އަހަރުމެންގެ ބައްޕައާއި މަންމަ، އާދަމް އާއި ޙައްވާ (عليهما السلام) ޖަންނަތުން ބޭރުކޮށްލެވުމުން، އެބައިމީހުންގެ ފުރަތަމަ ގެދޮރުމަތިން ހަނދާންކޮށް އެބައިމީހުންގެ ހިތްތައް ހިތާމަކުރުމުގައި ދެމިގެންވިއެވެ.
ޒުވާނުންތަކެއް ކޭމްޕު ގޮސް އުޅޭއިރު ވާގޮތް ތިބާއަށް އިނގޭނޫން ހެއްޔެވެ. ރެއަކަށްފަހު ރެއެއް އެބައިމީހުންގެ ރަށްމަތިން ހަނދާންވެ ރޯންފަށައެވެ.
ދަންނާށެވެ! އަހަރުމެންގެ މައިންބަފައިން (އާދަމް އާއި ޙައްވާ) ވީ އެފަދައިންނެވެ. އަދި އެދެކަނބަލުންގެ ދަރިންކަމުގައިވި، ﷲ سبحانه وتعالى އަށާއި އެއިލާހުގެ ރަސޫލާ އަދި އާޚިރަތަށް އީމާންވީ މީހުން ވީއެފަދައިންނެވެ. އަހަރުމެންގެ ގެއަށް (ޖަންނަތަށް) إن شاء اللهއަހަރުމެންނަށް ވަދެވެންދެން އަހަރުމެންނަށް ހަނދާންވެ ރޮވެންޖެހޭ ރޮވުމަކީ އެފަދައިން ރޮވޭ ރުއިމެއް ކަމުގައި ވާންޖެހެއެވެ. ބީރައްޓެއްސަކަށް ކުރެވޭނޭ އިޙުސާސްތަކަކީ އެއީއެވެ. ދިރިއުޅުމާއިގެން އަހަރުމެން ކުރިއަށްދާންޖެހޭ ގޮތަކީ އެއީއެވެ.
ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވެއެވެ:
”މި ޒީނަތްތެރިކަމުގެ ދުނިޔެއާއި މެދު ތިމަންކަލޭގެފާނު ކުރާނީ ކޮންކަމެއްހެއްޔެވެ؟ ޒީނަތުގެ ދުނިޔެއާއި ތިމަންކަލޭގެފާނުގެ މިޘާލަކީ، ދަތުރުވެރިއެއްގެ މިޘާލެވެ. މެންދުރުގެ ހޫނުގައި ދަތުރުކުރުމަށް ފަހު ގަހެއްގެ ހިޔަލުގައި ކުޑަހިނދުކޮޅަކު އަރާމު ކޮށްލުމަށްޓަކައި އޭނާ މަޑުކޮށްލައެވެ. ދެން އެއަށްފަހު ތެދުވެ އޭނާ އެތަން (ދުނިޔެ) ދޫކޮށްދެއެވެ.“[رواه أحمد، و ترمذي] މިއީ ޙަސަން ދަރަޖައިގެ ޙަދީޘްއެކެވެ.
ދަތުރަކީ ޙަޔާތެވެ. އަދި މަންޒިލަކީ ޖަންނަތު ނުވަތަ ޖަހައްނަމައެވެ.
ޢަލީ (رضى الله عنه) ވިދާޅުވެއުޅުއްވައެވެ:
”ޒީނަތުގެ ދުނިޔެ ތިބާ ދޫކޮށްލުމަށްޓަކައި ތެދުވެއްޖެއެވެ އަދި އާޚިރަތް ތިބާ އާއި ދިމާލަށް އައުމަށް ތެދުވެއްޖެއެވެ. އެދެބައިމީހުންގެ ވެސް (ދުނިޔެ އާއި އާޚިރަތް) ދަރިން ތިބެއެވެ. އެހެންކަމުން އާޚިރަތުގެ ދަރިންގެ ތެރެއިންވާށެވެ. އަދި ދުނިޔޭގެ ޒީނަތްތެރިކަމުގެ ދަރިންގެ ތެރެއިންނުވާށެވެ. އެހެނީ ހަމަކަށަވަރުން މިއަދު އޮތީ ޢަމަލުކުރުމެވެ. ޙިސާބު ކުރުމެއްނުވެއެވެ. އަދި މާދަމާ އޮތީ ޙިސާބުކުރުމެވެ. އަދި ޢަމަލު ކުރުމެއްނުވެއެވެ.“
ޙިކްމަތްތެރި މީހަކު ބުނެފައިވެއެވެ: ”މިފަނާކުރުވަނިވި ދުނިޔެއަށް އެދޭ އެހެނަސް އެދުނިޔެ އޭނާއާއި ދުރުވެ، އާޚިރަތް އޭނާއާއި ކައިރިއަށް އަންނަ މީހާގެ ޢަޖައިބުކަމާއެވެ! ދޫކޮށްފައިދާނޭ އެއްޗަކާއިމެދު އެހާ ވަގުތު ބޭކާރުކޮށް އަދި އޭނާއާއި ބައްދަލުކުރަން އަންނަ އެއްޗަކަށް، އޭނާ އެހާ ފުރަގަސްދެނީ ކޮންފަދައަކުން ހެއްޔެވެ؟“
މިއީ އަހަރުމެން އެންމެން ކަޑައްތު ކުރަމުންދާ ދަތުރެވެ. އަދި ވަގުތުގެ ފައިދާ ނެގުން މިވަނީ މިހާރު އަހަރުމެންގެ އަތްމަތީގައެވެ. މުޙައްމަދު ބިން ވާސިޢް (رحمه الله تعالى) އާއި އެއްފަހަރަކު އެކަލޭގެފާނުގެ އިޙްސާސްތަކާއި މެދު ސުވާލުކުރެވުނެވެ. އެކަލޭގެފާނު ޖަވާބުދެއްވިއެވެ: ”ކޮންމެ ދުވަހަކު އާޚިރަތާއި ދިމާލަށް، މޭލެއްގެ މިންވަރަށް ދަތުރުކުރަމުންދާ މީހަކާއިމެދު ތިބާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟“
ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚްތާއެވެ. ކޮންމެ ފުރާނައެއްވެސް މިދަތުރުގައި ބައިވެރިވެއެވެ. އެކަން ދަނެގެން އެބައިމީހުންހެ ދުވަސްތައް އަންނަންއޮތް ސުވާލުތަކަށް ޖަވާބު ތައްޔާރުކުރުމުގައި ވަގުތުތައް ހޭދަކުރަނީއެވެ. އަނެއްބަޔަކު ދިރިއުޅުމުގެ މަޖާ ލިބިގަންނަނީއެވެ. އެބައިމީހުން ބުނެއުޅެއެވެ: 'މިޙަޔާތަކީ ކުރު އެއްޗެކެވެ. އެހެންކަމުން ވީވަރަކުން މަޖާހޯދާށެވެ.' އާޚިރަތާއި މެދު ޣާފިލުވެ ފަރުވާކުޑަކޮށްލައިގެންނެވެ. އެފަދަ މީހުން ހޭއަރާ، އަލިފާނުގެ ވަސްދުވާ ދުވަހުގެ ވާހަކަ ބަޔާންކުރައްވަވަމުން ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ:
”لَقَدْ كُنْتَ فِي غَفْلَةٍ مِنْ هَذَا فَكَشَفْنَا عَنْكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ“
”ހަމަކަށަވަރުން ތިބާ މިކަންތަކާއިމެދު ޣާފިލު ކަމެއްގައި ވީމުއެވެ. ފަހެ ތިމަން ﷲ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފުކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ.“ [ޤާފް: 22]
އެބައިމީހުން ދިރިއުޅެނީ ޝައިޠާނީ މަސްތުވުމެއްގެ ތެރޭގައެވެ. އެބައިމީހުން ވިސްނާހާ ވެސް ކަމަކީ އާކާރެއް، ބޮޑު ގެއެއް ނުވަތަ ރިވެތި ބައިވެރިއަކު ހޯދާނޭ ގޮތެކެވެ. ބައެއް މީހުން ޙަޔާތުގެ ވަގުތު އެއްކޮށް ފާއިތުވެ ނުދަނީސް ތައުބާވެ ހޭއަރައެވެ. އަނެއްބަޔަކަށް އިސްވެދިޔަ އާޔަތް އަޑުއިވޭއިރު، ހިތާމަކޮށް ދެރަވުމަކުން ވާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ.
ފުރާނަ ދަމައިގަނެވޭގޮތް، އަދި އެންމެ ފަހު ވަގުތުކޮޅު، 'ސޫރަތުލް ޤިޔާމާ' ގައި ﷲ سبحانه وتعالىބަޔާންކޮށްދެއްވާފައިވެއެވެ. އޭނާ އެރޭ ނިދަންއޮށޯތީ ފަތިސް ނަމާދު ނުކުރުމުގެ ނިޔަތުގައިކަމަށް ވެދާނެއެވެ. އޭނާގެ ދަރިން ގޮވައިގެން އަންނަ ބަހާރު މޫސުމުގައި ޑިސްނީ ލޭންޑަށް ދާނެކަމުގައި އެކުދިން ކައިރީ އޭނާ ވަޢުދުވިއެވެ. އޭނަގެ އަނބިމީހާއަށް އައުހެދުމެއް ގަނެދޭނެކަމަށް ވަޢުދުވިއެވެ. އޭނާގެ ގޮލްފް ސްކޯރ ކުރީގެ އަދަދަށްވުރެ މަތިވެއްޖެނަމަ އައުކާރެއް ގަތުމަށް ވަޢުދުވިއެވެ. އެކަމަކު މިރޭ އޭނާގެ ގާތަށް އާދަޔާއި ޚިލާފު މެހެމާނަކު ޒިޔާރަތްކުރިއެވެ. އަސްތާ! އެ މެހެމާނާ އާއިއެކު އޭނާވަނީ އެޕޮއިންޓްމެންޓެއް ހަދާފައެވެ. އެކަމަކު އޭނާ ފަރުވާކުޑަވެ ހަނދާން ނެތުނީއެވެ.
”كَلا إِذَا بَلَغَتِ التَّرَاقِيَ“
”ހަމަހިލާ އެހެނެއް ނުވާނެއެވެ. ވައިނޮޅި ކަށިގަނޑާއި ހަމައަށް ފުރާނަ ފޯރައްޖެހިނދެވެ.“ [އަލް ޤިޔާމާ، 26]
ފުރާނަ، ހަށިގަނޑު ދޫކޮށްދަނީ ކުއްލިއަކަށް ނޫނެވެ. ފަހަރަކު ބައެއް ފަހަރަކު ބައެއް ދަމުން ގޮސް ކަނދުރާއާއި ހަމައަށް އަންނަންދެނެވެ. އަދި ކަރާއި ހަމައަށް އަންނަންދެނެވެ. އޭނާގެ ފައިވަނީ މަރުވެފައެވެ. އޭނާގެ އަތްވަނީ މަރުވެފައެވެ. އޭނާގެ ކަރުބުޑުގައި ފުރާނަ ތެޅިގަތެވެ. އޭނާ ހަޅޭލަވައިގަތެވެ. އޭނާގެ އަނބިމީހާ އާއި ދަރިންއޭނާގެ ގާތަށް ދުވެފައި އައިއްސިއެވެ. ކިހިނެއްވީ؟ ކިހިނެއްވީ؟ މިހާރަކު ނޫނެވެ. އޭނާ މިހާރު އެހެން ދަތުރެއް ފަށަނީއެވެ.
”وَقِيلَ مَنْ رَاقٍ“
”އަދި ބުނެވޭ ހުއްޓެވެ. އޭނާ (މަރުން) ސަލާމަތްކޮށް ޝިފާއެއްދޭނީ ކާކުހެއްޔެވެ؟ [އަލް ޤިޔާމާ: 27]
އެންމެ ފަހު ނޭވައިގައި ވެސް އޭނާގެ އަނބިމީހާ، އެމްބިއުލާންސްއަށް ގުޅުމަށް ފޯނާއި ދިމާލަށް ދުއްވައިގަނެއެވެ. ކުދިންތައް އެކުދިންގެ ބައްޕަ ސަލާމަތްކޮށްދޭނެ މީހަކު ފެނޭތޯ ދެކޮޅަށް ބަލަބަލައިތިބެއެވެ. ނޫނެކެވެ. އެއްވެސް މީހަކަށް އޭނާގެ ގާތަށް މަރު އައުމުން އޭނާ އެމަރުން ސަލާމަތް ކޮށެއްނުދެވޭނެއެވެ. ކޮންމެ މީހަކުވެސް މަރުވާނެއެވެ.
”وَظَنَّ أَنَّهُ الْفِرَاقُ “
”އަދި އެއީ ވަކިވުން ކަމުގައި ޔަޤީންކޮށްފި ހިނދެވެ.“ [އަލް ޤިޔާމާ: 28]
މިހާރު ޙަޤީޤަތް އައިސް އޭނާއާއި ކުރިމަތިލައިފިއެވެ. މިއީ ނިމުންކަން އޭނާއަށް އެނގެއެވެ. ފުރަންވީ ވަގުތުއައިސް ޖެހިއްޖެއެވެ. އަދި ދަތުރު ފެށެން ގާތްވެއްޖެއެވެ. އެކަމަކު އޭނާ އެ ފުރަނީ ކޮންއެއްޗެއް ދޫކޮށްފައިހެއްޔެވެ؟ އަޞްރަށް ފަހު އޭނާ ކިޔަވަން އިންނަ ޤުރުއާން ހެއްޔެވެ؟ ފިނިގަދަ ދިގު ރޭތަކުގައި އެކުރަމުން ދިޔަ ހަތަރު ރަކްޢަތް ހެއްޔެވެ؟ ނުވަތަ އެ ފަރްޟު ފަސް ނަމާދުވެސް ދޫކޮށްފައި ހެއްޔެވެ؟
”وَالْتَفَّتِ السَّاقُ بِالسَّاقِ“
”އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާއި އޮޅާލެވޭ ހިނދެވެ.“ [އަލް ޤިޔާމާ: 29]
ބީރައްޓެހިންތަކެއް އޭނާ ހިނަވައެވެ. ބީރައްޓެހި އަތްތަކަކުން އޭނާ ކަފުންކުރެއެވެ. ބީރައްޓެހިންތަކެއް އޭނާގެ މައްޗަށް ކަށުނަމާދު ކުރެއެވެ. އެއަށްފަހު މިދުނިޔެއަށް އައިއްސުރެ އޭނާއަށްޓަކައި އިންތިޒާރު ކުރަމުން އައި ވަޅުގަނޑަށް، އަޑިއަށް އޭނާ ތިރިކުރެވެއެވެ. މިހާރު ދަތުރު ފެށުނީއެވެ....
”إِلَى رَبِّكَ يَوْمَئِذٍ الْمَسَاقُ“
”އެދުވަހުން އެމީހަކު ގެންދެވުންވަނީ، ތިބާގެ ވެރިއިލާހުގެ ޙަޟުރަތަށެވެ.“ [އަލް ޤިޔާމާ: 30]
ލޮބުވެތި އަޚާ، ލޮބުވެތި އުޚްތާ! ރަމަޟާން މަސް އައުމުން ތައުބާވުމަށް ނުތިބޭށެވެ. ޙައްޖަށް ދެވެންދެކަ ނުތިބޭށެވެ. މާދަމާ ވަންދެން ވެސް މަޑުނުކުރާށެވެ. މިހާރު އެކަންކުރާށެވެ. އަދި މިދަތުރަށް ތައްޔާރުވާށެވެ. ﷲ سبحانه وتعالى ގެ ކިބަފުޅަށް މާލަސް ނުވަނީސް ރުޖޫޢަވާށެވެ. މިހާރު އެވެ.
ޢަލީ (رضى الله عنه) އެއްފަހަރަކު މަހާނައެއްގެ ކައިރީ މަޑުކުރުމަށްފަހު އެކަލޭގެފާނުގެ ޞަޙާބީއަށް ވިދާޅުވިއެވެ: ”އޭނާ އަށް މިދުނިޔެއަށް އަލުން އަންނަން ފުރުޞަޠު ލިބިއްޖެނަމަ ތިބާގެ ނަޒަރުގައި އޭނާ ކުރާނީ ކޮންކަމެއް ހެއްޔެވެ؟“ ޞަޙާބީ ޖަވާބުދިނެވެ: ”ހެޔޮ ޢަމަލެއް ފިޔަވައި އެހެން އެއްވެސް ކަމެއް އޭނާ ނުކުރާނެއެވެ.“ ޢަލީ (رضى الله عنه) ދެން ވިދާޅުވިއެވެ: ”އެއީ އޭނާ ކަމުގައި ނުވާނަމަ، ދެން އެއީ ތިބާ ކަމުގައި ހަދާށެވެ.“
ތިބާ މިއަދު ޒުވާންވެފައި ރީތިނަމަ، ﷲ سبحانه وتعالى އަށް ބިރުވެތިވެ އެއިލާހު އަމުރުކުރެއްވެވި ގޮތަށް ނިވާވާށެވެ. ތިބާގެ ޞިއްޙަތު ރަނގަޅުނަމަ، މުސްކުޅިވެ ގައިބާރު ދެރަވުމުގެ ކުރިން ތިބާއަށް ވެވުނު ވަރަކުން ﷲسبحانه وتعالى އަށް އަޅުކަން ކުރާށެވެ. ތިބާ އަކީ ތަނަވަސް މުދާވެރި މީހަކު ކަމުގައިވަނީނަމަ، އެތަކެތި ގެއްލިހިނގައިދާނެ ދުވަސް އައުމުގެ ކުރިން ތިބާގެ މުދާ ﷲ سبحانه وتعالى ގެ މަގުގައި ހޭދަކުރާށެވެ. ތިބާއަށް ހުސް ވަގުތު މިހާރި ލިބޭނަމަ، އެވަގުތުތައް ނުލިބިދާނެ ދުވަސް އައުމުގެ ކުރިން ޤުރުއާން ހިތުދަސްކޮށް ޙަދީޘް އުނގެނުމަށް ވަގުތު ހޭދަކުރާށެވެ. ތިބާ ދިރިހުރިނަމަ، ތިބާގެ ޙަޔާތުގެ ދެވަނަ މަރުޙަލާގައި ﷲ سبحانه وتعالى އާއި ބައްދަލުކުރަން ޖެހޭނޭކަމުގެ ސަބަބުން، މިޙަޔާތުގެ ފައިދާނަގާށެވެ.
އިބްނު ޢައްބާސް (رضي الله عنهما)، ނަބީ (صلى الله عليه وسلم) މީހަކަށް ނަޞޭޙަތްތެރިވެ ލައްވަވަނިކޮށް އަޑުއެއްސެވިއެވެ: ފަސްކަމެއްގެ ކުރިން ލިބިގަންނާށެވެ. ތިބާ މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ، ތިބާ ބަލިވުމުގެ ކުރިން ޞިއްޙަތުގެ، ތިބާ ފަޤީރުވުމުގެ ކުރިން މުދަލުގެ، ތިބާ މަޝްޣޫލްވުމުގެ ކުރިން ހުސްވަގުތުތަކުގެ، އަދި ތިބާ މަރުވުމުގެ ކުރިން ޙަޔާތުގެ އެވެ.“
0 comments:
Post a Comment