Sunday, July 10, 2011

ކެމްޕޭނުގައި ވެފައިވާ ވަޢުދުތައް ފުއްދައިނުދޭނަމަ އެ ވެރިކަމަކާ ދެކޮޅަށް ތެދުވުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް: އަލްއަޒްހަރު ޔުނިވާސިޓީގެ ޢިލްމުވެރިން


އިންތިޚާބުތަކަށް ކުރިމަތިލާ އިރު ކުރާ ކެމްޕޭނުގައި ވެފައިވާ ވަޢުދުތައް، އެ އިންތިޚާބެއް ކާމިޔާބުވުމަށް ފަހު ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ފުއްދައިނުދޭ ނަމަ އެ ވެރިކަމަކާ ދެކޮޅަށް ތެދުވުމަކީ އިސްލާމް ދީނުގައި ޖާއިޒްވެގެންވާ ހުއްދަ ކަމެއް ކަމަށް މިޞްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ

އިލްމުވެރިން ފަތުވާ ދެއްވައިފިއެވެ.

މިސްރުގެ ދުވަހު ނޫސް "އަލް މަސްރީ އަލް ޔައުމީ" އަށް ދެއްވި ބަސްދީގަތުމެއްގައި އަޒްހަރުގެ އެންމެ އިސް ބައެއް ޢިލްމުވެރިންނާއި އިސް ޝައިޚުން ވިދާޅުވެފައިވާ ގޮތުގައި، ވަލިއްޔުލް އަމްރުގެ މައްޗަށް ކިޔަމަންގަތުމަކީ އިސްލާމީ ޝަރީޢަތުގައި މުޠުލަޤު ގޮތެއްގައި (އިތުރު އެއްވެސް ކަމަކަށް ރިއާޔަތްކުރުމެއް ނެތި ކުރުމަށް) އޮންނަ ކަމެއް ނޫނެވެ. އަދި ވެރިންނަށް ކިޔަމަންވުން އިސްލާމް ދީނުގައި އޮތީ، ﷲގެ އަމުރުފުޅުތަކަށް އުރެދުމެއްނުވާ ކަންކަމުގަ އާއި ޠާހިރު ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމުގަ އާއި ރައްޔިތުންގެ އިންސާނީ ކަރާމާތްތެރިކަން ޙިމާޔަތްކޮށްދޭ ކަމުގައިވާނަމަ ކަމަށްވެސް އެ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

"ކީރިތި ޤުރްއާނުގައި، ތިޔަބައިމީހުން ﷲ އަށާއި އެ ކަލާނގެ ރަސޫލާއަށާއި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސް ކިޔަމަންވާށޭ އަންގަވައި ކުރައްވާފައިވާ އަމުރުފުޅުގެ މުރާދަކީ، ވެރިމީހާއަށް ނުވަތަ ވަލިއްޔުލް އަމްރަށް މުޠުލަޤު ގޮތެއްގައި ކިޔަމަންގަތުމެއްނޫން. އަދި ކިއެއްތަ، އެ ކިޔަމަންގަތުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށާއި އެންގެވުންތަކަށް ޚިލާފުނުވުމުގައި އޮންނަންޖެހޭނެ ކިޔަމަންގަތުމެއް. އެކަމުގެ ޝަރުޢީ ބިންގަލަކީ، ޚާލިޤްވަންތަ ﷲ އަށް އުރެދުމެއްވާ ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންގަތުމެއް ނެތް ކަމަށް، ކީރިތި ރަސޫލާ ވިދާޅުވެފައި އޮންނަ ބަސްފުޅު،" އަލް މަޞްރީ އަލް ޔައުމީގެ ޖެނުއަރީ 16 ވަނަ ދުވަހުގެ ޢަދަދަށް ދެއްވި އިންޓަވިއުއެއްގައި އަޒްހަރުގެ އެންމެ މަތީ ޢިލްމުވެރިންގެ މަޖިލިސް ކަމަށްވާ މުޖައްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ (އިސްލާމިކް ރިސާޗް އެކަޑަމީ)ގެ މެމްބަރު ޑރ. އަބްދުލްމުޢުތީ ބައްޔޫމީ ވިދާޅުވެފައިވެ އެވެ.

"އިންތިޚާބީ ކެމްޕޭންގެ ތެރޭގައި ވެފައިވާ ވަޢުދުތައް ޙާކިމާ ތަންފީޒުނުކުރާ ނަމަ، ވެރިމީހާއާ ދެކޮޅަށް ނުކުތުމާއި ވެރިމީހާގެ އަމުރުތަކަށް ކިޔަމަންނުވުމަކީ ރައްޔިތުންގެ މައްޗަށް ހުއްދަވެގެންވާ ކަމެއް. އަދި އެ ތަނެއްގައި ފަސާދަ ފެތުރި ފާޅުގައި ޢާންމުވެއްޖެ ނަމަ، އަދި އިސްލާމް ދީނުގެ ޝަރުއީ ޙުކުމްތަކާ ޚިލާފުވާ ނަމަ، ޙާކިމާއާ ދެކޮޅަށް ނުކުތުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް،" ޑރ. ބައްޔޫމީ ވިދާޅުވެފައިވެ އެވެ.

އެ އެކަޑަމީގެ މެންބަރު އަދި އެމެރިކާގެ އެސެމްބްލީ އޮފް މުސްލިމް ޖުރިސްޓްސްގެ މެންބަރު ޑރ. މުޙައްމަދު ރައުފަތު ޢުޘްމާން ވިދާޅުވެފައިވާ ގޮތުގައި އިސްލާމީ ޝަރީޢަތުގެ ވެރިމީހާއަށް ކިޔަމަންގަތުމަށް އޮންނަ އަމުރުފުޅުގެ އަޞްލަކީ މުޠުލަޤު ކަމެއް ނޫނެވެ. އެ ކިޔަމަންތެރިކަން އަދާކުރަންޖެހެނީ އެތައް ޝަރުޠަކާއި ޤަވާއިދުތަކެއްގެ މަތިންކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ޙާކިމާ ޝަރުޢީ ޙުކުމްތަކާ ދެކޮޅު ނުހެދުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ގޮތުން ޑރ. ޢުޘްމާން ވިދާޅުވީ ތޫނިސްގެ ރައީސް ޒައިނުލް ޢާބިދީން ބިން ޢަލީ ވެރިކަމުން ދުރުކުރި ދުރުކުރުމަކީ އިސްލާމީ ޝަރީއަތާ ވަރަށް ގާތް ގޮތަކަށް އަދި ހުއްދަ ގޮތަކަށް ކުރެވުނު ކަމެއްކަމަށެވެ. އެއީ ވެރިމީހާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އަމަން ބަލަހައްޓާ ފަރާތްތަކުން ނޫނީ އަނިޔާވެރި އަމަލުތައް ހިންގާފައިނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒްހަރު ޔުނިވާސިޓީގެ ޢަޤީދާ އާއި ފަލްސަފާގެ ޕްރޮފެސަރެއްކަމަށްވާ ޑރ. އާމިނާ ނަޞީރުވެސް ވިދާޅުވެފައިވަނީ ވަލިއްޔުލް އަމްރަށް ކިޔަމަންގަތުމަކީ ވަރަށް ގިނަ ކަންތައްތަކަކާ ގުޅިފައިވާ ކަމެއްކަމަށާއި އެއީ މުޠުލަޤު ގޮތެއްގައި އޮންނަންޖެހޭ ކިޔަމަންގަތުމެއްނޫން ކަމަށެވެ. ކިޔަމަންގަތުމާ ގުޅިފައިވާ ކަންކަމުގެ ތެރޭގައި ތާހިރު ދިރިއުޅުމެއް އުޅެވޭނެ މަގު ވަލިއްޔުލް އަމްރުގެ ފަރާތުން ފަހިކޮށްދިނުމާއި މުޖްތަމައުގެ އެންމެންގެ މެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުން ހިމެނޭ ކަމަށްވެސް ޑރ. އާމިނާ ވިދާޅުވެފައިވެ އެވެ.

މިޞްރުގެ އެ ޢިލްމުވެރިންގެ ފަތުވާ އާއި ތޫނިސްގައި އޮތް ޒައިނުލް ޢާބިދީން ބިން ޢަލީގެ ވެރިކަން ވައްޓާލުމަށް އެގައުމުގެ ރައްޔިތުން ނުކުތް ނުކުތުމުން ހިތްވަރު ލިބިގެން މިޞްރުގެ ރައްޔިތުން ވެސް މިހާރު ވަނީ އެ ގައުމުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓައިލުމަށް ނުކުމެފައެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons