Wednesday, January 11, 2012

ﷲ އަށްޓަކައި ލޯބިވުމާއި ރުޅިވެރިވުމާއި ގުޅޭގޮތުން ސަލަފުންގެ ބަސްފުޅެއް


ޢުމަރު ބިން އަލްޚައްޠާބު (رضي الله عنه) ވިދާޅުވިއެވެ. ”ކަލޭމެންގެ ތެރެއިން މީހަކު އޭނާގެ އަޚާގެ ގާތްކަމުގެ ރަޙްމަތް ލިބިއްޖެ މީހަކު އޭގައި އޭނާއަށް ވީ މިންވަރަކުން ހިފަހައްޓާ ހުށިކަމެވެ. އެހެނީ، މީހަކަށް މިފަދަ ރަޙްމަތެއް ލިބުމީ ނުހަނު މަދުން ވާކަމެކެވެ.“


ޢުމަރު (رضي الله عنه) އަދިވެސް ވިދާޅުވިއެވެ. ”އިސްލާމްދީނަށް ފަހުގައި މީހަކަށް ލިބޭނޭ އެންމެ ހެޔޮކަން ބޮޑު އެއްޗަކީ ޞާލިޙް ރަޙްމަތްތެރިއެކެވެ.“

ޢަލީ ބިން އަބީ ޠާލިބު (رضي الله عنه) ވިދާޅުވިއެވެ. ”ތިބާގެ އަޚުންނާއި ގުޅި ގާތްވާށެވެ. އެހެނީ އެބައިމީހުންނީ މިދުނިޔެއާއި އާޚިރަތުގެ ކާނާއެވެ. ނަރަކައިގެ އަހުލުވެރިންގެ މިބަސް އަޑުނާހާށެވެ.“

”فَمَا لَنَا مِنْ شَافِعِينَ (*) وَلا صَدِيقٍ حَمِيمٍ“
”ފަހެ، ތިމަންމެންނަށް އެއްވެސް ޝަފާޢަތްތެރިޔަކު ނުވެއެވެ. އަދި ގާތް ރަޙްމަތްތެރިޔަކުވެސް ނުވެއެވެ.“ [ސޫރަތު އާޝޫރާ: 101-100]
ޢަބްދު ﷲ ބިން ޢުމަރު (رضي الله عنه) ވިދާޅުވިއެވެ. ”ﷲ ގަންދީ ބުނަމެވެ. ނުކައި މުޅި ދުވަހު ރޯދައަށް ހުރެ، ނުނިދާ މުޅިރޭ ނަމާދުކޮށް، އަހަރެންގެ ހުރިހާ މުދަލެއް ﷲ ގެ މަގުގައި ހޭދަކޮށް، މަރުވާ ދުވަހު މަރުވެ، ނަމަވެސް ﷲ އަށް ކިޔަމަންވާ މީހުންނަށް އަހަރެންގެ ހިތުގައި އެއްވެސް ލޯތްބެއް ނެތި އަދި ﷲ އަށް ނުކިޔަމަންތެރިވާ މީހުންނަށް އެއްވެސް ރުޅިވެރިކަމެއް ނެތްނަމަ ކުރިން ބުނެވިދިޔަ އެއްވެސް ކަމަކުން ކުޑަކޮށް ވެސް އަހަންނަށް މަންފާއެއް ނުކުރާނެ އެވެ.“

އިބްނު އައްސަމަކު (رحمه الله) އެކަލޭގެފާނުގެ މަރުގެ ދާންކޮޅުގައި އޮންނަވައިގެން ވިދާޅުވިއެވެ. ”ޔާ ﷲ! އިބަ ﷲ ދެނެވޮޑިގެންވެއެވެ. މިއަޅާ އިބަ ﷲ އަށް ނުކިޔަމަންތެރިވެފައި ވިޔަސް އިބަ ﷲ އަށް ކިޔަމަންވީ އަޅުންދެކެ މިއަޅާ ލޯބިވީމެވެ. އެހެންކަމުން، މިއަޅާއަށް އިބަ ﷲ އާއި ގާތްކޮށްދޭނެ ކަމެއް ކަމުގައި މިކަން ލައްވާނދޭވެ.!“

މުޖާހިދު (رحمه الله) ވިދާޅުވިއެވެ. ”ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ މީހުން، އެބައިމީހުން އެކަކު އަނެކަކަށް ބަލާ ހިނިތުންވުމުން އެދެމީހުންގެ ފާފަތައް ވެސް ދެމީހުންގެ ކިބައިން ވަކިވެގެންދެއެވެ. ފިނި މޫސުމުގައި ގަހުގެ ފަތްތައް ގަހުން ފައިބައިގެންދާ ފަދައިންނެވެ.“

އަލްޣަޒާލީ (رحمه الله) ނަބިއްޔާ (صلى الله عليه وسلم) ގެ މިބަސްފުޅު، ”އީމާންކަމުގެ އެންމެ ވަރުގަދަ ގުޅުމަކީ ﷲ އަށްޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ރުޅިވެރިވުން“ ޝަރަޙަ ކުރައްވަމުން ވިދާޅުވެފައިވެއެވެ. ”މީގެ ސަބަބުން، ﷲ އަށްޓަކައި އޭނާ ރުޅިއަންނަ މީހަކު ހުރުމަކީ މަޖުބޫރުކަމެކެވެ. އެއީ ﷲ އަށްޓަކައި އޭނާ ލޯބިވާ އަޚުންނާއި ރަޙްމަތްތެރިން ތިބޭ ފަދައިންނެވެ.“

އަބޫ ހުރައިރާ (رضي الله عنه) ވިދާޅުވިއެވެ. ”ޤިޔާމަތް ދުވަހުން، މަތިވެރިވަންތަ ﷲ ތަޢާލާގެ އަތްޕުޅުގެ ދެމެދަށް އަޅާ ގެނެވޭ ހުއްޓެވެ.“ އަދި ﷲ ތަޢާލާ އޭނާއަށް ވަޙީކުރައްވާނެއެވެ. ”ތިމަން ﷲ ގެ އައުލިޔާއިންގެ ތެރެއިން މީހަކު ދެކެ ތިބާ ލޯބިވީމުހެއްޔެވެ؟ އެއިރުން ތިމަން ﷲ ތިބާއާއި އެމީހަކާ ގުޅުވާ ހުށީމެވެ.“

އަލްހަސަން އަލްބަސްރީ (رحمه الله) ވިދާޅުވިއެވެ. ”ފާސިޤަކާއި މެދުގައި ހަރުކަށިވުމުން، ތިބާ މަތިވެރިވަންތަ ﷲ އާއި ގާތްކޮށްދޭނެ އެވެ.“

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons