· ކޭތަނަމާދު ވެސް ކުރަން ފަށާނީ އެހެން ނަމާދުތައް ކުރާ ފަދައިން އެންމެ ފުރަތަމަ ނިޔަތްގަނެ ޙަރަމްބަންނާނީއެވެ. · ދެން ވައްޖަހުތު ނުވަތަ دعاء الافتتاح ކިޔާނީއެވެ. · އެއަށްފަހު ދެންކިޔަވާނީ ބަޤަރާ ސޫރަތެވެ. ނުވަތަ އެސޫރަތުގެ މިންވަރަށް އެހެން ސޫރަތްތަކެވެ. · އެއަށްފަހު الله أكبر ކިޔައި ރުކޫޢަށްދާނީއެވެ. ރުކޫޢުގައި ބަޤަރާސޫރަތުގެ 100 އާޔަތުގެ މިންވަރަށްތަސްބީޙަކިޔާނީއެވެ. · ދެން سمع الله لمن حمده ކިޔައިފައި ޤިޔާމަށް އެބުރިއަންނާނީއެވެ. · ދެން އަނެއްކާވެސް އަލްޙަމްދު ކިޔަވާނީއެވެ. · އެއަށްފަހު ކިޔަވާނީ އާލްޢިމްރާން ސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުން 200 އާޔަތެވެ. ނުވަތަ އެމިންވަރެވެ. · އެއަށްފަހު ދެންދާނީ ރުކޫޢަށެވެ. ރުކޫޢުގައި ބަޤަރާސޫރަތުގެ 80 އާޔަތުގެ މިންވަރަށް ތަސްބީޙަކިޔާނީއެވެ. · ދެން سمع الله لمن حمده ކިޔާފައި ތެދުވެހުންނާނީ އިޢުތިދާލުގައެވެ. · އިޢުތިދާލުގައި ހުރުމަށްފަހު الله أكبر ކިޔައިފައި ދެންދާނީ ސަޖިދައަށެވެ. ސަޖިދަކުރާނީ އެހެނިހެން ނަމާދުގައިވެސް ސަޖިދަކުރާ ގޮތަށެވެ. · އެއަށްފަހު ދެސަޖިދަ ދެމެދު އިށީދެފައި އަނެއްކާވެސް ސަޖިދަކުރާނީއެވެ. މިއީ އެއްރަކުޢަތެވެ. · ދެން الله أكبر ކިޔައި ތެދުވާނީއެވެ. ދެވަނަ ރަކުޢަތުގައި އަލްޙަމްދު ކިޔުމަށްފަހު ކިޔަވާނީ ނިސާސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުގެ 150 އާޔަތުގެ މިންވަރެވެ. · އެއަށްފަހު ރުކޫޢަށް ދާނީއެވެ. ރުކޫޢުގައި ތަސްބީޙަކިޔާނީ ބަޤަރާސޫރަތުގެ 70 އާޔަތުގެ މިންވަރަށެވެ. · ރުކޫޢުން ތެދުވެ އަނެއްކާވެސް އެނބުރިދާނީ ޤިޔާމަށެވެ. މިފަހަރު އަލްޙަމްދު ކިޔެވުމަށްފަހު ކިޔަވާނީ މާއިދާ ސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުގެ 100 އާޔަތުގެ މިންވަރަށެވެ. · ދެންދާނީ ރުކޫޢަށެވެ. ރުކޫޢުގައި ތަސްބީޙަކިޔާނީ ބަޤަރާ ސޫރަތުގެ 50 އާޔަތުގެ މިންވަރަށެވެ. · ދެން ތެދުވެ އިޢުތިދާލުކޮށް ދެސަޖިދަކޮށް ފަހު އައްތަޙިއްޔާތުކިޔައި ސަލާމްދޭނީއެވެ. ކޭތަނަމާދު ކުރާ ހިނދު ދިގުކޮށް ކުރުން ސުންނަތް ވެގެންވެއެވެ. ނަމަވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން ނަމާދު ކުރުމުން ރަނގަޅު ވާނެވެ. ޢަބްދުﷲ ބުން ޢަމްރޫ ބުނުލްޢާޞުގެ އަރިހުން ރިވާ ވެގެންވާ ޙަދީޘެއްގެ މާނާގައި ވެއެވެ. " ސަލާމައި ޞަލަވާތްލެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އިރުކޭތައެއް ހިފުމުން މީސްތަކުންނަށް ގޮވާލެވުނެވެ. ހަމަކަށަވަރުން ނަމާދަށް އެއްވާ ހުއްޓެވެ. ފަހެ ސަލާމައި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެ ރުކޫޢާއެކު ނަމާދު ކުރެއްވިއެވެ. ދެން ތެދުވެވަޑައިގެން އަނެއްކާވެސް ދެރުކޫޢުއާއެކު ނަމާދު ކުރެއްވިއެވެ. އެއަށްފަހު އިށީނދެ ވަޑައިގެންނެވިއެވެ. އޭގެ ފަހުގައި އިރުކޭތަ ފިލައިގެން ދިޔައެވެ." (ރަވާހުލް ބުޚާރީ) ކޭތަ ހިފާ ވަޤުތު ހުކުރު ނަމާދުގެ ވަޤުތާ ދިމާވެއްޖެ ނަމަ ކޭތަ ނަމާދު ކުރުކޮށް ކުރުން ހުއްޓެވެ.އަލްއިމާމުއްޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. " ކޭތަ ހިފާ ވަޤުތު ހުކުރު ވަޤުތާ ދިމާވެއްޖެ ނަމަ ކޭތަނަމާދުގެ ދެރަކުޢަތް ލުއިކޮށް ކުރާހުށިކަމެވެ. ސޫރަތުލްފާތިޙާ ކިޔެވުމަށް ފަހު ސޫރަތުލްއިޚްލާޞް ފަދަ ކުރު ސޫރަތެއް ކިޔެވުން ހުއްޓެވެ. ކޭތަނަމާދަށް ފަހު ހުކުރު ޚުޠުބާ ދޭ ހުއްޓެވެ. އަދި ހުކުރު ޚުޠުބާގައި ކޭތައިގެ ވާހަކަ ޒިކުރު ކުރާ ހުށިކަމެވެ." ކޭތަނަމާދުކޮށް އަވަދިވުމަށްފަހު ދެޚުޠުބާކިޔުން ސުންނަތްވެގެންވެއެވެ. މިއީ ރުކުންތަކާއި ޝަރުޠުތަކުގައި ހުކުރު ނަމާދުގެ ޚުޠުބާއާއި އެއްފަދަ ދެޚުޠުބާއެވެ. ޚުޠުބާ ކިޔާނީ ޖަމާޢަތުގައި ނަމާދުކުރާނ ނަމައެވެ. ކޭތަނަމާދަށްޓަކައި ހިނައިގަތުމަކީ ސުންނަތްކަމެކެވެ. ކޭތަނަމާދުގައި ރަކުޢަތްލިބޭނީ ކޮންމެރަކުޢަތެއްގެވެސްފުރަތަމަ ރުކޫޢުގެ ކުރިން އިމާމާޔާއި ތަބަޢަވެވުނު ނަމައެވެ. އިރުކޭތަ ނުވަތަ ހަނދު ކޭތަ ހިފާ ހިނދު މާތްﷲއަށް ބިރުވެތިވާން ޖެހެއެވެ. މިކަހަލަވަޤުތުތަކުގައި މާތްﷲއަށް ބިރުވެތިވެ، އެކަލާނގެ މަތިން ހަނދުމަ ކުރަން ޖެހެއެވެ. އަދި އިސްތިޣުފާރު ކުރުމާއި ޞަދަޤާތް ދިނުން ވެސްއިތުރު ވެގެންވެއެވެ. އަންހެނުން ކޭތަ ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުން. ކޭތަނަމާދު ކުރާ ޖަމާޢަތަށް އަންހެނުން ޙާޟިރުވުން ސުންނަތް ވެގެންވެއެވެ. ނަމަވެސް އެކަނބަލުން މިސްކިތަށް ޙާޟިރުވުމުގައި އެކަބަލުންގެ ޒީނަތްތެރިކަން ފާޅުނުވާގޮތަށް ދިއުން ހުއްޓެވެ. އަސްމާ ބިންތު އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘްއްގެ މާނާގައި ވެއެވެ. އިރުކޭތަ ހިފާފައިވާތަން ފެނިވަޑައިގެން ހިނދު ތިމަންކަމަނާ ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންނެވީމެވެ. އެހިނދު މީސްތަކުން ތިބީ ނަމާދު ކުރާށެވެ. އަދި އެކަމަނާ ވެސް ހުންނެވީ އެހެން މީހުންނެކޭ އެއްފަދައިން ނަމާދު ކުރައްވާށެވެ." (ރަވާހުލްބުޚާރީ) |
0 comments:
Post a Comment