Saturday, July 23, 2011

ރިޝްވަތު ހިފުމާއި ޙަރާމްގޮތުގައި މުދާހޯދަމުންދާއިރު ވިސްނާލެވިންތޯއެވެ.

       އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ.
ރިޝްވަތަކީ ފައިސާދިނުމަކާނުލާ ކޮށްދޭންޖެހޭ      ކަމެއްގައި ތިމާގެ އަމިއްލަ މަޞްލަޙަތެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި މަސްއޫލުވެރިންނަށް ދެވޭ އެއްޗަކަށް ކިޔޭނަމެކެވެ. ރިޝްވަތުދެވެނީ ޙައްގު ގޮތް ބާޠިލްކޮށް، ނުވަތަ ބާޠިލް އެއްޗެއް ޙައްގު އެއްޗެއްކަމުގައި ހެދުމަށް، ނުވަތަ މީހަކަށް އަނިޔާވެރިވުމަށް ކަމަށްވަނީނަމަ ޙަރާމްކަން އިތުރަށް ބޮޑުވެގެންދެއެވެ. 

      އިބްނުޢާބިދީން-ރަޙިމަހުﷲ- އެކަލޭގެފާނުގެ "ޙާޝިޔާ" އޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެއެވެ. "ރިޝްވަތަކީ: ޙާކިމާއަށް ނުވަތަ   އެނޫންވެސް ފަރާތަކަށް ތިމާއާއި އެއްކޮޅަށް މައްސަލަ ނިންމުމަށް، ނުވަތަ އޭނާ ބޭނުން ގޮތަކަށް މައްސަލަ އަނބުރާލުމަށްޓަކައި ދެވޭ އެއްޗަކަށްކިޔޭ ނަމެކެވެ". މިތަނުގައި ޙާކިމް އޭ އޮތް ބަހުގެ މުރާދަކީ ގާޟީ ނުވަތަ އެނޫންވެސް ރިޝްވަތުދޭމީހާގެ މަޞްލަޙަތު އަނބުރާލުމުގެ ބާރު ލިބިގެންވާ މީހާއެވެ. އެއީ ސަރުކާރުގެ މަސްއޫލުފަރާތެއް ނަމަވެސް ނުވަތަ އަމިއްލަ މަސައްކަތުގައި އުޅޭ ވިޔަފާރި އެޖެންޓުން ފަދަ މީހުން ކަމުގައިވީ ނަމަވެސް އެވެ. 

      ރިޝްވަތަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި އެއީ ބޮޑެތިފާފަ ތަކުގެ ތެރޭގައި ހިމެނޭވެސް ކަމެކެވެ. އެކަމުގައި އުޅޭ    އެންމެންެގެ މައްޗަށް މާތް ﷲ ގެ ލަޢުނަތް ޙައްގުވެންވާ ކަމަށް ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވާ އެއްޗެކެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ މިކަމުންދުރުހެލިވެ، އެހެންމީސްތަކުންވެސް މިކަމުންދުރުހެލިކުރުވުމަށް މަސައްކަތްކޮށް، އަދި އެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދީ ހެދުމެވެ. އެކަމުގެ ނުބައިކަމުގެ ބޮޑުކަމާއި، އެކުލެވިގެންވާ ފަސާދައިގެ ބޮޑުކަން، އަދި އެކަމުގެ ސަބަބުން ފަހުންދިމާވެދާނެ ހިތިނަތީޖާ ތަކުގެވާހަކައިން މީސްތަކުން ހޭލުންތެރި ކުރުވުމެވެ. މިފަދަ ނުބައި ކަންތައްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅުމަށް ކީރިތި ގުރްއާނުގައި ވަނީ އަންގަވާފައެެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان) މާނައަކީ: "ތިޔަބައިމީހުން ހެޔޮކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ އުޅޭށެވެ. އަދި ނުބައިކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅޭށެވެ". (ސޫރަތުލް މާއިދާ ގެ 2 ވަނަ އާޔަތް).

      މީސްތަކުންގެ މުދާ ނަހަމަ ގޮތުގައި ކައި އުޅުން އިސްލާމްދީން ވަނީ ޙަރާމް ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (      يأيها الذين ءامنوا لا تأكلوا أموالكم بينكم بالباطل إلا أن تكون تجارة عن تراض منكم) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކުން ފިޔަވައި، އެހެން ބާޠިލްގޮތްގޮތަށް ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ". (ސޫރަތުއްނިސާ ގެ 29 ވަނަ 

އާޔަތް). 

އަދިވެސް ވަޙީ ކުރެއްވިއެވެ.(ولا تأكلوا أموالكم بينكم بالباطل وتُدلوا بها إلى الحُكّام لتأكلوا فريقاً من أموال النّاس بالإثْمِ وأنْتُم تعلمون)، މާނައަކީ: "އަދި ތިޔަބައިމީހުންގެ މުދާތައް، ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ. އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، މީސްތަކުންގެ މުދަލުގެތެރެއިން ބައެއް، ފާފަވެރިގޮތުގައި ކެއުމަށްޓަކައި، ތިޔަބައިމީހުންގެ މުދާތައް ޙުކުމްކުރާމީހުންނަށް ނުދޭށެވެ". (ސޫރަތުލް ބަގަރާ ގެ 188 ވަނަ އާޔަތް). 

     މީސްތަކުންގެ މުދާ ބާޠިލްގޮތުގައި ކެވޭނެ އެންމެ ބޮޑުގޮތަކީ ރިޝްވަތުގެ ގޮތުގައި ބޭނުންކުރުމެވެ. ސަބަބަކީ ޙައްގު މަގުން ކަމެއް   އެއްކިބާ ކުރުމުގެ ގޮތުން ފައިސާދެވޭތީއެވެ. 

     ރިޝްވަތުގައި ޝާމިލްވާ ތިން ރުކުންވެސް ވަނީ ޙަރާމް ކަންތައްތަކުގެ ތެރޭގައެވެ. އެއީ ރިޝްވަތުދޭމީހާއާއި، ހިފާމީހާއާއި، އެކަމުގައި   މެދުވެރިއަކަށްވާ މީހާއެވެ. ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ކިބައިން ރިވާވެގެންވެއެވެ. (لعن الله الراشي والمرتشي والرائش) މާނައަކީ: "ރިޝްވަތުދޭމީހާއާއި، ހިފާމީހާ، އަދި މެދުވެރިއަކަށްވާ މީހާއަށް މާތް ﷲ ލަޢުނަތް ލައްވައެވެ". 

       މާތްﷲ ގެ ލަޢުނަތްލެއްވުމޭ ބުނެވޭބަހުގެ މާނައަކީ: އެމީހަކު މާތް ﷲ ގެ ރަޙްމަތުން ބޭރުކޮށްލެވުމެވެ. މިފަދަ ބޮޑު ޢުގޫބާތެއް މީހަކަށް ލިބުމުގެ މާނައަކީ އޭނާއަށް އަރައިގަނެވުނު ކުށުގެ ބޮޑުކަމެވެ. އެހެންކަމުން މިފަދަ ކަންތަކުން ދުރުހެލިވެތިބުމަށް އަޅުގަޑުގެ އަމިއްލަ ނަފްސަށާއި އެންމެ އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވަމެވެ. 

      ރިޝްވަތަކީ "ސުޙްތު" ގެ ބާވަތެކެވެ. ކީރިތި ގުރްއާނުގައި ޔަހޫދީން ސުހްތު ކެއުމުގެ ސަބަބުން އެބައިމީހުންނަށް ވަނީ ބަދު  ބަސް ރައްދުކުރައްވާފައެވެ. ވަޙީ ކުރެއްވިއެވެ. (سَمّاعُونَ لِلكَذِبِ أَكّالُونَ للسُّحت) މާނައަކީ: "އެއީ ދޮގުބަސް އަހާމީހުންނެވެ. އަދި އެއީ ޙަރާމް މުދާ ކާމީހުންނެވެ". (ސޫރަތުލް މާއިދާ ގެ 42 ވަނަ އާޔަތް).

އަދިވެސް ވަޙީކުރެއްވިއެވެ. (وَتَرى كثيراً منهم يُسارعُونَ في الإثْمِ والعُدْوانِ وأكلهِمُ السُّحْتَ لبِئْسَ ما كانوا يعْملون ، لولا ينهاهُمُ الربَانيون والأحبارُ عن قولِهِمُ الإثْمَ وأكْلِهِمُ السُّحتَ لبئس ما كانوا يَصْنعون) މާނައަކީ: "އޭގެ ތެރެއިން ގިނަބަޔަކު، ފާފަވެރިވުމަށާއި ދެކޮޅުވެރިވުމަށާއި، ޙަރާމް މުދާ ކެއުމަށް އަވަސްވެގަންނަތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ އެބައިމީހުން ކުރަމުންދިޔަ ޢަމަލުތަކުގެ ނުބައިމާއެވެ!". (ސޫރަތުލް މާއިދާގެ 62-63).

އަދިވެސް ވަޙީކުރެއްވިއެވެ. (فَبِظُلمٍ من الذين هادوا حرّمنا عليهم طيّباتٍ أُحِلّتْ لهم وبِصَدّهم عن سبيلِ الله كثيراً ، وأَخْذِهِمُ الرّبا وقَدْ نُهُوا عَنْهُ وأكلهِم أموالَ النّاسِ بالباطلِ). މާނައީ: "ޔަހޫދީންނަށް ޙަލާލު ކުރެއްވިފައިވާ ރަނގަޅު އެއްޗެހިތަކެއް، އެބައިމީހުންގެ މައްޗަށް ތިމަންﷲ ޙަރާމްކުރެއްވީ، އެޔަހޫދީންގެ ފަރާތުން އަނިޔާވެރިވެ، ނުބައިކަންތައްކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުން މާތް ﷲގެ މަގުގައި ހުރަސްއަޅައި، އެމަގު ފިޔަވައި ގިނަފަހަރަށް މަނާކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުންނަށް ނަހީވެގެންވުމާއިއެކު އެބައިމީހުން ރިބާ ހިފިކަމުގެ ސަބުންނެއވެ. އަދި މީސްތަކުންގެ މުދާތައް، ބާޠިލްގޮތުގައި އެބައިމީހުން ކެއުމުގެ ސަބަބުންނެވެ. އެބައިމީހުންގެ ތެރެއިން ކާފިރުންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަން ﷲ ތައްޔާރުކުރައްވާހުށީމެވެ". (ސޫރަތުއްނިސާ ގެ 160 ވަނަ އާޔަތް). 

     މިނުބައި ޢަމަލުން ސަލާމަތްވެތިބުމަށް އަންގަވައި އެެތައް ޙަދީޘް ތަކެއް ވާރިދުވެފައިވެއެވެ. އެގޮތުން އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު-  ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. (كل لحم أنبته السحت فالنار أولى به ، قيل: وما السحت؟ قال: الرشوة في الحكم) މާނައަކީ: "ސުޙްތުކައިގެން ހަށިގަޑުގައި ޖަހާފައިވާމަހަށް އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ". ދެންނެވުނެވެ. "ސުޙްތަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ޙުކުމްގައި ރިޝްވަތު ދިނުމެވެ".
އިބްނުމަސްޢޫދު-ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާވެގެންވެއެވެ. "ސުޙްތަކީ ދީނުގެކަންތަކުގައި ރިޝްވަތުދިނުމެވެ".

އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު-ގެ ކިބައިން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. (إن الله تعالى طيب لا يقبل إلا طيباً وإن الله أمر المؤمنين بما أمر به المرسلين » فقال تعالى: { يا أيّها الرُّسُلُ كُلُوا من الطيّباتِ وَاعْمَلُوا صالحاً ) وقال تعالى( يا أيها الذين آمنوا كُلُوا من طيّباتِ ما رزقْناكُم)البقرة: 172] ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء يا رب، يا رب، ومطعمه حرام، ومشربه حرام، وملبسه حرام، وغُذّي بالحرام فأنّى يُستجابُ له؟ މާނައަކީ: "ހަމަކަށަވަރުން ﷲ ތަޢާލާ އަކީ ހުރިހާ ރަގަޅުކަމެއްގެ ޞިފަލިބިގެންވާ އިލާހެވެ. އެއިލާހު ރަގަޅު ކަންތައް ފިޔަވާ އެހެން ކަމެއް ގަބޫލެއް ނުކުރައްވައެވެ. މާތް ﷲ މުއުމިނުންނަށް އަމުރުކުރައްވަނީ ހުރިހާ ރަސޫލު ބޭކަލުންނަށްވެސް އަމުރު ކުރެއްވިފަދައިންނެވެ. ވަޙީކުރެއްވިއެވެ. "އެންމެހައި ރަސޫލު ބޭކަލުންނޭވެ. ޙަލާލު ރަގަޅުތަކެތި ކައިހަދާށެވެ. އަދި ހެޔޮ ޢަމަލު ކުރާށެވެ". (ސޫރަތުލް މުއުމިނޫން ގެ 51 ވަނަ އާޔަތް). އަދި މުއިމުނުންނާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވި ރަގަޅު ތަކެތިން ކައިބޮއި އުޅޭށެވެ. އަދި ހެޔޮ ޢަމަލު ކުރާހުށިކަމެވެ". (ސޫރަތުލް ބަގަރާ ގެ 172 ވަނަ އާޔަތް)، އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "މީހަކު ދިގުދަތުރެއްގެ މަތީގައި ހުރެ، ދަތުރުގެ ވަރުބަލިކަންމަތީގައި ހުރެ ހައްދަވާގެންގުޅުއްވާ އިލާހޭ ދަންނަވާ، ދެއަތްމައްޗަށްނަގައި، ގިނަ ގިނައިން ދުޢާ ކުރި ކަމުގައިވީނަމަވެސް އޭނާގެ ކާއެއްޗިއްސާއި، ބޯއެއްޗެތި އަދި އަންނައުނަކީ ޙަރާމްގޮތުގައި ހޯދާފައިވާ ތަކެތި ކަމަށްވަނީ ނަމަ އޭނާގެ ދުޢާ އިޖާބަ ކުރައްވާނީ ކޮންގޮތަކުންތޯއެވެ؟!". 
     
     މިޙަދީޘް އިން ދޭހަވާ ގޮތުގައި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ދަތުރުވެރިއަކަށްވުން، ގިނަގިނައިން ދެންނެވުން،   ދެއަތްމައްޗަށްނަގާ ދެންނެވުން، އަދި ﷲ ގެ ރުބޫބިއްޔަތުގެ ޞިފަ (ﷲ އީ އިންސާނުން ހައްދަވާ ގެންގުޅުއްވާ އިލާހުކަން) ބޭނުންކުރުން، އަދި ޙަލާލުތަކެތިކެއުން ބުއިމުގައި އަދި ލިބާސްއެޅުމުގައި ބޭނުންކުރުން ހިމެނެއެވެ. އެހެންކަމުން ރިޝްވަތުގެ ޙަރާމް ލާރިކައިބޮއި، އަދި އެފައިސާއިން ހޯދާފައިވާ ހެދުމެއްލައިގެން ހުރެ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ. 

އެއްދުވަހަކު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. (يا أيّها النّاسُ كُلُوا ممّا في الأرضِ حلالاً طيّباً ) މާނައަކީ: "އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ބިމުގައިވާ ޙަލާލު ރަގަޅުތަކެތިން ކައި އުޅޭށެވެ"، (ސޫރަތުލް ބަގަރާގެ 168 ވަނަ އާޔަތް)، އެހިނދުގައި ސަޢުދު ބިން އަބީ ވައްގާޞް-ރަޟިޔަﷲ ޢަންހު- ކޮޅަށް ތެދުވެވަޑައިގެން ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ކަލޭގެ ފާނަކީ ދުޢާ މުސްތަޖާބު ބޭފުޅެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކޮށް ދެއްވާށެވެ" ، ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއވިއެވެ. " އޭ ސަޢުދު އެވެ. ތިބާގެ ކާނާއަކީ ޙަލާލު އެއްޗެއް ކަމުގައި ހަދާހުށިކަމެވެ. އޭރުން ތިބާއަކީ ދުޢާ މުސްތަޖާބު ބޭފުޅަކަށްވާނެއެވެ. މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. މީހަކު ޙަރާމް ތަކެތިން ކޯވަރެއްގެ މިންވަރަށް އަގަޔަށްލީކަމުގައިވީ ނަމަވެސް ސާޅީސް ދުވަސް ވަންދެން އެމީހެއްގެ ޢަމަލު ތައް މާތް ﷲ ގަބޫލު ނުކުރައްވާނެއެވެ. އެއްވެސް މީހެއްގެ ހަށިގަޑުގައި ޙަރާމް އެއްޗެއްކައިގެން މަސްޖަހާފައިވާނަމަ، އެމަސްތަކަށް އެންމެ އައުލާކަން ބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ".

       އެހެންކަމުން އަޅުގަޑުމެން ކޮންމެ މީހެއްގެ ޒިންމާ އެއްކަމުގައިވާންވީ ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ ބާރުފޯރާ އެންމެން، އަދި ތިމާގެ ބަސްއަހާ އެންމެންނަށް މިނުބައިވަބާ އިން ރައްކާތެރިވުމަށް ނަޞޭޙަތްތެރި ވުމެވެ. މާތް ﷲ އަޅުގަޑުމެން އެންމެންނަށް ހެޔޮ ތައުފީގް ދެއްވާށިއެވެ. އާމީން.


0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons