ﷲއަށާއި އެއިލާހުގެ
އާޔަތްތަކަށާއި އެއިލާހުގެ ރަސޫލާއަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ
ބިރުހުރިކަމެކެވެ. އެއީ އެކަމިގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި
އެމީހަކަށް ޢުޤޫބާތް ލިބޭނޭކަމެކެވެ. މިގޮތުން ތާރީޚުގެ ތެރެއިން
އިސްލާމްދީނަށް ފުރައްސާރަކޮށްއުޅުނުމީހުންގެ ބައެއް މިސާލުތައް
ޢިބުރަތަކަށްޓަކައި ބަޔާންކޮށްލަމެވެ.
1. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَلَئِنْ
سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ
أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ * لا
تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ إِنْ نَعْفُ عَنْ
طَائِفَةٍ مِنْكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ))
التوبة: 65-66
މާނައީ: “ހަމަކަވަރުން، ކަލޭގެފާނު، އެބައިމީހުންނާ
ސުވާލުކުރައްވައިފިނަމަ، އެބައިމީހުން ދަންނަވާނެކަން ކަށަވަރެވެ.
ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު
ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ!
ތިޔަބައިމީހުން ތިޔަ
މަލާމާތްކޮށް އުޅުނީ، ﷲއާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް
ހެއްޔެވެ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ!
ތިޔަބައިމީހުން
އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފަރުވެފައިކަން ކަށަވަރެވެ.
ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ ޢަފޫކުރެއްވިޔަސް،
އަނެއްބަޔަކަށް ތިމަންރަސްކަލާނގެ ޢަޛާބުދެއްވަމެވެ. އެއީ ހަމަކަށަވަރުން،
އެބައިމީހުން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.” މިއާޔަތް
ބާވާލެއްވުނު ސަބަބެއްކަމުގައި ވެފައިވަނީ ﷲއާއި، އެއިލާހުގެ
އާޔަތްތަކަށާއި، އެއިލާހުގެ ރަސޫލާއަށް ބަޔަކު މަލާމަތްކުރުމުގެ
ސަބަބުންނެވެ.
ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތަބޫކު
ހަނގުރާމައަށް ކުރި ދަތުރުގައި، އެއްދުވަހަކު މީހަކު މަޖިލިސެއްގައި
ބުންޏެވެ. “ތިމަންމެންގެ މިތިބަ ޤާރީވެރިން ފަދަ ބަޔަކު ތިމަންމެން
ނުދެކެމެވެ.
އަދި މިބޭފުޅުން ފަދަ ބަނޑުތައްފުޅާ ގިނައިން ކާ ބަޔަކުވެސް
ނުދެކެމެވެ. އަދި މިބޭކަލުން ފަދަ ދޮގުވެރި ދޫތަކެއްގެ ވެރި ބަޔަކުވެސް
ތިމަންމެން ނުދެކެމެވެ. އަދި މިބޭކަލުން ފަދަ (ކާފަރުންނާ) ބައްދަލުކުރާ
ވަގުތު ފިނޑި ބަޔަކުވެސް ތިމަންމެން ނުދެކެމެވެ.” ފަހެ، އެމަޖިލީހުގައި
އިން ބޭކަލަކު ވިދާޅުވިއެވެ. “ކަލޭ ތިހެދީ ދޮގެކެވެ. އެހެނެއްކަމަކު ކަލޭތީ
މުނާފިޤެކެވެ. ތިމަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތިޚަބަރު
ދޭހުށީމެވެ.” ފަހެ، އެޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް
ފޯރައިފިއެވެ. އަދި ޤުރުއާން ބާވާލެއްވުނެވެ. (އެބަހީ، މިއާޔަތް
ބާވާލެއްވުނެވެ.)
ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ
ޢަންހު ވިދާޅުވިއެވެ. ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ
ޖަމަލުކޮޅުގެ ވާގަނޑުގައި އެމީހާ އެލިގެން ވަނިކޮށް ތިމަން ދެކުނީމެވެ.
އަދި ހިލަތަކުމަތީ އޭނާ ދެމެމުން ދެއެވެ. އޭނާ އެހިނދު ބުނަމުން ދިޔައެވެ.
“އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި
ވާހަކަދައްކާލައި، ކުޅިވަރު ކުޅެލީއެވެ.” އަދި ނަބިއްޔާ ޞައްލަﷲ
ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވަމުން ގެންދެވިއެވެ.
“ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، ﷲއާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟”
(أخرجه الطبري في تفسيره وابن حاتم في تفسيره بسند حسن – انظر: الإستيعاب
في بيان الأسباب 2/287) މިއާޔަތުގައި ﷲ އެބަޔާންކުރައްވާފައިވަނީ
ޞަޙާބީންނަށް ފުރައްސާރަކޮށް މަލާމަތްކުރުމަކީ ﷲއަށާއި އެއިލާހުގެ
އާޔަތްތަކަށާއި އެއިލާހުގެ ރަސޫލާއަށް މަލާމާތްކުރުންކަމުގައެވެ.
2. “ބުސްތާނުލް ޢާރިފީން” އޭ
ކިޔުނުފޮތުގައި އިމާމް އަންނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
އަބޫދާވުދު އައްސިޖިސްތާނީ ވިދާޅުވިއެވެ. ޙަދީޘްގެ ޢިލްމުވެރިންގެ މަޖިލީހުން ދުރުކުރެވިފައިވާ މީހަކުވިއެވެ. މިމީހާއަށް ((إِنَّ
الْمَلاْئِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضًا بِمَا
يَصْنَعُ)) (މާނައީ: ހަމަކަށަވަރުން މަލާއިކަތްބޭކަލުން އެބޭކަލުންގެ
ފިޔަފުޅުތައް ކިޔަވާ ކުއްޖާއަށްޓަކައި، އެކުއްޖާއެކުރާ ކަންތަކަށް ރުއްސަވާ
ޙާލު، ފަތުރައިލައްވައެވެ.) މިޙަދީޘް އިވުމުން މީނަގެ ކައިރިއަށް
ދަގަނޑު މޮހޮރުތަކެއް ޖެހިއެވެ. އަދި ބުންޏެވެ.
“ތިމަން ބޭނުންވަނީ
މަލާއިކަތްބޭކަލުންގެ ފިޔަފުޅުތައް ބިމުގައި ހަރުކުރާށެވެ.” ފަހެ، އެމީހާގެ
ފައިކާ ސޫފިތަކެއްގެ މުޞީބާތް ޖެހުނެވެ.
3. ހަމައެފަދައިން، އެފޮތުގައި
އިމާމް އަންނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އަބޫޔަޙުޔާ ޒަކަރިއްޔާ
ބުން ޔަޙުޔާ އައްސާޖީ ރަޙިމަހުﷲ ވިދާޅުވިއެވެ. ތިމަންމެން
ބަޞަރާގެ މަގުތަކުގައި މުޙައްދިޘުންގެ ގޭގެދޮރުތަކުގެ ކައިރިއަށް
ގޮސްއުޅުނީމެވެ. ތިމަންމެންގެ ހިނގުން އަވަސްކޮށްލީމެވެ. އެހިނދު
ބައިގަނޑުގެ ތެރޭގައި ހުރި ދީނާމެދު ލަދުހަޔާތްކުޑަމީހަކު
މަލާމާތްކުރާމީހަކު ފަދައިން ބުންޏެވެ.
“ތިޔަބައިމީހުންގެ ފައިތައް
މަލާއިކަތްބޭކަލުންގެ ފިޔަފުޅުތަކު މަތިން އުފުލާށެވެ. އެފިޔަފުޅުތައް
ބިންދައިނުލާށެވެ.” ހަމައެހިނދު އެމީހާގެ ފައި ހުރިތަނުން ގުޑުވައިނުލެވި
ބިންމައްޗަށް ވެއްޓުނެވެ. މިމީހާ މިފަދައިން ބުނެފައިވަނީ ކުރިން ދެންނެވުނު ޙަދީޘަށް މަލާމާތްކުރުމުގެ ގޮތުންނެވެ.
4. “ބިދާޔާ ވަންނިހާޔާ” ކިޔުނު ފޮތުގައި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އިބްނު ޙާލިކާން ނަޤުލުކުރެއްވިއެވެ. “ތިމަންމެނާހަމައަށް
ބަޞަރާގައި އުޅުނު އަބޫއުސާމާ ކިޔާމީހެއްގެ ވާހަކަ ފޯރާފައިވެއެވެ.
އެނާއަކީ ގޮތެއްފޮތެއްނުހުންނަ ލަދުކުޑަމީހެކެވެ. އެމީހާގެ ގާތުގައި
ދަތްއުނގުޅަށް ގެންގުޅޭ ސިވާކުގެ ވާހަކައާއި އެކަމުގެ މަތިވެރިކަމުގެ
ވާހަކަ ކިޔައިދެވުމުން ބުންޏެވެ. “ﷲ ގަންދީފަބުނަމެވެ.
ތިމަން ސިވާކުން
ފުރަގަސްފަރާތް މެނުވީ ނޫނގުޅާނަމެވެ.” އެއަށްފަހު ސިވާކެއްނަގާފައި އޭނަގެ
ފުރަގަސްފަރާތަށް ލުމަށްފަހު ނަގައިފިއެވެ. މިގޮތުން އެމީހާ
ނުވަމަސްދުވަހަށްފަހު ބަނޑުގައާއި ފުރަސްގަސްފަރާތުގައި ރިއްސަން ފެށިއެވެ.
އަދި ފުރަގަސްފަރާތުން މީދާ ވައްތަރުގެ އެއްޗެއް ނުކުތެވެ. އޭގައި ހަތަރު
ފައިވެއެވެ. އަދި އޭގެ ބޯ ހީވަނީ މަހެއްގެ ބޯހެނެވެ. އަދި އޭގައި ހަތަރު
ފޭރާދަތް ނުކުމެފައިވެއެވެ.
އަދި އޭގައި ދިގު ނިގުލެއް ވެއެވެ. އަދި އޭގެ
(ކޮންމެ ފައެއްގައި) ވަނީ ހަތަރު އިނގިއްޔެވެ. އަދި އޭގެ
ފުރަގަސްފަރާތްހުރީ މުސަޅުގެ ފުރަގަސްފަރާތެކޭ އެއްގޮތަށެވެ. އޭތި
ރަނގަޅަށް ނުކުތުމާއެކު ތިން ފަހަރަށް ހަޅޭއްލަވައިގަތެވެ. އެމީހާގެ
އަންހެން ދަރިފުޅެއް އައިސް އެއަޖައިބުކުރުވަނިވި ޖަނަވާރުގެ ބޮލުގައި
ޖަހައި މަރާލިއެވެ. މިޙާދިސާއަށްފަހު، ދެދުވަސްފަހުން، ތިންވަނައަށްވީ
ދުވަހު އެމީހާ މަރުވެއްޖެއެވެ. އެމީހާ ގޮވާކަމުގައިވިއެވެ. “މިޖަނަވާރު
ތިމަން ޤަތުލުކޮށްލައިފިއެވެ. އަދި ތިމަންގެ ގޮހޮރު
ބުރުބުރިކޮށްލައިފިއެވެ.”
މިވާހަކަގެންނެވުމަށްފަހު އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެހިސާބުގަނޑުގެ
ވަރަށް ގިނަމީހުންނާއި، ޚުޠުބާތައް ދީއުޅޭމީހުން މިޙާދިސާ ދެކުނެވެ.
އެއިގެ ތެރެއިން ބައެއްމީހުން އެޖަނަވާރު ދިރިއޮއްވާ ދެކުނެވެ.
އަނެއްބަޔަކު އޭތި މަރުވެފައި އޮއްވާ ދެކުނެވެ.”
ބަޔާންވެގެން މިދިޔައީ ﷲ
ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތައް މަލާމާތްކުރުމުގެގޮތުން ބަސްތައްބުނެ
އުޅުނުމީހުންގެ ބައެއް މިސާލުތަކާއި އެބައިމީހުންނަށް ލިބުނު
ނިކަމެތިކަމެވެ. މިފަދަ ވާހަކަތަކުން އަޅުގަނޑުމެން ޢިބުރަތްލިބިގަނެ،
މިނުބައި ޢަމަލުން ދުރުވާންޖެހެއެވެ. އަޅުގަނޑުމެންގެ ނަޒަރުގައި ކުދިކުދި
މަޖަލަށްކޮށްލާކަމަކީ ﷲގެ ޙަޟްރަތުގައި ބޮޑުވެގެންވާކަމެއްކަމުގައި
ވެދާނެކަން ދެނެގަންނަންޖެހޭނެއެވެ. ނޭނގޭޙާލު، ﷲއަށާއި، އެއިލާހުގެ
އާޔަތްތަކަށާއި، އެއިލާހުގެ ރަސޫލާއަށާއި، އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަށް
ބަސްތައްކިޔައިއުޅުމަކީ ބިރުހުރިކަމެކެވެ.
ހިތާމަޔަކީ ކަމުގެ އޮތްގޮތް
ބަލާލުމެއްނެތި ދީނީ ކަންކަމަށް ހަޖޫޖަހާކަމެވެ. ﷲގެ ޙައްދުތަކަށެވެ.
އެއިލާހުގެ ޙުކުމްފުޅުތަކަށެވެ. އެއިލާހުގެ ނަބިއްޔާގެ ސުންނަތަށެވެ. ތިމާ
ޢަމަލުނުކުރާހާ ހިނދު މަޑުހުރުންވެސް ހަޖޫޖެހުމަށްވުރެ މާރަނގަޅުވާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހިދާޔަތްދައްކަވައި އެހިދާޔަތުގައި ޘާބިތުވުމުގެ ތަވްފީޤު ދެއްވާށި!
0 comments:
Post a Comment