Sunday, July 10, 2011

އަނިޔާވެރި ވެރިޔަކަށް އިމާމު އައުޒާޢީ ވިދާޅުވި ހައްޤުގެ ބަސްފުޅު

 - ”... فَاللَّهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ “ ”ފަހެ ﷲ އީ، ރައްކާތެރި ކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އީ އެންމެ ރަޙްމަތް ލައްވާ، އެންމެ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ.“ [ސޫރަތުލް ޔޫސުފް 64]
ޢަބްދުﷲ އިބްނު ޢަލީ އަލްޢައްބާސީ ދިމިޝްކަށް އަރައިގެން އިރު، އޭނާ، އެއްވަގުތެއްގައި ތިރީސްހާސް މުސްލިމުން ޤަތުލު ކުރިއެވެ. ދެން އޭނާ އޭނާގެ އަސްތައް އުމައްޔިދު މިސްކިތައް ވެއްދިއެވެ. މީސްތަކުންނާ އެކު އިށީންދެ އޭނާގެ މިނިސްޓަރުންނަށް ބުންޏެވެ. ”އަހަންނާ ދެކޮޅުވެރިވާނޭ މީހަކު އަދިވެސް އެބަހުރި ހެއްޔެވެ؟“ އެމީހުން ބުންޏެވެ. ”ނޫނެކެވެ.“ އޭނާ ބުންޏެވެ. ”އަހަރެންނާ ދެކޮޅުވެރިވާނެ މީހަކު، ކައިރި މުސްތަޤުބަލެއްގައި ވެދާނެ ހެއްޔެވެ؟“ އެމީހުން ބުންޏެވެ. ”ދުވަހަކުވެސް އެފަދަ މީހަކު ވާނެ ނަމަ އެއީ އަލްއައުޒާޢީ އެވެ. – އިމާމް އައުޒާޢީ އަކީ ހަދީޘް ޢިލްމުވެރިއެކެވެ. ވަނަންފުޅަކީ އަބޫ ޢަމްރު އެވެ. އެކަލޭގެފާނަކީ ޞޯލިޙް އަޅުވެރި ބޭކަލެކެވެ. އަދި އެބޭކަލެއްގެ ފަރާތުން އަލްބުޚާރީ އަދި މުސްލިމް ހަދީޘް ރިވާކުރެއްވި ބޭފުޅެކެވެ.“
އޭނާ (އިބްނު ޢަލީ) ބުންޏެވެ. ”އޭނާ ގެންނާށެވެ.“ އެހެންކަމުން އޭނާގެ ސިފައިން އިމާމް އައުޒާޢީ ހުންނެވި ތަނަށް ދިޔައެވެ. އެހެނަސް އިމާމް އައުޒާޢި އެކަލޭގެފާނު ހުންނެވިތަނުން ދިއުމަށް އެއްބަސް ވެވަޑައެއް ނުގެންނެވިއެވެ. އެމީހުން ބުންޏެވެ. ”ޢަބްދުﷲ އިބްނު ޢަލީ، ކަލޭގެފާނު އޭނާ ކައިރިއަށް ވަޑައިގަތުމަށް ބޭނުންވެއެވެ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”حسبنا الله ونعم الوكيل (އަހަރުމެންނަށް ﷲ ފުދިގެންވެއެވެ. އަދި އެއިލާހީ ރައްކަތެރިކަން ދެއްވުމުގައި އެންމެ ގަދަކީރިތި ވަންތަ އިލާހެވެ.) އިރުކޮޅަކު މަޑުކޮށްލާށެވެ.“
އެކަލޭގެފާނު ހިނައިގަތުމަށް ބޭނުންވެލެއްވިއެވެ. ހިނައިގަތުމަށްފަހު ހެދުމުގެ ދަށުން ކަފުން އެޅުއްވިއެވެ. އެހެނީ މިގެންދެވެނީ އެކަލޭގެފާނު ގަތުލުކޮށްލެވެންކަން އެކަލޭގެފާނަށް ވިސްނިވަޑައިގަންނަވައެވެ. އެކަލޭގެފާނު އަމިއްލަ ނަފްސު ފުޅަށް ވިދާޅުވިއެވެ. ”އޭ އައުޒާޢީ އެވެ. ކަލާގެފާނު ހައްޤު ބަސްފުޅު ވިދާޅުވާންވީ ވަގުތު އަތުވެއްޖެއެވެ. ﷲ ގެ މަގުގައި، މަލާމާތް ކުރާ މީހުންގެ މަލާމާތައް ބިރުނުގަންނާށެވެ.“ ދެން އެކަލޭގެފާނު އެއަނިޔާވެރި ވެރިޔާ ގާތަށް ވަޑައިގަތެވެ.
ދެން ކަންތައް ވެގެން ދިޔަގޮތް ޚުދު އިމާމް އައުޒާޢީ އަމިއްލަފުޅަށް ރިވާކުރެއްވިއެވެ.
’ތިމަން ކަލޭގެފާނު އޭނާ ހުރިތަނަށް ވެންނެވީމެވެ. ތިމަންކަލޭގެފާނު ދެފަރާތައް ބައްލަވަމުން ގެންދެވީމެވެ. ސިފައިންގެ އިސްވެރިންތައް ދެސަފަކަށް އެތުރިގެން ތިއްބެވެ. އެބައިމީހުންގެ ކަނޑިތައް އުރަތަކުން ދަމައިގަނެވިފައިވެއެވެ. އެނާޔާ ހަމަޔަށް ދެވެންދެން ތިމަންކަލޭގެފާނު އެކަޑިތަކުގެ ދަށުން ވަޑައިގަތީމެވެ. އޭނާ އިށީންދެގެން އިނީ ސިލްކުގެ މަތީގައެވެ. އޭނާގެ އަތުގައި އޮނުގަނޑެއް އޮތެވެ. އޭނާގެ ނިއްކުރިވަނީ ރުޅިވެރިކަމުން ގޮސް ރޫޖެހި ގޮއްޖެހި ފުރިފައެވެ. އެއިލާހު ފިޔަވާ ހައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވާ ﷲ ގަންދެއްވާ ވިދާޅުވަމެވެ. ތިމަން ކަލޭގެފާނަށް އޭނާ ފެނިވަޑައިގެން ހިނދު، އޭނާއަކީ މެއްސެއް ފަދައިން ނޫނީ އިހުސާސެއް ނުކުރެއްވެއެވެ. އަހަރުމެންނަށް ﷲ ފުދިގެންވެއެވެ. އަދި އެއިލާހީ ރައްކަތެރިކަން ދެއްވުމުގައި އެންމެ ގަދަކީރިތި ވަންތަ އިލާހެވެ. ތިމަންކަލޭގެފާނަށް އެއްވެސް އެހެން ފަރާތަކާ މެދު ނުވިސެނެއެވެ. ތިމަން ކަލޭގެފާނުގެ ޢާއިލާއެއް ނޫނެވެ. މުދަލެއް ނޫނެވެ. އަދި ކިއެއްތަ ތިމަންކަލޭގެފާނު އަނބިކަނބަލުންނާއި މެދުގައެއް ވެސް ނޫނެވެ. ހަމައެކަނީ އެމަތިވެރި، ރަޙްމާން ވަންތަ އިލާހުގެ މަތިވެރިވެގެންވާ އަރުށީގެ މަތިންނެވެ. މީސްތަކުން ހިސާބު ބެއްލެވޭ، މަހުޝަރުގެ މައިދާނުގައި މީސްތަކުންގެ ލޯތަކަށް އެއަރުށިކޮޅު ފާޅުވާ ހިނދެވެ.
އޭނާ ތިމަންކަލޭގެފާނަށް ބުންޏެވެ. ”އޭ އައުޒާޢީ އެވެ. އަހަރުމެން އޮހޮރުވި (މުސްލިމުންގެ) ލެޔާ މެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭ ހެއްޔެވެ؟“
ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ”އިބްނު މަސްއޫގެ ކިބައިން ރިވާވެގެންވާ ހަދީޘެއް، މިވެނި އެވެނި މީހަކު ތިމަން ކަލޭގެފާނަށް ރިވާކޮށްދެއްވިއެވެ. ﷲ ގެ ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. ﷲ ފިޔަވާ ހައްޤުވެގެން އަޅޫކަން ވެވޭ އިލާހަކުނުވާކަމަށާއި ތިމަން ކަލޭގެފާނަކީ އެއިލާހުގެ ރަސޫލާކަމަށް ހެކިވެގެންވާ މީހާގެ ލޭއޮހޮރުވުން ހުއްދަވެގެން ނުވެއެވެ. އެއީ ތިން ޙާލަތެއްގައި މެނުވީއެވެ. ކައިވެނި ކޮށްގެން ހުރި ޙާލު ޒިނޭކުރާ މީހާ އާއި، ހައްޤަކާ ނުލާ މީހަކު މަރާފައިވާ މީހާއާއި ދީނުން މުރުތައްދުވެ ޖަމާއަތުން ވަކިވެގަންނަ މީހާއެވެ.“[އަލް ބުޚާރީ އަދި މުސްލިމް]
އެހެންކަމުން އެބައިމީހުން ޤަތުލު ކުރެވިފައިވަނީ ބުނެވިދިޔަ ސަބަބުތަކުގެ ތެރެއިން ސަބަބަކާއި ހުރެ ކަމުގައިވާނަމަ ކަލޭ ރަގަޅެވެ. އެހެނަސް އެބައިމީހުންނަކީ އެފަދަ ބައެއް ނޫންނަމަ އެމީހުންގެ ލޭގެ ޒިންމާ ވަނީ ކަލޭގެ ބޮލުގައެވެ.
އޭނާ (ރުޅި އައިސްގެންގޮސް) އޭނާގެ އަތުގައިވާ އޮނުގަނޑު ބިންދާލިއެވެ. އެހެންކަމުން ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ ބޮލުގައި އަޅާފައިވާ އިމާމާ (ފަގުޑި) ނެންގެވީމެވެ. ކަނޑިތަކުގެ އެތިފަހަރުތައް ތިމަންކަލޭގެފާނުގެ ބޮލަށް އަރާނެކަމުގެ އިންތިޒާރުގައެވެ. އޭނާގެ މިނިސްޓަރުންތައް، ބިންމަތީގައި ހެދިފައިވާ ލޭކޯރުތަކުގައި ޖެހިފައިވާ އެބައިމީހުން ލައިގެން ތިބި ހެދުންތައް ހިއްލާ ރަނގަޅު ކުރާތި ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ. އޭނާ (އިބްނު ޢަލީ) ބުންޏެވެ. ”އަދި އަހަރެން ހޯދައިގަތް މުދަލާމެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭ ހެއްޔެވެ؟“ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ”އެއީ ހަލާލު މުދާ ކަމުގައިވަނީ ނަމަ އެތަކެއްޗާއި މެދު ސުވާލު ކުރެވޭނެކަމާމެދު ބިރުވެތި ވާށެވެ. އަދި އެއީ ޙަރާމް މުދާ ކަމުގައިވަނީ ނަމަ (ﷲ ގެ) ޢަޛާބަށް ބިރުވެތި ވާށެވެ.“
އޭނާ ބުންޏެވެ. ”(ރަނުން ފުރިފައިވާ) މި ކޮތަޅު ހިފާށެވެ.“ ތިމަންކަލޭގެފާނު ވިދާޅުވީމެވެ.”ތިމަންކަލޭގެފާނު މުދަލެއް ބޭނުމެއް ނޫނެވެ.“ އޭނާގެ މިނިސްޓަރުންގެ ތެރެއިން މީހަކު، އެކޮތަޅު ނެގުމަށް ތިމަންކަލޭގެފާނަށް އިޝާރާތުން ބުންޏެވެ. އެހެނީ އޭނާ ދިޔައީ ތިމަންކަޅޭގެފާނު ގަތުލުކޮށްލުމަށް ކުޑަވެސް އުޒުރެއް ލިބޭތޯ ބަލަމުންނެވެ.
ތިމަން ކަލޭގެފާނު އެކޮތަޅު ނެންގެވީމެވެ. އަދި އޭގައިވާ ރަން އޭނާގެ ސިފައިންނަން (ހުސްވަންދެއް) ބެއްސެވީމެވެ. ދެން އެކޮތަޅު އެއްލާލައްވާފައި ތިމަންކަލޭގެފާނު އެތަނުން ނިކުންނެވުމަށް ހިނގައިގަތީމެވެ. މިފަދައިން ވިދާޅުވަމުންނެވެ. حسبنا الله ونعم الوكيل (އަހަރުމެންނަށް ﷲ ފުދިގެންވެއެވެ. އަދި އެއިލާހީ ރައްކަތެރިކަން ދެއްވުމުގައި އެންމެ ގަދަކީރިތި ވަންތަ އިލާހެވެ.)‘ – އަހަރުމެން ވަން ދުވަހުގައި އެފަދައިން ކީމެވެ. އަދި ނިކުތް ދުވަހުގައިވެސް މެއެވެ.
” فَانْقَلَبُوا بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ لَمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ وَاللَّهُ ذُو فَضْلٍ عَظِيمٍ “
”ފަހެ، ﷲ ގެ ހަޟްރަތުން ދެއްވި ނިޢުމަތާއި، ފަޟުލުވަންތަވެރި ކަމައިގެން ގެއްލުމެއް ނުލިބި، އެއުރެން އެބުރި އައެވެ. އަދި، އެއުރެން ﷲ ގެ ރުއްސެވުންހުރި މަގަށް ތަބާވިއެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟުލުވަންތަވެރިކަމުގެ ވެރިރަސްކަލާނގެއެވެ.“
من يتق الله يحمد في عواقبه *** ويكفه شر من عزوا وهانوا
ﷲ އަށް ބިރުވެތިވާ ކޮންމެ މީހަކަށް އާޚިރުގައި އިޙްތިރާމް ލިބިގެންވާނެއެވެ.
ބޮޑާވެގަތް މީހުންނާއި ދަށުފަންތީގެ މީހުންގެ ކިބައިގައިވާ ނުބައިކަމުން އޭނާ ރާއްތެރި ކުރެވިގެން ވާނެއެވެ.
من استجار بغير الله في فزع *** فإن ناصره عجز وخذلان
އަނިޔާލިބޭ ހިނދު ﷲ ފިޔަވާ އެހެންފަރާތެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭ މީހާ ދަންނާށެވެ.
ދެން އޭނާގެ އެހީތެރިޔާއަކީ އަހީތެރިކަން ދިނުމުގައި ބަލިކަށި އަދި ހިޔާނާތްތެރި މީހެކެވެ.
فالزم يديك بحبل الله معتصما *** فإنه الركن إن خانتك الأركان
އެހެންކަމުން ﷲ އަށް ވަކީލު ކުރުމުގައި ތިޔަބައިމީހުން ސާބިތުވާށެވެ.
އެހެނީ އެއީ އެއްވެސް އެހިތެރިކަމެއް ލިބުންނުވާ ދުވަހުގައިވާ އެހީތެރިކަމެވެ.
كم نطلب الله في خير يحل بنا *** فإن تولت بلايانا نسيناه
ފަސޭހަކަން ދެއްވުން އެދި ﷲ ގެ ހަޟްރަތުން އަހަރުމެން އެދެނީ ކިހާވަރަށް ހެއްޔެވެ.
އަދި އަހަރުމެންނަށް ކުރިމަތިވެފައިވާ މުސީބާތް ފިލާދިއުމުން އަހަރުމެން (އެއިލާހުގެ މަތިން) ހަދާންނެތެއެވެ.
ندعوه في البحر أن ينجي سفينتنا *** فإن رجعنا إلى الشاطئ عصيناه
އަހަރުމެން ކަނޑުތަކުގައި ވާހިނދު އަހަރުމެންގެ އޮޑިފަހަރު ސަލާމަތް ކޮށްދެއްވުން އެދި އެއިލާހަށް ގޮވަމުއެވެ.
އެހެނަސް ހިކިފަސް ތަނަކަށް އާދެވުމުން އަހަރުމެން އެއިލާހަށް ނުކިޔަމަންތެރިވަމުއެވެ.
ونركب الجو في أمن وفي دعة *** فما سقطنا لأن الحافظ الله
ސަލާމާތްތެރިކަމައި އަމާން ކަމާއެކު ވައިގައި އަހަރުމެން ދަތުރު ކުރަމެވެ.
އަދި އަހަރުމެން ނުއެއް ވެއްޓެއެވެ. ﷲ އީ އަހަރުމެން ރައްކާތެރި ފަރާތް ކަމުގައި ވާކަމަށްޓަކައެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons