Sunday, July 31, 2011

ރަމަޝާން މަހުގެ މާތްކަމުގެތެރެއިން.....

ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރުމުގެ ވަގުތު ކުޑަތަންވަމުން ދާއިރުގައި އެ މަހަށް ތައްޔާރުވުމަކީ އެންމެ މުހިއްމު ކަމެވެ. އެހެނީ، ރޯދަމަހަކީ އެމަހުގެ ޙަޤީޤީ މާނަ ވަރަށް ގިނަ ބަޔަކަށް އޮޅިފައިވާ މަހެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރޯދަމަހަކީ ކެއުމާއި ބުއިމާއި އުފާކުރުމާއި އަދި މުނިފޫހިފިލުވުމުގެ މައްސަރެކެވެ.
އަދި އެއީ އެމީހުންނަށް އަންނަ ބޮޑުވެގެންވާ މަޖަލުގެ ޢީދެކެވެ. އެހެންކަމުން، އެފަދަ މީހުން ރޯދަމަހަށް ތައްޔާރުވުމުގައި، ގެއަށް އައު ސާމާނު ހޯދާ ބާޒާރުން ލިބެން ހުންނަ ހުރިހާ ފެންވަރު ރަނގަޅު ތަކެތި ގެއަށް ވައްދާ ޖަމާ ކުރެއެވެ. އަތުގައި އެއްކޮށްފައި ހުރިއްޔާ ހުރި ހުރިހާ ފައިސާއެއް ހޭދަކުރަނީ ކުޅިވަރާއި މަޖަލުގައި ވަގުތުތައް ހޭދަކުރަނިވި ކަންތައްތަކަށެވެ.

ހިތާމައަކީ ﷲ ތަޢާލާ އަހަރެމެންގެ މައްޗަށްވާ ބަރަކާތާއި ރަޙްމަތެއްގެ ގޮތުގައި ކޮންމެ އަހަރަކު ލައްވަވާ މިމައްސަރުގެ ޙަޤީޤީ މާނަ އޮޅި އެ މައްސަރުގައި ﷲ ތަޢާލާ އަހަރެމެންގެ ކިބައިން އެދިވޮޑިގަންނަވާ ހެޔޮކަންތައްތަކާއި އަހަރެމެންގެ ނަފްސުތައް ދުރުވެފައިވާތީއެވެ. ދުނިޔެވީ އުފާތައް ހޭދަކުރުމުގެ ތެރޭގައި ﷲ ތަޢާލާ ނަހީކުރައްވާފައިވާ އެތައް ފާހިޝް ޢަމަލުތައް ރޯދަމަހަށް ޚާއްޞަކޮށް ޓީވީތަކުންނާއި ރޭޑިއޯތަކުން ގެނެސްދެއެވެ. ރޭގަނޑު ދަންވަންދެން ހިލޭ އަންހެނުންނާއި ފިރިހެނުން އެކުގައި މަޖާކޮށް ވަގުތުތައް ހޭދަކުރެއެވެ. ވިސްނާލުން ހުއްޓެވެ! ރޯދަމަސް އަންނަނީ ކޮން ބައެއްގެ މައްޗަށް ހެއްޔެވެ؟ އަދި އެމަސް ލައްވަވާފައި މަޤްޞަދަކީ ކޮބައިހެއްޔެވެ؟ އަދި އެމަހަށްޓަކައި ނަފްސާއި ތިމާގެ ވެށި ބައްޓަންކުރާނެ ގޮތްތަކަކީ ކޮބައިހެއްޔެވެ؟ މިއީ ކޮންމެ މުސްލިމަކު ވެސް ވިސްނާ ފިކުރުކޮށް ނަޒަރު ހިންގާލުން މުހިއްމު ސުވާލުތަކެވެ. އެހެނީ އޭގެ ސަބަބުން އަހަރެމެންގެ ނަފްސުތައް ހެޔޮ މަގަށް އަނބުރާ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ރަޙްމަތް ލިބިގަތުމަށް މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭނެ އެވެ.
އެގޮތުން ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ އެންމެ މުހިއްމު ކަންތައްތައް ތިރީގައި މިވަނީއެވެ.

1- އިޚްލާސްތެރިގޮތުގައި ތައުބާވުން:- އިޚްލާސްތެރިގޮތުގައި ތައުބާ ވުމަކީ އަބަދުވެސް މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ނަމަވެސް ބަރަކާތްތެރި ރޯދަމަހަށް މަރުޙަބާ ކިޔަމުން ދާ ހިނދުގައި އިޚްލާސްތެރިކަމާއި އެކުގައި ތައުބާވުމަކީ ނުހަނު މުހިއްމުކަމެކެވެ. ތިބާއާއި ﷲ ތަޢާލާއާއި ދެމެދުގައިވާ ފާފަތަކަށް އެކަލާނގެ ޙަޟްރަތުގައި ތައުބާވުމާއި، މީސްތަކުންނާއި މެދުގައި ހިނގާފައި ހުންނަ ކަންތައްތަކުގައި އެބައިމީހުންނަށް ދޭންޖެހޭ ޙައްޤުތައްދީ އޭގެ ސަބަބުން ބަރަކާތްތެރި ރަމަޟާން މަސް ސާފު ޠާހިރު ހިތަކާއިގެން ފަށާ، އަޅުކަމުގައި ނަފްސު މަޝްޣޫލުކުރެވޭނެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ.
”... وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ“
”ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.“ [ސޫރަތުއް ނިސާ: 31]
ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްފުޅު ކުރެއްވިކަމަށް އަލްއަޤާރް އިބްނު ޔަސާރު (رحمه الله) ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އޭ މީސްތަކުންނޭވެ! ﷲ އަށް ތައުބާވާށެވެ. އެހެނީ ތިމަންކަލޭގެފާނު ކޮންމެ ދުވަހަކު 100 ފަހަރު ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ.“[މުސްލިމް 2702]

2- ދުޢާ:- ބައެއް ސަލަފުންގެ ކިބައިން ރިވާވެގެންވަނީ ރޯދަމަހާއި ޖެހެންދެން އެބޭކަލުން ދިރިހުރޭތޯ އެބޭކަލުން ﷲ ގެ ޙަޟްރަތުގައި 6 މަސް ވަންދެން ދުޢާ ކުރައްވާކަމުގައެވެ. އަދި އެއަށްފަހުގައި އެބޭކަލުންގެ ކިބައިން ކުރެވުނު އަޅުކަންތައް ޤަބޫލުކުރައްވާތޯ 5 މަސްވަންދެން ދުޢާކުރައްވައެވެ.
ރޯދަމަސް އަންނަންދެން ވަރުގަދަ ދީނީ ސާބިތުކަމަކާއި ރަނގަޅު ސިއްޙަތަކާއި އެކުގައި ލަހައްޓަވާތޯ ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި މުސްލިމުން ދުޢާކުރަންޖެހޭނެއެވެ. އަދި ރަމަޟާންމަހުގައި އެކަލާނގެއަށް ކިޔަމަންވުމަށް އެހީތެރިވެދެއްވެވުމަށާއި އެމީހަކު ކުރާ ހެޔޮކަންތައް ޤަބޫލުކުރައްވާތޯ ވެސް އެދެންޖެހޭނެއެވެ.

3- ބަރަކާތްތެރި މައްސަރު އައުމުން އެކަމާއި އުފާކުރުން:- ރަމަޟާން މަސްއައުމަކީ، މުސްލިމު އަޅުތަކުންގެ މައްޗަށް ﷲ ތަޢާލާ ލައްވަވާ އެންމެ މަތިވެރި އެއް ރަޙްމަތެވެ. އެހެނީ ރަމަޟާން މަހަކީ ހެޔޮކަމުގެ ދުވަސްތަކުގެ ތެރެއިން އެދުވަސްތަކެއްގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވި އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރެވެ. އެއީ ކީރިތި ޤުރުއާނުގެ މައްސަރެވެ. އަދި އިސްލާމީ ތާރީޚުގައި ކުރެވުނު އެންމެ މަތިވެރި ހަނގުރާމައިގެ މައްސަރެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ.
”قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ “
”ކަލޭގެފާނު ވިދާޅުވާށެވެ! ﷲގެ ފަޟްލުވަންތަ ކަމާއި، އެކަލާނގެ ރަޙްމަތަށްޓަކައި (އެބަހި: އިސްލާމްދީން އާއި ޤުރުއާނަށްޓަކައި) ފަހެ، އެބައިމީހުން އުފާކުރާހުށިކަމެވެ! އެބައިމިހުން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.“ [ސޫރަތުލް ޔޫނުސް: 58]
4- ރަމަޟާން މަހުގައި ރޯދަ ހިފުން ﷲ ތަޢާލާވަނީ އިސްލާމްދީނުގެ 4ވަނަ ރުކުން ކަމުގައި ލައްވާފައެވެ. އެއިލާހު ވަޙީ ކުރެއްވިއެވެ.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ
މާނައީ: "رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!" (ސޫރަތުލް ބަޤަރާގެ 185 ވަނަ އާޔަތް)
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ކަމަށް އިބްނު ޢުމަރު رضي الله عنه ގެ އަރިހުން ބުޚާރީއާއި މުސްލިމް ރިވާކުރައްވައެވެ.
بني الإسلام على خمس شهادة أن لا إله إلا الله, وأن محمدا عبد الله ورسوله, وإقام الصلاة, وإيتاء الزكاة، وصوم رمضان, وحج البيت
މާނައީ: "އިސްލާމްދީން ބިނާވެގެންވަނީ 5 ރުކުނެއްގެ މައްޗަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނަކީ ﷲގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި އަދި ކަޢުބަތުﷲ ގެފުޅަށް ޙައްޖުވުމެވެ. (ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމް)
5- އިސްވެ ބަޔާންކުރެވުނު އާޔަތުގައިވާ ފަދައިން ﷲ ތަޢާލާ ޤުރުއާން ބާވައިލެއްވީ މިމައްސަރުގައެވެ.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ
މާނައީ: " رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ." (ސޫރަތުލް ބަޤަރާގެ 185 ވަނަ އާޔަތް)
އަދިވެސް އެއިލާހު ވަޙީ ކުރެއްވިއެވެ.
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
ހަމަކަށަވަރުން، ތިމަންއިލާހު އެقرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ. (ސޫރަތުލް ޤަދްރުގެ 1 ވަނަ އާޔަތް)
6- ﷲ ތަޢާލާވަނީ ލައިލަތުލްޤަދްރި ވިލޭރެއަކީ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަމުގައި ލައްވާފައެވެ. އެއިލާހު ވަޙީ ކުރެއްވިއެވެ.
إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ، وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ، لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ، تَنَزَّلُ الْمَلائِكَةُ وَالرُّوحُ، فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ، سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ
"ހަމަކަށަވަރުން، ތިމަންއިލާހު އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ. އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިއިލާހުގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ." (ސޫރަތުލް ޤަދްރުގެ 1 ވަނަ އާޔަތުން ނިޔަލަށް)
އަދިވެސް އެއިލާހު ވަޙީ ކުރެއްވިއެވެ.
إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ
މާނައީ: " ހަމަކަށަވަރުން، ތިމައިލާހު އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ އިލާހަކު ކަމުގައި ތިމަންއިލާހު ވޮޑިގެންވަމެވެ." (ސޫރަތުލް ދުޚާންގެ 3 ވަނަ އާޔަތް)
ލައިލަތުލްޤަދްރި ވިލޭރޭގެ މަތިވެރިކަމުން ﷲ ތަޢާލާ ރަމަޟާން މަސް މާތް ކުރެއްވިއެވެ. އަދި ލައިލަތުލްޤަދްރި ވިލާރޭގެ މާތްކަމާއި މަތިވެރިކަން ބަޔާންކުރައްވައި ޤަދްރު ސޫރަތް ބާވައިލެއްވިއެވެ. އަދި މިރޭގެ މާތްކަމާއި މަތިވެރިކަން ހާމަވެގެންދާ އެތައް ޙަދީޘް ބަސްފުޅުތަކެއް ރިވާވެގެންވެއެވެ. އޭގެތެރޭގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ އަންނަނިވި ޙަދީޘް ހިމެނިގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ , تُفْتَحُ فِيهِ أَبْوَابُ السَّمَاءِ , وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ , وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ , لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ,مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ "
މާނައީ: "ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރިވެގެންވާ މައްސަރެކެވެ. ﷲ ޢައްޒަ ވަޖައްލަ ވަނީ ތިޔަބައިމީހުންގެ މައްޗައް އެމަހުގައި ރޯދަހިފުން ފަރުޟު ކުރައްވާފައެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުވާލެވޭނެއެވެ. އަދި ޖަޙައްނަމައިގެ ދޮރުތައް ބައްދުކުރެވޭނެއެވެ. އަދި ޝައިޠާނުންގެ ތެރެއިން މާރިދުން ކަސްތޮޅުއެޅުވޭނެއެވެ. އަދި 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް އެމައްސަރުގައި ވެއެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމް ވެއްޖެ މީހާ ހަމަޔަގީނުންވެސް މަޙުރޫމް ވެއްޖެއެވެ. (ރިވާކުރެއްވީ ނަސާއީ އަދި އަޙުމަދު)
އަދިވެސް އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
مَنْ قَامَ لَيْلَةَ الْقَدْرِ إيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
މާނައީ: "ލައިލަތުލްޤަދްރި ވިލޭރޭ އީމާންކަމާއެކު، ﷲގެ ޙަޟްރަތަށް ސަވާބަށް އެދި، ރޭއަޅުކަންކޮށްފި މީހެއްގެ އިސްވެގޮސްފައިވާ ފާފަތް ފުއްސެވޭނެއެވެ." (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން އެންމެ މާތްވެގެންވާ އަދި އެންމެ މަތިވެރިވެގެންވާ ރެޔަކީ ليلة القدر ވިލޭރެއެވެ. އެރޭގެ މާތްކަމާއި މަތިވެރިކަން ހޯދަމުށް އެދޭ މީހާ ރަމަޟާންމަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަވަނީ ޙަދީޘްކުރައްވާފައެވެ.

ليلة القدر އެނަން ދެވިގެންވާ ސަބަބު:

އެރޭގެ ނަމާއި ބެހޭގޮތުން الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. އެރެއަށް އެނަން ދެވުނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

އެކެއް: އެރެއަށް ليلة القدر އޭ ކިޔުނީ ليلة القدر ގެ މާނައަކީ ޝަރަފުވެރިވެގެންވާ ރެއެވެ. އެރެއަކީ ޤަދަރު އުފުއްލެވިގެންވާ ރެއަކަށް ވާތީއެވެ.

ދޭއް:  އެރޭގައި، އެ އަހަރުގެ ތެރޭގައި ވާނޭކަންކަމުގެ ތަޤްދީރު ކުރެވި މިންވަރު ކަނޑައެޅޭތީއެވެ. ކުރިޔަށްއޮތް އަހަރުގެ ތެރޭގައި ހިނގާނޭ ކަންކަން އެރޭގައި ލިޔުއްވެއެވެ. މިކަން ހިމެނިގެންދަނީ މާތް ﷲ ގެ ޙިކުމަތްވަންތަކަމުގެ ތެރެއިންނެވެ.

ތިނެއް: ބުނެވެއެވެ. އެރެޔަށް ليلة القدر މިނަން ދެވުނީ އެރޭގައި ކުރެވޭ އަޅުކަމުގެ ޤަދަރު މަތިވެރިވެގެންވާ ކަމަށްޓަކައެވެ. އެހެނީ އީމާންކަންމަތީގައި ހުރެ ދަރުމަޔާއި ޘަވާބު އެދިގެން އެރޭގެ އަޅުކަން ކޮށްފިމީހެއްގެ އިސްވެދިޔަހައި ފާފަތަކެއް ފުއްސަވައި ދެއްވާނޭކަމުގައި ރިވާވެގެންވެއެވެ.

ليلة القدر ވިލޭރޭގެ ބައެއް ޢަލާމާތްތައް

الشيخ ابن عثيمين ރަޙިމަހު ﷲ ليلة القدر ގެ ޢަލާމަތްތަކާއި ބެހޭގޮތުން ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރެއިން އަންނަނިވި ކަންތައްތައް ހިމެނެއެވެ.

އެކެއް: އެރޭގެ އަލިކަން ގަދަވެގެންވެއެވެ. މިޒަމާނުގައި އަލިކޮށްދިއްލާފައި ހުންނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް މި ޢަލާމާތް ދެނެގަތުން ފަސޭހައެއް ނުވާނެއެވެ. މި އަލިކަން އިޙްސާސްވާނީ އަލިކަމާއި ދުރު ހިސާބުތަކުގައި އުޅޭ މީސްތަކުންނަށެވެ.

ދޭއް: ހިތްހަމަޖެހުމާއި މުއުމިނުތަކުންގެ ހިތްތައް انشراح ވުން އެރޭގައި ހިމެނެއެވެ. އެބަހީ އެހެން ރޭތަކުގައި އިޙްސާސް ނުވާފަދަ ހިތް ހަމަޖެހުމެއް އެރޭ އިޙްސާސްވާނެއެވެ. އަދި ހިތުގެ ނުތަނަވަސްކަން ފިލައި ހިތްތަނަވަސްވުން އެރޭ ލިބިގެންދާނެއެވެ.

ތިނެއް: އެރޭގައި ޖެހޭ ވައިރޯޅި މަޑުވެ ހަމަހިމޭންވެގެންވެއެވެ. ގަދަފަދަ ރޯޅިތަކާއި ވައިގަދަވުމެއް އެރެއަކު ނުވެއެވެ. އެރޭގެ ޖައްވު އޮންނާނީ ވަރަށް މުނާސަބު ޙާލަތެއްގައެވެ.

ހަތަރެއް: މުއުމިނުތަކުންނަށް އެރޭގެ ރޭއަޅުކަމުގެ ލައްޛަތާއި މީރުކަން އިޙްސާސްވުން އެހެން ރޭތަކަށްވުރެ އިތުރުވެގެންވެއެވެ.

އެރޭ ނިމިގެންދާހިނދު ފެންނަ ބައެއް ޢަލާމާތްތައް

އެރޭގެ ފަތިހު އިރުއަރާއިރު ދޯދިތަކެއް ނުހުންނާނެއެވެ. އެބަހީ އިރު އެރުމުގެ ކުރީގައި އާންމު ގޮތެއްގައި އުދަރެހަށް ފާއްދާލާފައި ހުންނަ ދޯދިތައް އެރެއަކު ނުހުންނާނެއެވެ. ޞަޙީޙު މުސްލިމްގައި ރިވާވެގެންވެއެވެ. "އެރޭގެ (ހެނދުނުވުމުން) އިރުއަރާހިނދު އޭގައި ދޯދިތަކެއް ނުހުންނާނެއެވެ."

މިފަދަ ޢަލާމާތްތަކެއް އެރޭގައި ހިމެނިގެންވިއެއްކަމަކު މިކަންކަން ބަލައި ދެނެގަތުމަށް މަސައްކަތް ކުރުމަކީ ޙަޤީޤަތުގައި އެރޭގެ ހެޔޮ ޢަމަލުކުރުމަށް ލިބޭ ފުރުޞަތުން މަޙުރޫމު ކުރުވަނިވި ކަމަކަށްވުން އެކަށީގެންވެއެވެ.

ވީމާ، ليلة القدر ވިލޭރޭގެ މާތްކަން އެދޭމީހާ، އެދެވިގެންވަނީ ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތަކުގައި ހެޔޮ ޢަމަލުތަކުރުމުގައި ދެމިހުރުމެވެ.

ليلة القدر ގެ މާތްކަން

އެކެއް: އެރެއަކީ މާތް ﷲ ކީރިތި ޤުރްއާން ބާވައިލެއްވިރޭ ކަމުގައިވުން. "إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ" (القدر: 1) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ليلة القدرވިލޭރޭގައެވެ."

ދޭއް: އެރެއަކީ ބަރަކާތްތެރި ރެއެއްކަމުގައިވުން. "إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ" (الدخان: 3) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ."

ތިނެއް: އެރޭގައި، އެ އަހުރުތެރޭގައި ހިނގާނޭ ކަންކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ތަޤްދީރު ކުރެއްވުމާއި ރިޒުޤު ލިޔުއްވުމާއި އަޖަލު ކަނޑައަޅުއްވުން ހިމެނެއެވެ. "فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ" (الدخان: 4) މާނައީ: "އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ."

ހަތަރެއް: އަހަރުގެ އެހެން ރޭތަކަށްވުރެ އެރޭގެ އަޅުކަން މާތްވެގެންވެއެވެ. "لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ" (القدر: 3) މާނައީ: "ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."

ފަހެއް: އެރޭގައި މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަންނަވާނެއެވެ. "تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ" (القدر: 4) މާނައީ: "މަލާއިކަތުންނާއި ޖިބުރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ."

ހައެއް: އެރެއަކީ އަމާންކަމާއި ސަލާމަތްކަން ލެއްވިގެންވާ ރެއެކެވެ. އެރޭގެ ހެޔޮޢަމަލުތައްގިނަވެ ބަރަކާތް އިތުރުވެގެންވެއެވެ. "سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ" (القدر: 5) މާނައީ: "އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."


7- ﷲ ތަޢާލާ ވަނީ ރަމަޟާން މަހު ރޯދަހިފުން ފަރުޟް ކުރައްވައި އެމަހުގެ ރޭތައް އީމާންކަމާއެކު ﷲގެ ޙަޟްރަތުން ސަވާބަށް އެދި އަޅުކަންކުރުމީ އެމީހެއްގެ އިސްވެގޮސްފައިވާ ފާފަތައް ފުއްސެވޭނޭ މަގެއް ކަމުގައި ލައްވަވާފައެވެ.
އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه
މާނައީ: "އިމާންކަމާއެކު މާތްﷲގެ ޙަޟްރަތުން ސަވާބަށްއެދިގެން ރަމަޟާންމަހުގެ ރޯދ ހިފައިފި މީހެއްގެ އިސްވެގޮސްފައިވާ ފާފަތައް ފުއްސެވޭނެއެވެ." (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
އަދިވެސް އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
ومن قام رمضان إيمانا واحتسابا غفر له ما تقدم من ذنبه
މާނައީ: "އަދި ލައިލަތުލްޤަދްރި ވިލޭރޭ އީމާންކަމާއެކު، ﷲގެ ޙަޟްރަތަށް ސަވާބަށް އެދި، ރޭއަޅުކަންކޮށްފި މީހެއްގެ އިސްވެގޮސްފައިވާ ފާފަތް ފުއްސެވޭނެއެވެ." (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
ރަމަޟާންމަހުގެ ރޭތަކުގައި ޤިޔާމުއްލައިލު ކުރުމީ ސުންނަތެއް ކަމުގައި ދެބަސްވުމެއްނެތި އިޖުމާޢުވެފައިވެއެވެ. ރަމަޟާންމަހުގެ ރޭތަކުގައި ޤިޔާމުއްލައިލު ކުރުމީ ތަރާވީޙު ނަމާދު ކުރުން ކަމުގައި އިމާމް ނަވަވީ ވިދާޅުވެއެވެ. އެބަހީ ތަރާވީޙު ކޮށްފި މީހާއަށް ޤިޔާމުއްލައިލު ކުރުމުން ލިބޭނެ ސަވާބާއި ދަރުމަ ލިބޭނެއެވެ.
8- ރަމަޟާންމަސް އައުމުން ﷲ ތަޢާލާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާލައްވައި ޖަޙައްނަމައިގެ ދޮރުތައް ބަންދުކުރައްވައި ޝައިޠާނުން ކަސްތޮޅު އަޅުއްވައެވެ.
އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
إذا جاء رمضان فتحت أبواب الجنة , وغلقت أبواب النار , وصُفِّدت الشياطين
މާނައީ: "ރަމަޟާންމަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭނެއެވެ. އަދި ޖަޙައްނަމައިގެ ދޮރުތައް ބަންދުކުރެވޭނެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވޭނެއެވެ." (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
9- ރަމަޟާންމަހުގެ ކޮންމެ ރެއެއްގައި ﷲ ތަޢާލާ ބަޔަކުމީހުން ދިންނަވައެވެ.
އަބޫ އުމާމާގެ އަރިހުން އިމާމް އަޙުމަދު رحمه الله ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
لله عند كل فطر عتقاء
މާނައީ: "ރޯދާވީއްލާ ވަގުތު ﷲ ތަޢާލާ ބަޔަކުމީހުން ދިންނަވައެވެ." (ރިވާކުރެއްވީ އިމާމް އަޙުމަދު)
އަބޫ ސަޢީދު ވިދާޅުވިކަމަށް އަލް ބައްޒާރު ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
إن لله تبارك وتعالى عتقاء في كل يوم وليلة، يعني في رمضان، وإن لكل مسلم في كل يوم وليلة دعوة مستجابة
މާނައީ: "ރަމަޟާންމަހުގެ ކޮންމެ ރެއަކާއި ދުވާލު ﷲ ތަޢާލާ ދިންނަވާނޭ އަޅުތަކުންވެއެވެ. އަދި ކޮންމެ ރެއަކާއި ދުވާލު އިޖާބަ ކުރެއްވޭނޭ ދުޢާއެއް ކޮންމެ މުސްލިމަކަށް ލިބިގެންވެއެވެ."
10- ރަމަޟާންމަހު ރޯދަ ހިފުމަކީ އެމީހަކު ބޮޑު ފާފައެއް ނުކުރާހާ ހިނދަކު ފާއިތުވެދިޔަ ރޯދަމަހުން ފެށިގެން ކުރެވިފައިވާ ފާފަތަކުގެ ކައްފާރާއެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
الصلوات الخمس , والجمعة إلى الجمعة , ورمضان إلى رمضان , مكفرات ما بينهن إذا اجتنبت الكبائر
މާނައީ: "ފަރުޟު ފަސް ނަމާދާއި، އެއް ހުކުރުން އަނެއް ހުކުރަށް އަދި ރަމަޟާންމަހަކުން ރަމަޟާންމަހަކަށް، ބޮޑު ފާފައެއް ނުކުރާހާ ހިނދަކު އެދޭތެރޭގައި ވެވޭ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ވެއެވެ." (ރިވާކުރެއްވީ މުސްލިމް)
11- ރަމަޟާންމަހުގެ ރޯދަހިފުމުން 10 މައްސަރު ރޯދަހިފި ފަދައެވެ.
އަބޫ އައްޔޫބު އަލް އަންޞާރީގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
من صام رمضان , ثم أتبعه ستا من شوال كان كصيام الدهر
މާނައީ: "ރަމަޟާންމަހު ރޯދަހިފުމަށްފަހު ޝައްވާލް މަހުގެ 6 ދުވަހު ރޯދަހިފިމީހާ އުމުރު ދުވަހު ރޯދަހިފި ފަދައެވެ." (ރިވާކުރެއްވީ މުސްލިމް)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
من صام رمضان فشهر بعشرة أشهر ، وصيام ستة أيام بعد الفطر فذلك تمام السنة
މާނައީ: "ރަމަޟާންމަހު ރޯދަހިފިމީހާ 10 މައްސަރު ރޯދަ ހިފިފަދައެވެ. އަދި ފިޠުރު ޢީދަށްފަހު 6 ދުވަހު ރޯދަހިފިމީހާ އަހަރުދުވަހު ރޯދަހިފި ފަދައެވެ." (ރިވާކުރެއްވީ އަޙުމަދު)
12- ރަމަޟާންމަހު ރޭގަނޑު އިމާމުމީހާއާއެކު ޤިޔާމުއް ލައިލު ނިމެންދެން ކޮށްފިމީހާ މުޅި ރޭގަނޑު އަޅުކަމުގައި ހޭދަކުރިކަމަށް ލިޔުއްވޭނެއެވެ.
އަބޫ ޛައްރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
إنه من قام مع الإمام حتى ينصرف كتب له قيام ليلة
މާނައީ: "އިމާމުމީހާއާއެކު ނިމެންދެން ޤިޔާމުއްލައިލު ކޮށްފިމީހާ މުޅި ރޭގަނޑު އަޅުކަމުގައި ހޭދަކުރިކަމުގައި ލިޔުއްވޭނެއެވެ." (ރިވާކުރެއްވީ އަބޫ ދާވޫދު)
13- ރަމަޟާންމަހުގައި ވެވޭ ޢުމްރާ ޙައްޖުވުމާ އެއްފަދަ ވެގެންވެއެވެ.
އިބުނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންޞާރުންގެ ތެރެއިންވާ އަންހެން ކަނބަލަކަށް ޙަދީޘް ކުރެއްވިއެވެ.
ما منعك أن تحجي معنا ؟
މާނައީ: "ކަނބުލޭގެ ތިމަންކަލޭގެފާނާ އެކީ ޙައްޖުވުމުން މަނާ ކުރީ ކޮންކަމެއްތޯއެވެ؟"
އެކަނބުލޭގެ ވިދާޅުވިއެވެ. "އަހަރުމެންގެ އަތުގައިވަނީ ފެން ގެނައުމަށް ބޭނުންކުރާ 2 ޖަމަލެވެ."
އެހެންކަމުން އެކަނބުލޭގެ ފިރިމީހާއާއި ފިރިހެން ދަރިފުޅުވަނީ އެއް ޖަމަލުގައި ޙައްޖުވުމަށް ގޮއްސައެވެ. އަދި އަނެއް ޖަމަލު ފެން ގެނައުމަށް ބޭއްވިއެވެ.
ދެން ރަސޫލުﷲ ޞައްލަﷲ ޢލައިހި ވަަސައްލަމް ޙަދީޘް ކުރެއްވިއެވެ.
فإذا جاء رمضان فاعتمري , فإن عمرة فيه تعدل حجة
މާނައީ: "ރަމަޟާންމަސް އައުމުން ޢުމްރާވުމަށް ދާށެވެ. އެހެނީ ރަމަޟާންމަހުގައި ވެވޭ ޢުމްރާ ޙައްޖުވުމާ އެއްފަދަވެގެންވެއެވެ." މުސްލިމްގެ ރިވާޔަތެއްގައި ވަނީ "والناضح هو بعير يسقون عليه" މިފަދައިންނެވެ. މާނައީ: "ތިމަންކަލޭގެފާނާއެކީ ޙައްޖުވުމާ އެއްފަދަވެގެންވެއެވެ." (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
14- ރަމަޟާންމަހުގައި އިޢުތިކާފު ކުރުން ސުންނަތްވެގެންވެއެވެ.
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނު އަވަހާރަވަންދެން ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފު ކުރައްވައެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އިޢުތިކާފު ކުރެއްވިއެވެ. (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
15- ރަމަޟާންމަހު ގިނަގިނައިން ޤުރުއާން ކިޔަވައި އެޤުރުއާން ދަސްކުރުން މުސްތަޙައްބުވެގެންވެއެވެ.
ރަމަޟާންމަހު ގިނަގިނައިން ޤުރުއާން ކިޔަވައި އެޤުރުއާން ޖަމާޢަތްތަކުގައި ދަސްކުރުން މުސްތަޙައްބުވެގެންވެއެވެ. މިފަދައިން ކަންތައް ކުރާނީ އެހެން މީހަކު ތިބާއަށް ކިޔަވައި ދިނުމުންނާއި ތިބާ އެހެން މީހަކަށް ކިޔަވައި ދީގެންނެވެ.
މީގެ ހެއްކަކީ ޖިބްރީލުލްއަމީން ރަމަޟާންމަހުގެ ރޭތަކުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން އެކަލޭގެފާނާއެކީ ޤުރުއާން ދަސްކުރައްވާ ކަމުގައިވެއެވެ. (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
ޤުރުއާން ކިޔެވުން މުސްތަޙައްބުވެގެންވެއެވެ. އަދި ރަމަޟާންމަހު ޤުރުއާން ކިޔެވުން ގިނަކުރުން މުސްތަޙައްބުވެގެންވެއެވެ.
16- ރަމަޟާންމަހު ރޯދަވެރިޔާއަށް ރޯދަ ވީއްލާނޭ އެއްޗެއް ދިނުން މުސްތަޙައްބު ވެގެންވެއެވެ.
ޒައިދު ބިން ޚާލިދު އަލް ޖުހަނީ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ , غَيْرَ أَنَّهُ لا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا
މާނައީ: "ރޯދަވެރިޔާ ރޯދަވީލުމަށް އެއްޗެއް ދީފިމީހާއަށް ރޯދަވެރިޔާގެ އަޖުރުން އެއްވެސް މިންވަރެއް އުނިނުވާގޮތުގައި އެފަދަ އަޖުރެއް ލިބޭނެއެވެ." (ރިވާކުރެއްވީ ތިރުމިޛީއާއި އިބުނު މާޖާ)
ރޯދަމަހަކީ މުސްލިމުންގެ ހިތްތަކަށް އާދަޔާ ޚިލާފު އުފާވެރި ކަމެއް ގެނެސްދޭ މަސްސަރެކެވެ. އެއީ ކީރިތި ޤުރުއާން ބާވާލެއްވި މަސްސަރެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ކިޔަވައިދިނުމުގެ މަސްސަރެވެ. ދަމުނަމާދު ކުރުމާއި ތަރާވިހް ނަމާދު ކުރުމުގެ މަސްސަރެވެ. އަދި ޞަދަޤާތް ދިނުމާއި ފިތުރު ޒަކާތް ދޭން ޖެހޭ މަސްސަރުވެސް މެއެވެ.
އެއްވެސް މީހަކު ތައްޔާރު ނުވެ އެއްވެސްތާކަށް ނުދާނެއެވެ. އަދި އެއްވެސް މީހަކު ތައްޔާރު ނުކޮށް އެހެން މީހަކަށް ދަޢުވަތެއް ނުދޭނެއެވެ. ހަމަ މިފަދައިން އަހަރެމެން ރޯދަމަހަށް މަރުޙަބާ ކިޔާ ހިނދުގައި ވާންޖެހޭ ތައްޔާރިތައް އެބަހުއްޓެވެ.
އަޅަމެންނަށް މިމަތިވެރި މަހުގެ ދަރުމައާއި ޘަވާބު ހެޔޮގޮތުގައި މިންވަރުކުރައްވާށި. އާމިން


0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons