كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ (آل عمران 185)
ކޮންމެ ނަފްސަކީ މަރުގެ ރަހަ ދެކޭނެ ނަފުސެކެވެ.
މަރުވުން
މަރަކީ ކޮބައިތޯއެވެ.؟
މަރަކީ އިންސާނާގެ ހަށިގަނޑާއި ފުރާނަ ވަކިވެގެންދިއުމެވެ. މަރޭމިކިޔަނީ މިއަށެވެ. ހަށިގަނޑާއި ފުރާނަ ވަކިވާހިސާބުން ހަށިގަނޑުގެ ބޭނުންކެނޑުނީއެވެ. އެހިސާބުން ހަށިގަނޑު ވެގެންދަނީ އުކާލަންވެފައިހުރި މުޅަމަސްފުންޏަކަށެވެ. މިއީ އެކަކަށްވެސް ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. އެހެންކަމުން މަރާއި ކުރިމަތިނުލާ އެއްވެސް ޤައުމެއް ނުވަތަ ބަޔަކުވިޔަސް އުޅުނުހެއްޔެވެ؟ ނުވަތަ އެބައުޅޭހެއްޔެވެ؟ ދުނިޔެދުށް ބޮޑެތި ދައުލަތްތަކާއި، ރަސްރަސްކަލުންނާއި، އާރާއި ބާރު ލިބުނު މީހުންތައް ކޮބައިހެއްޔެވެ؟ އާރާއި ބާރު އޮތް އަދި ކަލެއްކަމަށް ދަޢްވާކުރި ފިރްޢައުނު ކޮބައިހެއްޔެވެ؟ އޭނާގެ އައުވާނުންގެ ތެރޭގައިވި ހާމާނުކޮބައިހެއްޔެވެ؟ މުއްސަނދިކަންލިބި ރަނާއި ރިހިންޖަރީވެ ހުރެ މިބިންމަތީގައި ބޮޑާވެގަނެ ﷲ އަށް އުރެދިގަތް ޤާރޫނު ކޮބައިހެއްޔެވެ؟ އާރާއި ބާރު ލިބި ފަރުބަދަތައް ކަނޑައިގެން އުޅުނު އާދުބާގައިގެ މީހުންކޮބައިހެއްޔެވެ؟ ފަހެ މި އެންމެންގެ ގަނޑުވަރުތަކާއި، ރަސްކަން މިއަދު ކޮބައިހެއްޔެވެ؟ އެބައިމީހުންނަކީ އިރެއްގައި މިދުނިޔޭގައި އުޅުނު ބައެއް ހެންވެސް މިއަދު ހީނުވެއެވެ. ﷲ ތަޢާލާގެ ހުސްޠާހިރުވަންތަ ކަމާއެވެ. ފަހެ ﷲ ގެ މަގުގައި ޖިހާދު ކުރަން ނިކުތުމަށް އަމުރުކުރެއްވުނުހިނދު މަރަށްބިރުން ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންނުވެ އެއިލާހަށް އުރެދުނު ބަޔަކާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ މާނައީ:" ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ. އަދި ހަމަކަށަވަރުން ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ޢަމަލުތަކުގެ އަޖުރު ބަރާބަރަށް ދެވޭނެއެވެ. ފަހެ ނަރަކައިގެ އަލިފާނުން މިންޖުކުރެވި ސުވަރުގެ ވެއްދުނުމީހާ ދަންނައެވެ! ފަހެ އޭނާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން މި ދުނިޔެވީ ޙަޔާތަކީ ކެހިދެނިވި ސާމާނުތަކެއް ކަމުގައި ނޫނީ ނުވެއެވެ."
އާދެ! އެއްވެސްމީހަކީ އެމީހެއްގެ އަޖަލު އައިސް ޖެހިއްޖެނަމަ އެންމެ ހިނދުކޮޅަކަށް ލަސްކުރެވި އަދި އަވަހެއްވެސް ކުރެވޭނެ މީހެއްނޫނެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. فَإِذَا جَاء أَجَلُهُمْ لاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ މާނައީ: "ފަހެ އެބައިމީހުންގެ އަޖަލު އައިސް ޖެހިއްޖެނަމަ އެންމެ ހިނދުކޮޅެއްގެ މިންވަރުވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އެންމެ ހިނދުކޮޅެއްގެ މިންވަރު އަވަސްވެސް ނުކުރެވޭހުއްޓެވެ." (ދަރުމަ ޖޫން 2008 ޞ 27 ތަރުޖަމާ އާދަމް ނިޝާން)
ކީރިތި ޤުރުއާނުގައި މަރަށް ދެވިފައިވާ ބައެއް ނަންތައް
اليقين : "ޔަޤީން"ގެ ނަމުން ކީރިތި ޤުރުއާނުގައި މަރަށް ނަންދެވިފައި ވެއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. {وَعْبْدُوْا رَبَّكَ حَتَى يَأْ تِيَكَ الْيَقِيْنَ} (الحجر 99) މާނައީ: " އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ. ޔަޤީންވެގެންވާ ކަންތައް (މަރު) ކަލޭގެފާނުގެ އަރިހަށް އަތުވެއްޖައުމަށް ދާންދެނެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ ޔަޤީނުގެ ނަމުން މަރަށް ނަންދެއްވާފައި ވުމުގެ ޙިކުމަތަކީ ކޮބައިތޯއެވެ؟ ޝައްކެއްނެތްގޮތުގައި މަރުވުމަކީ ފޮރުވިފައިވާ ފަރުދާއެއް ކަޝްފުވުމެވެ. އެފަރުދާ ކަޝްފުވުމުން އެތައް އެތައް ކަންތައް ތަކެއް މީހާގެ ލޮލަށްފެނި ޔަޤީންވެދެއެވެ. މަރުގެ މަލާއިކަތާ މަލަކުލް މަވްތު މީހާގެ ލޮލަށްފެނުމެވެ.
އަދި އެމަލާއިކަތާގެ އަރިހުގައި ވަޑައިގަންނަވާ އެހެނިހެން މަލާއިކަތުންވެސް ފެނުމެވެ. މަރުގެ ސަކަރާތްތަކާއި ކުރިމަތިލާންޖެހުމެވެ. ހަށިގަނޑުގެތެރެއިން މަލާއިކަތުން އިންސާނާގެ ފުރާނަ ނެރުއްވަވާއިރު އެ އިންސާނާއަށް ކުރެވޭ އިހުސާސްތަކާއި ފެންނަ ފެނުންތަކެވެ. ފުރާނަ ނޭވާހޮޅިއަށް އެޅި ބަރުޒަޚު ހުޅުވިގެން ދިއުމެވެ. މިތުރުންދޫކޮށް ކަށްވަޅަށް ދާންޖެހުމެވެ. ނަކީރު މުންކަރު ދެމަލާއިކަތުންގެ ސުވާލުތަކާއި ކުރިމަތިލާންޖެހުމެވެ. އެއަށްފަހު ޤިޔާމަތާ ޖެހެންދެން ބަރުޒަޚުގައި ފުރާނަ އޮންނަ އޮތުމެވެ. މިހުރިހާކަމެއް އިންސާނާގެ އިޢްތިޤާދުގައި އޮންނައޮތުން އިތުރަށް ޔަޤީންވަނީ އޭނާގެ ގާތަށް މަރު އައުމުންނެވެ. ތިމާގެ ލޮލަށްފެންނަ ކަމަކީ ހުވަފެނެއްނޫނެވެ. ޝައްކެއް ވަހުމެއް ނޫނެވެ. އެއަށް އަޅުގަނޑުމެން ކިޔަނީ ޔަޤީނެވެ. އައިބުގައި ތިމާއަށް ނުފެނި ހުރި އެތައްކަމެއް މަރުވުމުން ލޮލަށްފެނި ޔަޤީންވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَجَاءتْ سَكْرَةُ الْمَوْتِ بِالْحَقِّ ذَلِكَ مَا كُنتَ مِنْهُ تَحِيدُ (19) وَنُفِخَ فِي الصُّورِ ذَلِكَ يَوْمُ الْوَعِيدِ (20) وَجَاءتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ(21) لَقَدْ كُنتَ فِي غَفْلَةٍ مِّنْ هَذَا فَكَشَفْنَا عَنكَ غِطَاءكَ فَبَصَرُكَ الْيَوْمَ حَدِيدٌ(22) މާނައީ: އަދި މަރުގެ ސަކަރާތް ޙައްޤާއިގެން އަތުވެއްޖެއެވެ. އެއީ ތިބާ އެއަށް ބިރުން ފިލަންއުޅޭ މަރެވެ. އަދި ތާޅަފިލި ފުމެލެއްވޭނެއެވެ. އެދުވަހަކީ ވަޢީދުގެ ދުވަހެވެ. އަދި ކޮންމެ ނަފުސަކުމެ އަންނާނީ އޭނާޔާއި އެކުގައި ލަވައިގެންދާނޭ މަލާއިކަތާއި ހެއްކަކު (ގުނަވަންތައް) ވާޙާލުގައެވެ. (އެދުވަހުން ނިދާ އިއްވެވޭނެއެވެ.) ހަމަކަށަވަރުން ތިބާ ދުނިޔޭގައި މިކަންތައްތަކުން ޣާފިލުވެގެންވީމުއެވެ. ފަހެ ތިމަންރަސްކަލާނގެ ތިބާގެ ކިބައިން އެފަރުދާ ކަޝްފުކޮށްލެއްވީމެވެ. ފަހެ މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ." (ޝައިޚް ފަރީދުގެ ދީނީ ދަރުސް އޯޑިއޯ ޓޭޕް)
المصيبة
" އަލް މުޞީބަތު" ގެ ނަމުންވެސް ކީރިތިޤުރުއާނުގައި މަރަށް ނަންދެވިފައިވެއެވެ. އަޅުގަނޑުމެން އެންމެންވެސް ދަންނަފަދައިން މުޞީބާތަކީ އިންސާނާއަށް މިދުނިޔޭގައި ދިމާވާ ހިތްހަމަނުޖެހޭފަދަ ބޮޑެތި ކަންތައްތަކެވެ. އިންސާނާގެ ހިތާއި ހަށިގަނޑަށް އެކަމުގެ ސަބަބުން ވޭނާއި ކެކުޅުންތައް ލިބޭފަދަ ކަންތައްތަކެވެ. ފުރާނައަށް ނުރައްކާވާފަދަ ކަންތައްތަކެވެ. އެފަދަ ވަގުތުތަކުގައި އަޅުގަނޑުމެން ބުނަންޖެހެނީ ﷲސުބުޙާނަހޫ ވަތަޢާލާއަށެވެ. އަދި ހަމަކަށަވަރުން އަހުރެމެން އެނބުރި ދާނީވެސް އެކަލާނގެ ހަޟްރަތަށެވެ." (إنا لله وإنا إليه راجعون) (البقرة 106) މިފަދައިންނެވެ. މާނައީ:" ހަމަކަށަވަރުން އަހުރެމެންގެ ހުރިހާކަމެއް މިލްކުވެ ވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. އަދި ހަމަކަށަވަރުން އަހުރެމެން އެނބުރިދާނީވެސް އެކަލާނގެ ހަޟްރަތަށެވެ." މުޞީބާތުގެ ނަމުން މަރަށް ނަންދެއްވައި މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ.
إِنْ أَنتُمْ ضَرَبْتُمْ فِي الأَرْضِ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ (މާއިދާ 106) މާނައީ:" ބިމުގައި ދަތުރުފަތުރުކޮށް އުޅެނިކޮށް މަރުގެ މުޞީބާތް އައިސް ތިޔަބައިމީހުންނަށް ޖެހިއްޖެ ނަމައެވެ. ((ދަރުމަ ޖޫން 2008 ޞ 28 ތަރުޖަމާ އާދަމް ނިޝާން)
النعمة
މަރުވުމަކީ ނިޢްމަތެއްކަމުގައިވެސް ވެދެއެވެ. ކީރިތިޤުރުއާނުގައި މާތްﷲ ވަޙީކުރެއްވިއެވެ.
كُلُّ مَنْ عَلَيْهَا فَانٍ (26) وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ (27) فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ (28) މިއާޔަތްތަކުގެ މާނައީ: " އޭގެމަތީގައި (ބިން) ވާ ކޮންމެ އެއްޗަކީ ހަލާކުވެ ނެތިހިނގައިދަނިވި ތަކެއްޗެވެ. އަދި ކުޅަ ދުންވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޒާތުފުޅު ދެމިވޮޑިގެންވެއެވެ. ފަހެ ތިޔަ ދެބައިމީހުން (އިންސީންނާއި ޖިންނީން) ދޮގުކޮށް އިންކާރުކުރަނީ ތިޔަދެބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ނިޢްމަތްތަކުގެ ތެރެއިން ފަހެ ކޮންކޮން ނިއްމަތަކާއި މެދުގައި ހެއްޔެވެ؟" ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މަރުވުމަކީ ބައެއްޙާލަތްތަކުގައި ނިޢްމަތެއްކަން މިއާޔަތާއިމެދު ވިސްނާލުމުން އެނގެއެވެ. މަރުވުމަކީ ނިޢްމަތެއްކަމަށް ޢިލްމުވެރިން ފާހަނގަކުރައްވާ ބައެއްކަންތައްތަކަކީ:-
ހ. ދުނިޔެވީ ޙަޔާތަކީ އުޚުރަވީ ޙަޔާތް ކާމިޔާބުކުރުމަށް މަސައްކަތްކުރުމަށް އޮތްތަނެއްކަމާއި، މިޙަޔާތަކީ ޤަރާރުކަމެއްނެތް ވަގުތީ ޙަޔާތެއްކަން އެންމެބޮޑަށް ތަޞައްވަރުވެގެންދަނީ މަރުހަނދުމަކުރުންކަމުގައިވުން.
ށ. ދުނިޔެއިން އިންސާނަކަށް ލިބޭނެ އެންމެ ޢިބްރަތްތެރި ފިލާވަޅަކީ މައްޔިތެއްގެ ޖަނާޒާއަށް ޙާޟިރުވުންކަމުގައި ވުން.
ނ. ދުނިޔޭގައި ތިމާ އެންމެ ލޯބިވާމީހުން މަރުވެދިއުމުން އެކަމަށް ކެތްތެރިވާ އަޅުންނަށް ވަރަށްމަތިވެރި ޘަވާބު ﷲ ގެ ހަޟުރަތުގައި ތައްޔާރުވެފައިވުން.
ރ. މަރުވުން މިންވަރުކުރައްވާފައި ވުމުން ހެޔޮއަމަލުތައް ކުރާމީހުންނަށް ސުވަރުގޭގެ މަތިވެރި ޘަވާބު ލިބުމާއި، ނުބައިޢަމަލުތައް ކުރާމީހުންނަށް އެކަމުގެ ވޭންދެނިވި އަޛާބު ލިބޭނެގޮތް އިންތިޒާމު ކުރެވިފައިވުން.
ބ. އަނިޔާވެރިންނާއި ރަހުމުކުޑަ އަނިޔާވެރި ވެރިންގެ އަތްދަށުން އެމީހުންގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށްޓަކައި ގަނޑުވަރުތަކުން ކަށްވަޅުތަކުގެ އަނދިރިކަމުގެ ތެރެއަށް އެމީހުން ގެންދާ އެއްޗެއްކަމުގައި މަރުހިމެނިފައިވުން.
ޅ. މުއުމިނު ޞާލިޙުއަޅުން މަރުވުމުން ވަރުބަލިކަމުން އޭނާއަށް ރާޙަތުލިބުމާއި، ނުބައި ނުލަފާ އަނިޔާވެރިޔާ މަރުވުމުން އޭނާގެ ކިބައިން ދުނިޔޭގައި ތިބި މީހުންނަށާއި، ގަސްގަހާގެއްސާއި ޖަނަވާރުފަދަ ތަކެއްޗަށްވެސް ރާޙަތު ލިބިގެން ދިއުން.
މަރުވުމުން އަޅުގަނޑުމެންގެ މައްޗަށް ﷲ ތަޢާލާ މިންވަރު ކުރައްވާފައި ވުމުގައި އިސްވެދިޔަ ކަންތައްތަކުގެ އިތުރުން އެތައް އެތައް ޙިކުމަތްތަކެއްވެއެވެ. އެއިން ކޮންމެ ކަމަކީ ހަމަ ނިޢްމަތެކެވެ. އޭގެތެރޭގައި މިޙަޔާތުގައި އެންމެ ހެޔޮޢަމަލުތައް ކޮށް އޮޅުނީ ކާކުތޯ އިމްތިޙާނުކުރުން ހިމެނެއެވެ. އަދި ދުނިޔޭގައި ﷲ ލެއްވި މަޚުލޫޤުންތަކުގެ މެދުގައި ބެލެންސް ހިފެހެއްޓެވުންވެސް ހިމެނެއެވެ. މިސާލަކަށް ދެމެއްސެއް އޭގެ ދަރިފަސްކޮޅު ދެމެހެއްޓުމުގައި އެއްގޮތަކަށްވެސް މަރުނުވެ އުޅޭނަމަ މުޅިދުނިޔޭގެ ބިމުގެ ފަށަލަ މެހީގެ ސަބަބުން އެތައް ސެންޓިމީޓަރަކަށް ބޯވެގެން ހިނގައްޖައީހެވެ. މިހުރިހާކަމަކުން އެނގެނީ މަޚުލޫޤުންތަކުންގެ މެދުގައި ﷲ ތަޢާލާ މަރުވުން މިންވަރު ކުރައްވާފައި ވުމީ ވަރަށްބޮޑު ނިޢްމަތެއްކަމެވެ. އެކަމާމެދު އަޅުގަނޑުމެން ވިސްނިވަރަކަށް އަޅުގަނޑުމެންނަށް އެތައްއެތައް ޙަޤީގަތްތަކެއް ހާމަވެ އެނގިގެންދާނެއެވެ. (ދަރުމަ ޖޫން 2007 ޞ 34،33،35،)
ފުރާނަޔާއެކުގައި
ހަމަކަށަވަރުން އެފުރާނައަކީ އިންސާނުންގެ ވިސްނުމާއި ބުއްދިއަށް އެއީ ކޮންއެއްޗެއްކަން ވިސްނައިގަތުމަށް ނުކުޅެދިފައިވާ އެއްޗެކެވެ. އޭނާގެ ހަށިގަނޑުގެ ތެރޭގައި އެ ފުރާނަ އެކުލެވިގެންވާ އިންސާނާ ސުވާލުކުރާނީ އޭގެ ސިފައަކީ ކޮބައިތޯއެވެ؟ މިސުވާލުކުރުން އެއީ ފުރާނައަކީ ކޮންއެއްޗެއްކަން ދެނެގަތުމަށް އޭނާ ނުކުޅެދިފައިވާކަމުގެ ދަލީލެކެވެ.
ކީރިތި ޤުރުއާނުގައި ވަޙީގެ ބަސްފުޅުތައް ސިފަކުރައްވަނީވެސް އެއީ "ރޫޙެއް" (ފުރާނައެއް) ކަމުގައެވެ. އެހެނީ އެވަޙީގެ ބަސްފުޅުތަކުން މަރުވެފައިވާ އުންމަތްތަކަށް ދިރުންގެނެސްދެއެވެ. މިވާހަކަ ޝުރާ ސޫރަތުގެ 52 އާޔަތުގައި ބަޔާންވެގެންވެއެވެ. މިއާޔަތުގެ މާނައިގައި ވަނީ" އަދި ހަމައެފަދައިން ތިމަންރަސްކަލާނގެ އަމުރުފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޤުރުއާން ވަޙީކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން އަދި އީމާނަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާކަމުގައި ނުވެއެވެ. އެހެންކަމުން ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް ތިމަންރަސްކަލާނގެ އެއިން ތެދުމަގު ދައްކަވާ ނޫރެއްކަމުގައި އެ ޤުރުއާން ލެއްވީމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނު މަގުދައްކަވަނީ ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ."
ޤުރުއާނުގައި އިންޖީލަށްވެސް ރޫޙުގެ ނަން ދެއްވާފައިވެއެވެ. މިވާހަކަ ބަޤަރާސޫރަތުގެ 87 ވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ.
وَلَقَدْ آتَيْنَا مُوسَى الْكِتَابَ وَقَفَّيْنَا مِن بَعْدِهِ بِالرُّسُلِ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ أَفَكُلَّمَا جَاءكُمْ رَسُولٌ بِمَا لاَ تَهْوَى أَنفُسُكُمُ اسْتَكْبَرْتُمْ فَفَرِيقاً كَذَّبْتُمْ وَفَرِيقاً تَقْتُلُونَ މާނައީ: ހަމަކަށަވަރުން ތިމަންރަސްކަލާނގެ މޫސާގެފާނަށް ފޮތް (އެބަހީ ތައުރާތު) ދެއްވީމެވެ. އަދި އެކަލޭގެފާނަށްފަހުގައި ވިދިވިދިގެން ރަސޫލުބޭކަލުން ފޮނުއްވީމެވެ. އަދި މަރުޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނަށް ތިމަންރަސްކަލާނގެ ފާޅުވެގެންވާ މުޢުޖިޒާތްދެއްވައި ރޫޙުލްޤުދުސްގެ އެހީފުޅުން ގަދަކަން ދެއްވީމެވެ. ފަހެ ތިޔަބައިމީހުންގެ ނަފުސުތައްނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އޭގެ ބައެއްރަސޫލުން ދޮގުކުރީމުއެވެ. އަނެއްބައި ރަސޫލުން ޤަތުލުކުރީމުއެވެ. (އަލްބަޤަރާ 87)
ކީރިތި ޤުރުއާނުގައި ޖިބްރީލް އަލައިހިއްސަލާމަށްވެސް ރޫޙުގެ ނަންދެއްވައެވެ. މިވާހަކަ އައްޝުޢަރާ ސޫރަތުގެ 193 ވަނަ އާޔަތާއި 194 ވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ.
نَزَلَ بِهِ الرُّوحُ الْأَمِينُ 193 عَلَى قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ (194) މާނައީ: "މިއާޔަތްތަކުގެ މާނައިގައިވަނީ " ކަލޭފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރުއާނާއިގެން ފައިބައިވަޑައިގަތީ ޖިބްރީލްގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޛާރުކުރައްވާ ބޭކަލުންގެތެރެއިން ކަލޭގެފާނުވެ ވެޑައިގަތުމަށެވެ. " (އައްޝުއަރާޢު:193-194)
އިންސާނާހެއްދެވިފައިވަނީ ފުރާނަޔާއި ހަށިގަނޑަކުންނެވެ. ހެލިފެލިވެއުޅެ ޙަރަކާތްތެރިވަނީ ހަށިގަނޑެވެ. ވިސްނާ ފިކުރުކޮށްހަދަނީ ފުރާނައިންނެވެ. ހަށިގަނޑުގެ އަޞްލަކީ ވެއްޔެވެ. ފުރާނަ ދަންނައެވެ. އޭގެ ސިއްރުވަނީ ނޭގުމުގެތެރޭގައެވެ. މާތްﷲ އެފުރާނަޔާމެދު ވަޙީކުރައްވާފައި ވެއެވެ.
وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّن الْعِلْمِ إِلاَّ قَلِيلاً މާނައީ:" އެބައިމީހުން ފުރާނައިގެވާހަކައިން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާއެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވާފައެއް ނުވެއެވެ." (އަލްއިސްރާ85)
ރޫޙަކީ ނުވަތަ ފުރާނައަކީ އިންސާނާ އެހެނިހެން މަޚުލޫޤުތަކާއި ވަކިކޮށްދޭ އެއްޗެކެވެ. މަލާއިކަތުންލައްވާ ސަޖިދަ ޖެއްސުވި އެއްޗަކީ އެފުރާނައެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.
إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِن طِينٍ (71) فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ (2) فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ (3) މިއާޔަތްތަކުގެ މާނައަކީ: " ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ މަށިން އިންސާނަކު ހައްދަވާ ހުށީމެވެ. ފަހެ ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: އާދަމްގެފާނު) ހައްދަވައި ފުރިހަމަ ކުރައްވައި ތިމަންރަސްކަލާނގެ ރޫޙުފުޅުން އެއިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަށް ތިރިވާހުށިކަމެވެ! ފަހެ މަލާއިކަތުން އެ އެންމެން އެކުގައި ސަޖިދަކުރައްވައިފިއެވެ." (ދަރުމަ ނޮވެމްބަރ 2003 ޞ 19-20 ތަރުޖަމާ: ޢަބްދުއްރަޙީމް ޢަބްދުލް މަޖީދު)
އިންސާނާގެ ހަށިގަނޑާއި ފުރާނަ ގުޅިފައިވާ ގުޅުންތައް
1- މައިމީހާގެ ބަނޑުގައި ދަރިފުޅު ވާހިނދު ފުރާނަ ހަށިގަނޑާއި ގުޅިފައިވާ ހުންނަ ގުޅުން .
މައިމީހާގެ ބަނޑުގައި އަނދިރި ތިންތަނެއްވެއެވެ. ދަރިމައިވުމަށްފަހު ދަރިފުޅު ހެދި ބޮޑުވަމުން ކުރައަށްދަނީ ތަފާތު ތިން ތަނެއްގައެވެ.
1- ބިސްދަތުރުކުރާހޮޅި (ފެލޯޕިއަން ޓިއުބް) މިއީ ބިހާއި ފަނި އެކަތި އަނެކައްޗާއި ގުޅިލާމެހޭ ތަނެވެ. އަދި ބިސް އުފައްދާ ގުނަވަނާއި ރަޙިމާއި ދެމެގައިވާ ގުޅުމެވެ.
2- ރަޙިމުގެ އެތެރޭގައި : މިތަނުގައި ޒައިގޯޓް ރަޙިމުގެ ފާރުގައި އެލިގެން ނުވަތަ ހިއްޕައިލައިގެން އިނދެ ބޮޑުވެއެވެ.
3- ކުޑަދަރިފުޅު ޚާއްޞަ ދިޔައެއްގެ ތެރޭގައި އިނދެ ހެދިބޮޑުވާތަން. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.
خَلَقَكُم مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنْ الْأَنْعَامِ ثَمَانِيَةَ أَزْوَاجٍ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِن بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ لَا إِلَهَ إِلَّا هُوَ فَأَنَّى تُصْرَفُونَ މާނައީ: "އެސުވާމީންގެ ތިޔަބައިމީހުން ހެއްދެވީ އެންމެ ނަފުސެއްގެ ކިބައިންނެވެ. (އެއީ އާދަމުގެފާނެވެ.) އަދި އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނު ހެއްދެވީވެސް ހަމަ އެނަފުސުންނެވެ. އަދި އެސުވާމީންގެ ތިޔަބައިމީހުންނަށް އަންޢާމު ސޫފީގެ އަށެތި ބާވައިލެއްވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި އެއް ޚަލްޤަކަށްފަހު އަނެއް ޚަލްޤަކަށް ހެއްދެވުމުން އެސުވާމީންގެ ތިޔަބައިމީހުން ފުރިހަމައަށް ހެއްދެވީއެވެ. އެއީ ތިޔަބައިމީހުން ހައްދަވާބޮޑުކުރެއްވި މާތްﷲ އެވެ. ވެރިކަން ވަނީ އެކަލާގެ ރަސްކަންފުޅަށެވެ. އެކަލާނގެ ރަސްކަންފުޅުމެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނެތެވެ. ފަހެ ތިޔަބައިމީހުން (އެކަލާނގެ ކިބައަށް އަޅުކަންކުރުން ފިޔަވައި) އެނބުރިގަންނަނީ ކޮންފަދައަކުންހެއްޔެވެ؟ (ޒުމަރު6)
މާތް ވެގެންވާ ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމް އިންސާނާ އުފެދުނުގޮތް ސިފަކޮށްދެއްވައި އޭނާގެ ހަށިގަނޑުގެ ތެރޭގައި ފުރާނަ އެޅުއްވޭ ވަގުތު ވިދާޅުވެދެއްވާފައި ވެއެވެ. އިބުނު މަސްއޫދު ރިވާކުރައްވާ އަންނަނިވި ޙަދީޘްގައެވެ. " މާތްވެގެންވާ ރަސޫލުﷲ ޞައްލައްﷲ އަލައިހިވަސައްލަމަ އަހުރެމެންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. އެކަލޭގެފާނަކީ ތެދުވެރި އަދި އެކަލޭގެފާނުގެ ބަސްފުޅު ތެދުކުރެވިގެންވާ ސާހިބާއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންގެތެރެއިން ކޮންމެ މީހެއްގެ އުފެދުން އެމީހެއްގެ މައިމީހާގެ ބަނޑުތެރޭގައި 40 ދުވަސްވަންދެން ޖަމާކުރެވޭނެއެވެ. ދެންވާނީ ގަނޑުލޭކޮޅަކަށެވެ. ދެންވާނީ މަސްކޮޅަކަށެވެ. ދެން ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވަވާ އޭނާގެ ހަށިގަނޑުގެ ތެރޭގައި ފުރާނަ އަޅުއްވައެވެ. (ދަރުމަ 2003 ޞ 20 ތަރުޖަމާޢަބްދުއްރަޙީމް ޢަބްދުލް މަޖީދު)
މިޙަދީޘުން އަޅުގަނޑުމެންނަށް އެނިގެންދިޔައީ މައިމީހާގެ ބަނޑުގައި ހަށިގަނޑާއި ފުރާނަ ގުޅިފައިވާކަމެވެ. އެއީ އާދަމުގެ ދަރިޔާ މައިމީހާގެ ބަނޑުގައި ޤަރުބަގަންނަތާ 40 ދުވަހުން ހަށިގަނޑާއި ފުރާނަ ގުޅުވާކަމެވެ. މިކަމުގެ ޙަޤީޤަތް ދެނެވޮޑިގެންވަނީ ﷲ ތަޢާއެވެ.
2- މައިމީހާގެ ބަނޑުން ދުނިޔެއަށް އައުމަށްފަހު އިންސާނާގެ ހަށިގަނޑާއި ފުރާނަ ގުޅިފައިހުންނަ ގުޅުން.
މިއީ އިންސާނާ އޭނަގެ ޙަޤީގީ މައިދާނަށް އައުމެވެ. ﷲ ސުބުޙާނަހޫ ވަޠަޢާލާ އިންސާނާ ހެއްދެވުމަށްފަހު ދުނިޔެއަށް ފޮނުއްވަވާ އޭނަގެ ހަށިގަނޑާއި ފުރާނަ ގުޅިފައިވާ ޙާލަތު އޭނާއަށް ގުނާ ޢަދަދު ނުކުރޭވޭހާ ގިނަ ނިޢްމަތް ދެއްވިއެވެ. މި އުފެއްދެވުން ފުރިހަމަކުރައްވައި ﷲ އިންސާނާ ދުނިޔޭގައި ލެއްވެވީ އޭނަގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށެވެ. އަދި ހަމައެއާއެކު އެކަލާނގެ އިންސާނާ ހެއްދެވީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށެވެ. މިއީ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ދެއްވާފައިވާ ކުރު މުހުލަތެކެވެ.
3- ނިދާފައިވާ ހިނދު ހަށިގަނޑާއި ފުރާނަ ގުޅިފަހުންނަގުޅުން.
ނިދަންއޮންނަމީހާ މަރުވެފައިވާ މީހެކޭ އެއްފަދައެވެ. ނިދަން އޮންނަމީހެއްގެ އަތްއުފުލުމުންނާއި ބޯގުޑުވާލުމުން، ބޮލާއި އަތުގައި ވާގިނެތި ބާރުހުސްވެފައި އޮންނަ އޮތުމާއި، މަރުވެފައިވާ މީހާގެ ޙަރަކާތެއްނެތި ވާގި ނެތިފައި އޮންނައޮތުމާއި އެއްގޮތެވެ. މައްޔިތާ ފެންވަރުވައި ހިނަވައި ހަދާމީހުންނަށް އެކަން ވަރަށް ރަނގަޅަށް ފާހަނގަކުރެވިފައިވާނެއެވެ. ހަމައެފަދައިންމެ މަރުވެފައިވާމީހަކާއި ދިމާއަށް ބަލައިލުމުން ފެންނާނީ ޙަރަކާތެއްނެތް ވާގިނެތި ބާރުނެތިފައިވާ ހަށިގަނޑެކެވެ. ވީމާ އިންސާނުން ނިދައި އަދި ހޭލައި އުޅޭއުޅުމުން ހާމަވާ ޙަޤީޤަތުގެ މަތިން ހަނދުމަކޮށް އެކަމުން ޢިބްރަތް ލިބިގަންނަންޖެހެއެވެ. އަދި ނަފުސު އަދަބުވެރިކޮށް ކިޔަމަންތެރިވާންޖެހެއެވެ. އެއީ ފަހަރެއްގައި މީހެއްގެ މައްޗަށް އަނިޔާވެރި ވެފައި އޮވެދާނެތީއާއި ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރި ވެވިފައި އޮވެދާނެތީއެވެ. ނިދުމަކީ މަރުވުމެކެވެ. ނިދުމަށާއި މަރުވެދިއުންފަދަ ކަންކަމަށް މަލާއިކަތުން ކަނޑައަޅުއްވާފައި ވެއެވެ. ނަމަވެސް ފަހަރެއްގައި އުފެދިދާނެ ސުވާލެކެވެ. ރޫޙު ހިއްޕަވަނީ ކިހިނަކުން ބާވައެވެ؟ ރޫޙު ހިއްޕަވަނީ މަލާއިކަށްބޭކަލުންނެވެ. އެންމެ ބޭކަލެއްބާވައެވެ.؟ ބައެއް ރިވާޔަތްތަކުން އެނގޭގޮތުގައި މަލަކުލްމަވްތު ގެފާނަކީ މަލާއިކަތްބޭކަލެކެވެ. އެކަލޭގެފާނަށް އެހީތެރިވެ ވަޑައިގަންނަވާ އެހެން މަލާއިކަށް ބޭކަލުންވެއެވެ. ނަމަވެސް މަރުހިއްޕެވުމަށް ޚާއްޞަކުރައްވާފައިވާ ބޭކަލަކީ ملك الموت (عزراعيل) ގެފާނެވެ. އެއީ ކިހިނެއްތޯއެވެ.؟ ސަޖިދަ ސޫރަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَى رَبِّكُمْ تُرْجَعُونَ މާނައީ:" ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ މަރު ހިއްޕެވުމަށް ޙަވާލުކުރައްވާފައިވާ ملك الموت ގެފާނު ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. އަދި ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ކަލާނގެ ހަޟުރަތަށް ތިޔަބައިމީހުން ރުޖޫޢަވާހުއްޓެވެ.
އެހެނީ އިންސާނުން ދިރިއުޅެމުން ގެންދާ މާއްދީ ދުނިޔޭގައި މަލާއިކަށް ބޭކަލުންނަށް ކަންތައްތަކެއް ޙަވާލުކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މަރުހިއްޕެވުން ހިމެނެއެވެ. އަދި އެކަމަށް عزراعيل ގެފާނު ފައިބާ ވަޑައިގެން މަރުހިއްޕަވައެވެ. އެކަލޭގެފާނުގެ ޙަރަކާތްކުރެއްވުން މިހެއްގެ އެސްފިޔަ ޖަހާލުންފަދަ ނުވަތަ އެއަށްވުރެވެސް އަވަސްވާނެއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެތައްހާސް ފުރާނައެއް ހިއްޕަވައެވެ. އެކަލޭގެފާނަށް ދެއްވާފައިވާ ކުޅަދާނަކަމަކީ އިންސާނުންނަށް ދެއްވާފައިވާ ކުޅަދާނަކަމާއި ޚިލާފުކަމެކެވެ. عزراعيل ގެފާނުގެ އިތުރަށް ކަންތައްތައް ޙަވާލުކުރެވިފައިވާ މަލާއިކަތްބޭކަލުންގެ ތެރެއިން ރަޙްމަތުގެ މަލާއިކަށްބޭކަލުންނާއި އަޒާބުގެ މަލާއިކަށްބޭކަލުން ހިމެނެއެވެ. (ދަރުމަ މާރޗް 2008 ޞ 52-53 އަސްލު ލިޔުއްވީ ޢަބްދުއްލަޠީފް ޢަބްދުﷲ)
4- މަރުވެގެންދިއުމަށްފަހު ބަރުޒަޚުގައި ހަށިގަނޑާއި ފުރާނަ ގުޅިފައިވާ ގުޅުން.
މަރުގެ ސަކަރާތް :
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. فَلَوْلاَ إِذَا بَلَعَتِ الْحُلْقُومَ (الواقعه 83) މާނައީ: " އެހެނަކުން ނޫނެވެ. ފަހެ މަރުވުމުގެ ވަގުތުގައި، ކާއެތި ހިނގާ ހޮޅިއާއި ހަމައަށް ފުރާނަ އައިސް ނޭވާހޮޅިއަށް އެޅިއްޖެހިނދެއެވެ." އެހެނީ އިންސާނާގެ ރޫޙު އިންސާނާ ދޫކޮށް ދިޔައީއެވެ. ވީމާ އިންސާނާ މަރަށް ޙަޟިރުވާއިރު ނުވަތަ އިންސާނާގެ މަރު ޙާޟިރުވާއިރު އެއްވެސް މީހަކަށް މަރުވެ ނިމިދާ މީހާގެ ހަށިގަނޑު ކޮންޓްރޯލު ނުކުރެވޭ ނެއެވެ. އެމީހަކު ކޮޅަށް ހުރި ނަމަ ވެއްޓޭނެއެވެ. އައީ ރޫޙު ނުކުންނަން ފަށަނީ ފައިންފެށިގެން ކަމަށް ވާތީ ފަޔާއި އަދި ނާރުތަކުގެ ބާރު ނެތި ވާގި ނެތެނީއެވެ. ރޫޙު (ފުރާނަ) ހަށިގަޑުން ނުކުންނަމުންގޮސް ކަރުތެރެއިން ނޭވާހޮޅިންލާފައި ނުކުމެދަނީއެވެ. އެހިނދު މަރުގެ ސަކަރާތުގެ އަސަރު އެތާ ތިބޭމީހުންނަށް ފެންނާނެތެވެ. ވީމާ، މުސްލިމުންގެ ރޫޙު ނިކުންނަ ނިކުތުން މުސްލިމުންގެ މައްޗަށް ފަސޭހަކޮށްދެއްވުމަށް އެދި ނަމާދުގައި، أللهم هون علينا خروج الروح (ރޫޙު ހަށިގަނޑުން ނިކުތުމުގައި ﷲ ތަޢާލާ އަޅަމެންގެ މައްޗަށް ފަސޭހަކުރައްވާށިއެވެ.) މިފަދައިންކިޔައި ދުޢާކުރަންވާނެއެވެ.
އެއްވެސް އުނދަގުލަކާއި ވޭނެއް އިހުސާސް ވުމަކާއި ނުލައި ރޫޙް ނުކުމެ މަރުވެ ދިއުމަށް އެދޭނަމަ ޝަހީދުމަރަކުން މަރުވުންފަދަ ނިމިދިއުމަކަށް އެދޭށެވެ. އެފަދަމީހުންގެ ރޫޙު ނިކުންނާނީ އެއްވެސް އުނދަގުލަކާއި ވޭނެއް އިޙްސާސްވުމަކާ ނުލައި އެންމެ ލުއިފަސޭހަކޮށް ކަމަށްވާތީއެވެ. ނަމަވެސް ކާފަރުންގެ މަރުވުމީ ވޭންހުރި އުދަނގޫ މަރެކެވެ. އެކަމަށް އިޝާރަތްކުރައްވައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. وَجَاءتْ سَكْرَةُ الْمَوْتِ بِالْحَقِّ ذَلِكَ مَا كُنتَ مِنْهُ تَحِيدُ މާނައީ: " މަރުގެ ސަކަރާތް ޙައްޤާއިގެން އަތުވެއްޖެއެވެ. އެއީ ކަލޭ އެއަށް ބިރުން ފިލަންއުޅޭ މަރެވެ." ބުޙާރީގައި ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. " ހަމަކަށަވަރުން މަރުވުމުގައި ސަކަރާތެއްވެއެވެ. "
ކަށްވަޅުގެ އަޛާބު
އިންސާނާ މަރުވުމަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ ކަށްވަޅުގައި އޭނާގެ ހަށިގަނޑާއި ފުރާނަ ގުޅުވައެވެ. ހަށިގަނޑު ފަނާވެ ނެތިދިޔަކަމުގައިވިޔަސް މެއެވެ. އަޅުގަނޑުމެންނަށް ނޭގޭ ކަމަކީ ހަށިގަނޑާއި ފުރާނަ ގުޅިފައިހުންނަގޮތެވެ. އެކަން ދެނެވޮޑިގެންވަނީ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެއްކައުވަންތަ މާތް ރަސްކަލާނގެއެވެ. ކަށްވަޅުގައި ހަށިގަނޑާއި ފުރާނަ ގުޅިފައިވާގޮތް އަޅުގަނޑުމެންނަށް ނޭގުނަސް އެނގޭ އެއް ޙަޤީޤަތެއް އެބައޮތެވެ. އެއީ ކަށްވަޅުގައ އަޛާބާއި ޘަވާބު ދެއްވާކަމެވެ. ކަށްވަޅުގެ އަޛާބުތެރެއިން ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމް ދެކެވަޑައިގެންފައިވާ ބައެއްކަންތައް ތަކާއި، އެނގިވަޑައިގެންފައިވާ ބައެއްކަންތައްތައްތަކާމެދު މިއުއްމަތަށް ޚަބަރުދެއްވާފައި ވެއެވެ. އޭގެތެރެއިން އެއް ޙާދިޘާއަކީ، ދެމީހަކަށް ކަށްވަޅުގެ އަޛާބުދެއްވަނިކޮށް އެކަން އެނގިވަޑައިގަތުމުން އަޞްޙާބުންނަށް އެޚަބަރުދެއްވި ހާދިޘާއެކެވެ. އެދެމީހުންނަކީ (އެމީހުން ހީކޮށްފައިވާގޮތުގައި) މާބޮޑުކަމެއް ކޮށްފައިވާ ދެމީހުންނެއް ނޫނެވެ. އޭގެތެރެއިން އެކަކީ ދެބައޮޑުވަމުން ހިނގާ އުޅުނު މީހެކެވެ. އަނެކަކީ ކުޑަކަމުދާއިރު ނަޖިހުން ރައްކާތެރިނުވެ އުޅުނުމީހެކެވެ. މިފަދަކަމެއް ކޮށްފައިވާ މީހަކަށް ކަށްވަޅުގެ އަޛާބު ދެވުމުން އެނގޭކަމަކީ މިއަށްވުރެ ނުބައި ކަންތައް ކުރާމީހަކަށް ކަށްވަޅުގެ އަޛާބު މާބޮޑުވާނެކަމެވެ. އަޅުގަނޑުމެންނަށް އެނގޭކަމަކީ ކަށްވަޅުގައި ކަމުގައިވިޔަސް އަޛާބު ދެއްވާނީ ހަށިގަނޑާއި ފުރާނަ ގުޅިފައިވާތީ ކަމެވެ. ނޭގޭކަމަކީ އެގުޅިފައިވާ ގުޅުން ގުޅިފައިހުންނަގޮތެވެ. (މަރުވުމަށްފަހު ވާނީ ކިހިނެއް. އާދަމްނަސީމް ދަރުމަ އޮގަސްޓް 2007 ޞ 70)
5- ޤިޔާމަތްދުވަހު ނުވަތަ އާޚިރަތް ދުވަހު އިންސާނާގެ ހަށިގަނޑާއި ފުރާނަ ގުޅިފައިވާ ގުޅުން.
އާޚިރަތްދުވަސް ފެށެނީ މީސްތަކުން އަލުންދިރުއްވުމުންނެވެ. ދިރުއްވުމަކީ އިންސާނާގެ ހަށިގަނޑާއި ފުރާނަޔާއި އެކު އެންމެފުރަތަމަ ފަހަރު އުފައްދަވާފައިވާގޮތަށް އަލުން އުފެއްދެވުމެވެ. އަދި އަޅުގަނޑުމެންގެ ލޯތަކުގެ ކުރިމަތީގައި ފެންނަ ހުރިހާ މަޚްލޫގުން އުފައްދަވާފައިވާފަދައިންނެވެ.
މިފަދަ ސަބަބަށްޓަކައި ދީން ޤަބޫލުނުކުރާ އަލުން ދިރުއްވާނޭކަމަށް ޤަބޫލުނުކުރާ މީހުންނަށް ޖަވާބު ދެއްވުމުގެ ގޮތުން ޔާސީން ސޫރަތުގެ 78 ވަނަ އާޔަތުން 81 ވަނަ އާޔަ ތުގައި މިކަމާއި ބޭހޭ އާޔަތްތައް ބަޔާންކުރައްވާފައިވެއެވެ.
وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ (78) قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيمٌ (79) الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ (80) أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَى أَنْ يَخْلُقَ مِثْلَهُم بَلَى وَهُوَ الْخَلَّاقُ الْعَلِيمُ (81) މިއާޔަތްތަކުގެ މާނައީ: " އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅާމެދު އެ އިންސާނާ މިސާލު ޖެއްސެވެ. އަދި އެއިންސާނާ ހެދުނުގޮތް ހަނދުމަ ނައްތާލިއެވެ. އަދި ބުންޏެވެ. ކަށިތައްފީވެ ހަލާކުވެފައި ވަނިކޮށް އެކަށިތައް އަލުންދިރުއްވާނީ ކާކުހޭ؟ ކަލޭގެފާނު ވިދާޅުވާށެވެ. އެކަށިތައް އަލުން ދިރުއްވަނީ ފުރަތަމަފަހަރުވެސް އެކަށިތައް އުފައްދަވައި ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއީ ހެއްދެވިހާ ޚަލްޤުތަކުން ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ރޯގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ އެހިނދު، އެގަސްގަހުން އަލިފާންރޯކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވަމުއެވެ. އެބައިމީހުންފަދަ މީހުން ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއީ ކުޅަދުންވަންތަ ކަލަކުކަމުގައި ނުވޭހޭ؟ އަދި ކިއެއްތަ؟ އެހެނަކުންނޫނެވެ. އެކަލާނގެއީ އެންމެހައިތަކެތި އުފައްދަވައި އަދި ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ހަމަކަށަވަރުން ތާޅަފިލި ފުމެލެއްވުމަކީ އެންމެހައި ޚަލްޤުތަކުންނަށް ސިހުމާއި ބިރުވެރިކަން ލިބޭނޭ ކަމެކެވެ. ނަމްލު ސޫރަތުގެ 87 އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاء اللَّهُ وَكُلٌّ أَتَوْهُ دَاخِرِينَ މާނައީ:" އަދި އެދުވަހުން ތާޅަފިލި ފުމެލެވޭހިނދު (މީސްތަކުންގެ ސޫރަތަކަށް އަލުން ރޫޙު ވައްދަވައިލެވޭ ހިނދު) އުޑުތަކާއި ބިމުގައިވާހާބަޔަކު ބިރުން ތުރުތުރު އަޅައިގެންދާނެތެވެ. ﷲ (އެބިރުން ސަލާމަތްކުރުމަށް) އިރާދަކުރައްވާފައިވާ މީހަކުމެނުވީއެވެ. އަދި (އެދުވަހުން) އެކަލާނގެ ހަޟުރަތަށް އެންމެހައިމީސްތަކުން އަންނަހުށީ ދެރަނިކަމެތިވެގެންވާޙާލުގައެވެ. " (ދަރުމަ ނޮވެމްބަރ 2004 ޞ. 72 ތަރުޖަމާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު)
މަޙުޝަރުބިން
އެއީ އެއްވެސް އިންސާނެއްގެ ފިޔަވަޅު ޖެހިފައިނުވާ ހުސްބިމެކެވެ. އެބިން އަލިވެގެންވަނީ ﷲގެ ނޫރުފުޅުންނެވެ. ހިސާބު ބެއްލުވުމަށްޓަކައި އެންމެހައި ޚަލްޤުތަކުން އެބިމަށް ޖަމާކުރެވިފައިވާނެއެވެ. ޒުމަރު ސޫރަތުގެ 69 ވަނަ އާޔަތާއި 70 ވަނަ އާޔަތު ގައި މިވާހަކަތައް ބަޔާންވެގެންވެއެވެ.
وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاء وَقُضِيَ بَيْنَهُم بِالْحَقِّ وَهُمْ لَايُظْلَمُونَ(69) وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ މި ދެއާޔަތުގެ މާނައީ:" ބިން އަލިވެގެންވަނީ އެބިންހެއްދެވި މާތްރަސްކަލާނގެ ރަސްކަންފުޅުގެ ނޫރުފުޅުންނެވެ. އެންމެހައި ޚަލްޤުތަކުންގެ ފަތްތައް ހާޟިރުކުރެވޭނެއެވެ. އަދި ނަބީ ބޭކަލުންނާއި ޝަހީދުން ގެނެވި އެ އެންމެންގެ މެދުގައި ޙައްޤުން ނިޔާކުރެވޭނެއެވެ. އެމީހުންނަށް އަނިޔާއެއް ނުލިބޭނެއެވެ. ކޮންމެ ނަފުސަކަށް އެނަފުސެއްކުޅަ ޢަމަލަކަށް ފުރިހަމަވެގެންވާ ޖަޒާދެއްވޭނެއެވެ. ހަމަކަށަވަރުން އެ އެންމެހައި މީސްތަކުން ކޮށްފައިވާ ހުރިހާ ޢަމަލުތަކެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ."
އެދުވަހުން މުޅި ބިމުގެ މައްޗަށް މާތްﷲ ގެ ޙުކުމްފުޅު ވެރިވެފައިވާނެއެވެ. ﷲ ގެ ރަސްކަންފުޅަށް އެއްވެސްމީހަކު ނުފެނި ފޮރުވިގެންނުވާނެއެވެ. މިވާހަކަ ޙާއްޤަތުސޫރަތުގެ 18 ވަނަ އާޔަތު ގައި ބަޔާންވެގެންވެއެވެ. يَوْمَئِذٍ تُعْرَضُونَ لَا تَخْفَى مِنكُمْ خَافِيَةٌ މާނައީ:" އެދުވަހުން (ޔައުނީ ޤިޔާމަތްދުވަހުން) ކަލޭމެން އެންމެން މާތްﷲގެ ހަޟުރަތަށް ހުށުހެޅޭނެއެވެ. ކަލޭމެންގެ އެއްވެސްކަމެއް މާތްﷲއަށް ފޮރުވި ވަންހަނާވެގެންނުވާނެއެވެ."
އެދުވަހުން އިންސާނާ އެނބުރި އެފުށް މިފުށް ބަލާނެއެވެ. ފިލަންދުވެ ދާނެތަނެއް ފެނޭތޯއެވެ. ގެންފައިވާ ބިރާއި ލިބިފައިވާ ސިހުމުގެ ސަބަބުންނެވެ. ނަމަވެސް ފިލަންދާނެ އެއްވެސްތަނެއްނޯންނާނެއެވެ. މާތްﷲ ވަހީކުރައްވާފަފައިވެއެވެ.
يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ (10) كَلَّا لَا وَزَرَ (11) إِلَى رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ (12) މާނައީ: "އެދުވަހުން އިންސާނާ ބުނާނެއެވެ. ފިލަންދުވާނީ ކޮންތަނަކަށް ހެއްޔެވެ؟ ނޫނެކެވެ. ދާނެ އެއްވެސްތަނެއްނެތެވެ. ދެންއޮތީ ހަމައެކަނި ހައްދަވާ ބޮޑުކުރެއްވި މާތްﷲގެ ހަޟުރަތަށެވެ. އަދުވަހުން ހަމަޖެހުމެއްލިބޭނީ މާތްﷲގެ ހަޟުރަތުންނެވެ."
ފަތްތައް ބެއްސެވުމާއި ފިދުޔަ ދިނުމަށް އެދުން
މާތް ﷲ ވަޙީކުރެއްވިއެވެ. ޤިޔާމަތްދުސް އައުމުން ފަތްތައް ބައްސަވާލެއްވޭނެއެވެ. މާތްﷲ ކީރިތިޤުރުއާނުގަ ތަކުވީރު ސޫރަތުގެ 10 ވަނަ އާޔަތުގެ މާނައަގައިވެއެވެ. " ފަތްތައް ބައްސަވާލެވޭ ހިނދު " އެދުވަހު ކޮންމެ ޖަމަޢަތެއްގެ މީހުން އަންނަހުށީ އެބައެއްގެ ވެރިއަކު ގޮވައިގެންނެވެ. އަދި ކޮންމެ އުއްމަތެއް އެބައެއްގެ ރަސޫލު ބޭކަލަކުގޮވައިގެންކަމަށްވެސް ބުނެވެއެވެ. މިއައުން އަންނާނީ ފަތްތައް ލިބިގަތުމަށެވެ. އެމީހެއްގެފަތް ކަނާތައް ލިބިއްޖެމީހަކަށް އުފާވެރިކަން ހުއްޓެވެ. يَوْمَ نَدْعُو كُلَّ أُنَاسٍ بِإِمَامِهِمْ فَمَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَأُوْلَـئِكَ يَقْرَؤُونَ كِتَابَهُمْ وَلاَ يُظْلَمُونَ فَتِيلاً މާނައީ: " ތިމަން ﷲ ހުރިހާ މީސްތަކުންނަށް އެބަމީހުންކުޅަ ޢަމަލުތަކުގެ ފަތް ހިފައިގެން އައުމަށް ގޮވާލާ ދުވަސް (މަޙުޝަރު ދުވަސް) ހަނދުމަކުރައްވާށެވެ. އެމީހކެއްގެ ފަތް ކަނާތައް ލިބިއްޖެމީހާ އެމީހުންގެ ފަތްކިޔާ ހަދާނެވެ. އެމީހުންނަށް ކިތަންމެ ކުޑަނަމަވެސް އަނިޔާއެއް ނުލިބޭހުއްޓެވެ. " މިދުނިޔޭގައި ތެދުމަގެއްނުލިބި ކަނުމީހެއްފަދައިން އުޅުނުމީހަކީ އާޚިރަތުގައި ކަނުކަން ވަކިންބޮޑު އަދި މަގުފުރެދުންވެސް މާބޮޑުވެގެންވާ މީހެކެވެ. " ޞައްޙަ ޙަދީޘްގައި ވެއެވެ. ކޮންމެ އުންމަތެއް ތަބާވާހުށީ އެއުއްމަތެއްގެ މީހުން އަޅުކަންކޮށް އުޅުނު އެއްޗަކަށެވެ. ޠާއޫތަށް އަޅުކަންކުރާމީހާ ތަބަޢުވެގެން އަންނަހުށީ ޠާޣޫތަށެވެ."
(ޠާއޫތަކީ ޝައިޠާނާއެވެ. ނުވަތަ ޝައިޠާނާއާއި ގުޅޭ ﷲ ފިޔަވައި ބޯލަނބާ ކިޔަމަންވެ އަޅުކަންކޮށްއުޅޭ ކޮންމެއެއްޗެކެވެ.) މީސްތަކުން ފަތްތައް ލިބިގަންނައިރު ތިރިވާނެއެވެ. މިވާހަކަ ޖާޘިޔަތު ސޫރަތުގެ 28 ވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ. " ހުރިހާ ދީންތަކުންގެ އަހުލުވެރިން އެއްތަނަކަށް އެއްވެ (އެދުވަހުގެ ބިރުވެރިކަމުން) ކަކޫމަށްޗަށް ތިރިވެފައިވަނިކޮށް ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. (އަދި) އެދީންތަކުގެ އަހުލުވެރިންނަށް އެމީހުން (ކުޅަޢަމަލުތަކުގެ) ފަތް ލިބިގަތުމަށް ގޮވާލެވޭނެއެވެ. (އަދި އެންގެވޭނެއެވެ.) މިއަދު ތިޔަބައިމީހުންނަށް ތިޔަބައިމީހުންކުޅަ ޢަމަލުގެ ޖަޒާދެއްވޭނެތެވެ." އެންމެ ފުރަތަމަ ހުށަހެޅޭހުށީ މުޙައްމަދު ޞައްލައްﷲ ޢަލައިހިވަސައްލަމްގެ އުއްމަތުގެ މީހުންނަށެވެ. ޞައްޙަވެގެންވާ ދެޙަދީޘްފޮތުގައި ރިވާވެގެންވާ ހަދީޘެއްގައިވެއެވެ. މާނައީ:" އަހަރެމެންނަކީ ދުނިޔެއަށް އެންމެފަހުން ފޮނުއްވުނު އުއްމަތުގެ މީހުންނީމުއެވެ. އަދި ޤިޔާމަތްދުވަހުން އެންމެ ކުރިއަށް ފޮނުއްވޭނެ މީހުންނެވެ. ހުރިހާ ޚަލްޤުތަކުންނަށްވުރެ ކުރީން ނިޔާކުރެއްވޭނެ މީހުންނީމުއެވެ. ކާފިރުން އެމީހުންގެ އަތަށް ފަތް ލިބޭހިނދު އަޖައިބުވެ ޙައިރާންވެގެން އުޅޭނެތެވެ. ސަބަބަކީ އެފަތުގައި ކިތަންމެ ކުޑަޔަސް ބޮޑަސް ނުލިޔެވޭ އެއްވެސް ކަމެއް ނުވާތީއެވެ. ކަހުފް ސޫރަތުގެ 49 ވަނަ އާޔަތުގައި ބަޔާންވެގެންވާ ފަދައިންނެވެ. وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلَا يَظْلِمُ رَبُّكَ أَحَدًا މާނައީ: " ފަތްތައް ނެރުއްވިއްޖެނަމަ ކުށްވެރިވެފައިތިބި ކާފަރުންގެ މީސްތަކުން އޭގައިވާއެއްޗެތި ބަލާފައި ދެރަވެ ކަންބޮޑުވެފައި ވަނިކޮށް ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އަދި އެމީހުން ބުނާނެތެވެ. އޭ! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.! މިފަތުގައި ކިތަންމެ ކުޑަޔަސް ބޮޑަސް އެއްވެސް ކަމެއް ދޫކުށްލާފައެއް ނުވެއެވެ. އެމީހުންކުރި ޢަމަލުތައް ޙާޟިރުކުރެވިގެންވަނިކޮށް އެމީހުންނަށް ފެންނާނެއެވެ. ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި މާތްރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވަތެވެ." (ދަރުމަ މެއި 2007 ޞ – 46 45)
ފަތްތައް ބެއްސެވުން ވަނީ ދެގޮތަކަށެވެ.
1- މުއުމިން އެމީހުންގެ ފަތްތައް ލިބޭހުށީ އެމީހުންގެ ކަނާތަށެވެ. އަދި އެމީހުންގެ ހިސާބު ބެލެވޭހުށީ ލުއި ފަސޭހަގޮތަކަށެވެ. މިއީ އިންޝިޤާޤު ސޫރަތުގެ 6 ވަނަ އާޔަތުންފެށިގެން 8 ވަނަ އާޔަތުގައި ބަޔާންވެގެންވާ ފަދައިންނެވެ.
يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَى رَبِّكَ كَدْحًا فَمُلَاقِيهِ (6) فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ (7) فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا (8) މާނައީ:" އޭނާ އިންސާނާއެވެ. ކަލޭގަދައަޅައި މަސައްކަތްކުރުމުން ދުވަސްތަކެއްވޭތުކުރަމުންދަނީ ކަލޭ ހައްދަވާ ބޮޑުކުރެއްވި މާތްﷲގެ ހަޟުރަތަށް ދިއުމަށެވެ. އަދި ކަލޭ އެކަލާނގެ ރަސްކަންފުޅާ ބައްދަލުކުރާނޫއެވެ. ފަހެ އެމީހެއްގެ ޢަމަލުތަކުގެ ފަތް ކަނާތައް ލިބިއްޖެމީހާގެ ހިސާބު ބެއްލެވުން ފަސޭހަގޮތަކަށް ނިމިގެންދާނެއެވެ. "
ޞައްޙަވެގެންވާ ޙަދީޘްދެފޮތުގައިވެއެވެ."ޖިބްރީލްގެފާނު މުޙައްމަދުގެފާނަށް ވިދާޅުވިއެވެ. އޭ! މުހައްމަދުގެފާނެވެ. ކަލޭގެފާނު ދުނިޔޭގައި ބޭނުންފުޅު އަހަރަކަށް ދިރިއުޅުއްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު އަވަހާރަވާނެއެވެ. އަދި ކަލޭގެފާނު ބޭނުންފުޅު އެއްޗަކަށް ލޯބިކުރައްވާށެވެ. އެއްޗެއް ކަލޭގެފާނާއި ވަކިވެގެންދާނެއެވެ. އަދި ހިތްޕުޅަށް އަރާވަޑައިގެންނެވި ޢަމަލެއް ކުރައްވާށެވެ. ކަލޭގެފާނު އެ ޢަމަލާކާ ބައްދަލުކުރައްވާނޫއެވެ.
2- ދެވަނަ ބާވަތުގެ މީހުންނަށް އެބައިމީހުންގެ ޢަމަލުތަކުގެ ފަތްތައް ލިބޭނީ ވާތްފަރާތުންނެވެ. އަދި އެމީހުންގެ ޢަމަލުތަކުގެ ސަބަބުން އެމީހުން ބޭޒާރުވެ ދިއުމުން އެބައިމީހުން މަސައްކަތްކުރާނީ އެކަން ވަންހަނާކޮށް ފޮރުވައި ހެދޭތޯއެވެ. ނަމަވެސް އެކަން ކުރުމަށް ކުޅަދާނަވެގެން ނުވާނެއެވެ. ދެން އެދޭނީ އަލުން ދިރުއްވައި މަޙްޝަރަށް ނުފޮނުއްވުމަށެވެ. އެމީހުން ދުނިޔޭގައިއެއްކުރި މުދާތަކާއި އަމީހުންނަށް ލިބުނު ވެރިކަމާ ބާރުން އެދުވަހު އެއްވެސް ފައިދާއެއް ނުކުރާނެއެވެ. މީއީ އަލްޙާއްޤާތު ސޫރަތުގެ 25 ވަނަ އާޔަތުންފެށިގެން 29 ވަނަ އާޔަތުގެ ނިޔަލަށް ނަންގަނެވިގެންވާ ވާހަކަތަކެވެ.
وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيهْ (25) وَلَمْ أَدْرِ مَا حِسَابِيهْ (26) يَا لَيْتَهَا كَانَتِ الْقَاضِيَةَ (27) مَا أَغْنَى عَنِّي مَالِيهْ (28) هَلَكَ عَنِّي سُلْطَانِيهْ (29) މާނައީ:" ދަންނައެ ވާތްފަރާތުން ޢަމަލުތަކުގެ ފަތް ލިބިއްޖެމީހާ ބުނާނެއެވެ. އަހަންނަށް ފަތެއް ނުލިބުނުނަމަ ކިހާ ރަނގަޅުހެއްޔެވެ.؟ އަދި ހިސާބު ބެއްލެވުން އެއީ އޮތްކަމެއްކަން ނޭގުނުނަމަ ކިހާ ގަނގަޅު ހެއްޔެވެ.؟ އަދި އަހަރެން މަރުވެދިޔަނަމަ ފަނާވެދިޔަނަމަ ކިހާ ރަނގަޅު ހެއްޔެވެ.؟ އަހަރެންގެ މުދާތަކުން އެއްވެސް ބޭނުމެއް ނުހިފުނެވެ. އަހުރެންގެ ވެރިކަމުގެ ބާރުވެސް ނެތިވެ ހަލާކުވެ ހިނގައްޖެއެވެ."
މިބާވަތުގެ މީހުންގެ ތެރޭގައި އަދި ވަކީން މުޞީބާތް ބޮޑު ހިތާމަ ބޮޑުވެގެންވާ ބަޔަކުވެއެވެ. އެމީހުންނަށް އެމީހުންގެ ޢަމަލުތަކުގެ ފަތް ލިބޭހުށީ ފުރަގަހުންނެވެ. މިވާހަކަ އިންޝިޤާޤު ސޫރަތުގެ 10 ވަނަ އާޔަތުން 15 ވަނަ އާޔަތުގެ ނިޔަލަށް ބަޔާންވެގެން ވެއެވެ. وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاء ظَهْرِهِ (10) فَسَوْفَ يَدْعُو ثُبُورًا (11) وَيَصْلَى سَعِيرًا (12) إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا (13) إِنَّهُ ظَنَّ أَن لَّن يَحُورَ (14) بَلَى إِنَّ رَبَّهُ كَانَ بِهِ بَصِيرًا (15)
މާނައީ:" އެމީހެއްގެ ފަތް ފުރަގަހުން ލިބުނުމީހާ ދަންނާށެވެ. އޭނާ ހަލާކަށް އެދި ގޮވާނެއެވެ. އަދި ނަރަކައަށް ވަންނާނެއެވެ. އޭނާ ދުނިޔޭގައި އޭނާގެ އަހުލުވެރިންގެ ތެރޭގައި އުޅުނީ ވަރަށް އުފަލުގައެވެ. އޭނާ އިޢްތިޤާދުކޮށްގެން އުޅުނީ ﷲގެ ޙަޟްރަތަށް ރުޖޫޢަވާން ނުޖެހޭނެކަމަށެވެ. ނޫނެކެވެ. އޭނާގެ ކންތައްތަކާމެދު އޭނާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ނުހަނުމޮޅަށް ބައްލަވާވޮޑިގެންވެއެވެ.

0 comments:
Post a Comment