Monday, January 16, 2012

ސުކޫލްކުދިންގެ ތުބުޅި ބޭލުމަށް ސުކޫލްގެ އިސްވެރިންނަށް އެންގިދާނެތޯ

ތުނބުޅިބޭލުމަށް ސްކޫލްތަކުގެވެރިން އަމުރުކުރިކަމުގައިވިއަސް އެ އަމުރަށް ކިޔަމަންވާން ނުޖެހޭނެކަމަށް އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވެފައިވަނީ ސުކޫލްކުދިންގެ ތުބުޅި ބޭލުމަށް ސުކޫލްގެ އިސްވެރިންނަށް އެންގިދާނެތޯއާއި އަދި ތުބުޅި ބޭލުމާއިގުޅޭގޮތުން އިސްލާމްދީނުގައި އޮންނަ ގޮތް އޮޅުންފިލުވުމަށް ރާއްޖެއިސްލާމްގެ ކިއުންތެރިއަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.


"ތުނބުޅިއަށް މާފުކުރުމަކީ ނުވަތަ ނުކޮށާ ދޫކޮށްލުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން ސާބިތުވާ ކަމެކެވެ. މިކަމަކީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ޢަމަލުފުޅުން ސާބިތުވާ ކަމެކެވެ. މަތިމަސް ކުރުކޮށް ތުނބުޅި ދިގުކުރުމަށް ބުޚާރީ އާއި މުސްލިމުގެ އެތައް ރިވާޔަތްތަކެއްގައި އައިސްފައި ވެއެވެ.

 ބައެއް ރިވާޔަތްތަކުގައި މުޝްކިރުންނާއި ޚިލާފު ވުމުގެ ގޮތުން، އަނެއް ބައި ރިވާޔަތްތަކުގައި މަޖޫސީންނާއި ޚިލާފުވުމުގެ ގޮތުން މަތިމަސް ކުރުކޮށް ތުނބުޅި ދިގުކުރުމަށް އެންގެވިއެވެ. ތުނބުޅިއަށް މާފުކުރުމުގެ މާނައަކީ ނުކޮށާ ދޫކޮށްލުމެވެ. މިއީ ރާސޫލާގެ ބަސްފުޅުންނާއި ޢަމަލުފުޅުން ސާބިތުވާގޮތެވެ. އެހެނީ އެކަލޭގެފާނު ތުނބުޅި ކޮށްޓެވިކަމަށް އެއްވެސް ގޮތަކަށް ސާބިތުވާކަށްނެތެވެ." ޝައިޚް ޖަވާބު ދެއްވަމުން ވިދާޅުވެފައިވެއެވެ.
 
މިކަމަށް ދަލީލު ގެންނަވަމުން ޝައިޚް ލިޔުއްވާފައިވެއެވެ.

"ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. ((خالفوا المشركين، أحفوا الشوارب و أوفوا اللحى ))= أخرجه البخاري=،ޙަދީޘް ނަމްބަރ 5442، ޞަޙީޙް މުސްލިމް ޙަދީޘް ނަމްބަރ 382، މާނައަކީ؛  "ތިޔަބައިމީހުން މުޝްރިކުންނާ ޚިލާފުވާށެވެ. މަތިމަސް ކުރު ކުރާށެވެ. އަދި ތުނބުޅި ދިގުކުރާށެވެ." މިޙަދީޘް ރިވާ ކުރައްވާފައިވަނީ އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު އެވެ. 

އަދިވެސް މިކަމަށް ދަލީލު ގެންނަވަމުން އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘް އެއް ގެންނަވާފައިވެއެވެ.

"އިބްނު ޢުމަރު ޙައްޖެއް ނުވަތަ ޢުމުރާއެއް ކުރައްވައިފިނަމަ ތުނބުޅީގައި މުށުން ހިއްޕަވާފައި ބާކީބައި ކޮށްޓަވައެވެ." މި ރިވާޔަތަކީ ބުޚާރީގައި އައިސްފައިވާ ރިވާޔަތެއްކަމުން ޞައްޙަކަމާމެދު ޝައްކެއްނެތެވެ. އެހެންނަމަވެސް ޝައިޚް ބިން ބާޒު ރަޙިމަހުﷲ ފަދަ ޢިލްމުވެރިން ވިދާޅުވަނީ މި ރިވާޔަތުން ތުނބުޅި ކޮށުން ހުއްދަކުރާ ވަރުގެ ހުއްޖަތެއް ލިބެންނެތް ކަމަށެވެ.

އެހެނީ އިބުނު ޢުމަރު ރަޟިޔަﷲ ޢަންހު ތުނބުޅި ކޮށްޓެވީ އެކަލޭގެފާނުގެ އަމިއްލަ *އިޖްތިހާދުގެ މައްޗަށް ބުރަވެވަޑައިގެން ކަމަށްވާތީއެވެ. ހުއްޖަތްނެގޭނީ ޞަޙާބީއަކު ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ކިބައިން ކުރެއްވި ރިވާޔަތަކަށެވެ. ޞަޙާބީއެއްގެ އިޖްތިހާދަކަށް ނޫނެވެ. އެހެން ކަމުން ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ފަރާތްޕުޅުން ޞައްޙަ މަގުން ކަމެއް ސާބިތުވާން އޮވެއްޖަނަމަ ޞަޙާބިއެއްގެ އިޖްތިހާދަށްވުރެ ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ހަދީޘް މުޤައްދަމް (އިސް) ވާނެއެވެ. އެހެންކަމުން އެންމެ އައުލާކަންބޮޑު ގޮތަކީ ތުނބުޅި ނުކޮށާ ދޫކޮށްލުމެވެ. 

ޝައިޚް ގެ ފަތުވާ ކުރިއަށް ގެންދަވަމުން ލިޔުއްވާފައިވަނީ ކަންމިހެން ހުރިއިރު، ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅާއި ފުށު އަރާފަދަ އަމުރެއް ނެރުމުގެ ޙައްގު ސްކޫލް ތަކުގެ ވެރިންނަށް ލިބިގެން ނުވާކަމަށެވެ. އަދިވެސް އިތުރު ދަލީލު ގެންނަވަމުން ސޫރަތުލް އަޙްޒާބް ގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތް ގެންނަވާފައިވެއެވެ.

(وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَ‌سُولُهُ أَمْرً‌ا أَن يَكُونَ لَهُمُ الْخِيَرَ‌ةُ مِنْ أَمْرِ‌هِمْ ۗ وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا)  މާނައަކީ: " އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި  مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

ފަތުވާ ނިންމާލައްވަމުން ޝައިޚް ލިޔުއްވާފައިވެއެވެ. "ތުނބުޅި ބޭލުމަށް އަމުރު ކުރާ ވެރިންނަށް ބުނަމެވެ. ތިޔަ އަމުރަކީ ތިޔަބައިމީހުންގެ އިޚްތިޞާޞުން ބޭރު އަމުރެކެވެ. ތިޔައީ ތިޔަބައިމީހުންނަށް ކުރެވޭނެ އަމުރެއް ނޫނެވެ. ﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެ އަމުރުފުޅުތަކަށް ފުރަގަސްދީ، އެއަމުރުފުޅުތަކާ ދިމާ އިދިކޮޅަށް މީސްތަކުންނަށް އަމުރު ހިންގަން ފަށައިފިނަމަ ގަދަފަދަ ވެގެންވާ ކޯފާ އާއި ޢަޛާބު ތިބާގެ މައްޗަށް އަތުވެދާނެ ކަމަށް ބިރުވެތިވާށެވެ.

 ސްކޫލް ތަކުގެ ވެރިން މިފަދަ އަމުރެއް ކުރި ނަމަވެސް އެއަމުރަކަށް ކިޔަމަން ގަންނާކަށްވެސް ނުޖެހޭނެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (لا طاعة لمخلوق في معصية الخالق)މާނައަކީ: "ޚާލިގްވަންތަ ﷲ އަށް އުރެދުމެއްވާ ކަމެއްގައި މަޚްލޫގަކަށް ކިޔަމަންވުމެއް ނެތެވެ" والله أعلم. 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons