Wednesday, January 4, 2012

ދެފަހަރު މަރުވުމާއި ދެފަހަރު ދިރުން


 ﷲ تعالى އަހަރެމެންނަށް ދެފަހަރު މަރުވުމާއި ދެފަހަރު ދިރުން ދެއްވާކަމަށް ޤުރުއާނުގައި ވާރިދުވެގެން އައިސްފައިވެއެވެ.
ﷲ تعالى ވަޙީ ކުރައްވާފައިވެއެވެ.
كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ
މާނައީ: "ތިޔަބައިމީހުން ﷲ އަށް ކާފިރުވެގަންނަނީ، ކޮންގޮތަކުން ހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔަކު ގޮތުގައި ތިއްބައި، ފަހެ އެއިލާހު ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެއިލާހުގެ ތިޔަބައިމީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން (ޤިޔާމަތް ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން އިލާހުގެ ހަޞްރަތަށް ތިޔަބައިމީހުން ރުޖޫޢު ކުރައްވާނެތެވެ." (ސޫރަތުލް ބަޤަރާ: 28)
އަދިވެސް ﷲ تعالى ވަޙީ ކުރައްވާފައިވެއެވެ.
قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَى خُرُوجٍ مِنْ سَبِيلٍ
މާނައީ: "އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިއިލާހެވެ! އިބައިލާހު އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން އިޢުތިރާފު ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި ޢަޒާބުން) ނުކުމެވޭނެ އެއްވެސް މަގެއް ވޭތޯއެވެ؟" (ސޫރަތުލް މޫމިނޫން : 11)
އެންމެ ފުރަތަމަ ފުރާނަ އުފައްދަވާއިރު އޭގައި މާއްދީ ހަށިގަނޑެއް ނުވެއެވެ. އެހެންކަމުން އެއީ މަރުވެފައިވާ މަޙުލޫގެއްގޮތުގައި ބެލެވެއެވެ. މިހާލަތުގައި އެއަށް ކިޔަނީ ރޫޙުއެވެ. އެހެންކަމުން މީފުރަތަމަ މަރުކަމުގައި ވެއެވެ. އެހެނީ މަރު ޙަލްޤު ކުރެއްވީ ﷲ تعالىއެވެ.
ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلا وَهُوَ الْعَزِيزُ الْغَفُورُ
މާނައީ: "އެއިލާހަކީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިހާން ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި އިލާހެވެ. އަދި އެއިލާހަކީ ޢަޒީޒް ވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ." (ސޫރަތުލް މުލްކު: 2)
ހަމައެހެންމެ އާދަމް (عليه السلام) ހެއްދެވުމުގެ ކުރިން އެންމެހާ މީސްތަކުންގެ ފުރާނަތައް އުއްފައްދަވާ ﷲ تعالىގެ ރައްބުވަންތަކަމާއި މެދު ހެކިވުމަށް އަންގަވާފައިވާކަމުގައި ޤުރުޢާނުގައި ވާރިދުވެފައިވެއެވެ. ﷲ تعالى ވަޙީ ކުރައްވަނީ މިފަދައިންނެވެ.
وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنْفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ
މާނައީ: "އަދި ކަލޭގެފާނުގެ ވެރި އިލާހު އާދަމްގެ ދަރިންގެ ކިބައިން އެބައިމީހުންގެ ބުރަކަށިތަކުން އެމީހުންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެއުރެން ހެކި ކުރެއްވި ހިނދު ހަނދުމަކުރާށެވެ! (އެއިލާހުވަޙީ ކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރި އިލާހު ކަމުގައި، ތިމަން އިލާހު ވޮޑިގެން ނުވަން ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަ އިލާހަކީ، އަޅަމެންގެ ވެރި އިލާހުއެވެ.) އެކަމަށް އަޅަމެން ހެކި ވެއްޖައީމެވެ. (އެކަން އެހެންވީ) މިކަމާއި މެދު ޤާފިލް ވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތް ދުވަހުން ތިޔަބައިމީހުން ބުނާނެ ކަމަށްޓަކައެވެ." (ސޫރަތުލް ޢައުރާފް: 172)
އެންމެ ފުރަތަމަ ޙަޔާތް ފެށެނީ އެފުރާނަ މަންމަގެ ރަހިމުގައި ލެވޭ ފުރަތަމަ ނޭވާއިންނެވެ. މިއަށް ނަފްސޭ ކިޔައެވެ. އެހެންކަމުން ވިހެއުމަށް ފަހު އަންނަ ލެއަށްވެސް ނުފާސް ކިޔައެވެ. އަބުދުﷲ ބުން މަސްއޫދު( رضى الله عنه)ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ )صلى الله عليه وسلم( ހަދީޘް ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ތިޔައިން ކޮންމެ މީހެއްގެ އުފެއްދެވުމަކީ ފަންޏެއްގެ ސިފައިގައި ތިބާގެ މަންމަގެ ބަނޑުގައި 40 ދުވަހު ހޭދަކުރުމެވެ. އެއަށްފަހު ހަމަ އެމުއްދަތަށް (އެބަހީ: 40 ދުވަހު) ގަނޑު ލޭކޮޅެއްގެ ސިފައިގައިވެއެވެ. އެއަށްފަހު ކުޑަ މަސްކޮޅެއްގެ ގޮތުގައި ހަމައެމުއްދަތަށް ވޭތުކުރެއެވެ. އެއަށްފަހު އޭނާއަށް ފުރާނަ އެޅުއްވުމަށް ޓަކައި މަލާއިކަތުން ފޮނުއްވާނެއެވެ." (ބުޙާރީ، މުސްލިމް) ޢިލްމުވެރިން މި ޙަދީޘްގެ މައްޗަށް ބުރަވެހުރެ ނިންމަވާގޮތުގައި ރަހިމުގައިވާ ކުޑަދަރިފުޅަށް 120 ދުވަސް ވުމުން ފުރާނަ އަޅުއްވާ މަލާއިކަތާ ވަޑައިގެން ފުރާނަ އަޅުއްވާނެއެވެ. އެހެން ކަމުން ކުޑަ ދަރިފުޅަށް 4 މަސް ވުމުން ކުއްޖާ ވައްޓާލުމަށް ހުއްދަދެވެނީ ވަރަށް ހަރުކަށި އަދި ނުރައްކާތެރި ސިއްޙީ ހާލަތެއް އައުމުންނެވެ. އެއަށް ފުރާނަ އެޅުއްވުމުން އެއީ ދިރުން ލެއްވިފައިވާ އެއްޗެއް ކަމުގައި ވެއެވެ. އެހެންކަމުން އެއަށް ނިމުމެއްގެނައުމަކީ އެ މަރާލުން ކަމުގައިވެއެވެ. ދެވަނަ މަރަކީ އިންސާނާއަށް ކަނޑައެޅިފައިވާ ވަގުތު ޖެހުމުން ފުރާނަ އިންސާނާގެ ހަށިގަނޑާއި ވަކިވެގެން ދިއުމެވެ.
ﷲ تعالى ވަޙީ ކުރައްވާފައިވެއެވެ.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ...
މާނައީ: "ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ." (ސޫރަތުލް ޢާލްއިމްރާން: 185 )
ނަފްސު މަރުވެ އަދި ވަޅުވެސްލެވެއެވެ. އެހެނެއްކަމަކު ފުރާނަ އުދުހިގެން އުޑަށް އަރައިގެން ދެއެވެ. ރަސޫލާ )صلى الله عليه وسلم( މިފަދައިން އަޅުގަނޑުމެންނަށް ޙަދީޡް ކުރެވުނީ އެހެންވެގެންނެވެ. "މަރުވުމުން ދޫކޮށްފައިދާ ފުރާނައަށް ބެލުމުގައި ދެލޯ ހުއްޓޭނެއެވެ. އެހެންކަމުން ދެލޯ މަރާލާށެވެ."ދެވަނަ ދިރުމަކީ ޤިޔާމަތް ދުވަހުގައި ފަނާވުމެއްނެތްގޮތުގައި މަޙުޝަރުގެ މައިދާނަށް ޙާޞިރުކުރުމަށްޓަކައި، ހަށިގަނޑުތަކަށް ފުރާނަ އެޅުއްވިގެން ދިރޭދިރުމެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons