Sunday, July 24, 2011

ޒަމްޒަމް ފެނުގައި ބަރަކާތާ، ސިފާއާއި މާތްކަންވެއެވެ.

     އިމާމް އިބުނުލް ޤައްޔިމް (رحمه الله) ވިދާޅުވިއެވެ. "ޒަމްޒަމް ފެނަކީ އެންމެ ބަރާބަރު އަދި އެންމެހާ ފެންތަކުގެ ތެރެއިން އެންމެ މާތްވެގެންވާ، އަދި ދަރަޖައިގެ ގޮތުން މަތިވެރިވެގެންވާ، މީސްތަކުންނަށް އެންމެ ލޮބުވެތިވެގެންވާ އެނެމެ މާތް އަގުހުރި ފެނެވެ.
އެފެން ކޮނެދެއްވީ ޖިބުރީލު ޢަލައިހިއްސަލާމް އެވެ. އަދި އެފެނަކީ ﷲ ތަޢާލާ އިސްމާޢީލް އަލައިހިއްސަލާމްގެ ކަރުހިއްކުން ފިލުއްވައި ދެއްވި ފެނެވެ.

          ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. ރަސޫލު صلى الله عليه وﺴﻠﻡ އަބޫ ޘައްރު އަށް ޙަދީޘް            ކުރެއްވިއެވެ. ފަހެ އެކަލޭގެފާނު 40 ދުވަހާއި ރޭ ކަޢުބާގެ ހިޔަލުގައި ޒަމްޒަމް ފެން ފިޔަވައި އިތުރު އެއްޗެއް ކާނެ އަދި ބޯނެ އެއްޗެއް ނެތި ހޭދަކުރެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާއަށް ކާންދިނީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު ދެންނެވިއެވެ." އަހަރެންގެ އަތުގައި ޒަމްޒްމް ފެން ފިޔަވައި އިތުރު އެއްޗެއް ނުވެއެވެ. އަދި އަހަރެންގެ ބަނޑުގައި ސަރުބީ ޖަހައި ސަރުބީގެ ފަށަލަތައް ބަނޑުގައި ޖެހިއެވެ. އަދި ބަނޑުހައި ހޫނުކަމުގެ ސަބަބުންވާ އެއްވެސް ވަރުބަލިކަމެއް، އަދި ބަލިކަށިކަމެއް ނުވެއެވެ. އަދި އަހަރެން ނުވެސް ހިކެއެވެ. ނަބީ صلى الله عليه وﺴﻠﻡ ޙަދީޘް ކުރެއްވިއެވެ."
ހަމަކަށަވަރުން އެއީ ބަރަކާތް ލެއްވިގެންވާ އެއްޗެކެވެ. އަދި ޞިއްޙަތު ރަނގަޅުކޮށް ވަރުގަދަކުރާ ކާނާއެކެވެ.
(މުސްލިމް 2473)
     އަދި އަނެއްބައި ޢިލުމްވެރިން އެބޭކަލުންގެ އަމިއްލަ ސަނަދުން ރިވާކުރައްވައެވެ. "އަދި އެއީ ބަލިބައްޔަށްވާ ފަރުވާއެކެވެ." މިގޮތަށް އަލްބައްޒާރު (1171،1172) އަދި އައްތަބަރީ އަލް ޞަޣީރުގައި (295) ރިވާ ކުރެއްވިއެވެ. އަދި ސުނަން އިބުނު މަޖާގައި ޖާބިރު ބުނު ޢަބުދުއްﷲ ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބީ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ޒަމްޒަމް ފެންވަނީ އެބުއި ކަމަކަށްޓަކައެވެ. " ޞަލަފުންނާއި ޢިލްމްވެރިން މި ޙަދީޘްގެ މައްޗަށް ޢަމަލް ކުރެއްވިއެވެ. އެއްފަހަރެއްގައި ޢަބުދުﷲ އިބުނު އަލް މުބާރަކު ޙައްޖައްވަޑައިގެން ޒަމްޒަމްގެ ކައިރިއަށް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ޔާ ﷲ އެވެ! އިބުނު އަބިލް މަވާލީ މުޙައްމަދު އިބުނު އިބުނު އަލް މުންކަދިރުގެ އަރިހުން ޖާބިރުގެ އަރިހުން އިބަ އިލާހުގެ ނަބިއްޔާ ޙަދީޘް ކުރެއްވި ކަމަށް ތިމަންމެނަށް ދެންނެވިއެވެ." ޒަމްޒަމް ފެން ވަނީ އެބުއިކަމަކަށްޓަކައެވެ." އަހަރެން މިފެން މިބޮނީ ޤިޔާމަތް ދުވަހުގެ ކަރުހިއްކުމުން ފިއްލެވުމަށްޓަކައެވެ.) އިބުނުލް މަވާލީއަކީ ތެދުވެރި ބޭކަލެކެވެ. އެހެން ކަމުން މި ޙަދީޡް ޞައްޙައެވެ.)
     އިބުނުލް ޤައްޔިމް (رحمه الله) ވިދާޅުވިއެވެ." އަހަރެންނާއި އެހެނިހެން ބޭކަލުން ޒަމްޒަމް ފެނުން ފަރުވާ ހޯއްދެވީމެވެ. އަދި ވަރަށް އަޖައިބު ކުރަނިވި ކަންތައްތައް ފެނިވަޑައިގަތެވެ." އަހަރެން ވަރަށް ގިނަ ބަލިތަކުން އެއިން ފަރުވާ ހޯއްދެވީމެވެ. އަދި ﷲ ގެ އިޒުނަ ފުޅާއެކު އަހަރެން ފަސޭހަވިއެވެ. ކާނާއެއްގެ ގޮތުގައި އެތައްދުވަސްތަކެއް ވަންދެން، އެއީ ބައި މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ހަމައެކަނި ޒަމްޒަމްފެން ބޭނުން ކުރި މީހަކު އަހުރެން ދެކުނީމެވެ. އަދި އޭނާ ބަނޑުހައި ކަމެއް ނުވެއެވެ. އޭނާ އެހެންމީހުންފަދައިން ތަވާފުކޮށް އުޅެއެވެ. އޭނާ ތިމަންނާއަށް ބުންޏެވެ. ތިމަން ޒަމްޒަމްފެން ފިޔަވައި އިތުރު އެއްޗެއް 40 ދުވަސްވަންދެން ބޭނުން ނުކުރަމެވެ. އަދި އަނބިމީހާއާއެކު އެއްދާންކޮށް، ރޯދަ ހިފައި އެތަށް ފަހަރަކު ތަވާފުކޮށް އުޅެމުއެވެ."(ޒާދުލް މަޢާދު)
    ޝައިޚުލް އިބުނު އުޘައިމީން ވިދާޅުވިއެވެ." އެހެންކަމުން އެފެން ބުއިމުގައި ތިބާ އެދޭ ކަމެއްގެ ނިޔަތް ވާންޖެހޭނެއެވެ. އޭނާގެ ބަނޑު ފުރެންދެން އެފެން ބޯންވާނެއެވެ. އެއީ އޭނާގެ ބަނޑު ފުރި އަރިކަށްޓަށް ވާންވަންދެންނެވެ. އެހެނީ މިފެނަކީ ހެޔޮފެނެކެވެ. އަދި މިކަމާމެދު ޙަދީޘެއް ރިވާވެގެންވެއެވެ."މުއުމިނަކާއި މުނާފިޤެއްގެ ތަފާތަކީ ބަނޑު ފުރެންދެން ޒަމްޒަމް ފެން ބުއިމެވެ.) އިބުނު މާޖާ އަލް މަނާސިކު 1017 ، އަލް ޙާކިމް 1472) ސަބަބަކީ ޒަމްޒަމް ފެނަކީ "މީރު" ފެނެއްނޫނެވެ. އެއީ ލޮނުކަމެއް ކޮންމެސް ވަރަކަށް ހިމެނޭ ފެނެކެވެ. އަދި އޭގައި ލޮނުކަމެއް އެކުލެވޭ ފެނެއް މުއުމިނަކު ބޯނީ އީމާންކަމުގެ ސަބަބުންނެވެ.
     އެއީ އޭގައި ބަރަކާތް ވާކަމަށް އީމާންވެގެންނެވެ. އެހެންކަމުން އޭނާ އެފެން ބޯއިރު ބަނޑު ފުރެންދެން ބޮއެވެ. އެއީ އީމާން ކަމުގެ ނިޝާނެކެވެ. ﷲ ތަޢާލާ އެ "މީރު" ފެނެއްކަމުގައި ނުލައްވައެވެ. އެއީ މީސްތަކުން އެފެން ބުއިމަކީ އަޅުކަމެއްކަމުގައި ހަނދާން ނައްތާ ނުލުމަށްޓަކައެވެ. ކޮންމެގޮތެއް ނަމަވެސް އެފެނުގެ ރަހަ ރަނގަޅުވެގެންވެއެވެ. އަދި އެއިގައި އެއްވެސް ގޯހެއް ނުވެއެވެ. ޤިޔާމަތް ދުވަހުން ނަބީ ޙައުޟުން، އެދުވަހުގެ އެންމެ ބޮޑު ކަރުހިއްކުމުން ފިއްލުވައި ދެއްވުމަށް ﷲ ގެ ހަޟުރަތުގައި އަހަރެމެން ދަންނަވަމެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons