Sunday, July 10, 2011

ރިބާއަކީ ކޮބައިތޯ ؟


21-05-2011 - ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

ސުވާލު:
ރިބާ ޙަރާމެވެ. އެކަން ހަމަ ޔަގީނެވެ. ސުވާލަކީ ރިބާ އަކީ ކޮބައިތޯ އެވެ.


އެކި ބުނެދިނުންތަކުގައި ވަކި ތަފާތު ގޮތްގޮތަށް ރިބާއަކީ ކޮން އެއްޗެއްކަން ބަޔާން ކުރެވެމުން ދާތީއާއި މިއަދުގެ ދުނިޔޭގައި ފައިސާ އާއި ވިޔަފާރީގެ އެތަކެއް އުކުޅުތަކާ ގޮތްގޮތް ބޭނުންކުރަންޖެހިފައި ވާތީ، ރިބާ އަކަށް ވާ ޝަރުތު، ނުވަތަ ޝަރުތު ތައް ސާފުކޮށް އޮޅުން ފިލުވަން ކޮންމެހެން ބޭނުންވީ އެވެ.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިސްލާމް ދީނުގެ އިޤްތިޞާދީ ނިޒާމް ބިނާވެފައި އޮންނަ އެއް އުސޫލަކީ، ރިބާ އާ ހަނގުރާމަ ކުރުމެވެ. އަދި ރިބާ އަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، މުޖްތަމާޢާ ފަރުދުންގެ ކިބައިން ބަރަކާތް ކެނޑޭ، ދުނިޔެއާ އާޚިރަތުގެ ބަލާވެރިކަން ކުރިމަތި ވާ، ކަމެކެވެ. މިއީ ޤުރުއާނާއި ސުންނަތުގެ ނައްޞުން ސާބިތުވާ ކަންތަކެކެވެ. އުއްމަތް ވަނީ މިކަމާ މެދު އިޖްމާޢުވެފައެވެ. މިކަން ދެނެގަންނަން، ތިބާ ބަޤަރާ ސޫރަތުގެ މި އާޔަތްތައް ކިޔާލުމުން ފުދޭނެއެވެ.

ކީރިތި ޤުރުއާނުން :

     ޒިނޭ ކުރުން، ވައްކަން ކުރުން، ރާބުއިމަށް ނުދެއްވާހާ ވަރުގަދަ އިންޒާރު، ރިބާ ކާ މީހުންނަށް ޤުރުއާނުގައި، އެބަ ވެއެވެ. އެންމެ ފުރަތަމަ މި ވަނީ   ރިބާ(ސޫދު) ކެއުމުގެ ނުބައިކަން ސިފަ ކުރައްވާފައި ވާ އާޔަތެކެވެ. އަދި އެ މީހުންނަށް ހުރި ޢަޛާބުގެ ވާހަކައެވެ. ޤިޔާމަތް ދުވަހު ރިބާ ކާ މީހުން ތެދުވާނެ ގޮތް ސިަފަ ކުރައްވަމުން، ﷲ ވަޙީ ކުރައްވަނީ : الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللّهِ وَمَنْ عَادَ فَأُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ

     މާނަ: ''ސޫދު(ރިބާ) ކާ މީހަކަށް، ޝައިޠާނާގެ ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބުނެ އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަ ގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް، ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތް ﷲ މިކަމުގެ މައްޗަށް ގަދަ ނަޞޭޙަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ. އަދި އެ މީހާގެ މައްޗަށް އާޚިރަތުގައި ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ. ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެ މީހުން ދެމި ތިބޭނެތެވެ. '' (ބަޤަރާ :275)

     ޖެހިގެން އޮތް އާޔަތުގައި ވަޙީ ކުރައްވަނީ، ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ﷲ ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ޞަދަޤާތް ދިނުމުގެ މޮޅު އިތުރު ކަމެވެ. يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ

މާނައަކީ : ''ސޫދު(ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ.''(ބަޤަރާ :276)

    ދެން 278 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ، ﷲ އަށް ބިރުވެތިވުމަށެވެ. އަދި އީމާން ވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ

     މާނައަކީ : ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ.''

    ދެން 279 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ، ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެއްވިއްޖެ ކަމަށެވެ. އިންސާނެއްގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެވުމަކީ، ހިތެއް އޮތް ކޮންމެ އިންސާނަކުވެސް ބިރުން ފިއްކަނޑައިގެން ދާން ޖެހޭ ވަރުގެ ކަމެކެވެ. فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ: ''މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''

އައްސަރްޚަސީ ވިދާޅުވެފައި ވަނީ މި އާޔަތްތަކުގައި، ރިބާ ކާ މީހާއަށް ލިބެން އޮތް ފަސް ވައްތަރެއްގެ ޢުޤޫބާތެއް މާތް ﷲ ބަޔާން ކުރައްވާފައި ވާ ކަމަށެވެ. ފުރަތަމަ ޢުޤޫބާތަކީ އޭނާ ޤިޔާމަތް ދުވަހު ޤަބުރުން ތެދުވާނީ، އަދި ޤިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިޠާނާގެ ބީހުމުން މޮޔަވެފައި ވާ މީހަކު ކޮއްޅަށް ހުންނަހެން، ވެއްޓިވެއްޓިއެވެ. ދެވަނަ ޢުޤޫބާތަކީ، ރިޒުޤުން ބަރަކާތް ކެނޑުމެވެ. ތިންވަނަ ޢުޤޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލައި މީހަކާ ދެކޮޅަށް ﷲ އާއި ރަސޫލާ ހަނގުރާމަ އިޢްލާން ކުރެއްވުމެވެ. ހަތަރުވަނަ ޢުޤޫބާތަކީ، ރިބާ ޙަރާމް ކަން އެނގި ހުރެ ކާ މީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާއަކީ ފާސިޤަކަށް ވުމެވެ. ފަސްވަނަ ޢުޤޫބާތަކީ، ނަރަކައިގެ ދިގުދެމިގެންވާ ޢަޛާބު ލިބުމެވެ.

ސުންނަތުން :

ދެން ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވަނީ :  إذَا ظَهَر الزِّنَا وَ الْرِّبَا فيْ قَرْيَة فَقَدْ أَحلّوا بأَنْفُسِهمْ عَذَابَ الله

މާނައަކީ : ''ރަށެއްގައި ޒިނޭއާއި ރިބާ ފާޅުވެ ފެތުރިއްޖެނަމަ، ﷲ ގެ ޢަޛާބު އަމިއްލައަށް ހޯދައިގެންފިއެވެ.'' (ރިވާކުރެއްވީ އަލްޙާކިމް. އަދި ވިދާޅުވީ ސަނަދު ޞައްޙަ ކަމަށް)

އެހެން ޙަދީޘްފުޅެއްގައި ވަނީ : لَعَنَ رَسُولُ اللَّهِ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ

މާނައަކީ: ''ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.'' އަދި ވިދާޅުވިއެވެ: ''މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.'' (ޞަޙީޙް މުސްލިމް)

އިސްލާމް ދީނުގެ ޠަބީޢަތަކީ، އަދި އެ ދީނުގެ ޝަރީޢަތުގެ ޙުކުމްތައް ބިނާވެފައި އޮންނަނީ، އަދި އެ ދީން މުސްލިމުންނަށް ގޮވާލަނީ ވެސް، އަބަދުވެސް ޙަރާމްކަންތައްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށެވެ. މުންކަރާތެއް ޢަމަލީގޮތުން އިޞްލާހު ނުކުރެވިއްޖެނަމަ، ޖެހެނީ ދުލުން އެކަން ބަދަލު ކުރަން މަސައްކަތް ކުރާށެވެ. ދުލުން ވެސް ނުކުރެވިއްޖެނަމަ ޖެހެނީ ހިތުން އެކަމާ އިންކާރު ކުރާށެވެ.

ވީމާ، އެއްވެސް ބާވަތެއްގެ ޙަރާމް ކަމަކަށް ނުވަތަ އަނިޔާވެރިކަމަކަށް އެހީތެރިވުމަކީ އެއީ ދީނުގައި ޙަރާމް ކަމެކެވެ. އަދި އެއްވެސް ފާފައަކަށް އެހީތެރިވެ ދޭ މީހަކީ، އެ ފާފަ ކުރާ މީހެކޭ އެއްފަދަ މީހެއް ކަމުގައި، ދީން ދެކެއެވެ. ފާފަ ކުރާ މީހާއަށް ލިބޭ ފާފަވެސް ލިބެއެވެ. އެއީ މާއްދީ ގޮތުން ނުވަތަ މަޢްނަވީ ގޮތުން ނުވަތަ ޢަމަލުން ނުވަތަ ބަހުން އެހީތެރިވި ކަމުގައި ވިޔަސް ވެހެވެ.

އެގޮތުން މީހަކު މެރުމުގެ ޖަރީމާއެއްގައި ބައިވެރި ވުމާ ބެހޭ ގޮތުން ކީރިތި ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވަނީ:  لَو أنَّ أهْلَ السَّمَاواتِ وأهْل الأرْضِ اجْتَمعُوا عَلى قَتلِ مُسْلم لَكبَّهم الله جَميْعًا عَلىْ وُجُوهِهمْ فِيْ النَّار

މާނައަކީ: '' މުއުމިނެއްގެ ލޭ އޮހޮރުވުމުގައި، ބިމުގައި ވާހާ ބަޔަކާއި އުޑުގައި ވާހާ ބަޔަކު ބައިވެރިޔަސް، މާތް ﷲ، އެ އެންމެން މޫނުވަތަށް ނަރަކައަށް ލައްވާނެއެވެ. '' (ރިވާކުރެއްވީ ތިރްމިޛީ)

ރަލާއި ބެހޭ ގޮތުން ޙަދީޘް ކުރައްވާފައި ވަނީ: لَعَنَ اللَّهُ الْخَمْرَ وَشَارِبَهَا وَسَاقِيَهَا وَبَائِعَهَا  وَمُبْتَاعَهَا  وَعَاصِرَهَا وَمُعْتَصِرَهَا وَحَامِلَهَا وَالْمَحْمُولَةَ إِلَيْهِ

މާނައަކީ: ''ރަލާއި، ރާ ބޯ މީހާއާއި، ބޯން ރާ ގެނެސްދޭ މީހާއާއި، ވިއްކާ މީހާއާއި، ގަންނަ މީހާއާއި، ރާ ހަދަން ދިޔަ ފެލާ މީހާއާއި، ދިޔަ ފެލުވާ މީހާއާއި، އުފުލާ މީހާއާއި އުފުލުވާ މީހާއަށް، މާތް ﷲ ލަޢްނަތް ލައްވައެވެ.'' (ރިވާކުރެއްވީ: އަބޫދާއޫދް)

ރިޝްވަތު ކެއުމުގެ ފާފައާއި ބެހޭ ގޮތުން ޙަދީޘް ކުރައްވަނީ، ރިޝްވަތު ކާ މީހާއާއި ރިޝްވަތު ދޭ މީހާއާއި ދެ މީހުންގެ ދެމެދުގައި އެކަން ހަމަޖައްސައިދޭ މީހާއަށް، ލަޢްނަތް ހުރި ކަމަށެވެ.

ރިބާއާއި ބެހޭ ގޮތުން ޙަދީޘް ކުރައްވަނީ: لَعَنَ رَسُولُ اللَّهِ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ

މާނައަކީ: ''ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ލަޢްނަތް ހުރިކަމުގައި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.'' އަދި ވިދާޅުވިއެވެ: ''މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.'' (ޞަޙީޙް މުސްލިމް)

އަދި އެހެން ރިވާޔަތެއްގައި، ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް -ކަމުގެ ޙަޤީޤަތް އެނގިތިބެ- މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން، ޤިޔާމަތް ދުވަހާ ޖެހެން ދެން އެމީހުންނަށް ލަޢްނަތް ހުރި ކަމަށް ވެސް ޙަދީޘް ކުރައްވާފައި ވެއެވެ.

މިފަދަ އާޔަތްތަކާއި ޞަރީޙަ، ޞަޙީޙް މިފަދަ ޙަދީޘްތައް ހުރުން މިއީ، ރިބާގެ މުޢާމަލާތް ކުރާ ބެންކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ދީންވެރި މީހުންގެ ޟަމީރަށް ޢަޛާބު ލިބި، ހިތް ނުތަނަވަސްވެ، ފާފަ ކުރެވުމުގެ އުނދގޫ އިޙްސާސް ވާނެ ކަމެއް ކަން ޔަޤީނެވެ.

ނަމަވެސް، މިއަދު ރިބާގެ މައްސަލައާއި ގުޅިފައި ވަނީ ހަމަ އެކަނި މުވައްޒަފެއް ނޫނެވެ. ކިއެއްތެ، އަހަރެމެންގެ މުޅި މާލީ ނިޒާމް ވަނީ އޭގެ ތެރެއަށް ވަދެފައެވެ. ރިބާ ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ހުރިހާ އިސްލާމީ ޤައުމުތަކަކަށް ވެސް ފެތުރިފައެވެ. ފާޅުވެ ޢާއްމު ވެފައެވެ. މިކަން މިހެން ވާނެކަމަށް ރަސޫލާއަށް ކުރިން އެނގިވަޑައިގަތެވެ. އެ ގޮތުން ޙަދީޘް ކުރައްވަނީ: لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لَا يَبْقَى أَحَدٌ إِلَّا أَكَلَ الرِّبَا فَإِنْ لَمْ يَأْكُلْهُ أَصَابَهُ مِنْ غُبَارِهِ

މާނައަކީ : ''ރިބާ ނުކާ އެކަކު ވެސް ނުހުންނަ ޒަމާނެއް މީސްތަކުންނަށް އަންނާނެކަން ޔަޤީނެވެ. ރިބާ ނުކާ މީހެއް ވިއްޔާ ހުންނާނީ އޭގެ ހިރަފުސް ފޯރާފައެވެ.'' (ރިވާކުރެއްވީ އަބޫދާއޫދު އަދި އިބްނު މާޖާ)

(
ނޯޓް :އެކަކުވެސް ނުހުންނާނޭ މިބަހުގެ މުރާދަކީ ފަހު ޒަމާނުގައި މިހާ ވެސް ރިބާ ޢާއްމު ވާނެ ވާހަކައެވެ. އަދި ހިރަފުސް ބުރުމުގެ، މާނައަކީ އެކަމަށް ހެކިވެރިވެ، ނުވަތަ ޢަޤުދު ލިޔެދީ، ނުވަތަ ރިބާ ކާ މީހެއްގެ ސުފުރާއިން ކައި، ނުވަތަ ހަދިޔާއެއް ޤަބޫލު ކުރުން ފަދަ ކަމެއް ނުކުރާ މީހަކު ނު ހުންނާނެ ވާހަކައެވެ.)

ފަހު ޒަމާނުގައި މީހުން ލާރި ހޯދޭ ނުހޯދޭ ގޮތެއް ނުބަލާނެ ކަމަށް ޙަދީޘް ކުރައްވަމުން ޙަދީޘް ކުރެއްވީ:  لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لَا يُبَالِي ‏‏ الْمَرْءُ بِمَا أَخَذَ الْمَالَ أَمِنْ حَلَالٍ أَمْ مِنْ حَرَامٍ

މާނައަކީ: ''މީހާ ފައިސާ ހޯދީ އެއީ ޙަލާލު ގޮތުގައިތޯ، ޙަރާމް ގޮތުގައިތޯ، ބަލާ ނުލާނެ ޒަމާނެއް މީސްތަކުންގެ މައްޗަށް އަންނާނެއެވެ.'' (ޞަޙީޙް ބުޚާރީ: ގަނެވިއްކުމުގެ ބާބު، ފައިސާ ހޯދަނީ ކިހިނެއް ކަމާމެދު އަޅާ ނުލާ މީހާގެ ބައި)

ފަހެ، މިއީ ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ދެއްވާފައި ވާ ފަހު ޒަމާނުގެ ޢަލާމާތެއް ކަން ކަށަވަރެވެ. މި ޒަމާނުގެ އާދައަކީ، ކޮންމެ ގޮތަކުން ވިޔަސް މުއްސަނދި ވުމެވެ. އެންމެން ކަންތައް ކުރަނީ މިހެނެއް ނޫނެވެ. ނަމަވެސް، ގިނަ ބަޔަކު ކަމެއް ކުރަންޏާ ޒަމާނަށް ނިސްބަތް ވާނީ އެކަމެކެވެ.

إِنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الْكَلْبِ، وَكَسْبِ الأَمَةِ، وَلَعَنَ الْوَاشِمَةَ وَالْمُسْتَوْشِمَةَ، وَآكِلَ الرِّبَا، وَمُوكِلَهُ، وَلَعَنَ الْمُصَوِّرَ‏

މާނައަކީ: ''ހަމަކަށްވަރުން ވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ލޭގެ އަގާއި ކުއްތާގެ އަގު އަދި ހަށިވިއްކައިގެން އަންހެނާ ހޯދާ އަގު، ނަހީ (ޙަރާމް) ކުރައްވާފައެވެ އަދި ޓެޓޫ ޖަހައިދޭ އަންހެނާއާއި ޓެޓޫ ޖައްސުވާ އަންހެނާއާއި، ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއަށް ލަޢްނަތް ދެއްވިއެވެ. އަދި ތަޞްވީރު ހަދާ މީހާއަށް ލަޢްނަތް ދެއްވިއެވެ.'' (ޞަޙީޙް ބުޚާރީ)

الرِّبَا ثلاَثة وَسَبْعُونَ بَاباً أيْسَرُهَا مِثلَ أنْ يَنكِحَ الرَّجْلُ أمَّه

މާނައަކީ: ''ހަތްދިހަ ތިން ވައްތަރަކަށް ރިބާ ބެހިގެން ވެއެވެ. އޭގެ ތެރެއިން، ފާފަ އެންމެ ކުޑަ ވައްތަރަކީ، މީހަކު އޭނާގެ މަންމަ އާއި ކާވެނި ކުރުން ފަދަ ނުބައިކަން ބޮޑު ކަމެކެވެ.'' (ޙަދީޘް ތަޚްރީޖް ކުރެއްވީ: އަލްމުސްތަދްރަކުގައި އަލްޙާކިމް، އަދި އަލްބާނީ ވަނީ މިއީ ޞަޙީޙް ޙަދީޘެއް ކަމަށް ވިދާޅުވެފާ)

دِرْهَمٌ رِبًا يَأْكُلُهُ الرَّجُلُ وَهُوَ يَعْلَمُ أَشَدُّ مِنْ سِتَّةٍ وَثَلَاثِينَ زَنْيَةً

މާނައަކީ: ''މަލާއިކަތްބޭކަލުން ހިނުއްވި ޢަބްދުﷲ ބިން ޙަންޡަލާ ރިވާ ކުރެއްވިއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''އެނގި ހުރެ މީހަކު ރިބާ ގެ ދިރުހަމެއް ހާ މިންވަރު ކެއުން، ތިރީސް ހަ ޒިނޭ ކުރުމަށް ވުރެ ނުބައިކަން ބޮޑެވެ.'' (މުސްނަދު އަޙްމަދު5/225، އަލްބާނީ ވިދާޅުވީ މިއީ ޞަޙީޙް ޙަދީޘެއް ކަމަށް)

إذا ظَهَرَ الزِّناَ وَالرِّباَ فِي قَرْية فَقَد أحَلّوا بأنْفسِهمْ عَذابَ الله

މާނައަކީ : ''ރަށެއްގައި ޒިނޭއާއި ރިބާ ފާޅުވެ ފެތުރިއްޖެނަމަ، ﷲ ގެ ޢަޛާބު އަމިއްލައަށް ހޯދައިގެންފިއެވެ.'' (ރިވާކުރެއްވީ އަލްޙާކިމް. އަދި ވިދާޅުވީ   ސަނަދު ޞައްޙަ ކަމަށް والله أعلم

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons