Monday, July 25, 2011

މުދަލުން ޓެކްސް ނެގުމާއި އެކަމަށް ގާނޫނު ހެދުމަކީ ހަރާމް ކަމެއް: ސަލަފް

މުސްލިމުންގެ މުދަލުން ޓެކްސް ނެގުމާއި އެކަމަށް ޤާނޫނު ހެދުމަކީ ޙަރާމް ކަމެއް ކަމަށް ސަލަފު ޖަމިއްޔާ އިން ބުނެފި އެވެ. 

ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނާއި ކަމާ ބެހޭ އެންމެހާ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މުދަލާ މެދު ބިރުވެތިވުމަށް ގޮވާލައި ސަލަފުން އިއްޔެ ނެރުނު ބަޔާނުގައި ބުނަނީ މުސްލިމުންގެ މުދަލަކީ މާތް ﷲ ޙުރުމަތްތެރިކުރައްވާފައިވާ މުދާ ކަމަށެވެ. މީހެއްގެ ރުހުންނެތި މުދާ ބޭނުންކޮށް ފައިދާ ނެގުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށާއި މުސްލިމުންގެ މުދަލުން ނަގަން ޖެހޭނީ ޒަކާތުގެ ޙިއްޞާ ކަމަށެވެ. މަޖުބޫރުކޮށްގެން މުސްލިމުންގެ މުދަލުން ޓެކްހާއި ޑިއުޓީ އާއި ޕެންޝަނުގެ ނަމުގައި "މުދާ ފޭރުމީ" ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމް ކަމެއްކަމަށް އިސްލާމީ އުއްމަތް އިއްތިފާޤުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ބުނަނީ ޒަކާތް ނެގުމަށް ފަރުވާލެއް ނުބަހައްޓައި ނުޙައްޤުން މީސްތަކުންގެ މުދާތައް ފޭރުމީ ރައްޔިތުންގެ މައްޗަށް ކުރެވޭނެ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އިސްލާމްދީނާއި ދުނިޔެވީ ކަންކަމުގައި އަމާނާތްތެރިކަން މިހާރު ނުފެންނަ ނަމަ 65 އަހަރުވާ ފަހުން ރައްޔިތަކާ މެދު ޒިއްމާ ނަގައި މަސްއޫލުވާން ތިބޭނެކަން ޤަބޫލުކުރާނީ ކިހިނެއްތޯ ވެސް އެ ބަޔާނުގައި ސުވާލުކޮށްފައިވެ އެވެ.

"... ރައްޔިތުންނަށް ފާޅުގައި އަނިޔާވެރިވެ، އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ނުހިތައި، މީސްތަކުންގެ އަމިއްލަ މުދަލާއި ގެދޮރު ތިމާމެންގެ ލާބަޔާއި މަންފާއަށް ޓަކައި ކުޅިވަރު ކުޅެ މުނިފޫހި ފިލުވާ އުޞޫލުން އަތުލައި ހަދާ ނަމަ 30 ހަކަށް އަހަރު ފާއިތުވެ، ޤާނޫނު ހަދާ މީހުނާއި ޤާނޫނުތައް ވެސް ބަދަލުވެ ދާފަހުން، ނުވަތަ މުދާ އަތުލެވޭ މީހާގެ ޢުމުރުން 65 އަހަރުވާ ފަހުން އޭނާއާ މެދު އޯގާތެރިވާން ތިބޭނެ ބަޔެއްކަމުގައި އެބަޔަކާ މެދު ރައްޔިތުން ދެކޭނޭ އެއްވެސް ބުއްދީގެ ހަމައެއް ނޯންނާނެކަން ދަންނަންޖެހެ އެވެ،" ސަލަފުގެ ބަޔާން ބުނެ އެވެ.

އަދި ބުނެފައި ވަނީ ދައުލަތް ފުދުންތެރި ކުރުމަށްޓަކައި ވިޔަފާރީގެ މުޢާމަލާތް ހުއްދަ ކަމަށާއި ދައުލަތުގެ ފުދުންތެރިކަމަކީ ރައްޔިތުންގެ ވެސް ފުދުންތެރިކަން ކަމަށެވެ. ގައުމުގެ އިނދަޖެހި، ބައިތުލްމާލް ހުސްވެފައިވާ ޙާލަތުގައި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާނެ މިންވަރު މުސްލިމުންގެ އެއްބާރުލުމާ އެކު މުދަލުން ދައުލަތަށް ނަގައި، ތަޞައްރުފު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ރައްޔިތުންގެ މުދާ ނުޙައްޤުން ނިގުޅައިގަނެ، މަކަރާއި ޙީލަތުން އަތުލުމުން ދައުލަތް ފުދުންތެރިވެގެން ދިއުމުގެ މާނައެއް ނޯންނާނެ ކަމަށެވެ.

ރައްޔިތުންގެ މުދާ ޝަރުޢީ ޙައްޤެއްނެތި ނެގުމަށް ޤާނޫނު އެކަށައެޅުމީ ކޮންމެ ނަމެއް އެކަމަށް ދީގެން ކުރިކަމުގައި ވިއަސް ޙަރާމްވާނެ ކަމެއްކަމާއި ޤާނޫނު ހަދާ މީހުނާއި، ހަދަން އެހީތެރިވާ މީހުނާއި އެކަމަށް ޓަކައި މެންބަރުން ހޮވުމަށް ވޯޓްދޭ މީހާ ﷲގެ ޙަޟުރަތުގައި މަސްއޫލު ވާންޖެހޭނެކަން ރައްޔިތުންގެ މަޖްލިސްގެ ރައީސަށާއި މެންބަރުންނަށް ސަލަފުން ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"...ޤާނޫނުތަކަކީ ވެސް ރައްޔިތުންގެ ލާބަޔާއި މަންފާ އަށްޓަކައި ހެދޭ އެއްޗެކެވެ. ގެއްލުމެއް ދުރުކޮށް، މަޞްލަޙަތެއް ހޯދައިގަތުމަށް ހެދޭނެ އެއްޗެއް މެ އެވެ. ފަހެ ތިމާމެންގެ މުދާ ޙިމާޔަތް ނުކޮށްދެވޭ ޤާނޫނަކީ ޢަދުލުވެރިޤާނޫނެއްކަމުގައި ނުވާހުއްޓެވެ. އަދި ކިއެއްތަ، މުދާ ޙިމާޔަތް ކޮށްދިނުމަށް އޮންނަން ޖެހޭ ގާނޫނަކީ މުދާ ފޭރިގަންނަ އެއްޗެއްކަމުގައި ވެފައިވާ ނަމަ މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އޮންނަން ޖެހޭ އަމާން ކަމާއި، ހަމަޖެހުން ގެއްލި މުޖްތަމަޢު ނުތަނަވަސް ނާމާން ޖައްޥަކަށް އެސާހިތަކު ބަދަލުވެގެން ހިގައިދާނެ އެވެ." ބަޔާނުގައިވެ އެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons