ސަޢީދު އިބްނު ޖުބައިރަކީ ވަރަށް ބޮޑު ދަންނަބޭކަލެކެވެ. އަދި ފިޤުހުވެރި އުޅުވެރި ތަޤްވާވެރި ބޭކަލެކެވެ.
އެކަލޭގެފާނުގެ ފާހަގަކޮށްލެވޭ އުސްތާޛުންގެ ތެރޭގައި ޢަބްދުﷲ އިބްނު ޢައްބާސް ހިމެނި ވަޑައިގަންނަވައެވެ. އަޞްބަޣު އިބްނު ޒައިދު ވިދާޅުވިއެވެ. "ސަޢިދު އިބްނު ޖުބައިރު ރޭގަނޑު ދަމުނަމާދަށް ތެދުވެ ވަޑައިގަތުމަށްޓަކައި ހާލެއް އޮޅުކުރައްވައިގެން ގެންގުޅުއްވައެވެ. ރޭގަނޑު އެހާ ގޮވަން ފެށުމުން ތެދުވެވަޑައިގެން އަޅުކަން ކުރައްވާ އުޅުއްވިއެވެ. އެއްރޭ އެހާ ނުގޮވުމުގެ ސަބަބުން އެރޭ ދަމުނަމާދަށް ހޭފުޅުލެއްވޭ ގޮތެއްނުވިއެވެ. އެކަމާ ދެރަފުޅު ވެގެން ވިދާޅުވިއެވެ. މާތްﷲ އެހާލުގެ އަޑު ބަންދުކޮށް ދެއްވާނދޭވެ. އޭގެ ފަހުން އެހާލެއް އެއްގޮތަކަށްވެސް ނުގޮވައެވެ. އެކަލޭގެފާނުގެ މަންމާފުޅު ވިދާޅުވިއެވެ. ދަރިފުޅާއެވެ. ދަރިފުޅާއެވެ. މީގެފަހުން އެއްވެސްއެއްޗަކަށް ބަދު ދުޢާ ނުކުރާށެވެ."
ހިޖުރައިން 49ވަނަ އަހަރު ސަޢީދު އިބްނު ޖުބައިރު، ޢަބްދުއްރަޙްމާން އިބްނު އަލްއަޝްއަޘްއާ އެކު ޢަބްދުއްރަޙްމާނުގެ ވެރިކަމުގެ ދަށުގައި ޙައްޖާޖު އިބްނު ޔޫސުފާއި އިދިކޮޅަށް ދައިރުލްޖަމާޖިމް ކިޔާ ތަނުގައި ކުރި ހަނގުރާމައިގައި ބަލިވުމަށްފަހު ފިއްލަވަން އަސްބަހާނަށް ނިކުމެ ވަޑައިގަތެވެ. ޙައްޖާޖުއަށް ސަޢީދު އެތަނުގައި އުރުއްވާ ޚަބަރު ލިބިވަޑައިގަތުމުން އެރަށުގެ ގަވަރުނަރަށް ސަޢީދު ހިފާހައްޔަރުކޮށް ފޮނުވުމަށް އެންގެވިއެވެ. އެޚަބަރު ސަޢިދަށް ލިބިވަޑައިގަތުމުން އެތަނުން ނިކުމެވަޑައިގަތެވެ. ދެން ސަޢީދު ކޮންމެ އަހަރަކުވެސް ޢުމްރާއާއި ޙައްޖުކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވައެވެ. އޭގެފަހުން ދިރިއުޅުއްވަން ފެއްޓެވީ މައްކާގައެވެ. ދެން މައްކާގެ ވެރިޔަކަށް އިސްވެގެން އައީ ޚާލިދު އިބްނު ޢަބްދުﷲ އަލްޤުރަޝީއެވެ ބައެއްމީހުން މައްކާއިން ނިކުމެވަޑައިގެން ފިއްލެވުމަށް ސަޢީދު އިބްނު ޖުބައިރުގެ އަރިހުގައި ދެންނެވުމުން ވިދާޅުވިއެވެ. "މާތްﷲގެ ޤުދްރަތަށް ފިލަން ދުވުމަށް ތިމަންކަލޭގެފާނު ﷲ ދެކެ ލަދުފުޅުގަންނަމެވެ. އެއީ މާތްﷲގެ ތަޤްދީރަށް ފިލަން ދެވޭނެ އެހެން ތަނެއް ނުވާތީއެވެ." އޭގެފަހުން ޚާލިދު އިބްނު ޢަބްދުﷲ އަލްޤުރަޝީ ސަޢީދު އިބްނު ޖުބައިރު، ޙައްޖާޖުގެ އަރިހަށް ހައްޔަރުކޮށްފައި ފޮނުއްވެވުނެވެ.
ޙައްޖާޖުއަކީ ތާރީޚު ބުނާގޮތުން ވަރަށް ބޮޑު އަނިޔާވެރިއެކެވެ. ވަރަށް ކުދިކުދި ޝައްކުކުރެވިގެން އެތައް ބަޔަކު މެރުއްވި ބޭކަލެކެވެ. އަދި ޙައްޖާޖުއަކީ ވަރަށް ބަލާޣަތްތެރި ވިސްނުންތޫނު ޢަރަބި ބަސް މޮޅަށް ދެނެވަޑައިގެންނަވާ ޤުރުއާން ހިތުދަސް ޙާފިޡެކެވެ. ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި އޭނާ ހަމަ ކޮންމެ ރެއަކު ޤުރުއާންވެސް ކިޔަވައި ވިދާޅުވެއެވެ. އަދި ވަރަށް ގިނައިން ޖިހާދުކުރެއްވިއެވެ. އަދި އެތައް ރަށްތަކެއް ފަތަޙަކުރެއްވިއެވެ. އަދި ޤުރްއާން ދަންނަބޭކަލުންނަށް އިނާމު ދެއްވައެވެ. އަދި ވަރަށް ގިނައިން ޤުރުއާނުގެ ޚިދުމަތްކުރާ މީހުންނަށް ފައިސާދެއްވައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ޘަޤީފު ޤަބީލާއިން ދޮގުވެރިޔަކާއި އަނިޔާވެރިއެއް އަންނާނެއެވެ."
އެދޮގުވެރިޔަކީ ޙުސައިން ރަޟިޔަﷲ ޢަންހުގެ ޘާރުހިއްޕެވި މުޚްތާރުއް ޘަޤަފީއެވެ. އަދި އެއަނިޔާވެރިއަކީ ޙައްޖާޖުކަމަށް ދަންނަ ބޭކަލުން އަދި ޢަބްދުﷲ އިބްނު ޒުބައިރު ރަޟިޔަﷲ ޢަންހުގެ މަންމާފުޅު، އަސްމާގެފާނުވެސް ވިދާޅުވެއެވެ. ޙައްޖާޖުގެ އަނިޔާވެރިކަމުން ޢާއްމު ގޮތެއްގައި މީސްތަކުން ތިބެނީ ވަރަށް ބިރުންނެވެ. ނަމަވެސް ބިރުނުގަންނަ ބޭކަލުންވެސް މަދެއް ނޫނެވެ.
އެއްފަހަރަކު ޙައްޖާޖު އިބްނު ޔޫސުފު، ޢަބްދުﷲ އިބްނު ޒުބައިރު ޤަތުލުކުރެއްވުމަށްފަހު މަދީނާއަށް ވަޑައިގަތެވެ. މަދީނާގެ ރަށްބޭރުން މުސްކުޅިއަކާއި ބައްދަލުވެ ވަޑައިގެން ޙައްޖާޖު އޭނާ ކައިރިން މަދީނާގެ މީހުންގެ ޙާލު އަހުވާލު އެއްސެވިއެވެ. އެމުސްކުޅި މީހާ ދެންނެވިއެވެ. "މީހުންގެ ޙާލު ވަރަށް ގޯހެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަވާރީ ޒުބައިރުގެފާނުގެ ދަރިކަލުން ޤަތުލުކޮށްލުމުގެ ސަބަބުންނެވެ.
ޙައްޖާޖު: އޭނާ މަރައިލީ ކާކު؟
އެމީހާ: ނުބައި ފާޖިރު ލަޢުނަތް ލެއްވިގެންވާ ޙައްޖާޖެވެ.
ޙައްޖާޖު: (ވަރަށް ކޯފާ އިސްކުރައްވާ) އޭ މުސްކުޅި މީހާއެވެ. ޙައްޖާޖު ފެނިއްޖެއާ ކަލެއަށް އެނގޭނެހެއްޔެވެ؟
އެމީހާ: އާއެކެވެ. ޙައްޖާޖަށް އެއްވެސް ހެޔޮކަމެއް ނުދައްކަވާނދޭވެ. އަދި އެއްވެސް މުޞީބާތަކުން ރައްކާތެރިނުކުރައްވާނދޭވެ.
ޙައްޖާޖު: ކަލެއަށް ކަލޭގެ ލޭތައް އޮހޮރޭން ފެށީމާ ޙައްޖާޖަކީ ކާކުކަން އެނގޭނެއެވެ.
އެމީހާ: ޙައްޖާޖެއެވެ. ތިޔައީ ބޮޑު ޢަޖައިބެކެވެ. އަހަރެންމީ ކާކުކަން އެނގޭނަމަ ކަލޭ ތިޔަހެން ނުބުނާނެއެވެ. އަހަރެންނަކީ އަލްޢައްބާސް އިބްނު އަބީ ދާވޫދެވެ. ދުވާލަކު ފަސްފަހަރު އަހަރެން ހޭނެތެއެވެ.
ޙައްޖާޖު: ރައްކައުވާށެވެ. މާތްﷲ ކަލޭގެ ތިޔަ މޮޔަ ބަލިން ޝިފާ ނުދެއްވާނދޭވެ.
އެއްފަހަރަކު ޙައްޖާޖު ޙައްޖަށް ވަޑައިގެން މަގުމަތީގައި މައްކާއާއި މަދީނާއާއި ދެމެދުވާ ތަނެއްގައި މަޑުކޮއްލެއްވިއެވެ. އަދި ފަރިއްކުޅުވާ ވަޤުތު ޖެހުމުން ޚާދިމު މީހާއަށް ވިދާޅުވިއެވެ. "ތިމަންނައާއި އެކު ކާނެ އެހެން މީހަކު ގެންނާށެވެ." އޭނާ ބޭރަށް ނިކުމެ ނިދާފައި އޮތް އަޢުރާބީއެއްގެ ގައިގައި ފައިންޖަހާ ހޭލައްވާލައިފައި ބުންޏެވެ. "އަމީރު އެބަ ވިދާޅުވެއެވެ." ދެން އޭނާ ތެދުވެގެން ގޮސް ޙައްޖާޖު އިން ތަނަށް ވަދެއްޖެވެ.
ޙައްޖާޖު: ދެއަތް ދޮވެގެން އަހަންނާއި އެކުގައި ކާން އިށިންނާށެވެ.
އަޢުރާބީ: މަނިކުފާނަށްވުރެ މާރަނގަޅު ފަރާތެއް ވަނީ އަޅުގަނޑަށް ދަޢުވަތު ދެއްވާފައިއެވެ.
ޙައްޖާޖު: އެއީ ކޮންފަރާތެއް؟
އަޢުރާބީ: އެއީ މާތްﷲ އެވެ. އެކަލާނގެ އެކަލާނގެ އަށްޓަކައި ރޯދަހިފުމަށް ވަނީ ގޮވާލައްވާފައެވެ. އެހެންވީމާ އަޅުގަނޑު މިހުރީ އެދަޢުވަތު ޤަބޫލުކޮށް ގެނެވެ.
ޙައްޖާޖު: މިއޮތް ގަދަ ހޫނުގަތަ؟
އަޢުރާބީ: އާއެކެވެ. އަޅުގަނޑު މިރޯދަ ހިފީ މިއަށް ވުރެ މާހޫނު ގަދަ ދުވަހައްޓަކައިއެވެ.
ޙައްޖާޖު: މިއަދު ރޯދަ ދޫކޮށްލާ މާދަމާ ރޯދަ ހިފާށެވެ.
އަޢުރާބީ: މާދަމާ އަޅުގަނޑު ދުނިޔޭގައި ހުންނާނޭކަމަށް މަނިކުފާނު ޖާމިނު ވެދާނަންތޯއެވެ؟
ޙައްޖާޖު: ތިޔަ ކަމެއް ނުވާނެއެވެ.
އަޢުރާބީ: ދެން މަނިކުފާނަށް އެކަމުގެ ބަދަލު އަޅުގަނޑަށް ފަހުން ދިނުމުގެ ކުޅަދާނަކަން ލިބިވަޑައިގެންފައި ނުވާ ކަމެއް އަޅުގަނޑު ލައްވާ އަވަހަށް ކުރުވަން ތިޔަ އެދިވަޑައިގަންނަވަނީ ކީއްވެތޯއެވެ؟
އެއްފަހަރަކު ޙައްޖާޖު ކައިރިއަށް މީހަކު އައިސް ބުންޏެވެ. "ތިމަންނާ ބޭބެ މަނިކުފާނާ އިދިކޮޅަށް ޢަބްދުއްރަޙްމާނު އިބްނު އަލްއަޝްއަޘް ކުރެއްވި ހަނގުރާމައިގައި ބައިވެރިވިއެވެ. އޭގެ ސަބަބުން އަޅުގަނޑުގެ މުސާރަ ކަނޑައިލައިފިއެވެ. އަޅުގަނޑުގެ ނަންވެސް ފޮހެލައިފިއެވެ. އަޅުގަނޑު ގެވެސް ތަޅައިލައިފިއެވެ.
ޙައްޖާޖު: ކަލޭ ޝާޢިރުގެ ބަސްފުޅެއް ނާހަން ހެއްޔެވެ؟ މީހާކުރާ ފާފާގެ ސަބަބުން އޭނާގެ އެކުވެރިޔާ ނުވަތަ ތިމާގެ މީހާއަށްވެސް އަދަބުދެވޭނެއެވެ.
އެމީހާ: އޭ އަމީރެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މާތްﷲގެ ވަޙީގެ ބަސްފުޅުވަނީ ތިޔަ ވިދާޅުވި ބަސްފުޅާއި މުޅިން އިދިކޮޅަށެވެ. އެންމެ ތެދު ބަސްފުޅަކީ މާތްﷲގެ ބަސްފުޅެވެ.
ޙައްޖާޖު: އެއީ ކޮން ބަސްފުޅެއް ހެއްޔެވެ؟
އެމީހާ: (قَالُوْا يَا أيُّهَا الْعَزِيْزُ إنَّ لَهُ أبًا شَيْخًا كَبِيْراً فَخُذْ أحَدَنَا مَكَانَهُ إنَّا نَرَاكَ مِنَ الْمُحْسِنِيْنَ. قَالَ مَعَاذَ اللهِ أنْ نَأخُذَ إلاَّ مَنْ وَجَدْنَا مَتَاعَنَا عِنْدَهُ إنَّا إذاً لَظَالِمُوْنَ)
ޙައްޖާޖު: އޭ އަޅުކަލޭގެއާއިއެވެ. މީނާގެ ނަން ރަޖިސްތުރީގައި ނޯޓުކުރާށެވެ. މީނާގެ މުސާރަ ދޭށެވެ. އަދި ގެވެސް ހަދައި ދޭށެވެ. އަދި އިޢްލާނުކުރާށެވެ. ﷲ ތަޢާލާގެ ބަސްފުޅަކީ މުޅީން ތެދެވެ. ދޮގުހެދީ ޝާޢިރެވެ.
ޙައްޖާޖުގެ އަނިޔާވެރިކަމުގެ ގޮތުން ފާހަގަކުރެވެނީ މީހުން މެރުމެވެ. މީގެ ސަބަބުން ތާރީޚުގައި އޭނާގެ ނަން މަޝްހޫރުވެފައިވަނީ އަނިޔާވެރިއެއްގެ ގޮތުންނެވެ. މަރުމަތީގައި ޙައްޖާޖު ވިދާޅުވިއެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް މަޢާފް ކޮށްދެއްވާނދޭވެ! މީސްތަކުން ހީކުރަނީ ތިޔަﷲގެ މިއަޅާއަށް މަޢާފެއް ނުކުރައްވާނެ ކަމަށެވެ."
މިދެންނެވުނީ ޙައްޖާޖާއި ބެހޭގޮތުން ކޮންމެވެސް ވަރެއްގެ ކުރު ބަޔާނެކެވެ. ކޮންމެއަކަސް ސަޢީދު އިބްނު ޖުބައިރު ޙައްޖާޖުގެ ކުރިފުޅު މައަޗަށް ގެނެވުމުން:
ޙައްޖާޖު: (ސަޢީދު އިބްނު ޖުބައިރުއާއި މުޚާޠަބުކޮށް) ކިޔަނީ ކޮންނަމެއްތަ؟
ސަޢީދު: ސަޢީދު (އެބަހީ ބާއްޖަވެރި) އިބްނު ޖުބައިރު (އެބަހީ ރަނގަޅަށް ގުޅިފަ) އެވެ.
ޙައްޖާޖު: ނޫނެކެވެ. އެކަމަކު ކަލޭގެފާނަކީ ޝަޤިއްޔު (އެބަހީ އަބާއްޖަވެރި) އިބްްނު ކުސައިރު (އެބަހީ ބިނދިފައި އޮތް އެތި) އެވެ.
ސަޢީދު: އަޅުގަނޑުގެ މަންމަ މަނިކުފާނަށްވުރެ ރަނގަޅަށް އަޅުގަނޑުގެ ނަން ދެނެވަޑައިގަންނަވާނެއެވެ.
ޙައްޖާޖު: ކަލޭގެފާނާއި ކަލޭގެފާނުގެ މަންމަ އަކީ ބަދުނަޞީބު ވެރިންނެވެ.
ސަޢީދު: އެކަމަކު ޣައިބު މޮޅަށް ދެނެވޮޑިގެންވަނީ އެހެން ފަރާތެކެވެ.
ޙައްޖާޖު: ބައްލަވާށެވެ! އަޅުގަނޑު ކަލޭގެފާނު ކަނޑިން ނިންމަވަމެވެ.
ސަޢީދު: އެހެންވެއްޖެއްޔާ ތިމަންކަލޭގެފާނުގެ މަންމާފުޅު އެނަން ދެއްވުމުގެ ޙައްޤު ލިބެއެވެ.
ޙައްޖާޖު: އަޅުގަނޑު ކަލޭގެފާނު ނަރަކައަށް ފޮނުވާލަނީއެވެ.
ސަޢީދު: ތިޔައީ ކަލޭގެފާނުގެ ބާރާއި އިޚްތިޔާރުގައިވާ ކަމެއްކަމުގައި އިމަންކަލޭގެފާނު އެނގުނުނަމަ، ކަލޭގެފާނަކީ އިލާހެއް ކަމުގައި ބަލައި ނެގީސްއެވެ.
ޙައްޖާޖު: މުޙައްމަދުގެފާނާއި ބެހޭގޮތުން ކަލޭގެފާނު ޤަބޫލުކުރައްވަނީ ކޮންކަމެއްތޯއެވެ؟
ސަޢީދު: އެކަލޭގެފާނަކީ އިމާމުލްހުދާ އަދި ނަބިއްޔުއްރަޙްމަތެވެ.
ޙައްޖާޖު: ހަތަރު ޚަލީފާއިން މެދު ކަލޭގެފާނު ވިދާޅުވާނީ ކީކޭތޯ؟
ސަޢީދު: ހުރިހާ މީހުންވެސް އޭނާ ކުރި ޢަމަލުތަކަށް ސުވާލުވެވޭނެ ބަޔެކެވެ.
ޙައްޖާޖު: އަބޫބަކުރުގެފާނާއި ބެހޭގޮތުން ވިދާޅުވާނީ ކީކޭތޯއެވެ؟
ސަޢީދު: އެއީ ޞިއްދީޤުއެވެ. އުޅުއްވީ މާތްﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި ގޮތަށެވެ.
ޙައްޖާޖު: ޢުމަރުގެފާނާއި ބެހޭގޮތުން ވިދާޅުވާނީ ކީކޭތޯއެވެ؟
ސަޢީދު: އެކަލޭގެފާނުވެސް އުޅުއްވީ އެކަލޭގެފާނުގެ ދެއެކުވެރިން ކީރިތި ރަސޫލާއާއި އަބޫބަކުރުގެފާނު އުޅުއްވި ގޮތަށެވެ.
ޙައްޖާޖު: ޢުޘްމާނުގެފާނާއި ބެހޭގޮތުން ވިދާޅުވާނީ ކީކޭތޯއެވެ؟
ސަޢީދު: އަނިޔާވެރި ބަޔަކު އެކަލޭގެފާނު ޝަހީދުކޮށްލީއެވެ. އަދި އެކަލޭގެފާނު ރަސޫލާގެ ދެދަރިކަނބަލުންނާއި ކައިވެނި ބައްލަވާގަތެވެ. އަދި ޖައިޝުލް ޢުސްރާ ތައްޔާރު ކޮށްދެއްވާ މުސްލިމުންނަށް ފެންބޯން ވަޅެއް ހޯއްދަވައި ދެއްވިއެވެ.
ޙައްޖާޖު: ޢަލީގެފާނާއި ބެހޭގޮތުން ވިދާޅުވަނީ ކީކޭތޯއެވެ؟
ސަޢީދު: އެއީ ކީރިތި ރަސޫލާގެ ބޮޑުބޭބެފުޅުގެ ދަރިކަލުންނެވެ. ކުޑަކުދިންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެން ބޭފުޅާއެވެ. އަދި ކީރިތި ރަސޫލާގެ ދަރިކަނބަލުން، ފާޠިމާގެ ފިރިކަލުންނެވެ.
ޙައްޖާޖު: މާތްﷲ ޢަލީގެފާނު ވެއްދެވީ ސުވަރުގެއައްތޯ؟ ނުވަތަ ނަރަކައައްތޯއެވެ؟
ސަޢީދު: އަޅުގަނޑު އެދެތަން ބަލައިފައި އައިނަމަ ބުނެފީމުއެވެ.
ޙައްޖާޖު: އަޅުގަނޑާއި ބެހޭގޮތުން ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟
ސަޢީދު: މަނިކުފާނާއި ބެހޭގޮތުން މަނިކުފާނު މާބޮޑަށް އެނގިލައްވާނެއެވެ.
ޙަަައްޖާޖު: ކަލޭގެފާނު ތިމަންކަލޭގެފާނަށް ތެދުވިދާޅުވާކަށް ބޭނުމެއްނުވެއެވެ.
ސަޢީދު: އެކަމަކު އަޅުގަނޑު ދޮގުހައްދަވަންވެސް ބޭނުންފުޅެއްނުވެއެވެ.
ޙައްޖާޖު: ވިދާޅުވެ ބައްލަވާށެވެ.
ސަޢީދު: ތިމަންކަލޭގެފާނު ބުނެފިނަމަ މަނިކުފާނު ކޯފާ ވާނެއެވެ. އުފާފުޅެއް ނުވާނެއެވެ.
ޙައްޖާޖު: ވިދާޅުވެ ބައްލަވާށެވެ.
ސަޢީދު: ތިމަންކަލޭގެފާނަށް ރަނގަޅަށް އިނގެއެވެ. މަނިކުފާނަކީ ޤުރުަޢނާއި ޚިލާފަށް ޢަމަލުކުރާ މީހެކެވެ.
ޙައްޖާޖު: އިސްވެދިޔަ ޚަލީފާއިންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިކުރައްވަނީ ކޮން ބޭކަލެއް ހެއްޔެވެ؟
ސަޢީދު: އެބޭކަލެއްދެކެ މާތްﷲ އެންމެ ބޮޑަށް ލޯބިވެ ވޮޑިގަންނަވާ ބޭކަލެއްދެކެވެ.
ޙައްޖާޖު: މާތްﷲގެ ޙަޟްރަތުގައި އެބޭކަލުންގެ ތެރެއިން އެންމެ ރަނގަޅީ ކޮން ބޭކަލެއްތޯއެވެ؟
ސަޢީދު: އެކަން ދެނެވޮޑިގަންނަވަނީ މާތްﷲ އަށެވެ.
ޙައްޖާޖު: މިފަދަ މަތިވެރި މަޤާމެއް އަޅުގަނޑަށް ދެއްވީ ޢަބްދުލްމަލިކުއެވެ. ޢަބްދުލްމަލިކާއި ބެހޭގޮތުން ކަލޭގެފާނު ވިދާޅުވަނީ ކީކޭ ހެއްޔެވެ؟
ސަޢީދު: ޢަބްދުލްމަލިކާއި ބެހޭގޮތުން ސުވާލު ތިކުރައްވަނީ ކީއްވެ ހެއްޔެވެ؟ މަނިކުފާނު އެފަދަ މަތިވެރި މަޤާމަކަށް އިސްކުރިކަން އެއީ އޭނާ ކުރެއްވި ފާފަތަކުގެ ތެރެއިން އެއް ފާފައެވެ.
ޙައްޖާޖު: ކަލޭގެފާނު ހިނިފުޅުނުވަޑައިގަންނަވަނީ ކީއްވެގެެެންތޯ؟
ސަޢީދު: މަޚުލޫޤުން އުފައްދަވާފައިވަނީ މަށިންނެވެ. އަލިފާން އެއީ އެމަށި އަންދާލާ އެއްޗެކެވެ. ޤިޔާމާތްދުވަހަށް ބިރުންނެވެ.
ޙައްޖާޖު: އެހެންވެއްޖެނަމަ ދެން ދުނިޔޭގައި އަޅުގަނޑުމެން ކުޅިވަރުކުޅެ ހީ މަޖާކޮށް ހަދަނީ ކީއްވެތޯ؟
ސަޢީދު: ހުރިހާ އެންމެންގެ ހިތް އެތްގޮތެއް ނުވާނެެވެ.
ޙައްޖާޖު: އަޅުގަނޑު ކަލޭގެފާނު ހަމަ މިހާރު ޤަތުލުކޮށްލައްވަނީއެވެ!
ސަޢީދު: އަޅުގަނޑު މަރުވާނެ ވަޤުތާއި މަރުވާނެ ގޮތްވަނީ ކަނޑައެޅި މިންވަރުކުރެވިފައެވެ.
ޙައްޖާޖު: ކަލޭގެފާނު މައްޗަށް މާތްﷲ އަޅުގަނޑު މާތްކުރައްވާފިއެވެ.
ސަޢީދު: އޭނާ އޭނާ ހުރި މަޤާމު ނޭނގެނީސް، މާތްﷲ އާއި އޭނާގެ ދެމެދުގައި އޮންނަ ގުޅުމާއި މެދު އެކަކުވެސް ފަޚުރުވެރި ނުވެވޭނެއެވެ. އަދި މާތްﷲއަކީ ޣައިބު މޮޅަށް ދަންނަ އިލާހެވެ.
ޙައްޖާޖު: އަޅުގަނޑަކީ އަމީރުލް މުއުމިނީން ކަމުގައި ވާއިރު، އަދި ކަލޭގެފާނަކީ ބާޣީންގެ ތެރެއިންވާ އިރު، އަޅުގަނޑު، މާތްﷲ އާއި އަޅުގަނޑާއި ދެމެދުގައިވާ ގުޅުމާއި މެދު ފަޚުރުވެރި ނުވާންވީ ކީއްވެ ހެއްޔެވެ؟
ސަޢީދު: އަހަރެންނަކީވެސް އެހެން މުސްލިމުންނާއި އެކީގައިވާ މީހެކެވެ. ތިމަންކަލޭގެފާނު ފަސާދަކުރުމަށް ދުރުހެލިވަމެވެ. އެކަމަކު، އެކަކައްވެސް މާތްﷲގެ މިންވަރުފުޅެއް ބަދަލެއްނުކުރެވޭނެއެވެ.
ޙައްޖާޖު: އަމީރުލް މުއުމިނީންނަށް، އަޅުގަނޑުމެން އެއްކުރާ އެއްޗާއި މެދު ވިދާޅުވާނީ ކީކޭ ހެއްޔެވެ؟
ސަޢީދު: މަނިކުފާނުމެން އެއްކުރައްވާ އެއްޗެއް ތިމަންކަލޭގެފާނަކަށް ނޭނގެއެވެ.
ދެން ޙައްޖާޖު، މުތާއި ޒަބަރުދުޖާއި ޔާޤޫތުތަކެއް ގެނެއުމަށް ޙުކުމްކުރެއްވިއެވެ. އެތަކެތި ގެނައުމުން
ސަޢީދު: އޭ ޙައްޖާޖެއެވެ! މިތަކެތި ކަލޭގެފާނު އެއްކުރެއްވީ ޤިޔާމާތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ނަމަ ރަނގަޅެވެ. ނޫންނަމަ ބިރުހުއްޓެވެ.
ޙައްޖާޖު: އަޅުގަނޑުމެން އެއްކުރައްވާ އެއްޗެއް ރަނގަޅެއް ނޫން ހެއްޔެވެ؟
ސަޢީދު: މަނިކުފާނުން އެ އެއްކުރައްވައި ފީމުއެވެ.
ޙައްޖާޖު: ކަލޭގެފާނު، މީގެ ތެރެއިން ބޭނުންފުޅުވަނީ ކޯއްޗެއްތޯއެވެ؟
ސަޢީދު: ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ މާތްﷲ ރުހިވަޑައިގަންނަވާ އެއްޗެތިއެވެ.
ޙައްޖާޖު: ކަލޭގެފާނަށް ހަލާކު ހުއްޓެވެ!
ސަޢީދު: ހަލާކު ހުރީ ސުވަރުގެއަށް ނުވަދެވި ނަރަކައަށް ވައްދަވާ މީހުންނަށެވެ.
ޙައްޖާޖު: އަޅުގަނޑު ކަލޭގެފާނު ކޫފާގެ އިމާމަކަށް ނުހައްދަވަންތޯއެވެ؟
ސަޢީދު: ހެއްދެވީމުއެވެ.
ޙައްޖާޖު: އަޅުގަނޑު ކަލޭގެފާނަށް ކޫފާގެ ޤާޟީކަން ނުދެއްވަންތޯއެވެ؟
ސަޢީދު: ދެއްވިއެވެ.
ޙައްޖާޖު: އަޅުގަނޑު ކަލޭގެފާނަކީ އަޅުގަނޑުގެ ޚާއްޞަ އެކުވެރިން ތެރޭގައި ނުހިމަނަންތޯއެވެ؟
ސަޢީދު: ހިމެނުއްވިއެވެ.
ޙައްޖާޖު: އަޅުގަނޑު ކަލޭގެފާނަށް އެއްލައްކަ ރުފިޔާ ފަޤީރުންނަށް ބެހުމަށް ނުދެއްވަންތޯއެވެ؟ އަދި އެއިގެ ހިސާބުވެސް ކަލޭގެފާނުގެ އަތްޕުޅުން ނުހޯދަމެއް ނޫންތޯއެވެ؟
ސަޢީދު: އަޅުގަނޑުވަނީ ޢަބްދުއް ރަޙްމާން އިބްނު އަޝްޢަޘް އަށް ބައިޢަތު ހިފާފައެވެ. އެހެންވެ އިންކާރު ނުކުރެވުނީއެވެ.
ޙައްޖާޖު: (ކޯފާ އިސްކުރައްވާފަ) ކަލޭގެފާނު ޤަތުލުކޮށްލަންވީ ކޮން ގޮތަކަށް ހެއްޔެވެ؟
ސަޢީދު: މަނިކުފާނު ޤަތުލުވާން އުޅޭ ކަހަލައެވެ. މާތްﷲ ގަންދީ ހުވާ ކޮށްފައި ބުނަމެވެ. މަނިކުފާނު އަޅުގަނޑު މަރާލާ ގޮތަކަށް ޤިޔާމާތް ދުވަހު މަނިކުފާނު މަރުގަންނަވާނެއެވެ.
ޙައްޖާޖު: އަޅުގަނޑު ކަލޭގެފާނަށް މަޢާފް ކޮށްދިނުމަށް ކަލޭގެފާނު ބޭނުންފުޅު ވޭތޯއެވެ؟
ސަޢީދު: މަނިކުފާނު އަޅުގަނޑަށް މަޢާފްކުރައްވައިފިނަމަ އެއީވެސް މާތްﷲ ގެ އިޙްސާންތެރިކަމެވެ. މަނިކުފާނުގެ ރަނގަޅުކަމެއްނޫނެވެ.
ޙައްޖާޖު: އަޅުގަނޑު ކަލޭގެފާނު މަރާލާނަމެވެ!
ސަޢީދު: މަރުގެ ވަޤުތުވަނީ ކަނޑައެޅިފައެވެ. އެވަޤުތު އަތުވެއްޖެނަމަ އެއީ ވެނިމިފައިވާ ކަމެކެވެ. އެކަމުން ފިލާކަށް ނުދެވޭނެއެވެ.
ވާހަކަ މިހާތަނަށް ދިޔަ ތަނާ ޙައްޖާޖު، ސަޢީދު ޤަތުލުކުރުމަށް ޙުކުމްކޮށްފިއެވެ. އެހިނދު އެތަނަށް ޙާޟިރުވެ ތިބި މީހުންގެ ތެރެއިން އެކަކު ރޯންފަށައިފިއެވެ. ސަޢީދު އޭނާ ރޮނީ ކީއްވެތޯ ކުރެއްވުމުން ޖަވާބުދިނެވެ. "ކަލޭގެފާނު ޤަތުލުވެލައްވާތީ އެކަމާ ހިތްދަތިވެގެންނެވެ."
ސަޢީދު ވިދާޅުވިއެވެ. "މިކަންތައް މާތްﷲ މާކުރިން ދެނެވޮޑިގެންވެއެވެ." ދެން ސޫރަތުލް ޙަދީދުގެ 22ވަނަ އާޔަތްކިޔަވާ ވިދާޅުވިއެވެ.
ޤަތުލުކުރަން ގެންދެވުމުގެ ކުރިން އެކަލޭގެފާނުގެ ދަރިކަލުން ގެނެވުނެވެ. ސަރިކަލުން ކީރިތިކުރައްވަން ފެށުމުން ސަޢީދު ވިދާޅުވިއެވެ. "ރޮނީ ކީއްވެ ހެއްޔެވެ؟ ފަންސާސް ހަތް އަހަރަށް ފަހު ދަރިފުޅުގެ ބައްޕަގެ ދިރިއުޅުން ވަނީ ނިމިފައެވެ.
އަދި ޙައްޖާޖު، ސަޢީދު ޤަތުލުކުރުމަށް ޙުކުމްކުރެއްވިއެވެ. ޙައްޖާޖު އެތަނުން ނިކުންނެވުމުން ސަޢީދު ހިނިފުޅު ވަޑުވާލިއެވެ. ޙައްޖާޖަށް މިޚަބަރު ލިބުމުން، ސަޢީދުގެންނަވާ ސުވާލުކުރިއެވެ.
ސަޢީދު: ﷲތަޢާލާގެ މައްޗަށް ކަލޭ ތިދައްކާ ބާރާއި އަދި މާތްﷲގެ ޙަލީމް ވަންތަކަމަށްޓަކައި ހެވުނީއެވެ.
ޙައްޖާޖު: އަޅުގަނޑު މިޤަތުލުކުރަނީ މުސްލިމުން ތެރޭ ބައިބައިވުން އުފައްދާ މީހެކެވެ. (ޖައްލާދުއަށް) އަހަރެންގެ ކުރިމަތީ އެކަލޭގެފާނު ޤަތުލުކުރާށެވެ!
ސަޢީދު: އަޅުގަނޑަށް ދެރަކުޢަތް ނަމާދެއް ކުރުމަށް ދޫކޮށްލައްވާށެވެ.
އެކަލޭގެފާނަށް އިޛުނަ ލިބުނެވެ. އެކަލޭގެފާނު ނަމާދު ނިންމަވައިލައްވައިފައި، އެކަލޭގެފާނު ޤިބުލައަށް ކުރިމަތި ލައްވާ:
ސަޢީދު: (إنِّيْ وَجَّهْتُ وَجْهِىَ لِلَّذِيْ فَطَرَ السَّمَاوَاتِ وَالْأرْضَ حَنِيْفًا وَمَا أنَا مِنَ الْمُشْرِكِيْنَ)
ޙައްޖާޖު: ތިމަންމެންގެ ޤިބުލައިން އެކަލޭގެފާނު އަނބުރައިލައްވާ އަދި ނަޞާރާއިންގެ ޤިބުލައަށް އެކަލޭގެފާނު ކުރިމަތިކުރުވާށެވެ. އެބައިމީހުންނަކީ (އެބަހީ ނަޞާރާއިން) އެބައިމީހުންގެ ޤައުމުގެ ތެރޭގައި ފިތުނަފަސާދަ އުފައްދާ ބައިބައިކުރާ ބަޔަކެވެ.
ހަމަ އެވަޤުތު އެކަލޭގެފާނުގެ މޫނު އަނބުރައިލެއްވުނެވެ.
ސަޢީދު: (أيْنَمَا تُوَلُّوا فَثَمَّ وَجْهُ اللهِ)
ޙައްޖާޖު: މޫނުވަތަށް ބިންމަތީގައި ބާއްވާށެވެ!
ހަމަ އެވަޤުތު އެކަލޭގެފާނުގެ މޫނުވަތަށް ބިންމަތީގައި ބޭއްވުނެވެ.
ސަޢީދު: (مِنْهَا خَلَقْنَاكُمْ وَفِيْهَا نُعِيْدُكُمْ وَمِنْهَا نُخْرِجُكُمْ تَارَّةً أخْرَي)
ޙައްޖާޖު: އެކަލޭގެފާނު މަރާލާ!!
ސަޢީދު: އޭ ޙައްޖާޖެވެ. އަޅުގަނޑު މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ މާތްﷲގެ ރަސޫލާކަމަށް ހެކިވަމެވެ. މ މިކަމަށް ހެކިވާށެވެ. ޤިޔާމާތް ދުވަހު މަނިކުފާނާއި ދަޢުވާކުރާނަމެވެ.
މިހެން ވިދާޅުވިއިރަށް، އެކަލޭގެފާނު ކަރުބުރިކޮށްލެވުނެވެ. ޙަލަފް އިބްނު ޚަލީފާ އެކަލޭގެފާނު ބައްޕަ ވިދާޅުވަނިކޮށް އަޑުއެއްސެވިއެވެ. "ތިމަން ސަޢީދުގެފާނު ޤަތުލުކޮށްލެވި އިރު އެތަނުގައި ހުރީމެވެ. ސަޢީދުގެފާނުގެ ބޯ ހަށިގަނޑާއި ވަކިވުމަށް ފަހުވެސް ދެ ފަހަރު ޝަހާދަތުގެ ދެ ކަލިމަ ވިދާޅުވުމަށްފަހު ތިންވަނަ ފަހަރު ފުރިހަމައަކަށް ވިދާޅެއްނުވެވުނެވެ."
ޤަތުލުވުމަށްފަހު، ސަޢީދުގެފާނު ހަށިގަނޑު ވަރަށް ގިނައިން ލޭ ފޭބިއެވެ. ޙައްޖާޖުވެސް މިކަމާއި ޙައިރާންވެ ޢަޖައިބުވިއެވެ. އޭނާގެ ޑޮކްޓަރުން ކައިރި މިކަމާއި ބެހޭގޮތުން ސުވާލުކުރިއެވެ. ޑޮކްޓަރުން ބުންޏެވެ. "އެކަލޭގެފާނު މަރަށް ޙަޟިރު ވިއިރު އެކަލޭގެފާނު އެއްވެސް ކަހަލަ ޖެހިލުމެއް އަދި ބިރެއްނެތި އަދި އެކަލޭގެފާނުގެ މަޑުމައިތިރިކަމުގެ ސަބަބުން، އެކަލޭގެފާނުގެ ލޭ، އޭގެ އަޞްލު ޙާލުގައި ސައިލުވަމުން ދިޔައެވެ. ޢާއްމު ގޮތެއްގައި މީސްމީހުން، އެބައިމީހުންގެ ޤަތުލުވާން ކައިރިވުމުން، އެބައިމީހުން ބިރުގަނެ ހާސްވުމުގެ ސަބަބުން، އެބައިމީހުންގެ ލޭ މަޑުވެ ބެދި އަދި ގިނައިން ބާރަށް ސައިލެއްނުވެއެވެ."
ބުނެވޭ ގޮތުގައި އެއަށްފަހު ޙައްޖާޖު ދުނިޔޭގައި ހުންނެވީ 15 ދުވަސް ވަންދެނެވެ. ޙައްޖާޖު އަވަހާރަވުމުން، ޢިރާޤުގެ މީސްތަކުން މަގުމައްޗަށް ނިކުމެ އުފާ ފާޅުކުރަން ފެއްޓެވިއެވެ. މަޝްހޫރު ޢުމަރު އިބްނު ޢަބްދުލް ޢަޒީޒު، އެޚަބަރު ލިބުމުން، މާތްﷲއަށް ޝުކުރުކޮށް އުފާ ފާޅުކުރަން ފެއްޓެވިއެވެ. ޢިލްމުވެރި ހަސަނުލް ބަޞަރީވެސް ދުޢާފުޅުކުރެއްވިއެވެ.
"އޭﷲ އެވެ! އޭނާ ޤަތުލުކުރެއްވީ ތިޔަﷲއެވެ.ެ އަނިޔާވެރިކަންވެސް އޭނައާއިއެކީ ނައްތަވާލައްވާނދޭވެ."
ބުނެވޭ ގޮތުގައި ސަޢީދު އިބްނު ޖުބައިރު ޤަތުލުކޮށްލެވުމުގެ ފަހުން، ޙައްޖާޖު އަވަހާރަފުޅު ލެއްޕެވިއްޖެނަމަ، ސަޢީދުގެފާނު ވަޑައިގެން އޭނާގެ ހެދުމުގައި ހިއްޕަވައި ވިދާޅުވެއެވެ. "އޭ ﷲގެ ޢަދުއްވާއިއެވެ! އަހުރެން ޤަތުލުކުރީ ކީއްވެގެން ހެއްޔެވެ؟" އެހިނދު ޙައްޖާޖު ވިދާޅުވެއެވެ. "ސަޢީދު އަހަރެންނަށް މިކުރަނީ ކޮން އުނދަގުލެއް ހެއްޔެވެ؟"
ފަޟާއިލުލް އަޢްމާލުސް
0 comments:
Post a Comment