ޑީޕީއާރްއެސްގެ އެއްވެސް މުވައްޒަފަކަށް ތުނބުޅި ބާލަން ނޭންގޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިގޮތަށް އެންގީ މާފުށީ ޖަލުގައި ވަޒީފާ އަދާކުރާ ޑީޕީއާރްއެސްގެ މުވައްޒަފުން ތުނބުޅި ބޭލުމަށް އަންގާފައި ވާތީ، އެ މައްސަލަ ބެލުމަށް ފަހު އެވެ.
އެ ކޮމިޝަންގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓްގައިވާ ގޮތުން ދިވެހިރާއްޖޭގައި އިސްލާމްދީނާ ހިލާފް އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ވެސް ނެހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވެ އެވެ. އަދި ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގެ ދެވަނަ މަސްދަރު ކަމުގައިވާ ރަސޫލާގެ ސުންނަތުގެ ތެރޭގައިވާ ކަމެއް ކަމުން ތުނބުޅި ބޭލުމަށް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނޭންގޭނެ ކަމަށާއި މިފަދަ ކަންކަމަށް ފުރުސަތު އޮންނަންވާނެ ކަމަށެވެ. އަދި ޣައިރު މުސްލިމް ގައުމުތަކުގައި ވެސް މުސްލިމުންނަށް މިފަދަ ފުރުސަތު ދީފައިވާ ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މާފުށީ ކޯޓުން ވެސް ވަނީ ޑީޕީއާރްއެސްގެ މުވައްޒަފުން ތުނބުޅި ބޭލުމަށް ނޭންގޭނެ ކަމަށް ހުކުމްކޮށްފަ އެވެ. އެ މައްސަލަ މިހާރު ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައި ކޯޓުގައި އޮތެވެ.
އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލަ މާފުށީ ކޯޓަށް ހުށަހެޅިއިރު ދައުވާ ލިބޭ ފަރާތެއްގެ ގޮތުގައި އޮތީ މުހައްމަދު ޝާހީން އަލީ ކިޔާ މީހަކު ކަމަށާއި އެހެން ނަމަވެސް ހުކުމްކޮށްފައި ވަނީ ޑީޕީއާރްއެސްގެ މައްޗަށް ކަމަށާއި އެ މައްސަލައިގައި ދައުވާ އަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ޑީޕީއާރްއެސް އަށް ނުދީ މައްސަލަ ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލަ މާފުށީ ކޯޓަށް ހުށަހެޅި ހަސަން ނިއުޝާދުގެ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ ދައުވާކޮށްފައި ވަނީ ޑީޕީއާރްއެސްގެ މައްޗަށް ކަމަށާއި ޝާހީން ކިޔާ މީހަކު ހާޒިރުކޮށްފައި ވަނީ ޑީޕީއާރްއެސްއިން އެފަދަ އެންގުމެއް އެންގި ކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި އޭނާ ވަނީ ދައުވާ ފޯމް ވެސް ޝަރީއަތަށް ހުށަހަޅައިފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމަކަށް މުހައްމަދު ޝާހީން އަލީ ހާޒިރު ކުރައްވާނެ ކަމަށެވެ.
މީގެ ކުރިން މި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދުމުން އެ މިނިސްޓްރީން ވެސް ބުނެފައި ވަނީ ތުނބުޅި ބެހެއްޓުމަކީ ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއް ކަމަށާއި ތުނބުޅި ބެހެއްޓުމަކީ ފިރިހެނުންގެ ޒީނަތްތެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދުނިޔޭގެ ބޮޑެތި އިލްމުވެރިން ވިދާޅުވާ ކަމަށެވެ. އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީން ފޮނުވި ޖަވާބުގައި ތުނބުޅި ބާލަން ނޭންގޭނެ ކަމަކަށް ބުނެފައެއް ނުވެ އެވެ.
0 comments:
Post a Comment