ސްޕާތައް ބަންދުކުރަން ސަރުކާރުން އެންގި ނަމަވެސް ރިޒޯޓުތަކުގައި ކުރަމުން އަންނަ ބަނގުރަލުގެ ވިޔަފާރި ހުއްޓަން އަމުރުނުކުރީ އެކަމުން ޤައުމުގެ އިޤްޠިޞާދަށް ލިބޭނެ ބޮޑު ގެއްލުން ސަރުކާރަށް ޤަބޫލުކުރެވޭތީ އެކަން ކުރުމަށް ފަސްޖެހޭތީ ކަމަށް ރައީސުލްޖުމްހުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރުމްބާ މޯލްޑިވްސްގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޤައުމުގެ އިޤްޠިޞާދަށް ލޮޅުން އަންނާނެ އެއްވެސް ކަމެއް ކުރަން ސަރުކާރުން ކުރަން ބޭނުންނުވާ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީކުރަން ކަމަށެވެ.
ރައީސް ވިދާޅުވީ ރިޒޯރޓުތަކުން ފަތުރުވެރިންނަށް ކުރަމުންއަންނަ ބަނގުރަލުގެ ވިޔަފާރި ހުއްޓައިލަން އެންގުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށާއި އެކަމަކީ ރާއްޖޭގެ ރައްޔިތުންގެ މުޅި ހަޔަތާއި މުއްސަނދިކަމާ ގުޅިފައިވާ ކަމެއްކަމަށެވެ.
ރިޒޯޓުތަކުގައި ފަތުވެރިންނަށް ބަނގުރާ ވިއްކުން ސަރުކާރުން ނުހުއްޓުވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ “ފަހަތަށް ޖެހޭތީ ސަރުކާރުން، ކަންބޮޑުވާތީ، އަޅުގަނޑުމެންގެ މުޅި ހަޔާތާއި މުޅި ދިރިއުޅުމާ، އަޅުގަނޑުމެންގެ މުޅި މުއްސަނދިކަން ގުޅިފައި އޮތީ ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާ ގުޅިފައިކަމުން ސަރުކާރުން އެކަމުގައި ފިޔަވަޅެއް އަޅަން ހަމަ ފަހަތަށް ޖެހެނީ، އަދި އަޅުގަނޑު ދަންނަވާނަން، ސަރުކާރަކުން އެ ފިޔަވަޅެއް ނުވެސް އަޅާނެ،” ކަމަށެވެ.
ރައީސް ވިދާޅުވީ ދީނީ ގޮތުން ހަރުކަށި ބައެއް ދިވެހިން އެބަތިބި ކަމަށެވެ. އަދި އެފަދަ މީހުންގެ ލިސްޓުވެސް ބައެއް ފަރާތްތަކުން ޢާންމުކޮށްފައިވުން އެއީ ދިވެހިންނަށް ބޭރުގައި މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ނަމަވެސް އެކަން ރަނގަޅުކުރެވޭނީ ދިވެހިންގެ އަމަލުތައް މެދުމިނުގައި ހިފަހައްޓައިގެން ކަމަށެވެ.
ސްޕާތައް ހިންގުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފި
ރިސޯޓްތަކުގެ ސްޕާތައް ބަންދުކުރުމަށް ސަރުކާރުން އެންގި އެންގުން ތަންފީޒް ކުރުން ހުއްޓާލާ، އަލުން އެތަންތަން ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން އަލުން ސްޕާތައް ހިންގުމުގެ ހުއްދަ ދޭން ނިންމެވީ ރަލާއި އޫރުމަސް ވިއްކުން އަދި ސްޕާ ހިންގުމާއި މެދު ގޮތެއް ކަނޑައަޅައިދިނުމަށް ސްޕްރީމް ކޯޓްގެ ލަފަޔަކަށް އެދިފަ ވީނަމަވެސް ސްޕްރީމް ކޯޓުން ގޮތެއް ނިމެންދެން ފަތުރުވެރިކަމަށް ގެއްލުންވުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫންކަމަށް މިއަދު ކުރުނބާ މޯލްޑިވްސްގަ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ ބަންޑާރަ ނައިބް ވަނީ ރަލާއި އޫރުމަސް ވިއްކުމާއި ސްޕާތައް ހިންގުމާމެދު ސްޕްރީމް ކޯޓުން ގޮތެއް ނިންމަވައިދެއްވުމަށް އެދި އެ ކޯޓްގައި ލަފަޔަކަށް އެދިވަޑައިގެންފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ބުނާ އިސްލާމީ އުސޫލުތައް ސުޕްރީމް ކޯޓުން ސާފްކޮށް އިނގެން ޖެހޭކަމަށެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވެފަވަނީ “އެހެންވީމާ މިއަދުގެ ވަގުތު ސުޕްރީމް ކޯޓުން އެ މަސައްކަތް ކުރަމުން ގެންދާއިރުގައި ސަރުކާރުން ގަސްދުކުރަނީ ސްޕާތައް ވެސް އަނބުރާ ހުޅުވުމަށާއި އަދި ރާއްޖޭގައި ޓޫރިސްޓުންގެ ހިދުމަތް ދިނުމަށް ހަދާފައި ހުންނަ ހޮޓާތަކުގައި، ޣައިރު މުސްލިމުންނަށް ރާއްޖެއަށް އެތެރެކުރުމަށް މަނާ ގާނޫނުގެ ދަށުން، އެ ގާނޫނު އެ ބުނާ އުސޫލުތަކުގެ މަތިން ޣައިރު މުސްލިމުންނަށް ދެވޭ ހިދުމަތްތަކާއި ވިއްކޭ ތަކެތި ވިއްކުމުގެ ހުއްދަ އެންމެހާ ފަރާތްތަކަށް ދޭން،” ރައީސް ނަޝީދު ވިދާޅުވެފަވެއެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވެފަވަނީ “އެހެންވީމާ މިއަދުގެ ވަގުތު ސުޕްރީމް ކޯޓުން އެ މަސައްކަތް ކުރަމުން ގެންދާއިރުގައި ސަރުކާރުން ގަސްދުކުރަނީ ސްޕާތައް ވެސް އަނބުރާ ހުޅުވުމަށާއި އަދި ރާއްޖޭގައި ޓޫރިސްޓުންގެ ހިދުމަތް ދިނުމަށް ހަދާފައި ހުންނަ ހޮޓާތަކުގައި، ޣައިރު މުސްލިމުންނަށް ރާއްޖެއަށް އެތެރެކުރުމަށް މަނާ ގާނޫނުގެ ދަށުން، އެ ގާނޫނު އެ ބުނާ އުސޫލުތަކުގެ މަތިން ޣައިރު މުސްލިމުންނަށް ދެވޭ ހިދުމަތްތަކާއި ވިއްކޭ ތަކެތި ވިއްކުމުގެ ހުއްދަ އެންމެހާ ފަރާތްތަކަށް ދޭން،” ރައީސް ނަޝީދު ވިދާޅުވެފަވެއެވެ.
ރައީސްގެ ވާހަކަފުޅުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި: ޝައިޚް އިމްރާން
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިއްޔެ ކުރުނބާ މޯލްޑިވްސްގައި މީޑިއާ އާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ަކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވި، ޝައިޚް އިމްރާން ކަންބޮޑުވެވަޑައިގަންނަވާ އަދި ރައްޔިތުން ކަންބޮޑުވާންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަންކަން މިއަދުނޫހަށް ޙިއްޞާކުރައްވަމުން ޝައިޚް އިމްރާން ވިދާޅުވީ ރައީސްގެ ވާހަކަފުޅުން ހާމަވީ ފަތުރުވެރިންނަށް ޚިދުމަތް ދެމުން އަންނަ، ރިޒޯރޓުތަކުގެ ގޮތުގައި ތަރައްޤީ ކުރެވިފައިވާ ރަށްތަކުގައި ފަތުރުވެރިންނަށް ބަނގުރާ ވިއްކާނަމަ މީހުން ދިރިއުޅޭ ރަށްރަށުގައި އަޅާ ސިޓީ ހޮޓާތަކުގައިވެސް ބަނގުރާ ވިއްކެންޖެހޭނެ ކަމަށެވެ. އަދި ސްޕާތައް ހިންގުމާއި ރިޒޯރޓުތަކުގައި ދެވޭ ހުރިހައި ޚިދުމަތްތައް ވެސް އެފަދަ ސިޓީ ހޮޓާތަކުން ދެވެންޖެހޭނެ ކަމަށެވެ.
“މީގެ އިތުރުން އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަން ޖުވާ ކުޅުމުގެ ފުރުޞަތު ހުޅުވާލަން ސަރުކާރުން ވިސްނާކަން ދޭހަވާގޮތަށް ރައީސް ވާހަކަފުޅު ދެއްކެވިކަން. ރައީސް އެވިދާޅުވީ ކެސިނޯތައް ހުޅުވާލުމަކީ ފަތުރުވެރިންގެ މަޤްބޫލުކަން އިތުރަށް ލިބޭނެ ކަމެއްކަމަށް. އަދި އެކަމަކީ ފަތުރުވެރިންނަށް ދޭ ޚިދުމަތެއްގެ ގޮތުގައި ހިމަނައިގެން ނުވާނެތޯ ސްޕްރީމް ކޯޓުން އޮޅުން ފިލުއްވަވަން ބޭނުންފުޅުކަމަށް. އެކަމަކު އެނގިވަޑައިގަންނަވާތޯ އިންޑިއާ އަދި ސިންގަޕޫރު ފަދަ މާލީ ގޮތުން ކުރިއަރަމުން އަންނަ ޤައުމުތަކުގެ ސަރުކާރުން ވެސް ވަނީ އެޤައުމުތަކުގައި ކެސިނޯ ހިންގުން މަނާކޮށްފައި. އެކަމަށް ހުއްދައެއް ނުދޭ. އެއީ އެކަމުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވީމަކަން އެނގޭ ނޫންތޯ؟”
މީގެ އިތުރުން ޝައިޚް އިމްރާން ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގައި ޔަހޫދީ ދީނުގެ މީހުން ވަރަށް ގިނަ ކަމަށް ރައީސް ވިދާޅުވި ކަމަށާއި ނަމަވެސް އެއީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ދޮގު މައުލޫމާތަކުން ވިދާޅުވެވުނު ބަސްފުޅެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
“ބައްލަވަ ރާއްޖެއަށް އެންމެ ގިނަ އިން ފަތުރުވެރިން އަންގަމުތަކުގައި ޔަހޫދީންގެ ނިޞްބަތަށް. ފްރާންސްގައި 3.6 އިންސައްތަ. އިޓަލީގައި 0.20 އިންސައްތަ. ޖަރުމަނު ވިލާތުގައި 0.9 އިންސައްތަ އިނގިރޭސި ވިލާތުގައި 2.2 އިންސައްތަ. ނެދަރލޭންޑްސް ގައި 0.21 އިންސައްތަ، ސްވިޒަރލެންޑްގައި 0.13 އިންސައްތަ. މިއިންސައްތަތަކަކީ އެ ޤައުމުތަކުން ރާއްޖެއަން އަންނަ ޔަހޫދީ ފަތުރުވެރިންގެ އިންސައްތައެއް ނޫން. ހަމައެކަނި އެޤައުމުތަކުގައި ދިރިއުޅޭ ޔަހޫދީންގެ ޖުމުލަ ނިޞްބަތް. މިހުރިހައި މައުލޫމާތުތަކެއް އެހެރީ ހާމައަށް ފެންނަން. ރާއްޖެއަށް މިހާރު ރެކޯޑު އަދަދަކަށް އަންނަނީ ޗައިނާއިން. އެކަމަކު ޗައިނާގައި އެންމެ އިންސައްތައެއް ވެސް ނުދައްކާ. ދެން އޮތީ އިންޑިއާ. އިންޑިއާއަށް ބަލާއިރު ވެސް ޔަހޫދީންގެ އެންމެ އިންސައްތައެއްވެސް އަޅުގަނޑަކަށް ނުފެނޭ. އަދި ފާހަގަކުރަންޖެހޭ ކަމަކީ ޔަހޫދީންގެ ނިޞްބަތް ކިރިޔާވެސް ގިނަ ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ނުވެސް އަންނަކަން. ދެން މިއަދަދުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލޮޅުން އަރާނެ އަދަދުތަކެއް ކަމަށް ރައީސް ވިދާޅުވުމުން މިމައުލޫމާތު އެރުވި ފަރާތަކާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ.”
ޝައިޚް އިމްރާން ވިދާޅުވީ އިއްޔެގެ ވާހަކަފުޅުގައިވެސް ރައީސް މަސައްކަތްކުރެއްވީ އަސްލު މައްސަލަ ބާއްވާފައި އެހެން މައްސަލަތައް ކުރިއަށް ނެރުއްވައިގެން ހަޤީޤަތް އޮޅުވާލައްވަންކަމަށް ޤަބޫލުކުރެއްވެވުނުކަމަށެވެ.
“އެއްވެސް މީހަކު ހުށައެއް ނާޅާ ޔަހޫދީން ނޫނީ އިޒްރޭލުގެ ރައްޔިތުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެއައުމަކަށް. އަބަދުވެސް އެމީހުން ރާއްޖެ އާދޭ. އެންމެންވެސް މައްސަލަ ކުރިމަތިކުރުވަނީ ޒަޔަނިސްޓް ޔަހޫދީ ދައުލަތުގެ އެއަރލައިން ރާއްޖެއައުން ފެށުމަށް. އޯއައިސީގައި ހިމެނޭ 57 ޤައުމުގެ ތެރެއިން އިޒްރޭލުގެ ފްލައިޓަށް އެންމެ 4 ޤައުމުން ޖާގަދީފައިވަނީ މުހިންމު ސަބަބެއް އޮވެގެންކަން އަޅުގަނޑުމެން މިފާހަގަކުރަނީ. މިކަމުގެ ޥާހަކައެއް ރައީސް އަމުދުން ނުވެސް ދައްކަވާ.” ޝައިޚް އިމްރާން ވިދާޅުވިދާޅުވިއެވެ.
ޝައިޚް އިމްރާން ވިދާޅުވީ އިއްޔެ ރައީސްގެ ވާހަކަފުޅު ހުރި ގޮތުން އިޒްރޭލު އެއަރލައިންއަށް ރާއްޖެއަށް ނާދެވޭނަމަ އެހެން އެއްވެސް އެއަރލައިނަކަށްވެސް ރާއްޖެ ނާދެވޭގޮތަށް ކަނޑައެޅުއްވުމާ ޒަޔަނިސްޓް ޔަހޫދީ ދައުލަތާއެކު އެއްވެސް ގުޅުމެއް ނުބޭއްވުމަށް މަޖިލީހުން ޤަރާރެއް ފާސްކޮށްދެއްވުމަށް އިސްލާމިކް މިނިސްޓަރ އެދިވަޑައިގެންފައިވާއިރު އެފަދަ ޤަރާރެއް ފާސްކުރައްވައިފިނަމަ ދުނިޔޭގެ ހުރިހައި ޤައުމުތަކާ ރާއްޖެއިން ގުޅުން ކަނޑައިލުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ޤަބޫލުކުރެއްވެވުނު ކަމަށެވެ.
އެހެންކަމުން އިއްޔެ ރައީސް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ރައްޔިތުން ކަންބޮޑުވާންޖެހޭ މިފަދަ އެތައް ސަބަބުތައް އެބަހުރިކަމަށް ޝައިޚް އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.
0 comments:
Post a Comment