ޗައިނާގެ އާބާދީގައި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދު 2050 ވަނަ އަހަރު އާބާދީގެ ހަތަރު ބައިކުޅަ އެއް ބަޔަށް އަރާނެ ކަމަށް ޗައިނާގެ ކޮމިޝަން ފޯ ޕޮޕިއުލޭޝަން އެންޑް ފެމިލީ ޕްލޭނިންގުން ބުނެފައިވެ އެވެ. މިހާރު އެ އުމުރުފުރައިގެ މީހުންގެ ނިސްބަތަކީ އާބާދީގެ އެންމެ ނުވަ ޕަސެންޓެވެ.
މިހާރުވެސް ޗައިނާގައި އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ އެކަނި އުޅޭ މީހުންނެވެ. އެކަމަކު ޗައިނާ އަކީ އެއް ފުރާޅެއްގެ ދަށުގައި ހަތަރު ޖީލު އުޅޭ ކަމަށް އެއް އިރަކު މަޝްހޫރު ގައުމެކެވެ. އޭރު މިފަދަ ދުވަހެއް އަތުވެދާނެ ކަމަށް ހިތަށް ވެސް ނާރަ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ޗައިނާގައި މިހާރު ވެސް އެކަށީގެންވާ ބޭސްފަރުވާއެއް ނުދެވެ އެވެ. ދުވަސްވީ މީހުންނަށް ހާއްސަ ގެތަކެއް ވެސް އެކަށީގެންވާ ވަރަށް ނެތެވެ. އަދި ދުވަސްވީ މީހުން ބަލަން އެކަމުގެ ތަމްރީނު ލިބިފައިވާ މީހުން ވެސް ފުދޭ ވަރަކަށް ނެތެވެ. ޗައިނާ ސަރުކާރުން މިހާރު ވަނީ ދުވަސްވީ މީހުންނަށް ހާއްސަ ގެތަކުގައި އެނދުގެ އަދަދު 2015 ވަނަ އަހަރުގެ ނިޔަލަށް ހަ މިލިއަން އިތުރުކުރަން މަސައްކަތް ފަށައިފަ އެވެ. އެކަމަކު އެއީ ވެސް އެންމެންނަށް ފުދޭ ވަރެއް ނޫނެވެ. --އޭއެފްޕީ
0 comments:
Post a Comment