“لا إله إلاّ الله” އަކީ
އެކަލިމައެއްގެ ސަބަބުން އެމީހަކަށް ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި
ކާމިޔާބު ލިއްބައިދޭނެ ކަލިމައެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ
ޢަޛާބުގެ ގޯތިކަމުގައިވާ ނަރަކައިން މިންޖުވެ، އެއިލާހުގެ ރަޙްމަތާއި
ނިޢުމަތުގެ ގޯތި ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަލިމައެކެވެ. މިފަދަ މާތް
ކަލިމައަކަށް މިކަލިމަ ވީހިނދު، މިކަލިމައިގެ ސަބަބުން ބުނެވި ދިޔަ
ކާމިޔާބީތައް ހޯދޭނީ، މިކަލިމައާމެދު ކޮންގޮތަކަށް ތެދުކޮށް، އަދި
ޢަމަލުކޮށްގެންކަން ދެނެގަތުމަކީ އިންސާނާގެ އެންމެ މުހިއްމު ވާޖިބެވެ.
މީހަކު ނަމާދަށް ފަށައިގަތީ
ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ކަމެއް ދޫކޮށްލައިފައި
ކަމުގައިވާނަމަ، އެމީހާގެ އެނަމާދު ޞައްޙަވާނެތޯއެވެ؟ ޖަވާބަކަށް ވާނީ
ނޫނެކެވެ. ޞައްޙައެއް ނުވާނެއެވެ. ސަބަބަކީ ނަމާދު ޞައްޙަވުމުގެ
ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމައެއް ނުވެއެވެ. ހަމައެފަދައިން،
ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް (މިސާލަކަށް ރުކޫޢުކުރުން،
ސަޖިދަކުރުން) ދޫކުރެވިއްޖެ މީހެއްގެ ނަމާދު ޞައްޙަވާނެތޯއެވެ؟ މިސުވާލުގެ
ޖަވާބަކަށް ބުނާނީ ހަމަ ނޫނެކެވެ. ސަބަބަކީ ނަމާދުގެ ރުކުނެއް
ދޫކޮށްލުމެވެ. މިއީ އަޅުގަނޑުމެން އެންމެވެސް ޤަބޫލުކުރާ ކަންކަމެވެ.
މިގޮތުން ނަމާދެކޭ އެއްފަދައިން
ތަވްޙީދުގެ މާތްކަލިމަ “لا إله إلاّ الله” ގައިވެސް ރުކުންތަކަކާއި
ޝަރުޠުތަކެއް ވެއެވެ. އެކަލިމައިގެ ރުކުންތަކުގެ ތެރެއިން ރުކުނެއް
އަޅުގަނޑުމެން ދޫކޮށްލައިފިކަމުގައިވާނަމަ، އެމީހަކީ މިކަލިމައަށް އީމާންވާ
މީހަކަށް ނުވާނެއެވެ. އެމީހާ ހަމައެކަނި ކިޔާލާ ކިޔާލުމަކުން މަންފާ
ނުކުރާނެއެވެ. ރުކުނެއް ދޫކޮށްލުމުން ނަމާދު ޞައްޙަ ނުވާފަދައިންނެވެ.
ހަމައެފަދައިން، އެކަލިމައިގެ ޝަރުޠެއް ދޫކޮށްލިނަމަވެސް މިފަދައެވެ.
ކަންމިހެންހުރުމާއެކު،
މިކަލިމަގެ މާނައިގެ ކުރުތަޢާރަފަކާއި، މިކަލިމައިގެ ރުކުންތަކާއި،
މިކަލިމައިގެ ޝަރުޠުތައް ކުރުގޮތަށް ބަޔާންކޮށްލުމަށް ޤަޞްދުކުރީމެވެ.
“لا إله إلاّ الله“ގެ މާނަ
މިކަލިމައިގެ ޙަޤީޤީ
މާނަކަމުގައި ޢިލްމުވެރިން ވިދާޅުވެލައްވަނީ “لاَ مَعْبُودَ بِحَقٍّ إلاَّ
اللهُ” އެވެ. އެބަހީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ ފަރާތެއް
ނުވެއެވެ.
އަޅުގަނޑުމެން މިކަލިމައިގެ މާނައިގައި “ޙައްޤުވެގެން” މިފަދައިން ނުގެންނަކަމުގައިވާނަމަ ދެގޮތަކުން މާނައަށް ބަދަލު އަންނާނެއެވެ. ފުރަތަމައީ:
އަޅުގަނޑުމެން “ﷲ ފިޔަވައި އަޅުކަމެއް ވެވޭ ފަރާތެއް ނުވެއެވެ.”
މިފަދައިން މާނަކޮށްފިނަމަ އެކަލިމައިގެ މާނަ އެއަންނަނީ އަޅުކަމެއް
ކޮށްފިނަމަ އެއަޅުކަން ކުރެވެނީ ﷲ އަށެވެ. މިފަދައިންނެވެ. މިކަލިމަ
މިފަދައިން މާނަކޮށްގެން މިކަލިމައާ ފުށުއަރައެވެ. ﷲ ފިޔަވައި އެހެން
އިލާހުންތައް ޤަބޫލުކުރާމީހުންވެސް ސަޖިދަކުރުން، ދުޢާކުރުން، ނަދުރުބުނުން
ފަދަ އަޅުކަންތައް ކޮށްއުޅެއެވެ.
ނަމަވެސް އެއީ ﷲއަށް ކުރެވޭ
އަޅުކަންތަކެއް ނޫނެވެ. އެއިލާހަށް ކުރެވޭ އަޅުކަމަކީ އެއިލާހަށް
އިޚްލާޞްތެރިކަމާއެކު، އަދި އެއިލާހުގެ ފޮތުގައި ނުވަތަ މާތް ރަސޫލާ
ޞައްލަﷲ ޢަލައިހިވަސައްލަމަ ބަޔާންކޮށްދެއްވާފައިވާގޮތަށް ކުރެވޭ
އަޅުކަންތަކެވެ.
ދެވަނައީ:
އަޅުގަނޑުމެން އެފަދައިން މާނަކޮށްފިނަމަ އެކަލިމައިގެ މާނަ އެއަންނަނީ
އިލާހަކީ ހަމައެކަނި ﷲ ކަމެވެ. މިފަދައިންނެވެ. ޢަރަބިބަހުގައި އިލާހަކީ
ޙައްޤުގޮތުގައި އަދި ބާޠިލުގޮތުގައި އަޅުކަންވެވޭ ފަރާތެވެ. މިއީވެސް
ފުށުއެރުމެކެވެ. އެހެނީ، ކާފަރުން އަޅުކަންކުރާ ބާޠިލު ފަރާތްތަކަކީވެސް
އިލާހުން ކަމުގައި ﷲ ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ﷲ ވަޙީ
ކުރައްވާފައިވާ އެއްއާޔަތަކީ
((وَمَا
ظَلَمْنَاهُمْ وَلَكِنْ ظَلَمُوا أَنفُسَهُمْ فَمَا أَغْنَتْ عَنْهُمْ
آلِهَتُهُمْ الَّتِي يَدْعُونَ مِنْ دُونِ اللَّهِ مِنْ شَيْءٍ لَمَّا
جَاءَ أَمْرُ رَبِّكَ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ)) هود:101 މާނައީ:
“އަދި ތިމަންއިލާހު އެބައިމީހުންނަކަށް އަނިޔާއެއް ނުކުރައްވަމެވެ.
އެހެނެއްކަމަކު، އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް، އެބައިމީހުން
އަނިޔާވެރިވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިއިލާހުގެ އަމުރުފުޅު އައިހިނދު، ﷲ
ފިޔަވައި، އެބައިމީހުން އަޅުކަންކޮށްއުޅުނު އެބައިމީހުންގެ އިލާހުންތައް،
އެއްވެސްކަމެއް އެބައިމީހުންނަކަށް ފުއްދައެއް ނުދިނެވެ. އަދި އެ އިލާހުން،
އެބައިމީހުންނަށް ގެއްލުންދިނުން މެނުވީ އިތުރެއް ނުކުރެތެވެ.”
މިއާޔަތުގައި ﷲ ފިޔަވައި އަޅުކަން ވެވޭ ފަރާތްތަކަކީވެސް އިލާހުންކަމުގައި ﷲ އަންގަވާފައި އެވަނީއެވެ.
ވުމާއެކު، މިކަލިމައިގެ ޞައްޙަ
މާނާއެއް ގެންނަކަމުގައި ވަނީނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއިލާހު
ފިޔަވައި އަޅުކަންވެވޭ އިލާހުންނާ ފަރަޤުކުރަން އެބަޖެހެއެވެ. ﷲ ސުބުޙާނަހޫ
ވަތަޢާލާއީ ޙައްޤުގޮތުގައި އަޅުކަން ވެވޭ އިލާހެވެ. އެއިލާހު ފިޔަވައި
ދެން އަޅުކަންވެވޭ އިލާހުންތަކަކީ ބާޠިލު އިލާހުންތަކެކެވެ.
“لا إله إلاّ الله“ ގެ ރުކުންތައް:
1. ނަފީކުރުން.
ނަފީކުރުން ނެގިފައިވަނީ “لا
إله” މިޢިބާރާތުންނެވެ. ނަފީކުރުމުގެ މާނައަކީ ﷲ ފިޔަވައި އަޅުކަންވެވޭ
އެންމެހާ ފަރާތްތައް ނަފީކުރުމެވެ. އެހެން ޢިބާރަތަކުން ބުނަނީނަމަ
އެއިލާހު ފިޔަވައި އަޅުކަންވެވޭ އެންމެހާ ފަރާތްތަކަށް ކާފަރުވުމެވެ.
2. އިޘްބާތުކުރުން.
އިޘްބާތުކުރުން ނެގިފައިވަނީ
“إلاّ الله” މިޢިބާރާތުންނެވެ. އިޘްބާތުކުރުމުގެ މާނައަކީ މުދަލުންނާއި
ހަށިގަނޑުން ނުވަތަ މިދެބައި ހިމެނޭގޮތަށް ކުރެވޭ އެންމެހާ އަޅުކަންތައް
ހަމައެކަނި އެއްކައުވަންތަ ﷲ އަށް ނިސްބަތްކުރުމެވެ.
މިދެރުކުނުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެވެ.
((فَمَنْ
يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدْ اسْتَمْسَكَ
بِالْعُرْوَةِ الْوُثْقَى)) البقرة: 256 މާނައީ: “ފަހެ، ޠާޣޫތުންނަށް
(އެބަހީ ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ފަރާތްތަކަށް) ކާފަރުވެ، ﷲ އަށް
އީމާންވާމީހާ ދަންނާށެވެ. ފަހެ، އެމީހަކު ވަރުގަދަވެގެންވާ ދީނުގައި
ހިފަހައްޓައިފިއެވެ.” މިއާޔަތުގައިވާ ((فَمَنْ يَكْفُرْ بِالطَّاغُوتِ)) މިބަސްފުޅުން ދޭހަވަނީ ނަފީކުރުމެވެ. އަދި ((وَيُؤْمِنْ بِاللَّهِ)) މިބަސްފުޅުން ދޭހަވަނީ އިޘްބާތުކުރުމެވެ.
“لا إله إلاّ الله“ ގެ ޝަރުޠުތައް:
1. ޢިލްމު: ޢިލްމުގެ
މާނައަކީ މިކަލިމަ ނަފީކޮށް އިޘްބާތުކުރުމުގެ މާނަ ދެނެގަތުމާއެކު،
އެކަލިމައިން ލާޒިމުކުރާ ޢަމަލުތައް ދެނެގަތުމެވެ. މިސާލަކަށް ﷲ
ޤަބޫލުކުރައްވާ ޢަމަލުތަކާއި ޤަބޫލުނުކުރައްވާ ޢަމަލުތަކަކީ ކޮބައިކަން
ދެނެގަތުމެވެ. ޢިލްމު ގެ ސަބަބުން ޖާހިލުކަން ދުރުކޮށްދޭނެއެވެ. ﷲ ވަޙީ
ކުރައްވާފައިވެއެވެ. ((فَاعْلَمْ أَنَّهُ لا
إِلَهَ إِلاَّ اللَّهُ)) محمد: 19 މާނައީ: “ފަހެ، ﷲ ފިޔަވައި ޙައްޤުވެގެން
އަޅުކަމެއްވެވޭ އިލާހަކު ނުވާކަން ދެނެގަންނާށެވެ.”
2. ޔަޤީންކުރުން:
ޔަޤީންކުރުމުގެ މާނައަކީ މިކަލިމައިން ދޭހަކޮށްދޭ މާނަ ދެނެހުރެ މިކަލިމަ
ދުލުން ކިޔުމާއެކު، މިކަލިމައާމެދު ޝައްކު ނުކުރުމާއި، ދެފުށްދެގޮތް
ނުވުމެވެ. ޔަޤީންކުރުމުގެ ސަބަބުން ޝައްކު ދުރުކޮށްދޭނެއެވެ. ((إِنَّمَا
الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ
يَرْتَابُوا)) الحجرات: 15 މާނައީ: “މުއުމިނުން ކަމުގައިވާކަން ކަށަވަރީ،
ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކު
ނުކުރާ މީހުންނެވެ.”
3. ޤަބޫލުކުރުން: ޤަބޫލުކުރުމުގެ
މާނައަކީ މިކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް ހިތުންނާއި ދުލުން
ޤަބޫލުކުރުމެވެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ގެނެސްދެއްވި
އެންމެހާކަމަކަށް އީމާންވުމެވެ. ޤަބޫލުކުރުމުގެ ސަބަބުން ޤަބޫލުނުކޮށް
ރައްދުކުރުން ދުރުކޮށްދޭނެއެވެ. ޤަބޫލުނުކޮށް ބޮޑައިވެގަންނަ މީހުންނާ
ބެހޭގޮތުން ވަޙީ ކުރައްވާފައިވެއެވެ. ((إِنَّهُمْ
كَانُوا إِذَا قِيلَ لَهُمْ لا إِلَهَ إِلاَّ اللَّهُ يَسْتَكْبِرُونَ))
الصافات: 35 މާނައީ: “ހަމަކަށަވަރުން، ﷲ މެނުވީ ޙައްޤުވެގެން
އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް އެބައިމީހުންނަށް ބުނެފިހިނދަކު
އެބައިމިހުން ބޮޑާވެގަންނަކަމުގައިވެއެވެ.”
4. އިޚްލާޞްތެރިވުން: އިޚްލާޞްތެރިވުމުގެ
މާނައަކީ މިކަލިމައަށާއި މިކަލިމައިން ދޭހަކޮށްދޭ މާނައަށް
އިޚްލާޞްތެރިވުމެވެ. ބަހާއި ޢަމަލުގައި އެއްވެސް ކަހަލަ
ދެއްކުންތެރިކަމެއްނެތި ހަމައެކަނި ﷲއަށް ކުރުމެވެ. އިޚްލާޞްތެރިވުމުގެ
ސަބަބުން ޝިރުކު ދުރުކޮށްދޭނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((فَاعْبُدِ
اللَّهَ مُخْلِصاً لَهُ الدِّينَ)) الزمر: 2 މާނައީ : “ފަހެ، ﷲއަށް ދީން
ޚާލިޞްކުރާ ޙާލު، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ.”
5. އިންޤިޔާދުކުރުން: އިންޤިޔާދުކުރުމުގެ
މާނައަކީ މިކަލިމައިން ދޭހަކޮށްދޭ މާނައަށް ބޯލަނބައި ކިޔަމަންގަތުމެވެ.
އިންޤިޔާދުކުރުމުގެ ސަބަބުން ނުކޮށް ދޫކޮށްލުން ދުރުކޮށްދޭނެއެވެ. ﷲ ވަޙީ
ކުރައްވާފައިވެއެވެ. ((وَمَنْ يُسْلِمْ
وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ
الْوُثْقَى)) لقمان: 22 މާނައީ: “އިޙްސާންތެރިއެއްކަމުގައިވާ ޙާލު، ﷲއަށް
(އިޚްލާޞްތެރިކަމާއެކު) ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ!) ފަހެ،
އެމީހާ އެންމެ ވަރުގަދަ ވާފަށުގައި (އެބަހީ ސަލާމަތުގެ ވާފަށުގައި)
ހިފަހައްޓައިފިކަން ކަށަވަރެވެ.”
6. ތެދުވެރިވުން: ތެދުވެރިވުމުގެ
މާނައަކީ މިކަލިމައިން ދޭހަކޮށްދޭ މާނައަށް އެތެރެފުށުންނާއި ބޭރުފުށުން
ތެދުވެރިވުމެވެ. މުނާފިޤުން ފަދައިން އެތެރެފުށުގައި ނުވާއެއްޗެއް
ބޭރުފުށުން ދެއްކުމެއް ނޫނެވެ. ތެދުވެރިވުމުގެ ސަބަބުން ދޮގުކުރުން
ދުރުކޮށްދޭނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
((أَحَسِبَ
النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ *
وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ
الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ)) العنكبوت: 2 – 3
މާނައީ: “اމީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން،
އެބައިމީހުން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ
ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެބައިމީހުންގެ ކުރީގެ (އުއްމަތްތަކުގެ)
މީހުން، ތިމަންއިލާހު އިމްތިޙާނުކުރެއްވީމެވެ. ފަހެ (އީމާންކަމުގައި)
ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެއެވެ. އަދި
ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.”
7. ލޯބިވުން: ލޯބިވުމުގެ
މާނައަކީ މިކަލިމަދެކެ ލޯބިވުމާއި، އެކަލިމައިގެ އަހުލުވެރިންދެކެ
ލޯބިވުމާއި، އެކަލިމައިގެ މަގަށް ގޮވައިލާ މީހުންދެކެ ލޯބިވުމެވެ. އަދި
ހަމައެފަދައިން އެކަލިމަ ފޯރުކޮށް ބަޔާންކޮށްދޭ މީހުންނާއި، އެކަލިމަ
އިޢްލާން ކުރުމަށް ޖިހާދުކުރާ މީހުންދެކެ ލޯބިވުމެވެ. މިގޮތުން ރަސޫލާ
ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންނާއި،
އެބޭކަލުން ދައްކަވައި ދެއްވި ސާފުސީދާ މަގުގައި އެތެރެފުށުންނާއި
ބޭރުފުށުން ބަހުންނާއި، ޢަމަލުން ތަބާވިމީހުންދެކެ ލޯބިވުމެވެ. ﷲ ވަޙީ
ކުރައްވާފައިވެއެވެ.
((وَمِنْ النَّاسِ مَنْ
يَتَّخِذُ مِنْ دُونِ اللَّهِ أَندَاداً يُحِبُّونَهُمْ كَحُبِّ اللَّهِ
وَالَّذِينَ آمَنُوا أَشَدُّ حُبّاً لِلَّهِ)) البقرة: 165 މާނައީ: “އަދި ﷲ
ފިޔަވައި އެކަލާނގެއާ އެއްފަދަ ޝަރީކުން ތަކެއް ބަލައިގަންނަ ބަޔަކު،
މީސްތަކުންގެ ތެރެއިންވެއެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެބައިމީހުން
އެޝަރީކުން ދެކެ ލޯބިވެއެވެ. އަދި އީމާންވި މީހުން ﷲދެކެ ލޯބިވުން
މާބޮޑެވެ.”
8. ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ފަރާތްތަކަށް ކާފަރުވުން:
އެހެނީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރާ މީހަކީ މިކަލިމައިން
ބޭރުގައިވާ މީހެކެވެ. ފަހެ، މިކަލިމައާއި މިކަލިމައިން ދޭހަކޮށްދޭ މާނައާ
ގުޅެން ބޭނުންވާ މީހެއްގެ މައްޗަށް، މިކަލިމަ ފުށުއަރާ އެންމެހާ ކަމަކުން
ދުރުވެގަތުން ވާޖިބުވާނެއެވެ.
ބަޔާންވެ މިދިޔައީ
އެއްކައުވަންތަކަމުގެ ކަލިމަ “لا إله إلاّ الله” ގެ މާނައިގެ
ކުރުތަޢާރަފަކާއި، މިކަލިމައިގެ ރުކުންތަކާއި، މިކަލިމައިގެ ޝަރުޠުތައް
ކުރުގޮތަށް ބަޔާންވެގެންނެވެ. ދުޢާއަކީ މިބަސްކޮޅުގެ ފައިދާ
އަޅުގަނޑުމެންނަށާއި، އަޅުގަނޑުމެންގެ ކިޔުންތެރިންނަށް ދެއްވުމެވެ. އާމީން
0 comments:
Post a Comment