Sunday, July 10, 2011

?ނަރަކައިއާއި ސުވަރުގެ ކޮންބަޔަކަށް ޚާއްޞަކުރެވިފައިވާ ތަނެއްބާ

ނަރަކައާއި ސުވަރުގެ އަކީ ޙަޤީޤަތެއް

ނަރަކައާއި ސުވަރުގެއަކީ ޙަޤީޤަތެކެވެ. އެއީ ޙައްޤު ތެދެވެ. ޤިޔާމަތް ދުވަހަށް އީމާންވުމުގެ ތެރޭގައި އެދެތަން ތެދުކޮށް ކަށަވަރުކޮށް ޤަބޫލުކުރުން ހިމެނެއެވެ.
ސުވަރުގެ އަކީ ﷲ އަށް އީމާންވެ ކިޔަމަންތެރިވެއުޅުން މީހުންގެ މަތިވެރިމަންޒިލެވެ. މުއުމިންތަކުން އެތަނަށް ވަންނަނީ އެބައިމީހުންގެ ހެޔޮޢަމަލުތަކުގެ ސަބަބުންނާއި ﷲގެ ރަޙްމަރާއި އޯގާވަންތަވެރިކަމުންނެވެ. ނަރަކައަކީ ﷲ އަށް ޝިރުކުކޮށް އެކަލާނގެ މަގުން އެއްކިބާވެ އުޅޭ މީހުންގެ ގޮވައްޗެވެ. އެމީހުން އެތަނަށް ވަންނަނީ އެމީހުންގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުންނާއި ﷲގެ އިންޞާފުވެރިކަމުންނެވެ. މިޙަޤީޤަތުގެ މަތީގައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ރިސާލަތު ޤާއިމުވެފައިވެއެވެ. އުފާވެރިކަމުގެ ޚަބަރާއި ވަޢީދުގެ ބަސްފުޅުތަކުގެ މައްޗަށް ޝަރީޢަތުގެ އަޞްލުތައް ޤާއިމުވެފައިވެއެވެ. މިކަމުގައި ﷲބާވާލެއްވި ތައުރާތާއި، އިންޖީލާއި ޒަބޫރު، އަދި މިއެންމެހައި ފޮތްތައް މަންސޫޚުކުރި މަތިވެރި ޤުރްއާން އެއްބަސްވެއެވެ. އެހެނިހެން ފޮތްތަކަށް ވުރެ ކީރިތި ޤުރްއާނުގައި އުފާވެރިކަމުގެ ޚަބަރުތައް ގިނައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބަދުވެސް އިސްކުރައްވަނީ އުފާވެރިކަމުގެ ޚަބަރެވެ. އެއަށް ފަހު ވަޢީދުގެ ބަސްފުޅެކެވެ. ކީރިތި ޤުރްއާނުގެ ވެސް މަންހަޖަކީ އެއީއެވެ. މިއީ ޚިޔާލީ ވާހަކަތަކެއްނޫނެވެ. ނަރަކައަކީ ހައްޤުތަނެކެވެ. ސުވަރުގެއަކީ ހައްޤުތަނެކެވެ. މިއާމެދު އިންކާރުކުރެވޭނޭ އެއްވެސް ހަމައެއްނެތެވެ.
ނަރަކައިގައި ގިނަވަނީ ނުބައި ޢަމަލުކުރާ މީހުންނެވެ.

އާދެ! ސުވަރުގެ ނުވަތަ ނަރަކައަކީ ވަކި ޖިންސެއްގެ މީހުންނަށް ޚާއްޞަކުރެވިފައިވާތަނެއްނޫނެވެ. ވަކި ޖިންސެއްގެ މީހުން ގިނަކަމުގައި އައިސްފައިވާ ބަސްފުޅުތަކުގެ މުރާދާމެދު ގިނަބަޔަކު މިއަދު ވަނީ ސުވާލެއްގެ ތެރޭގައެވެ. މިކަމުގެ ޖަވާބު ހޯދާލުމަށް ބޭނުންވާ މީހަކު މިކަމާމެދު ވާރިދުވެފައިވާ ޙަދީޘްތައް މުރާޖިޢާކޮށް، އެޙަދީޘްތަކާމެދު ދަންނަބޭކަލުންގެ ބަސްމަގު އައިސްފައިވާ ގޮތާއި، އެޙަދީޘްތަކާއި ޤުރްއާނުގެ އާޔަތްތައް ޖަމަޢަކޮށް އަޅާކިޔާލުމުން ޙަޤީޤަތަށް ވާޞިލްވެވޭނެކަން ޔަޤީނެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުގައި ވާރިދުވެފައިވާ ލަފްޒުތަކުގެ ފަހަތުގައި ވާ ޙަޤީޤަތްތައް ރަނގަޅަށް ބެލުމަށް ފަހު ދީނުގެ ދަޢުވަތު ފޯރުކޮށްދެވިއްޖެ ނަމަ، މީސްތަކުންގެ ހިތްތަކުގައި އެއާމެދު ލޯތްބާއި އިޙްތިރާމް އުފެދިގެންދާނެކަން ޔަޤީނެވެ.
އާދެ! ނަރަކައިގައި އަންހެނުން ގިނަވާނެކަމުގައި އައިސްފައިވާ ޙަދީޘްފުޅުތަކީ ވަޢީދުގެ ޙައްޤު ތެދު ބަސްފުޅުތަކެކެވެ. ހެޔޮޢަމަލުކުރުމަށް ހިއްވަރު ދެއްވުމުގެ ގޮތުން އައިސްފައިވާ ބަސްފުޅުތަކެވެ. ފަހަރެއްގައި ވެސް އަންހެނުން އެއީ ހަމަ އަންހެނުންނަށްވީތީވެ ނަރަކަވައްދަވާނޭކަމަށް އައިސްފައިވާ ބަސްފުޅުތަކެއްނޫނެވެ. ނަރަކަ އަށް މަގުފަހިވާނެ ޚާއްޞަ ފާފަތަކަކުން ދުރުވެގަތުމަށް ބާރުއަޅުއްވަމުން ޙަދީޘްފުޅުކުރައްވާފައިވާ ބަސްފުޅެކެވެ. އެއީ ދުލުން ހުތުރު ބަސްތައް ގިނަކުރުމާއި، ފިރިމިހާކޮށްދޭ ހެޔޮކަންކަމުގެ އަގުވަޒަން ނުކޮށްފިނަމަ ނަތީޖާ ހުރިގޮތް ބަޔާންކުރައްވަމުން އެކަންކަމުން ދުރުވެގަތުމަށް ބާރުއަޅުއްވައި ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެކެވެ. އެއީ ގިނަ ފަހަރު އަންހެނުންގެ ކިބައިގައި އެފަދަ ކަންކަމަށް އަރައިގަތުމުގެ ޢާޠިފީ ފިޠްރަތެއްވާތީ، އެކަމުން ދުރުވުމަށް ހިއްވަރުދެއްވުމުގެ ގޮތުންނެވެ. އިތުރު އެކަލޭގެފާނު އެބަސްފުޅު ޙަދީޘްފުޅު ކުރެއްވުމުން އަންހެންކަނބަލުން ހެޔޮކަންތައްތައް ކުރުން ގިނަކޮށްފައިވާކަންވެސްބަޔާންވެގެންވެއެވެ. އޭގެ ތެރޭގައި ޞަދަޤާތްކުރުމާއި އެނޫންވެސް ހެޔޮކަންކަން ކުރެއްވިކަމުގައި އައިސްފައިވެއެވެ. ބަޔަކު ޤަބޫލުކުރިޔަސް ނުކުރިޔަސް، ރުހުނަސް ނުރުހުނަސް ފާފަވެރިންނަށް ﷲ ޢުޤޫބާތް ދެއްވާނެތެވެ. 

ދުލުން ލަޢުނަތުގެ ބަސްތައް ގިނަކުރުމާއި ފިރިމީހާ ކޮށްދޭ ކަންކަމުގެ އަގުވަޒަން ނުކުރުމަކީ އަންހެނުންގެ ގިނަބަޔަކު ނަރަކައަށް ވަންނާނެ ސަބަބެއްކަމުގައި ބަޔާންކުރައްވައި އެފާފައިން ދުރުވުމަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ގޮވާލައްވާފައިވެއެވެ. މިއާ އެކު ވިސްނަން ޖެހޭ ޙަޤީޤަތަކީ ފިރިމީހާ ވެސް އޭނާގެ އަނބި ދަރީންގެ ޙައްޤުތަކަށް އިހުމާލުވެ، ޚަރަދު ބަރަދު ނުދީ، އިޙުސާންތެރި ނުވެއްޖެ ނަމަ، އެއީ ހަމަ ނަރަކަ އަށް މަގުފަހިކުރާނޭ ކަމެއްކަމެވެ. އެހެންވީމާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ތިޔަބައިމީހުން ކުރެ އެންމެ ހެޔޮކަންބޮޑު މީހަކީ އޭނާގެ އަނބިދަރީންނަށް އަޅާލާ ހެޔޮކޮށްހިތާ މީހާއެވެ."
އާދެ! ދުލުން ހުތުރު ބަސްތައް ބުނުމާއި،ފިރިމީހާ އަދާކޮށްދޭ ޚިދުމަތާއި އިޙުސާންތެރިކަން ޤަބޫލުނުކޮށް ޝުކުރުވެރި ނުވުމަކީ އަދި ނަރަކައިގައި އަބަދަށްޓަކައި ލެއްވޭނޭ ކަމެއްވެސް ނޫނެވެ. އެއީ ފާފަތަކެވެ. އެއިން ތައުބާވުމުގެ ދޮރުވެސް ﷲ ވަނީ ހުޅުވާދެއްވާފައެވެ. ތައުޙީދުގެ އަހުލުވެރިންނަކީ އަބަދަށްޓަކައި ނަރަކައިގައި ލެއްވޭނޭ ބައެއް ނޫންކަން ސުންނަތް ޖަމާޢަތުގެ އެންމެހައި ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވައެވެ. ޢަޤީދާއަކީ އެއީއެވެ. ކޮންމެވެސް ދުވަހަކުން މުސްލިމުންގެ ތެރެއިން ބޮޑެތި ފާފަތަކުގެ އަހުލުވެރިން ނަރަކައިން ނެރުއްވާނެތެވެ. ނަމަވެސް މަރުވުމުގެ ކުރީން ތައުބާވެއްޖެ މީހާގެ ތައުބާ ﷲ ޤަބޫލުކުރައްވާނެތެވެ. އެއީ އަންހެނަކުކަމުގައި ވިޔަސް ފިރިހެނަކު ކަމުގައި ވިޔަސްމެއެވެ. މީޒާނަކީ މީހާގެ ޢަމަލެވެ. ﷲގެ ޢަދުލުވެރި ދަރުބާރުގައި އިންޞާފުކުރެވޭނީ މީހާގެ ޢަމަލުގެ މައްޗަށެވެ. ވަކި ޖިންސަކަށް ކުލައަކަށް މަތިވެރި މަޤާމަކަށް ބެއްލެވުމެއްނެތެވެ. އެންމެ މާތް މީހަކީ ތަޤުވާވެރިވިމީހާއެވެ.
އާދެ! ސުވަރުގޭގައި އެންމެ ގިނައީ ކޮންބައެއްތޯ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލު ދެންނެވުނު ހިނދު ޖަވާބުގައި ޙަދީޘްފުޅު ކުރައްވަނީ "ސުވަރުގޭގައި އެންމެ ގިނަވާނީ ފަޤީރުން" ކަމުގައެވެ. މިއީ ފަޤީރުވުމަށް ބާރު އަޅުއްވައި ހަދީޘްފުޅު ކުރެއްވި ބަސްފުޅެއްނޫނެވެ. މިކަން އެނގޭ ގޮތަކީ ފަޤީރުކަމުން ދުރުކުރެއްވުން އެދި އިތުރުއެކަލޭގެފާނު ނުހަނު ގިނައިން ދުޢާކުރައްވާފައިވުމެވެ.
އާދެ! އިސްވެ ދިޔަ ސުވާލަށް ޖަވާބު ދެއްވަމުން ސުވަރުގޭގައި އެންމެ ގިނަވާނީ "ފިރިހެނުންނޭ " ޙަދީޘްކުރައްވާފައި ވެސް ނެތެވެ.  މިއިން ދޭހަވަނީ ދެތަނުންކުރެ ތަނެއްގައި ވަކި ބަޔަކު ގިނަވެ މަދުވުން ބިނާވެގެންވަނީ ވަކި ޖިންސެއްގެ މައްޗަށް ނޫން ކަމެވެ. ހެޔޮ ޢަމަލުގެ މައްޗަށް ކަމެވެ. ނުވަތަ ނުބައި ޢަމަލުގެ މައްޗަށް ކަމެވެ. މީހާގެ ނިމުން އަންގައިދޭ މީޒަނަކީ މީހާގެ ޢަމަލެވެ. ފަހަރެއްގައި ވެސް ޖިންސެއްނޫނެވެ.
ކީރިތި ޤުރްއާނުގެ ތަފްސީރުޢިލްމުގެ އިމާމެއްކަމުގައިވާ އަލްޤުރްޠުބީ ވިދާޅުވަނީ ފުރަތަމަ ކޮޅުގައި ނަރަކައިގައި އަންހެނުން ގިނަ ނަމަވެސް ފަހުން ޝަފާޢަތްލިބިގެންނާއި، ﷲގެ ރަޙްމަތުން މުސްލިމު އަންހެންތަކުން ނަރަކައިން މިންޖުކުރެއްވުމަށް ފަހު، ދެން ސުވަރުގޭގައި އެންމެ ގިނަވާނީ އަންހެނުންކަމުގައެވެ. އެމީހުންގެ ތެރެއިން ގިނަބަޔަކު ނަރަކައަށް ދަނީ މިދެންނެވި ހުތުރު ބަސްތައް ގިނަކުރުމާއި ފިރިމީހާގެ މުޅި ޢުމުރުގައި ކޮށްދޭ ޚިދުމަތާއި އިޙުސާންތެރިކަން ބަލައިނުގަތުމުގެ ފާފައިގެ ސަބަބުންކަމެވެ. މިއީ އެކި ޢިލްމުވެރިން މިކަމާމެދު ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (وَ رَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ »‏ .‏ قَالُوا بِمَ يَا رَسُولَ اللَّهِ ؟ قَالَ : «‏ بِكُفْرِهِنَّ »‏ ، قِيلَ : يَكْفُرْنَ بِاللَّهِ ؟ قَالَ : «‏يَكْفُرْنَ الْعَشِيرَ،‏ وَ يَكْفُرْنَ الإِحْسَانَ،‏ لَوْ أَحْسَنْتَ إِلَى إِحْدَاهُنَّ الدَّهْرَ كُلَّهُ،‏ ثُمَّ رَأَتْ مِنْكَ شَيْئاً قَالَتْ مَا رَأَيْتُ مِنْكَ خَيْراً قَط" މާނައީ: ތިމަންކަލޭގެފާނު ނަރަކައި ދެކެވަޑައިގަތީމެވެ. އަދި އެތަނުގައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންކަމުގައި ދެކެވަޑައިގަތީމެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކީއްވެގެންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެކަބަލުންގެ " ކުފުރު" ގެ ސަބަބުންނެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އެކަނބަލުން ﷲ އަށް ކުފުރުވަނީތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ފިރިކަލުންގެ ހެޔޮކަން ޤަބޫލުނުކުރަނީއެވެ. އަދި އިޙުސާން ތެރިކަން ވެސް ޤަބޫލުނުކުރަނީއެވެ. އެއިން ކަނބަލަކަށް މުޅި އަހަރު ހެޔޮކޮށްހިތައި އިޙްސާންތެރި ވިޔަސް ހިން ހަމަނުޖެހޭ ކުޑަ ކަމެއް ފެނުމުން ފިރިމީހާއާއި ދިމާލަށް ބުނާނީ " ދުވަހަކުވެސް ކަލޭގެ ފަރާތުން ހެޔޮކަމެއް ނުލިބެއެވެ." މިހެންނެވެ. ޙަދީޘްގެ މާނަ ނިމުނީއެވެ.

އާދެ! މިހަދީޘްގައި " ކުފުރުވުން" ނިސްބަތްކުރައްވާފައި އެވަނީ ﷲ އަށް ކުފުރުވުމަކަށް ނޫނެވެ. ވަކި ސަބަބަކަށެވެ. ނުބައި ޢަމަލަކަށެވެ. އެ ސަބަބަށް އަރައިގަތުމުން ނަރަކައަށް މަގުފަހި ވަނީކަމުގައެވެ. އެއީ ދުލުން ލަޢުނަތުގެ ބަސްގިނަކުރުމާއި، ފިރީންގެ އިޙްސާންތެރިކަން ބަލައިނުގަތުމެވެ. ފަހަރެއްގައި ވެސް އަންހެނަކަށްވީތީވެ އަންހެން ވަންތަކަމުގެ ސަބަބުން ނަރަކައަށް ވައްދަވަނީއެއްނޫނެވެ. ބަޔާންކުރެވުނު ފާފަތަކުން އަންހެނުން އެއްކިބާވެއްޖެނަމަ މައްސަލަ ނިމުނީއެވެ. މިޙަދީޘަކީ އެ ނުބައިކަމުން ދުރުވެގަތުމަށް ބާރުއަޅުއްވާފައިވާ ބަސްފުޅެކެވެ. އަންހެނުންނާމެދު އޯގާތެރިވެލައްވައި އެފަދަ ކަންކަމުގެ ސަބަބުން ﷲގެ ޢަޒާބަށް އެމީހުން ހުށަހެޅިދާނެތީ ސުވަރުގޭގެ މަތިވެރި ނިޢުމަތް ހޯދުމަށް ބާރުއަޅުއްވަމުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން މިބަސްފުޅުތައް އަޑު އެއްސެވި މާތް އަންހެންކަނބަލުން މިއާމެދު ޝަކުވާކުރައްވާފައިނެތެވެ. އެކަނބަލުންނަށްވީ އުފާވެރިކަމުގެ ޚަބަރަކަށެވެ. އެކަނބަލުން އުފާކުރެއްވީއެވެ. އެކަނބަލުންނަށް އެނގިވަޑައި ނުގަންނަވާ ސިއްރެއް، ނުވަތަ ކުރިން އެނގިވަޑައިގެންފައި ނުވާ މަޢްލޫމާތެއް ލިބިވަޑައިގަތުމުން ހެޔޮކަންކަން ކުރެއްވުމަށް ހިއްވަރުލިބިގަތީއެވެ. ނަރަކައިން ރައްކާތެރިވެލެއްވުމަށެވެ. އެއީ އިންސާނުންގެ ތާރީޚު ވެސް ދެކެފައި ނުވާފަދަ މާތް އީމާންތެރި އަންހެންޖީލެކެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެންކަނބަލުންނަށް ޙަދީޘްކުރެއްވީ ސުވަރުގެ ވަނުމައްޓަކައި ޞަދަޤާތްކުރުމާއި އިންތިޣުފާރުކުރުން ގިނަކުރުމަށެވެ. އެއީ އެފަދަ ފާފަތައް ފޮހެވިގެން ދިއުމުގެ ސަބަބަކަށް އެކަންތައްތައް ވުމަށްޓަކައެވެ. އަދި ވެސް ޙަދީޘްކުރައްވާފައިވެއެވެ. ( إِذَا صَلَّتِ الْمَرْأَةُ خَمْسَهَا وَ صَامَتْ شَهْرَهَا وَ حَفِظَتْ فَرْجَهَا وَ أَطَاعَتْ زَوْجَهَا قِيلَ لَهَا ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ) މާނައީ: " އަންހެންމީހާ ފަސްނަމާދުކޮށް ރަމަޟާންމަހުގައި ރޯދަހިފައި، އޭނާގެ ލަދުވެތިގުނަން ރައްކާތެރިކޮށް ޢިއްފަތްތެރިވެ އޭނާގެ ފިރިހީމީހާ އަށް ހެޔޮކޮށްހިތައި ކިޔަމަންތެރިކަން އަދާކޮށްފިނަމަ ސުވަރުގޭގެ އޭނާ ބޭނުން ދޮރަކުން ސުވަރުގެ ވަނުމަށް ޤިޔާމަތް ދުވަހު އޭނާގެ ގާތުގައި ބުނެވޭހުއްޓެވެ."
މުހިންމީ ޢަމަލެވެ. މީހާގެ ޖިންސެއްނޫނެވެ.

މި ހުރިހާ ވާހަކަތަކެއް މިހެންހުރި ހިނދު، ސުވަރުގެއާއި ނަރަކައަށް ވަނުމުގެ ފާލަން އެޅިފައިވަނީ މީހާގެ ޖިންސަށް ބަލައިގެން ނޫންކަމާއި، މީހާކުރާ ޢަމަލުގެ މަތީގައި އޮޅުމެއްނެތި ސާފުކޮށް އެނގެއެވެ. އަޅުގަނޑުމެން މުސްލިމު ފިރިހެނުންނާއި މުސްލިމު އަންހެނުންނަށް އޮތީ ﷲ އަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަ އަށް ތަބަޢަވުމެވެ. އެމީހެއްގެ ފަތް ކަނާތުން ލިބިއްޖެ މީހާއަކީ ހެޔޮ ޢަމަލުގެ އަހުލުވެރިއެކެވެ. އެއީ ސުވަރުގެވަންތަންވެރިއެކެވެ. އެމީހެއްގެ ފަތް ވައަތް ފަރާތުން ލިބިއްޖެ މީހާ އަކީ ނުބައި ޢަމަލުގެވެރިއެކެވެ. ސުވަރުގެއަށް ވަންނަން އެދޭ މީހާ ހެޔޮ ޢަމަލުކުރަންވީއެވެ. ކޮންމެ ޖިންސެއްގެ މީހެއްކަމުގައި ވިޔަސްމެއެވެ. މާތް ﷲގެ ރަޙްމަތާއެކު އެކަލާނގެ އޭނާ ސުވަރުގެ ވައްދަވާނެތެވެ. އެއީ ކޮންމެ ޖިންސެއްގެ މީހަކު ކަމުގައި ވިޔަސްމެއެވެ. ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެންގެން އޮތް ޙަޤީޤަތަކީ އެއީއެވެ. މިކަމުގައި ޖިންސުގެ ތަފާތެއްނެތެ. ވާތް ﷲ އަންގަވާފައިވަނީ ހެޔޮ ޢަމަލުކުރުމަށެވެ. އަންހެނަކަސް ފިރިހެނަކަށް ވިޔަސް އަނިޔާވެރިވުމެއްނެތި ސުވަރުގެ  ވައްދަވާނޭ ކަމުގައެވެ. 

ކީރިތި ޤުރްއާނުގައި ސުވަރުގެ
ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ސުވަރުގެ ވެއްދެވުމާމެދު ދެޖިންސުގެ މީހުންގެ މެދުގައި އިންޞާފުވެރިވެވޮޑިގަންނަވާނޭ ކަމުގައި ﷲ ކަށަވަރުކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  ( فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَى بَعْضُكُمْ مِنْ بَعْضٍ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِنْ دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ثَوَاباً مِنْ عِنْدِ اللَّهِ وَاللَّهُ عِنْدَهُ حُسْنُ الثَّوَابِ) (آل عمران:195) މާނައީ: " ދެން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ ދުޢާ އިޖާބަކުރެއްވިއެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ، ނުވަތަ އަންހެނުންކުރެ، ޢަމަލުކުރާ މީހެއްގެ ޢަމަލު ތިމަން ﷲ ގެއްލެނިނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކު ވަނީ އަނެއްބަޔެއްގެ ކިބައިންނެވެ. ފަހެ އެއުރެން ހިޖުރަކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި ތިމަން ރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް އަދި ޤަތުލުވީ މީހުންގެ ކިބައިން އެއުރެންގެ ކުށް ފާފަތައް ތިމަން ރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި އެތަންތަނުގެ ދަށުން ކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެ ތަކަށް ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. ﷲގެ ޙަޟްރަތުން ލިބޭ ޘަވާބެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ޘަވާބުވަނީ މާތް ﷲގެ ޙަޟްރަތުގައެވެ. "

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. ) وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلا يُظْلَمُونَ نَقِيراً) (النساء: 124) މާނައީ: “އަދި މުއުމިނަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ހެޔޮ ޢަމަލުތައްކުރާ މީހުން ދަންނާށެވެ! ފަހެ، އެއުރެން ސުވަރުގެ ވަންނާނެތެވެ. އަދި، ކިތައްމެ ކުޑަމިންވަރަކުން ނަމަވެސް އެއުރެންނަށް އަނިޔާއެއްނުކުރައްވާހުއްޓެވެ. "

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. ( إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا) (٣٥) الأحزاب: ٣٥  މާނައީ:  " ހަމަކަށަވަރުން މުސްލިމު ފިރިހެނުންނާއި މުސްލިމު އަންހެނުންނާއި މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނާއި ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުންނާއި ކެތްތެރި ފިރިހެނުންނާއި ކެއްތެރި އަންހެނުންނާއި ބިރުވެތިވާ ފިރިހެންނުނާއި ބިރުވެތިވާ އަންހެނުންނާއި ޞަދަޤާތް ފޭ ފިރިހެންނުންނާއި ޞަދަޤާތްދޭ އަންހެނުންނާއި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުންނާއި އެއުރެންގެ ލަދުވެތި ގުނަން ރައްކާތެރިކުރާ ފިރިހެނުންނާއި އެއުރެންގެ ލަދުވެރިގުނަން ރައްކާތެރިކުރާ އަންހެނުންނާއި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި ޛިކުރުކުރާ އަންހެނުންނާއި އެ އެންމެނަށްޓަކައި ﷲ ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރެއްވިއެވެ.
އަދިވެސް ﷲ ވަހީކުރައްވާފައިވެއެވެ. ( مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ) (٩٧) النحل: ٩٧  މާނައީ: " މުއުމިނަކު ކަމުގައިވާޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙު ޢަމަލެއްކޮށްފި މީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެއުރެން ޢަމަލުކޮށް އުޅުނު އެންމެހެޔޮ ގޮތުގައި ދަރުމައިން އެއުރެންނަށް ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

އިސްވެދިޔައީ ﷲގެ އިންޞާފުވެރިކަން ބަޔާންވެގެންވާ އާޔަތްތަކެވެ. މިފަދަ އާޔަތްތަކުން މުސްލިމުން ޢިބްރަތްލިބިގަންނަންޖެހޭނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތް ރަނގަޅަށް ދިރާސާކުރުމަކީ ﷲގެ ރިސާލަތު  ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. ޢިލްމުވެރިންވެސް މިކަމުގައި ހިއްވަރުކުރައްވަންވާނެކަމުގައި ދެކެމެވެ.

މިއަދު އިސްލާމްދީނުގެ ޢިލްމު ލިބިފައިނުވާ މީހުން އިސްލާމްދީނާމެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްޓަކައި އިސްލާމްދީނުގައި އަންހެނާ އަށް އިހާނެތިކޮށް ހިތާފައިވާކަމަށް ބުނެއެވެ. ނަމަވެސް ޙަޤީޤަތާއި އިސްލާމްދީނުގެ އިންޞާފްވެރިކަން މިއޮތީ ފެންނާށެވެ. ޢިލްމުވެރިންގެ މަސްއޫލިއްޔަތަކީ ޝާމިލްކޮށް ފުރިހަމަކޮށްބަޔާންކުރުމެވެ. އެއްވެސް މީހަކު ސުވަރުގެއަށް ނުވަތަ ނަރަކައަށް ވެއްދުމަކީ ވަކި މީހަކަށް އޮތް ހައްޤެއްނޫނެވެ. އެއީ ހަމައެކަނި ﷲގެ ޙައްޤެކެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons