Tuesday, January 10, 2012

”ޣުރަބާ“ (ބީރައްޓެހިން)


ނަބިއްޔާ (صلّى الله عليه وسلّم) ޙަދީޘް ކުރެއްވިކަމަށް އަބޫ ހުރައިރާ (رضي الله عنه) ގެ އަރިހުން ރިވާ ވެގެންވެއެވެ. ”بَدَأَ الإِسْلاَمُ غَرِيْبًا وَسَيَعُودُ غَرِيْبًا كَمَا بَدَأَ فَطُوبَى لِلْغُرَبَاء“ (މާނައީ:) ”އިސްލާމްދީން ފެށިފައިވަނީ ބީރައްޓެހި ގޮތުގައެވެ. އަދި އެނބުރި ރުޖޫޢަ ވާހުށީ ފެށުނުފަދައިން ބީރައްޓެހި ގޮތުގައެވެ. ބީރައްޓެހިންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ.“


’ޣަރީބީން‘ މިބަސް ނެގިފައިވަނީ ’އަލްޣުރަބާ‘ މިބަހުންނެވެ. މީގައި ދެމާނައެއް އެކުލެވިގެން ވެއެވެ. ފުރަތަމަ މާނައަކީ އެބަހުގެ ޢާންމު މާނައެވެ. އެއީ މީހާކު އެމީހެއްގެ އަމިއްލަ ވަޠަން ނުވަތަ ފަސްގަނޑުން ދުރުގައި ބީރައްޓެއްސެއްގެ ގޮތުގައި އެހެންތަނެއްގައިވާ ވުމެވެ. ދެވަނަ މާނައަކީ އެބަހުގައި އެކުލެވިގެންވާ ޝަރުޢީ މާނައެވެ.

 އެއީ ތިރީގައި މިބަޔާން ކުރާ މާނައެވެ. މީހަކު ދުނިޔޭގެ އެންމެހާ ފިތުނަތަކުން ދުރުވެ އަޅުކަމުގައި ޤާއިމްވެ ހުންނަ މީހާއަކީ އެކަން އެގޮތަށް ނުކޮށް ތިބޭމީހުންގެ ކުރިމަތީގައި ބީރައްޓެހިމީހެކެވެ. މިބީރައްޓެހިކަން ބިނާވެގެންވަނީ އެމީހަކު ވާތަނެއްގެ މައްޗަށެވެ. ބައެއްތަންތަނުގައި އޭނާއަކީ ބީރައްޓެސެއްކަމުގައި އިޙްސާސް ވިޔަސް އަނެއްބައި ތަންތަނުގައި މިގޮތް އިޙްސާސެއް ނުވެއެވެ. ހަމަ އެހެންމެ ބައެއް ވަޤުތުގައި އޭނައަށް ބީރައްޓެހިކަން އިޙްސާސްވިކަމުގައި ވިޔަސް އަނެއްބައި ވަޤުތުގައި އޭނާއަށް ބީރައްޓެހިކަން އިހުސާސް ނުވެދެއެވެ.

’بَدَأَ الإِسْلاَمُ غَرِيْبًا (އިސްލާމްދީން ފެށިފައިވަނީ ބީރައްޓެހި ގޮތުގައެވެ.)‘ މިބުނުމުގެ މާނައަކީ އިސްލާމްދީނުގެ ކުރީ ކޮޅުގައި އެދީނަށް އިޖާބަދީފައިވަނީ ވަރަށްވެސް މަދު މީސްކޮޅެކެވެ. އެއަށްފަހު އެދީން ފެތުރިގެން ދިޔައެވެ. އަދި މީސްތަކުންގެ ފަރާތުން އެކަންތައްތައް ފެންނަމުން ދިޔައެވެ. އެއަށްފަހު ފިތުނަތައް ޢާންމުވެ އެބައިގަނޑު މަދުވެގެން ދެއެވެ.

މިހެންގޮސް ފެށުމުގައިވީ ފަދައިން މަދުމީސްކޮޅަކަށް ވެގެން ދެއެވެ. (އެއީ އެމީހުންގެ ތެރެއިން ޙައްޤުގައި ޘާބިތުތުވާ އެންމެ ޠާހިރު މީހުންނެވެ.)
’فَطُوبَى لِلْغُرَبَاء (ބީރައްޓެހިންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ.)‘ މިބަސްކޮޅުގައިވާ ’طُوبَى ‘މިބަސް މާނަކުރުމުގައި ޢިލްމުވެރިން ޢިޚްތިލާފު ވެވަޑައިގެންފައިވެއެވެ. މިފަދަ ތަފާތު މާނަތަކެއް ވެއެވެ.

އޭގެ ތެރެއިން ބައެއް މާނަ ތަކަކީ: ’އުފާވެރިކަމާއި ލޯތަކަށް ފިނިކަން ހުއްޓެވެ.‘، ’އެބައިމީހުން ހޯދައިގެން ކަންތަކުގެ ރަނގަޅުކަމާއެވެ.‘، ’އެބައިމީހުންނަށް އުފާވެރިކަން ވެއެވެ.‘، ’އެބައިމީހުންނަށް ހެވާއި ބަރަކާތް ހުއްޓެވެ.‘، ’ޖަންނަތެވެ.‘، އަދި ’ޖަންނަތުގައިވާ ގަހެކެވެ.‘، މިއެވެ. މިޙަދީޘްގައި ބަޔާން ކުރެވިފައިވާ ވާހަކަތަކަށް ބަލާއިރު މިއިން ކޮންމެ މާނައެއް ވެސް މުނާސިބެވެ.

އިސްލާމްދީނުގެ ފެށުމުގައި ނަބިއްޔާ (صلى الله عليه وسلّم) ވީހިނދު އިސްލާމްދީނަށް ތަބަޢުވީ ޞަޙާބާ (رضي الله عنهم) އިންގެ މާތްކަން އަހަރެމެންނަށް މިޙަދީޘުން ދޭހަވެގެންދެއެވެ. އެހެނީ ބީރައްޓެހިންގެ ޞިފަތައް އެންމެ ފުރިހަމަޔަށް ނިސްބަތް ކުރެވެނީ އެބޭކަލުންނަށެވެ.

 އެބޭކަލުން ކުރިމަތިލެއްވި އެންމެހާ އިމްތިޙާން ތަކަކީ މަތިވެރި ނަމޫނާ ތަކެކެވެ. ޝިރުކާއި ފިތުނަތައް ޢާންމުވެ ފެތުރިފައިވީ މުޖްތަމަޢުއެއްގައި ވާނޭ އެންމެހާ ފިތުނަތަކާއި ކުރިމަތިވެލެއްވިއެވެ. މިއަދުގެ ދުނިޔަ އިޔާދަ ވަމުން މިދަނީ މިފަދަ މުޖްތަމަޢުއަކަށެވެ.

 ޝިރުކާއި އެންމެހާ ފަސާދަތައް ޢާންމުވެފައިވެއެވެ. ޙައްޤު ބާޠިލް ކަމުގައި ވެފައިވެއެވެ. އަދި ބާޠިލް ޙައްޤުކަމުގައި ވެފައިވެއެވެ. ﷲ ތަޢާލާގެ ޝަރީޢަތް އެއްލާލެވިފައިވީ ހިނދު އިންސާނުން އެބައިމީހުންގެ އަމިއްލައަތުން ހަދާފައިވާ (ޑިމޮކްރަސީ ފަދަ) ޤާނޫނުތައް އެންމެ ޤަދަރުވެރި އިސް އެއްޗެއް ކަމުގައި ވެފައިވެއެވެ. މުސްލިމުންކަމަށް ދަޢުވާ ކުރަމުން އަންނަ އެތައް ބަޔަކު، ކުއްފާރުންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މުޖާހިދުންނަށް ކުރާ ނަފުރަތު، މުސްލިމުން ޤަތުލުކޮށް މަރަމުންދާ އަނިޔާވެރި ޔަހޫދީންނަށް ކުރާ ނަފުރަތައްވުރެ ބޮޑެވެ.

 ނަބިއްޔާ (صلى الله عليه وسلّم) ގެ ސުންނަތުންވާ ކަންތައްތައް ބަލާ އެގޮތަށް ޢަމަލުކުރުމަށް މަސައްކަތްކުރުމަކީ ވެސް، ބީރައްޓެހިންގެ އަޖުރު ލިބިގަތުމަށް އެދޭ މުއުމިން އަޅާގެ ޞިފައެކެވެ. އެއީ އެހެން މީހުން އެކަންކަމަށް ނަފުރަތު ކުރިކަމުގައި ވިޔަސް މެއެވެ. އެންމެ ރަނގަޅު މަތިވެރި ގޮތަކީ ޙައްޤުގައި ޘާބިތުވުމެވެ. މީސްތަކުންގެ ބޮޑު ބައިގަނޑު އެގޮތަކަށް ތަބަޢުވާ ގޮތްތަކަށް ތަބަޢުވުމެއް ނޫނެވެ.

”وَإِنْ تُطِعْ أَكْثَرَ مَنْ فِي الأرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ إِنْ يَتَّبِعُونَ إِلا الظَّنَّ وَإِنْ هُمْ إِلا يَخْرُصُونَ “
”އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެބައިމީހުން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެއެވެ. އެބައިމީހުން ހީއަކަށް ނޫނީ ތަބަޢުއެއް ނުވެއެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެބައިމީހުން ނުވެއެވެ.“
(ސޫރަތުލް އަންޢާމް 116)

ބީރައްޓެއްސަކަށް ލިބޭ އަޖުރާއި އޭނާގެ މަޤާމް މަތިވެރިވެގެންވެއެވެ. ބީރައްޓެއްސެއް ދީނުގައި ބީރައްޓެހި މީހަކަށް ވަނީ އޭނާ ޙައްޤުގައި ހިފާ އެކަމުގައި ޘާބިތުވާވުމުގެ ސަބަބުންނެވެ. އަދި އެބައިމީހުންނީ މުޖްތަމަޢުގައި އެފަދަ މީހުންގެ ޢަދަދު މަދު މީހުންނެވެ.

 އެބައިމީހުންގެ ޤަބޫލުރުންތަކާއި، ޠަބީޢަތާއި، އުޅުމާއި އަދި ބޭރުފުށުގެ ސޫރަ (އެބަހީ ހެދުން އަޅާ ގޮތާއި އަދި މިފަދަ އެހެނިހެން ކަންތައްތައް) އާދަޔާ ޚިލާފުކަމަށް ފެންނާނެއެވެ. އެހެންކަމުން އޭއީ ބީރައްޓެހިންނެވެ. އެހެންކަމުން ބީރައްޓެހިންނަކީ އުންމަތުގެ ހެޔޮ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނެވެ.

ބައެއް ޙަދީޘްތަކުގައިވާ ގޮތުން ބީރައްޓެހިންގެ މާނައަކީ ފިތުނަތައް ޢާންމުވެ މީސްތަކުން މަގުފުރެދިފައިވާ ހިނދު ޙައްޤުގައި ޘާބިތުވެގެންވާ މީހާއެވެ. އެއީ ބާޠިލުކަމާއި މަގުފުރެދުން އެއްވެސް މައްސަލައެއް ނޫންކަމުގައިވެފައިވާ ޒަމާނެވެ.

 އަދި އެބައިމީހުންނީ މީސްތަކުން ހަލާކުކޮށްފައިވާ ދީން އަލުން އަނބުރާ (އޭގެ އަޞްލަށް) އިޔާދަ ކުރާ މީހާގެ ގޮތުގައިވެސް މާނަކުރެވެއެވެ. މުއުމިން އަޅާގެ މައްޗަށް މަތީގައިވާ ބީރައްޓެހިންގެ މާނަ ނިސްބަތް ކުރަންބޭނުން ނަމަ ހަމައެކަނި ހިތުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެއް ނުފުދެއެވެ. އެހެންނަމަވެސް އިންސާނާ ހަލާކުކޮށްފައިވާ މިދީން އަނބުރާ އިޔާދަ ކުރުމަށްޓަކައި ޙިކްމަތްތެރި، ރިވެތި، ލޮބުވެތި އަދި ޘާބިތުކަން ބޮޑުގޮތުގައި މަސައްކަތްކުރަން ޖެހެއެވެ.

 މިބައިމީހުންނީ ދީނުގެ ދަޢްވަތު ފެތުރުމަށާއި ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީ ކުރުމަށާއި ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ތިބި މީހުންނެވެ. މީސްތަކުންގެ ބޮޑު ބައިގަނޑު އެމީހުންނަށް ނަފުރަތުކޮށް ރުޅިއެރި ކަމުގައި ވިޔަސްމެއެވެ.

 މިބައިމީހުންނީ، ދުނިޔޭއާއި އޭގައިވާހާތަކެއްޗެއް (އަދި މީސްތަކުންގެ ތެރެއިން އެމީހުންގެ އެންމެ ގާތް މީހުންވެސް) ވަނީ އެބައިމީހުންނާއި ދެކޮޅަށްކަން އިހުސާސްވާ މީހުންނެވެ.

މިބައިމީހުން ދެނެގަތުމަށްޓަކައިވާ އެންމެ ފުރިހަމަ މިޘާލަކީ ޢަލީ (رضي الله عنهم) ގެ މިވިދާޅުވުމެވެ. ”މިސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮ ރަނގަޅު މީހުން ދެނެގަތުމަށް ބޭނުންކަމުގައިވާނަމަ، ކުއްފާރުންގެ ތީރު އަމާޒު ކުރެވޭތަނެއް (ކުއްފާރުންގެ އަމާޒުތައްވަނީ ކޮންބަޔަކަށްތޯ) ބަލާށެވެ.“

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons