Thursday, July 28, 2011

ވިސްނާ ފިކުރު ކުރާށެވެ. އަދި ޝުކުރުވެރިވާށެވެ.

     ތިބާ އަށް ﷲ ދެއްވާ ނިޢުމަތްތަކުގެ މަތިން ހަނދާން ކުރާށެވެ. އަދި ތިބާގެ ވަށައިގެންނާއި މަތިންނާއި ތިރިން އަންނަ ނިޢުމަތްތައް މަތިން ހަނދާން ކުރާށެވެ.

”وَآتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا إِنَّ الإنْسَانَ لَظَلُومٌ كَفَّارٌ “
”އަދި އެކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުއްޓެވެ. ހަމަކަށަވަރުން، އިންސާނާއީ، އަނިޔާވެރިވުން ބޮޑު، ޝުކުރު ކުރުން ނެތް މީހެކެވެ.“(ސޫރަތުލް އިބްރާހިމް 34)
ސިއްޙަތާއި، ސަލާމަތްތެރިކަމާއި، ކާނާއާއި، ފޭރާމާއި ވައި އަދި ފެނެވެ. މިހުރިހާ ކަމެއް ބުނެދެނީ ދުނިޔެއަކީ ތިބާގެ އެއްޗެއް ކަމެވެ. ނަމަވެސް ތިބާއަކަށް އެވަރު ނުވިސްނެއެވެ. ޙަޔާތަށް ބޭނުންވާ ހުރިހާ އެއްޗެއް ތިބާއަށް ލިބިގެންވެއެވެ. އެހެނަސް ތިބާ ޖާހިލުވެގެންވެއެވެ.
”أَلَمْ تَرَوْا أَنَّ اللَّهَ سَخَّرَ لَكُمْ مَا فِي السَّمَاوَاتِ وَمَا فِي الأرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً وَمِنَ النَّاسِ مَنْ يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلا هُدًى وَلا كِتَابٍ مُنِيرٍ“
”ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހާ ތަކެއްޗެއް ﷲ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރި ކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭގޭހެއްޔެވެ؟ އަދި އެކަލާނގެ ނިޢުމަތްތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ. އަދި އެއްވެސް ޢިލްމަކާއި ނުލައި، ނުވަތަ ތެދުމަގަކާއި ނުލައި، ނުވަތަ އަލިކަން ދެނެވި ފޮތަކާއި ނުލައި ﷲއާއިމެދު ޖަދަލު ކުރާ ބަޔަކު މީސްތަކުންގެ ތެރެއިންވެއެވެ.“ (ސޫރަތުލް ލުޤްމާން 20)
ތިބާއަށް ދެލޮލާއި، ދުލާއި، ތުންފަތާއި، ދެއަތާއި އަދި ދެ ފައި ލިބިގެންވެއެވެ.
”فَبِأَيِّ آلاءِ رَبِّكُمَا تُكَذِّبَانِ “
” (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމިހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރި އިލާޙުގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟“ (ސޫރަތުއް ރަޙްމާން 13)
ފަޔަކާއި ނުލައި ތިބާ ހިނގާނެ ގޮތަކާއިމެދު ވިސްނޭ ހެއްޔެވެ؟ ތިބާއަށް އަރާމުގައި ނިދޭ އިރުގައި އެތައް ބަޔަކަށް އަރާމު ނިދި ނުލިބި ދިއުން ތިބާ ނަގަނީ އާދައިގެ ކަމެއްގެ ގޮތުގައި ހެއްޔެވެ؟ ތިބާގެ ބަނޑު، މީރުހާ ކާއެއްޗެއްސާއި ފިނި ފެނުން ފުރާ އިރުގައި ބައެއް މީހުން އެފަދަ މީރު ކެއުމާއި ބުއިމުގެ ހިތްހަމަޖެހުމުން މަޙްރޫމް ވެގެންވާ ކަމާއިމެދު ހަނދުމަ ނެތުނީހެއްޔެވެ؟ ބަލިކަމާއި ނުވަތަ ބަލިމަޑުކަމުގެ ސަބަބުންނެވެ. ތިބާއަށް ލިބިގެންވާ އިވުމާއި ފެނުމުގެ ހިއްސުތަކާއިމެދު ވިސްނާލާށެވެ. ތިބާގެ ދުޅަހެޔޮ ހަންގަނޑަށް ބަލާލަ ބަލާށެވެ. އަދި
އެހަމަށް ޙަމަލާ ދޭ ބަލިތަކުން ސަލާމަތްވެގެންވާ ކަމާއިމެދުގައި ޝުކުރުވެރިވާށެވެ. ތިބާއަށް ލިބިގެންވާ ވިސްނާ ފިކުރު ކުރުމުގެ ބާރާއިމެދުގައި ނަޒަރު ހިންގާށެވެ. އަދި ސިކުނޑީގެ އުނިކަން ލިބިގެންވާ މީހުން މަތިން ހަނދުމަ ކުރާށެވެ.
އުހުދު ފަރުބަދައިގެ ބަރުދަނުގައި ވާ ރަނަށް ތިބާއަށް ލިބިގެންވާ އިވުމުގެ ޙިއްސު ވިއްކާނަމު ހެއްޔެވެ؟ ނުވަތަ ބޮޑެތި ވެގެންވާ ގަނޑުވަރުތައް ލިބިގަތުމަށް ތިބާގެ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ވިއްކާނަމު ހެއްޔެވެ؟ ތިބާއަށް އެތައް ގިނަ ނިޢުމަތްތަކެއް ލިބިގެންވެއެވެ. ނަމަވެސް ތިބާ އެތަންތަކަށް ޖާހިލުވަނީއެވެ. ހޫނު ރޮށި ނުވަތަ ޕާން، ފިނި ފެން، އަރާމު ނިދި އަދި ރަނގަޅު ސިއްޙަތެއް ލިބިގެން ނުވާނަމަ ތިބާއަށް ނުތަނަވަސްކަމާއި ނިކަމެތިކަން އިޙްސާސްކުރެވެއެވެ. ތިބާއަށް ލިބިގެން ނުވާ އެއްޗެއްސާއިމެދުގައި ތިބާ ވިސްނައެވެ. އަދި ލިބިގެންވާ އެއްޗެއްސާއިމެދުގައި ޝުކުރުވެރިއެއް ނުވެއެވެ. މުދަލުން އުނިކަމެއް ވެއްޖެނަމަ ތިބާއަށް ކަންބޮޑުވުން ކުރިމަތިވެއެވެ. ނަމަވެސް ތިބާގެ އަތުގައި އުފާވެރި ކަމާއި އެތައް ނިޢުމަތްތަކެއްގެ ތަޅުދަނޑިވެއެވެ. ވިސްނާ ފިކުރު ކުރާށެވެ. އަދި ޝުކުރުވެރިވާށެވެ.
”وَفِي أَنْفُسِكُمْ أَفَلا تُبْصِرُونَ “
”އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސް މެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟“ (ސޫރަތުއް ޒާރިޔާތު 21)
ތިބާގެ ނަފްސާއި، ޢާއިލާއާއި، ރަޙްމަތްތެރިންނާއި އަދި ވަށައިގެންވާ މުޅި ދުނިޔެއާއިމެދު ވިސްނާ ފިކުރު ކުރާށެވެ.
”يَعْرِفُونَ نِعْمَةَ اللَّهِ ثُمَّ يُنْكِرُونَهَا وَأَكْثَرُهُمُ الْكَافِرُونَ “
”އެބައިމީހުން ﷲގެ ނިޢުމަތްތައް ދަނެތެވެ. ދެން އެބައިމީހުން އެއަށް އިންކާރު ކުރެތެވެ. އަދި އެބައިމީހުން ކުރެ ގިނަ މީހުންނީ ކާފިރުންނެވެ.“ (ސޫރަތުއް ނަޙްލް 83)

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons