Saturday, November 5, 2011

ހައްޖު ދުވަސް




1.އެއްދުވަހަކު ޔަހޫދީންގެ މީހަކު ޢުމަރު ރަޟިޔަﷲޢަންހަށް ބުންޏެވެ. އޭ އަމީރުލްމުއުމިނީންއެވެ. އަޅުގަނޑުމެންނަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަސް އަޅުގަނޑުމެން ޢީދެއްގެ ގޮތުގައި ފާހަނގަކުރާނޭފަދަ ޢާޔަތެއް މުސްލިމުން އެބައިމީހުންގެ ފޮތުން ކިޔަވަމުންދެއެވެ.


 ޢުމަރު ރަޟިޔަﷲޢަންހު ދެންނެވިއެވެ. އެއީ ކޮން އާޔަތެއްހެއްޔެވެ؟ އޭނާ ޖަވާބުގައި، الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا (سورة المائدة :3) ” މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް، ތިމަންއިލާހު ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި އިސްލާމްދީން، ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން އިލާހު ރުހިވޮޑިގެންފީމެވެ.”

މި އާޔަތް ކިޔެވިއެވެ. އެހިނދު ޢުމަރު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ތި އާޔަތް ބާވައިލެއްވުނު ދުވަހާއި ތަންވެސް އަހަރެމެންނަށް އެނގެއެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުގައި ހުންނަވަނިކޮށެވެ. (ޞަޙީހުލް ބުޚާރީ ވަ ޞަޙީހު މުސްލިމް)

2.ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ عَزَّ وَجَلَّ فِيْهِ عَبْداً مِنْ النَّارِ ، مِنْ يَوْمِ عَرَفَةَ….( ޞަޙީހު މުސްލިމު) “ޢަރަފާތްދުވަހަށް ވުރެ ގިނައިން ﷲތަޢާލާ، އަޅުތަކުން ނަރަކައިން މިންޖުކުރައްވަވާ ދުވަހެއްނުވެއެވެ.”
3.ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ދެއަހަރުގެ ފާފަ ފޮހެވޭ ސަބަބަކަށް ވުން. ރިވާވެގެން ވެއެވެ. "ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ މިއަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެވޭ ކަމެކެވެ." ނަމަވެސް މިދުވަހުގައި ރޯދަ ހިފުން ސުންނަތް ވެގެންވަނީ ހަމައެކަނި ޢަރަފާތު ބިމަށް ނުދެވޭ މީހުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތް ބިމުގައި ހުންނެވި ދުވަހު ރޯދަ ވިއްލެވިއެވެ. އަދި ޢަރަފާތުގައި ތިބޭ މީހުން ރޯދަ ހިފުން މަނާ ކުރެއްވިއެވެ.ޢަބްދުއްރަޙްމާން ބިން ޔަޢްމަރު ރަޟިޔަﷲއަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. الحَجُّ عَرَفَةُ (ސުނަން ތިރްމިޒީ) “ޙައްޖަކީ ޢަރަފާތެވެ.” (މާނައަކީ ޢަރަފާތްދުވަސް ނުލިބޭ މީހަކަށް ޙައްޖެއް ނުވެއެވެ.)
.އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ (ޞަޙީހް މުސްލިމް) ” ފާއިތުވި އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެ ދެއެވެ.”




4. ޢަރަފާތް ބިމުގައި ތިބޭ މީހުންނަށް ޢީދު ދުވަހަކަށް ވުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيقِ عِيدُنَا أَهْلَ الْإِسْلَامِ وَهِيَ أَيَّامُ أَكْلٍ وَشُرْبٍ ) މާނައަކީ: "ހަމަކަށަވަރުން ޢަރަފާތް ދުވަހަކީ އަދި ޢީދު ދުވަހަކީ އަދި އައްޔާމުއް ތަޝްރީގް ދުވަސްތަކަކީ އަހަރުމެން މުސްލިމުންގެ ޢީދު ދުވަސްތަކެވެ. އެއީ ކައި ބޮއި ހެދުމުގެ ދުވަސްތަކެކެވެ."

5. ޢަރަފާތް ދުވަސް ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވާކަން. عَن أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْيَوْمُ الْمَوْعُودُ يَوْمُ الْقِيَامَةِ وَالْيَوْمُ الْمَشْهُودُ يَوْمُ عَرَفَةَ وَالشَّاهِدُ يَوْمُ الْجُمُعَةِ) މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަލްޔައުމުލް މައުޢޫދަކީ ގިޔާމަތް ދުވަހެވެ. އަލްޔައުމުލް މަޝްހޫދަކީ ޢަރަފާތް ދުވަހެވެ. އައްޝާހިދަކީ ހުކުރު ދުވަހެވެ."
 
6. ޢަރަފާތް ދުވަހަކީ ފާފަތައް ފުއްސަވާ، ނަރަކައިން މުއްތި ކުރައްވާ، ޢަރަފާތް ބިމުގައި ތިބޭ މީހުންގެ ވާހަކައިން ﷲ ތަޢާލާ ފަޚުރުވެރި ވެލައްވާ ދުވަހެވެ. عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ عَزَّ وَجَلَّ فِيهِ عَبْدًا أَوْ أَمَةً مِنْ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمْ الْمَلَائِكَةَ وَيَقُولُ مَا أَرَادَ هَؤُلَاءِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ޢަރަފާތް ދުވަހަށް ވުރެ ގިނައިން ﷲ ތަޢާލާ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ނުވެއެވެ. އެދުވަހުގައި މާތް ﷲ މަލާއިކަތް ބޭކަލުންނަށް އަންގަވާނެއެވެ. "މިބައިމީހުން ބޭނުން ވަނީ ކޮން ކަމެއްތޯއެވެ؟"

މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " إِنَّ اللهَ تَعَالَى يُبَاهِيْ مَلَائِكَتَهُ عَشِيَّةَ عَرَفَةَ بِأَهْلِ عَرَفَةَ ، فَيَقُوْلُ : اُنْظُرُوْا إِلَى عِبَادِيْ أَتَوْنِيْ شَعْثًا غُبَراً " رواه أحمد ، މާނައަކީ: "ޢަރަފާތް ދުވަހު ޢަރަފާތުގައި ތިބޭ މީހުންނާމެދު މާތް ﷲ މަލާއިކަތް ބޭކަލުންގެ އަރިހުގައި ފަޚުރުވެރިވެ ވަޑައިގެން ވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ ގެ އަޅުތަކުންނަށް ބަލާބަލާށެވެ. އެބައިމީހުން ހިރަފުހުން ތަތްތެޅިގެން، ބޯހޭވިފައި އެތިބީ ތިމަން ﷲ ގެ ދަރުބާރަށް އައިހެވެ."

ވީމާ، ލޮބުވެތި މުސްލިމުންނޭވެ. ޢަރަފާތް ދުވަހުގެ މާތް ކަން ޙާޞިލް ކުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރުމަށް އަޅުގަޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތް ކޮށް ނަޞޭޙަތްތެރި ވަމެވެ.


ޙައްޖަތުލްވަދާޢުގެ ޚުޠުބާ

ހިޖުރައިން 10 ވަނަ އަހަރު މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނު ކުރެއްވި އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރެއްވިއެވެ. އެކަލޭގެފާނުގެ މިޙައްޖުފުޅަކީ އެކިގޮތްގޮތުން ފާހަގަކޮށްލެވޭ މަތިވެރި ޙައްޖުފުޅެކެވެ. އެގޮތުން އެޙައްޖުފުޅުގެ ޢަރަފާތު ދުވަހު، އެކަލޭގެފާނު ދެއްވެވި ޚުޠުބާއަކީ ވަރަށްވެސް ފާހަގަކޮށްލެވޭ ޚުޠުބާއެކެވެ.އެކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ރިވެތިވެގެންވާ ނަޞޭޙަތް ދެއްވެވިއެވެ.އެކަލޭގެފާނުގެ އުއްމަތްދެކެ އެކަލޭގެފާނު ލޯބިވެވަޑައިގަންނަވާވަރު މިޚުޠުބާއިން އޮޅުމެއްނެތްގޮތުގައި ޘާބިތުވެއެވެ.
އަޅުގަނޑުމެންގެ މައްޗަށް ވަނީ އެކަލޭގެފާނުގެ މިމަތިވެރި ނަޞޭޙަތުން ނަޞޭޙަތް ލިބިގަތުމެވެ.އިޖުމާލީގޮތެއްގައި އެޚުޠުބާގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((إن الحمد لله نحمده، ونستعينه ونستغفره ونتوب إليه ونعوذ بالله من شرور أنفسنا، وسيئات أعمالنا. من يهد الله فلا مضل له، ومن يضلل الله فلا هادي له. وأشهد أن لا إله إلا الله وحده لا شريك له، وأن محمدا عبده ورسوله. أوصيكم عباد الله بتقوى الله وأحثكم على طاعة الله وأستفتح بالذي هو خير. أما بعد:
“ޙަމްދު ހުރީ ﷲ އަށެވެ. އަހަރެމެން އެއިލާހަށް ޙަމްދުކުރަމެވެ. އަދި އަހަރެމެން ވާތްގަށް އެދެނީ އެއިލާހުގެ ޙަޟްރަތުންނެވެ. އަދި އަހަރެމެންނަށް ފާފަފުއްސަވައި ދެއްވުމަށް އެއިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ. އަދި އަހަރެމެން ތައުބާވަނީ އެއިލާހުގެ ޙަޟްރަތަށެވެ. އަދި އަހަރެމެންގެ ނަފްސުތަކުގައިވާ ނުބައިކަމުންނާއި، އަހަރެމެންގެ ނުބައި ޢަމަލުތަކުން ރައްކާތެރިކޮށް ދެއްވުމަށް އެއިލާހަށް ދަންނަވަމެވެ.ހިދާޔަތް ދައްކަވައިފިމީހަކު މަގުފުރެދި ނުދާހުއްޓެވެ. އަދި އެއިލާހު މަގުފުރައްދަވައިފިމީހަކަށް ހިދާޔަތް ދައްކާނެ މީހަކުނުވެއެވެ. އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހީ އެއްކައުވަންތަ، އެއިލާހާއެކު އެއްވެސް ޝަރީކަކުނުވާ އިލާހެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވަމެވެ. އޭ ﷲގެ އަޅުތަކުންނޭވެ! ﷲ އަށް ތަޤުވާވެރިވުމަށާއި، ﷲ އަށް ކިޔަމަންތެރިވުމުގައި  އަވަސްވެގަތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު ހެޔޮވެގެންވާ (މަގު) ހުޅުއްވައި ދެއްވަމެވެ. އެއަށްފަހު ދަންނައެވެ!
أيها الناس: اسمعوا مني أبيّن لكم، فإني لا أدري لعلي لا ألقاكم بعد عامي هذا، في موقفي هذا.
އޭ އެންމެހާ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ ބަސްފުޅު ކަނުލައި އަޑުއަހާށެވެ. ތިމަންކަލޭގެފާނު މިބަޔާންކޮށް ދެއްވަނީއެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މިއަހަރަށްފަހު ތިޔަބައިމީހުންނާ، ތިމަންކަލޭގެފާނު މިހުންނެވި ތަނުން ބައްދަލުވެވޭނެކަމެއް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވައެވެ.
أيها الناس: إن دماءكم وأموالكم عليكم حرام إلى أن تلقوا ربكم كحرمة يومكم هذا، في شهركم هذا، في بلدكم هذا، وإنكم ستلقون ربكم فيسألكم عن أعمالكم وقد بلّغتُ.
އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި އިލާހާ ބައްދަލުވެއްޖެއުމަށް ދާންދެން ތިޔަބައިމީހުންގެ ލެޔާއި، މުދަލަކީ ތިޔަބައިމީހުންގެ މައްޗަށް ޙުރުމަތްތެރިވެގެންވާ ތަކެއްޗެވެ. ތިޔަބައިމީހުންގެ މިދުވަހާއި (އެބަހީ އަރަފާތު ދުވަހާއި)، ތިޔަބައިމީހުންގެ މިމަހާއި (އެބަހީ ޙައްޖުމަހާއި)، ތިޔަބައިމީހުންގެ މިރަށް (އެބަހީ މައްކާ) ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި އިލާހާ ތިޔަބައިމީހުން ބައްދަލުކުރާ ހުއްޓެވެ. ފަހެ، އެހައިރުން އެއިލާހު، ތިޔަބައިމީހުންގެ ޢަމަލުތައް ކޮށްފައިވާ ގޮތާބެހޭގޮތުން ތިޔަބައިމީހުންނާ ސުވާލުކުރައްވާ ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އިއްވައިފީމެވެ.
فمن كانت عنده أمانة فليؤدها إلى من ائتمنه عليها. وإن كل ربا موضوع ولكن لكم رءوس أموالكم لا تَظلمون ولا تُظلمون. قضى الله أنه لا ربا. إن ربا عباس بن عبد المطلب موضوع كله. وإن كل دم كان في الجاهلية موضوع. وإن أول دمائكم أضع دم ابن ربيعة بن الحارث بن عبد المطلب – وكان مسترضعًا في بني ليث، فقتلته هذيل- فهو أول ما أبدأ به من دماء الجاهلية، وإن مآثر الجاهلية موضوع غير السدانة والسقاية. والعمد قود وشبه العمد ما قتل بالعصا والحجر وفيه مائة بعير. فمن زاد فهو من أهل الجاهلية.
ފަހެ، އެމީހެއްގެ އަތުގައި އަމާނަތެއްވާމީހާ، އެއަމާނަތެއްގެ ޙައްޤުވެގެންވާ ފަރާތާ އެއަމާނަތެއް ހަވާލުކުރާހުށިކަމެވެ. އަދި ހަމަކަށަވަރުން (ޖާހިލިއްޔަ ޒާމަނުގެ) ކޮންމެ ރިބާއެއް ވަނީ ބާޠިލުވެގެންނެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނަށް ވަނީ ތިޔަބައިމީހުން އަނިޔާވެރިނުވެ އަދި އަނިޔާ ނުލިބި ހޯދާ މުދަލެވެ. އަދި ހަމަކަށަވަރުން ޢައްބާސް ބުން ޢަބްދުލް މުއްޠަލިބުގެ އެންމެހާ ރިބާއެއްވަނީ ބާޠިލުވެގެންނެވެ. އަދި ހަމަކަށަވަރުން ޖާހިލިއްޔަ ޒަމާނުގައިވާ މަރުގެ ދިޔައަކީ ބާޠިލުވެގެންވާ ދިޔައެކެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ޢަފޫކުރައްވާ ދިޔައަކީ އިބްނު ރަބީޢާ ބުން ޙާރިޘް ބުން ޢަބްދުލް މުއްޠަލިބުގެ ދިޔައެވެ. އެހެނީ ބަނީ ލައިޘްގައި އޭނާއަށް ކިރުދިން ދުވަސްވަރު ހުޛައިލު ކިޔާ މީހަކު ޤަތުލުކުރިއެވެ. ޖާހިލިއްޔަ ޒަމާނުގެ ދިޔައިގެ ތެރެއިން ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ފައްޓަވާހުށީ މިދިޔައިންނެވެ. ގެފުޅު ބެލެހެއްޓުމާއި، ޙައްޖުވެރިންނަށް ފެން ދިނުން ފިޔަވައި ޖާހިލިއްޔަ ޒަމާނުގެ އެންމެހާކަމެއް ވަނީ ބާޠިލުވެގެންނެވެ. (ގެފުޅުބެލެހެއްޓެވުން ހަވާލުވެފައިވަނީ ބަނީ ޢަބްދުއްދާރުގެ މީހުންނަށެވެ. އަދި ޙައްޖުވެރިންނަށް ފެން ދިނުން ޙަވާލުވެފައިވަނީ ޢައްބާސްގެފާނަށެވެ.)
ޤަސްތުގައި މީހަކު މަރައިފިމީހެއްގެ ޙުކުމަކީ ހަމައެފަދަ ޙުކުމެކެވެ. އަދި ޤަސްތުގައި މެރުމާ އެއްފަދައިން (އާއްމުކޮށް މީހުން މެރުމަށްޓަކައި ބޭނުންނުކުރާ) އަސާ، ހިލަގަނޑަކުން މީހަކު މަރައިފިނަމަ، އެއިގެ ދިޔައަކީ ސަތޭކަ ޖަމަލެވެ. ފަހެ، މިއަށްވުރެ ގިނައިން އެދެފިމީހާ ވަނީ ޖާހިލިއްޔަ ޒަމާނުގެ މީހުންގެ ތެރެއިންނެވެ. (އެބަހީ އެމީހަކީ ޖާހިލިއްޔަ ޒަމާނުގެ ސިފަ ލިބިގެންވާ މީހެކެވެ.)
أيها الناس: إن الشيطان قد يئس أن يعبد بأرضكم هذه أبدًا، ولكنه رضي أن يطاع فيما سوى ذلك مما تحقرون من أعمالكم. فاحذروه على دينكم.
އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން މިބިމުގައި (އެބަހީ މައްކާގައި) އަބަދުގެއަބަދަށް ބުދަށް އަޅުކަންކޮށްފާނެކަމާމެދު ޝައިޠާނާ އުއްމީދު ކަނޑާލައިފިއެވެ.އެހެނެއްކަމަކު، އެކަންނޫން، ތިޔަބައިމީހުން ޢަމަލުތަކުގައި ފަރުވާކުޑަކުރެވޭ ކަންކަމުގައި އޭނައަށް ތަބާވުމަށް އޭނާ ރުހެއެވެ. ފަހެ، އޭނައާމެދު ތިޔަބައިމީހުންގެ ދީނުގައި ޚަބަރުދާރުވާށެވެ!
أيها الناس: { إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ } ، وإن الزمان قد استدار كهيئته يوم خلق الله السموات والأرض، وإن عدة الشهور عند الله اثنا عشر شهرًا، منها أربعة حرم ثلاثة متوالِيَة، وواحد فرد: ذو القعدة وذو الحجة والمحرم ورجب مضر الذي بين جمادى وشعبان.
އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން، (ޙުރުމަތްތެރި މައްސަރެއް) ފަސްކޮށްލުމަކީ، ކާފިރުކަން އިތުރު ކުރުމެކެވެ. ކާފިރުވި މީހުން އެކަމުގެ ސަބަބުން (އިތުރަށް) މަގުފުރެދިގެންދެއެވެ. އެއުރެން އެއްއަހަރު އެއްމައްސަރެއްގެ ޙުރުމަތްކަނޑައި، އަނެއްއަހަރު އެ މައްސަރެއް ޙުރުމަތްތެރި ކުރެއެވެ. އެއީ  ﷲ،  ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ޢަދަދު ހަމަކުޅައުމަށްޓަކައެވެ. ފަހެ، އެގޮތުން، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ޙުރުމަތް ކަނޑައެވެ. އަދި ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އެއިގެ ތެރެއިން ހަތަރުމަހެއްވަނީ ޙުރުމަތްތެރިވެގެންނެވެ. އެއިގެ ތެރެއިން ތިންމަސް އަންނަނީ ޖެހިޖެހިގެންނެވެ. އަދި އަނެއްމަސް ވަނީ ވަކިންނެވެ. އެއީ ޛުލްޤަޢްދާއާއި ޛުލްޙިއްޖާއާއި މުޙައްރަމު އަދި ރަޖަބެވެ. ރަޖަބު ވަނީ ޖުމާދުލް (އާޚިރު) މަހާއި ޝަޢުބާންމަހާ ދެމެދުއެވެ.
أيها الناس: إن لكم على نسائكم حقا ولهن عليكم حقًا، لكم عليهن ألا يوطئن فرشكم أحدًا تكرهونه وعليهن ألا يأتين بفاحشة مبيّنة فإن فعلن فإن الله قد أذن لكم أن تهجروهن في المضاجع وتَضربوهن ضربًا غير مبرح، فإن انتهين وأطعنكم فلهن رزقهن وكسوتهن بالمعروف. واستوصوا بالنساء خيرًا فإنهن عندكم عوان لا يملكن لأنفسهن شيئًا، وإنكم إنما أخذتموهن بأمانة الله واستحللتم فروجهن بكلمة الله، فاتقوا الله في النساء واستوصوا بهن خيرًا.
އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަރާތުން ތިޔަބައިމީހުންގެ އަންހެންތަކުންގެ މައްޗަށް ޙައްޤުތަކެއްވެއެވެ. އަދި އެކަނބަލުންގެ ފަރާތުން ތިޔަބައިމީހުންގެ މައްޗަށް ޙައްޤުތަކެއްވެއެވެ. ތިޔަބައިމީހުންގެ ފަރާތުން އެކަނބަލުންގެ މައްޗަށްވަނީ އެއްވެސްމީހަކަށް ތިޔަބައިމީހުންގެ އެނދުތަކުން ފުރުޞަތުނުދިނުމާއި، ތިޔަބައިމީހުން ނުރުހޭމީހަކު ތިޔަބައިމީހުންގެ އިޛުނަޔާނުލައި ގެއަށް ނުވެއްދުމާއި، ބަޔާންވެގެންވާ ފާޙިޝްކަމެއް ގެނެސްނުގަތުމެވެ. ފަހެ، އެކަނބަލުން މިއިންކަމެއް ގެނެސްގެންފިނަމަ، ނިދާ އެނދުމަތިން އެކަނބަލުން ދުރުކުރުމާއި، އަނިޔާނުވާގޮތަށް ޖެހުމުގެ އިޒުނަ ﷲ ވަނީ ތިޔަބައިމީހުންނަށް ދެއްވާފައެވެ. ފަހެ، އެކަނބަލުން އެކަންކަން ހުއްޓާލައި، ތިޔަބައިމީހުންނަށް ކިޔަމަންތެރިވެއްޖެނަމަ، ރިވެތިގޮތުގައި އެކަނބަލުންނަށް ކާންބޯންދީ އަދި އަންނައުނުދީ އުޅޭށެވެ.  އަދި އެކަނބަލުންނާމެދު ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަމެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ކައިރީގައި އެކަނބަލުންވަނީ ހައްޔަރުވެފައިވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމިއްލަ ނަފްސުތަކަށް އެއްވެސްކަމެއް ނުކޮށްދެވޭ ޙާލަތުގައެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން އެކަނބަލުން ލިބިގެންފައިވަނީ ﷲ ގެ އަމާނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން އެކަނބަލުންގެ ފަރުޖުތައް ޙަލާލުކޮށްފައިވަނީ ﷲގެ ކަލިމަފުޅުންނެވެ. އެކަނބަލުންނާމެދު ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި އެކަނބަލުންނާމެދު ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަމެވެ.
فاعقلوا أيها الناس قولي فإنّي قد بلّغتُ، وقد تركت فيكم ما إن اعتصمتم به لم تضلّوا أبدًا، أمرًا بينا، كتاب الله وسنة نبيه.
އޭ އެންމެހާ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ ބަސްފުޅާމެދު ވިސްނުން ހިންގާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އިއްވައިފީމެވެ.ހަމަކަށަވަރުން އެއެއްޗެއްގައި ތިޔަބައިމީހުން ހިފަހައްޓައިފިކަމުގައިވާނަމަ، ދުވަހަކުވެސް މަގުފުރެދިގެން ނުދާނެއެއްޗެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދޫކުރެއްވީމެވެ. އެއީ ﷲ ގެ ފޮތާއި، އެއިލާހުގެ ނަބިއްޔާގެ ސުންނަތެވެ.
أيها الناس: اسمعوا قولي واعقلوه، تعلَمُنّ أن كل مسلم أخ للمسلم وأن المسلمين إخوة، لا يحل لامرئ من أخيه إلا ما أعطاه عن طيب نفس منه، فلا تظلمنّ أنفسكم. اللهم هل بلّغت؟ قالوا: اللهم نعم.
އޭ އެންމެހާ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ ބަސްފުޅު އަޑުއަހައި، ވިސްނުން ހިންގުން ހުއްޓެވެ. ތިޔަބައިމީހުންނަށް އެނގިގެންވާނެ ފަދައިން ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އަދި ހަމަކަށަވަރުން އެންމެހާ މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެކެވެ. އޭނަގެ އަޚާ ހިތުންރުހުމުން ދިން އެއްޗެއް މެނުވީ އެމީހަކަށް ހުއްދަ ނުވާހުއްޓެވެ. ފަހެ، ތިޔަބައިމީހުންގެ ނަފްސުތަކަށް އަނިޔާވެރިނުވާށެވެ.އޭ ﷲ! ތިމަންކަލޭގެފާނު ފޯރުކޮށް ދެއްވައިފިން ހެއްޔެވެ؟ އެބައިމީހުން (އެބަހީ ޞަޙާބީން) ދެންނެވިއެވެ. އޭ ﷲ! އާދޭހެވެ.
فقال رسول الله صلى الله عليه وعلى آله وسلّم: اللهم اشهد. فلا ترجعوا بعدي كفّارًا يضرب بعضكم أعناق بعض.
ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އޭ ﷲ! ހެކިވެވޮޑިގެންފާނދޭވެ. ފަހެ، ތިމަންކަލޭގެފާނަށްފަހު ކާފިރުކަމަށް ރުޖޫޢަވެ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބައެއް ޤަތުލުކޮށް ނަހަދާށެވެ.
أيها الناس: إن ربَّكم واحد، وإن أباكم واحد، كلكم لآدم وآدم من تراب، أكرمكم عند الله أتقاكم، وليس لعربي على عجمي فضل إلا بالتقوى، ألا هل بلغت؟ قالوا نعم. قال: فليبلغ الشاهد منكم الغائب.
އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި އިލާހަކީ އެއްކައުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ބައްޕައަކީ އެކަކެވެ. ތިޔަބައިމީހުން އެންމެން (އައިސްފައިވަނީ) އާދަމްގެފާނުގެ ފަރާތްޕުޅުންނެވެ. އާދަމްގެފާނު (ހެއްދެވިފައިވަނީ) މަށިންނެވެ. ތިޔަބައިމީހުންގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވަނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިމީހެކެވެ. އަދި ތަޤްވާއާނުލައި ޢަރަބިންނަށް ޢަރަބިން ނޫން މީހުންގެ މައްޗަށް އެއްވެސް މަތިވެރިކަމެއް ނެތެވެ. ތިމަންކަލޭގެފާނު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އެބައިމީހުން (އެބަހީ ޞަޙާބީން) ދެންނެވިއެވެ. އާދޭހެވެ. ފޯރުކޮށް ދެއްވައިފީމުއެވެ. ޙަދީޘް ކުރެއްވިއެވެ. ޙާޟިރުވެހުރިމީހާ ޙާޟިރުވެނެތްމީހާއަށް ފޯރުކޮށްދޭހުށިކަމެވެ.
أيها الناس: إن الله قسم لكل وارث نصيبه من الميراث، ولا يجوز لوارث وصية. ولا تجوز وصية في أكثر من الثلث، والولد للفراش وللعاهر الحجر من ادعى إلى غير أبيه أو تولى غير مواليه. فعليه لعنة الله والملائكة والناس أجمعين،
އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ވާރުތަމުދަލުން ކޮންމެ ވާރުތަވެރިޔަކަށް ކަނޑައެޅިގެންވާ މިންވަރު ﷲ ކަނޑައެޅުއްވިއެވެ. ވާރުތަވެރިޔަކަށް ވަޞިއްޔަތެއް ހުއްދަވެގެން ނުވެއެވެ. އަދި ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ވަޞިއްޔަތްކުރުން ހުއްދަވެގެންނުވެއެވެ. ކުއްޖާ ވަނީ އެނދުގެ ވެރިޔާއަށެވެ. އަދި (ކައިވެނިކުރުމަށްފަހު) ޒިނޭކުރާމީހާގެ ޙުކުމަކީ ރަޖަމުކުރުމެވެ. އެމީހެއްގެ ބައްޕަފިޔަވައި އަދި އެމީހެއްގެ ސާހިބުމީހާ ފިޔަވައި އެހެން މީހަކަށް ނިސްބަތްވެއްޖެމީހެއްގެ މައްޗަށް ﷲއާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢުނަތް ހުއްޓެވެ.
والسلام عليكم ورحمة الله وبركاته )) .
އަދި ތިޔަބައިމީހުންނަށް ސަލާމަތްކަމާއި، ﷲގެ ރަޙުމަތާއި ބަރަކާތް ހުއްޓެވެ.”
މިޚުޠުބާ ދެއްވައި ނިމިވަޑައިގަތުމާއެކު، އިސްލާމްދީން ފުރިހަމަވެފައިވާކަމާއި، އެދީނުގެ ތެރެއަށް އިތުރަށް ގެނެސްގަނެވޭނެ އަދި އުނިކުރެވޭނެ އެއްވެސް ކަމެއް ނުވާކަމުގެ މަތިވެރި ޚަބަރު ދެއްވެވިއެވެ.
(الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ الأسْلاَمَ دِيناً ) المائدة : 3
މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”



0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons