Wednesday, July 27, 2011

އަޅުގަނޑުމެންގެ ދުޢާ އިޖާބަނުވަނީ ކީއްވެތޯއެވެ؟

              الإمام أحمد بن حنبل ގެ ނަން ގަނެލުމުން އެއީ ކިހާފެންވަރެއްގެ ކާކުކަން އެނގިވަޑައިނުގަންނަވާނެ ބޭފުޅަކު ހަމަ މަދުވާނެކަމީ ޔަޤީން ކަމެކެވެ.
އެހެނީ އެއީ އިސްލާމީއުއްމަތް ދުށް ޢިލްމުވެރިންގެ ތެރެއިން އަރާހުންނެވި ޢިލްމުވެރިއެކެވެ.އުއްމަތަށްޓަކައިއެކަލޭގެފާނު ކުރެއްވެވި މަތިވެރި ޚިދުމަތްތަކަކީ ދުލަކުން، ޤަލަމަކުން ބަޔާންކުރެވޭނޭ ކަންކަމެއްނޫނެވެ. އިމާމް އަޙްމަދު ބުން ޙަންބަލަކީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތުގައި އެންމެވަރުގަދަޔަށް ހިއްޕެވި އެކަކުވެސް މެއެވެ.މިތާންގައި މި ޒިކުރުކޮށްލަނީ އެކަލޭގެފާނަށް ދިމާވި ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ.
               الإمام أحمد بن حنبل އިސްލާމްދީނުގެ މަތިވެރި ޢިލްމް ހޯއްދެވުމަށްޓަކައި ވަރަށް ދިގު ދަތުރުތައް ކޮށްއުޅުއްވިއެވެ. މިގޮތުން އެއްފަހަރަކު އެކަލޭގެފާނާއި الإمام يحي بن معين އާ ދެބޭކަލުން الإمام عبد الرزاق އާ ބައްދަލުކުރެއްވުމަށް ދަތުރުފުޅެއްފެއްޓެވިއެވެ. ކޮންމެއަކަސް ދަތުރުގެ މަންޒިލަށް ވަޑައިގެންނެވިއިރު އިމާމް އަޙްމަދު ގެންނެވި ފައިސާ ހުސްވެ އަތްމަތި ދަތިފުޅުވިއެވެ. އެކަލޭގެފާނަކީ މީހުން އެހީގެ ގޮތުގައި ދޭ އެއްޗެހީގައިއެއްވެސް ވަރަކަށް ހިއްޕަވާ އުޅުއްވާ ބޭކަލެއްނޫނެވެ. މިގޮތުން އެފަހަރުއިމާމް އަބްދުލް ރައްޒާޤު ވެސް އެހީއެއް ދެއްވަން އުޅުއްވުމުން އެކަމުންމަނާވެގަނެ ވިދާޅުވިއެވެ. މީހަކު ދޭ އެއްޗެއްގައި ތިމަން ހިފާނެނަމަކަލޭގެފާނުގެ އަތްޕުޅުން ހިފީމުހެވެ. އެއަށްފަހު ރޭގަނޑު ހޭދަކޮއްލުމަށްޓަކައިމިސްކިތައް ވަޑައިގެން އެތާންގައި އެކަލޭގެފާނު މަޑުކުރެއްވިއެވެ.
         ކަންދިމާ ކުރި ގޮތުން އެކަލޭގެފާނު ވަޑައިގެންނެވި މިމިސްކިތަކީ ރޭގަނޑު ބަންދުކުރާ މިސްކިތެކެވެ.މިސްކިތުގެ މަސައްކަތުމީހާ މިސްކިތް ބަންދުކުރަންވެގެން،އެތެރޭގައި މީހަކު އިންނެވިތަން ދެކި، އައިސް ސުވާލުކުރިއެވެ. މިތާ ކީއްކުރަނީހެއްޔެވެ؟މަސައްކަތު މީހާއަކަށް އެއީ الإمام أحمد بن حنبل ކަމެއް ނޭނގެއެވެ. އެކަލޭގެފާނު އެމިސްކިތުގައި ރޭކުރުމުގެ ނިޔަތް އޮތްވާހަކަ ވިދާޅުވުމުންމިސްކިތުން ނެރެލިއެވެ. އެތަނުން ނެރެލުމުން އެކަލޭގެފާނު ދެން އިށީނދެވަޑައިގަތީ މިސްކިތުގެ ފެންޑާމަތީގައެވެ.
މަސައްކަތުމީހާ މިސްކިތް ބަންދުކޮށް ނިމުމަށްފަހު ބޭރަށްނުކުމެފެންޑާގައި އެކަލޭގެފާނު އިންނެވިތަން ފެނި އެތަނުންވެސް ދުރަށްދިއުމަށް އެންގިއެވެ.އެކަލޭގެފާނު މިއީ ﷲގެ ގެކޮޅޭ ވިދާޅުވެ އެކަމާ ދެކޮޅު ހެއްދެވުމުން އެކަމާ ހިތްހަމަނުޖެހި އައި ރުޅިން ފައިގައިހިފާ ދަމަމުން މިސްކިތުގެ ގޯތިތެރެއިން ބޭރަށް ނެރެލިއެވެ.
          މިސްކިތުގެ މަސައްކަތުމީހާ الإمام أحمد بن حنبلއަށް ހަދަމުން އައި މި އިހާނެތިގޮތް ބަލަން ރޮށިފިހާ މީހަކުހުއްޓެވެ. އެމީހާގެ ހިތަށް އެކަލޭގެފާނުގެ ޙާލާއިމެދު ޙަމްދަރުދީވަދެއެކަލޭގެފާނު ގޮވައިގެން އެ ރޮށިފިހާ މީހާގެ ރޮށިފިހާތަނަށް ދިޔައެވެ.މިއީ އެކަލެގެފާނަށް މާތް ﷲ މިންވަރުކުރެއްވި ހެވެއްކަމުގައި ނޫނީ ނުވެއެވެ. އެހެނީ އެރޮށިފިހާތަނުގެ ހޫނުގެސަބަބުން، ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ޔަމަނަށް ފެތުރިފައިވާ ފިނިކަމުން އެކަލޭގެފާނުގެ ހަށިކޮޅު ސަލާމަތްވެ ވަޑައިގެނެވިއެވެ. ކޮންމެއަކަސް ރޮށިފިހާމީހާއަކަށްވެސް އެއީ الإمام أحمد بن حنبلކަމެއް ނޭނގެއެވެ.
         މިތަނުގައި އެކަލޭގެފާނު އިންނެވިއިރު ރޮށިފިހާ މީހާގެ ކިބައިންޚާއްސަކަމެއް ފެނިވަޑައިގަތެވެ. އެއީ އަބަދުވެސް ޒިކުރުކުރުމެވެ. އެނާ ރޮށި ފިހަންލާ ކޮންމެ ފަހަރަކާއި އެ ފުށުންޖަހަ ކޮންމެ ފަހަރަކު ﷲ މަތިން ހަނދުމަކޮށް އެކަލާނގެއަށްނ ޒިކުރުކުރެއެވެ. ހުއްޓައި ނުލައި ޒިކުރުކުރަމުން ގެންދާތީ އިމާމް އަޙްމަދު ބުން ޙަންބަލް އޭނާކުރެން ސުވާލު ކުރިއެވެ. ކަލޭގެ ތިޔަކުރާޒިކުރުތަކުގެ ސަބަބުން އެއްވެސް ޚާއްސަކަމެއް ލިބިގެން ވޭހެއްޔެވެ؟ އެހިނދުގައި ރޮށިފިހާމީހާ ޖަވާބުގައި ބުންޏެވެ.އާދޭހެވެ! މިހާތަނަށް ތިމަންނަ ކުރި އެއްވެސް ދުޢާއެއް އިޖާބަ ނުކުރައްވާ ނުވެއެވެ. އެންމެ ދުއާއެއް މެނުވީއެވެ! އެދުޢާވެސް އިޖާބަ ކުރައްވާނޭކަމަށް އުއްމީދު ކުރަމެވެ. އެކަލޭގެފާނު އެއްސެވިއެވެ. އެއީ ކޮން ދުޢާއެއްތޯއެވެ؟ އޭނާ ޖަވާބުދިނެވެ. އެއީ މުއުމިނުންގެ އިމާމް،الإمام أحمد بن حنبلއާ ބައްދަލުވޭތޯ އެދި ތިމަންނަ ކުރި ދުޢާއެވެ.
         ރޮށިފިހާމީހާގެ މިވާހަކަތަށް އަޑުއިވިފައި الإمام أحمد بن حنبلގެ މާތް ލޯފުޅުން ކަރުނަފޮދު އޮހޮރިގެން ދިޔައެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. ހަމަޔަޤީނުންވެސް ތިބާ ތިޔަބައްދަލުކުރަން ތިޔައެދޭ މީހާއާ ﷲ ތިބާ ބައްދަލު ކޮށްދެއްވައިފިއެވެ. ތިބާ ބައްދަލުކުރަން އެދިއެދިހުރި أحمد بن حنبل އަކީ ތިމަންނާއެވެ.
         ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އާދައިގެ މީހެއްގެ ގޮތުގައި ރޮށިފިހަމުން އައި އަޅުވެރިމީހާގެ ދުޢާ އިޖާބަކުރައްވައި، މުއުމިނުންގެ އިމާމު،الإمام أحمد بن حنبل އެގެނެވުނީ ދެފައިގައި ހިފާދަމާފައެވެ. ފަހެ މިއީ ﷲ ތަޢާލާމަތިން ހަނދުމަކޮށް އެކަލާނގެއަށް ޒިކުރުކުރާޙާލު ޚާލިޞް ހިތަކާއިގެން ދުނިޔޭގައި ދިރިއުޅުމުގެ ފޮނިމޭވާއެވެ. އަޅުގަނުމެން ނަމާދު ކުރަމުއެވެ. ޒަކާތް ދެމުއެވެ. ޙާޖަތްތައް ފުއްދަވައިދެއްވުންއެދި ﷲ އަށް ދުޢާދަންނަވައި އުޅެމުއެވެ. ނަމަވެސް އެއިން އެއްވެސް ނަތީޖާއެއް ނުފެނެއެވެ. ކީއްވެތޯއެވެ. އެއީ އަޅުގަނޑުމެންގެ ޢަމަލުތަކުގައި އިޚްލާޞްތެރިކަން ނެތީމައެވެ. އަޅުގަނޑުމެންވެސް ﷲ ތަޢާލާއަށް އަޅުކަންކުރުން ޙައްޤުގޮތުގައި އަޅުކަން އަދާކޮށްފިނަމަ އަޅުގަނޑުމެން ނުދެނެތިއްބައި އަޅުގަނޑުމެންގެ ޙާޖަތްތައް ފުދި، އުޑާއިބިމުން އަޅުގަނޑުމެންނަށްޓަކައި ބަރަކާތުގެ ދޮރުތައް ހުޅުވޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons