އެއް ދުވަސްވަރެއްގައި ވަރަށް މުދާވެރި ޞޯލިހް މީހަކު އުޅުނެވެ. އޭނާގެ މިލްކިއްޔާތުގައި ބޮޑޫވެގެންވާ ބަގީޗާއެއް ވިއެވެ. އެބަގީޗާވަނީ މޭވާ އަޅާ ފެހި ގަސްތަކުން ފުރިފައެވެ.
ގަސްތަކުގައި މޭވާ އަޅާ ދޮންވެ ފައްކާ ވުމުން އެ މޭވާތަކުން ބައެއް، ފަގީރުންގެ މެދުގައި މިމީހާ ބަހާލައެވެ. މި ފަގީރު މީހުން އެމީހުންނަށް ވާ ބައި ލިބިގަތުމަށް ކޮންމެ މޫސުމެއްގައިވެސް ބަގީޗާ ދޮށަށް އެއްވެއެވެ.
ﷲ ތަޢާލާ އޭނާގެ މި ޞޯލިޙް ޢަމަލަށް ރުހިވޮޑިގަތެވެ. ﷲ ތަޢާލާ އެއިލާހުގެ ދީލަތިވަންތަކަމުން އޭނަގެ ބަގީޗާއަކީ ކޮންމެ މޫސުމެއްގައިވެސް ވަރަށް ރަގަޅަށް ހެދޭ ބަގީޗާއެއް ކަމުގައި ލެއްވިއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ގެ މަގުގައި ހޭދާ ކުރާ މީހާއަށް އެކަމުގެ ހެޔޮޖަޒާ ދުނިޔެއާއި އާޚިރަތުގައި ވެސް ލިބިގެން ދެއެވެ.
މިމީހާގެ ދަރިން ވިއެވެ. އެކުދިންނަކީ ބައްޕަ ފަދައިން އެހާ ޞޯލުހް ބައެއް ނޫނެވެ. މި ޞޯލިހް މީހާ މަރުވުމުން އޭނާގެ ދަރިން ބަގީޗާޔާ ބެހޭ ގޮތުން އެކަކު އަނެކަކާއި މަޝްވަރާ ކުރަމުން، އެމީހުންގެ ބައްޕަ އަކީ އެހާ ޙިކުމަތްތެރި މީހެއް ނޫންކަމުގައި ބުންޏެވެ. ރަނގަޅު ދިރި އުޅުމެއް ހޯދައިގަތުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން އެމީހުންގެ ބައްޕައަށް ނުވިސްނޭ ކަމުގައި މިކުދިން ބުންޏެވެ. އެމީހުންގެ ބައްޕަ އޭނާގެ އާދައިގެ މަތިން ކޮންމެ މޫސުމެއްގައިވެސް އަޅާ މޭވާ އިން ބައެއް ފަގީރުންގެ މެދުގައި ބަހަމުން އައިފަދައިން، އެކަން އެގޮތަށް ކުރުމަކީ މިކުދިން މާ ގަޔާވާ ކަމެއް ކަމުގައެއް ނުވިއެވެ. އެމީހުންނަށް ވިސްނުނު ގޮތުގައި ފަގީރުންނަށް ބައެއް ދިނުމުން އެމީހުން ކުރަމުން އައި ހުރިހާ ބުރަ މަސައްކަތެއް ބޭކާރު ގޮތުގައި ދިޔައީއެވެ.
އެތަނުން އެއްކުއްޖަކު ވަރަށް ކަންބޮޑުވެފައި ވިސްނަމުން ދިޔައެވެ. ކުރިއަށް އޮތް މޫސުމުގައި ފަޤީރުންތައް އެބައިމީހުންނަށް ވީ ބައި ބަލާ އައުމުން އެމީހުންނަށް ދޭނީ ޖަވާބަކާއިމެދުގައެވެ. ހުރިހާ ކުދިން މިކަމަށް ހައްލެއް ހޯދާނެ ގޮތަކާއި މެދު ވިސްނަމުން ދިޔައެވެ.
އެމީހުންނަށް މީހުން ކުރަމުން އަންނަ އިޙްތިރާމާއި ޤަދަރު ގެއްލިދާނެކަމަށް ވެސް މިކުދިން ކަންބޮޑުވަމުން ދިޔައެވެ. އެހެނަސް ﷲ ތަޢާލާގެ ނުރުއްސެވުމާއި މެދު މިކުދިން ބިރުވެތިއެއް ނުވެއެވެ. އެތަނުން އެއްކުއްޖަކު ޚިޔާލު ދިނީ، މޭވާތައް ރޭގަނޑުގައި ގަސްތަކުން ބިނދެ، އިރުއަރަން ވާއިރަށް ގަސްތައް ހުސްކޮށްފައި ބަހައްޓާނީ ކަމުގައެވެ. އޭރުން ފަޤީރުންތައް އަންނަ އިރު އެއްވެސް އެއްޗެއް ނެތުމުން އެމީހުންގެ ބައި ދިނުމަށް ނުބުނެވޭނެ ކަމުގައެވެ.
މި ޚިޔާލަށް ހުރިހާ ކުދިން އެއްބަސް ވިއެވެ. އެކުދިންގެ ހިތްތަކުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމުގެ ސަބަބުން އެމީހުން ނިންމި ނިންމުން، އެގޮތަށް ކުރަން ބުނި އިރުގައި "އިންޝާ ﷲ " (ﷲ އިރާދަ ކުރައްވިއްޔާ) އޭ ބުންނަން ވެސް ހަދާން ނެތުނީއެވެ.
إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ (١٧)وَلا يَسْتَثْنُونَ (١٨)
... އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. އަދި އެއުރެން استثناء އެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّه އޭ ނުބުނެތެވެ.)
(ސޫރަތުލް ޤަލަމް 17-18)
މުސްލިމަކު އޭނާ ކުރަން އުޅޭ ކަމެއް ކުރަން އުޅޭ ވާހަކަ ބުނާ އިރު އިންޝާ ﷲ އޭ ނުބުނެފި ނަމަ ﷲ ތަޢާލާ އޭނާގެ އެ ބޭނުން ނުފުދަވާދެއްވަ ފާނެއެވެ. އެހެނަސް އެބައިމީހުންގެ ހިތްތަކުގައި އީމާންކަން ނުވާ މީހުން މިކަން ހަދާނެއް ނުހުރެއެވެ.
ﷲ ތަޢާލާ އީ ހުރިހާ ކަމަކަށް ގަދަ ކީރިތިވަންތަ އިލާހެވެ. އެއިލާހުގެ ކުޅަދުންވަންތަ ކަމާއި ގަދަ ކީރިތި ވަންތަ ކަމުގައި އެއްވެސް ހައްދެއް ނުވެއެވެ. ހުރިހާ ކުދިން ނިދަން ދިޔައީ ފަތިހާ ތެދުވެ މޭވާތައް ބިނދެ އެއްކުރުމުގެ ނިޔަތުގައެވެ. އެހެނަސް ﷲ ތަޢާލާގެ އިރާދަފުޅުން،
فَطَافَ عَلَيْهَا طَائِفٌ مِنْ رَبِّكَ وَهُمْ نَائِمُونَ (١٩)
ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ.
(ސޫރަތުލް ޤަލަމް 19)
ހެދުނު ހެދުނާ އެކުދިން ތެދުވެ އަވަސް އަރުވާލާފައި މޭވާތައް ބިންނަން ދާން އުޅުނެވެ.
فَتَنَادَوْا مُصْبِحِينَ (٢١)أَنِ اغْدُوا عَلَى حَرْثِكُمْ إِنْ كُنْتُمْ صَارِمِينَ (٢٢)فَانْطَلَقُوا وَهُمْ يَتَخَافَتُونَ (٢٣)أَنْ لا يَدْخُلَنَّهَا الْيَوْمَ عَلَيْكُمْ مِسْكِينٌ (٢٤)
ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ. މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް މިސްކީނަކު ވަނަދީގެނެއް ނުވާނެތެވެ. އަދި ފަޤީރުންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ ޤަޞްދުގައި ހެނދުނާ އެއުރެން ދިޔައޫއެވެ.
(ސޫރަތުލް ޤަލަލް 21-24)
އެކުދިން ބަގީޗާޔާ ދިމާލަށް ހިނގަމުން ދިޔައިރު، ﷲ ތަޢާލާ އިރާދަ ކުރައްވާފައިވަނީ އެމީހުން އެދޭ ގޮތް ނޫން އެހެން ގޮތަކަށް ކަމެއް އެމީހުންނަކަށް ނޭގެއެވެ. އެހެނީ އެބަގީޗާ،
وَغَدَوْا عَلَى حَرْدٍ قَادِرِينَ (٢٥)
... އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ.
(ސޫރަތުލް ޤަލަމް 25)
އެހެންކަމުން އެކުދިންނަށް ބަގީޗާ ހުރި ހާލު ފެނުމުން އެއީ އެކުދިންގެ ބަގީޗާ ނޫންކަމުގައި ބުނެހެދިއެވެ. އަދި އެކުދިންގެ ބަގީޗާއަށް ދާން އޮންނަ މަގު އޮޅިގެން ނުބައި ބަގީޗާއަކަށް އާދެވުނީ ކަމުގައި ވެސް ބުންޏެވެ. އެހެނަސް އެކުދިންނަށް އެއީ އެކުދިންގެ ބަގީޗާކަން ޔަގީންވި ހިނދު ހަމަހިމޭން ވިއެވެ. ހިނދުކޮޅެއްގެ ތެރޭ އެކުދިންނަށް ކަން މިވީގޮތް ވިސްނި ހިތާމަ ކުރަން ފެށިއެވެ.
فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ (٢٦)بَلْ نَحْنُ مَحْرُومُونَ (٢٧)قَالَ أَوْسَطُهُمْ أَلَمْ أَقُلْ لَكُمْ لَوْلا تُسَبِّحُونَ (٢٨)
ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محروم ވެގެންވާ ބަޔަކީމުއެވެ. އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟
(ސޫރަތުލް ޤަލަމް 26-28)
އެކުއްޖާ އެހެން ކުދިންނަށް މިކުރަން އުޅުނު ކަންތަކާ ދެކޮޅަށް ނަސޭހަތްތެރި ވަމުން ދިޔައެވެ. އެހެނީ އެކުދިންގެ މޭވާތަކުން ޞޮދަޤާތް ނެރޭނަމަ އެމޭވާތައް އިތުރުކޮށްދެއްވާނެ ފަރާތަކީ ހަމައެކަނި ﷲ އެވެ. މިކުރެވުނު ނުބައި ޢަމަލާއި މެދު ހުރިހާ ކުދިން ހިތާމަކުރިއެވެ. އެކުދިން އެކަކު އަނެކަކަށް ބަލަމުން ބުންޏެވެ.
قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ (٢٩)
އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ.
(ސޫރަތުލް ޤަލަމް 29)
ދެން ހުރިހާ ކުދިން ﷲ ތަޢާލާގެ ހަޟްރަތުން ފާފަ ފުއްސެވުމަށް އެދުނެވެ.
قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ (٣١)عَسَى رَبُّنَا أَنْ يُبْدِلَنَا خَيْرًا مِنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ (٣٢)
އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمة އެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ.
(ސޫރަތުލް ޤަލަމް 31-32)
އަހަރުމެންނަށް ލިބިގެންވާ އެއްޗަކުން ބޭނުންޖެހިފައިވާ މީހާޔަށް ދިނުމަކީ ﷲ ތަޢާލާ ނުހަނު ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް ބަނޑުހައި ހޫނުކަމުގެ އިހުސާސްވެސް ވަނީ ރަމަޟާން މަހުގައި އެކަންޏެވެ. އެހެނަސް ކޮންމެ ދުވަހަކު ބަނޑުހައި ހޫނުކަންމަތީ ހޭދަ ކުރާ މީހުންވެސް ވެއެވެ.
އަހަރުމެންނަކީ މިހާރަށް ވުރެ ދީލަތި ބަޔަކު ކަމުގައި ވަމާ ހެއްޔެވެ. އަދި އަހަރުމެންގެ މުދަލުން ބޭނުން ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދެމާ ހިނގާހެއްޔެވެ. އަހަރުމެންގެ މުދަލުން ހޭދަކުރުމަކުން އަހަރުމެންގެ މުދަލުން އެއްވެސް އެއްޗެއް ގެއްލިގެން ނުދާ ހުއްޓެވެ. އެހެނަސް އަހަރުމެންނަށް ވާނީ އިތުރެވެ.
0 comments:
Post a Comment